ޒީޝާންއާ ދިމާލަށް ބަލައިލުމަށްފަހު، އަރްޒަންއަށް އަނެއްކާވެސް ބަލައިލެވުނީ ދޮރާ ދިމާލަށެވެ.

މީ ކިހިނެއްވާނެ ކަމެއްހެއްޔެވެ؟ ޒީޝާން އެތަނުގައި ހުންނަން ވީ ކީއްވެހެއްޔެވެ؟ ޒީޝާން މީނީ އޭނާގެ ގާތުގައެވެ. އޭނާގެ ކުރިމަތީގައެވެ. މީހާއަށް ލިބުނު ހާސްކަމާއި ޝޮކަކުން ކަންނޭނގެއެވެ. ހިސާބަކަށް ބޮލަށް ބަރުވިހެން އަރްޒަންއަށް ހީވިއެވެ. މަޑުމަޑުން އޭނާއަށް، ބޮލުގައި ވެސް ހިފައްޓައިލެވުނެވެ. އިސްޖަހައިލައިގެން، ބޮލުގައި އަތް ޖައްސައިލައިގެން ކުޑަ އިރުކޮޅަކު ހުރުމަށްފަހު، އިސްއުފުލައިލާ އޭނާ ޒިޝާންއަށް ބަލައިލިއެވެ. އޭރު އެ ޒީޝާން ހުރީ އޭނާގެ ގާތުގައި އިން ޒީޝާންއަށް ބަލަހައްޓައިގެންނެވެ. އަރްޒަންއަށް ދެން ބަލައިލެވުނީ ޒީޝާންގެ ފަހަތުން ވަތް އަޔާންއަށެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މަޑުމަޑުން އަޔާންގެ ނަން ދުލުން ބޭރުކޮށްލެވުމާއެކު، އަނެއްކާވެސް އޭނާއަށް ބަލައިލެވުނީ ދޮރުމަތީގައި ހުރި ޒީޝާންއަށެވެ. ޒީޝާންގެ ނަޒަރު އޭރުވެސް ހުރީ ގޮނޑިއަށް ހުއްޓިފައެވެ. އޭނާވެސް ގޮނޑީގައި އިން ޒީޝާންއަށް ބަަލައިލިއެވެ. އޭރު އޭނާ އިނީ ސީދާ އަރްޒަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ތުންފަތްމަތީގައިވި މައުނަވީ ހިނިތުންވުން މާނަކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެ ލޮލާ ލޯ އަމާޒުވި ވަގުތު އެ ދެލޮލުން އާދަޔާ ޚިލާފް ވިދުމެއް ފެނުނެވެ. ހީވީ ހިނދުކޮޅަކަށް އެ ލޮލުގެ ކަޅި ހުދު ކުލައަކުން ދިއްލުނު ހެންނެވެ.

އަރްޒަންގެ މެއަށް ފިނިވެގެން ދިޔައެވެ. އަނގައިން ބަހެއް ބުނަން މަސައްކަތް ކުރި ނަމަވެސް އެކަން ކުރަން އޭނާއަށް ވަރަށް އުނދަގޫވިއެވެ. ހީވަނީ ދުލުގައި ވަރުގަދަ ތަޅެއް ލެވިފައި ވާހެންނެވެ. އެ ލޮލާ ލޯ ވަކިކޮށްލަން ވެސް އޭނަ ނުުޅެދުނެވެ.

އަނެއްކޮޅުން ޒީޝާންގެ ހާލަކީ ކޮބައިތޯއެވެ. ގޮނޑީގައި އޭނާގެ އަމިއްލަ ސޫރައިގައި އެއިނީ ކާކުހެއްޔެވެ؟ އެ ސުވާލު ހިތުގައި އޮއްވައި އޭނާއަށް ހާސްކަން ލިބި މީހާ ބިރުވެރިކަމުން ވަށައިލީ، އެމީހެއްގެ ލޯ ދިއްލުނު ތަން ފެނިފައެވެ. ސިކުނޑި ކޮންމެވެސް ދުރު ހަނދާނެއް ގެންނަން މަސައްކަތް ކުރަންފެށީ ދެނެވެ. އެއާއެކު މީހާއަށް ނުތަނަވަސްކަން ލިބެން ފެށިއެވެ. ބޮލުގައި ހިފައްޓައިލަމުން އޭނާއަށް މަޑު އާހެއް އަނގައިން ބޭރުކޮށްލެވުނެވެ.

"ޒީ. އާރ ޔޫ އޯކޭ؟" ޒީޝާންއަށް އަންނަމުން ދިޔަ ބަދަލު ފެނުމާއެކު، އަޔާންއަށް އަވަސް އަވަހަށް އަހައިލެވުނެވެ. ބޮލަށް އަރަމުން ދިޔަ ތޫނު ރިހުމުގެ ސަބަބުން ޒީޝާންއަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.

"ޒީ..." އާރާއަށް ޖނާންގެ އަތަށް ބާރުކޮށްލެވުނެވެ. އޭރު އޭނާއަށް ވެސް ބެލެނީ ފަހަރަކު މީހެއްގެ މޫނަށެވެ. ހިތްތެޅެމުން ދިޔައީ އެހާ ބާރަށެވެ. އޭނާގެ ދެފައި ކޮޅުން ވެސް ވަރު ދޫވާހެން ހީވިއެވެ. ޖިނާންގެ އޭނާގެ ކޮނޑުގައި ހިފައްޓައިލަމުން ގަޔާ ކައިރިކޮށްލި ކަމީ ވެސް ނަސީބެކެވެ.

"އަހަންނަށް އެ ދެލޯ ކޮންމެވެސް ތަނަކުންފެނުނު!. ހަމަ އަހަރެންގެ ސޫރަ، އެކަމަކު އެ ދެލޯ..." ޒީޝާންއަށް ބުނެވުނެވެ. އޭރުވެސް އޭނާ ހުރީ ބޮލުގައި އަތް އަޅައިލައިގެންނެވެ. އަޔާން ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެ މޫނުމަތިން ވެސ ް ފެންނަނީ ހާސްކަމެވެ.

"ޒީ. އިޓްސް އޯކޭ" އަޔާންގެ އަތް ކުޑަކޮށް ދުރަށް ޒީޝާން ޖައްސައިލިއެވެ. އަދިވެސް އޭނާއަށް އުނދަގޫވަނީއެވެ.

ގޮނޑީގައި އިން ޒީޝާންގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރިފަދަ ގޮތަކަށް އޭރުވެސް އަރްޒަން ހުއްޓެވެ. އޭރުވެސް އޭނާގެ ސިކުނޑީގައިވަނީ ހުސްކަމެވެ. އެކަމުގެ ސަބަބުން ކަންނޭނގެއެވެ. އޭނާއަށް އެ ނަޒަރު ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ. ހީވަނީ ބާރުގަދަ ސިހުރަކުން އޭނާ އެ ދެލޮލުގެ ތެރޭގައި ގައިދުކޮށްލާފައި ވާހެންނެވެ. ވާހަކަ ދެކެވުނީ ވެސް އިރުގަނޑެއް ފަހުންނެވެ.

"ކާކު ތީ؟" އަރްޒަންއަށް ދުލުން އެ ބަސްތައް ބާރުކޮށްލެވުނީ ހާސްކަމާ ކަންބޮޑުވުމާ އެކުގައެވެ.

"ދެން އެއީ ކާކު؟" އަރްޒަން ދޮރާ ދިމާލަށް ބަލައިލިއެވެ. ބޮލުގައި އަތް އަޅާލައިގެން ހުރެފައި އޭރު ޒީޝާން ވެސް އޭނާއާ ދިމާލަށް ބަލައިލަނީއެވެ.

ޒީޝާންގެ ނަޒަރު ހުއްޓުނީ ގޮނޑީގައި އިން އޭނާގެ ސޫރައިގެ ސިފައިގައި އިން މީހާ އާ ދިމާލަށެވެ. އެއާއެކު ކުލަ ފަނޑު މަންޒަރުތަކެއް އޭނާގެ ސިކުނޑީގައި ކުރެހެން ފެށުނެވެ. އުނދަގޫވިނަމަވެސް، ބޭއިޚްތިޔާރުގައި އޭނާއަށް އަމިއްލައަށް ވެސް ސިކުނޑިއަށް ބާރުލެވެން ފެށުނެވެ.

*****

އެއީ ރޭގަނޑެކެވެ. ފްލައިޓް ނިންމާލާފައި ގެއަށް އައިސް ޒީޝާން ކައިގެން އެރޭ ވާހަކަ ދައްކަން އޮތީ އާރާއާއެވެ. ބޮލުގައި ރިއްސަން ފެށުމުން އޭނާ ފޯނު ބާއްވަމުން ކުޑަ ދޮރު ކައިރިއަށް ގޮސްލީ، ދޮރު ނުލައްޕާ ހުރީތީ ދޮރު ލައްޕައިލުމުގެ ބޭނުމުގައެވެ. އެ ކުޑަ ދޮރު ކައިރީގައި ހުންނައިރު އެއްފަރާތުގައި އޮންނަ ބޯ ހުއިގަސްތައް ރީތިކޮށް ފެނެއެވެ. ދޮރުލައްޕަން އަތްގަނޑުގައި ހިފައިލި ވަގުތު އޭނާގެލޮލުގައި ކުރީ ރޭވެސް އަޅައިގަތް އަންހެން މީހާ އަޅައިގަތެވެ. މިރޭވެސް ވަކި ހިސާބަކުން ހުއްޓިފައި ހަމަ އޭނާއާ ދިމާލަށް ބަލައިލިއެވެ. ގައިން ހީބިހި ނެގި ޒީޝާންއަށް އަތުގައި ފިރުމައިވެސް ލެވުނެވެ. އަވަސް އަރުވާލާފައި އޭނާ ތަންޑު އަޅުވަން ވެގެން އުޅުނު ނަމަވެސް އަތުގައި ހީވަނީ މީހަކު ހިފައްޓާފައި ހުރިހެންނެވެ. އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އެއާއެކު ޒީޝާން ބިރުގަންނަން ފެށިއެވެ. އޭނާގެ އަނގައިން ވެސް އަޑު ބޭރެއް ނުވިއެވެ. ހަޅޭއްލަވަން ކުރިހާ މަސައްކަތް ވީ ބޭކާރެވެ.

ދެވަނަ ސިކުންތުގައި އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފް ފިނިކަމެއް ވެރިވާން ފެށިއެވެ. ކޮންމެވެސް ވަރަކަށް ދެފަޔާއި އަތަށް އައްސިކަންވެސް ވެރިވެގެން ދިޔައެވެ. މުޅި މީހާގެ ހަށިގަނޑަށް ވެސް އެ އައްސިކަން ދައުރުކުރިފަދައެވެ. މީހާގެ މުޅި ހަށިގަނޑު ވެސް އައްސިވާގޮތްވެ ކޮޅަށް ހުންނަން ދަތިވިއެވެ. އެކަމަކުވެސް އޭނާއަށް ހަރަކާތެއް ނުކުރެވުނެވެ. ބިރުން ހުރެވެސް އޭނާއަށް ބެލެނީ އެ މީހާއާ ދިމާލަށެވެ. އޭރުވެސް އެ މީހާގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. އެ ހިސާބު ފުސްވަމުން ދިޔަތަން އޭނާއަށް ފެނުނެވެ. ހީވަނީ ބޯ ދުންގަނޑަކުން މުޅި ސަރަހައްދު ހިސާރު ކޮށްލިހެންނެވެ. މަޑުމަޑުން އެ ދުންތައް އޭނާއާ ދިމާލަށް އަންނަހެން ވެސް ހީވިއެވެ. އިސާހިތަކު އެ ދުންތައް އެ އެޕާރޓްމެންޓް ކޮމްޕްލެކްސްގެ ގޯތިތެރެއަށް ވަދެއްޖެއެވެ. އޭނާގެ ކުޑަ ދޮރާ ހިސާބަށް ވެސް މެ އެވެ. އެ ދުންތައް އައިސް ގައިގައި ޖެހޭ ކޮންމެ ފަހަރަކު އޭނާއަށް ހީވަނީ ގަނޑުފެންތަކެއް ގަޔަށް އަޅައިލާ ހެންނެވެ. އެހާ ވެސް ފިންޏެވެ. ހަރަކާތްކުރެވުނީ ވެސް ދެނެވެ. މަޑުމަޑުން އެނބުރިލާ ކޮޓަރިތެރެއަށް އޭނާ ބަލައިލިއެވެ.

ކޮޓަރިތެރޭގައި ވެސް ވަނީ ހުސް ދުމެވެ. ބަލަން ހުއްޓާ އެ ދުންތައް ފަނޑުވެ އޭނާއާ ދިމާލަށް މީހަކު އަންނަމުން ދިޔަތަން ފެނުނެވެ. އޭރު ފިނިކަމުން ތުންފަތް ވެސް ތުރުތުރު އަޅަމުން ދިޔައެވެ.

އެމީހެއްގެ ސޫރަ އޭނާއަށް ފެނުނީވެސް ދާދި ގާތަށް އައިސް ހުއްޓުނު ފަހުންނެވެ. އެއީ ހަމަ އޭނާގެ ސޫރަ އެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމަ އަޅި ކުލައިގެ ދެލޮލެވެ. އޭނާގެ އިސްކޮޅވެ. އޭނާގެ ހަށިގަނޑެކެވެ. ހައިރާންކަމަށްވުރެ ބޮޑަށް ޒީޝާންގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.

"ކާކު... ކާކު؟" ބިރުން ހުރި ވަރުން ޒީޝާންއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ. އެ އަޑުގައިވެސް ހުރީ މަޑު ތުރުތުރު އެޅުމެކެވެ. އަޑު ނުކުތީވެސް ކިރިޔާ އިވޭ ވަރަށެވެ. ވައި އަޑުންނެވެ.

"އަހަންނަކީ ޒީޝާން!" ކުރިމަތީގައި އޭނާގެ ސޫރައިގައި ހުރި މީހާ ވައި އަޑުން ބުނެލުމާއެކު، ދެލޯ ވެސް ދިއްލުނެވެ. ހުދު ކުލަ އަކުންނެވެ. ދެމީހުންގެ ލޯ އަމާޒުވީ ވަގުތު ޒީޝާންގެ ލޮލުން ދިލައެއް ނަގަން ފެށިއެވެ. އާއެކު އެ ދެލޮލަށް ބަލަން ނުކުޅަދާނަވެގެން ޒީޝާންއަށް ދެލޮލުގައި އަތް އަޅައިލެވުނެވެ. ވޭނީ އާހެއް އޭނާއަށް ބޭރުކޮށްލެވުނެވެ.

"އަހަންނަށް ހުރަސް އަޅާ ކޮންމެ މީހެއްގެ އަދަބަކީ މަރު. ހަނދާންކުރާތި!" ބޮލަށް އެބުރުން އަރައި މޫނު މައްޗަށް އަނދިރިވަމުން ދިޔަ ވަގުތު އޭނާގެ ކަންފަތް ދޮށުގައި މަޑުމަޑުން އެމީހަކު ބުނެލި އަޑު އިވުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. ހޭލެވުނުއިރު އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގައެވެ.

*****

ޒީޝާންއަށް އަނެއްކާވެސް ބޮލުގައި އަތް އަޅައިލެވުނެވެ. ވެރިވަމުން ދިޔަ ހަނދާންތަކުން އޭނާއަށް އަސަރުތަކެއް ކުރަން ފެށިއެވެ. އެރޭ އޭނާއަށް ހޭލެވުނުއިރު ވެސް އެއްވެސް ކަމެއް ހަނދާނަކު ނެތެވެ. އެ ހާދިސާ ވަނީ އޭނާގެ ސިކުނޑިން ފުހެވިފައެވެ. ވީ ގޮތް މި އެނގުނީ އަދިކިރިޔާއެވެ. އޭނާ އެރޭ ހުރީ ކޮންތާކުހެއްޔެވެ؟ އަމިއްލަ ގޭގަ ހެއްޔެވެ؟ ވިސްނެމުންދިޔަ ވަރަކަށް މޭގައި ވެސް ރިއްސަމުން ދިޔަހެން ހީވިއެވެ. ހީވަނީ މޭ ފިތެމުން ދިޔަހެންނެވެ.

މަޑުމަޑުން އޭނާއަށް އިޝާރާތް ކޮށްލެވުނީ، ގޮނޑީގައި އިށީނދެގެން އިން މީހާއާ ދިމާލަށެވެ. އެމީހާއާ ދިމާލަށް ކިޔަންވީ ކީކޭކަމެއް އޭނާއަކަށް ނޭނގުނެވެ. އެއީ ފުރާތައެއްހެއްޔެވެ؟ ހަންޑިއެއްހެއްޔެވެ؟ ނޫނީ ޖިންނިއެއްހެއްޔެވެ؟ އޭނާއަށް ޔަޤީންވާ ހަމައެކަނި ކަމަކީ އެއީ އިންސާނެއް ނޫންކަމެވެ. އެ މީހަކާ އޭނާއާ މާ ކުރިންވެސް ބައްދަލުވެފައި ވާކަމެވެ.

"ޒީ. އާރ ޔޫ އޯކޭ؟' އަޔާންއަށް އަނެއްކާވެސް އަހައިލެވުނެވެ. އޭނާގެ އިޝާރާތާއެކު ބޭރުގައި ހުރި މީހަކު އެތެރެއަށް ވަނެވެ. އެމީހާ ފެނުމާއެކު ޒީޝާންގެ ސޫރަގައި ހުރި އެތީގެ ލޮލުގެ ވިދުން ގަދަވިތަން އަޔާންއަށް ފެނުނެވެ.

ކޮންމެވެސް ވަރަކަށް އެނބުރުން އަރައި ގޮތްވެ ދެލޯ މައްޗަށް ފުސްވަމުން ދިޔަ ނަމަވެސް ޒީޝާން ކެތްކުރަން މަސައްކަތް ކުރިއެވެ.

"ޒީ...އިޒް ދެޓް ޔޫ؟" އާރާ ހަމައަކަށް އެޅުނީ އެތައްއިރެއް ވީ ފަހުންނެވެ. ޒީޝާންއަށް ބަލައިލަމުން އާރާ އަހައިލިއެވެ. އެ އަޑުގައިވެސް ތުރުތުރު އެޅުމެއް ހުއްޓެވެ. ޚުދު އާރާގެ އަތުގައި ހިފައިލައިގެން ހުރި ޖިނާންވެސް ހުރީ ބަހެއް ބުނަން ނުކުޅެދިފައެވެ. ވާނުވާ އޭނާއަކަށް ވެސް ނޭނގެއެވެ.

އިރުފާންއާ ދިމާލަށް ބަލައިލަމުން، ޒީޝާންގެ ސިފައިގައި އިން ޖިންނި ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. އަޔާންއަށް ހިންދިރުވައިލެވުނެވެ. އޭނާ ހުރީ ހަޤީގަތުގައި ވެސް ކަންބޮޑުވެފައެވެ.

އޭގެ އިރުކޮޅެއް ފަހުން މުޅި އެތަނަށް ދުންތަކެއް ފެތުރިގަތެވެ. އައި ނައިތަނެއް ނޭނގެއެވެ. އެ ދުންތަައް ފެތުރިގަތް ވަގުތު ތަނަށް ހޫނުކަން ވެރިވި ނަމަވެސް ދުންތައް ބޯ ވަމުން ދިޔަވަރަކަށް ފިނިވަމުން ދިޔައެވެ. ތަނަށް ފުސްކަން ވެރިވަމުންދިޔަ ވަގުތު އިރުފާނަށް ވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކުރިމަތި މި ލެވެނީ ކިހާ ވަރެއްގެ ކަމަކާކަން އޭނާއަށް ވެސް ރޭކާލީ ދެނެވެ. އަންނަން ވެގެން ތައްޔާރުވި ނަމަވެސް މިއީ މި ވަރު ކަމަކަށް ވެދާނެޔޭ އޭނާއަށް ވިސްނިފައި ނެތީއެވެ. އޭނާއަކީ ދާދިފަހުން މިކަމުގެ ތެރެއަށް ވަތް ކުއްޖެކެވެ. ޒުވާނެކެވެ. މާގިނަ ތަޖުރިބާއެއް ވެސް ނެތެވެ. ޖެހިލުންވީ ވެސް އެހެންވެއެވެ.

*****

ދުންތައް ފެތުރިލާފައި ދެން ތަނަށް ސާފުކަން ވެރިވަމުންދިޔަ ވަގުތު، ގޮނޑީގައި އިން މީހާ ގެއްލުނުތަން ޒީޝާންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ބޮލަށް ގޮތް ވާން ފެށިއެވެ. އެކީ ތަން ސާފުވިއިރު އެތަނުގައި މިހާރު ގޮނޑީގައި އިން މީހާގެ ހިލަމެއް ވެސް ނެތެވެ. އަރްޒަންއަށް ލިބުނު ސިހުމުގައި ގޮނޑީގައި ހިފައްޓައިލެވުނީ ފައިން ވަރުދޫވެ ބިންމައްޗަށް ވެއްޓެން އުޅޭހެން ހީވުމުންނެވެ. އޭނާއަށް ބަލައިލެވުނީ ދޮރު މައްޗަށެވެ. އަޔާންއާ ދިމާލަށެވެ. އިރުފާންއާއެކު އަޔާން ވެސް ކުރިއަށް ޖެހިލިއެވެ. ޒީޝާން ހުރީ ހުރި ފިޔަވަޅު މަތީގައެވެ.

"ޒީ..." އަޔާން ގޮވައިލި ނަމަވެސް އޭނާއަށް އަޔާންއާ ދިމާލަށް ބަލައިލެވޭ ގޮތެއް ނުވެއެވެ. ދެލޯ ބޮޑުކޮށްލައިގެން ޒީޝާން ހުރިއިރު އޭނާއަށް ފުންނޭވާތަކެއް ބޭރުކުރެވެން ފެށުނެވެ. އޭނާގެ ހަނދާނަށް އަންނަން ފެށީ ބޯޓު ވެއްޓުނު ހާދިސާގެ މަންޒަރުތަކެވެ. އެރޭ އޭނާއަށް ފެނުނު އާދަޔާ ޚިލާފް މަންޒަރެވެ.

ޒީޝާންގެ ކުރިމަތީގައި މީހަކު ހުރި ހަނދާނެއް ވިއެއްކަމަކު ސީދާކާކުކަމެއް ނޭނގުނެވެ. ބޯޓު ދެފަރާތަށް އަރިވާން ފެށުމާއެކު އޭނާގެ ކުރިމަތީގައި ހުރި މީހަކު އޭނާއާ ދުރަށް ހިނގައިގަތްތަން ފެނުނެވެ. ހަމައެއާއެކު ބޯޓު ތެރެއަށް ވެއްޓުނު އެއްޗެއް އޭނާ ނެގި ހަނދާނެއް ވެސް ވިއެވެ.

އެއާއެކު ހުއްޓުން އަރާފައި ހުރި ޒީޝާންއަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ އަތުގެ އިނގިއްޔަށެވެ. އެ އިނގިލީގައި އިން އަނގޮޓިއަށެވެ.

އެރޭ ބޯޓު ތެރެއަށް ވެއްޓުނު އަނގޮޓި ނަގައި އަތުގައި އަޅައިލަމުން އޭނާ ކުރިމަތި ބަލައިލިވަގުތު އޭނާއާ ކުރިމައްޗަށް ވީގޮތަށް އޭނާގެ ސޫރައިގައި މީހަކު ހުރިތަން ފެނުނެވެ. އެމީހާ ވަށައިގެން ދުންތައް ވެރިވާން ފެށިތަންވެސް އޭނާއަށް ފެނުނެވެ. ހަމައެއާއެކު އެ ދުންތައް ހިނދެމުން ދިޔަވަގުތު އެމީހަކު ގެއްލުނު ތަން ވެސް މެއެވެ.

ވެރިވަމުން ދިޔަ ހަނދާންތަކުގެ ސަބަބުން ސިކުނޑިއަށް ބާރު ބޮޑުވެ ޒީޝާން އަރިއަޅައިލާ ގޮތްވިއެވެ. މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރާ ޒީޝާން ވެއްޓެން ދިޔައެވެ. އެ ވަގުތު ކޮންމެވެސް މީހަކު ވަރަށް ބާރަށް އައިސް އޭނާގެ އުނަގަނޑުގައި ހިފައްޓައިލިކަން ޒީޝާންއަށް އެނގުނެވެ.

(ނުނިމޭ)

ކޮމެންޓް 0