"އައްދޯތް..." އަނގައިން އެބަސްތައް ބޭރުވީ ކިތަންމެ މަޑުން ކަމަށްވިޔަސް އަރްޒަންއަށް އެ އަޑު ރީތިކޮށް އިވުނެވެ. ޒީޝާންއަށް ވީ ގޮތެއް ބަލައިލަން އޭނާގެ ޒަމީރު މަޖުބޫރު ކުރުވީ އެވަގުތެވެ. އެމޫނުމަތިން ފެންނަނީ ކޮންމެވެސް ކަހަލަ ވޭނެއް ތަޙައްމަލް ކުރަމުންދާ ފަދަ އަސަރުތަކެވެ. އަނބުރާލާފައި އައިސް ޒީޝާންއާއި ދާދި ގާތުގައި އަރްޒަން މަޑުކޮށްލި އެވެ.
ޒީޝާންގެ ފަޔަށް ފަރުވާތެރިކަމާއެކު ބަލައިލި އަރްޒަންއަށް، ޒީޝާންއާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އަރްޒަން އެހާ ގާތުގައި ހުރުމުން ޒީޝާންގެ ނޭވާ ވެސް އަރުތެރޭގައި ތާށިވިކަހަލައެވެ. އޭނާ ހުރީ ނޭވާލާން ވެސް ހަނދާން ނެތިފައި ކަހަލަ ގޮތަކަށެވެ. އަރްޒަންގެ އެ ތޫނު ނަޒަރު އަމާޒުވެފައިވާތަން ފެނި، އޭނާއަށް ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައި ހުރެވުނެވެ. ހިތަށް ބާރުބޯރުވުން ޒީޝާންއަށް އުނދަގޫކަމަކަށްވިއެވެ.
"ވަޓް ހެޕެންޑް؟" އަރްޒަން އަހައިލީ ޒީޝާންގެ ފަޔަށް އިޝާރާތް ކޮށްލަމުންނެވެ. ޒީޝާން، އެއްޗެއް ބުނަން އަނގަ ހުޅުވައިލި ނަމަވެސް، އަޑެއް ނުނިކުތެވެ.
"ކަމޯން ޒީޝާން..." ހިތާ ހިތުން ޒީޝާންއަށް ވާހަކަ ދެކެވުނެވެ.
"އެގަޑީގައި ޒޭބާގެ ފައިގައި އަޅައިގަނެފައި ފައި ފުރޮޅުނީމަ ކަންނޭނގެ ތިހެން ތިވީ. " ވެރިވެގެންދިޔަ ހަމަހިމޭންކަން އަނެއްކާވެސް، ފޫދުއްވައިލީ އަރްޒަންގެ ހިތްގައިމު އަޑުންނެވެ.
"މޭބީ..." ޒީޝާން އޭނާގެ މޫނާ ސަމާސާ ކުރަމުންދިޔަ އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލަމުން ވާހަކަ ދެއްކިއެވެ.
"އައިސް ޕެކެއް އަޅައިލީމަ ވެސް ދުޅަ ތިރިވެދާނެ... އޯ ޑޫ ޔޫ ވޯންޓު ގޯ ޓު ދަ ހޮސްޕިޓަލް؟" އަރްޒަން އަހައިލިއެވެ.
"އައިސް އަޅާލީމަ އޯކޭވާނެ...ދެން އައިސް އެކަމާ އުޅޭނީ، ހިނގާ ދަމާ!" ޒީޝާން ބުނެލިއެވެ. އޭނާ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ހިނގައިގަންނަން އުޅުނު ނަމަވެސް، ތަދުވާވަރުން އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ.
"އާރ ޔޫ އޯކޭ؟." އަރްޒަން ޒީޝާންއާ އިތުރަށް ގާތް ވެލިއެވެ. އެ އަޑުގައިވި އަސަރު މާނަކުރާކަށް ޒީޝާންއަކަށް ނޭނގުނެވެ.
ޒޭބާ ދޮރު ހުޅުވައިލީ ވެސް، އެ ދެމީހުން އެތަނުގައި ތިއްބައެވެ. އޭނާ ލާފައިހުރީ އައިސްބްލޫ ޖީންސްއަކާއި ކަޅާ ހުދުކުލައިގެ ސްޓްރައިޕް ޓޮޕެކެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާލާފައި ވާއިރު، އަރާފައިވަނީ ހައި ހީލްއަކަށެވެ.
"ޒޭބާ... ކޮޓަރީގެ ކާޑު އަހަންނަަށް ދީބަލަ!" ޒޭބާ އަތުން ކޮޓަރީގެ ކާޑު ޒީޝާން ނެގިއެވެ.
ޒީޝާންއާ އަރްޒަންއަށް ބަލައިލުމަށްފަހު، އިތުރު އެއްޗެއް ނުބުނެ ޒޭބާ ހިނގައިގަތީ ޔަމާނީ މެންގާތަށް ދާށެވެ. އެ ހިސާބަށް އަރާ ހަމަވުމާއެކު ޔަމާނީ ޒީޝާންއާ ބެހޭގޮތުން ސުވާލުކުރިއެވެ.
"ޝީޒް ވިތް ކެޕްޓަން..."
ޒޭބާ ސިއްރު ނަޒަރަކުން ރާކިންއަށް ބަލައިލިއެވެ. އެ ވާހަކައާއެކު ރާކިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން އޭނާއަށް ރީތިކޮށް ފެނުނެވެ. އަމިއްލަ ނަފުސަށް ސިއްރު ހިނިތުންވުމެއް ހަދިޔާކޮށްލަމުން، އަނެއްކާވެސް ޒޭބާ ވާހަކަ ދައްކަން ފެށިއެވެ.
"ދެމީހުން ގޯޅިގަނޑުގައި އެބަ ތިބި ވާހަކަ ދައްކަން، ހީވަނީ ވަރަށް މުހިންމު ވާހަކައެއްހެން، ނޫނީ އަމިއްލަ ވާހަކައަކަށް ވެސް ވެދާނެ!."
ޒޭބާގެ ވާހަކައިން ރާކިންގެ ނަފުސަށް ހަރުކަށިކަން ވެރިވިއެވެ. މުށްކަވާލި އަތް ޖީބަށް ޖަހަމުން އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
ރާކިން ލާފައިހުރީ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްއެކެވެ. ޓީޝާޓް ގަޔަށް ހިފާލާފައި ހުރުމުގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. މި ޒަމާނުގެ ގޮތުން ބުނާނަމަ ވަރަށް "ކެޝުއަލް ލުކް"އެކެވެ. އެ ދެ ލޮލުގައި އެވަނީ ކޮންފަދަ ބުނެދޭން ނޭނގޭ ޖަޒުބާތެއް ހެއްޔެވެ؟ ޒޭބާގެ ހިތް ރާކިންގެ އެ ރީތިކަމަށް ތަޢުރީފް ކުރިއެވެ.
*****
"ކޮޓަރީގައި މަޑުކޮށްލަން ވީނު!. އަހަރެން ބުނާނަން އެހެން މީހުން ކައިރީގަ. މާގިނައިން ހިނގީމަ އަނެއްކާ ސަކަރާތްވެދާނެ..."
ޒީޝާން ފާރުގެ އެހީ ހޯދައިލަމުން މަޑުމަޑުން ފިޔަވަޅުއަޅަން މަސައްކަތް ކުރިއެވެ. ޒީޝާން ވެއްޓި ދާނެގެން ހީވެ އަރްޒަން ކުރިއަށް ޖެހިލާ ވާހަކަ ދެއްކިއެވެ.
"ލެޓް މީ ހެލްޕް ޔޫ..."
ޒީޝާންގެ ނޭފަތުގައި ހަރުލީ އަރްޒަން ޖަހާފައިވާ ފިރިހެން ސެންޓުގެ ވަހެވެ. އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޒީޝާންގެ އެއް އަތުގައި ހިފައްޓައިގެން ކޮޓަރިއަށް ވެއްދުމަށްފަހު، އަރްޒަން ނުކުންނަން ހިނގައިގަންނަމުން ބުނީ އަރާމުކޮށްލުމަށެވެ. އޭރު އެހިތުގެ ތެޅުން ވެސް ކޮންމެވެސް، ވަރަކަށް ބާރުވެފައި ވެއެވެ. އޭނާ ޒީޝާންއަށް އެހީވީ ކީއްވެހެއްޔެވެ؟ އެހެން މީހަކު އެ މަޤާމުގައި ހުރި ނަމަވެސް އޭނާ ކަންތައް ކުރާނީ ހަމަ އެހެންހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކަށް ދޭނެ ޖަވާބެއް އަރްޒަން އަތަކު ނެތެވެ.
އަރްޒަން ނުކުމެ ދޮރު ލައްޕައިލުމާއެކު، ޒީޝާން އޭނާގެ މޭގައި އަތް ޖައްސައިލިއެވެ. އެ ހިތުގެ ތެޅުން ހަމައަކަށް އެޅުވުމުގެ ގޮތުން ދެ ތިންފަހަރު ފުން ނޭވާއެއް އޭނާއަށް ލެވުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލުމާއެކު، އެނދުގައި އޮށޯވެލިއެވެ. އަރްޒަން އޭނާއާ މެދު ބެހެއްޓި ގާތްކަމުގެ ސަބަބުން އެ ހިތް އުފަލުން ފުރިފައިވެއެވެ. އެފަދަ ކުޑަކުޑަ ކަމަކުން ވެސް އޭނާއަށް އެބަ އުފާވެރިކަން ލިބެއެވެ. އެއީ އެ ހިތުގައި އަރްޒަންގެ ނަން ފެވިފައިވާކަމުގެ ހެއްކަކަށް އެކަނި ވެސް ފުދެއެވެ.
މަޑުފިޔަވަޅުތަކެއްގައި ހިނގާލާފައި ގޮސް، އަރްޒަން އެހެން އެންމެން ކައިރީގައި މަޑުކޮށްލިއެވެ. އޭނާއަށް ސުވާލުގެ ނަޒަރަކުން ރާކިން ބަލައިލިއެވެ. އެ ނަޒަރު މާނަކުރަން ނޭނގުނު އަރްޒަން ޔަމާނީއަށް ބަލައިލާފައި ވެގެން އުޅޭގޮތް އޮޅުން ފިލުވައިދިނެވެ.
"އާނ. އައިއިރު ވެސް އެ ފައިގައި ދުޅަކަމެއް ހުރި. މާދަން ފުރަން ވާއިރަށް ކިރިޔާވެސް ރަނގަޅުވާނީ ރެސްޓް ކޮށްލީމައެއްނު... " ޔަމާނީ ބުނެލިއެވެ.
ޖުމްލަ ފަނަރަ ފަންގިފިލާ ހިމެނޭ އެ ހޮޓެލުގެ އެންމެ މަތީގައި ހުންނަނީ ރެސްޓޯރެންޓެކެވެ. އެންމެން އެކުގައި ރެސްޓޯރެންޓަށް ގޮސް، އެތަނުގެ އެއްފަރާތުގައި ހުރި ހަ މީހުންގެ ޖާގައޮތް މޭޒުދޮށުގައި އިށީނދެލިއެވެ. ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު، އެންމެން އެކިއެކި ވާހަކަ ތަކުގައި މަޝްއޫލުވިއެވެ.
އެރޭ ޔަމާނީ ފަހުން ޒީޝާންއަށް ތަދަށް ބޭނުން ކުރާ ސްޕްރޭއަކާއި ބޭސްގުޅައެއް ގެނެސްދިނެވެ. ޒީޝަން އެ ބޭސް ކެއި ފަހުން ތަދު ކޮންމެވެސް ވަރަކަށް މަޑުވިނަމަވެސް، ދުޅަ ތިރިއެއް ނުވިއެވެ.
*****
އަރްޒަންމެން ރާއްޖެ އައީ ޖެހިގެން އައި ދުވަހުގެ ރޭ ރާއްޖެގަޑިން ނުވައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ޒީޝާންގެ ފައިގައި އޭރުވެސް ދުޅަކަމެއް ހުއްޓެވެ. ފްލައިޓް ތެރޭގައި ވެސް، އެމީހުން ކަންތައްތައް ރޭވީ ޒީޝާންއަށް މާގިނަ ގިނައިން ހިނގަން ނުޖެހޭނެ ގޮތް ބަލައިގެންނެވެ.
ޒީޝާން އެއާރޕޯޓުން ނުކުތްއިރު ކާރު އައިސް އޮތެވެ. ޑްރައިވަރު ނުކުމެ ފޮށި އަރުވަން ޒީޝާންއަށް އެހީތެރިވެދިނެވެ. ޔަމާނީއަށް ހަނާއަޅާލުމަށްފަހު، ކާރަށް އަރާ ސީޓުގައި ހަމަޖެހިލުމާއެކު، ވެފައިހުރި ވަރުބަލިކަން އިޙްސާސްވެ، ޒީޝާންއަށް ދެލޯ މަރައިލެވުނެވެ.
ކާރު ގޮސް މަޑުކޮށްލީ ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮތް ހުސްބިމުގައި ދާދި ފަހުން އިމާރާތްކުރި އެޕާރޓްމެންޓް ކޮންޕްލެކްސްއަށް ވަންނަން ހަދާފައި ހުރި ބޮޑު ގޭޓުގެ ކުރިމައްޗަށެވެ. ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވާލަ ދިނުމާއެކު، ޑްރައިވަރު ކާރު އެތެރެއަށް ވައްދައިލިއެވެ.
ޒީޝާން ކާރުން ފޭބިއެވެ. ޑްރައިވަރު ފޮށި ބާލަ ދިނުމާއެކު އޭނާ ފޮށި ހިފައިގެން ވާއަތް ފަރާތުގައި ހުންނަ އެޕާރޓްމެންޓާ ދިމާލަށް ހިނގައިގަތެވެ. ބިއްލޫރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ އެތަނުގައި ހުރި ތިން ލިފްޓުގެ ތެރެއިން އެންމެ ކައިރީގައި ހުރި ލިފްޓްގެ ބަޓަނަށް ފިތާލަމުން ފޯނަށް އޭނަ ނަޒަރު ހުއްޓައިލިއެވެ.
ލިފްޓަށް އެރި ޒީޝާންއަށް ލިފްޓުގެ އެއް ބިތުގައި ލެނގިލެވުނެވެ. އޭނާގެ ހަށިގަނޑުވަނީ ވަރުބަލިވެފައެވެ. ބޭނުންވަނީ ވީހާވެސް އަވަހަކަށް ގޮސް ފެންވަރާލައިގެން އަރާމުކޮށްލާށެވެ.
ލިފްޓު ހުޅުވުމާއެކު ނުކުމެ ކާޑު ޖަހައި އޭނާ އުޅޭ ބައިގެ ދޮރު ހުޅުވައިލުމާއެކު، ޒީޝާން އެތެރެއަށް ވަނެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެއްފަރާތުގައި ހުރި ފައިވާން އަޅާ ހަރުގަނޑު ހުޅުވައިލުމަށްފަހު، ބޫޓު ރީތިކޮށް އޭގެ ތެރޭގައި ބެހެއްޓުމަށްފަހު، ހިނގައިގަތެވެ.
އެއީ ތަނަވަސް ބޮޑު ސިޓިންރޫމެކެވެ. އޭނާގެ ކަނާއަތް ފަރާތުގައި ބަދިގެބަޔާއި ކާކޮޓަރިއެވެ.
ގެއިން ބޭރަށް ނުކުމެވޭ ދޮރުގެ އެއްފަރާތުގައި ހަމަ އެ ފާރުގައި ޓީވީ ހަރުކޮށްފައި ހުއްޓެވެ. ޓީވީ ހުޅުވާފައި ވުމުން އޭގެ އަޑުން ސިޓީން ރޫމުތެރެ ފަޅުފިލައެވެ. ޓީވީއާ ކުރިމައްޗަށް ވާގޮތަށް ސޯފާސެޓު ބެހެއްޓިފައި ހުއްޓެވެ. ސޯފާތަކުގެ ފަހަތުން އެއްފަރާތުގައި ކޮޓަރި ދޮރެއް ހުރިއިރު އޭގެ އަނެއް ފަރާތުގައި ސިޑިއެވެ. ސިޑި ކައިރީގައި ހުންނައިރު ފަހަތުގައި ޖަހާފައިވާ ބިއްލޫރިތަކުގެ ސަބަބުން ބޭރު ރީތިކޮށް ފެންނަނީ ފަރުދާތަށް ކަޝްފުކޮށްލާފައިވާތީއެވެ. ސޯފާތަކުގެ ކަނާއަތްފަރާތުގައި ކަހާލެވޭ ގޮތަށް ފުޅާ ދޮރު ފަތެއް ހުއްޓެވެ. އެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުގެ ސަބަބުން ހަރުތަކުގައި ހުރި ފައިލްތަކާއި އެތެރޭގައި ހުރި ވަށް މޭޒު ކޮންމެވެސް ވަރަކަށް ފެނެއެވެ. ހީވަނީ ކުޑަވަރެއްގެ ލައިބްރަރީއެއް ހެންނެވެ. ނޫނީ ސްޓަޑީއެކެވެ. އެތަނުގެ އެއްފަރާތުން ވަދެވޭ ގޮތަށް ހުރި ގޯޅިގަނޑު ނިމޭހިސާބުގައި ބެލްކަންޏަށް ނުކުމެވޭގޮތަށް ބިއްލޫރި ދޮރެއް ހުއްޓެވެ. ގޯޅިގަނޑުގައި ހުންނައިރު މީހާގެ ވާތް ފަރާތަށް ވާގޮތަށް ވަދެވެން އިތުރު ކުޑަކުޑަ ގޯޅިގަނޑެއް ހުރިއިރު އެތަން ވަނީ ތުނި ފަރުދާއަކުން ފޮރުވާލާފައެވެ.
ފަރުދާތަށް ކަހާލާފައި ނުކުތް ހިންދުގެ ލޮލުގައި ޒީޝާން އަޅައިގަތުމާއެކު އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"އަނހާ. ދަރިފުޅާ. ތިއައީ ދޯ! "
"ޓީވީ ވެސް އަޅުވާފަ ހުރީމަ ހިތަށް އެރިޔޭ އަނެއްކާ މަންމަ ކޮބައިބާއޭ!" ހިންދުގެ އަތުގައި އޮތް ރިމޯޓަށް އިޝާރާތް ކޮށްލަމުން ޒީޝާން ވާހަކަ ދެއްކިއެވެ.
ޒީޝާންއަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެން.އެމް ހޯލްޑިންގްސްގެ ވެރިޔާ އިލްހާމްގެ ހުރި ހަމައެކަނި ދަރިފުޅެއެވެ. އިލްހާމްއަކީ ރާއްޖޭގައި ރިސޯޓް ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ އަދި ރިއަލް އެސްޓޭޓް ބިޒްނަސްގައި ވެސް ރާއްޖޭގައި ނަން ވިދާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އިލްހާމްއާއި ހިންދުއާ ދެމީހުން ދިމާވީ އެ ދެމީހުން ކިޔަވަން ޔޫކޭގައި އުޅުނުއިރުއެވެ. އޭރު ދެމީހުން އުޅޭ އެޕާރޓްމެންޓް ހުންނަނީ ދާދި ކައިރީގައެވެ. ގިނައިން ދިމާވަނީ ބަހުންނެވެ. އެގޮތަށް ދިމާވެ ވާހަކަ ދެކެވެން ފެށުނީއެވެ. އެއީ އެ ހިސާބުގައި އުޅޭ ހަމައެކަނި ދެ ދިވެހިންނަށް ވީތީ އާ ވެސް އެކުގައެވެ. ކައިވެނި ކުރެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސްއަހަރު ފަހުންނެވެ. އިލްހާމް އެކޭ އެއްގޮތަށް ހިންދުއަކީ ވެސް ތަނަވަސް ފޯރުންތެރި އާއިލާއަކުން އައިސްފައިވާ ކުއްޖެކެވެ. ކައިވެނި ކުރެވުނީ ދެއާއިލާގެ ވެސް ރުހުމުގައެވެ. ކައިވެންޏަށް ދެ އަހަރު ވީތަނާ ރާއްޖޭން ބޭރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިލްހާމްގެ މަންމަ މަލްކިޔާ އަދި ބައްޕަ ނިޔާފް ވަނީ ނިޔާވެފައެވެ. މަލްކިޔާ އަކީ ވެސް ޔޫކޭއަށް ނިސްބަތްވާ އަންހެނެކެވެ. ޒީޝާންގެ އަޅި ކުލައިގެ ދެލޯ އޭނާއަށް ލިބުނީ މަލްކިޔާގެ ފަރާތުންނެވެ.
އިލްހާމްއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއަށް ވުމާއެކު މަންމަމެން ނިޔާވުމަށްފަހު، އެން.އެމް ހޯލްޑިންސް ހިންގުމާ ހަވާލުވީއެވެ. އޭނާ ހިންގުމާހަވާލުވެ ހުރެގެން ވަނީ އެ ކުންފުންޏަށް އެތައް ގޮތަކުން ކުރިއެރުން ހޯދައިދީފައެވެ. މާލޭގައި ބޮޑު ގެއެއް ހުރި ނަމަވެސް، ހުޅުމާލެ ހިތްފަސޭހަކަމުން އޭނަ އެ ގެ ބަހައްޓާފައި ހުޅުމާލެއަށް ބަދަލުވީ ޒީޝާންގެ ވެސް އެދުމުގެ މަތިންނެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ އެގެއަށް ގޮސް އުޅެއެވެ. ސާފުކުރަން މީހުންނަށް މުސާރަ ދީފައި ބަހައްޓާފައި ތިބެއެވެ. މިހާރު އޭނާގެ އަމާޒަކީ އެތަން ބޮޑު ހޮޓެލަކަށް ބަދަލުކުރުމެވެ. މާލޭގައި ހުރި އޮފީސް ވެސް އޭނާ ދާދިފަހުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. އެމީހުން ދިރިއުޅޭ އެ އެޕާޓްމެންޓް ކޮންޕްލެކްސް އަކީ ވެސް އެ ކުންފުނީގެ ފަރާތުން އަޅާފައިވާ އެޕާޓްމެންޓް ކޮންޕްލެކްސްއެކެވެ. އެ އެޕާރޓްމެންޓްތައް ފަރުމާކުރިއިރު އިލްހާމް ވަނީ އޭނާ އުޅޭ ބައިގެ އެތެރޭން ވަދެވޭ ގޮތަށް ފެންޓްހައުސްއެއް ޓެރެސްގައި ހަދާފައެވެ. ބޭރުގައި ހުރި ލިފްޓުންވެސް އެރެނީ ވަކި ޚާއްސަ އެކްސެސް އެއް އޮވެގެންނެވެ. އެއީ ޚާއްސަކޮށް އޭނާގެ ހުރި ހަމަ ހަމައެކަނި ދަރިފުޅަށް ހަދާދީފައިވާ ޕެންޓްހައުސްއެކެވެ.
"ޒީޝާން ދަރިފުޅާ ! ފަޔަށް ކިހިނެއްވީ؟ މަޑު ފިޔަވަޅުތަކެއްގައި އައިސް ސޯފާގައި އިށީނުމާއެކު ޒީޝާންގެ ފައި ފެނި، ހިންދު ޒީޝާން ކުރެން އަހައިލިއެވެ. ޒީޝާން ފައި ފުރޮޅުނީ ކަމުގައި ބުނެލިއެވެ.
*****
ޖައުފަރު ހުރީ އޭނާ އުޅޭ ގޭ ދޮރު ހުޅުވައިލައިގެންނެވެ. އޭރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އިރުއިރުކޮޅަކާ މަގުގެ ދެކޮޅު ބަލައިލައެވެ. މަގުމަތިން ދުއްވާއެއްޗިއްސާ ހިނގާމީހުން މަދެއް ނުވެއެވެ. ޖައުފަރު އިރުއިރުކޮޅަކާ އަތުގައި އޮތް ގަޑިއަށް ބަލައިލައެވެ. ހީވަނީ ކޮންމެވެސް މީހަކަށް އިންތިޒާރުގެ ވަގުތުތައް ގުނަނީ ހެންނެވެ. އެހެން ހުރި އިރު އިރުއިރުކޮޅަކާ އޭނަ ބޮލުގައި ފިރުމާލަފާނެއެވެ. ވަށައިގެން ބަލައިލާނެއެވެ. ފުންނޭވާއެއް ދޫކޮށްލާނެއެވެ.
ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އޭނާ އެތަނުގައި ހުންނަތާ ގައިގަނޑަކަށް ފަނަރަ މިނިޓްފަހުން ގެ ކައިރިއަށް މަޑުކޮށްލި ސައިކަލު ފެނިފައެވެ. ސައިކަލުގައި ދެމީހުން ތިބިއިރު، އެކަކު އަތުގައި ދަގަނޑު ދާ ބޭނުންކޮށްގެން ހަދާފައިވާ ކޮއްޓެއް އޮތެވެ. އޭގެ ތެރޭގައި ގައިދުވެފައި އިން ކުކުޅުގެ އަޑު އިރުއިރު ކޮޅުން އިވިލައެވެ.
"އޭތް. މީނަ އަނެއްކާ މޮޅުވާނެތަ؟" ސައިކަލު ފަހަތުގައި އިން ކަމާލު ސުވާލުކޮށްލިއެވެ.
"އާނ... ބަރާބަރު ވާނެ" ކުރީގައި ދުއްވަން އިން ޝަފީޤު ބުނެލިއެވެ. ވާހަކަ ދެއްކީ ކިތަންމެ މަޑުންކަމަށްވިޔަސް އެ އަޑު ޖައުފަރަށް ރީތިކޮށް އިވުނެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
ސައިކަލުން އެ ދެ ޒުވާނުން ފޭބުމުން ޖައުފަރު އޮޅިން ބޭރަށް ނުކުމެލިއެވެ.
"ޖައުފަރު، މީ ކަމާލު. ކަމާލު، މީ ޖައުފަރު" ޝަފީޤު އެ ދެމީހުން ތަޢާރަފްކޮށްދިނެވެ. ކަމާލު ސަލާމަށް އަތް ދިއްކޮށްލިއެވެ. ޖައުފަރު އަތް ހިއްލާލައިފައި ސަލާމް ކޮށްލަންވެގެން އެ އަތުގައި ހިފައިލި ވަގުތު، ގޭގެ ދޮރު ވަރަށް ބާރަށް ޖެހުނެވެ. ތިން މީހުން ދިޔައީ ސިއްސައިގެންނެވެ. ޚާއްސަކޮށް ކަމާލުގެ މޫނުމަތިން ނުތަނަވަސްކަން ފެނި ދާހިއްލާލައިފިއެވެ.
ޖައުފަރު އެގެއަށް ވަންނަން ދަޢުވަތު ދިނެވެ. ބޭރުން އެގެއަށް ބަލައިލުމަށްފަހު، ކަމާލު، ބަލައިލީ ޝަފީޤުގެ މޫނު މައްޗަށެވެ. އެދެމީހުންގެ މޫނުމަތިން ފެނުނު އަސަރުތަކުން އެ ގެއަށް ވަންނަން ޖެހިލުންވާކަށް އެނގި ޖައުފަރު ހިނިތުންވެލިއެވެ.
"ދައްކަން ޖެހޭ ވާހަކަތައް ދައްކަން ފަސޭހަ ވާނީ އޭރުން." މަގުގެ ދެކޮޅަށް ދުއްވަމުން ދިޔަ އެއްޗެއްސަށް ޖައުފަރު ބަލައިލިއެވެ. ވިސްނާލުމަށްފަހު، ކަމާލުއާ ޝަފީޤާ ދެމީހުން އެގެއަށް ވަނެވެ. ގޭތެރޭގައި އޮތީ ފަނޑު އަލިކަމެކެވެ. އެތެރެއަށް ހަމަ ވަދެވުމާއެކު ކޮށީތެރޭގައި އިން ކުކުޅު ހަޅޭއްފަޅޭއް ޖަހަން ފެށިއެވެ. ހީވަނީ އެ ސޮރަށް ވެސް ބިރެއް ފެނިގެން އުޅޭ ހެންނެވެ. ކުކުޅު އެހާވަރަށް ހަޅޭއްލަވާތީ ކަމާލު ކަންބޮޑުވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޖެހިލުންވުމުގެ އަސަރުތަކެވެ.
"ހާސްނުވޭ..." ހިސާބަކަށް ކަންބޮޑުވެފައި ހުރި ޝަފީޤަށް ބަލައިލަމުން ޖައުފަރު ވާހަކަދެއްކިއެވެ.
އަތުގައި އޮތް ކޮށި ޖައުފަރު އަތަށް ދިއްކޮށްލަމުން ކަމާލު ވާހަކަ ދެއްކީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ.
"އެޑް ވާންސް ދިހަހާހޭތަ ބުނީ އޭރު؟" އޭނަ ސުވާލުކޮށްލިއެވެ. ޖައުފަރު ބޯ ޖަހައިލިއެވެ. ކަމާލު އޭނާގެ އަތުން ޖީބުން ނެގި ނޫޓު ބޮނޑި ޖައުފަރަށް ދިއްކޮށްލިއެވެ.
"އެހެންވެއްޖެއްޔާ އަހަރެން ބޭނުންވާކަންތައް ވާންޖެހޭނެ..." ކަމާލު ބުނެލިއެވެ.
" ބަރާބަރު ސާޅީސް ދުވަސް. ކަލޭ ބޭނުންވާ ކަންތައް ވާނެ..." ޖައުފަރު އޭގައި ހިފަމުން ޔަޤީން ކަމާއެކު ބުނެލިއެވެ.
"އެކަންތައް އަހަންނަށް ކާމިޔާބު ވެއްޖެއްޔާ، ކަލޭ ކީ އަގަށް ވުރެ ބޮޑު އުޖޫރައެއް އަހަރެން ކަލެއަށް ދޭނަން" ކަމާލު ބުނެލިއެވެ.
"އަހަރެން ބުނީމެއްނު ޖައުފަރު ބަރާބަރު ވާނެޔޭ، ދެން ބަލާ އެ ކަންތައް ވެސް ނިމުނިއްޔޭ!" ޝަފީޤު އެދެމީހުންގެ ވާހަކައިގައި ބައިވެރިވެލަމުން ބުނެލިއެވެ. ޖައުފަރާ ވާހަކަދައްކައިލުމަށްފަހު، ދެމީހުން އެ ގެއިން ނުކުތުމާއެކު ޖައުފަރު ގޭ ދޮރު ލައްޕައިލިއެވެ.
ޖައުފަަރު، އޭނާގެ އަތުގައި އޮތް ކުކުޅު ކޮށި ހިފައިގެން ހިނގައިގަތީ އެއްފަރާތުގައި ހުރި ލިޔާ މޭޒުކައިރިއަށެވެ. އޭރުވެސް އެ ކުކުޅު ހަޅޭއްލަވަމުން ދިޔައެވެ. ދެފަހަރަކު ކޮށީގައި ޖަހައިލުމުން ކުޑަކޮށް މަޑުވެލައިފައިވެސް، އަނެއްކާ ހަޅޭއްލަވަން ފެށިއެވެ. މޭޒުގެ ދަށުގައި އެ ކޮށި ބަހައްޓަމުން ޖައުފަރު ގޮނޑީގައި އިށީނެވެ. އެތަނުގައި ހުރި ގަނޑުތައް ހާވަމުން ކޮންމެވެސް އެއްޗެއް ހޯދަން އޭނަ މަސައްކަތް ކުރިއެވެ. ގޭތެރޭގައި ދިއްލާފައި ހުރި ބޮކި އެނދީ ވެސް އެ ވަގުތެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެތަނުގައި ހުރި ފުޅިބައްތި ދިއްލައިލާ އޭނަ އެ ގަނޑުތަކަށް އަލި ކޮށްލިއެވެ.
އެ ހޯދާ އެއްޗެއް ފެނުމުން އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު، ފުޅި ބައްތިއާއި، އެގަނޑުތަކާއި ކުކުޅު ކޮށްޓާ ހިފައިގެން އޭނަ ކައިރިވީ ބަދިގެބަޔާ ދިމާލަށެވެ. ބޮޑު މަސް ވަޅިއެއް ނެގުމަށްފަހު، ގޭތެރޭން އެތެރެއަށް ވަދެވެގެން ހުރި ދޮރު ހުޅުވާލާފައި ވަނެވެ.
އެއްފަރާތުގައި ހުރި ކޮޓަރިގަނޑުގެ ދޮރުފަތް ހުޅުވާލާފައި ޖައުފަރު ވަނެވެ. ހިނދުކޮޅަކަށް އޭނާގެ ނޭފަތުގައި ޖެހުނު ނުބައިވަހުގެ ސަބަބުން ނޭފަތުގައި އަތް އަޅާލައިގެން ހުރެވުނެވެ. މަޑުމަޑުން ނޭފަތް އެތެރެއަށް ދަމައިލަމުން އޭނާ ނޭވާ ލެވޭތޯ އުޅުނެވެ. އެތަނުގައި ވަނީ ފުޅި ބައްތީގެ އަލި އެކަނި ކަމުން ކޮޓަރި ތެރޭގެ ހާލަތު މާ ރަނގަޅަށް ނޭނގުނެއްކަމަކު، އެތަނުގައި ވި މުޑުދާރުކަން ސިއްރެއް ނުވިއެވެ. އެއްފަރާތު ފާރުގައި އޭރު ވެސް ލޭ ހިކިފައި ހުއްޓެވެ. މެދުގައި އަޅި ފުންޏެއް ހުރިއިރު ހީވަނީ ގިނަ އިރުތަކެއް ވަންދެން ކޮންމެވެސް އެއްޗެއް އަންދާފައި ހުރިހެންނެވެ. ޖައުފަރު ފުޅި ބައްތި އެއްފަރާތު ކަނުގައި ބަހައްޓައިލިއެވެ. އެތަނަށް ރީތިކޮށް އަލިވެގެން ދިޔުމާއެކު އެތަނުގައި ބާއްވާފައި އޮތް ފިލާގަނޑުގައި ހުރި ލޭތައް ސާފުކޮށް ފެނުނެވެ.
ޖައުފަރު ކުކުޅު ކޮށި ހުޅުވައިލިއެވެ. ކުކުޅުނެރުމަށްފަހު، އޭގެ ކަރުގައި ހިފިއެވެ. ފިލާގަނޑު މަތީގައި ކުކުޅު ބާއްވާފައި އޭގެ ކަރުގައި އޭނާ ގެންގުޅުނު ބޮޑު މަސްވަޅި ޖައްސައިލި އެވެ. ދެފަހަރަކު ތުން ތަޅުވައިލިތަން ފެނުނެވެ.
ކުކުޅުގެ ކަރުގައި ޖައްސާފައިވާ ވަޅިއަށް ބާރުކޮށްލި ޖައުފަރުގެ ތުންފަތް މަތީގައި ދުވެލީ ހިނިތުންވުމެކެވެ. އެ ކަތި ލުމަށްފަހު އޭނައޭގެ ލޭ މުޅި އަތުގައި ހާކާލިއެވެ.
އެއްފަރާތަށް ޖެހިލާ އެތަނުގައި ހުރި ކަބަޑެއްގެ ވަތްގަނޑެއް ހުޅުވައިލާ ނެގި ލޮއި ފޮތި ހިފައިގެން އައިސް އޭނަ ކަތިލި ކުކުޅުގެ ކައިރީގައި އިށީނދެލުމަށްފަހު، ދެފައި ވަށްކޮށްލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު، އޭނާ ގެނައި ގަނޑުތަކަށް ބަލައިލިއެވެ. އެއަށްފަހު، ތުން ތަޅުވަމުން އޭގައި ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. ނިންމާލުމަށްފަހު، ލޭތައް އޭނާގެ ހަތަރެސް ފައިގައި އުނގުޅިއެވެ.
*****
މެންދަމުން އަލިވެ ދެއެއް ޖަހާ ބޮޑުވެއްޖެއެވެ. ޖައުފަރު ގެއިން ނުކުމެ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދަން ބަލައިލި އެވެ. އޭނާގެ މިސްރާބުހުރީ އާސަހަރާ އާ ދިމާލަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައިރު އޭނާގެ އަތުގައި ގޮށްޖަހާލާފައިވާ ފޮތި ކޮތަޅެއް އޮތެވެ.
އާސަހަރާއާއި ހަމައަށް އާދެވުމާއެކު، ޖައުފަރު ވަށައިގެން ބަލާލިއެވެ. އެހިސާބުގައި ދިރޭފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. އެއްވެސް ފިކުރަކާއި ނުލައި މަޑުމަޑުންގޮސް އާސަހަރާ ތެރެއަށް ޖައުފަރު ވަނެވެ. ހަނދުވަރުގެ އަލިކަން މުޅިމާހައުލުގައި ފެތުރިފައިވީ ނަމަވެސް އެތާންގައި ވަނީ ފަޅުކަމެވެ. ނާމާން ކަމާއި ބިރުވެރިކަމެވެ. ކިތަންމެ ހަމަޖެހޭކަމަށް ހެދިގެން ހުރިނަމަވެސް، ފަހަތުގައި މީހަކު ހުރިހެން ހީވެގެން ޖައުފަރަށް ފަހަތް ބަލާލެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ދެފަރާތަށް ބޯހަލުވާލެވުމާއެކު ކުރަން އައި މަސައްކަތަށް އެނބުރުނު ޖައުފަރު ދިޔައީ ސިހިގެންނެވެ . ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ވެރިވެގެންދިޔަ ނުލަފާހިނިތުންވުމާއެކު، ކަނާތް ފަރާތު ފާރުކައިރީގައި ހުރި މަހާނަ ކައިރިއަށް ޖެހިލާ، ފަރުވާތެރިކަމާއެކު އެމަހާނައަށް އޭނާ ބަލާލިއެވެ.
(ނުނިމޭ)