އޭނާގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރީ ޒުވާން ފިރިހެނެކެވެ. މީގެ ކުރިން އެ ޒުވާނާ ރަށުން ދުށް ހަނދާނެއް ޖުމައިލާ ނުވެއެވެ. އަޅާފައިވާ ހެދުމަށް ބަލައިލުމުންވެސް އެއީ ރަށުން ބޭރު މީހެއްކަން ޖުމައިލާއަށް އެނގުނެވެ. ފުރަތަމަ ފަހަރަށް އެގޮތަށް އެކަނި ފިރިހެންކުއްޖަކާ ބައްދަލުކުރެވުނުން ޖުމައިލާގެ ހިތްވެސް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.
އެރެއަށްފަހު، ޖުމައިލާއާ އެ ޒުވާނާއާ ދެމެދު ވާހަކަ ދެކެވެން ފެށުނެވެ. މަޑުމަޑުން ލޯބިވެރިންގެ ލިސްޓުން މި ދެލޯބިވެރިންވެސް ޖާގަ ހޯދައިފިއެވެ. އެކަން ނޭނގި ހުރެ އެއްދުވަހަކު އިބްރާހީމް ޖުމައިލާ އާ އަނެއްކާވެސް ކައިވެނީގެ ވާހަކަ ދެއްކިއެވެ.
"ޖުމައިލާ ދަރިފުޅާ... ނައުފަލްއަށް ފުރުސަތެއް ދޭންވީނު... އެއީ ރަނގަޅު ކުއްޖެއް، އަނެއްކާ ޢާއިލާއަކީވެސް ރަށުގައި ޤަދަރުވެރި ޢާއިލާއެއް... " އިބްރާހީމް އެދުނެވެ. ނައުފަލްއަކީ އަބަދުވެސް އިބްރާހީމް މާ ގަޔާވާ ކުއްޖެކެވެ. އޭނާ ބޭނުންވަނީ ރަނގަޅު އާއިލާއެއްގެ ރަނގަޅު ކުއްޖަކާ ޖުމައިލާ ގުޅޭށެވެ.
"ބައްޕާ... އެކަމަކު...." ޖުމައިލާ މަޑުޖެހިލިއެވެ.
"ދަރިފުޅަށް ކަމުދާ އެހެން ކުއްޖެއްގެ ވާހަކަ ވެސް ބުނީމަތާ ބައްޕައަށް އެނގޭނީ..."
ބައްޕަގެ އެސުވާލާއެކު ޖުމައިލާގެ ހިތުގެ ހިނގުން ބާރުވިއެވެ. އަނެއްކާ ބައްޕައަށް ކަމެއް އެނގުނީ ހެއްޔެވެ؟ އިބްރާހީމް އޭނާއަށް ބަލަން ފެށުމުން ޖުމައިލާ ހާސްވާން ފެށިއެވެ. ޖުމައިލާ ނުބުނަން ހުރެފައިވެސް އެ ޒުވާނާގެ ވާހަކަ އެންމެ ފަހުން ބުނެލިއެވެ.
"މާލެ މީހެކޭ...ބައްޕަ ޤަބޫލެއް ނޫން..." ޖުމައިލާއަށް ކަމުގޮސްގެން އުޅެނީ އެ ރަށު މީހެއްނޫންކަމުން އިބްރާހީމް އެކަމާ ހިތްހަމަނުޖެހުނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ޖުމައިލާ ގުޅެން ޖެހޭނީ ރަށު ޒުވާނަކާއެވެ.
"ބައްޕާ! އޭނަ ފެނުނީމަ ބައްޕައަށް ވެސް ކަމުދާނެ... މާލޭ މީހަކަސް އޭނާ ހުރީ މިރަށަށް އައިސް މިގޭގައި ވެސް ދިރިއުޅެއް ތައްޔާރަށް..." ޖުމައިލާ ބުނެލިއެވެ. އެންމެ ފަހުން ގޮތް ދޫކުރަން ޖެހުނީ އިބްރާހީމްއަށެވެ. އޭނާ ދަރިފުޅުގެ އުފާތަކަށް އިސްކަން ދިނީއެވެ.
ކޮންމެއަކަސް ނައުފަލަށް އެ ޚަބަރުވެގެން ދިޔައީ ހިތާމަވެރި ޚަބަރަކަށެވެ. އޭނާ އިންތިހާ ދެރަވި ނަމަވެސް ހުރީ ހިތްވަރު ކޮށްލައިގެންނެވެ. ޖުމައިލާ އުފަލުން ހުންނާނެ ނަމަ އޭނާވެސް ހުންނާނީ އުފަލުންނެވެ. އޭނާ އިސްކަންދިނީ އަމިއްލަ އުފާތަކަށްވުރެ ޖުމައިލާގެ އުފާތަކަށެވެ. އެކަމުން އެކަނިވެސް ނައުފަލްގެ ހިތުގައި ޖުމައިލާއާ މެދު އޮތް ތެދުވެރިލޯބިކަން އެނގިހާމަވެއެވެ.
އަނެއްކޮޅުން ޖައުފަރު ހުރީ ނިކަން ހަމަޖެހިފައެވެ. އޭނާ ހުރީ ޖުމައިލާ އޭނާގެ ގާތަށް ނައިސްފިނަމަ ސިހުރުހަދައިގެން ވެސް ޖުމައިލާ އޭނާގެ މީހަކަށް ހަދަން ހިތުލައިގެންނެވެ. އެ ރަށުގައި ހުރި އެކުވެރިޔާ ބުނީ ޖުމައިލާ އަކީ ފަސޭހައިން އަތުވާނޭ ކުއްޖެއް ނޫންކަމުގައި ވިއްޔާއެވެ. ޖައުފަރު ހުރީ ޖުމައިލާ ހާސިލްވީތީ އެކަމާ އިންތިހާ އުފާވެފައެވެ. ޖައުފަރު އޭނާގެ ހަޑިމުޑުދާރު ޢަމަލުތައް ޖުމައިލާއަށް ވެސް ސިއްރުކުރިއެވެ. ހީކުރިވަރަށް ވުރު ފަސޭހައިން ހުރިހާކަމެއްވެސް ހަމަޖެހުނެވެ.
ކައިވެނިކުރެވުމުން އަނެއްކާވެސް، ޖައުފަރަށް ލިބުނު އުފާވެރިކަން ދެގުނަވިއެވެ. އޭނާ ހުރީ އުމުރު ދުވަހު އެ ހުރިހާކަމެއް ފޮރުވޭނެކަމަށް ނިންމައިގެންނެވެ. ޖައުފަރު ގަބޫލުކުރާ ގޮތުގައި އޭނާ ކުރާ ހުރިހާކަމެއް ޖުމައިލާއަށް އެނގޭކަށް ނުޖެހެއެވެ.
ޖައުފަރުގެ މަންމައާއި ބައްޕަ ވަނީ ކުޑައިރެއްސުރެ ނިިޔާވެފައެވެ. މަންމައާއި ބައްޕަ ނިޔާވުމަށްފަހު ޖައުފަރު އުޅެމުން ދިޔައީ އޭނާގެ ކާފައާއި މާމަ ގާތުގައެވެ. ކަންދިމާކުރި ގޮތުން ޖައުފަރު މާމަމެން ކައިރިއަށް ބަދަލުވިތާ މާގިނަ ދުވަސްނުވެ މާމަވެސް ނިޔާވެއްޖެއެވެ. އެއަށްފަހު އޭނާ އުޅެ ބޮޑުވީ ކާފަ ގާތުގައެވެ. ޖައުފަރުގެ ކާފައަކީވެސް ސިހުރު ހަދާއުޅޭ މީހެއްކަމުން ކުޑައިރުއްސުރެ، ޖައުފަރަށް އެ ހުރިހާކަމެއް ފެނެއެވެ. އޭނާ ސިހުރު ހަދަން ދަސްކުރީވެސް ކާފަ ކައިރިންނެވެ. އައްޑޫއަށް އައި މި ދަތުރުވެސް އޭނާއައީ ކާފަ އާއެކު އެކަހަލަ ކަމެއްކުރުމުގެ ބޭނުމުގައެވެ. މީހަކަށް ސިހުރު ހެދުުމުގެ ބޭނުމުގައެވެ. އެކަމަކު ޖުމައިލާ ފެނި ކައިވެނިކުރަން މަޑުކުރީއެވެ. ޖުމައިލާ ބޭނުންވަނީ ބައްޕަ ކައިރީގައި ދިރިއުޅެން ކަމަށް ބުނުމުން އެކަމާ ވެސް ޖައުފަރު އެއްބަސްވީއެވެ.
ކައިވެނިކޮށްގެން ޖުމައިލާމެން ގެއަށް ބަދަލުވިތާ، މާގިނަ ދުވަހެއް ނުވެ އިބްރާހީމް ވެސް ނިޔާވެއްޖެއެވެ. އެކަމާ ޖުމައިލާ ކިތަންމެ ވަރަކަށް ވެސް ރުޔެވެ. އޭނާ ގެ އެންމެ ބޮޑު ހިތްވަރަކަށް ވީ ޖައުފަރު އޭނާގެ ގާތުގައި ހުރުމެވެ. ޖައުފަރު ވެސް ޖުމައިލާ ދެކެ ލޯބިވެއެވެ. ފަހަރެއްގައިވެސް ޖުމައިލާ ގެއްލޭކަށް އޭނާ ނޭދެއެވެ.
ޖުމައިލާ އާއި ނައުފަލްއާ ދެމެދު އޮންނަ އެކުވެރިކަން ފެނި، ޖައުފަރު އެކަމާ ހިންހަމަ ނުޖެހެނީ ނައުފަލް ޖުމައިލާއަށް ބަލައިލާ ބަލައިލުމުގައި ތަފާތުގޮތެއް ހުންނަކަން އޭނާއަށް ފާހަގަކުރެވޭތީއެވެ. އެހެން ނަމަވެސް, ޖައުފަރު ހުރީ ނައުފަލްއަށް ގެއްލުމެއް ދޭގޮތަކަށް ނޫނެވެ. ޖުމައިލާ އޭނާދެކެ ލޯބިވާކަން ޔަޤީން ވާތީއެވެ. އަދި ދުވަހަކު ވެސް ޖުމައިލާ އޭނާ ދޫކޮށްނުލާނޭ ކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ.
*****
ގެއާ ދިމާ ފުއްޓަރު ފަރާތުގައި ހުރި ހޮޅުއަށީގައި ތިބެފައި ޖައުފަރާ، ޖައުފަރާ އެއް އުމުރުގެ މީހެއް ކަމުގައިވާ ސިތާރުއާ ދެމީހުން ގެއާ ދިމާލަށް މިސްރާބުޖެހީ މަޣްރިބް ނަމާދަށް ބަންގި ވެސް ގޮވިފަހުންނެވެ.
"އޭތް... އަހަރެން އަޑުއަހައިފިން ލުތުފީ ގާތުން ކަލޭ ވަރަށް މޮޅުކަމަށް... އަހަންނަށްވެސް އެކަހަލަ ކަމެއް ކޮށްދޭންވީނު..."
"ކޮންކަމެއް؟" ލުތުފީ އަކީ ޖައުފަރުގެ މާ ގާތް އެކުވެރިއެކެވެ.
"އޭ ދެން މާ ނޭނގޭކަމަށް ހެދޭނެ ކަމެއްނެތް، އަހަރެން އެއްވެސް މީހަކު ގާތު ނުބުނާނަމޭ... އަހަންނަށް އެ އަމްސޫދާ ލިބޭނެ މޮޅު އެއްޗެއް ހަދައިދީބަލަ!" ސިތާރު ބުނެލިއެވެ. އޭނާ ޖައުފަރަށް ބަލައިލިއެވެ.
"އެއްވެސް މީހަކަށް އެނގިގެން ނުވާނެ!" ޖައުފަރު ބުނެލިއެވެ. ސިތާރު އެއްބަސްވިއެވެ.
ޖައުފަރު އައްޑޫގައި މީހުން ނޫޅޭ ހިސާބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކޯއްޓޭއަށް ދިޔައީ އެތަން ބަލައިލުމުގެ ބޭނުމުގައެވެ.
ސިހުރު ހެދުމަށް ރަނގަޅުތަނެއް އޭނާ ހަމަޖައްސަން ޖެހޭނެއެވެ. މީހުންނަށް ސިއްރުން އެކަން ކުރެވޭނީ އޭރުންނެވެ. އޭނާ އަކީ މަސްވެރިއަކަށް ވުމުން އަތްމަތި ދަތިވާ ދުވަސްތައް ވެސް އާދެއެވެ. އެހެންކަމުން މިފަދަ މަސައްކަތެއް ކުރުމުން އޭނާއަށް ލާރި ލިބޭނޭ އިތުރު މަގެއް ވެސް ތަނަވަސްވީއެވެ.
ކައިވެންޏަށް ދެއަހަރު ވީތަނާ ޖައުފަރުގެ ކާފަ ނިޔާވި ޚަބަރު އޭނާއަށް ލިބުނެވެ. މާލެ ގޮސް ކާފަގެ ޖަނާޒާގެ ކަންތައް ކޮށްނިންމާފައި އައިތަނާހެން އޭނާއަށް ލިބުނީ އުފާވެރި ޚަބަރެކެވެ. ޖުމައިލާ އިނީ ޖައުފަރުގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.
ޖުމައިލާ ބަލިވެ އިންފަހުން، އޭނާ ގިނަވަގުތު ޖުމައިލާ ގާތު ހޭދަކުރަން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް އަންހެނުންނަށް އަޅައިލާ އޯގާވެރިވާން ފެށިއެވެ. އެކަމުން ޖުމައިލާއަށް ލިބެނީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. އޭނާއަށް ޖައުފަރު ފަދަ ރަނގަޅު ފިރިއެއް ލިބުމަކީ އޭނާގެ ނަސީބު ކަމުގައި ޖުމައިލާ ދެކުނެވެ. އޭނާއަށް ނޭނގެނީ ޖައުފަރުގެ އަނދިރިފަރާތެވެ. ފަރުދާގެ ފުރަގަހުގައި ހުރެ ޖައުފަރު ކުރަމުންދިޔަ ހަޑި ހުތުރު އަމަލުތަކެވެ.
ހަތަރު އަހަރު ފަސް
*****
މެންދަމުން އަލިވެ ދެއެއް ޖަހާ ބޮޑުވެއްޖެއެވެ. ސާދަ ފަނަރަ ވިލޭރޭގެ ހަނދު ފަލަކުގައި އިނދެ ރަސްކަން ކުރަމުންދިޔައެވެ. އުޑުމަތީގައި އެތައް ހާސް ތަރިތައް ކުދިކުދި ޖަވާހިރު ކޮޅުތަކެއް ފަދައިން ފިޔަޖަހަމުން ދިޔައެވެ.
ހާމައަށް އޮތް އުޑުމައްޗަށް ނަޒަރު ހުއްޓައިލުމަށްފަހު، ލީ ފުންނޭވާއާއެކު ޖައުފަރު މިސްރާބުޖެހީ ކޯއްޓޭއާ ދިމާލަށެވެ. އޭރު އޭނާގެ އަތުގައި ކަޅު ކުލައިގެ ކޮތަޅެއް އޮތެވެ. މަގުގެ ދެކޮޅު ހޯދާ ބަލައިލި، ޖައުފަރު ފިޔަވަޅުތަށް ބާރުކޮށްލިއެވެ. މުޅި ހިސާބުގަނޑުގައިވެސް ވަނީ ފަޅުކަމެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް ނުވެއެވެ. މެންދަމުގެ އެ ވަގުތު ފަޅުފިލުވައިދެނީ ޖެހެމުންދިޔަ މަޑު ވައިރޯޅިތަކާ ފަނި ފަކުސާ ގޮވާ އަޑެވެ. މުޅި މާހައުލަށް ފެތުރިފައިވަނީ ހަމަހިމޭންކަމާއި ނާމާންކަމެވެ. ޖެހެމުންދިޔަ ވައި ރޯޅި ތަކުގައި ވެސް ވަނީ ނުސިޔާނުކަމެވެ.
ކޯއްޓޭއަށް ވަދެ ފިރާޤު މަޑުކޮށްލީ އެތަނުގައި އޭނާ ހަދާފައި ހުރި ފަން ޖިފުޓިގަނޑު ކައިރީގައެވެ. އެތެރެއަށް ވަނުމުގެ ކުރިން ކޮންވެސް އެއްޗެއް އޭނާ ކިޔަވައިލިއެވެ. އެއަށްފަހު، ކޮތަޅު ހިފައިގެން އެތެރެއަށް ވަނެވެ. ހަމަޖެހިލުމަށްފަހު، އޭނާ ކޮތަޅު ހުޅުވައިލިއެވެ. އެއަށްފަހު އޭގެ ތެރެއިން އިތުރު ދެ ކޮތަޅު އޭނާ ނެގިއެވެ. އެއްކޮތަޅުން ނެގީ ފޮތަކާއި ފުޅި ބައްތިއެކެވެ. އަނެއްކޮތަޅު އެއްފަރާތުގައި ބާއްވައިލިއެވެ. ފުޅި ބައްތި ދިއްލައިލުމާއެކު، ޖައުފަރު ބާއްވައިލި ކޮތަޅުގެ ބޭރުގައި އުނގުޅިފައި ހުރި ދިޔަތަކުން ދަޅަ އަޅަންފެށިއެވެ. ރަނގަޅަށް ބަލައިލުމުން އެއީ ލޭކަން އެނގޭ ހާވެއެވެ.
ފޮތްނަގާ އޭނާ ގަނޑުތައް އުކަންފެށިއެވެ. އޭރު އެއްފަރާތުގައި ދަރުތަކެއް ހުއްޓެވެ. އެ އެއްޗެހި ހުރީ ފުންޏަކަށް ޖަހާފައެވެ. ހީވަނީ ރޯކޮށްލަން ތައްޔާރުކޮށްފައިވާ ހެންނެވެ.
ޖައުފަރު އޭނާގެ އެއްފަރާތު ގައި އޮތް ކޮތަޅު ހުޅުވުމަށްފަހު، އޭގެ ތެރެއަށް އަތްލާފައި ނެގީ ކުކުޅެކެވެ. އޭގެ ކަރު އެލިފައި އޮތްގޮތުން އެއީ ކަތިލާފައި އޮތް ކުކުޅެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ޖައުފަރު އޭނާގެ މަސައްކަތް ފަށަން އަވަސްވެގަތެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެއަށްފަހު އެއްޗެހިތަކެއް ކިޔަންފެށިއެވެ.
އެ ކުރިކަމެއްކޮށްފައި އޭނާ އަލިފާންގަނޑި ކައިރީގައި އިރުކޮޅަކު މަޑުކޮށްލިއެވެ.
ޖައުފަރު ގެއަށް ދިޔައީ ފަހަރެއްގައިވެސް ޖުމައިލާއާ ކުރިމަތިލާން ޖެހިދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. އާދައިގެ ވަރެއްގައި ހިނގަމުން ގޮސް ޖައުފަރު ގޯތި ތެރެއަށް ވަނެވެ. އޭނާއަށް ސިހުން ލިބުނީ ދޮރު ހުޅުވައިލައިގެން ހުރި ޖުމައިލާ ފެނިފައެވެ.
"ޖުމޭ... ނުނި... ނުނިދަންތަ؟ އަހަރެން ހޫނު ވާވަރުން ފިނިކޮށްލަން ނުކުމެލީ..." އަޅައަޅައިގަންނަމުން ވާހަކަ ދެއްކި ޖައުފަރު ދޮގު ހެދިއެވެ.
"ޖައުފަރު..."
"ފިނިކޮށްލަން ދިޔަ މީހާގެ ނިތްކުރިމަތީގައިވެސް ހާދަ ދަލެކޭ ތިހުރީ..." ޖުމައިލާ ޝައްކުގެ ނަޒަރަކުން ޖައުފަރަށް ބަލައިލިއެވެ.
"ހިނގާ އެތެރެއަށް ވަންނަން..." ޖައުފަރު އޭނާގެ ނިތުގައި ހުރި ދާތިކިތައް ފުހެލިއެވެ.
"ވައިކޮޅެއް ވެސް ނުޖެހެއެއްނު... " ޖައުފަރު ހެދީ ދޮގަކަށްފަހު ދޮގެކެވެ.
"ޖައުފަރު ތި ކުރަން ދާ ކަންތައް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.... އަހަރެން ސުވާލުކުރާ ކޮންމެ ފަހަރަކު ހަދަނީ ދޮގު... އެކަމަކު މިހާރު އަހަންނަށް ހުރިހާ ހަޤީގަތެއްވެސް އެނގޭ... އަހަރެން ނިދީމަ ކޮންމެ ރެއަކު ތި ޖަހާ ސަކަރާތްވެސް އެނގޭ..." ޖުމައިލާ ބުނެލިއެވެ. އޭނާގެ އަޑުގައި ނުރުހުންވިއެވެ.
"ޖުމޭ ކީކޭތަ ތިކިޔަނީ... އަހަރެން ބުނެފީމެއްނު މީހުން ދައްކާ ވާހަކަ ޤަބޫލުނުކުރާށޭ... އަހަރެމެން ހަމަޖެހިގެން އުޅޭތީ އޭ މީހުން އެކަހަަލަ ވާހަކަ އެ ދައްކަނީ..." ޖައުފަރު ޖުމައިލާގެ އަތުގައި ހިފައްޓައިލަން މަސައްކަތް ކުރިއެވެ. ޖުމައިލާ ނުރުހިފައި ޖައުފަރުގެ އަތް ފޮޅުވައިލިއެވެ.
"އަހަންނަށް އެނގޭ ހުރިހާކަމެއްވެސް ޖައުފަރު... މީހުން ދައްކާ ވާހަކައިގެ ހަޤީގަތްވެސް... ލޮލުން ދެކެ އަތުންހިފީމަ ކިހިނެއް ޖައުފަރު ތި ދައްކާ ވާހަކަ ގަބޫލުކުރާނީ... މިގޭ ބިއްދޮށުގައި އެ ހުންނަ ލޭތަކާ އެތަނުން އަހަންނަށް ފެނުނު އެއްޗެހި... އެންމެ ކުޑަ މިނުން އަހަރެމެން ގެ އެ އޮތް ކުޑަ ކުޑަ ދަރިފުޅުގެ ޙައްޤުގައި ނަމަވެސް ތި ކަންތައް ހުއްޓާލާ... ޖައުފަރު ކައިރީ މިހެން ކިތައް ފަހަރުތަ އަހަރެން ބުނަން ވީ... ޖައުފަރަށް ތި ކަންތައް ނުހުއްޓަންޏާ އަހަރެން ޖައުފަރު ގާތުން ވަރިވާނަން...." ޖުމައިލާ ބުނެލިއެވެ، އޭނާ ހުރި ހުރީ ރުޅިއާ އެއްވަރަށް ދެރަވެސް ވެފައެވެ. ފިރިމީހާ ހަލާކުގެތެރެއަށް ވަދެގެންދާތަން ބަލަން ކެތްވާނީ ކޮން އަންހެނަކަށް ހެއްޔެވެ؟
"ޖުމޭ... ޖުމޭއަށް އެނގެއެއްނު އަހަރެން ޖުމޭ ދެކެ ލޯބިވާކަން... ތި ވާހަކަ ހުއްޓާލާފަ ނިދަން ހިނގާބަލަ!" ޖައުފަރު ބުނެލިއެވެ. އޭނާ ބެލީ ޖުމައިލާ ރުއްސޭތޯއެވެ.
"ނޫން... ދެން އޮތީ ކޮންމެވެސް އެއް ގޮތެއް... ތިކަންތައް ހުއްޓައިލުން އެހެން ނޫނީ... އަހަރެން ވަރިކުރުން..."
"ވަރިއޭ... އަހަރެން ދުވަހަކުވެސް ޖުމައިލާ ވަރިއެއް ނުކުރާނަން..." ޖައުފަރު ބުނެލިއެވެ.
"އެހެންނޫނީ ދެން ތިކަންތައް ހުއްޓަލާ... ތިއީ ކިހާ ވިޔާ ނުދާ އަމަލެއްކަން ޖައުފަރަށް ނޭނގެނީތަ؟ މީހުންގެ ދިރިއުޅުމާ ތިގޮތަށް ކުޅުމަކީ ވަރަށް ގޯސްކަމެއް... ސިހުރަކީ ބޮޑުވެގެން ވާ ފާފައެއް... ޖައުފަރަށް އެކަން ނޭނގެނީތަ؟" ޖުމައިލާ ބުނެލިއެވެ.
އެރެއަށްފަހު ޖުމައިލާއާއި ޖައުފަރުގެ ދެބަސްވުންތައް އިތުރުވާންފެށިއެވެ. ގިނަރޭރޭ ނިދަނީވެސް ޒުވާބުކުރުމަށްފަހުއެވެ. ޖުމައިލާގެ އެތައް އާދޭސްތަކަކަށް ފަހުވެސް ޖައުފަރު އޭނާގެ އެ ވިޔާނުދާ ޢަމަލުތައް ހުއްޓާާލާކަށް އެއްބަހެއް ނުވިއެވެ. އޭނާ ހުރީ އެކަމަށް ދެވި ހިފާފައެވެ. ސިހުރު ނުހެދެންޏާ އޭނާއަށް ފާޑެއްގެ އުނދަގުލެއްވެސް ވަނީއެވެ. އަބަދު ބޭނުންވަނީ އެކަމުގެ ތެރޭގައި އުޅޭށެވެ. އެހެންމީހުންގެ ދިރިއުޅުމާ ކުޅެލެވުމުން އޭނާއަށް ލިބެނީ އުފާވެރިކަމެވެ.
ތަނަވަސްކަމުގައި ބަޔަކު އުޅެންޏާ ޖައުފަރު އެބަޔަކަށް ސިހުރުހަދައެވެ. އެއްވެސް މީހަކު އޭނާއަށް ވުރެ މުއްސަނދި ވެގެންނުވާނެއެވެ. ދެމަފިރިން ވަކިކުރުމާއި، މީހުންނަށް ގެއްލުންދިނުމުން ފެށިގެން މީހުން މެރުމަށް ދާންދެން ޖައުފަރު ސިހުރު ހެދިއެވެ. އޭނާ ކައިރިއަށް ކަންތަކުގައި އަންނަ މީހުންވެސް މަދެއް ނޫނެވެ. ކޮންމެ މީހަކު ވެސް އަންނަނީ އަމިއްލަ އެދުމައިގެންނެވެ. ޖައުފަރަށް އެކަމުން ގިނަ މަންފާތަކެއް ލިބެމުން ދިޔައެވެ. އޭނާގެ އަތްމަތި ދިޔއީ ދުވަހެއް ދުވަހެއް ތަނަވަސްކަމުންނެވެ. ޖައުފަރަށް ނޭނގުނު ކަމަކީ އެއީ އަލިފާނުގެ ދަރުކަމެވެ. އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަން އެނގި ހުރެ އޭނާ އެ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ އެދުމުން ފޯވެފައިވާ ޙާލުގައެވެ. އޭނާ ވަނީ ދުނިޔެއަށް ގޮސް ގެއްލި ހުސްވެފައެވެ. ހެވާ ނުބައި ވަކި ކުރެވޭ ވަރަށް ވުރެ ޖައުފަރު ވަނީ ޣާފިލްކަމުގައި ހައްދު ފަހަނަ އަޅާފައެވެ.
*****
ޖައުފަރު، ޖުމައިލާގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުންދިޔައީތީ ޖުމައިލާ ނިންމީ ޖައުފަރު ގާތުން ވަރިވުމަށެވެ. އޭނާ އެހީތެރިކަމަށް އެދުނީ ނައުފަލް ކައިރިިންނެވެ.
"އެހެންވީމަ ޖުމައިލާ ބޭނުންވަނީ އޭނަ ކައިރިން ވަރިވާންތަ؟" ނައުފަލް އާ ޖުމައިލާ އާ ދެމީހުން ތިބީ ނައުފަލްމެން ގޭ ގޯތިތެރޭގައި ހުރި އުނދޯލީގައެވެ. ޖުމައިލާ ބޯ ޖަހައިިލިއެވެ.
"އަހަރެން އަބަދުވެސް ޖުމޭއަށް އެހީވާނަން.... ކޯޓަށް މައްސަލަ ގެންގޮސްގެން ނަމަވެސް އަހަަރެން ތި ކަންތައް ކޮށްދޭނަން... ޖައުފަރު ގާތުން ޖުމޭ ސަލާމަތް ކޮށްދޭނަން..."
"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކުޑަ ދަރިފުޅަށް އެކަމުން އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް... އަހަރެން..."
"ޖުމޭ ކަންބޮޑުނުވޭ... އޭނަ ޖުމޭ ވަރިނުކުރަންޏާ ކޯޓަށް ގޮސްގެންވެސް އަހަރެން އެކަން ކޮށްދޭނަމޭ މި ބުނީނު... ޓްރަސްޓް މީ... ހާސްނުވޭ ޖުމޭ........." ނައުފަލް ބުނެލިއެވެ. ޖުމައިލާ ބޯޖަހައިލި ނަމަވެސް އޭނާގެ މޫނުމަތީގައި އޭރުވެސް ހާސްކަންވިއެވެ. އެކަމާ ބެހޭގޮތުން ނައުފަލް ސުވާލުކޮށްލިއެވެ.
"އަހަރެން ކަންބޮޑުވަނީ އޭނާ ނައުފަލްއަށް ވެސް އެކަހަލަކަމެއް ކޮށްފާނެތީ..." ޖުމައިލާ ބުނެލިއެވެ.
ޖައުފަރު ބޮޑަށް ރުޅި އައީ ޖުމައިލާ ނައުފަލު ގާތުން އެހީތެރިކަމަށް އެދުމުންނެވެ.
ޖުމައިލާ ޖައުފަރު ގާތު އެ ގެއިން ނުކުންނަން ބުނުމުންވެސް އެކަމަށް ޖައުފަރު އެއްބަހެއްނުވިއެވެ. އޭނާ ހުރީ ޖުމައިލާ ވަރިނުކުރަން ނިންމައިގެންނެވެ. ޖުމައިލާ ވާންޖެހޭނީ ހަމައެކަނި އޭނާގެ މީހެއްކަމުގައި ޖައުފަރު ބުނަމުން ގެންދިޔައެވެ. ޖައުފަރުގެ ބޮޑާކަމާހެދި ޖުމައިލާ ބޭނުންވީ އެގެއިން ނުކުންނާށެވެ. ޖައުފަރާ އެއް ފުރާޅެއްގެ ދަށުގައި އުޅޭކަށް ޖުމައިލާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
ޖުމައިލާގެ ޢަމަލުތައް ހުރި ގޮތުން ޖައުފަރު ގާތަށް ރުޅިއަންނަން ފެށިއެވެ. އެންމެ ފަހުން އޭނާ ނައުފަލްއަށް ގެއްލުންދޭން ސިހުރުހަދަން ފެށިއެވެ. ނައުފަލްއަށް އެކަންޏެއް ނޫނެވެ. ނައުފަލްއަށް ދިން އިންޒާރެއްގެ ގޮތުން އޭނާ ނައުފަލްގެ ކޮށްކޮ އައިނީއަށްވެސް ސިހުރުހެދިއެވެ. އައިނީވެސް މަރުވީ ކުއްލިއަަކަށެވެ. ގައިގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުން ނައުފަލް ބަލިވާން ފެށިއެވެ. އެހެންވެ ޖުމައިލާ އާ ދެމީހުން ހުށައެޅި މައްސަލަ ވެސް ފަސްވާގޮތް ވިއެވެ. ބަލިވެގެން ނައުފަލްއަށް ތެދުވެވެސް ނޫޅެވެއެވެ. ޖުމައިލާއަށް އެއީ ޖައުފަރުގެ ކަމެއްކަން އެނގޭކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ.
އެއީވެސް އެފަދަ ރެއެކެވެ. ޖައުފަރު ގެއަށް އައީ ނައުފަލް މަރައިލުމަށް ސިހުރު ހަދާ ކޯއްޓޭގައި އެ ސިހުރު ވަޅުލުމަށްފަހުއެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ އޭނާއަށް އެ ސިހުރު ނުބައިކޮށް ހެދުނުކަމެވެ.
ގެއަށް އައިސް ވަތް ފަހުން އޭނާގެ ހަށިގަނޑަށް އާދަޔާ ޚިލާފް ފިނިކަމެއް ވެރިވާންފެށިއެވެ. އޭނާ ގޭގެ ވަކިން ހުރި ކޮޓަރިއަށް ވަނެވެ. އެތަނުގައި އޭނާގެ ގިނަ ސާމާނުތައް ބަހައްޓާފައި ހުއްޓެވެ. އާއްމުކޮށް ހުރިހާ އެއްޗަކީވެސް އޭނާ ސިހުރު ހަދާއިރު ބޭނުންކުރާ ތަކެއްޗެވެ. ދާދި ފަހުން ޖުމައިލާވަނީ ގިނަ އެއްޗެހިތަކެއް އަންދައިލައިފައެވެ.
އޭނާ އެތަނުގައި ހުއްޓާ މުޅިތަނަށް ފިނިދުންތަކެއް ވެރިވާން ފެށިއެވެ. އޭނާ އަށް ދެ އަތް ދެއަތާ މޮޑެވެން ފެށުނެވެ.އޭނާ ވަށައިގެން ބަލައިލިއެވެ. ދެފަހަރަކު ތުން ތަޅުވައިލި ނަމަވެސް އެއްވެސް އަސަރެއް ނުކުރިއެވެ. އެތަން ދިޔައީ ހިނދެއް ހިނދަކަށް ފިނިވަމުންނެވެ. އޭނާ ބިރުގަންނަން ފެށިއެވެ. ހާސްވެ ކަންބޮޑުވާން ފެށިއެވެ.
"ހަހަހަހަހަ..." ކުއްލިއަކަށް އިވުނީ ބާރު ހިނިގަނޑެކެވެ.
"މާހުތާބު..." ޖައުފަރަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ. އޭނާ ގޮވައިލިއެވެ. އަނެއްކާވެސް އިވުނީ ހިނިގަނޑެކެވެ.
"އަހަރެން ކަލޭ މަރައިލާނަން..." މާހުތާބު ބުނެލިއެވެ.
"ކަލޭ އަނެއްކާވެސް އަހަންނާ ޖަދަލުކުރަން ފެށީތަ؟"
"ކަލޭ އެއްބަސްވީ ކަލޭގެ ދަރިއާ އަބިމީހާއަށް ބޭނުންގޮތެއް ހެދުމުގެ ހުއްދަދޭން... އެހެން އެއްބަސްވީމަ އަހަރެން ކަލޭ ބުނި ހުރިހާކަމެއް ކުރީ... އެހެންއެއްބަސްވީމަ އައިނީ މަރައިލާ ނައުފަލްއަށް އަނިޔާ ދިނީ... ކަލެއަށް އެނގޭތަ ކިތައް މީހުންގެ ފުރާނަ ދުއްވާލައިފިކަން... ކަލޭ ބޭނުންވީ މުދާ، ފައިސާ އިއްޒަތް... އަހަރެންގެ ސަބަބުން ކަލެއަށް އެ އެއްޗެހި ލިބުނީ... އެކަމަކު ކަލޭ ފަހުން އެބަހާ ދެކޮޅު ހަދާފަ އަހަރެން ލައްވާ އަނެއްކާ އިތުރު މީހަކު މަރައިލަން އުޅުނީ... ހަހަ..." މާހުތާބް ބުނެލިއެވެ.
"ދެފަރާތުން ހެދި އެއްބަސްވުމެއްގައި އެވަރުގެ އިތުބާރެއް އޮންނަން ޖެހޭނެ، ކަލެއަށް އެނގޭތަ އަހަރެން ކީއްވެކަން ކަލޭ އަންހެނުންނާ ދަރި ބޭނުންވެގެން މިއުޅެނީ... އެއީ ކަލޭ އޭނާ ދެކެ ލޯބިވާކަން އަހަންނަށް އެނގޭތީ... އަހަރެން ވެސް ބޭނުންވީ ކަލޭއަށް ލޯބި ވާމީހަކު ގެއްލުމަކީ ކިހާ ވޭނީ ކަމެއްކަން އަންގައިދޭން... އަހަރެންގެ ކުރިމަތީގައި ކަލޭ އަހަރެންގެ އާއިލާގެ މީހުން އަންދައިލި ގޮތަށް. އެމީހުން ކަލެއަށް ކިޔަމަންނުވުމުގެ އަދަބެއްގެ ގޮތުން ކަލޭ އެންމެން އަންދައިލީ... އެދުވަސް އަހަރެންގެ ހަނދާނަކުން ދުވަހަކުވެސް ނުފިލާނެ..." މާހުތާބު ބުނެލިއެވެ.
"ކަލޭ ކީކޭ ތި ކިޔަނީ...؟ ކަލެއަށް އެނގޭތަ މިހާރުވެސް އަހަންނަށް ކަލޭ އަންދައިލެވޭނެކަން... އަދިވެސް ކަލޭ ތި ހުރީ މަގޭ ޤައިދުގައި..." ޖައުފަރު ބުނެލިއެވެ.
"ކަލެއަށް ކިޔަމަންވެ ހުރި އަހަރެން ކަލޭ ބުނާ ހުރިހާކަމެއް ކުރަމުން ދިޔުމުގެ މާނައެއް ނޫން އެއީ އަހަރެން ހުންނާނީ އަބަދު ކަލޭގެ ޚިދުމަތުގަޔޭ... ކަލޭ އަކީ ވައުދު ފުއްދާ މީހެއް ނޫން... ބޭނުންވާ ކަންތައް ވީމާ ކަލޭ އެއްބަސްވުމަކަށް ޢަމަލެއް ނުކުރޭ... ކަލޭ އަހަންނާ ކަލޭގެ އަންހެނުންނާ ދަރި ހަވާލުކުރާކަށް ބޭނުމެއްނުވި. ކަލެއަށް ހީވީ ކަލޭގެ ބާރުގެ ދަށުގައި އަބަދު އަހަރެން ހުންނާނެޔޭ، އެހެންވީމަ އަހަންނަކަށް އެ ދެމީހުންނަކަށް ގެއްލުމެއްވެސް ނުދެވޭނޭ...ކަލޭ އަތުން ކަމެއް ގޯސް ކޮށްދާނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން ހުންނަތާ ވަރަށް ދުވަސްވެއްޖެ!." މާހުތާބު ބުނެލިއެވެ. އެ އަޑުގައި ވަނީ ބޮޑާކަމެވެ.
އެކަމުން ޖައުފަރަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އޭނާ ގޯސްކޮށް ކުރެވުނީ ކޮންކަމެއް ކަމެއް ވިސްނާވިސްނާވެސް އޭނާއަކަށް ނޭނގުނެވެ.
"ހަހަ ކަލެއަކަށް ނޭނގުނު ނުބައިކޮށް ކިޔެވުނު އިރުވެސް... އެ ފޮތުން އެއްބައި ގަނޑު އުނިކަން ވެސް ކަލެއަށް ނޭނގުނު... ހަހަހަ!" މާހުތާބު ބުނެލިއެވެ. ޖައުފަރުގެ ކަރަށް ވާންވެ އޭނާއަށް ނޭވާ ނުލެވި ތެޅެންފެށިއެވެ. ވާހަކަ ދައްކަން އުޅުނު ނަމަވެސް އަޑެއް ނުނިކުތެވެ.
"އާހް! އާހް!" ވޭނީ އާހްއެއް އޭނާގެ އަރުތެރެއިން ނުކުންނަން ފެށިއެވެ.
"އަހަ އަހަ..." ޖައުފަރަށް ބުނެވުނެވެ.
"ކަލޭ އިތުރު ފުރުސަތަކަށް ބޭނުންތަ؟"
ވަގުތަކީ ޖުމައިލާވެސް އަރްޒަން ގޮވައިގެން ބޭރަށް ގޮސްފައި އައިސް ގެއަށް ވަތް ވަގުތެވެ. އޭނާއަށް މީހަކު ކުކުރަމުންދިޔަ ފަދަ އަޑެއް އިވުމުން އަރްޒަން ގާތު މަޑުކުރަން ބުނެފައި އެ ދިމާލަށް ދާން ފެށިއެވެ.
"ޖުމައިލާ އާ އަރްޒަން ކަލޭއަށް... ކަލޭ ބޭނުންކަމެއް ކުރޭ... ބޭނުންގޮތެއް ހަދާ.... އަހަރެން ދޫކޮށްލާ..." ކުއްލިއަކަށް ޖުމައިލާގެ ކަންފަތުގައި ޖެހުނުއަޑާއެކު އޭނާއަށް ހުއްޓެވުނެވެ.
(ނުނިމޭ)