އަރްޒަންގެ މޫނާ މޫނު ޖެހޭހާ ކައިރިއަށް އެމީހަކަށް އާދެވުނުފަހުން އޭނާއަށް ސިހުން ލިބި އެ އަތް ފޮޅުވައިލެވުނެވެ.

*****

ސިއްސައިގެން ގޮސް އަރްޒަންއަށް ހޭލެވުނެވެ. އޭރު މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. ފުންމައިގެން ތެދުވެވުމާއެކު އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ތަނުގައި ވަނީ އަނދިރިކަމެވެ. ސިޓިން ރޫމުގައި ދިއްލާފައިވާ ބޮކިވެސް ހުރީ ނިވިފައެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނިލުމާއެކު، އޭނާ ތެދުވެގެން ގޮސް ލައިޓް ދިއްލައިލިއެވެ. އެއަށްފަހު، ފުންނޭވާތަކެއް ލާން ފެށިއެވެ. އޭނާއަށް އަދިވެސް ހީވަނީ އެތަނުގައި ހުރެވޭހެންނެވެ. މީހާ ވަނީ ހާސްވެ ބިރުގަނެފައެވެ. ހުވަފެނަކަށް ވިޔަސް ހާދަ އަސްލާ އެއް ގޮތް މަންޒަރު ތަކެކެވެ. އޭނާއަށް އަތަށް ބަލައިލެވުނެވެ. އެމީހަކު ހިފެއްޓި ހިސާބު ހުރީ ނޫފައިގަނެފައެވެ. އެކަމުގެ ސަބަބުން އަރްޒަން އިތުރަށް ބިރުގަންނަ ގޮތްވިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މާހަލަމުން، އަރްޒަން އައިސް ސޯފާގައި އިށީނެވެ. އެއަށްފަހު އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭނާ އުޅުނީ އެއީ ހުވަފެނެއްކަމަށް ވިސްނައިދޭށެވެ. އެކަމަކު އަތުގައިވާ ނިޝާން ފެނުމުން ދެކޮޅު ހެދެނީ އެވެ. މުޅި ހަށިގަނޑު ފިނިވެ ބުނެދޭން ނޭނގޭ އިޙްސާސްއެއް ދައުރުވާން ފެށިއެވެ.

"ވަޓްސް ހެެޕެނިންްގް؟" ހިތާ ހިތާ އަރްޒަންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

އޭނާ ސޯފާގައި އޮށޯވެލިއެވެ. އަނެއްކާވެސް ބަލައިލެވުނީ އަތަށެވެ. އެ ނިޝާން އޭނާގެ އަތުގައި ހުންނަންވީ ކީއްވެހެއްޔެވެ؟

*****

ޖެހިގެން އައި ދުވަހު އާރާ ޒީޝާންއަށް ގުޅާފައި އޭނާ އާ ޖިނާންގެ ކައިވެންނާ ބެހޭގޮތުން ވާހަކެއްކިއެވެ. ޖިނާންގެ އާއިލާގެ މީހުން ބޭނުންވަނީ އަވަހަށް ކައިވެނިކުރަން ކަމުގައި އާރާ ބުނެލިއެވެ.

"ހަޤީގަތުގައި އަހަރެން ބޭނުމެއްވެސް ނުވޭ ޒީތިހެން އުޅެނިކޮށް ކައިވެނި ކުރާކަށް. އެކަމަކު..." އާރާ ވާހަކަ ވަކި ހިސާބަކުން ހުއްޓައިލިއެވެ.

"އާރޫ އިޓްސް އޯކޭ އޭ... ކިހިނެއް ތި ޕްލޭން ކުރަނީ؟..." ޒީޝާން ސުވާލުކޮށްލިއެވެ.

"އެމީހުން ބޭނުންވޭ ރަންކިޔުމުގެ ކުޑަ ހަފްލާއެއްވެސް ބާއްވަން. ޖިނާ ވެސް އެކަމާ އެ ވާހަކަ ދައްކަނީ. އަނެއްކޮޅުން ޒޭންއާ އެކީގަވެސް ހުންނަން އޭނާ ބޭނުންވޭ..." އާރާ ބުނެލިއެވެ.

"ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް އިންޝާ ﷲ..." ޒީޝާން މަޑުމަޑުން ބުނެލިއެވެ.

"ކިހިނެއްވަނީ ކަންތައްތައް؟ ޒޭންގެ އުޅުމުން އެއްވެސް ބަދަލެއް ފެނުނުތަ؟" އާރާ އަހައިލިއެވެ. ޒީޝާން ބުނީ ނުފެންނަކަމުގައެވެ ރޭގައިވެސް އަރްޒަން ނިދީ ސިޓިން ރޫމުގައި ކަމުގައެވެ.

"އެނީވޭސް... އާރޫ... ކޮން އިރަކަށްތަ ރަންކިޔުމުގެ ހަފްލާ އޮތީ..." ޒީޝާން އަހައިލިއެވެ.

"އަންނަ ހަފްތާ ހުކުރުގައި..."

"ބައްްޕަ ކައިރިއަށް ދިޔައިންތަ؟" ޒީޝާން ސުވާލުކޮށްލިއެވެ. ޒީޝާންގެ އެ ސުވާލާއެކު އާރާގެ އަޑު މަޑުވިއެވެ.

"ކީކޭ ބުނީ؟ ވާހަކަ ދެއްކިތަ؟" ޒީޝާން އަނެއްކާވެސް، އަހައިލިއެވެ.

"ވާހަކަ ދެއްކި... އެކަމަކު.... ބުނީ އަހަރެންނެއް ނޫންހޭ ބައްޕަ އާ އެކީ ނުދިޔައީ... ބައްޕަ އަދިވެސް ހުރީ އަހަރެން ދެކެ ހިންހަމަ ނުޖެހިފަ..." އާރާ ބުނެލިއެވެ.

"ބައްޕަ އެގޮތަށް ކަންތައް ކުރީމަ އާރޫ ކިހިނެއް ބައްޕައާ އެކު ދާނީ... ބައްޕަ މަންމަ ދޫކޮށްލާފައި ދިޔައީ ހަޤީގަތުގައި މަންމަގެ ކުށެއް އޮވެގެންނެއް ނޫނެއްނު. ބައްޕަ ވެސް އެހެން އުޅެން ފެށީމައެއްނު މަންމަ ވެސް އެހެންމީހަކާ ވާހަކަ ދައްކަން ފެށީ ވެސް." ޒީޝާން ބުނެލިއެވެ.

"ޒީ... ދެން ތި ވާހަކަ ނުދައްކާ! އަހަރެން މާދަމާ ޖިނާ މެން ގެއަށް ދަނީ ޑްރެސް ޗޫޒް ކުރަން... އެނީވޭސް އެނގޭތަ؟ އެ ރަފްހާންވެސް އުމުރަށް ޖަލަށް ލައިފި." އާރާ ބުނެލިއެވެ.

ދެއެކުވެރިން އެކަނި އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. ޒީޝާން ފޯނު ބޭއްވީ އަރްޒަން ކޮޓަރިއަށް ވަނުމުންނެވެ.

"ޒޭން... އާރޫ އުޅެނީ މެރީ ކުރަން!" ވެރިވި ހަމަހިމޭންކަން ފޫދުއްވައިލީ ޒީޝާންއެވެ.

"ކޮން އިރަކުން؟" އަރްޒަން ޒީޝާންއަށް ބަލައިލަމުން އަހައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައި ނުރުހުމުގެ އަސަރެއް ނުވެއެވެ. އެކަމުން ޒީޝާންއަށް ހިންހަމަޖެހުން ލިބުނެވެ. އަރްޒަން އަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން، ޒީޝާން އެނދުން ތެދުވެގެން އައިސް އަރްޒަން ކައިރީގައި ހުއްޓުނެވެ. ޒީޝާން އަރްޒަންގެ އަތް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން އެ އަތަށް ބަލައިލި އެވެ.

އޭނާގެ ލޮލުގައި އަރްޒަންގެ އަތުގައި ހުރި ނިޝާން އަޅައިގަތުމާއެކު ޒީޝާންއަށް އިސްއުފުލައިލެވުނެވެ.

"މީ ކިހިނެއްވެފަ؟"

"ނޭނގެ ވެދާނެ ތަނެއްގައި ޖެހިފަކަމަށް." އަރްޒަން ދޮގު ހެދިއެވެ.

"އެހެންނުވާނެ! ދެން ކީއްވެ އަތް އިންގޮތަށް އަރާފަ މިއިނީ" ޒީޝާން އަހައިލިއެވެ.

"ދެން ނޭނގޭ ޒީ... އަޅައިނުލާބަލަ! " އަރްޒަން ހިންހަމަ ނުޖެހޭ ގޮތްވިއެވެ. ޒީޝާންވެސް ދެން އިތުރަށް އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އަރްޒަން އިތުރަށް ރުޅި އަރުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު އޭނާ ހުރީ އެވާހަކަ އަޔާންމެން މީހަކާ ހިއްސާކުރަން ނިންމައިގެންނެވެ. އެއީ އާދައިގެ ކަމެއްހެން އޭނާއަށް ހީނުވަނީއެވެ.

***

ދުވަސްތައް ފާއިތުވަމުން ގޮސްއެންމެފަހުން އާރާ ރަންކިޔާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ހުޅުމާލޭން އަރްޒަންއާ ޒީޝާންއާ ދެމީހުން މާލެ ދާން ނައްޓައިލީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. ހަފްލާ އޮތީ ނުވައެއް ޖަހާއިރުއެވެ. އާރާ ބޭނުންވަނީ ކުޑަގޮތަކަށް ކައިވެނީގެ ކަންތައް ނިންމައިލަން ކަމަށްވިޔަސް ޖިނާންގެ އާއިލާ މީހުން ބޭނުންވަނީ ހަފްލާ ބޮޑުކޮށް ބާއްވަން ކަމަށްވުމުން އާރާއަށް ދެކޮޅު ހަދަން ނުކެރުނީއެވެ. ޖިނާންއަކީ އެ އާއިލާގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާވިއްޔާއެވެ.

ހަފްލާ އޮތީ ޖިނާންމެން ގޭގައެވެ. އެގެހުންނަނީ މައްޗަން ގޯޅީ ސަރަހައްދުގައެވެ.އެގެއަށް ވަން ދޮރުގެ އެއްފަރާތުގައި އޮތް ގަރާޖުގައި، ކާރު ޕާރކުކޮށްލާފައި އައިސް އަރްޒަންއާ ޒީޝާންއާ ދެމީހުންގެއަށް ވަންނަ ބޭރު ދޮރުގައި އިން ބަޓަންއަށް ފިތައިލާ ހަތަރު ވަނަ ފްލޯއަށް ބެލް އަޅައިލިއެވެ. މާ ލަސްތަކެއްނުވެ ދޮރު ހުޅުވައިފިއެވެ. ދެމީހުން އެކީ ގޭތެރެއަށް ވަތްއިރުވެސް ވާހަކައެއް ނުދައްކައެވެ. މިރޭވެސް އަރްޒަން ހުރީ ޒީޝާން ދެކެ ހިންހަމަ ނުޖެހިފައެވެ. ނުރުހުންވެފައެވެ. ޒީޝާންއަށް ނޭނގެނީ ސަބަބެވެ. އޭނާ އަހައަހާވެސް އަރްޒަން އެއްޗެއް ނުބުންޏެވެ. އެކަމާ ޒީޝާން ހުރީ ދެރަވެފައެެވެ. އޭނާ މަޑުމަޑުން އަރްޒަންގެ އަތުގައި ވެސް ހިފައްޓައިލިއެވެ. އެކަމަކު އަރްޒަން އެއަށް ފޮޅުވައިލިއެވެ. ތުންފަތުގައި ދަތް އަޅައިލަމުން ޒީޝާން ކަރުނަތައް ހިންދައިލަން މަސައްކަތް ކުރިއެވެ. އިތުރު ކަރުނަތައް ޖަމާވާން ފެށުމާއެކު، އޭނާ ހިންދިރުވައިލިއެވެ. އެއަށްފަހު، މައްޗަށް ބަލައިލަމުން ކަރުނަތައް ހުއްޓުވޭތޯ އަނެއްކާވެސް، އޭނާ މަސައްކަތް ކުރިއެވެ.

 

އެއްދުވަހު ޒީޝާންއާ ރީތިކޮށް ވާހަކަ ދައްކައިފިއްޔާ އަނެއް ހަތަރު ދުވަހު އަރްޒަން ހުންނާނީ އަނގައިން ނުބުނެއެވެ. އެކަމުން ޒީޝާންއަށް ލިބޭނޭ ވޭން އަރްޒަންއަށް އިޙްސާސްވާހެނެއް ހިޔެއް ނުވެއެވެ.

ޒީޝާން ލާފައިހުރީ ރަތްކުލައިގެ ކަކުލުން ތިރިއަށް އަންނަވަރުގެ ހެދުމެކެވެ. އަރްޒަން ހުރީ ކަޅުކުލައިގެ ގަމީހުގައެވެ. ދެމީހުން އައިސް އެޕާރޓްމެންޓްގެ ބެލް އަޅައިލިއެވެ. އެތެރެއިން ދޮރު ހުޅުވީ ޖިނާންގެ އާއިލާ ކުއްޖެކެވެ. އަރްޒަން ފެނުމާއެކު ޖިނާން އަތުން ހަނާ އަޅައިލިއެވެ. އޭރު އޭނާ އުޅެނީ އާރާއެކު ފޮޓޯ ނަގާށެވެ. އާރާއަށް ވެސް ޒީޝާން ފެނުމާއެކު، ހިނިތުންވުން ފުޅާކޮށްލަމުން އެ ކޮޅަށް އައުމަށް އެދުނެވެ. އެޕާރޓްމެންޓަކީ ބޮޑު އެޕާރޓްމެންޓެކެވެ. މީހުން ފުދޭވަރަކަށް ގިނަޔަސް އެހާތޮއްޖެހިފައި ހުރިހެން ހީނުވަނީ އެހެންވެއެވެ. ގިނައީ ޖިނާންގެ އާއިލާ މީހުންނެވެ. އާރާގެ އާއިލާގެ އެކަކުވެސް ނެތެވެ. ދެން ތިބީ ހުސް ރައްޓެހިންނެވެ.

ހަފްލާގެ ތީމް ކުލައަކަށް އޮތީ ރަތާއި ކަޅުކުލަ ކަމަށްވުމާއެކު، ބެކްގްރައުންޑް ވެސް ހުރީ ރަތްކުލައިގެ ފިނިފެންމަލުން ޑިޒައިންކޮށްފައެވެ. އާރާ ލާފައިހުރީ އެއްކޮށް ދިގު ހެދުމެކެވެ. ބަންދާ ދިމާލުގައި ރަތްކުލައިގެ ވިދާ ޒާތުގެ ރޭނދަލުން ބޮޑުމަލެއް ހަރުކޮށްފައި،ވާއިރު ހެދުން ފަރުމާކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު އިސްތަށިގަނޑުގައި ރަތާއި ކަޅުކުލައިގެ ބޭންޑެއް އަޅާލާފައިވެއެވެ.

"ބިއުޓިފުލް!" އާރާ ގާތަށް އައުމަށްފަހު، ޒީޝާން ބުނެލިއެވެ.

"ޔޫ ޓޫ!" ރަތް ކުލައިގެ ޓައީ އާ ކަޅުލުކައިގެ ގަމީހުގައި ހުރި ޖިނާންއަށް ބަލައިލަމުން ޒީޝާން ބުނެލިއެވެ.

"އަހަރެން ހީކުރީ އާރާ އެކަނި ކަމަށް ފެނުނީ. އާ!. އައި ގޮތަށް އައިސް އާރާގެ ގައިގައި ވިއްޔަ ބައްދައި ގަތީތި. އަހަރެން މީ ހުރި މީހަކަށް ވެސް ހަދައެއް ނުލިވިއްޔަ" ޖިނާން އޭނާގެ ސަމާސާ ރާގުގައި ބުނެލިއެވެ.

"ހެހެ ހޫން! ހެވޭ ދެން!" ޒީޝާން ބުނެލިއެވެ.

އަރްޒަންއާ އަޔާންއާއެކު، ޖިނާން ކުޑަކޮށް އެއްފަރާތަކަށް ޖެހިލުމާއެކު ޒީޝާން އާރާގެ އަތުގައި ހިފާ އެއަތަށް ބާރުކޮށްލިއެވެ.

"އައި ނޯ އާރޫ... އާރޫގެ މޫނުމަތިން އެހާ އުފާވެރިކަން ނުފެންނަި ކީއްވެގެންކަން، ޑޯންޓް ވޮރީ..." އާރާ އެ ވިސްނަނީ އޭނާގެ އާއިލާގެ އެއްވެސް މީހަކު ނާންނާތީ ކަން ޒީޝާންއަށް އެނގެއެވެ. އާރާ ދެފަރާތަށް ބޯ ހޫރައިލީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެކަމަކު ޒީޝާންއަށް އޮޅުވައެއް ނުލެވުނެވެ. އެންމެ ފަހުން އޭނާ އެކަމަށް އެއްބަސްވެސް ވިއެވެ.

ހަފްލާތެރޭގައިވެސް އަރްޒަންއާ ޒީޝާންއާ ދެމީހުން ކޮންމެވެސް ކަމާ ހިންހަމަ ނުޖެހިގެން އުޅުނެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ.

"އެެދެމީހުންނަށް ކިހިނެއްވެގެން އުޅެނީ؟" އަޔާން އަހައިލިއެވެ.

"ޒޭން ގެ ކަންތައް..." އާރާ ބުނެލިއެވެ.

"ޒީޝާން ދެން ބުނި އަޑު އެހިން އޭނާ އަރްޒަންއާ އެކު ގެއަކަށް ވެސް ނުދާނަމޯ... ނޭނގޭ ކީއްވެކަން ކަމެއް."

ހަފްލާ ނިންމާފައި އަޔާންމެންނާ އެކު އަރްޒަންމެން ނުކުތްއިރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. ޒީޝާން ހިނގައިގަންނަން އުޅުމާއެކު އަޔާން ޒީޝާންއަށް ގޮވައިލިއެވެ.

"ޒީ ކޮންތާކަށް ތިދަނީ؟" އަޔާންގެ ސުވާލާއެކު ޒީޝާންއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ.

އެނބުރި ބަލައިލި ނަމަވެސް އޭނާއަށް، ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންކަމުން އެއްފަހަރު އަރްޒަންއަށް އަނެއްފަހަރު އަޔާންއަށް ބަލައިލަ ބަލައިލާ އޭނާ ހުރީއެވެ.

"ލެޓްސް ގޯ" އަޔާންގެ އިތުރުން އެތަނުގައި އެހެން ދެ ތިން ކުއްޖަކު ބަލަން ހުރުުމުން އަރްޒަންއަކަށް ވެސް އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ.

"ލެޓްސް ގޯ ޒީ..." އަރްޒަން ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. އެއަށްފަހު،އޭނާ ގަރާޖާ ދިމާލަށް މިސްރާބުޖެހިއެވެ. އެމަންޒަރު ބަލަން އަޔާންހުރީ ހިނިތުންވެފައެވެ.

ކާރަށް އަރާ އިށީންގޮތަށް ޒީޝާން ނަޒަރު ހުއްޓައިލީ ބޭރަށެވެ. އަރްޒަން އާ ދެމީހުން ހަފްލާއަށް އައީ ވެސް ޒުވާބަކަށް ފަހުއެވެ. އަރްޒަންގެ ފަރާތުން ޒީޝާންއަށް އަނިޔާވެސް ލިބުނެވެ. ލަކުނުތައް މޭކަޕުން ފޮރުވައިލި ނަމަވެސް ހިތުން އެ ހަނދާންތައް ފުހެލާނީ ކިހިނެއްހެއްޔެވެ؟.

"މީހުންގެ ކުރިމަތީގައި ކޮންމެހެން އަހަރެން ނުބައިކުރަން އުޅޭނެކަމެއްނެތް..." އަރްޒަން ކާރަށް އެރިގޮތަށް ބުނެލިއެވެ. ޒީޝާން އެއްޗެކޭ ނުބުންޏެވެ. އިން ގޮތަށް އިނީއެވެ. ކާރު ސްޓާރޓްކޮށްލަމުން އަރްޒަން ފުންނޭވާއެއް ދޫކޮށްލިއެވެ.

ހުޅުމާލެއާ ހިސާބަށް ދެވުނު އިރު، ގަޑިން އެއްގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. ގެއަށް ދާންވެގެން އަރްޒަން ކާރު އަނބުރައިލާ އެންމެ ކައިރިން އޮތް ގޯޅިއަށް އެޅިއެވެ. ދެފަރާތުގައި ބޮޑެތި ފިތުރޯނު ގަސްތައް ހުރުމުން، މަގުފެންނަނީ ފުދޭވަރަކަށް އަނދިރިކޮށެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވެ. މަގުމަތީގައި ޖަހާފައިވާ ލައިޓްތައްވެސް ހުރީ ނުދިއްލައެވެ. އެންމެ ލައިޓެއް ފިޔަވައެވެ. އެހެންކަމުން މަގުމަތީގައި ވަނީ ފަނޑު އަލިކަމެކެވެ. އޭރުވެސް ބޯކޮށް ވާރޭވެހެއެވެ. މަގަށް ސަމާލުކަންދީގެން އަރްޒަން ދުއްވަ ދުއްވާ އިންދާ ކާރުގެ އިންޖީނު ކުއްލިއަކަށް ހުއްޓުނެވެ. އޭނާ ކާރު ސްޓާރޓްކުރެވޭތޯ ބެލިއެވެ. އެކަން ވާގޮތް ނުވުމުން އޭނާ ބޯ ވާރޭގެ ތެރޭގައި ބޭރަށް ނުކުތީ ކުޑަކޮށް ހިންހަމަ ނުޖެހޭ ހާލުގައެވެ. ކާރުވެސް ހަލާލުވާން ޖެހުނީ މި ގަޑީގައި ހެއްޔެވެ؟ ވާރެއާ ތެމިފޯވެގެން އަރްޒަން ގޮސް ކާރުގެ މަތި ހުޅުވައިލިތަން ބަލަން ޒީޝާން އިނުމަށްފަހު، އޭނާ ކުޑައެއް އޮތްތޯ ކާރު ތެރެ ބެލިއެވެ. ކުރިން ދުވަހު އޭގެ ތެރެއަށް ލީ ކުޑަ އޮތުމާއެކު، އެ ހިފައިގެން އޭނާ ބޭރަށް ނުކުމެލިއެވެ. އަރްޒަން ވާރޭގައި ހުރުމުން އޭނާގެ ހިތް އެގޮތަށް އަރްޒަން ދޫކޮށްލަން ދެކޮޅު ހެދީ އެވެ. އަދިވެސް އޭނާ އަރްޒަންދެކެ އިންތިހާ ލޯބި ވާތީއެވެ.

އަރްޒަންގެ ބޮލަށް ހިޔާކޮށްލުމާއެކު އަރްޒަންއަށް ވެސް ޒީޝާންއާ ދިމާލަށް ބަލައިލެވުނެވެ. ދެމީހުން އެހާ ކައިރީގައި ތިބުމުން ކޮންމެވެސް ވަރަކަށް ދެމީހުންގެ ހިތުގެ ވިންދުވެސް އަވަސްވާގޮތްވިއެވެ. "ޒޭން ތެމެނީނު... ޓެކްސީއެއްވެސް ނާދޭ" ޒީޝާން މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ.

"އިންޖީނަށް ގޮތެއްވީ... ކިހިނެއްދެން ހަދާނީވެސް" ޒީޝާންގެ ދެލޮލާ ނަޒަރު ވަކިކޮށްލަމުން އަރްޒަން ބުނެލިއެވެ. އޭނާއަށް އެދެލޮލަށް ބަލަން އުނދަގޫވީއެވެ. އެދެލޮލުން އޭނާއަށް ފެނުނީ ހުސް ޝަކުވާއެވެ. އިންތިހާ ވޭނާ ހިތްދަތިކަންވެސް މެއެވެ.

މާ ބޮޑު ގޮތެއް ނުހަދަނީ ސް އިންޖިން ސްޓާރޓްވެއްޖެއެވެ. ދެމީހުން ކާރަށް އަރައިގެން ގެއާ ދިމާލަށް މިސްރާބުޖެހި އެވެ. އޭރު އެ ދެމީހުންނަށް ނުފެނުނީ ކާރުގެ ފަހަތުގައި އެ ކާރު ދިޔަ ދިމާލަށް ބަލަން މަގު މެދުގައި ހުރި އަންހެން ކުއްޖާއެވެ. އެ ކުއްޖާ ދެލޮލަށް ހަދައިލި ގޮތާއެކު އެ މަގުގައި އިން ލައިޓް ވެސް ދެފަހަރު ނިވި ދިއްލުމަށްފަހު، އެކީ ނިވިއްޖެއެވެ. އެއީ ޝިންޝިނާއެވެ. ޝިންޝިނާ ގެއްލުނީ އެ ކާރު ގޮސް ލޯމަތިން ގެއްލުނު ފަހުންނެވެ.

އެޕާރޓްމެންޓްގެ ކާރު ޕާކުކުރާ ޖާގައިގައި ޕާރކުކޮށްލުމަށްފަހު، ޒީޝާންއާ އަރްޒަންއާ ދެމީހުން ގޮސް އެޕާރޓްމެންޓެގެ ލިފްޓް ހުންނަ ބަޔަށް ވަނެވެ. ޒީޝާން އަރާފައިހުރި އުސްފައިވާން މުށިތައް މަތިން ކަހާލާގޮތްވެ އޭނާ އަރިއަޅައިލިއެވެ. އަނގައިން ނުކުތް ވޭނީ ހަޅޭކާއެކު އޭނާއަށް ދެލޯ މަރާ ފިއްތައިލެވުނެވެ.

ދެލޯ ހުޅުވައިލެވުނީ ބާރުގަދަ އަތަކުން އޭނާގެ، އުނަގަނޑުގައި ހިފައްޓައިލި އިޙްސާސްކުރެވުމާއެކުގައެވެ. މަޑުމަޑުން ދެލޯ ހުޅުވައިލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި އަރްޒަންއެވެ. އެކަކު އަނެކަކު ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނު އެ ވަގުތު ކޮޅު ދެމީހުންގެ ހަނދާނަށް ވެސް ގެނުވީ އެންމެ ފުރަތަމަ އެ ގޮތަށް އަރްޒަންގެ އަތު ތެރެއަށް ޒީޝާން ވެއްޓުނު ދުވަސްމަތިންނެވެ. އެއީ އޮފީސްތެރެއިންނެވެ. އެ ހަދާންވުމާއެކު ޒީޝާންގެ ދެލޯ ފެންކަޅިވިއެވެ. ޒީޝާންގެ ދެލޯ ފެންކަޅި ވަމުން ދިޔަ މަންޒަރު އެހާ ގާތުން ފެނުމުން އަރްޒަންގެ ހިތަށް ވެސް ގޮތެއްވެއްޖެއެވެ. އޭނާގެ ހިތަށްވެސް ތަދުވެއްޖެއެވެ. އެ އަންހެންކުއްޖާއާމެދު އޭނާއަށް އެގޮތަށް ކަންތައް ކުރެވެނީ ކީއްވެހެއްޔެވެ؟

އަރްޒަން އޭނާގެ އެއްއަތް އުފުއްލައިލާ ޒީޝާންގެ ކަރުނަތައް ފުހެދޭން އަވަސްވިއެވެ. އެކަމަކު އޭގެ ކުރިން ޒީޝާން އަރްޒަންގެ އަތު ތެރެއިން މިނިވަންވެވެގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. އޭނާ ލިފްޓަށް އެރިއިރުވެސް އަރްޒަންއަށް އެ ހުރިގޮތަށް ހުރެވުނީއެވެ.

އެޕާރޓްމެންޓަށް ވަނުމަށްފަހު ޒީޝާން ފުރަތަމަވެސް ވަނީ ފާޚާނާއަށެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ ރުޔެވެ. ހިތް ފުރޭވަރުވުމުން ، ނުކުމެލިއިރު އަރްޒަން އައިސް ކޮޓަރިއަށް ވަންނަނީއެވެ. އޭނާ ޒީޝާންއަށް ގޮވައިލަމުން ޒީޝާން ކައިރިއަށް ޖެހިލި އެވެ.

މާފަށް އެދެމުން އޭނާ ޒީޝާންގެ ފުރަގަހުން ބައްދައިލިއެވެ. އެއަށްފަހު، އޭނާއާ ވީ ފަރާތަށް ޒީޝާން އަނބުރައިލިއެވެ. މަޑުމަޑުން ޒީޝާންގެ ރަތްވެފައިވާ ދެލޮލުގައި އޭނާ ފިރުމައިލިއެވެ. އެއަށްފަހު ނިތުގައި ބޮސްދިނެވެ. އެހާ ދުވަސް ފަހުން، އަރްޒަންގެ ފަރާތުން އެގޮތަށް އަޅާލުމާ އޯގާތެރިކަން ލިބުމުން ޒީޝާންއަށް އުފާވެރިކަން ލިބުނުނަމަވެސް މިހުރިހާ ދުވަހެއްގެ އުދާސްތައް ބޭރުވާން ފެށީ ކަރުނައިގެ ސިފައިގައެވެ. އަރްޒަން މަޑުމަޑުން ޒީޝާން ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އެއަށްފަހު، އަނެއްކާވެސް މާފަށް އެދުނެވެ.

"އައި އެމް ސޮރީ ޒީ... އަހަންނަކަށް ނޭނގޭ އަހަންނަށް ވާގޮތެއް. އަހަރެން ބޭނުމީ ޒީއޭ... އެހެންވެގެނެއްނު އަހަރެން ފިރާޤު ކައިރިއަށް ގޮސްގެން ވެސް ކަންތައްތައް ހަމައަކަށް އެޅުވޭތޯ މި ބަލަނީ" އަރްޒަން ބުނެލިއެވެ.

"އެ ޖިންނީގެ ހަމަހިމޭންކަމުގެ ފަހަތުގައި ވަނީ ކޮންފަދަ ބޮޑު ނުރައްކަލެއްކަމެއް ނޭނގެ ޒޭން. އައި ވިޝް ވީ އޯލް ވިލް ބީ ސޭފް!" ޒީޝާން އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ.

އެއީ ފިރާޤު އޭނާގެ ގާތުގައި ބުނެފައިވާ ބަސްތަކެކެވެ. ފިރާޤުބުނީ އޭނާ އިތުރު ކަންތައްތަކެއް ބެލުމަށްފަހު ޖިންނިއާ ކުރިމަތިލާނޭކަމުގައެވެ. އެ ޖިންނި މާ ބާރުގަދަ ކަމުގައެވެ. އޭނާއަށް އަދިވެސް އެއީ ސީދާ ކާކުކަން ނޭނގޭ ކަމުގައެވެ.

އަރްޒަންއާއެކު، އެރޭ ޒީޝާން ހޭދަކުރި ވަގުތުތަކަކީ އުފާވެރި ވަގުތުކޮޅެކެވެ. އެކަކު އަނެކެއްގެ އަތުތެރޭގައި ހޭދަވި ވަގުތު އިތުރަށް ދިގުދެމިގެންދާން ދެމީހުންވެސް ބޭނުންވިއެވެ. އެތައް ދުވަހަކަށްފަހު، އެ ދެމެދަށް ވެރިވެފައިވާ ދުރުމިން ނެތިގެން ދިޔަފަދަ އިޙްސާސްއެއް ދެމީހުންނަށްވެސް ކުރެވިގެން ދިޔައެވެ.

ޒީޝާން ނިދާފައި އޮތީ އަރްޒަންގެ އަތް މަތީގައެވެ. ޒީޝާންގެ މޫނަށް ބަލަން އަރްޒަން އޮއްވައި ކުއްލިއަކަށް އޭނާގެ ފުރަގަހުން އެނދު ތިރިވިހެން އޭނާއަށް ހީވިއެވެ. ހީވަނީ މީހަކު އިށީނދެލީ ހެންނެވެ. ކުޑަކޮށް ހައިރާންވެ ބިރުގަތް އަރްޒަން މަޑުމަޑުން އެނބުރިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރުން ފުންމައިގެން ތެދުވެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0