"ތި ލޯބި ތިގޮތުގައި އޮތް ނަމަވެސް ތި ދެމީހުންނަށް ދިރިއުޅެން އުނދަގޫ ކުރާނަން. އެހެންނޫނީ މަގޭނަމަކަށް ބަތޫލްއެއް ނުކިޔާނެ!" ބަތޫލް ބުނެލިއެވެ. ފޯނު ހުޅުވައިލާ އެ ފޮޓޯތަކުގެ ސޮފްޓް އޭނާ ހޯދިއެވެ. އެ ފޮޓޯތައް ލީކްކޮށްލަން ބަތޫލް އަވަސްވެގަތީ އެ ދެމީހުންގެ ކިބައިން ރަނގަޅުބަދަލެއް ހިފުމަށެވެ. އޭނާއަށް ނުލިބުނު އުފަލެއް އެހެން މީހަކަށްވެސް ލިބިގެން ނުވާނެއެވެ.

*****

ކީ.ޓޮޕް.އެމް މެމޯރިއަލް ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްތެރެ ހަލަބޮލިވެގެން ދިޔައީ އެމަރޖެންސީކޮށް އިތުރު ޕޭޝަންޓެއް ގެންނާތީއެވެ. އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ޑޮކްޓަރެއް ކަމަށްވާ އައިހަމްއަށް ސިހުން ލިބުނީ އެއީ ބަތޫލްއަށް ވީތީއެވެ. ބަތޫލްއާއެކު ބަތޫލްގެ މައިންބަފައިން ވެސް ތިއްބެވެ. އައިހަމް އަކީ ސްކޫލް ދައުރުގައި ބަތޫލްއާ އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ.

"ވަޓް ހެޕެންޑް؟" އޭނާ ބަތޫލްއަށް ފަރުވާ ދޭން އަވަސްވެގަންނަމުން ބުނެލިއެވެ. އެ އަޑުގައި ކަންބޮޑުވުމާ ހާސްކަން ވިއެވެ. ބަތޫލްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ހަށިގަނޑުން ގިނަ އަދަކަށް ލޭފައިބައިފައި ވެއެވެ. ވާއަތް ބިނދެފައިވާއިރު ކަނާއަތުގެ ކަކުލުން ބޮޑުތަނެއް މަށައިގެން ގޮސްފައިވެއެވެ. ނޭފަތުން ވެސް ކޮންމެވެސް ވަރަކަށް ލޭފައިބައިފައި ހުއްޓެވެ. ޑޮކްޓަރުން ލަފާކުރީ އިންޓާރނަލް ބްލީޑިންވެސް ހުރިކަމުގައެވެ. ބަތޫލްގެ ހަރަކާތް އެކީކަހަލަ ގޮތަކަށް ހުއްޓިފައިވާއިރު، އޭނާގެ ވިންދު ދިޔައީ ހިނދެއް ހިނދަކަށް ދަށްވަމުންނެވެ.

"ބެލްކަނިން ތިރިއަށް ވެއްޓުނީ..." އެތަނުގައ ހަރަކާތްތެރިވަމުން ދިޔަ ނަރުހަކު ބުނެލިއެވެ. އެމީހުން އެންމެން އަތްމަތި އަވަސްކޮށްލައިގެން ދިޔައީ ބަތޫލްއަށް އަވަސް ފަރުވާ ދިނުމަށެވެ. ބަތޫލް ބާއްވާފައި އޮތް އެނދުގެ އެއްފަރާތުގައި ތިބި ބަތޫލްގެ މައިންބަފައިންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމެވެ.

"އަހަރެންގެ ދަރިފުޅު ސަލާމަތްވާނެތަ؟" މަރިޔަމް ރޮމުންރޮމުން ޑޮކްޓަރު ކުރެން އެއްސެވެ.

"މަރިޔަމް ހިތްވަރުކުރޭ. އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ!" މަރިޔަމްގެ ކޮނޑުގައި އަތް ޖައްސައިލާ އޭނާގެ ގަޔާ ކައިރިކޮށްލަމުން ބަތޫލްގެ ބައްޕަ މިހާދު ބުނެލި އެވެ. މިހާދު ގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރީ ލޯބިވާ އަނބިމީހާގެ ހައްގުގައެވެ. އޭނާ ހިތްވަރުނުދޭނަމަ މަރިޔަމްއަށް ވާނެގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ.

*****

ބަތޫލް ބެލްކަނިން ވެއްޓުނު ޚަބަރު ހަލުވި ކަމާއެކު މުޅި މާލެ ތެރެއަށް ފެތުރިގެން ދިޔައެވެ. ނޫސްތަކުގެ ހެޑްލައިންތައް އަނެއްކާވެސް ހޫނުވެގެން ދިޔައެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދިޔައިރު، އެއްބަޔަކު ބުނަމުން ދިޔައީ ބަތޫލް އަމިއްލައަށް މަރުވާން ފުންމައިލީ ކަމުގައެވެ. އަނެއްބައި މީހުން ބަތޫލް އެގޮތަށް އެކަން ކުރީ ބަތޫލްގެގެ ކައިވެނި ރޫޅުމުން ކަމުގައި ވެސް ބުނެ އަޑު ފަތުރަން ފެށިއެވެ. އަނެއްބަޔަކު ބުނަމުން ދިޔައީ ބަތޫލް ވެސް ކޮންމެވެސް ގޮތަކުން ވެއްޓުނު ބޯޓާ ގުޅުމެއް އޮންނަނީ ކަމުގައެވެ. އެ ހުރިހާ ކަމަކީ ވެސް އެކަކު ކުރަމުން ދާ ކަމެއްކަމުގައެވެ.

ބަތޫލް ވެއްޓުނު ޚަބަރު އަރްޒަންއަށް ވެސް ފުރަތަމަ ފެނުނީ ފޭސްބުކުންނެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"ކިހިނެއްވީ؟ ހާދަ ހާސްވެގެން ތި ބަަލަނީ؟" އަރްޒަންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ ޒީޝާން ބުނެލި އެވެ.

"ބަތޫލް!"

"ބަތޫލްއަށް ކިހިނެއްވީ... ވަރަށް ފޫހިވާ މީހެއް!" ޒީޝާން ބުނެލިއެވެ.

"އޭނާ ބެލްކަނިން ވެއްޓުނީ!" އަރްޒަން އަށް ޒީޝާންއަށް ބަލައިލެވުނެވެ.

"ކީކުރަން އުޅެން ހަދައިގެން؟" ޒީޝާން އަހައިލިއެވެ.

"ނޭނގެ އެއްގޮތަކަށް ވެސް!" އަރްޒަންއަށް ދެ ކޮނޑު އުފުއްލައިލެވުނެވެ.

"އަހަންނަށް ހީވަނީ އޭނަ އަމިއްލައަށް ކުރިކަމެއްހެން" ޒީޝާން އެހެން ބުނުމުން އަރްޒަން ސުވާލުގެ ނަޒަރަކުން ޒީޝާންއަށް ބަލައިލިއެވެ.

"ކިހިނެއް އަޅެ ތިބަލަނީ؟ އޭނައަށް ޒޭން ނުލިބުނީމަ މޮޔަވެގެން ކުރިކަމަކަށް ވެސް ވެދާނުން. ހަމަ ޕޮސިބަލް ދޯ" ޒީޝާން ބުނެލިއެވެ.

"ކިހިނެއް އެނގެނީ އެކަން؟ ވެދާނެ ހަމަ މީހަކު އޭނަ މަރައިލަން ހަމަލައެއް ދިނީކަމަށް ވެސް. ޒީ... މިހާތަކަށް މަރުވި ކޮންމެ މީހަކީ ވެސް އަހަންނާ ކޮންމެވެސް ގޮތަކުން ބައްދަލުވެފައި ހުރި މީހެއް. އަނެއްކާ ބަތޫލް ވެސް...." އަރްޒަންއަށް ބުނެވުނެވެ.

"އެހެން ކިހިނެއްވާނީ؟ ދެން އެހާ ހާސްނުވެބަލަ!" ޒީޝާންއައިސް އަރްޒަންގެ ކައިރީގައި ޖެހިގެން ކަހަލަ ގޮތަކަށް އިށީނެވެ. އޭނާ ބުނީ ހާސްނުވުމަށެވެ. އަދި އެހާ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމުގައެވެ.

*****

ޖިނާންއަށް ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ރަފްހާން ހައްޔަރުކުރެވުނީ ޖެހިގެން އައި ދުވަހުގެ ވަގުތެއްގައެވެ. އާރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީވެސް އޭގެ ފަހުންނެވެ. އެ ހުރިހާ އިރު އޭނާ ހޭދަ ކުރީ ޖިނާން ގާތުގަ އެވެ.

"އަހަރެން... ޖިނާ.... ވަރަށް ލޯބިވޭ!"

ލޯ މަރައިގެން އޮތް ޖިނާން ކަންފަތުގައި އާރާގެ އެ ބަސްތައް ޖެހުނީ ހިތްގައިމު މިއުޒިކެއްފަދައިންނެވެ. އޭނާ މަޑުމަޑުން ދެލޯ ހުޅުވައިލަމުން އާރާއަށް ބަލައިލިއެވެ. އާރާ ލަދުން އޭނާގެ ނަޒަރު ވަކިކޮށްލަމުން ދުރު ބަލައިލިއެވެ. އެއާއެކު ޖިނާންގެ ތުންފަތް މަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އާރާގެ ޖަންބުކުލަ އަރާފައިވާ ދެ ކޯތާފަތުގައި އޭނާ އަތް ޖައްސައިލިއެވެ.

"އަހަންނާ ދިމާލަށް ސީދާ އާރާ ތިހެން ބުނި ފުރަތަމަ ފަހަރުކަން އެނގޭތަ؟" ޖިނާން އަހައިލިއެވެ. އާރާ ލުއިކޮށް ހީލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.

*****

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އަޔާން އިންތިޒާރުކުރަމުން ދިޔައީ އޭނާއަށް ފޯނު ކޯލެއް އަންނާނޭ އިރަކަށެވެ. ލަސްތަކެއްނުވެ އޭނާގެ އެ އިންތިޒާރު ފުރިހަމަވީ ފޯނު ރިންގްގެ އަޑާ އެކުގައެވެ.

"ހަލޯ. އެކަން ވެއްޖެތަ؟"

"އާނ" އެކޮޅުން ބުނެލި އެވެ.

"އަހަރެން އޭނަގެ ނަންބަރު ހޯދައިފިން. ހަމަމިހާރު މި ފޮނުވައިލަނީ" އެކޮޅުން އެހެން ބުނެފައި ފޯނު ބޭއްވިއެވެ.

އަޔާންއަށް ނަންބަރު ހަމަ ލިބުމާއެކު، އޭނާ އަވަސްވެގަތީ އެ ނަންބަރަށް ގުޅާށެވެ. އެއީ އިންޑިއާ ނަންބަރަކެވެ. އޭނާ ގުޅިތާ މާގިނަ އިރެއްނުވެ އެކޮޅުން ފޯނު ނެގިއެވެ.

"ލޯންގް ޓައިމް ނޯ ސީ، ޔާން. ކިހިނެއް ކަންތައްތައް؟ އަހަރެން ލައްވާ ކޮން ބޮޑު ކަންތައްގަނޑެއް ކުރުވަން ތިއުޅެނީ؟" އެކޮޅުން ވާހަކަ ދެއްކީ އަޔާންގެ އެކުވެރިއެއްގެ، އެކުވެރިއެއް ކަމަށްވާ ތާމިރުއެވެ. ފުދޭވަރަކަށް ދިމާވެ ވާހަކަ ދެކެވިފައިވާތީ އަޔާންއާ ތާމިރުއާ ވެސް އޮތީ ފުދޭވަރަކަށް ގާތް ގުޅުމެކެވެ. އެ ގުޅުން ހީނަރުވީ ތާމިރު އިންޑިއާ ކުއްޖަކާ އިނދެގެން އިންޑިއާއަށް ބަދަލުވި ފަހުންނެވެ.

"އައި އެމް އޯކޭ މޭން. އެކަމަކު އަހަރެން މިދައްކާ ވާހަކަ އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނޫން. މިކަމާ ހެދި އަހަރެން ވެސް ބޯގޮވައިފި. އަހަރެން ބޭނުންވަނީ ކަމެއް ޔަޤީންކުރަން. އިތުރު ތަފްސީލް ދޭން ބޭނުންވަނީ ވެސް އެކަން ޔަޤީން ކުރުމަށްފަހު. އިހަށް އެއްވެސް ސުވާލެއް ނުކޮށް އަހަރެން މި ބުނާ ކަންތައް ކޮށްދީފާނަންތަ؟" އަޔާން ނޭވާ އަވަސްވެފައި ހުރެ ވާހަކަ ދެއްކިއެވެ.

"ތި ބުނަން އުޅޭކަމެއް ވެސް އެނގުނީމައެއްނު." ތާމިރު ބުނެލިއެވެ. އަޔާން ވާހަކަ ދައްކަން ފެށިއެވެ. އޭނާ ކަންތައް ކުރަންވީ ގޮތް ތާމިރަށް ކިޔައިދިނެވެ.

"އޭތް! އެކަމަކު...." ތާމިރު ދެން ބުނެލި ވާހަކައިން އަޔާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"އިތުރު ސުވާލެއްނުކޮށް އަހަންނަށް މިކަންތައް ކޮށްދީފާނަންތަ؟" އަޔާން އަށް އަހައިލެވުނެވެ.

"އަހަރެން ބަލާނަން އިނގޭ!" ތާމިރު ބުނެލިއެވެ.

"ބައިދަވޭ، ކީއްތަ ތިކުރަނީ ސޯޝަލް މީޑިއާއާއެހާ ދުރުގަ މިހާރު. ކިހާވަރަކަށް އަހަރެން ފޭސްބުކުން ވެސް ގޮވޭތޯ މަސައްކަތް ކުރިން... ދެން އަހަންނަށް ޔަޤީންކަން ދީބަލަ ކޮށްދޭނަން ކަމުގައި..." އަޔާން ބުނެލިއެވެ.

"މަސައްކަތުގެ ގޮތުން ހެހެ. އެނީވޭޒް. އަހަރެން އަޔާންއަށް ތިކަންތައް ކޮށްދޭނަން. އެކަމަކު މިތަނުން އެތަނަށް ދާން ވެސް ނަގާނެ ދެ ދުވަސްވަރު. އަހަރެން ހަބަރެއް ވާނަން އެހެންވީމަ!" ތާމިރު ބުނެލި އެވެ.

"ވަރަށް ބޮޑަށް ތޭންކްސް ތާމިރު... " އަޔާން ޝުކުރު އަދާކޮށްފައި ފޯނު ބޭއްވިއެވެ.

ތާމިރު ދެން ބުނާއެއްޗަކުން ހުރިހާ ހަޤީގަތެއްވެސް އެނގިދާނެއެވެ. އޭނާ އެންމެ ފުރަތަމަ އިންތިޒާރުކުރާނީ ތާމިރުގެ ޖަވާބަކަށެވެ. ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.

ފޯނު ބޭއްވި ގޮތަށް ތާމިރަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އޭނާ ހުރި ގޮތުން އަންހެނުން ސުވާލުވެސް ކޮށްލިއެވެ. އަންހެނުން ގާތުގައި ކަމެއްނުވެޔޭ ބުނެލި ކަމުގައި ވިޔަސް ތާމިރުގެ ސިކުނޑީގައި އެތަކެއް ޚިޔާލެއް ދައުރުވަމުން ދިޔައެވެ. އެހެންވާނީ ކިހިނެއްހެއްޔެވެ؟ އަޔާން މޮޔަވީ ހެއްޔެވެ؟

 

އޭނާ ގާތު އެއްވެސް ސުވާލެއް ނުކުރަން އެ ބުނީ ކީއްވެހެއްޔެވެ؟

*****

އައިސީޔޫގައި ތިން ދުވަހު ފަރުވާދިނުމަށްފަހު، އޭގެ އަނެއް ދުވަހު ފެތުރުނީ ބަތޫލް ކޯމާއަކަށް ދިޔަ ޚަބަރެވެ.

"ކޯމާއަކަށް ދިޔައިމަ މާ ބޮޑަށް ސަފަރ ކުރަން ޖޭހެނެ ދޯ" ޒީޝާން އަރްޒަންގެ ގައިގައި ބައްދައިލަމުން އަހައިލިއެވެ.

"ބައެއް މީހުން ބުނޭ ދޯ އެހެންވެސް" އަރްޒަން ޒީޝާންގެ އަތް އޭނާގެ އުނަގަނޑުން ނައްޓައިލަމުން ބުނެލި އެވެ.

"އަދިވެސް އޭނަ ދެކެ ލޯބިވޭތަ؟ އޭނަ އެއީ ކަމުދާ މީހެއް ނޫން. އެގޮތް އެވީވެސް ހަމަ ރަނގަޅަށް ކަމަށްވެދާނެ. އޭނަ އުޅެނީ އަބަދުވެސް ޒޭން ފަހަތުން. ދެން ނާންނާނެ ދޯ އަހަރެމެންނަށް އުނދަގޫކުރާކަށް. އަދި މަރެއް ނުވެއެއްނު! " ޒީޝާން ބުނެލިއެވެ.

"އޭނަ ކިތަންމެ ގޮތަކަށް އުޅުނަސް ދެރަގޮތެއް ވާކަން އަހަރެންވެސް ނޭދެން" އަރްޒަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އޭނަ ވެސް ޒޭންއަށް ހެޔޮ އެދެންޏާ އެހެންނެއް ނޫޅޭނެ ދޯ..." ޒީޝާން ބުނެލިއެވެ.

"ޒީ. އާދެބަ!" އަރްޒަން ޒީޝާންއާ ކުރިމަތިލިއެވެ. އޭނާ މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. ބުނަން އުޅޭ ވާހަކައިގެ ގޮތުން ފުންނޭވާއެއް ލާ އޭނާ ތައްޔާރުވެލިއެވެ.

(ނުނިމޭ)

ކޮމެންޓް 0