"ޔެސް ޔާން... އަހަރެން ކަމާލު ގާތުން ވަރިވެއްޖެއިން..." ރައުދާ އޭނާ ބުނި ވާހަކަ ތަކުރާރު ކޮށްލިއެވެ.
"ޔާން... ކޮންމެވެސް އެއްޗެއް ބުނެބަލަ!." އަޔާންގެ އެ ހަމަހިމޭންކަމުން ރައުދާއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އަޔާންގެ މޫނުމައްޗަށް ފަރުވާތެރިކަމާއެކު ބެލި ނަމަވެސް، އެ މޫނުމަތީގައިވި ކުލަވަރުތައް ރައުދާއަކަށް ފަހުމެއް ނުވިއެވެ. ނޫނީ އަޔާން އެ ހުރިހާ އިޙްސާސްއެއް ފޮރުވަން މޮޅީއެވެ.
"ޔާން... ކޮންމެވެސް އެއްޗެއް ބުނެބަލަ!" އަޔާންގެ އެ ހަމަހިމޭންކަމުން ރައުދާއަށް އުނދަގޫވެ އަނެއްކާވެސް އޭނާ އަހައިލިއެވެ.
"ރައު ބޭނުންވަނީ ކޮންކަމެއް؟ އަހަރެން ކީކޭ ބުނަންވީ؟" އަޔާން ސުވާލުކޮށްލިއެވެ. އޭނާ އެއްބުމަ އަރުވައިލަމުން ރައުދާއަށް ބަލައިލިއެވެ. އެއާއެކު ރައުދާ ހިމޭންވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. އަޔާންއަށް ހަމަ އެއްވެސް އަސަރެއް ނުކުރަނީހެއްޔެވެ؟. އަޔާންގެ ހިތުގައި އޭނާއަށްޓަކައި ވިންދެއް ނުޖަހަނީހެއްޔެވެ؟ ރައުދާގެ ހިތުގައި ވަހުމާ ޝައްކު ދައުރުވާން ފެށިއިރު، އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ އެ ބަސްތަކުގެ ސަބަބުން އަޔާންގެ ހިތް އުފަލުން ފުރުނުކަމެވެ. އޭނާ އަދިވެސް ރައުދާ ދެކެ ލޯބިވެއެވެ. އެ ހިތުގެ ތެޅުމާ ހިތުގެ ވިންދުން އެކަނިވެސް އެކަމަށް ހެކިވެއެވެ. ރައުދާގެ ކުރިމަތީގައި އެ އިޙްސާސްތައް އޮއްބައިލައިގެން ހުންނަން އަޔާންއަށް ހާދަ އުނދަގުލެވެ. އެކަން ރައުދާއަށް އިޙްސާސްވާނެ ނަމައެވެ.
ރައުދާ އިސްޖަހައިލަމުން، ތެދުވެ، އެތަނުން ދާން ހިނގައިގަތް ވަގުތު އަޔާން ވާހަކަ ދެއްކިއެވެ.
"އައި ލަވް ޔޫ ރައު.... އައި ސްޓިލް ޑޫ..." އަޔާން ބުނެލިއެވެ. އެއާއެކު ފިޔަވަޅުތައް މަޑުޖައްސައިލަމުން، ރައުދާއަށް ސިހިފައި އަޔާންއާ ދިމާލަށް ބަލައިލެވުނެވެ. އަޔާންގެ ތުންފަތް މަތީގައިވި ފަނޑު ހިނިތުންވުން ފެނި އޭނާއަށް ހައިރާންކަމާއެކު، ބަލަން ހުރެވުނެވެ.
"ތިބުނީ ކީކޭ ޔާން؟" އޭނާއަށް ސުވާލުކޮށްލެވުނެވެ.
"އަހަރެން ނުބުނަން އަހަރެންގެ މީހަކަށް ވެދޭށެކޭ... އައި ސެއިޑް އަ ސްޓިލް ލަވް ޔޫ އޭ... ޖަސްޓް ލައިކް ބިފޯރ.." އަޔާން ބުނެލިއެވެ. ރައުދާއަށް އިތުުރު ހައިރާންކަމެއް ލިބުނެވެ. ހަމައެއާއެކު، ކޮންމެވެސް ވަރަަކަށް ދެރަވެސް ވިއެވެ. އަޔާން އޭނާގެ އިޙްސާސްތަކާ ކުޅެނީ ހެއްޔެވެ؟ ބަދަލު ހިފަނީ ހެއްޔެވެ؟
"ހަނދާންކުރައްޗޭ ރައު.... އައި ވިލް އޯލްވޭޒް ލަވް ޔޫ ކަން..." ސޯފާއިން ތެދުވެ ރައުދާ ކަންފަތް ދޮށަށް ގުދުވެލާ އަޔާން ބުނެލިއެވެ. އެއަށްފަހު އަޔާން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.
"ޢިއްދަ ނިމުނީމައެއްނު ކަމެއް ކުރެވޭނީ..." އަޔާން އެއްމިޔަކަށް ހީލަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހައިލިއެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އޭރުވެސް ރައުދާ ހުރީ ހުރި ގޮތަށެވެ. އަޔާން ބުނި ބަސްތަކުގެ މާނަ އޭނާ ނަގަންވީ ކިހިނެނަކުން ހެއްޔެވެ؟
*****
އަރްޒަންއަށް އޮތީ ނިދިފައެވެ. ޒީޝާންވެސް އޮތީ ގޮނޑީގައި އިނދެ، އެނދުގައި ބޯ ޖައްސައިލި ގޮތަށް ނިދިފައެވެ. އޭނާއަށް ހޭލެވުނީ އާރާމެން ދޮރު ހުޅުވައިލި އަޑަށެވެ. ޒީޝާން ހަށިގަނޑު ސީދާ ކޮށްލިއެވެ. އޮވެވުނު ގޮތަކުން ކަންނޭނގެއެވެ. އޭނާގެ ކަރުގައި ވެސް ރިއްސަމުން ދިޔައެވެ. ދެފަރާތަށް ކަރު އަނބުރައިލަމުން ޒީޝާން ދޮރާ ދިމާލަށް ބަލައިލިއެވެ.
"އާރޫ..." ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަދެގެން އެ ދިމާލަށް އައި އާރާއަށް ބަލައިލަމުން ޒީޝާންއަށް ބުނެވުނެވެ.
"ހޭ ޒީ..." އާރާ އައި ގޮތަށް އައިސް ޒީޝާންގެ ގައިގައި ބައްދައިލިއެވެ. ޖިނާންވެސް އެތެރެއަށް ވަނެވެ.
ކުއްލިއަކަށް އެތަނުގެ އެތެރޭގައި އަޑުގަދަވުމުން ނިދިފައި އޮތް އަރްޒަންއަށް ވެސް ދެލޯ ހުޅުވައިލެވުނެވެ.
"ޒީ..." އެންމެ ފުރަތަމަ ވެސް އަރްޒަންއަށް ބުނެވުނީ އެހެންނެވެ.
"ޒޭން.... އާރ ޔޫ އޯކޭ؟" ޒީޝާން އަހައިލިއެވެ. އޭނާ އަރްޒަން ގާތު ކަމެއް ބޭނުންވީތޯ ސުވާލު ކޮށްލިއެވެ. ދެ ފަރާތަށް ބޯ ހުރައިލި އަރްޒަން އާރާމެން ފެނިގެން ހީލިއެވެ. ޒީޝާންގެ އެހީތެރިކަމާއެކު، އޭނާ ތެދުވެ އެނދުގައި އިށީނދެލިއެވެ.
"އެންމެ ފަހުން ނުހުރެވިގެން އާރާ ވެސް ގެނައި ދޯ..." އަރްޒަން ޖިނާންއާ ދިމާކޮށްލިއެވެ. ޒީޝާން ވެސް ހީގަތެވެ.
"އަހަރެެމެންގެ ހަނީމޫން އަކީ ވެސް އައްޑޫއަކަށްނު މިވީ..." ޖިނާން ވެސް ދުލެއް ނުކުރިއެވެ. އޭނާ އާރާގެ އުނަގަނޑުގައި ހިފާ ގާތް ކޮށްލުމުން އާރާގެ މޫނު ލަދުން ރަތްވިއެވެ. އޭނާ މަޑުމަޑުން އަތުގެ އުޅަބޮށިކޮޅުން ޖިނާންގެ ބަނޑުގައި ޖަހައިލިއެވެ.
"ކިހިނެއްވީ؟ އަޅެ ޒީ ބުނެބަ! ދޮގެއްތަ މީ؟" ޖިނާން ޒީޝާންއަށް ބަލައިލަމުން ބުނެލިއެވެ.
"ސޮރީ ގާއިޒް... އަހަރެމެންނާ ހެދި ހަނީމޫންއަށް ވެސް ދެވޭގޮތް ނުވީވިއްޔަ!" ޒީޝާން ފުންނޭވާއެއް ދޫކޮށްލިއެވެ.
އަރްޒަން ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޑޮކްޓަރު ބުނީ އިތުރު އެއްވެސްް މައްސަލައެއް ނެތްކަމުގެވެ. އިތުރަށްކަމެއް އުޅޭހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން އައުމަށެވެ.
*****
ދެ ދުވަސް ފަސް
*****
"ފިރާޤުބޭ! އަހަރެން ބޭނުން މާލެ ދިޔުމުގެ ކުރިން އަހަރެންގެ މަންމަ ދިރިއުޅުނު ގެ ބަލައިލަން... އަދިވެސް ހުރިހާ ވާހަކައެއް ކިޔައެއް ނުދެމެއްނު..." އަރްޒަން ހަނދާން ކޮށްލަދިނެވެ.
"މިއަދު ހަވީރު ހިނގާ ދަމާ..." އެންމެން ތިބީ ސޯފާތަކުގައެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ ދިޔުމުގެ ކުރިން އަރްޒަން މަންމަމެން ގޭގެ އިތުރުން ރަށު ތެރެވެސް ކުޑަކޮށް ބަލައިލަން ދާ ވާހަކައެވެ.
ހަވީރުގެ ވަގުތެވެ. ރަށުގެ ފުއްޓަރު ފަރާތަށް ވަދެގެން ފިރާޤު ދާން ފެށުމުން އެތަނަށް އައި ހަނދާނެއް އަރްޒަން ވިއެވެ. އޭނާ ޝިންޝިނާ މަތިން ހަނދާންވިއެވެ. އޭނާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެ. އެކަމަކު އަރްޒަން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ އިންތިޒާރުކުރީ ފިރާޤު ވާހަކަ ދައްކަން ދެނެވެ.
"އެހެރީ އެގެ..." އަތުން އިޝާރާތް ކޮށްލަމުން ފިރާޤު ބުނެލިއެވެ. އޭނާ އަރްޒަންގެ މޫނަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. އަޔާންއާއި ޖިނާންގެ އިތުރުން އާރާ އާއި ރައުދާގެ އިތުރުން އިރުފާން ވެސް އެތަނުގައި ހުއްޓެވެ. ފިރާޤު މަޑު ފިޔަވަޅުތަކެއްގައި ގޮސް އެ ފަޅުގޭގެ ކައިރީގައި މަޑުކޮށްލިއެވެ. ފިރާޤުގެ ފަހަތުން ހަތް މީހުންވެސް ދިޔައެވެ.
"މިއީތަ އެ ގެ؟........" އަޔާންއަށް ސުވާލުކޮށްލެވުނެވެ. އޭނާއަށް ބަލަައިލެވުނީ ފިރާޤާ ދިމާލަށެވެ. ފިރާޤު ބޯ ޖަހައިލުމުން އަރްޒަންއާ ޖިނާންއަށް ވެސް އަވަސް ނަޒަރެއްދިނެވެ.
"މީތަ އަރްޒަންމެން މަންމަމެން ގެއަކީ..." ޖިނާންއަށް ވެސް ހައިރާންކަމާއެކު އަހައިލެވުނެވެ. އޭނާ ވެސް ޔަޤީންކުރަން ބޭނުންވާ ފަދައެވެ. އެއީ އަރްޒަން އައި ގެއެވެ. ޝިންޝިނާއާއެކު، އަރްޒަން އުޅުނީ އެގޭ ތެރޭގައެވެ.
"އާނ... މީ އެގެ. ހުދުވެލިގެ... އެއީ މިގޭގެ ނަމަކީ..."
"ފިރާޤު ބޭ... ގައިމު ޖައު.... ބައްޕަ.... ޖައުފަރު..." އަރްޒަންއަށް ޖުމްލަ ބޭރުކޮށްލެވުނީ އަޅަ އަޅައިގަންނަމުންނެވެ. އޭނާއަށް ބައްޕަ އެ ލަފްޒު ކިޔަން އުނދަގޫވިއެވެ. ޚާއްސަކޮށް ޖައުފަރަކީ ކިހާ ވަރެއްގެ މީހެއްކަން އެނގުމަށްފަހުއެވެ.
"އޭނަގެ ގެ ހުންނަނީ މާލޭގައެއް ނޫންތަ؟ މީ މަންމަ ގެ ދޯ އެހެންވީމަ... ކިހިނެއް އެމީހުން ދިމާވީ؟" އަރްޒަންއަށް ސުވާލުކޮށްލެވުނެވެ. އޭނާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. "އަދި މަންމަގެ މަރާ މާހުތާބާ އޮތް ގުޅުންވެސް...."
*****
24 އަހަރު ކުރި
ޖުމައިލާ އަކީ އުމުރުން ފަންސަވީސް އަހަރުގެ ރީތި އަންހެން ކުއްޖެކެވެ. ޖުމައިލާ ކުޑައިރު މަންމަ ނިޔާވުމުން ޖުމައިލާ ބަލާ ބޮޑުކުރީ އޭނާގެ ބައްޕަ އިބްރާހީމެވެ. މިހާރު އިބްރާހީމަކީ ވެސް އުމުރުން ދުވަސްވެފައިވާ މުސްކުޅިއެކެވެ.
"ދަރިފުޅާ ޖުމައިލާ... ބައްޕަ ދުނިޔޭގައި ހުއްޓާ މީހަކާ އިންނާކަށް ނުވޭތަ؟" ކާ މޭޒުދޮށުގައި އިށީންނަމުން އިބްރާހީމް ބުނެލިއެވެ. އޭނާ ދެފަރަކު ކެއްސައިލުމާއެކު، ޖުމައިލާ ފެންތައްޓެއް އިބްރާހީމްއަށް ދިނެވެ.
"އަހަރެން މީހަކާ އިންނަންޏާ ބައްޕަ ދޫކޮށްފަ ދާން ޖެހޭނީ... މި ރަށުގައި މީހަކާ އިނީމަ ދެން އުޅެން ދާންޖެހޭނީ ފިރިމީހާގެ އާއިލާގެ ގާތަށް..." ޖުމައިލާ އަބަދުވެސް ދޭ ޖަވާބަކީ އެއީއެވެ.
"އެކަމަކު ބައްޕަވެސް ބޭނުން އެ ދުވަސް ދެކިލަން..." ހިސާބެއްގެ ތުރުތުރު އެޅުމެއް އެކުލެވޭ އަޑަކުން އިބްރާހީމް ވާހަކަ ދެއްކިއެވެ.
"ހެހެ.... ބައްޕަ ވެސް ދައްކާ ވާހަކަ... " ޖުމައިލާ ހަމަ އެކަނި ބުނެލީ އެހެންނެވެ. އެ މައުޟޫ އަކީ އޭނާ މާގަޔާވާ މައުލޫއެއް ނޫނެވެ. އެ އުމުރު ފުރައިގެ ގިނަ ކުރިން ޖުމައިލާގެ ފަހަތުން އާދޭސްކުރަމުން ދުވެއެވެ. އެ ލޯތްބަށް އެދި ސަލާން ޖަހައެވެ. ސިޓީ ވެސް ފޮނުވައެވެ. އޭނާ މީހަކާ އިންނަ ޚިޔާލު ނުކުރަނީއެއް ނޫނެވެ. އެކަމަކު ބަލި ބައްޕައަށް ވިސްނައިލުމަށްފަހު، އެ ޚިޔާލު ހިތުން ނެރެލަނީއެވެ. އެހެން ނޫނަސް އޭނައަށް ކަމުދާ ކުއްޖަކު ވެސް ނުފެންނަނީއެވެ.
އެއީވެސް އާދައިގެ މަތިން ޖުމައިލާ ގޭ ގޯތިތެރެ ކުނި ކަހަން އޮތް ދުވަހެކެވެ. ކުނިތައް އެއްކޮށްފައި ނަގަންވެގެން އުޅުނު ވަގުތު އުދުހިފައި އައި ކަރުދާސް ބޯޓެއް ކުނި ފުނިތެރެއަށް ވެއްޓުނެވެ. ޖުމައިލާ ވަށައިގެން ހޯދައިލި ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. ކުދިވެރިން ކޮށްލި ސަމާސާއެއް ކަމަށް ނިންމާ، ކުނިތަކާ އެކު އޭނާ އެތަނުގައި ބަހައްޓާފައި ހުރި ބާލިދީއަށް އެ ބޯޓު ވެސް އެއްލައިލިއެވެ. އެނބުރިލި ވަގުތު މިފަހަރު އެ ކަހަަލައެހެން ކަރުދާސްބޯޓެއް އައިސް ވެއްޓުނީ އޭނާގެ ފައި ބުޑަށެވެ. ދެކޮޅު ހޯދައިލި ޖުމައިލާއަށް މިފަހަރުވެސް މީހަކު ލޮލުގައި އަޅައިނުގަތެވެ. ދެ ވިސްނުމެއްގައި ހުރެފައި އޭނާ އެ ބޯޓު ނަގާ ޑަސްބިނަށް ލާން ހުރެފައިވެސް މަޑުޖެހިލާ އެ ކަރުދާސްގަނޑު ނިއުޅުވައިލީ އޭގައި ކޮންމެެވެސް އެއްޗެއް ލިޔެފައި އޮތް ހެން ހީވެފައެވެ.
"އަހަންނަށް ތިޔަ އަންހެން ކުއްޖާ ވަރަށް ކަމުގޮސްފި..." އޭގައި ލިޔެފައި އޮތެވެ.
"މީ ކާކު ކުރާ ކަމެއްބާ؟" ޖުމައިލާ އަނެއްކާވެސް ބޯ ދީ ފަރާތް ފަރާތް ބަލައިލިއެވެ. އޭނާ އެ ގަނޑުކޮޅު ޑަސްބިނަށް ލާފައި ގޮސް ގޭތެރެއަށް ވަނެވެ.
އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް ކުނި ކަހަން އުޅޭ ގަޑީގައި އެމީހަކު އެ ސަކަރާތެއް ޖަހައެވެ. އެއްފަހަރަކު އޭނާ ބަލައިލި ވަގުތު މީހަކު އެއްފަރާތު ފާރާ ނިވާވެލިތަން އޭނާއަށް ފެނުނެވެ. އެ ދިމާލަށް ދާން އުޅުނު ވަގުތު ބައްޕަ ގޮވައިލުމާއެކު، އޭނާ އިލޮށިފަތި ބާއްވާފައި އެތެރެއަށް ވަނެވެ.
ގައިގަނޑަކަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރު ޖުމައިލާ އަށްވެސް އެކަން އާދައަކަށް ވެއްޖެއެވެ. އޭނާއަށް ވެސް އެ ގަނޑުކޮޅަށް އިންތިޒާރު ކުރެވެން ފެށިއެވެ. މިހާގެ މޫނު ނުފެނުނު ކަމަށްވިޔަސް އާދަޔާ ޚިލާފް އިޙްސާސްތަކެއް އޭނާއަށް ވެސް ކުރެވެން ފެށިއެވެ.
އެއްދުވަހެކެވެ. ކުނި ކަހާނިމުނު އިރުވެސް އެމީހަކުގެ އެ ހަދިޔާ މިއަދު ލިބޭ ގޮތެއް ނުވިއެވެ. އެކަމާ ޖުމައިލާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ކުނިތައް ބާލިދީއަށް އަޅައިލުމަށްފަހު، އޭނާ ހިނގައިގަތް ވަގުތު ފައިގައި މިފަހަރުވެސް ޖެހުނީ އޭގެ ކަރުދާސް ބޯޓެކެވެ.
"އަހަންނަކީ ކާކުކަން އެނގެން ބޭނުންނަމަ އަހަންނާ ބައްދަލުކުރާނަންތަ؟ އަހަންނަށް ތިޔަ ކުއްޖާ ވަރަށް ކަމުގޮސްފި... އަަހަންނަށް އެނގޭ ތިޔަ އިންތިޒާރުކުރަނީ އަހަރެންގެ ގަނޑުކޮޅަކަށް ކަން... ޖަވާބު މި ފާރުބުރިމަތީގައި ބާއްވާ... އަހަރެން އިންތިޒާރުކުރާނަން..." ގަނޑުކޮޅުގައި އޮތެވެ.
"ޖުމޭ...." ޖުމެއިލާއަށް ސިހުން ގެނުވީ ގޯއްޗަށް ވަދެގެން އަންނަ ނައުފަލް ފެނުމާއެކުގައެވެ. އޭނާ އަވަސް އަވަހަށް ގަނޑުކޮޅު ފަތް ޖަހައިލިއެވެ.
"އަނހާ ނައުފަލް... އާދޭ..."
ނައުފަލް އަކީ ޖުމައިލާ ކުޑަ އިރެއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ނައުފަލްއަށް އޭނާ ކަމުދާކަން ޖުމައިލާއަށް އެނގެއެވެ. ނުގޮތަކަށް ނައުފަލް އެވާހަކަ އެތަކެއް ފަހަރު ޖުމައިލާއާ ދެއްކިވެސް މެއެވެ. އެކަމަކު ޖުމައިލާ ހުންނަނީ ނޭނގޭކަމަށް ހަދައިލައިގެންނެވެ. ޒަމާންވީ އެކުވެރިޔާ ގެއްލޭކަށް އޭނާ ނޭދެއެވެ.
"ކީކޮށްލަނީ މި ގަޑީގަ ނައުފަލް..." ޖުމައިލާ ސުވާލުކޮށްލިއެވެ. ނައުފަލް އިށީނީ ބޭރުގައި ހުރި ބޮޑު ގަހުގައި އެލުވާފައި ހުރި އުނދޯލީގައެވެ.
"ޖުމޭ ނުފެންނާތީ ހަމަ ދެކިލާހިތުން..."
ސަމާސާއަކަށް ހަދާފައިވެސް ނައުފަލް ބުނީ ތެދަށެވެ. އޭނާ އެއީ ޖުމައިލާ ދެކިލުމަށެވެ.
"ހޫން... އެއްކަލަ ނައުފަލް..."
"ކޮބާތަ އިބްރާހީމްބެ...."
"ގޭތެރޭގައިގައި ނިދިފައި ހެން ހީވަނީ... ރޭވެސް ދެފަަހަރަކު އެހި ކޮބައިހޭ ނައުފަލް... ނައިސްގެން އެ ވާހަކަ ވެސް ވަރަށް ދެއްކި........" ޖުމައިލާ ބުނެލިއެވެ.
"ދެން އަހަންނާ އިންނަންވީނު... އޭރުން ޖުމައިލާ ބައްޕައަށް ނުޖެހޭނެ އެއްނު އަހަރެން ހޯދާ ނުފެނިގެން އުޅޭކަށް...."
"އެޔޯ... އަހަރެން ނައުފަލް އާ އިނދެގެން ދާން ޖެހޭނީ ތިގެއަށް. ހެހެ! ތި ގޭގައި ވިއްޔަ ހުރިހާ ފަހަރިން ވެސް އުޅެނީ..." ޖުމައިލާ ވެސް ބުނީ ސަމާސާއަށް ހަދާފައިވެސް ތެދެކެވެ. އެހެން ނޫނަސް އޭނާ ނައުފަލް އާ އެފަދަ ގޮތަކަށް ގަޔާ ނުވެއެވެ.
އެތައް އިރަކު ނައުފަލް ޖުމައިލާ އާ ވާހަކަ ދައްކަންއިނެވެ. ނައުފަލް އަކީ ޝަރުޢީ ދާއިރާއިން ކިޔަވައިގެން ހުރި ޒުވާނެކެވެ. ރަށުގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފަހަތުން ދުވާ އަންހެން ކުދިންނަށް ނޫނެކޭ ބުނުމަށްފަހު، ނައުފަލް ހުރީ ޖުމައިލާގެ އިންތިޒާރުގަ އެވެ. ކޮންމެވެސް، ދުވަހަކުން ޖުމައިލާގެ ހިތް ބަދަލުވާނޭ ކަމުގައި އޭނާ ހީކުރިއެވެ.
ކޮންމެ އަކަސް އެ ނުދަންނަ ޒުވާނާ އާމެދު ޖުމައިލާގެ ހިތުގައި ޝައުގުވެރިކަން އުފެދެމުން ދާތީ ޖުމައިލާވެސް ހުންނަނީ ހައިރާންވެފައެވެ. އޭނާއަަށް އެއީ މުޅީން އާ އިޙްސާސްއެކެވެ. މުޅީން އާ ޒަޖުބާތެކެވެ. ކޮންމެ އަކަސް ހިތުގައި އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޖުމައިލާ ވެސް އެ ޒުވާނާއާ ބައްދަލުކުރަން އެއްބަސްވެއްޖެއެވެ. އޭނާ ކަންތައް ކުރީ އެ ޒުވާނާ އެދުނުގޮތަށެވެ. ގަނޑުކޮޅެއްގައި ލިޔެފައި ފާރުބުރި މަތީގައި އެ ގަނޑުކޮޅު ބޭއްވީއެވެ. ވަޔާ އުދުއްސައިގެން ނުދާނެހެން އޭނާ އޭގެ މަތީގައި ގާކޮޅެއް ބޭއްވީއެވެ. ގޭތެރެއަށް ވަދެފައި ދެން ބަލައިލި އިރު ގަނޑުކޮޅެއް ނެތެވެ.
އެއީ ރޭގަނޑެކެވެ. ބައްޕަ ނިދުމާއެކު ޖުމައިލާ މަޑުމަޑުން ގޭގެ ދޮރު ހުޅުވާލާފައި ނިކުތެވެ. އޭނާ ގޯތި ތެރެއިން ބޭރަށް ނުކުމެ ގެ ފެންނަ ހިސާބުގައި މަޑު ކޮށްލިއެވެ. ފަލަކުގައި އިނދެ ހަނދު ރަސްކަން ކުރަމުންދިޔައެވެ. ޖެހެނީ ތެތްފިނި ވައިރޯޅިތަކެކެވެ. ފިނިކަން އިޙްސާވެ ޖުމައިލާ އެއްއަތުން އަނެއް އަތުގައި ފިރުމައިލިއެވެ.
"ޖުމައިލާ..." އޭނާއަށް ސިހިފައި ފަހަތަށް އެނބުރިލެވުނީ ފިރިހެންވަންތަ އަޑަކުން އޭނާއާ މުޚާތަބް ކުރި އަޑު އިވިފައެވެ.
(ނުނިމޭ)