"އައި ހޭޓް ޔޫ..." ވައި އަޑުން އެ ބަސްތައް ބުނެލުމާއެކު، ހަށިފުރާ ލީ ނޭވާއާއެކު އޭނާ ހުރީ އެ ނަފުސުގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުންވެފައެވެ.
ހަނދާން ނައްތައިލަން ބޭނުން ވިޔަސް, ސިކުނޑީގައި ގުގުމަނީ އެ ޖުމްލަތަކެވެ. އެ ބަސްތަކުގެ ސަބަބުން, އަރުގައިލި ހިތިރަހަ އަދިވެސް އެބަހުއްޓެވެ. ޖިސްމުގައި ލީ ޒަޚަމްތައް އަދިވެސް ހުރީ ތާޒާ ކޮށެވެ.
ގޮނޑީގައި އިށީނުމަށްފަހު, އަރްޒަން ބޮލުގައި ހިފައްޓައިލިއެވެ. ހީވީ ކަންފަތުގައި ގުގުމަން ފެށި ޖުމްލަތަކުގެ ސަބަބުން އުނދަގޫވީހެންނެވެ. ވެފައިހުރި ދެރައިގެ މައްޗަށް ރުޅިވެރިކަން އިސްކުރެވި އަނެއްކާ ވެސް މޭޒުގައި އަތުން ޖަހައިލެވުނެވެ.
ފޯނު ރިންގުވީ އެވަގުތެވެ. ތެދުވެ ސޯފާމަތީގައި ބާއްވާފައި އޮތް ފޯނު ނަގާ ބަލައިލިއެވެ. ނުދަންނަ ނަންބަރަކަށް ވުމާއެކު އަރްޒަން ފޯނު ނެގީ ދެ ވިސްނުމެއްގައި ހުރެފައެވެ.
"އައްސަލާމް ޢަލައިކުމް، އަރްޒަން ތޯ؟" އެކޮޅުން ވާހަކަ ދެއްކިއެވެ.
އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު، ފޯނު ބޭއްވުމަށްފަހު، އަރްޒަން ހިންދެމިލިއިރު އޭނާގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވެއެވެ. އޭގެ އިރުކޮޅެއް ފަހުން އަޔާން ގުޅައިފިއެވެ.
"އޭނަ ދެންމެ ގުޅި... އަންނަ ހަފްތާގައި އަދި ހަބަރެއް ވާނަމޭ ބުނީ..." އަރްޒަން ބުނެލިއެވެ.
"އަހަންނަށް ހީވަނީ ވަރަށް ސަޅިވާނެހެން... "
އިރުކޮޅަކު އެފަދަ ވާހަކަތަކެއްގައި އަރްޒަން ހުއްޓެވެ. ފޯނު ބޭއްވިއިރު އޭނާގެ ނުތަނަވަސްކަން ދުރުވެ ސިކުނޑިއަށް ލުއިވެފައިވެއެވެ.
ފޯނު ހިފައިގެން ކޮޓަރިއަށް ވަނުމަށްފަހު، އެނދުމައްޗަށް ފޯނު އެއްލައިލާފައި އޭނާ ކައިރިވީ އެނދުގެ އެއްފަރާތުގައި ހުރި މޭޒު ކައިރިއަށެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު، ގޮނޑީގައި އިށީނދެލުމާއެކު އޭނާ ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.
*****
ހޮޓެލްގެ ރިޝެޕްޝަން އޭރިޔާގައި ހުރި ސޯފާގައި މަޑުކޮށްލައިގެން އިން ޒީޝާން ގަޑިއަށް ބަލައިލިއެވެ. އޭރު އޭނަގެ އިތުރުން ރާކިންމެން ވެސް ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ވާހަކަދައްކަން ތިއްބެވެ. ޖިނާން ވެސް އައިސް އޭނާއާއި ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"އާރާ ކޮބާ؟" ޖިނާން އެހިއެވެ.
އެއޮށް އަންނަނީ..." އާރާ އަންނަމުންދިޔަ ދިމާލަށް އިޝާރާތް ކޮށްލަމުން ޒީޝާން ބުނެލިއެވެ. ޖިނާން މޫނު އަނބުރާލަމުން ބަލައިލިއެވެ.
"ޑިޑް ސަމްތިން ހެޕެން؟ އާރޫ ހާދަ ދެރަވެފަ ހެން ހީވެޔޭ..." އާރާގެ މޫނުމަތި މިލާފައި ވާތަން ފެނި ޖިނާންގެ ކެތްތެރިކަން ކޮޅުންލާ، އެންމެ ފަހުން ޒީޝާންއަށް ބަލައިމުން އޭނާއަށް އެހެން އަހައިލެވުނީ ބޭއިޚްތިޔާރުގައެވެ. އާރާއަށް ބަލައިލުމަށްފަހު، ޒީޝާން ނޭނގެޔޭ ބުނުމުގެ ގޮތުން ބޯ ހޫރާލި ނަމަވެސް، ޖިނާންގެ އެ ސުވާލާއެކު ވަރަށް ފުންނަޒަރަކުން އާރާއަށް ބަލައިލުމަށް އޭނާއަށް ވެސް މަޖުބޫރުކުރުވައިފިއެވެ. އާރާ އައިސް ޒީޝާންއާއި ދާދި ގާތުގައި މަޑުކޮށްލިއެވެ.
ބެންގަލޫރުގައި އެމީހުން މަޑުކޮށްލައިގެން ތިބި ހޮޓެލުން ނުކުތްއިރު، ފަތިހުގެ ފަނޑުއަލިކަން ރޭގަނޑުގެ އަނދިރިކަމުގެ މައްޗަށް އަތްގަދަ ކުރަން ފަށައިއެވެ. ތުނިތުނިކޮށް ވާރޭ ކަނި ޖަހައެވެ. ފަތިހުގެ އެ ވަގުތުގެ ފިނިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެ ކަންނޭނގެއެވެ.
ޒީޝާން ހީކަރުވާ ގޮތްވެ ދެ އަތް ދެއަތާ މޮޑެން ފެށިއެވެ. މަގުމަތީގައި ދުއްވާއެއްޗެހި ގިނަ ނޫނަސް ކޮންމެވެސް ވަރަކަށް ފެނެއެވެ.
"އިޒް ދިސް އެބައުޓް ރަފްހާން އާރޫ؟" ޒީޝާން އާރާއާ ކައިރިވެލާ ކޮނޑުގައި އަތް ޖައްސައިލިއެވެ.
"ކީކޭ؟" ސިހުނު އާރާއަށް އަހައިލެވުނެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރެވުނުލެއް ބޮޑުކަމުން ޒީޝާން ކީ އެއްޗެއް މާ ރަނގަޅަށް ސާފުނުވިއެއްކަމަކު، ރަފްހާން އޭ ބުނިކަން އޭނާއަށް އެނގުނެވެ.
"އާރާ!... ޖަސްޓް ޓެލް މީ.... އަސްލު ކިހިނެއް ވެގެން ތިއުޅެނީ؟." ޒީޝާން އާރާ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހިލާ ސުވާލުކޮށްލިއެވެ.
"އިޓްސް އެބައުޓް ދެޓް ފޮޓޯ... މީގެ ދެ ދުވަސްކުރިން ޖިނާ އާއެކު ނެގީމެއްނު ފޮޓޯއެއް ފްލައިޓް ތެރޭގަ. އޭތި ޖިނާ ފޭސްބުކަށް ލާފަ އިންތަން ފެނި ރަފްހާން ރުޅިއައީ. އޭނަ ޝައްކު ކުރަނީ އަހަންނާ ޖިނާ އާ ގުޅުމެއް އޮތްކަމަށް..." ތަކުރާރުކޮށް ޒީޝާން ސުވާލުކުރަން ފެށުމުން އެންމެފަހުން އާރާ ބުނެލިއެވެ.
"އޯ މައި ގޯޑް... އާރާ އެކަންޏެއް ނޫނެއްނު އެ ދުވަހު ފޮޓޯ ނެގީ. ޖިނާ އަހަންނާއެކު ނަގާފަ އިން ފޮޓޯ އަކާ ގްރޫޕް ފޮޓޯއެއް ވެސް ލިޔެއްނު. ރަފްހާން އާރާއަށް ޓްރަސްޓެއް ނުކުރޭދޯ މިހާ ދުވަސް ވީ އިރުވެސް..." ޒީޝާންއަށް ބުނެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.
"ހޭ. ލެޓްސް ގޯ" ބަހާ ދިމާލަށް ހިނގައިގަންނަމުން ޖިނާން ގޮވައިލިއެވެ. ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް އޭނާއަށް އެ ދެމީހުންގެ ވާހަކަތައް ރީތިކޮށް އަޑު އިވުނެވެ. ކޮންމެވެސް ވަރަކަށް ދެރަވީ ހަޤީގަތުގައި އާރާގެ އެ ނުތަނަވަސްކަމުގެ ސިއްރަކީ އޭނަ ކަމަށް ގަބޫކުރެވުނީތީއެވެ. އޭނާ އެ ފޮޓޯ ލީ ފަހަރެއްގައި ވެސް ގޯސް ނިޔަތެއްގައެއް ނޫނެވެ. އާރާ އާ މެދު ކޮންމެ އެއްޗެއް އެހިތުގައި އޮތް ނަމަވެސް އޭނަ އަބަދުވެސް އިސްކަން ދޭނީ އަމިއްލަ އުފަލަށްވުރެ އާރާގެ އުފަލަށެވެ. ލޯތްބަކީ ގަދަބާރުން ތިމާ ބޭނުންވާ މީހާ ހާސިލް ކުރުމެއް ނޫނެވެ. ލޯބީގެ އަނެއް މާނައަކީ ޤުރުބާނީއެވެ. އަނެކާގެ އުފަލާއި ހިންހަމަޖެހުމަށް އެދުމެވެ.
އިތުރު އެއްޗެއް ބުނަން އުޅުނު ޒީޝާން ފަސްޖެހުނެވެ. އޭނާ ބޭނުންވަނީ ތަންކޮޅެއް ހަމަޖެހިގެން އާރާއަށް ވިސްނައިދޭށެވެ.
ބަހަށް އަރާ އިށީނދެ ހަމަޖެހިލުމާއެކު، ޒީޝާން އޭނާ ގެ ދެ އަތް ތިލަ ކާތައިލިއެވެ. ހިސާބެއްގެ ހޫނު ކަމެއް އެ ހަށިގަނޑަށް ލިބޭތޯއެވެ.
އެއާރޕޯޓާ ހިސާބަށް އާދެވުމާއެކު، ބަހުން ފައިބައިގެން ޓާމިނަލާ ދިމާލަށް ހިނގައިގަތް އިރުވެސް ޖިނާންގެ ނަޒަރު އިރު އިރުކޮޅަކާ އާރާއަށް ހުއްޓެއެވެ. އާރާ ގާތުން މާފަށް އެދެން އޭނަ ބޭނުމެވެ.
*****
ބްރީފިންއަށްފަހު، އެންމެން އެކީ ކަހަލަ ގޮތަކަށް ގޮސް ސެކިއުރިޓީ ކްލިއަރ ވުމަށްފަހު، ބޯޑިން ގޭޓާ ދިމާލަށް ހިނގައިގަތެވެ. އެ ދިޔަ ދިޔުމުގައި ޒީޝާން އާރާ އާ ވާހަކަދެއްކިއެވެ.
"އާރޫ. މިއަދު ހަވީރު ފްރީ ވާނެތަ؟. ގޮސް ޝޮޕިންއެއް ކޮށްލަން އެބަޖެހޭ!" ޒީޝާން ބުނެލިއެވެ. އޭނާ ބޭނުންވީ އެކުވެރިޔާ އެ ނުތަނަވަސްކަމުން ހިނދުކޮޅަކަށް ވެސް ދުރުކޮށްލާށެވެ.
ބޯޑިން ގޭޓުން ނުކުމެ ކުރޫއިންނަށް ޚާއްސަ ކުރެވިފައިވާ ބަހަށް އަރައިގެން ބޯޓު އޮތް ހިސާބަށް ދެވުނު އިރު ވެސް އާރާގެ ހިތުގައިވަނީ ނުތަނަވަސްކަމެވެ. ރަފްހާންގެ ސަބަބުން އޭނާގެ ހަމަޖެހުން އެކީ ގެއްލިއްޖެއެވެ.
*****
ޒީޝާން އޭނާ ހުޅުވައިގެން ހުރި އޯވާރ ހެޑް ބިން ލައްޕައިލުމަށްފަހު، ގޮސް ގެލީއަށް ވަތްއިރު އާރާ ގެލީގެ އެއްޗެހި ހަމަތޯ ޗެކް ކުރަނީއެވެ. އަތުގައި އޮތް ގަނޑަށް ބަލައިލުމަށްފަހު އޭނަ ޒީޝާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
"ހޭ... ކެބިން އިޒް ކްލީން.. އެވްރީތިންގްސް ފައިން..." ޒީޝާން ބުނެލިއެވެ.
"އޯކޭ..."
އާރާ އޭނާގެ އަތުގައި އޮތް ގަނޑުގައި ސޮއި ކުރުމަށްފަހު ކެބިން ސާވިސް މީހާއާ ގަނޑު ހަވާލުކުރިއެވެ. ހުރިހާކަމެއް ފައިނަލްކަމަށް ބުނެ ރިޕޯޓު ކުރުމަށްފަހު ބޯޑިންއަށް ހުޅުވައިލިއެވެ.
ޒީޝާން އާރާގެ ކޮނޑުގައި ޖަހައިލުމަށްފަހު އެއާރ ފްރެޝްނާ ފުޅި ހިފައިގެން ނުކުމެ ކެބިން ތެރެއަށް އެއާރފްރެޝްނާ ޖަހައިލިއެވެ. އެ މަންޒަރު ބަލަން ފްލައިޓްގެ ދޮރުކައިރީގައި ހުރި ޖިނާން ނޭފަތް އެތެރެއަށް ދަމައިލިއެވެ
"އައި ލައިކް ދެޓް ސްމެލް" ޖިނާން އޭނާގެ އަތުގެ ބޮޑުވާ އިނގިލި ދައްކައިލިއެވެ.
އެއާފްރެޝްނާ ފުޅި ޖިނާންއަށް ރީތިކޮށް ދައްކައިލުމަށްފަހު، ޒީޝާން ޖިނާންއާ ގާތަށް ޖެހިލިއެވެ. އޭނާ ޖިނާންގެ މޫނާ ފުޅި ގާތް ކޮށްލުމަށްފަހު ސްޕްރޭ ކޮށްލިއެވެ. ޖިނާން ކޮށި އަރާ ގޮތްވިއެވެ.
"ދެން ވަސް ބަލާ" ޒީޝާން ހީގަންނަމުން ދޫ ނެރިލިއެވެ. ދާން އެނބުރުމާއެކު ޖިނާން ގޮވައިލިއެވެ.
"ޒީ... މީ... އަނެއް..." ޖިނާންއަށް ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގުނެވެ. ހުއްޓައިލަން ޖެހުނީ އެހެންވެއެވެ.
"އަނގަ ގަދަ މިތުރުގެ އަނގަ ހާދަ މަޑޭ މިއަދު. ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ އަވަހަށް..." ޒީޝާން އުނަގަނޑުގައި އަތް ވިއްދައިލަމުން ބުނެލިއެވެ. ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޖިނާން ވާހަކަ ދެއްކިއެވެ.
"އާރޫގެ ބޯއިފްރެންޑާ މައްސަލައެއް ޖެހިގެންތަ އުޅެނީ؟" ޖިނާންގެ ސުވާލާއެކު، ޒީޝާންއަށް ދެބުމަ އަރުވައިލެވުނެވެ.
"ލުކް! އައި ހާޑް އެވްރީތިންގް... ހޮޓެލް ބޭރުގައި ހުރެގެން ޒީ ގާތު އާރާ ދެއްކި ހުރިހާ ވަހަކައެއް އަޑު އިވުނު. އަހަރެން ލީ ފޮޓޯގަނޑުގެ ސަބަބުންތަ އާރާ އާ އާރާގެ ބީއެފް މައްސަލަ ޖެހުނީ؟" ޒީޝާންގެ ހިތުގައި އޮތް ސުވާލުތަކުގެ ޖަވާބު ދެމުން ޖިނާން ވާހަކަދެއްކިއެވެ.
"އޯހް! ޑޯންޓް ވޮރީ. އެއީ ޖިނާގެ މައްސަލައެއް ނޫން، އެއީ އާރޫގެ ސޯ ކޯލްޑް ބީއެފްގެ މައްސަލައެއް... " ޒީޝާން ފުން ނޭވައެއް ދޫކޮށްލާ ދެބުމަ އަރުވައިލުމާއެކު، މޫނަށް ފޫހި ވައްތަރެއް ޖައްސައިލިއެވެ. ޒީޝާން ހަދައިލި ގޮތުން ޖިނާން ގާތަށް ހިނިވެސް އައެވެ.
ޒީޝާން ވެސް ހީލިއެވެ. ޖިނާން އަކީ ހިތް ހެޔޮ އެކުވެރިއެކެވެ. ޒީޝާންއާއި ޖިނާން އާ ދެމީހުން އެންމެ ފުރަތަމަ ދިމާވީ ކެބިން ކްރޫ ޓްރެއިނިން ތެރެއިންނެވެ. ޖިނާންއަކީ އެހެން މީހުންގެ އިޙްސާސްތަކަށް ޤަދަރު ކުރަން ދަންނަ ޒުވާނެކެވެ. ޖިނާންގެ ހުންނަ މަޖާ މިޒާޖުގެ ސަބަބުންނާ އަނގަ ގަދަކަމުން އެންމެންގެ ތެރޭގައި އޭނާ މަޝްހޫރުވެފައިވަނީ އަނގަގަދަ މިތުރުގެ ގޮތުގައެވެ. އާރާ ޓްރެއިނިން އަށް ދާން އޮތީ ޒީޝާންއާ އެކުކަމަށް ވިޔަސް އެ އަހަރު އާރާގެ އާއިލާ ރޫޅި، ކުރި ނަފްސާނީ އަސަރުތަކުގެ ސަބަބުން ދެވޭގޮތް ނުވީއެވެ. އެ ހުރިހާ ކަމަކުން އަރައިގަނެ އާރާއަށް އެ މީހުންނާ ގުޅެވޭ ވަރުވީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.
"އިޓްސް ގޮނަ ބީ އޯކޭ އިނގޭ..." އެ ދިމާލަށް އައި އާރާ ފެނި ޖިނާންއަށް ބަލައިލަމުން ޒީޝާން ބުނެލިއެވެ. ޖިނާން ހިނިތުންވެލިއެވެ. މީހުން އަރަން ފެށުމާއެކު ކޮންމެވެސް ވަރަކަށް ބޯޓު އެތެރެ ހަލަބޮލިވިއެވެ.
"ކޮއްކޯ..." ޒީޝާންއަށް ގޮވައިލުމަށްފަހު، ބޯޑިން ޕާސް ދައްކައިލުމާއެކު، ތަންކޮޅެއް މުސްކުޅި ވަރެއްގެ ދެމަފިރިއަކު އެ ދެމީހުންގެ ސީޓު ހޯދަން އެހީތެރިވެދޭން އެދުނެވެ. އެ ދެމީހުންނަށް ސީޓް ދައްކައިލުމަށްފަހު އިތުރު ކަމެއް ބޭނުންތޯ ޒީޝާން ސުވާލުކޮށްލި އެވެ. އެދެމީހުން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.
ފްލައިޓް ނައްޓައިލަން ކުރަންޖެހޭ ހުރިހާކަމެއް ނިމުމާއެކު ބޯޓުގެ ދޮރުތައް ލެއްޕުނެވެ. ކެބިން ކުރޫއިން ވެސް އެމީހުންގެ ސީޓު ތަކުގައި އިށީނދެ ހަމަޖެހިލިއެވެ. ޒީޝާން ބޯޓުގެ ކެޕްޓަނަށް ގުޅައި ހުރިހާކަމެއް ވެސް ހަމަޖެހިއްޖެ ކަމުގައި ބުނެލިއެވެ.
ގައިގަނޑަކަށް ދެ ގަޑިއިރާ ފަނަރަ މިނިޓްގެ ދަތުރަކަށްފަހު، ރާއްޖެ އާދެވުނު އިރު ގަޑިން ހަތްގަޑި ބައި ވަނީއެވެ.
ޒީޝާންމެނަށް އެއާރޕޯޓުން ނުކުމެ ވުނުއިރު ގަޑިން އަށެއް ޖަހަނީއެވެ. ޒީޝާން ޑްރައިވަރަށް ގުޅައިލިއެެވެ. އޭނާ ބޭރުގައި މަޑުކޮށްލީ ކާރު އޮތީ ކައިރީގައި ކަމަށް ބުނުމުންނެވެ.
"އަހަރެން ވަރަށް ބޮލުގަ ރިއްސާއެބަ. އަވަހަށް ގެއަށް ދާން ބޭނުމީ" ޒީޝާންއަށް ބަލައިލަމުން އާރާ ބުނެލިއެވެ.
"ގެއަށް ގޮސް ރެސްޓް ކޮށްލާ. މާ ބޮޑަށް ވިސްނާތީ ތިހެން ތިވަނީ..." ޒީޝާން ބުނެލިއެވެ.
އާރާ ޓެކްސީއެއް ނަގައިގެން ދާން ނައްޓައިލުމާއެކު ޒީޝާން ގަޑިއަށް ބަލައިލިއެވެ.ރާކިން ނުކުތީ ވެސް އޭނާ އެތަނުގައި ހުއްޓައެވެ. ރާކިން އައިސް ޒީޝާންގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.
"ބަލާ އަންނަންދެންތަ މަޑުކޮށްލައިގެން ތި ހުރީ..." ރާކިން ޒީޝާންއަށް ބަލައިލަމުން އަހައިލިއެވެ.
"ޑްރައިވަރު ބުނީ ވަރަށް ކައިރީގައޭ" ޒީޝާން ރާކިންއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
އެ ދެމީހުންނާ މާދުރުނޫން ހިސާބަކަށް މަޑުކޮށްލި ކާރުން ފޭބި އަންހެން ކުއްޖާގެ ލޮލުގައި ރާކިންއާ ވާހަކަދައްކަމުން ހިނިތުންވެލި ޒީޝާން އަޅައިގަތުމާއެކު، އެކުއްޖާގެ ދެބުމަ ގޮތް ޖެހުނެވެ. ރާކިން ވެސް ހުރީ ޒީޝާންއަށް ބަލަހައްޓައިގެން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ރުޅިވެރިކަން ނަފުސަށް ވެރިވީ އެހެންވެއެވެ. އޭނާގެ ހިތުގައި ރާކިންގެ ނަން ފެވިފައިވާއިރުވެސް، ރާކިން އޭނާއަށް އެ ނަޒަރުން ބަލައެއް ނުލައެވެ. އެ ހިތުގެ ހާލު ރާކިންއަށް ނޭނގެނީ ކީއްވެހެއްޔެވެ؟ ރާކިން ޒީޝާންއަށް އެ ބަލައިލާ ނަޒަރުން އޭނާއަށް ދުވަހަކު ބަލައިނުލާނީ ހެއްޔެވެ؟. ޒީޝާންދެކެ ހަސަދަ ވެރިވެވެނީ އެހެންވެއެވެ. ރުޅިއާދެވުނީ އެހެންވެއެވެ. ރާކިން އޭނާއަށް އެފަދަ ނަޒަރަކުން ބަލައިނުލަނީ ކީއްވެހެއްޔެވެ؟ އޭނާގެ މަދީ ކޮން ސިފައެއް ހެއްޔެވެ؟ ޒީޝާން އެހާ ޚާއްސަ ވާންވީ ކީއްވެހެއްޔެވެ؟ ހިތުގައި އަނދައިގަތީ ނަފުރަތުގެ އަލިފާނެއެވެ.
އެ ދެމީހުންނަށް ބަލައިލުމަށްފަހު، ގަޑިއަށް ބަލައިލަމުން އޭނާ ފިޔަވަޅުތައް އަވަސްކޮށްލީ ގަޑިޖެހޭތީއެވެ.
ޑްރައިވަރު އައުމާއެކު ޒީޝާން ވެސް އަވަސްވީ ގެއަށް ދާށެވެ. އޭނާ ހުރީ ހަގީގަތުގައި ވަރަށް ވެސް ވަރުބަލިވެފައެވެ.
*****
ހަވީރު ޒީޝާން މާލެ ދިޔައީ ގަންނަން ޖެހޭ ބައެއް އެއްޗެހި ހުރީތީއާ އެކު، އާރާ އާ ވެސް ދިމާކޮށްލުމުގެ ބޭނުމުގައެވެ. ސޮޕިންކޮށް ނިންމާލުމަށްފަހު، ދެ ކުދިން ރެސްޓޯރެންޓަކަށް ވަދެލީ ކޮންމެވެސް އެއްޗެއް ކައިލުމުގެ ބޭނުމުގައެވެ. ތަންކޮޅެއް ބިއްދޮށުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެލުމާއެކު ވެއިޓަރު މެނޫ ގެނެސް ދިނެވެ.
ކާ އެއްޗެއްސަށް އޯޑަރު ދިނުމަށްފަހު، ޒީޝާން އާރާއަށް ގޮވައިލިއެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން އާރާ ޒީޝާންއަށް ބަލައިލިއިރު އޭނާއަށް އެ މޫނުމަތިން ފެނުނީ ސީރިއަސްކަމެވެ.
"އާރޫ. ރަފްހާންއާ ދިމާވެއްޖެތަ؟"
"ނޫން. މިރޭ ދިމާކުރަން ވެގެން މިއުޅެނީ..." އާރާ ބުނެލިއެވެ.
"އާރޫ... ހަމަ ހަޤީޤަތުގައި ވެސް އާރޫ ބޭނުންވޭތަ ރަފްހާންއާއެކު އުޅެން؟. ހީވޭތަ އަދި ދެމީހުން މެރީ ކުރިޔަސް ހަމަޖެހިގެން އުޅެވޭނެހެން؟ މީ އާރޫގެ ޑްރީމްސް، އާރޫގެ ކެރިއަރ... މިކަމުގައި ކުރިއަށް ދާން ރަފްހާން އޯކޭވާނެތަ؟ އޭނަ އާރޫއަށް ޓްރަސްޓް ކުރާނެތަ؟" ޒީޝާން އާރާގެ އަތުގައި އޭނާގެ އަތުން ހިފައްޓާލިއެވެ. އާރާ އެއްޗެއް ނުބުނެ ތުންފަތުގައި ދަތް އަޅައިލިއެވެ.
"އޭނައަށް ވުރެ ރަނގަޅު ކުދިންވެސް އާރާއަށް ވާނެޔޭ..." އިސްޖަހައިލައިގެން އިން އާރާއަށް ބަލައިލަމުން ޒީޝާން އާރާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އާރާ ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ ވަކި އެއްޗެއް ނުބުނެއެވެ. ރަފްހާންއާ ރައްޓެހިވެގެން އުޅޭތާ ތިން އަހަރު ވެފައިވާއިރު އޭނާއަށް ރަފްހާން އާ ދުރުވުމަކީ ފަސޭހަކަމެއް ނޫނެވެ.
އެތަށް ގޮތަކަށް ޒީޝާން ވާހަކަ ދެއްކިއެވެ. ވިސްނައިދޭން މަސައްކަތް ކުރިއެވެ.
"ވިސްނައްޗޭ! އާރޫ ކަމެއް ބޭނުންވިޔަސް، ޝެއަރ ކުރަން ބޭނުންވިޔަސް އަހަރެން ހުންނާނަން..." ޒީޝާން އެންމެ ފަހުން ބުނެލިއެވެ.
މައުޟޫ އަނބުރާލަމުން ޒީޝާން އެހެން ވާހަކައެއް ދައްކަން ފެށިއެވެ. ވާހަކަތައް ދައްކަމުން ދައްކަމުން ގޮސް އެންމެފަހުން ވާހަކަ ނިމުނީ އަރްޒަންއާ ހިސާބުންނެވެ.
"އަސްލުވެސް އޭ އާރޫ! އަރްޒަން ފެނުނީމަ ހިތަށް ގޮތެއް ވޭ... " ޒީޝާން ހުވަފެނީ ގޮތަކަށް ބުނެލިއެވެ.
"ދެން ބުނެބަލަ އަރްޒަން ގާތު ފީލް ވާ ގޮތް ތިވަރު ވަންޏާ!" އާރާ ހީގަތެވެ. ޒީޝާން ވެސް އެ ހުނުމުގައި ބައިވެރިވިއެވެ. އިތުރު އެއްޗެއް ޒީޝާންއަށް ނުބުނެވި އުޅެނިކޮށް ވެއިޓަރު ކާއެއްޗެހި ގެނެސްފިއެވެ.
ކައިގެން ނުކުތް އިރު އިރު އޮއްސި ބަންގިގޮވައިފިއެވެ. އެތަނުން ނުކުމެގެން ދެކުދިން ދިޔައީ އާރާމެންގެއަށެވެ.
ޒީޝާން ހުޅުމާލެއަށް ދިޔައީ އަށެއް ވެސް ޖެހިފަހުންނެވެ.
ގެއަށް ގޮސް އޭނާ ޝެޑިއުލް ބަލައިލުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މާދަމާގެ ދަތުރު އޭނާ ކުރަންޖެހެނީ އަރްޒަންއާ އެކީގައެވެ.
އެކަމުން އެކަނިވެސް ހިތަށް އުފާވެރިކަމެއް ލިބިއްޖެއެވެ. އަބަދާ އަބަދު ބޭނުންވަނީ އަރްޒަން ދުށުމަށެވެ. އޭނާއަށް އަރްޒަންއާއެކު ފްލައިޓެއް އެ ޖެހުނީ ބަރާބަރު ދެ ހަފްތާ ފަހުންނެވެ.
ނިދަން އުޅުނު ނަމަވެސް ޒީޝާންގެ ލޮލާ ނިދި ވަނީ ރުޅިވެފައެވެ. ޚިޔާލުކުރެވެނީ އަރްޒަންއާ މެދުގައެވެ. އެ ސޫރަ ދެކޭހިތުން އޭނާ ވަނީ ކެތްމަދުވެފައެވެ. އަރްޒަންއާ ގާތުގައި އެ ހޭދަވި ވަގުތުކޮޅު ޚިޔާލުގެ ލޯގަނޑަށް ސިފަ ވުމާއެކު ލުއި ހުނުމަކާއެކު ބާލީހަކުން މޫނު ފޮރުވާލެވުނެވެ.
******
ފްލައިޓް ފުރަން ހަމަޖެހިފައިވަނީ ހެނދުނު ނުވަގަޑިބައިގައެވެ. ޒީޝާންއަށް އެއާރޕޯޓަށް ދެވުނުއިރު އައްގަޑި ބައިވަނީއެވެ. އާދައިގެ ވަރެއްގައި ހިނގާލާފައި ގޮސް އޮފީހަށް ވަތްއިރު އަރްޒަންގެ އިތުރުން ރާކިން ވެސް އެތެރޭގައި ހުއްޓެވެ. ރާކިންގެ އެއްފަރާތުގައި މަޑުކޮށްލައިގެން ޒޭބާ ހުއްޓެވެ.
ޒީޝާން ފެނުމާއެކު ޒޭބާގެ މޫނުމަތި ބަނަވިއެވެ. ކުރިން ދުވަހު ޒީޝާންއާއި ރާކިން ވާހަކަ ދައްކަން ތިބި މަންޒަރު އޭނާގެ ޚިޔާލުގެ ލޯގަނޑަށް ސިފަވުމާއެކު ދަތްކުނޑި ވެސް ވިކާލެވުނެވެ.
އަރްޒަންގެ ތޫނު ނަޒަރުވެސް ޒީޝާންއަށް ހުއްޓުނެވެ. އެ ދުވަހު މަންޒަރު ސިފަވުމާއެކު، ބޭއިޚްތިޔާރުގައި އޭނަގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ އަޅި ކުލައިގެ ދެލޮލުން އޭނާއާ ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު އެ ދެލޮލުން އޭނާއަށް ކޮންމެވެސް ކަމެއް ބުނެދޭން މަސައްކަތް ކުރާ ކަހަލައެވެ. އެ ހުންނަ އާދަޔާ ޚިލާފް ގޮތެއްގެ ސަބަބުން އޭނާއަށް އަސަރުކުރާތީ ހައިރާންވެއެވެ.
ޒީޝާން އޭނާއާ އަރާ ހަމަވުމާއެކު ޒޭބާ އޭނާގެ ފައި ނެރިލިއެވެ. ނުވިސްނާ ހުރި ޒީޝާން އެ ފައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ހިފައްޓައިގެން ހުރި ފޮށިން ވެސް އަތް ދޫވިއެވެ. މަޑު ހަޅޭކެއްގެ އަޑު އޭނާގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތްއިރު، ބިރުން ގޮސް ދެލޯ ވެސް މަރައި ތަގުޅިކޮށްލެވުނެވެ. ވެއްޓިދާނެހެން ހީވެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ބިރުވެރިކަމުގައި އޭނަ ވަނިކޮށް ސިހުނީ ބާރުގަދަ އަތަކުން އޭނާގެ އުނގަނޑުގައި ހިފައްޓާލިކަމުގެ އިޙްސާސް ކުރެވުމާ އެކުގައެވެ.
(ނުނިމޭ)