އެ ގެއިން ނުކުމެގެން އެ ދިޔަ ބާރުމިނުގައި ގޮސް ރާކިން އެރީ ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލަށެވެ. ހުންގާނުގައި އަތުން ޖަހައިލުމަށްފަހު، އޭނާ ދަންކުނޑި ވިކައިލިއެވެ. ކަތުރު ކަށިގަނޑަށް ވާންވެެގެން ދިޔުމާއެކު އެކީ ދެއަތް މުށްކަވާލާފައިވާލެއް ބާރުކަމުން އޭނާގެ އަތުގެ ނާރުތައްވެސް ކޮށްމެވެސް ވަރަކަށް ފުއްޕައިލިއެވެ.

ސައިކަލު ސްޓާރޓް ކޮށްލަމުން، ރާކިން ދުއްވައިލީ ދާނެ ވަކި މިސްރާބެއް ނެތް ހާލުގައެވެ. ހިތުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އޭނާ ހުރީ ނަފުސުގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުންވެފައެވެ. ޒީޝާންގެ އެ އަމަލުގެ ސަބަބުން އޭނާގެ ނާރުތަކުގައި އުފެދުނު ވާން ކަން އަދިވެސް ހުރީ އެ ގޮތުގައެވެ. ރާކިންއަށް އެހާ އުނދަގޫވީ އެހެންވެއެވެ. ހުޅުމާލެއިން މާލެ ދާން ވެގެން ރާކިން ނުކުތް ބޮޑޫ މަގުގެ އެއްފަރާތުގައި ހުރި ރެސްޓޯރެންޓް ފެނުމާއެކު ރާކިން އެއްފަރާތުގައި ސައިކަލު މަޑުކޮށްލިއެވެ. އެއަށްފަހު އެތަނުގައި ސައިކަލު ޕާކުކޮށްލާފައި މަގު ހުރަސްކޮށްފައި ގޮސް އެތަނަށް ވަނެވެ. އޭނާ ބޭނުންވަނީ ކޮފީއަކުން ނަމަވެސް އެ ހަށިގަނޑުގައިއުފެދިގެން އުޅޭ ތޫފާނަށް ކޮންެމެވެސް ވަރެއްގެ ލުޔެއް ލިބުމެވެ.

އެތެރެއަށް ވަދެވެން ހުރި ދޮރުގެ ދެ ފަރާތުގައި ބޭރަށް ވާގޮތަށް ހުރި ދެ މޭޒުން ކުރެ އެއް މޭޒުގައި ރާކިން އިށީނެވެ. އޭރުވެސް އެތަނުން ވާއަތް ފަރާތު މޭޒުގައި އިތުރު ދެ އަންހެން ކުދިން ތިއްބެވެ.

"އަހަރެން ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް އެ އަރްޒަން އަހަރެން ގާތަށް ގެންނަން. އެ ހެޔޯ ހިނދުކޮޅަކަށް ނަމަވެސް. އެންމެ ރެއަކަށް. އޭރުން ހުރިހާކަމެއް ވެސް ހައްލުވީ" ރާކިންގެ ސަމާލުކަން އަތުލީ އެތަނުން އޭނާއާ ފުރަގަސްދީގެން އިން އަންހެން ކުއްޖާ ބުނެލި ޖުމްލައެވެ.

"އެކަމަކު ކިހިނެއް؟ ބަތޫލް އާ އޭނަ ރުޅިވީ ފަހުން މިހާރު އޭނަ ޒީޝާން އާއެކު ނުލާހިކު އުފަލުން ވިއްޔަ އެ އުޅެނީ..." ކުރިމަތީގައި އިން ކުއްޖާ ބުނެލިއެވެ.

"ނޫރާ... އަހަރެންގެ ޕްލޭން އެއް އެބައޮތް. އެކަމަކު އޭތި ވޯކް ކުރާނީވެސް ކިހިނެއްތަ؟ އެހެންނޫނަސް އަހަންނަށް އަދިވެސް ޔަޤީން އަރްޒަން ލޯބިވަނީ އަހަރެން ދެކެކަމަށް. އަަރެންގެ ލޯތްބަށް އެދި ސަލާންޖަހާ ރުއި މީހެއްގެ ވާހަކަ އޭ މި ދައްކަނީ... " ބަތޫލްގެ އަޑުގައިވި ބޮޑާކަމާއި ކިބުރުވެރިކަން އޭނާއަށް ސިއްރެއް ނުވެއެވެ. އެ ދެކުދިންގެ ވާހަކަތަކަށް ސަމާލުކަން ދީގެން ރާކިން އިންދާ އެތަނުން ނޫރާއޭ އެ ކިޔާ ކުއްޖާގެ ލޮލުގެ އިޝާރާތާއެކު، ބަތޫލްގެ އަޑު މަޑުވިއެވެ. އެެއާއެކު އެކިޔަނީ ކީކޭކަން ރާކިންއަށް ދެނެގަނެވުނީ އުނދަގުލުން ނަމަވެސް، އިތުރު ސަމާލުކަމެއް ދިނުމުން، އޭނާއަށް އެ ކިޔާއެއްޗެއް ފަހުމުވާ ވަރުވެއެވެ.

ބަތޫލްއަކީ ޓީވީ ޕްރެސެންޓަރެކެވެ. ހިތަށް ވެރިވި ޚިޔާލާއެކު، އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއްމިޔަކަށް ހީލަމުން ރާކިން އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އެ ދެކުދިން އެތަނުން ނުކުންނަން ދެން ރާކިން މަޑޫކޮށްލައިގެން އިނެވެ. އޭނާގެ މަޤްސަދަކަށްވީ އެ ދެމީހުން ދައްކާ ވާހަކައެއް އަޑު އެހުމެވެ. ބަތޫލްމެން ގޮސް ލޯމަތިން ގެއްލުމާއެކު، އޭނާ ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅައިލިއެވެ.

"ހަލޯ ނީލަމް... ކިހިނެއްތަ؟" ރާކިން ގުޅީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ ނީލަމްއަށެވެ. ނީލަމްއަކީ ޖާނަލިސްޓެކެވެ.

"އަހަރެން ރަނގަޅު، އެކަމަކު އަހަންނަކަށް ހިޔެއްނުވޭ ތި ގުޅީ ކޮންމެހެން އަހަރެންގެ ހާލު ބަލަން ހެނެއް. ބުނެބަލަ ކަމަކުތަ؟"

"ހެހެ. އާނ! ކަމަކު. ވަރަށް ބޮޑު ކަމަކު... އަހަންނަށް ހޯދަދީބަލަ ބަތޫލްގެ ނަންބަރު!" ރާކިން ބުނެލިއެވެ.

"ބަތޫލް!... ޕްރެެސެންޓަރުތަ؟ ބައިދަވޭ އޭނައަށް ހިތް ކީތަ؟ އަނެއްކާ މިހާރު ސިންގަލްކަމަށް ވަނީވެސް..."ނީލަމް ސަމާސާކޮށްލިއެވެ.

"ނޫނޭ އިޓްސް ފޯ ސަމްތިންގް އިމްޕޯޓެންޓް!" ރާކިން ބުނެލިއެވެ. ފޯނު ބާއްވަމުން ވެއިޓަރަށް ގޮވައިލުމަށްފަހު، ބިލް ދައްކައިލާފައި ރާކިން އެތަނުން ނުކުމެގެން ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަތްތާ މާގިނަ އިރެއްނުވެ އޭނާގެ ފޯނަށް މެސެެޖެއް އައެވެ.

ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އިށީނދެލި ރާކިން އޭނާގެ ފޯނަށް އައިސްފައިވާ މެސެޖުގައި އިން ނަންބަރަށް ބަލަހައްޓައިގެން އިނީ ދެ ވިސްނުމެއްގައެވެ. އޭނާ ބަތޫލްއަށް ގުޅަންވީ ހެއްޔެވެ؟މިހާ ލަސްވެފައި ހުއްޓާ ބަތޫލް ފޯނު ނަގާފާނެހެއްޔެވެ؟ ދެކޮޅަށް ކިރެމުން ދިޔަ ޙިޔާލުތަކަށް ފުރަގަސްދީފައި، ރާކިން ނިންމީ ގުޅައިލާށެވެ. ވާގޮތެއް އެނގިދާނެތާއެވެ. އެހެންނޫނަސް މިހާރު އޭނާގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.

އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ބަތޫލްއާ ވާހަކަ ދައްކާށެވެ. ބައްދަލުކޮށްލާށެވެ. ނަސީބަކުން ދެވަނަ ރިންގާއެކު، ބަތޫލް ފޯނު ނަގައިފިއެވެ.

"ބަތޫލްތަ؟" ހަމަޖެހިލަމުން ރާކިން ސުވާލުކޮށްލިއެވެ.

"ބަތޫލް! އެކަމަކު ތީ ކާކު؟" އެކޮޅުން ކޮށްލި ސުވާލާއެކު ރާކިން ލުއިކޮށް ހީލިއެވެ.

"ހިނގާ ބުނަމާ އަހަރެމެން ދެމީހުންނަކީ ވެސް އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައި ތިބި ދެމީހުންނޭ... އަހަންނަކީ ރާކިން. އަހަންނަކީ ވެސް އަރްޒަންއާ އެކު މަސައްކަތް ކުރާ ޕައިލެޓެއް. ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެފައި އޮބައޮތް. ކޭން ވީ މީޓް؟" ރާކިން އެދުނެވެ.

"ތީ ކޮން ބޭނުމެއްގައި އުޅޭމީހެއް.؟"

"އަހަރެންގެ ބޭނުން ބުނާނަން ބައްދަލުކޮށްފައި. ހަމަ ގައިމުވެސް އަހަންނަށް އެނގޭއެއް ކަމަކީ އަހަރެމެން ދެމީހުންވެސް ބޭނުންވެގެން މިއުޅެނީ އެއްކަމެއްކަން... މަޤްސަދަކީ އެއް މަޤްސަދެއްކަން!" ރާކިން ބުނެލިއެވެ.

"އެއީ އަރްޒަންއާ ގުޅުން ހުރި ކަމެއްތަ؟" ޝައްކެއްގެ މަތީގައި ހުރެ ބަތޫލް އަހައިލިއެވެ.

"ކޮންއިރަކުން ބައްދަލުވެވޭނީ؟" ރާކިން ސުވާލުކޮށްލިއެވެ. އެއާއެކު ދެން ދިޔައީ ހިނދުކޮޅެއްގެ ހަމަހިމޭންކަމެކެވެ.

"މާދަމާރޭ އަށެއްޖަހާއިރު..." ބަތޫލް ވިސްނައިލަމުން ބުނެލިއެވެ.

"އޯކޭ!" ރާކިން ބުނެލިއެވެ. ފޯނު ބާއްވަމުން އެއްމިޔަކުން ހީލުމާއެކު، އޭނާ އައިސް އިށީނީ އެނދުގައެވެ. އޭނާގެ ޕްލޭން ކާމިޔާބުކުރުމަށް އެހީތެރިވެދޭނީ ބަތޫލްއެވެ. ރާކިންއަށް ނިދުނީވެސް، އެފަދަ ޚިޔާލުތަކެއްގައި ބެހެމުން ދަނިކޮށެވެ.

*****

ޖެހިގެން އައި ދުވަހުގެ ރޭ ރާކިން ބަތޫލްއާ ދިމާކޮށްފައި، އޭނާގެ ޕްލޭން ކިޔައިދނެވެ. އެ ހުރިހާ އިރު ވަންދެން ވެސް، ބަތޫލް އިނީ އެއްޗެއް ނުބުނެއެވެ. ރާކިންއަށް އާބަސް ބުނަން އޭނާގެ ޒަމީރު ގޮވަމުން ދިޔައެވެ. އޭނާއަށް އަރްޒަން ހާސިލް ކުރެވޭނެ ހަމަ އެކަނި ގޮތަކީވެސް އެއީއެވެ. އަރްޒަން ނުލިބުނު ނަމަވެސް ޒީޝާންއާ އަރްޒަންއާ ދެމެދު ނުތަނަވަސްކަން އުފެއްދޭނޭ ހަމައެކަނި ގޮތަކީ ވެސް އެއީއެވެ.

"އަހަރެން އެއްބަސް، އެކަމަކު އަރްޒަން އަހަރެން ކައިރިއަށް އަންނާނެ އެއްވެސް ސަބަބެއް އެބައޮތްތަ؟ އަހަރެން އާދޭސްކުރިޔަސް އޭނާ ނާންނާނެ... " ބަތޫލް ބުނެލިއެވެ.

"އެބައޮތް ގޮތެއް. އަހަންނަށް ޔަޤީން އެހެން ހަދައިފިކަމުގައި ވަނީނަމަ އޭނަ އަންނާނެކަން. އޭނަ އެއަށް ވުރެ ބޮޑަށް ޒީޝާން ދެކެ ލޯބިވާނެ" ރާކިން ކަންތައް ކުރަންވީ ގޮތް ބަތޫލްއަށް ކިޔައިދިނެވެ.

"އޯކޭ!." ބަތޫލް އާބަސް ބުނެލިއެވެ.

"ލެޓްސް ޑޫ ދިސް. އެއްވެސް މީހަކަށް އެނގިގެން ނުވާނެ. އައި ހޭވް އޯލްރެޑީ ބުކްޑް އަ ރޫމް އިން، "ދަ އިން ގެސްޓް ހައުސް". މޭކް ޝުއާ ޔޫ ޑޫ އިޓް ދިސް ވީކް އިނގޭ. އެންޑް މިއޮތީ ދެން ބޭނުންވާނެ އެތި ވެސް" ރާކިން އޭނާގެ ވޮލެޓުން ނެގި ކުޑަ ސިޓީއިރު ބަތޫލްއަށް ދިއްކޮށްލިއެވެ. ބަތޫލް ހިނިތުންވެލި އެވެ.

*****

ހަފްތާއެއް ފަސް

ލިބުނު ކާމިޔާބާއެކު ރާކިން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ހިފައިގެން މިސްރާބުޖެހީ އަރްޒަންމެން އުޅޭ އެޕާރޓްމެންޓާ ދިމާލަށެވެ. އޭރު އޭނާގެ ތުންފަތްމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ކުރެވުނު ކަންތަކާ މެދު ރާކިންވަނީ ފަޚުރުވެރިވެފައެވެ. އަރްޒަން އުޅޭ އެޕާރޓްމެންޓުގެ ބެލް އަޅައިލާ، އޭނާ މަޑުކޮށްލީ، އެތެރެއިން ދޮރު ހުޅުވަން ދެނެވެ. އޭނާ އެއައީ ވެސް އަރްޒަން ނޫޅޭ ގަޑިއެއް ބަލާފައެވެ.

"އެތެރެއިން ދޮރު ހުޅުވައިލީ ޒީޝާންއެވެ. ދޮރު ހުޅުވިހެން ހީނުވެ ރާކިން އެތެރެއަށް ދެމިގަތެވެ.

"ޒީ..." އޭނާ ޒީޝާންއަށް ގޮވައިލިއެވެ.

"ކަލޭ ކީކުރަން ތިއައީ؟"

"ޒީ. އަހަރެންދެކެ އެހާވެސް ރުޅިއާދޭތަ؟" ރާކިން ސުވާލުކޮށްލިއެވެ. އެ އަޑުގައި ކޮންމެވެސް ވަރަަކަށް ރިހުން އެކުލެވިގެން ވެއެވެ.

"އާނ. އަހަރެން ކަލޭ ދެކެ ވަރަށް ރުޅިއާދޭ. އަހަރެން ހަމައެކަނި ލޯބިވަނީ އަރްޒަންދެކެ" ޒީޝާން ބުނެލިއެވެ.

"އެ މީހާ ދެކެ ތިހާ ލޯބިވާއިރު އޭނާގެ އަސްލު ސޫރަ ޒީޝާންއަށް އެނގޭތަ؟" ރާކިން ޒީޝާންގެ ދެލޮލަށް ނަޒަރުހުއްޓައިލަމުން ބުނެލިއެވެ. އޭނާއަށް އެ އަޅިކުލައިގެ ދެލޮލަށް ބަލަން ހުރެވުނީ ހިނދުކޮޅަކަށެވެ. ލިބުނު ނުތަނަވަސްކަމާއެކު، އިސްޖަހައިލަން މަޖުބޫރުވިއެވެ.

"އާނ. އަހަންނަށްވުރެ ބޮޑަށް އަރްޒަންގެ ވެސް ރާކިންގެވެސް ހަޤީގަތް އެނގޭ އިތުރު މީހަކު ނުހުންނާނެ!" ޒީޝާން ބުނެލިއެވެ.

"ކޭން ވީ ޓޯކް.؟" ރާކިން އަހައިލިއެވެ.

"ނޯ! ގެޓް ލޮސްޓް"

"ޒީ... އައި ނީޑް ޓު ޓޯކް ޓު ޔޫ... އަހަރެން މިކަން މިކުރަނީ ޒީއަށް ހެޔޮ އެދޭތީއޭ!" ރާކިން ޒީޝާންއާ ގާތަށް އެއްފިޔަވަޅު ކުރިއަށް އަޅައިލިއެވެ.

"އަހަރެން ގަބޫލުކުރަންވީތަ؟" ޒީޝާން އުނަގަނޑުގައި އަތް ވިއްދައިލިއެވެ.

"ޔޫ ހޭވް ޓު ބިލީވް މީ... ޒީއަށް އެނގޭތަ؟ އަރްޒަންއާ އެ ބަތޫލްއާ އަދިވެސް ގުޅުން އޮންނަކަން..." ރާކިން ވިސްނުންތެރިކަމާއެކު ޒީޝާންގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ.

"ހުސް ދޮގު، އަހަރެން ޤަބޫލެއް ނުކުރާނަން!" ޒީޝާން ފާޅުގައި ދެކޮޅު ހެދިއެވެ.

"ކީއްވެ އަރްޒަންއާ ހެދި އެހާވަރުން ތިއުޅެނީ؟"

"އަހަރެން ހަމައެކަނި ލޯބިވަނީ އަރްޒަންދެކެ. " ޒީޝާން ދެބުމަ ގޮށްޖަހައިލިއެވެ.

"ޒީ. އަހަރެން ދައްކާ ވާހަކަ ޤަބޫލުނުކުރަންޏާ ހެކި ދައްކަންތަ؟" ރާކިން އަހައިލިއެވެ. ޒީޝާން އެއްޗެއް ނުބުނެއެވެ.

ރާކިން އޭނާގެ އަތުގައި އޮތް ސިޓީ އުރަ ހުޅުވައިލާ އޭނާގެ އަތުގައި އޮތް ފޮޓޯތައް ޒީޝާންއަށް ދައްކައިލިއެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން!" ޒީޝާން އެ ފޮޓޯތަކަށް ބަލަން ހުރެ ބުނެލިއެވެ. އަތުގެ ކޮޅަށް ފޮޓޯތައް ހޫރައިލުމާއެކު، އޭނާ ރާކިންއާ ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ރާކިން ޒީޝާންގެ ލޮލުގައި ވި ތޫނުކަމާއި، އެ ނަޒަރުން ބިރުގަތެެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒީޝާން އެ ވާހަކަ ގަބޫލުނުކުރާތީ ވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. އެހެން ހުއްޓާާ، ޒީޝާން އައިސް ހިފީ އޭނާގެ ގަމީހުގެ ޓީޝާޓުގެ ކަރުގައެވެ.

"ތިއުޅެނީ އަހަންނާ ޒޭން އާ ދެމެދު މައްސަލަ ޖައްސަންތަ؟ އެކަމެއް ނުވާނެ، ދުވަހަކުވެސް ނުވާނެ!" ދަތްކުނޑި ވިކައިގެން ހުރެ ޒީޝާން ބުނެލިއެވެ. ރާކިން އެފޮޓޯތައް ދެއްކުމުން ދެރަވުމުގެ ބަދަލުގައި ޒީޝާންގެ ގާތަށް ބޮޑަށް އައި ރުޅިއެވެ. ޒީޝާންގެ އެ ޖެހިލުން ކުޑަކަމުން ޚުދު ރާކިންވެސް ހައިރާންވިއެވެ.

"ޒީ... ވައި ކާންޓް ޔޫ ސީ އިޓް!" ރާކިން ޒީޝާންގެ އަތުގައި ހިފައްޓަމުން ސުވާލުކޮށްލި އެވެ.

"ބިކޯޒް އައި ޑޯންޓް ބިލީވް ޔޫ!" ޒީޝާން ޖެހިލުމެއްނެތި ބުނެލިއެވެ.

"އަބަދު އަރްޒަން، އަބަދު އަރްޒަން. ވައި ނޮޓް މީ؟" ރާކިންގެ ގާތަށް ވެސް ރުޅި އަންނަ ގޮތް ވިއެވެ. އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ޒީޝާންގެ އަތް އޭނާގެ ގަމީހުގެ ގިރުވާނުން ނައްޓުވައިލަމުން ރާކިން ފުންނޭވާއެއް ދޫކޮށްލި އެވެ. އަމިއްލަ މީހާގެ ނަފުސުގެ ކޮންޓްރޯލް އޭނާގެ އަތުން ވެސް ގެއްލެން ފެށި އެވެ. ޒީޝާން އެހާ ވަރަށް އަރްޒަންއަށް އިތުބާރު ކުރަނީ ހެއްޔެވެ؟ އެހެންވެގެން ނުވާނެ އެވެ. އެ އިތުބާރު އެހާ ވަރުގަދަ ވެގެން ނުވާނެއެވެ.

"ޒީ... ބިލީވް މީ... އެއީ ތި ހީކުރާކަހަލަ މީހެއްނޫން!" ރާކިން ބެލީ އަދިވެސް ޝައްކުގެ އޮއިވަރެއް ޒީޝާންގެ ހިތުގައި އުފަން ކުރެވޭތޯއެވެ.

"ޒީ. ވައި ކާންޓް ޔޫ ބިލީވް މީ. ޔޫ ޝުޑް ބިލީވް މީ ޕްލީޒް!" ޒީޝާން ކައިރިއަށް ޖެހިލާ އޭނާއާ ގާތަށް ޒީޝާން ދަމައިލަމުން ރާކިން ބުނެލިއެވެ.

"ނުކުރާނަން!" ޒީޝާން ބުނެލިއެވެ. އޭނާ އުޅުނީ ރާކިންގެ އަތުގައި ހިފާ ކޮށްޕައިލާށެވެ. ރާކިން ހުޝިއާރުކަމާއެކު ޒީޝާން ސޯފާމައްޗަށް ވައްޓައިލިއެވެ. އޭނާ އުޅުނީ ޒީޝާންއާ ކައިރިވާށެވެ.

"ޔޫ ހޭވްޓު ބިލީވް މީ... އެހެންނޫނީ ދެން ވާ ގޮތް މާ ރަނގަޅެއް ނުވާނ!ެ" ރާކިން ބުނަމުން ދިޔައެވެ. މިހާރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ ޖެހިލުން ކުޑަކަމުގެ އަސަރުތަކެވެ.

"ރާކިން... ދުރަށްދޭ!" ޒީޝާން ބުނެލިއެވެ.

"ނޯ. ބިލީވް މީ... ހާދަ ބްލައިންޑް ލީ އޭ އަރްޒަންއަށް ތި އިތުބާރު ކުރަނީ ވެސް. ބިލީވް މީ" ރާކިން އޭރުވެސް ބުނަމުން ދިޔައީ އެހެންނެވެ.

ދެމީހުން ސިއްސައިގެން ދިޔައީ އެތެރެއިން ދޮރު ހުޅުވުނު އަޑާއެކުގައެވެ. އެތެރެއަށް ވަތް އަރްޒަންއަށް ޒީޝާންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ކަހަލަ ގޮތަކަށް އޮތް ރާކިން ފެނި ހުރެވުނުތަން ވެސް ނޭނގުނެވެ.

"ޒޭން. ހެލްޕް މީ!... ބަލާބަލަ ރާކިން އުޅޭ ގޮތެއް!" ކުޑަކޮށް ރޮވިފައިވާ ޙާލު ޒީޝާން ބުނެލުމާއެކު އަރްޒަންއަށް ބަލައިލެވުނީ ރާކިންގެ މޫނަށެވެ. ރާކިން އެހާ ދަށު ދަރަޖައަކަށް ވެސް ވެއްޓުނީ ހެއްޔެވެ؟ ރާކިންއަކީ ކޮންކަހަލަ އިންސާނެއްހެއްޔެވެ؟

ދެވަނަ ސިކުންތުގައި އެއައި ގޮތަށް އައިސް އަރްޒަން ރާކިންގެ ގަމީހުގައި ފަހަތުން ހިފާ ދުރަށް ކޮށްޕައިލައިފިއެވެ.

(ނުނިމޭ)

ކޮމެންޓް 0