"އަހަރެންގެ މަންމަގެ ކޮންކުށެއް އޮވެގެންތަ އަހަރެންގެ މަންމަ މަރައިލީ... އަހަރެންގެ މަންމަގެ އުމުރު ހުސްވީ ޖައުފަރަށް ޚިދުމަތް ކޮށްދިނުުމުގައި. " ޝިންޝިނާ ބުނެލިއެވެ.

"އެހެންވީމާ އެކަމުގެ ބަދަލު ކަލޭ ހިފަނީ ނިކަމެތި އެ އިންސާނުންގެ ކިބައިންތަ؟ އެ ގޮތަށް އެ ކަންތައް ކޮށްގެން ކަލެއަށް ހާސިލްވަނީ ކޮންކަމެއް؟" ރުޅިވެރިކަމާއެކު، ފިރާޤު ސުވާލުކޮށްލިއެވެ. އެ ސުވާލާއެކު ޝިންޝިނާ ފެށީ ހޭށެވެ.

ފިރާޤު ކިޔެވުން ބާރުކޮށްލުމާއެކު, އަރްޒަންގެ ހަށިގަނޑޫ ތެރޭގައި އޮވެ ޝިންޝިނާ ތެޅެން ފެށިއެވެ. އަޅަމުން ދިޔަ ވޭނަށް އޭނާއަށް ކެތްކުރަން ދަތިވިއެވެ.

*****

ފިރާޤު ފުންނޭވާއެއް ދޫކޮށްލިއެވެ. ނުތަނަވަސްކަމާއި ހާސްކަން އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭގެ ތިން ހަތަރު ގަޑިއިރު ކުރިން ހިނގައިދިޔަ ހާދިސާ، ފިރާޤު އަރްޒަންއަށް ކިޔައިދިނެވެ. އެ ހުރިހާއިރު އެއްޗެއް ނުބުނެ ހުރި އަރްޒަންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ ސުވާލުކުރީ އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހުއެވެ.

"އަހަރެން އެނގެން ބޭނުންވާ ބައިވަރު ކަންތައް އަދިވެސް އެބަ ހުރި!"

"އަހަރެން އަރްޒަންގެ ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރު. އަރްޒަން ބޭނުން ކޮންމެ ސުވާލެއް ކުރޭ، އަހަރެން އަރްޒަންގެ މަންމައާ އޮތް ގުޅުމާ، އަރްޒަން މަންމަގެ މަރުގެ ހަޤީގަތް އަދި އެ ހިތި މާޒީގެ ހުރިހާ ޞަފްހާއެއް ހުޅުވައިލަން އަހަރެން މިހުރީ ތައްޔާރަށް، އަރްޒަންއަށް ވެސް ހަޤީގަތް އެނގެން ޖެހޭނެކަމަށް އަހަރެން ޤަބޫލުކުރަން!" ފިރާޤު ބޯ ޖަހައިލިއެވެ.

*****

ޒީޝާން ގެލީއަށް ވަތް އިރު އޭނާއާއެކު އެ ފްލައިޓްގައި ބައިވެރިވާ އަނެއްކުއްޖާ ކަމަށްވާ، އަޒްކާ ހުރީ ބައެއް އެއްޗެހި ތަރުތީބު ކުރާށެވެ.

"ހޭ..." ޒީޝާންއަށް ބަލައިލަމުން އޭނާ ބުނެލިއެވެ.

"ހައި، އައި ވިލްބީ ބެކް އިނގޭ... ޓޮއިލެޓް .." ޒީޝާން ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ހަމަޖެހުމެވެ. އެ ތުންފަތް މަތީގައި، އޭރުވެސް ލުއި ހިނިތުންވުމެއް ދުވެލަ ދުވެލައިހުއްޓެވެ. އެތައް ދުވަހަކަށްފަހު ލިބުނު އުފާވެރިކަމުގެ ޚަބަރާއެކު އޭނާގެ ހިތަށް އާދަޔާ ޚިލާފް ހިންހަމަޖެހުމެއް ލިބިފައިވެއެވެ.

ޒީޝާންއަށް ބަލައިލުމަށްފަހު، އަޒްކާ ބޯޯ ޖަހައިލިއެވެ. އޭނާ ކުރަން ހުރި މަސައްކަތަށް ސަމާލުވެލިއެވެ.

އަތް ދޮންނަ ތަށި ކައިރީގައި މަޑުކޮށްލި، ޒީޝާން، ފަރާތަކަށް އެނބުރިލުމަށްފަހު، އޭނާގެ ބަނޑުގައި އަތް ޖައްސައިލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު، އަތް ދޮވެލުމަށްފަހު، މޫނަށް ބަލައިލިއެވެ. ކޮށްފައިވާ މޭކަޕް އެއްވެސް ވަރަކަށް ފަނޑުވެފައެއް ނެތެވެ. އެކަމާ ހިންހަމަ ޖެހިފައި ހުރެ އޭނާ އަނެއްކާވެސް ބަނޑަށް ބަލައިލިއެވެ. އުފާވެރި އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ.

ކުއްލިއަކަށް ލޯގަނޑުން އޭނާގެ ފުރަގަހުގައި ހުރި އަމިއްލަ މީހާގެ ސޫރަ ، އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު ޒީޝާންއަށް ލިބުނު ސިހުމުގައި ފަހަތް ބަަލައިލެވުނެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ލޯ މަރައިލުމަށްފަހު، ފުންނޭވާއެއް ޒީޝާން ދޫކޮށްލިއެވެ. އެއީ އަނެއްކާ އޭނާއަށް ހީވިހީވުމެއް ހެއްޔެވެެ؟. އެނބުރި ލޯގަނޑަށް ބަލައިލުމަށްފަހު، އޭނާ މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ އެއީ ހީވި ހީވުމެއް ކަމުގައެވެ. އޭރުވެސް ސިކުނޑި ދިޔައީ އެއާ ދެކޮޅު ހަދަމުންނެވެ. ދެވަނަ ފަހަރުވެސް، އޭނާއަށް ހަމަ އޭނާގެ ސޫރަ އަޅައިގަތެވެ.

އެ ތުންފަތް މަތީގައިވި ހިނިތުންވުން ޒީޝާންގެ ލޮލުގައި އަޅައިގަތެވެ. އެ ދެލޮލުގައިވި ތޫނުކަމުން އޭނާއަށް އިތުރު ހާސްކަމެއް ލިބުނެވެ. އަނެއްކާވެސް ޒީޝާން އެނބުރިލިއެވެ. މީހަކު ނެތެވެ. ގޯހެއް އުޅޭކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

އެނބުރި ލޯގަނޑަށް ބަލައިލި ވަގުތު ލޯގަނޑުގައި ލިޔެފައިވާ ބަސްތައް ފެނި އޭނާއަށް ލިބުނީ ސިހުމެކެވެ. އެ ބަސް ލިޔެފައިވަނީ ރަތް ކުލައިންނެވެ. ރަނގަޅަށް ބަލައިލުމާއެކު އެއީ ލޭކަން ޒީޝާންއަށް ދެނެގަނެވުނެވެ. އުނދަގުލުން ހިންދިރުވައިލުމާއެކު އޭނާއަށް އޭގައި ލިޔެފައިވާ ބަސްތައް ކިޔައިލެވުނެވެ. އަތުގައި މަޑުމަޑު ތުރުތުރު އެޅުމެއް އުފެދި އޭނާއަށް ފުންނޭވާތަކެއް ލެވެން ފެށުނެވެ.

"ހާސިލް..." ތުރުތުރު އަޅަމުންދިޔަ ދެ ތުންފަތް ފޫ ދުއްވާލާފައި ނުކުތް އެ ބަހާއެކު، ޒީޝާންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ހާސިލް އެ ބަހުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ކަންތައް ގަނޑެއް ހެއްޔެވެ؟

ދެފައިން ވަރު ދޫވާހެން ހީވެ ޒީޝާންއަށް މޫނުދޮންނަ ތަށީގައި އަތް ޖައްސައިލެވުނެވެ. މީހާ ހާސްވަނީއެވެ. އެތަނުން ނުކުންނަން ވެގެން އޭނާ އެނބުރިލި ވަގުތު، އޭނާގެ އަމިއްލަ ސޫރަ އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭރު އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. ފާޚާނާ ތަޅުގައި ހިފައިލެވުނީ ކިރިޔާއެވެ.

"އާހް..." މަޑު އާހެއް އަނގައިން ބޭރުކޮށްލެވުމާއެކު، އަތް ލެވުނު ބާރުމިނުގައި އޭނާއަށް އަތް ދަމައިގަނެވުނެވެ. އޭރު އަތްޖެހުނު ހިސާބު ހުރީ އެކީ ފިހިފައެވެ. ފާޚާނާ ތަޅު ހުރީ އެހާ ހޫނުވެފައެވެ. އޭރުވެސް އޭނާގެ ކަޅި އިރުއިރުކޮޅަކާ އެ މީހާއަށް ހުއްޓެމުން ދިޔައެވެ.

އެއްޗެއް ނުބުނި ކަމުގައި ވިޔަސް އެ ދެލޮލުގައި ވަނީ ނުރައްކާތެރި ވިދުވަރެކެވެ. މޫނުމަތީގައިވާ ރުޅިވެރި އަސަރުތަކާއެކުވެސް، އެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ވެއެވެ. އޭގެ މާނަ ކުރާނީ ކިހިނެއްކަމެއް ޒީޝާންއަަކަށް ނޭނގުނެވެ.

"ހާސިިލް.... އަރްޒަން ހާސިލް ކުރާނީ އަހަރެން... އެއީ އަހަރެންގެ ޙައްޤެއް..." އެހެން ބުނެލަމުން ޝިންޝިނާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޒީޝާން ފަހަތަށް ޖެހިލިއެވެ.

"އަހަރެމެންނަކީ ހާސިލްކުރަން ބޭނުންވާ ކޮންމެ އެއްޗެއް ހާސިލްނުވަނީސް ދޫކުރާނޭ ބައެއް ނޫން... އަހަންނަށް އަރްޒަން ނުލިބިއްޖެއްޔާ ކަލޭގެ މީހަކަށްވެސް އަރްޒަން ވިޔަކަ ނުދޭނަން..."

"ޝިންޝިނާ..." ޝިންޝިނާގެ އެ ބަސްތަކާއެކު ޒީޝާންއަށް ވައިއަޑުން އެ ނަން އޭނާގެ ދުލުން ބޭރުކޮށް ލެވުނެވެ.

"ހަހަހަ!" ޝިންޝިނާ ހޭން ފެށިއެވެ.

"ޒޭން... ޒޭންއަށް... ޒޭންއަށް ކީ ކުރީ؟" ބިރުގަތްފައި ހުރި ވަރުން، ޒީޝާންއަށް ސުވާލުކޮށްލެވުނީ ވެސް އަޅައަޅައިގަންނަމުންނެވެ. ޝިންޝިނާ ބުނި ބަހުގެ މާނަ ޒީޝާންއަށްނެގުނީ މުޅީން ނުބައިކޮށެވެ.

"އަަހަރެން ޒޭންއަށް ކޮން ގެއްލުމެއް ދޭނީ؟... އަހަރެން ލޯބިވަނީ ޒޭން ދެކެ... އެއީ އަހަރެންެ މީހެއް. އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މީހަކުގެ ދުވަސް އަހަރެން ދުއްވައިލާނަން..." ޝިންޝިނާ ބުނެލިއެވެ. ޒީޝާން ހަޅޭއްލަވައިގަންނަން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ.

"ހަޅޭއްލެވެންޏާ ހަޅޭއް ލަވާބަލަ! ހަޅޭއްލަވާ... ބާރަށް ހަޅޭއްލަވާ..." ޝިންޝިނާ އަނެއްކާވެސް ކުރިއަށް ޖެހިލިއެވެ. އެ ފާހާނާ ތެރޭގައި މާ ބޮޑު ޖާގައެއް ވެސް ނެތެވެ. ޒީޝާން ހުރީ މޫނުދޮންނަ ތަށީގައި ޖެހިފިތިފައެވެ. އެއްފަރާތުގައި ހުރީ ފާހާނާއެވެ. ކުރިމަތީގައި ޝިންޝިނާއެވެ. ހެދޭނޭ އިތުރު ގޮތެއް ވެސްނެތެ.

"ކޮން ކަމެއް ކަލޭ ބޭނުންވަނީ... ދުރަށް ދޭ..." ޒީޝާންއަށް އަނގައިން ބުނެވުނީ އިރުގަޑެއް ފަހުންނެވެ. އޭރު، ޝިންޝިނާ ހުރީ އޭނާއާ ދާދި ކައިރީގައެވެ. އޭނާގެ ބަނޑަށް ތޫނު ތަދެއް އަރާހެން ޒީޝާންއަށް ހީވާން ފެށިއެވެ. ޝިންޝިނާގެ ނަޒަރު ހުއްޓުނީ ޒީޝާންގެ ބަނޑަށެވެ.

"ނޫން... ނޫން..." ޒީޝާންއަށް އޭނާގެ ބަނޑާ ދިމާލުގައި އަތް އަޅައިލެވުނެވެ.

"ހަހަހަ!

"ނޫން ނޫން... އަހަރެންގެ...." ޒީޝާންއަށް އެހެން ބުނެވުނު ވަގުތު ބޯޓު އާދަޔާ ޚިލާފަށް އަރި އަޅައިލިހެން އޭނާއަށް ހީވިއެވެ. ބެލެންސް ނުކުރެވި، ޒީޝާންގެ އަތްޖެހި ތަދުވާ ގޮތްވިއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ، ހަޤީގަތުގައި ބޯޓު ޓާބިއުލެންޓް ނުވާކަމެވެ. އެއީ އޭނާއަށް ހީވާ ހީވުމެއް ކަމުގައެވެ.

ފާހާނައިގެ ދެފަރާތުގައި ޒީޝާން ދެފަހަރަކު ޖެހުނެވެ. ޝިންޝިނާ އޭރުވެސް ހުރީ ޒީޝާންއަށް ބަލަހައްޓައިގެންނެވެ. ޝިންޝިނާގެ އަތް ޒީޝާންގެ ކަރާ ދިމާލަށް ދެމެމުން ދިޔަތަން އޭނާއަށް ފެނުނެވެ. ބިރުން ޒީޝާންއަށް ދެލޯ މަރައިލެވުނެވެ. އެ މަންޒަރަކީ އޭނާއަށް ބަލަން ކުޅަދާނަވީ މަންޒަރަކަށް ނުވިއެވެ. އެހާ ބިރުވެރި މަންޒަރެއް އޭނާގެ ޙަޔާތުގައި މީގެ ކުރިން ފެނިފައެއް ނުވެއެވެ އޭނާގެ ކަރާ ޖެހޭނުޖެހޭ ހިސާބަށް އަތް ގެނައުމަށްފަހު، ޝިންޝިނާ ބަލައިލީ އޭނާގެ ބަނޑަށެވެ. އެއަށްފަހު ބަނޑާ ދިމާލަށް އަތް ތިރިކޮށްލިއެވެ. ޒީޝާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ނޫން ނޫން..." އޭނާއަށް ކިޔެމުން ދިޔައެވެ. އޭރު މީހާ ހުރީ ވަރުބަލިވެ ހަދާނެ ގޮތް ހުސްވެފައެވެ.

"ކުއްލިއަކަށް ޝިންޝިނާ ޒީޝާންގެ ބަނޑާ ދިމާ އުނަގަނޑުގައި އަތް އަޅުވާލާފައި އެއްފަރާތަކަށް ކޮށްޕައިލިއެވެ. އެއާއެކު، ޒީޝާން ގޮސް ޖެހުނީ ފާހާނައިގެ އެއްފަރާތު ފާރުގައެވެ. ޖެހުނު ގޮތުން އޭނާގެ ބަނޑުގެ އެއްފަރާތް ވެސް ކޮންމެވެސް ޖެހުނެވެ. އެއާއެކު ބަނޑަށް ދިލަ ތަދެއް އަރައިގެން ދިޔައެވެ.

އަނެއްކާވެސް ޝިންޝިނާ ޒީޝާންގެ އުނަގަނޑުގައި ހިފާ އަނެއްފަރާތަށް ހޫރައިލިއެވެ. މިފަހަރުވެސް ޒީޝާންގެ ބަނޑު ޖެހުނެވެ. ފަހަރަކަށް ވުރެ ފަހަރެއް ބާރަށް ޝިންޝިނާ ދިޔައީ ޒީޝާންގެ ބަނޑު އެކި ދިމަދިމާލުގައި ޖައްސަމުންނެވެ.

އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވި، ޒީޝާންއަށް ރޮވެން ފެށިއެވެ.

އޭނާ، އޭރުވެސް އޮތީ ބަނޑުގައި ހިފައްޓައިގެންނެވެ. އަޅަމުން ދިޔަ ވޭން ގަދަކަމުން އޭނާއަށް ރަނގަޅަށް ކޮޅަށް ވެސް ނުތެދުވެއެވެ. އޮވެވެނީ ގުދަށެވެ.

ޝިންޝިނާގެ ފަހުހަމަލާއެކު، ޒީޝާންގެ ބަނޑު ޖެހުނީ ފާޚާނާ ތަށީގައެވެ. ޖެހުނުލެއް ބާރުކަމުން އަނގައިން ކޮންމެވެސް ވަރަކަށް ހޮޑުލަވާގޮތްވެސް ވިއެވެ. އެހިނދު ބަނޑަށް އަރައިގެން ދިޔަ ތަދާއެކު، އޭނާއަށް ބަނޑުގައި އަތް އަޅައިލެވުނެވެ.

"އާހް..." ކެތްކުރަން އިންތިހާ ދަތިވި ވަގުތު ކޮޅެކެވެ. އެހާ ވޭނީ ތަދެއް އަދި އޭނާގެ ހަށިގަނޑުގައި މީގެ ކުރިން އެޅި ހަނދާނެއް ނުވިއެވެ. ޒީޝާން ތެދުވަން އުޅުނު ނަމަވެސް، އޭނާ އަނެއްކާ ވެސް ފާޚާނާ ތެރެއަށް ވެއްޓުނީއެވެ.

"ކަލޭ ހަނދާން ކުރާތި، އަހަންނާ އަރްޒަންގެ ދެމެދަށް ވަންނަން އުޅެފިއްޔާ ކަލޭގެ މަންމައާ ބައްޕައަށް ހެދި ހެން ކަލެއަށް ވެސް ހަދައިލާނަން... ކަލޭގެ މައިންބަފައިންނާ ކަލޭގެ ދަރިއަށް ވީ ގޮތް ވާން ބޭނުން ނެތިއްޔާ އަހަރެމެން ދެމީހުންގެ ދިރިއުޅުމުން ހަމަ މިހާރު ދުރަށް ދޭ... މީ އަހަރެން ކަލެއަށް ދޭނެ ފަހު އިންޒާރު..." ފާޚާނާ ތަޅުން މައްޗަށް ދެމެމުންދިޔަ ލޭގެ ކޯރަށް އިޝާރާތް ކޮށްލަމުން ޝިންޝިނާ ބުނެލިއެވެ. އެއަށްފަހު ، ހިނިގަނޑެއް ޖަހައިލުމަށްފަހު، ޝިންޝިނާ ގެއްލުނީ އެވެ.

ކޮޅަށް ނުތެދުވުމުން ފިރުކިފައި ކަހަލަ ގޮތަކަށް ޒީޝާން ދޮރާ ކައިރިއަށް ޖެހިލިއެވެ. އޭނާ އަތުން ދޮރުގެ ތަޅަން ފެށިއެވެ. އޭރު ފްލައިޓް ވެސް ތައްޔާރުވަމުން ދިޔައީ އައްޑުއަށް ޖެއްސުމަށެވެ.

އެ ހިސާބަށް އަރާ ހަމަވި އަޒްކާއަށް ޒީޝާންގެ އަޑު ޖެހުނުހެން ހީވެ އޭނާ މަޑުޖެހިލިއެވެ. އޭނާ ފާހާނާ ތެރެއިން އިވުނުހެން ހީވީ އަޑަށް ސަމާލުވެލިއެވެ. އަނެއްކާވެސް ފާޚާނާ ދޮރުގައި ޒީޝާން ޖަހައިލިއެވެ.

އަޒްކާ ކުޑަކޮށް ކަންފަތް ކައިރިކޮށްލާ އަޑު އަހައިލިއެވެ. އެއާއެކު އެތެރެއިން ގިސްލުމުގެ އަޑު އިވުނުހެން އޭނާއަށް ހީވިއެވެ.

"ޒީ... ޒީ..." އޭނާ ހާސްވިއެވެ. ޒީޝާން އުނދަގުލުން ކަކޫ ޖައްސައިލަމުން ތަޅު ހުޅުވައިލިއެވެ. އަނެއްކާވެސް އޭނާ ތަޅުންގަނޑު މައްޗަށް ވެއްޓުނީއެވެ. ގައިގައި އެއްވެސް ވަރެއް ނެތެވެ.

އަޒްކާ ދޮރު ހުޅުވައިލިއެވެ. އާތް!" އޭނާއަށް މަޑު ހަޅޭކެއްގެ އަޑު އަނގައިން ބޭރުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރަކުން ދެލޯ ބޮޑު ކޮށްލެވުނެވެ. ފާޚާނާ ތެރޭގައި އޮތީ ލޭގެ ކޯރެކެވެ. ޒީޝާންގެ ގައިގައި އެއްވެސް ވަރެއްނެތެވެ. ދެލޯ ވެސް ހުޅުވިފައިވަނީ ކިރިޔަކިރިޔާއެވެ.

*****

ފިރާޤަށް ބަލަން އަރްޒަންއަށް ހުރެވުނީ އެންމެފުރަތަމަ ، ކުރާނީ ކޮން ސުވާލެއްކަން ނޭނގޭ ޙާލުގައެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ވަށައިގެން ބަލައިލިއެވެ. އެއާއެކު އޭނާއަށް ފެނުނު ހުވަފެނުގެ މަތިން ހަނދާންވެ ބޮލަށް ތޫނު ރިހުމެއްގެ އަސަރުކުރަން ފެށިއެވެ.

" އެ ދެ ކުދިން...." ކުއްލިއަކަށް ކަމެއް ހަނދާންވާފަދަ ގޮތަކަށް، އޭނާއަށް ދެލޯ ބޮޑުކޮށްލެ ވުނެވެ.

މަޑުމަޑުން އަރްޒަން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އޭރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ނޭވާ ވަނީ ކުރު ވެފައެވެ.

"އަރްޒަން ކޮންތާކަށް؟" ފިރާޤު އަރްޒަންއަށް ގޮވައިލާ ސުވާލުކޮށްލިއެވެ. އަޔާންއަށްވެސް އަރްޒަންއަށް، ގޮވައިލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ފިރާޤު އަރްޒަންގެ ފަހަތުންކަހަލަ ގޮތަކަށް ހިނގައިގަތެވެ. އެތަނުގައި ހުރި ބޯ ހުއި ގަސްތަކެއ އަތުން ދުރުކޮށްލުމަށްފަހު، އަރްޒަން، އެދިމާލުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. ވަކި ހިސާބަކުން އޭނާ މަޑުޖެހިލިއެވެ. ދެ އަތް މުށްކަވައިލުމަށްފަހު، އޭނާ އަނެއްކާވެސް އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާ ހުއްޓުން އަރާ ގޮތްވިއެވެ.

އެއީ އޭނާއަށް ހުވަފެނުން ފެނުނު ތަކެވެ. ފިރާޤުވެސް އައިސް އަރްޒަން ހުއްޓުނު ހިސާބުގައި ހުއްޓުނެވެ. އޭރު އަޔާންމެންވެސް އައިސް މަޑުކޮށްލަނީއެވެ. އަރްޒަންގެ ނަޒަރު ހުއްޓިފައިވާތަނަށް ފިރާޤުގެ ބަލައިލިއެވެ.

އެއާއެކު އޭނާއަށް ވެސް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.ވަގުތުން އެއީ ކާކުގެ ހަށިގަނޑެއްކަން އޭނާއަށް ނަގައިގަނެވުނެވެ.

"އަރްޒަން.... އަރްޒަންއަށް ކިހިނެއް އެނގުނީ؟"

ފިރާޤު އެހެން ބުނެލި އަޑަށް ފިރާޤުގެ ފަހަތުގައި ތިބި އަޔާންއާ ޖިނާންގެ އިތުރުން އިރުފާން ވެސް ކުރިއަށް ޖެހިލިއެވެ. އެއާއެކު އެ ތިން މީހުންނަށްވެސް ލިބުނީ ޝޮކެކެވެ. އެތަނުގައި އޮތީ މީހެއްގެ ކަށިގަނޑެކެވެ. އެކަކު ނޫނެވެ. ދެމީހުންނެވެ.

"ޖިނާ..." އަޔާންއަށް ބުނެވުނެވެ.

"އަރްޒަން..." ފިރާޤު އަރްޒަންއަށް ގޮވައިލިއެވެ.

"އާނ..." ހިންދިރުވައިލަމުން އަރްޒަން ފިރާޤަށް ބަލައިލިއެވެ.

"ކިހިނެއް އަރްޒަންއަށް އެނގުނީ؟"

"އަހަންނަށް ހުވަފެނުގަ...." އަރްޒަންއަށް ވެސްހުރީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.

އަދިވެސް އޭނާއަށް ޤަބޫލުކުރެވެނީއެވެ. ހީވަ ކަހަލަ އެވެ. އެއީ ހުވަފެނެއް ނޫނެވެ. އޭނާއަށް ހަމަ ހަޤީޤަތުގައި ވެސް އެތަނަށް އާދެވުނީ ހެއްޔެވެ؟

އަރްޒަން އޭނާއަށް ފެނުނު ހުވަފެން ފިރާޤަށް ކިޔައިދޭން ފެށިއެވެ. ފިރާޤު ދިޔައީ ކަނުލާ އަޑު އަހަމުންނެވެ. އަރްޒަން އެ ވާހަކަ ކިޔައިދީ ނިމުމާއެކު ފިރާޤު އިތުރު އެއްޗެއް ބުނަން އުޅުނު ނަމަވެސް އޭނާއަށް އެ ފުރުސަތު ނުލިބުނީ އެވަގުތު އަރްޒަންގެ ފޯނު ރިންގް ވުމާއެކުގައެވެ.

އަރްޒަން ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އޭނާއަށް ލިބުނު ޚަބަރަކުން، ފޯނުވެސް އަތުން ދޫނުވީ ކިރިޔާއެވެ.

(ނުނިމޭ)

ކޮމެންޓް 0