ކޮކްޕިޓުން ނުކުތްގަޑީ އޭނާއާ ގާތުން މީހެއްގެ ހިޔަނިވީ ހެން އަރްޒަންއަށް ހީވިއެވެ. ސިހުން ގެނުވީ ކޮންމެވެސް މީހަކު އޭނާގެ ފައިގައި ހިފެއްޓުމުންނެވެ.
"އައްދޯތް" އަނެއްކާވެސް އޭނާގެ ފައިގައި އެމީހަކު ހިފައްޓައިލިއެވެ. އަރްޒަން އެ ދިމާލަށް ބަލައިލިއެވެ. އެތަނުގައި އޮށޯވެގެން އޮތް މީހާ އޭނާގެ ލޮލުގައި އަޅައިގަތެވެ.
"އާރ ޔޫ އޯކޭ؟" ގުދުވެލަމުން, އަރްޒަންއަށް އަވަސްއަވަހަށް އަހައިލެވުނެވެ. އެ އަޑުގައި ވެސް ވޭނީ އާހެއް ވެއެވެ. އެކަމަކު އޭނާ މަސައްކަތްކުރީ ވެއްޓިފައި އޮތް މީހާއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއެވެ.
އެމީހާއަށް ކޮންމެވެސް ވަރަކަށް އެހީތެރިވުމަށްފަހު، އަރްޒަން ބޯޓުގެ ތެރެއަށް ވަށައިގެން ބަލައިލިއެވެ. އޭރުވެސް މުޅި ހިސާބުގަނޑު ހިޞާރުކޮށްފައިވަނީ ދުމުންނެވެ. ކޮށިއަރާ އަރްޒަންއަށް ކެއްސައިލެވުނެވެ. އޭނާ އަތުން ދުންތައް އެއްފަރާތް ކުރުމަށް މަސައްކަތް ކުރިއެވެ. ވެފައިހުރި ވަރުބައްޔާއެކު, ގައިގައި ރިއްސާވަރުން އަރްޒަންއަށް މާނޭވާ ލެވެއެވެ.
"ޒީ..." ޒީޝާންމަތިން ހަނދާންވުމާއެކު، އަރްޒަންއަށް ބުނެވުނެވެ. ހާސްކަމާއެކު އޭނާއަށް އަނެއްކާވެސް, ވަށައިގެން ބަލައިލެވުނެވެ. ހިތަށް ބިރުވެރިކަން ވަނީ ކީއްވެކަމެއް ނޭނގެއެވެ. ޒީޝާން ގެއްލިދާނެހެން ހީވީއެވެ. މިހާ އަނދިރީގައި އޭނާ ޒީޝާން ހޯދާނީ ވެސް ކިހިނެއްހެއްޔެވެ؟ ނިތުގައި އަތް ހިންގައިލިއިރު, އޭނާގެ އަތުގައި މަޑު ތުރުތުރު އެޅުމެއްވެސް ވިއެވެ.
ވަށައިގެން އަނެއްކާވެސް, އަރްޒަންއަށް ބަލައިލެވުނެވެ. މި ހުރިހާ އެންމެންގެ ޒިންމާ އޭނާގެ ބޮލުގައި އެޅިފައިވީއިރު މި ދިމާވި ކަންތައްގަނޑެއްގެ ސަބަބުން އޭނާގެ މުޅި 'ކެރިއަރއަށް' އަސަރު ކުރާނެއެވެ؟ މީހުން އޭނާއާ މެދު ދެކޭނީ ކިހިނެއްހެއްޔެވެ؟ ކުންފުނިން އޭނާއަށް ކުރި އިތުބާރު ގެއްލުނު ފަދަ އިޙްސާސްއެއް, އަރްޒަންއަށް ކުރެވުނެވެ.
އޭނާ އެންމެ ކަންބޮޑުވީ އެ ހާދިސާ ހިނގިއިރު އޭނާއަށް ކޮކްޕިޓުން ބޭރުގައި ހުރެވުނީތީއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެންމެ ބޮޑަށް އެ ހިތަށް އަސަރުކުރީ އެ ބޯޓުން ދަތުރު ކުރި އެންމެންނަށް ލިބިފައިވާ އަނިޔާތައް މަތިން ހަނދާންވެފައެވެ. ކަރުނަތައް ކޯތާފަތް މަތިން ރޮނގުދެމިގެން ތިރިއަށް ދާންފެށީ ދެނެވެ. އެއް އަތުން ކަރުނަތައް ފުހެލައި ކުރިއަށް ފިޔަވަޅު އަޅަން އުޅުނު ނަމަވެސް، އޭނާއަށް ހުރިތަނަށް ތިރި ވެވުނީ، ދެފައިގައި ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުންނެވެ. ހަށިގަނޑަށް ތަންނުދީ ސިކުނޑިވެސް އޭގެ މަސައްކަތް ހުއްޓައިލި ފަދައެވެ.
ސަލާމަތުން ތިބި މީހުންނަށް ވެސް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެފަދަ މަދު މީހުން ބެލީ ކައިރީގައި ތިބި މީހުންނަށް އެހީތެރިވެވޭތޯއެވެ. އަނދިރީގައި އެކަން ކުރަން ކިތަންމެ އުނދަގޫ ނަމަވެސް ކޮންމެ މީހަކުވެސް ދިޔައީ އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަމުންނެވެ.
*****
އިންޑިއާ ސިފައިންނަށް އެހިސާބަށް އާދެވުނުއިރު, މެންދަމުން އަލިވެ ދެއެއް ޖަހައި ބޮޑުވެއްޖެއެވެ. ކަނު އަނދިރީގައި އެމީހުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ.
ކޮންމެމީހަކަށް ވެސް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. މީހުން ސަލާމަތްކުރުމަށް ކުރިމަތިވި އެންމެ ބޮޑު އުނދަގޫކަމަކީ، އަދި ހުރަހަކީވެސް ރޭގަނޑުގެ ކަނު އަނދިރިކަމެވެ.
ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަމެއް އެ ޚަބަރު އައުމާއެކު، ކުއްލި ހަބަރެއްގެ ގޮތުގައި، ރާއްޖޭގެ ހުރިހާ މީޑިއާއަކުންވެސް، ދިޔައީ އެ ޚަބަރު ގެނަސްދެމުންނެވެ.
ފުލުހުންނާ ސިފައިންގެ އިތުރުން އެއާޕޯޓާއި ކުންފުނީގެ އިސްވެރިންގެ ނިއުސް ކޮންފަރެންސްއެއް ބޭއްވުނެވެ. ބޯޓުން ދަތުރުކުރި އާއިލާތަކުގެ މެންބަރުންވެސް ދިޔައީ އެއާޕޯޓްދޮށަށް އެއްވަމުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. ހިތް ބޭޤަރާރު ވެފައިވަނީ އޭގެން ދަތުރު ކުރި އެމީހުންގެ އާއިލާގެ މީހުންގެ ޙަބަރެއް އިވުމަށެވެ. ފަހުގެ ތާރީޚެއްގައިވެސް ނުހިނގާފަދަ ބޮޑު ހާދިސާއަކަށް އެ ހާދިސާ ވެގެން ދިޔައެވެ.
އެތައް ބައެއްގެ ހިތް ރޮއްވައިލި ޚަބަރަކަށް އެ ޚަބަރު ވިއެވެ. އިލްހާމަށް އެ ޚަބަރު ލިބުނީ ހިންދުއާ ދެމީހުން ކޮޓަރީގައި ތިއްބައެވެ. ރައްޓެއްސަކު ގުޅާފައި އެ ޚަބަރު ދީފައި އެދުނީ ޓީވީ ބެލުމަށެވެ. އިލްހާމާ ހިންދުއާ ދެމީހުން ޓީވީ އަޅުވައިލިއެވެ. އިވެމުންދިޔަ ޚަބަރެއްގެ ސަބަބުން ހިންދުގެ މެއަށް ގޮތެއްވެގެން ދިޔައެވެ. މެއަށް އަރަމުންދިޔަ ތޫނު ރިހުމުގެ ސަބަބުން ހިންދަށް ކޮޅަށް ހުންނަން ދަތިވެ އޭނާއަށް އިލްހާމްގެ ގަމީހުގައި ހިފައްޓައިލެވުނެވެ.
"ހިންދު... އިންޝާ ﷲ ހުރިހާކަމެއް ވެސް ރަނގަޅުވާނެ" ޚަބަރަށް ސަމާލުކަންދީގެން ހުރެ އިލްހާމް އެހެން ބުނި ނަމަވެސް، އޭނާގެ ހިތް ވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ދެލޮލުގެ ނޫރު ފަދައިން ބަލައި ބޮޑުކުރި ދަރިފުޅު ވީ ޙާލެއް އެނގެނީއެއް ނޫނެވެ. ޚަބަރުން އިވެމުންދިޔަ ކޮންމެ ޖުމްލައަކާއެކު، އެ ދެމީހުންގެ އުފާވެރި ދުނިޔެވެސް ދިޔައީ ފުނޑުފުނޑުވަމުންނެވެ.
ދަމުން ޒީޝާން އެމީހުން ގައިގައި ބައްދައިލާ އެ ކޮށްލީ ވަދާޢީ ސަލާންހެއްޔެވެ؟ ދެން އެމީހުންނަށް އެ ދަރިފުޅު ނުފެންނާނީ ހެއްޔެވެ؟ ސުބްޙާނަﷲ އެވެ. މިއީ ކޮން ފަދަ އިމްތިޙާނެއްހެއްޔެވެ؟
"ޔާ ﷲ މިއަޅާގެ ދަރިފުޅު ހެޔޮ ޙާލުގައި ލައްވާނދޭވެ!" އެ ގަޑީގައިވެސް އިލްޙާމްއާއި ހިންދާ ދެމީހުން ﷲ އަށް ދުޢާ ދެންނެވިއެވެ. އެ ދެމީހުންގެ ދަރިފުޅަށް ދެރަގޮތެއް މެދުވެރިނުކުރެއްވުން އެދިއެވެ. ޒީޝާންއަކީ ވެސް އެ ދެމަފިރިންގެ އެތައް ދުވަހެއްގެ ހުވަފެނެކެވެ. އެތައް ދުވަހެއްގެ ބޭސް ފަރުވާއަށްފަހު، ލިބުނު ފޮނި މޭވާއެކެވެ. ޑޮކްޓަރުން އުންމީދު ކަނޑާލާފައި ވަނިކޮށް ﷲ ގެ ކުޅަދުންވަންތަ ކަމާއެކު، އެ ޙަޔާތް އުޖާލާ ކޮށްލަދިން، ފަރާތަކީ ޒީޝާންއެވެ.
އެ ތުއްތުތުއްތު ދަރިފުޅު އެންމެ ފުރަތަމަ ފަހަރު އުރައިލަން ލިބުމާއެކު، ހިތަށް ކުރި އަސަރާ ޖަޒުބާތާ އުފަލަކީ ދުވަހަކުވެސް އެ ދެމަފިރިންގެ ހިތުން ފިލައިގެންދާނޭ އިޙްސާސެއް ނޫނެވެ. އެ މައިވަންތަ ލޯތްބާ ރަހުމަކީ ހިންދުގެ މުޅި ޚަޔާތް ބަދަލުކޮށްލި އިޙުސާސެކެވެ. ލޯ ކުރިމަތީގައި އެއިން ކޮންމެ މަންޒަރެއް ވަކިވަކިން ނިއުޅެން ފެށުމާއެކު ހިންދަށް ރޮވެން ފެށުނެވެ.
އިލްހާމްގެ އެހީތެރިކަމާއެކު ހިންދު ސޯފާގައި އިށީނދެލިއެވެ. އެ ނާޒުކު ވަގުތުގައި އިލްހާމްގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކުން ހިންދަށް ކުޑަވެސް ހިތްވަރެއް ލިބުނު ނަމަވެސް، ފައިބަމުންދިޔަ ކަރުނަތަކަކަށް ލުޔެއް ނުލިބުނެވެ. ހިތަށް ކުރަމުންދިޔަ އަސަރަށްވެސް ބަދަލެއް ނާދެއެވެ.
އިލްހާމްގެ ހިތްވެސް ދިޔައީ އަޑު ވީއްލާ ބާރަށް ރޮމުންނެވެ. އެކަމަކު އޭނާ ކެތްތެރިވީ އޭނާގެ ލޯބިވާ އަނބިމީހާގެ ޙައްޤުގައެވެ. މިވަގުތު އޭނާ ކެތްތެރިކަން އިސްނުކޮށްފިނަމަ އޭނާގެ ލޯބިވާ އަންހެނުންނަށް ވާނެ ގޮތެއް ނޭނގެއެވެ. ހިންދުގެ ރުއިން މަޑެއް ނުވެއެވެ. އެކަރުނަވެސް އޭނާގެ އިޙްސާސްއާ ޖަދަލުކުރުމަށްފަހު، ފައިބަނީއެވެ. ހިތްވަރުކުރަން މަސައްކަތް ކުރިއަސް އެކަމަށް ހުރަސް އަޅަނީއެވެ.
އަލިވިލުނު އިރުވެސް މީހުން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތަކަށް ބަދަލެއް ނާދެއެވެ.
ސަލާމަތްކުރެވުނު މީހުން، ވަގުތުން އިންޑިއާގެ ހޮސްޕިޓަލަކަށް ބަދަލުކުރެވުނެވެ. އިތުރު ފަރުވާދިނުމަށެވެ. ކޯރުގެ ތެރެއިންނާ ބޯޓުގެ ތެރެއިން ވެސް އެތައް ބައެއްގެ ފުރާނަ ނެތް މަސްގަނޑު ނެރެވުނެވެ. މުޅި ހިސާބުގަނޑުގައި ހިފާލާފައިވަނީ ސަލާމަތުން ތިބި މީހުންގެ ރުއިމާއި، ހަޅޭކާ، ގިސްލުމާއި، ވޭނީ އާހުތަކުގެ އަޑެވެ.
"ޒީ..." އަރްޒަން ޒީޝާން ހޯދިއެވެ. އޭނާއަށް ޒީޝާން ފެންނަގޮތެއް ނުވިއެވެ. މާޔޫސްކަމާއެކު އޭނާ ކަރު އެލުވައިލިއެވެ. އަޔާންއަށް ވެސް ލިބިފައިވަނީ ބޮޑެތި ޒަޚަމްތަކެކެވެ. އެންމެ ހިތްދަތިވީ އެމީހުންގެ އެ ފްލައިޓްގެ އިންފްލައިޓް ސުޕަވައިޒާ ކަމަށްވާ ޔަމާނީ ވެސް އެހާދިސާގައި ދުނިޔެ ދޫކުރުމުންނެވެ. ނަޝްވާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އާރާގެ ވެސް ހެޔެއް ނެތެވެ. ހަމައެކަނި ނުފެންނަނީ ޒީޝާންއެވެ.
އެހެން މީހުން ސަލާމަތްކުރުމުގެ ތެރޭގައި ޒީޝާން ފެނުނެވެ. ޒީޝާން ފެނުނުއިރު އޭނާގެ ހަށިގަނޑުގައި ކިރިޔާ ވިންދު ޖަހާކަމެވެ. ވަގުތުން ޒީޝާން ވެސް ފޮނުވައިލެވުނީ ހޮސްޕިޓަލަށެވެ.
އެންމެ ބޮޑެތި ޒަޚަމްތައް ލިބުނު މީހުންނަށް އިސްކަންދީގެން އެމީހުން ދިޔައީ ފަހަރަކު ބަޔަކު ހޮސްޕިޓަލަށް ފޮނުވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ ސަލާމަތީ ބާރުތަކަށާއި އެއާރލައިންއަށް ވެސް އެ ހުރިހާ ޙަބަރެއްގެ ތަފްސީލް ދެމުންނެވެ.
މާލޭގެ އިތުރުން މުޅި ރާއްޖެއަށް ވެސް ސިހުން ގެނުވި ބަރަކަށް އެ ޚަބަރު ވިއެވެ. ނުތަނަވަސްކަން އެންމެން ވަށައިލިއެވެ. ހިތްދަތިކަމާއި މަޑުމޮޅިކަމުގެ ސާލެއް ލެވުނެވެ. ރުއިމާ ވޭނުގެ ސިލްސިލާއެއް އުފަންވެއްޖެއެވެ. މުޅި ރާއްޖެ ވެސް ރޮއްވައިލައިފިއެވެ.
ގިނަބަޔަކު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންދިޔައެވެ. އެ ނާޒުކު ދަނޑިވަޅުގައިވެސް މަދުބައެއް ނަމަވެސް ބައެއް މީހުން އެމީހުންގެ އަމިއްލަ މަސްލަހަރު ކުރިއަށް ނެރެ ކުންފުނި ބަދުނާމުކުރުމުން ދިޔައެވެ. އެކަމުގެ ސަބަބުން މުޅި އެއާލައިނަށް ވެސް ދިޔައީ ބޮޑެތި ޕްރެޝަރާ ކުރިމަތިވަމުންނެވެ. އެއްބަޔަކު އެ އެއާލައިންއިން ދަތުރު ނުކުރުމަށް ގޮވަމުންދިޔައެވެ. އަނެއްބަޔަކު ދިޔައީ އެއީ ކަމުދާ އެއާރލައިނެއް ނޫންކަމެއް ބުނަމުންނެވެ. އެ ކަމަކީ ވަރުގަދަ ތަޙުޤީގެއް ހިންގެން ޖެހޭނޭ ކަމެއްކަމަށް ބުނަމުންނެވެ. އަދި އަނެއްބަޔަކު ދިޔައީ ބޯޓުގެ ކެޕްޓަންގެ ޤާބިލްކަމާ މެދު ވެސް ސުވާލު އުފައްދަމުންނެވެ.
އަންވަރާއި ކުންފުނީގެ އެހެން ހިންގުންތެރި އިސްވެރިންގެ ހިތްވަރުގެ ބަސްތަކާއި އެ އަޒުމަކީ ކުންފުނީގެ އެހެން ހުރިހާ މުވައްޒަފުންނަށްވެސް އެކަމާ ކެރިގެން ކުރިމަތިލާން ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެންމެ ބޮޑު ބާރެވެ.
އެ ދުވަހު ހަތަރު ދަމު ކަހަލަ ގޮތަކަށް އަންވަރުމެން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ނިއުސްކޮންފަރެންސްތައް ވެސް ދިޔައީ ބޭއްވެމުންނެވެ. އެކަން ވަރަށް ރަނގަޅަށް ތަޙުޤީޤު ކުރާނޭ ކަމުގެ ޔަޤީންކަން ރާއްޖޭގެ ސަލަމާތީ ބާރުތަކާ ސިފައިންނާ ފުލުހުން ވެސް ދިޔައީ ދެމުންނެވެ. އަދި ކުންފުނިން ދިޔައީ، އެކަމުގައި އެމީހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުނަމުންނެވެ.
އަޔާންގެ މަންމައާއި ބައްޕައަށް ވެސް ލިބިފައިވަނީ ކުއްލި ސިހުމެކެވެ. އަނެއްކޮޅުން ރައުދާއަށް ވެސް ލިބުނީ ޝޮކެކެވެ. ރައުދާ ރޯ މަންޒަރު ބަލަން ހުރި ކަމާލުގެ ހިތުގައި ނަފްރަތު އަނދަމުންދިޔަ ނަމަވެސް އޭނާ ރައުދާ އަށް ދެއްކީ މުޅީން އެހެން ސިފައެކެވެ.
"ރައު. ދެން ފެން ފޮދެއް ބޮއިލާ. އަހަންނަށް އެނގޭ ރައުއަށް ތިހާ އަސަރު ތިކުރަނީ އެއީ ރައުގެ ކުރީގެ ފިރިމީހާއަށް ވީމަ ކަން. އެކަމަކު ދެން ތިހެން ނުރޮއިބަލަ. " ފެންތައްޓެއް ރައުދާގެ ކައިރީގައި ބަހައްޓަމުން ކަމާލު ބުނެލިއެވެ.
"ވަރަށް ފޫހިވޭ. މީނަވެސް އަދިވެސް އެ އަޔާންއަކާ ހެދި. އަހަންނަށް ރަނގަޅީ ވެސް އެ އަޔާން މަރުވިއްޔާ. ޖައުފަރު އަޔާންއަށް ސިހުރު ހެދުމާ، ކުއްލިއަކަށް ޖައުފަރު މަރުވުމާ، އަނެއްކޮޅުން އަޔާން އިން ފްލައިޓެއް ވެއްޓުމާ މިއީ އަނެއްކާ ހުސް އިއްތިފާޤުބާ؟" ވިސްނުން ގުޅުނީ މުޅީން ނުބައި ދިމާލަކަށެވެ.
"މީޓިންއަކަށް ދާން ވެއްޖެ!" ގަޑިއަށް ބަލައިލަމުން ކަމާލު ބުނެލިއެވެ. އެއަށްފަހު ' ރައުދަގެ ކޮނޑުގައި ޖަހައިލާފައި އޭނާ ދުރަށް ހިނގައިގަތެވެ.
އެތައްބަޔަކު ނިޔާވެގެންދިޔަ އެ ހާދިސާއަށްފަހު، ރާއްޖޭގެ ސަރުކާރާ އިންޑިއާގެ ސަރުކާރާ ގުޅިގެން މީހުން ރާއްޖެ ގެނެވުމުގެ މަޝްވަރާތައް ކުރެވުނެވެ. ބޯޓުގެ ކަޅު ފޮށި ހޯދާ ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދުމަށް އެކަމުގެ ތަކުރިބާކާރުން މަސައްކަތް ފެށިއެވެ. ވަރުގަދަ ތަހުގީގެއް ފެށުނެވެ. ޚުދު އަރްޒަންއާ ވެސް ސުވާލުކުރެވުނެވެ. ބޯޓުން ދަތުރުކުރި މީހުންނަށްވަނީ ޖިސްމާނީ އަނިޔާގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެތަކެއް ގެއްލުންތަކެއް ލިބިފައެވެ. މައިންނާ ދަރިން ވަކުވެ އަނބިންނާ ފިރިން ވަކިވެ އާއިލާގެ މީހުން ނިޔާވެ ލިބުނު ދެރައިގެ އިތުރުން އެ ބިރުވެރި ވަގުތު ކޮޅުގެ ކޮންމެ ސިކުންތެއްވެސް ވަނީ ، ކޮންމެ މީހެއްގެ ސިކުނޑީގައިވެސް ބިންވަޅު ނެގިފައެވެ. ބައެއް މީހުންގެ ދިރިއުޅުން ފަނާވީ އެންމެ ފަޅި ސިކުންތެއްގެ ތެރޭގައެވެ. ލޯ މަރައިލިޔަސް ފެންނަނީ އެ މަންޒަރެކެވެ. ހޭލާ ހުންނައިރުވެސް އެ މަންޒަރު ލޯ ކުރިމަތިން ސިފަވާ ކަހަލައެވެ. އެފަދަ މައްސަލަތަކަށް އެ ކަމުގެ ތަޖުރިބާކާރުންގެ އެހީގައި ފަރުވާކުރެވެން ފެށުނު ނަމަވެސް، ނަފްސާނީ ގޮތުން ކޮންމެ މީހަކަށް ވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ހާލު ދެރަމީހުންނަށް ފަރުވާދޭން ހޮސްޕިޓަލުގައި އިތުރު ހަފްތާއެއްހާ ދުވަހު ބާއްވަން ނިންމާފައި ރަނގަޅު އެންމެން އޭގެ ހަތަރު ދުވަސްފަހުން ރާއްޖެ ގެނައީ ރާއްޖޭގެ ސަރުކާރާ އިންޑިއާގެ ސަރުކާރާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ. މީހުން ގޮވައިގެން އައި އެންމެ ފުރަތަމަ ފްލައިޓުން އަރްޒަންއާ ޒީޝާންގެ އިތުން އާރާ ވެސް އައެވެ.
އެއާރޕޯޓް ދޮށުގައި މީހުން އޮތީ ފުނި ޖެހިފައެވެ. އާއިލާގެ މީހުންނާ ގާޓް ރަޙްމަތްތެރިންނެވެ. ދިމާވި ހާދިސާގެ ސަބަބުން ޚުދު އަރްޒަންއަށް ވެސް އަސަރުތަކެއް ކުރިއެވެ. ނަފްސާނީ ގޮތުންވެސް މެއެވެ. މީހުންގެ އިނގިލި އޭނާއަށް އަމާޒުވޭނޭކަން އޭނާއަށް އެނގޭފަދައެވެ. އެ އުފާވެރި ވަގުތުކޮޅުގެ ނިމުން އެއައީ ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟ އަޔާންގެ ޙާލު ދެރަވުމުގެ ސަބަބުން އަޔާން އަދި ވީ އިންޑިޔާގައެވެ. އެމީހުން އައި އިރު ޔަމާނީގެ ފުރާނަނެތް މަސްގަނޑުވެސް ގެނެވުނެވެ. ޔަމާނީ ނިޔާވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމުގައި އިސްވެރިން ފާހަގަކޮށް އެކަމާ ހިތާމަކުރިއެވެ. ޔަމާނީ އަކީ އެ އެއާލައިންގައި އެންމެ ގިނަދުވަހު މަސައްކަތް ކުރި އެއް ކެބިން ކްރޫއެވެ. ގަޑިއަށް ފަރުވާ ބަހައްޓާ އެހެން ހުރިހާ އެންމެންނާ އަދި ކްރޫއިންނާ ވެސް ގުޅިގެން މަސައްކަތް ކުރި ހީވާގި ކުއްޖެކެވެ.
ޔަމާނީއާ ނިޔާވި މީހުންގެ މޫނު ބަލަން އެތައް ހާސްބަޔަކު އާސަހަރާއަށް ޖަމާވިއެވެ. ދައުލަތުގެ އިސްވެރިންނާ ސަރުކާރުގެ އިސްމަޤާމުތައް ފުރަމުންދާ މީހުންނެވެ. އެއާރލައިންގައި މަސައްކަތް ކުރަމުންދާ އަދި މަސައްކަތުން ރިޓަޔަރ ވެފައި ތިބި މީހުންނެވެ. އެކުގައި މަސައްކަތް ކުރި އެކުވެރިންނެވެ.
ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ހިތާމަޔާއި ހިތްދަތިކެމެވެ. ހިތަށް ކުރަމުންދިޔައީ ފުންއަސަރެކެވެ. ޖަނާޒާއަށްފަހު، އަރްޒަން މަޑުކޮށްލައިގެން ހުރީ ފާރުކައިރީގައެވެ އެރުވެސް އެތަނުގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ.
"އެހެރީ ދޯ އެ ބޯއީ. އަހަންނަށް ހީވަނީ އޭނަ މާ ބޮޑާވެގެން އުޅެން ހަދައިގެން ވީގޮތެއް ހެން. އާނ ވަރަށް މެގަޒިންތަކުގައި ވެސް އޭނަގެ ފޮޓޯ ހުރޭ. އަނެއްކޮޅުން އެހާ މުއްސަނދި. އެކަމް އެހެން މީހުންނަށް ހާދަ ގެއްލުމެކޭ!"
އޭނާގެ އެއްފަރާތުގައި ހުރި ދެބައި އުމުރުގެ މީހަކު އޭނާ ކައިރީގައި ހުރި މީހާ ކައިރީގައި ބުނެލިއެވެ. އެއަޑު އަރްޒަންއަށް ރީތިކޮށް އަޑު އިވުނު ނަމަވެސް އޭނާ ހުރީ އިސްއުފުލައިލާ ބަލައިލަން ވެސް ނުކެރިފައެވެ.
(ނުނިމޭ)