ޒީޝާންގެ އަތުގައި އެވަނީ އޭގެ އަނެއްބައެވެ. އޭނާ އަނގޮޓި ހެދީ އޭގެ އަނެއް ކަންފަތުލާ އެތި ބޭނުންކޮށްގެންނެވެ. އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ޒީޝާންއަށް ވެސް އޭނާގެ އަތަށް ބަލައިލެވުނެވެ. އޭނާގެ އަތުގައި އެވަނީ އަރްޒަން މަންމަގެ ހަނދާނެއްހެއްޔެވެ؟ އެ ކަންފަތުލާ އެތި ޒީޝާން އަތަށް ދީފައި އަރްޒަން އަނެއްކާވެސް ފޮށި ހާވައިލިއެވެ. އޭނާގެ އަތުގައި ކަރުދާސްގަނޑެއް ޖެހުމުން އެ ކަރުދާސްގަނޑު ނަގާފައި އޭނާ ބަލައިލިއެވެ. އެއީ ފޮޓޯ ގަނޑެކެވެ. އޭނާއަށް ބަލައިލެވުނީ ފިރާޤަށެވެ. އޭގައި ވަނީ އަންހެނަކާ ފިރިހެނަކާ ތުއްތުތުއްތު ކުއްޖެކެވެ. އޭނާއަށް އެއީ ކޮން ބައެއްކަން އެނގުނު ނަމަވެސް ފިރާޤު އެހެން ބުނެލާ އަޑު އަހާލާ ހިތްވީއެވެ.
"މީ..." ތަނަށް ވެރިވެފައިވީ ހިމޭންކަން ފޫދުއްވައިލަމުން އަރްޒަން ފިރާޤަށް ފޮޓޯގަނޑު ދައްކައިލިއެވެ.
"ތީ އަރްޒަންގެ މަންމަ... ދެން މިހުރީ ޖައުފަރު... އަރްޒަންގެ ބައްޕަ... ދެން މީ އަރްޒަން..." ފިރާޤު ފަހަރަކު މީހެއްގެ މޫނަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
"އަދިވެސް މީގެ ތެރޭގައި އެހެން ފޮޓޯތައް ހުންނަން ޖެހޭނެ..." ފިރާޤު ބުނެލިއެވެ. އެމީހުން އެފޮށި ރަނގަޅަށް ބެލިއެވެ. އޭގައި ހުރީ ހުސް ޖުމައިލާގެ ސާމާނެވެ. މަންމަގެ މަރުގެ އަސްލަކީ ބައްޕަ ކަމުގައި އަރްޒަންގެ ސިކުނޑިއަށް ވިސްނިފައިވާތީ އޭނާގެ ހިތުގައި ޖައުފަރާ މެދު އިންތިހާ ނަފުރަތު އުފެދިފައިވެއެވެ.
"ހުރިހާކަމެއްގެ ފެށުމާ ހުރިހާ ނުބަޔަކީ ވެސް ޖައުފަރު..." އޭނާއަށް ބުނެވުނެވެ. ޖައުފަރަށް ބައްޕަ އެ ލަފުޒުން ނިސްބަތް ކުރަން އަރްޒަންއަށް އުނދަގޫވިއެވެ. ސިހުރުވެރިއެއްގެ ދަރިއަކަށް އޭނާ ވީތީ ޝަކުވާކުރެވުނެވެ.
"ޖައުފަރުގެ އާއިލާއަކީ ވެސް އެކަހަލަ އާއިލާއެއް. އަހަރެން އަޑު އަހަނީ ޖައުފަރުގެ މަންމަ ވެސް މަރުވީ އެކަހަލަ ކަމެއްގައޭ ކިޔާ އަޑު... ހަޤީގަތުގައި ޖައުފަރަށް އެކަމުގެ ތެރެއަށް ވެއްދި މީހަކީ ޖައުފަރުގެ ކާފަ... އަރްޒަންގެ މުނި ކާފަ..." ފިރާޤު އޭނާއަށް އެނގޭ ވަރަކުން އަރްޒަންއަށް ކިޔަދިނެވެ.
"އޭގެ ފަހުން ފިރާޤުބޭ އާ ޖައުފަރާ ދިމައެއް ނުވޭތަ؟ މި ބުނީ އެކަންތައް ހިނގިފަހުން..."
"އާނ... ޖުމައިލާމެން ނިޔާވުމަށްފަހު، ޖައުފަރެއް ނުފެނޭ... އޭނާވެސް މާލެ ބަދަލުވީ... އަހަރެންވެސް ރާއްޖޭން ބޭރުގައި އުޅުނިން ފުދޭަވަރަކަށް ދުވަހު. އުޅެފައި މާލެ ބަދަލުވީ. އެއަށްފަހު ރުޤުޔާ ކުރުންވެސް ހުއްޓައިލީ... އޭގެ ފަހުން އެއް ދުުވަހު އަހަންނަށް ޖައުފަރު ފެނުނީ މާވެޔޮ މަގު މިސްކިތް ކައިރިން..."
"ފިރާޤުބެއަށް ކިހިނެއް އަހަންނަކީ އޭނަގެ ދަރިއެއްކަން އެނގުނީ...؟" އަރްޒަން ސުވާލުކޮށްލިއެވެ.
"އަރްޒަން... ފެނުނީ ޓީވީ އިންޓަރވިއުއިން... އަހަރެން އޭރު އަރްޒަން ހިޔާއަށް ލާފައި ރާއްޖޭން ބޭރަށް ވިއްޔަ ދިޔައީ... އޭގެ ފަހުންވެސް އަރްޒަން މަތިން ހަނދާންހުރި... " ފިރާޤު ބުނެލިއެވެ.
"މަންމަ..." އަރްޒަންއަށް ފޮޓޯގަނޑުގައި އަތް ޖައްސައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ޒީޝާންއަށެވެ. ޒީޝާން އަރްޒަންގެ ކައިރިއަށް ޖެހިލައި އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"އަހަރެން ބޭނުން މިހުރިހާ ސާމާނެއްވެސް ގެންދަން. މަންމަގެ ސާމާނުތައް މިތަނުގައި ބަހައްޓާކަށް ބޭނުމެއް ނޫން..." އަރްޒަން ބުނެލިއެވެ.
"އަހަރެން ބޭނުން ދިޔުމުގެ ކުރިން މަންމަގެ މަހާނަ ދެކިލަން... " އަރްޒަން އަނެއްކާވެސް ފިރާޤަށް ބަލައިލިއެވެ. ފިރާޤު ބޯ ޖަހައިލިއެވެ. އޭނާ އަރްޒަން ގާތު ބުނީ މިއަދު މާ ލަސްވެއްޖެ ކަމުގައެވެ. އޭނާ އަރްޒަން ގޮވައިގެން ގަބުރުސްތާނަށް ދާނޭ ކަމުގައެވެ.
"އަރްޒަން އަކީ ޒިންމާދާރު ރަނގަޅު ކުއްޖަކަށް ވީތީ އަހަރެން މިއަދު އުފާކުރަން... ފަހުން ޖައުފަރު އަރްޒަން ހޯދަން ނޫޅުމަކީވެސް ލެއްވި ނަސީބެއްކަމުގައި އަހަރެން ދެކެނީ........" ފިރާޤު ބުނެލިއެވެ.
******
ރޭގަނޑެކެވެ. އަޔާން އޮތީ ގޭތެރޭގައި ހުރި ޖޯލީގައި އޮށޯވެލައިގެންނެވެ. އޭނާގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. ޖެހެމުންދިޔަ ތެތްފިިނި ވައިރޯޅިތަކުން އޭނާގެ އެތެރެ ހަށީގައި އުފެދިފައިވާ ތޫފާނަށް ލުޔެއް ހޯދައެއް ނުދެވުނެވެ. ހަނދުވަރުގެ އަލިކަން އެތަނުގައި ހުރި ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިންމައްޗަށް އެޅިފައިވާ ގޮތް ކިތަންމެ ހިތްގައިމު ނަމަވެސް އަޔާން އޮތީ ލޯ މަރާލައިގެންނެވެ. ރައުދާގެ މޫނުމަތިން މާޔޫސްކަން ފެންނާތީ އަޔާންއަށް ވިސްނެނީ އެކަމާ ދޭތެރޭގައެވެ.
އަރްޒަންއާ ޒީޝާންއާ ދެމީހުން ބޭރުން އައިސް ގެއަށް ވަތްއިރުވެސް އަޔާން އޮތީ އެގޮތަށެވެ.
"އަހަރެން ވަދެލަނީ އެތެރެއަށް..." ޒީޝާން ބުނެލިއެވެ. އެއަށްފަހު އޭނާ އަރްޒަންގެ އަތުން ދޫކޮށްލިއެވެ. އަރްޒަން ވެސް ހީލަމުން ބޯ ޖަހައިލިއެވެ. އަޔާން ލޯ ހުޅުވައިލީ އެ ދެމީހުންގެ ވާހަކައިގެ އަޑަށެވެ.
"ޔާން... ކޮން ދުނިޔެއެއްގެ ތިއުޅެނީ؟" ޒީޝާން އެތެރެއަށް ވަނުމާއެކު އަރްޒަން އަޔާންއަށް ގޮވައިލަމުން ޖައްސައިލީ ޖޯލީގައެވެ.
"ހޫން. މާ ފޮޅުވާ ވަރަކަށް ފޮޅުވާފަތަ ތިއައީ؟" ނުތަނަވަސްކަން ފޮރުވުމުގެ ގޮތުން އަޔާން ހީލިއެވެ. އަޔާންގެ އެ ނުތަނަވަސްކަން އަރްޒަންއަށް ސިއްރު ނުވިއެވެ. އެހެންނަމަވެސް އޭނާ އެހަށް އެ މައުޟޫ ފަސްކޮށްލިއެވެ.
"އެހެރީނު ރައު، ދެން ދޭބަލަ ރައުއާ އެކީ މާ ފޮޅުވަން..." އަރްޒަން ވެސް ބުނެލިއެވެ. އަޔާން އޭނާގެ ހަށިގަނޑު ސީދާކޮށްލާ އަރްޒަންއާ ދިމާލަށް ބަލައިލިއެވެ.
"ހެހެ... ރައު ދޯ!"
އަޔާން ހިނިގަނޑެއް ޖަހައިލިއެވެ.
"ޔާން... ބައިދަވޭ... ރައު އޯކޭތަ؟" އަރްޒަން ކުއްލިއަކަށް އަހައިލިއެވެ. އެއާއެކު އަޔާންއަށް އަރްޒަންއަށް ބަލައިލެވުނެވެ. އަރްޒަންގެ އަޑުގައި ހުރި ސީރިއަސްކަމުން އަޔާން ޖެހިލުންވިއެވެ.
"ކިހިނެއްވީ؟" އަޔާންއަށް އަހައިލެވުނީ ކުޑަކޮށް ހާސްވެފައެވެ. އޭނާ ހީކުރީ ރައުދާ ބަލިވީކަމަށެވެ.
"ކަމާލުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި ވަޒީފާއިން ވަކިކުރި ޚަބަރު އަޑު އެހިން، އޭނާ ހުރީ މިހާރު ފުލުހުންގެ ބަންދެއްގަ ކަމަށް ވަނީ... ރައުއަށް އެނގޭނެ... އަންވަރު ސާރ ގުޅާފަ މިއަދު ބުނީ... އަނެއްކޮޅުން ޚަބަރުގަ ވެސް އެވާހަކަ އޮތް ކަމަށްވަނީ...މީހުން ރައުދާ ދިމާލަށްވެސް އެއްޗެހި ކިޔާނެ ދޯ...!" އަރްޒަން ބުނެލިއެވެ.
"އޭނައަށް ވާންވީ ގޮތް އެ ވީ... ރައު އެހެންވެތަ އެހާ ދެރަވެފަ މިއަދު އެ ހުންނަނީ..." އަޔާންއަށް ބުނެވުނެވެ.
"ރައު ކަމާލު ގާތުން ވަރި ވިޔަސް އެއް އިރެއްގައި އެއީ ވެސް ކަމާލުގެ އަންހެނުން ދޯ އެހެންވީމަ މީހުން އިނގިލި ދިއްކުރާނެ... ބީ ވިތް ހާރ ޔާން..."އަރްޒަން ބުނެލިއެވެ.
"އިއްދަ ހަމަވީމަ ދޯ ކަމެއް ވާނީ... ރައު ހުންނަނީ މިހާރު އަހަރެންގެ އިޝާރާތަކަށް ބަލަބަލާ. އެކަމަކު ކުޑަކޮށް ތަޅުވާލާފަ ދޯ ވާނީ... މިހެން ބުންޏަސް ކެތްވާނެބާއޭ މި ހިތަށް އަރަނީ މިހާރު..." އަޔާންއަށް ބުނެވުނެވެ.
"ހެހެ... "
" ތިހެން ހުއްޓާ އެހެން މީހަކު ރައު ފަހަތުން އުޅެފާނެ..." އަރްޒަން ބުނެލިއެވެ.
ދެ އެކުވެރިން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.
ޖެހިގެން އައި ތިން ދުވަހުވެސް އެމީހުން ހޭދަކޮށްލީ ކުޑަކޮށް މަޖާކޮށްލުމުގެ ބޭނުމުގައެވެ. ރަށު ތެރެ ބަލައިލާ އެ މާހައުލު ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައެވެ.
*****
އަރްޒަންމެން ފުރަން ހަމަޖެހުނީ އެ ހަފްތާގެ ހޮނިހިރުދުވަހުގައެވެ. އޭގެ އެއް ދުވަސްކުރިން ފިރާޤު ވަނީ އޭނާގެ އަންހެނުންނާ އަރްޒަންގެ މަންމަ ޖުމައިލާ ވަޅުލާފައިވާ ސަހަރާއަށްވެސް އަރްޒަން ގެންގޮސްފައެވެ. އަރްޒަން އޭނާގެ މަންމަގެ ފުރާނައަށް ރަޙްމަތް ލެއްވުން އެދި ދުޢާ ކުރިއެވެ.
ކަންދިމާކުރި ގޮތުން އަރްޒަންމެން ފުރަން އޮތް ފްލައިޓްގައި އެއް ކެބިންކްރޫއަކަށް ހުރީ ޒޭބާއެވެ. ކޯ ޕައިލެޓަކަށް ހުރީ ނާއިމް އެވެ.
ބްރީފިންއަށްފަހު ފްލައިޓްއަށް އަރަންދިޔަ ދިޔުމުގައި ނާއިމް އިރުއިރުކޮޅަކާ ޒޭބާއަށް ބަލައިލައެވެ. ޒޭބާއާއެކު ދެން ހުރި ކުއްޖާއަށް އެކަން ފާހަގަވެ އޭނާ ނާއިމް ފަސް އެނބުރުމުން ވާހަކަ ދެއްކިއެވެ.
"އޭތް، ނާއިމް ހާދަ ވަރަކަށޭ ޒޭބްއަށް އެ ބަލަނީ... އެވަރުން ފަހަތުން އުޅޭއިރު ދެން ޗާންސް އެއް ދޭންވީނު. މޫވް އޮން ޒޭބް. ތިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ. މިތަނުގައި ނާއިމްއަށް ކަޅި އަޅާ އަޅާ ތިބޭ ކުދިން މަދެއްނޫނޭ..." ޒޭބާއަށް ނާއިމްއަށް ބަލައިލެވުނެވެ. ނާއިމް ކިތަންމެ ހާވެސް ފިރިހެންވަންތައެވެ. އެކަމަކު އަދިވެސް އޭނާގެ ހިތުގައި ވަނީ ރާކިންގެ ނަމެވެ.
"މޭބީ އައި ޝުޑް މޫވް އޮން. އެކަމަކު ނާއިމް ވެސް ޑައިރެކްޓްލީ އަހަރެންގެ ގާތުގައި ނުބުނޭ އޭނަ ލައިކް ވާ ވާހަކައެއް...." ޒޭބާގެ ހިތުގައި ތަފާތު ޚިޔާލުތައް ދައުރުވާން ފެށިއެވެ. އޭނާއަށްވެސް ތަފާތު ނަޒަރަކުން ނާއިމްއަށް ބެލެން ފަށައިފިއެވެ. އެކަމަކު އޭނާ ވަނީ މުޅި ދުނިޔެއަށްވެސް އެކަން ސިއްރުކޮށްފައެވެ.
ބޯޓަށް އެރި ގަޑީގައިވެސް ޒޭބާއަށް ބެލެނީ ނާއިމްއަށެވެ. އޭރު ނާއިމް ހުރީ ޒޭބާއަށް ފުރަގަސްދީގެންކަމުން ޒޭބާ އޭނާއަށް އެވަރަށް ބަލަމުން ދިޔަކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު ޕައިލެޓަކަށް ހުރި ކުއްޖާ އެނބުރިލާފައި ދެން ނާއިމްއަށް ބަލައިލާފައި ސިއްރުން ކޮންމެވެސް އެއްޗެއް ބުނިތަން ޒޭބާއަށް ފެނުނެވެ. ނާއިމްއަށް ބޭ އިޚްތިޔާރުގައި ފަހަތަށް ބަލައިލެވުނެވެ. އެއާއެކު އެ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ޒޭބާ އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލި ނަމަވެސް އޭނާގެ ހިތުގެ ހިނގުމަށް ވެސް ނާއިމްގެ އެ ބެލުމުން އަސަރުކުރުވައިފިއެވެ. ނާއިމް އޭނާގެ އަމިއްލަ ނަފްސަށް ކާމިޔާބުގެ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
******
އެއާރޕޯޓަށް ދިޔައީ އެންމެން އެކީގައެވެ. އުފަން ފަސްގަނޑު ދޫކޮށްލާފައި ދާންވުމުން އަރްޒަންގެ ހިތުގައި ހިސާބެއްގެ ރިހުމެއްވިއެވެ. ހިނގާދިޔަ ހާދިސާގެ ސަބަބުން އަރްޒަންއަށް ގިނައިން ހުރެވެނީ އެފަދަ ކޮންމެވެސް ވިސްނުމެއްގައެވެ. އޭނާއަށް ނޭނގުނު ކަމުގައި ވިޔަސް މި ފަސްގަނޑުގައި ހާދަ ގިނަ ކަންތަކެއް ހިނގައިފިއެވެ. އެތައްބައެއްގެ ފުރާނަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔަން ޖެހުނު ހުރިހާކަމެއްގެ ފެށުން ގުޅިފައިވަނީ މި ފަސްގަނޑާއެވެ.
އަނެއްކޮޅުން ފިރާޤު ވެސް ހުރީ ކޮންމެވެސް ވަރަކަށް ދެރަވެފައެވެ. އޭނާގެ އުންމީދަކީ ދެން ދުވަހަކުވެސް މިފަދަ ކަމެއް ކުރިމަތި ނުވުމެވެ. ސިހުރު ހަދާ މީހުން ސިހުރު ހަދަނީ އެއީ ކިހާވަރެއްގެ ނުބައި އަމަލެއްކަން ނޭނގިގެންނެއް ނޫނެވެ. އެމީހުން އެ ކަންތައް ކުރަނީ ޣާފިލްކަމުގައި ހައްދުފަހަނަ އަޅާފައިވާތީއެވެ. އެހެން މީހުންނަށް ގެއްލުން ދިނުމަކީ އެމީހުންނަށް ލިބޭ އުފަލަކަށް ވާތީއެވެ. ސިހުރުވެރިން މި ރާއްޖޭގެ މި ކުޑަކުޑަ މުޖްތަމުގައި ނޫޅޭނެ ނަމަ ކޮން ފަދަހެއްޔެވެ؟ ހަސަދަވެރިކަމާ ރުޅިވެރިކަމުގައި ތިބެ އަނެކުންގެ ދިރިއުޅުމުގައި ހުޅުނުޖަހާނެ ނަމަ ކޮންފަދަ ހެއްޔެވެ؟ އަނެކާއަށް ލިބޭ ކޮންމެ އުފަލަކީ ތިމާއަށް ލިބޭ އުފާކަމުގައި ހަދާނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟
"ފިރާޤުބޭ...." ޗެކިންއަށް ހުޅުވައިލުމުން އަރްޒަން ފިރާޤަށް ގޮވައިލިއެވެ.
"އާނ... ހިނގާ ދާން..." ފިރާޤު ބުނެލިއެވެ. އެއަށްފަހު އޭނާ އަރްޒަންގެ ފަހަތުން ހިނގައިގަތެވެ.
(ނުނިމޭ)