އަރްޒަން ސޯފާގައި އޮށޯވެލީ ނިދި އައިވަރުންނެވެ. ނިދެމުން ދިޔަ ވަގުތު ދެބަ ދޭތެރޭން އޭނާގެ މޫނުގައި ފިނިފިނި އަތެއްގެ ބީހުން އިޙްސާސްވިހެން އޭނާއަށް ހީވިއެވެ.
ހޭލަން ބޭނުންވިޔަސް އޭނާއަށް ފުރިހަމައަށް ހޭލެވޭ ގޮތެއް ނުވިއެވެ. ދެބަދޭތެރޭގައި އޮތް އަރްޒަން ޓީޝާޓުން ދެގޮތް ނެއްޓުނުކަން އޭނާއަށް އެނގެއެވެ. ހަމައެއާއެކު އެމީހެއްގެ މަޑު ބީހުން އޭނާގެ މޫނާ ހިސާބަށް ވެސް ފޯރައިފިއެވެ. ދެކޯތާފަތުގައި މީހަކުގެ ތުންފަތުގެ ބީހުން އިޙްސާސްކުރެވުނުހެން ވެސް އޭނާއަށް ހީވުނެވެ. އަރްޒަން އަތް ފޮޅުވާލީ އޭނާއަށް އުނދަގޫވަމުން ދިޔައީތީއެވެ. އެވަރުންވެސް އެމީހަކު ގެ އެ އަމަލުތަކެއް ނުހުއްޓުނެވެ. އޭގެ ފަނަރަ މިނިޓް ފަހުން އަރްޒަންއަށް ހަމަހޭވެރިކަން ވީއިރު އޭނާގެ ނިތުން ދާ ހިތްލާލާފައި ވެއެވެ.
"އެއީ ހުވަފެނެއްތަ؟" އަމިއްލަ ނަފްސާ ސުވާލުކޮށްލާ ފަދަ ގޮތަކަށް އަރްޒަންއަށް ބުނެވުނެވެ.
"ނޫން އެހެންނެއް ނުވާނެ... އެކަމަކު...." ވެރިވަމުން ދިޔަ ސުވާލުތަކުގެ ޖަވާބު އޭނާ އަމިއްލައަށް ދެވޭތޯ މަސައްކަތް ކުރިއެވެ.
އަނެއްކާވެސް އޭނާއަށް ނިދުނީއެވެ. ދެން ހޭލެވުނީ ބެލްކަނިން އައި ހެނދުނުގެ އަލިކަން އެއްވެސް ހުރަހެއް ނެތް ގޮތުގައި އޭނާގެ މޫނަށް އެޅުމުންނެވެ. ތެދުވެ މޯޅިއަކަށް ދެމިލަމުން އޭނާ އާފުރިލިއެވެ. އަދިވެސް އޭނާ ބޭނުންވަނީ ނިދާލާށެވެ. އެއްލި ކަޅިއަކުން އޭނާގެ އަތުގައި ތަންތަން ގަނޑު ނޫފައިގަނެފައި ހުރިތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ އައަތަށް ރަނގަޅަށް ބަލައިލުމުން ހީވަނީ ލޭއަރާފައި ހުރިހެންނެވެ. ތަދުވޭތޯ އޭނާ ކުޑަކޮށް އަތަށް ފިއްތައިލި ނަމަވެސް ތަދެއް ނުވެއެވެ. ރަނގަޅަށް ހަށިގަނޑަށް ބަލައިލަމުން މުޅި ހަށިގަނޑާ ކަރުގައިވެސް އެ ނިޝާންތައް ހުއްޓެވެ. އަރްޒަން ކުޑަކޮށް ހާސްވެ ޖެހިލުންވާ ގޮތްވިއެވެ. ކަންބޮޑުވިއެވެ. ސޯފާއިން ތެދުވަމުން އޭނާ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކަންފަތް ދޮށުގައި މީހަކު ވަރަށް ލޯބިވެޔޭ ބުނެލިހެން އޭނާއަށް ހީވިއެވެ.
ފަހަތަށް އެނބުރި ބަލައިލި އަރްޒަންއަށް އިތުރު މީހެއް އަޅައެއް ނުގަތެވެ.
"އަހަރެން މޮޔަވަނީތަ؟" އަރްޒަންއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. މީހަކު ގާތު ބުނަން ހިތަށް އަރުވާލާފައި ވެސް އޭނާ ދެވަނަ ސިކުންތުގައި އެ ޚިޔާލުބަދަލުކޮށްލިއެވެ. އަރްޒަންއަށް ނޭނގުނު ކަމުގައި ވިޔަސް ޝިންޝިނާ ދިޔައީ އަރްޒަންގެ ސިކުނޑިއާ ކުޅެމުންނެވެ. އޭނާ ބޭނުންވާގޮތަށް ކަންތައްތައް ބައްޓަން ކުރަމުންނެވެ.
އެ ދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި ވެސް އިރުއިރުކޮޅާ އެމީހަކު އޭނާގެ ކަންފަތް ދޮށުގައި ނަމުން ގޮވައިލާކަން އަރްޒަންއަށް އެނގެއެވެ. އެކަމަކު އެވާހަކަ މީހަކު ގާތު ބުނަން އޭނާ ފަސްޖެހެނީއެވެ.
*****
ޒީޝާން އާރާއާއު ފިހާރައަށް ދިޔައީ ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލުމުގެ ބޭނުމުގައެވެ. ފިހާރައިން އެ ދެމީހުންނަށް ނިކުމެވުނީ ޒޭބާގެ ކުރިމައްޗަށެވެ. އެއާއެކު ޒޭބާ އޭނާގެ ދެބުމަ ގޮށްޖަހައިލިއެވެ. އެއީ ކާކުކަން ޒީޝާންއަށް އެނގުނުނަމަވެސް ޒޭބާ އާ ގުޅޭ ގިނަ ހަނދާންތަކެއް އޭނާގެ އަދިވެސް ނެތެވެ. ޒީޝާން ހިފައްޓައިލީ އާރާގެ އަތުގައެވެ.
"ރާކިން މަރައިލުމަށްފަހު ކަލޭމެންނަށް ވަރަށް އުފަލުގަ އެބަ އުޅެވޭދޯ" ކިތަންމެ ރުޅިއައިސްގެން ވާހަކަ ދެއްކި ނަމަވެސް ޒޭބާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްގެ އަސަރު ހުއްޓެވެ. އަދިވެސް އޭނާ ރާކިންގެ މަރާމެދު ހިތާމަކުރާކަން އެކަމުން ދޭހަވެއެވެ. ރާކިން މަތިން ހަނދާންކުރާ ކަމާއި ރާކިން ދެކެ ލޯބިވާކަންވެސް މެއެވެ.
"އަހަރެން ރާކިން މަރައެއް ނުލަން" އެފަދަ ބޮޑު އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވުމުން ޒީޝާންއަށް ވެސް ހިމޭނުން ނުކުރެވުނެވެ.
ޒޭބާ އޭނާގެ އަނގައިން ހުތުރު ބަހެއް ބުނެލިއެވެ. އޭނާ ވަނީ ހަޤީގަތުގައި ވެސް ޒީޝާން ދެކެ ވަރަށް ރުޅިއައިސްފައެވެ. ރާކިންގެ މަރުގެ ސަބަބުން އޭނާއަށް ލިބުނު ހިތްދަތިކަން އަދިވެސް ފިލައިގެން ދިޔަހެނެއް ހިޔެއް ނުވެއެވެ.
ޒޭބާ އެ މީހުން ފަސްދީ ދިޔުމުން ޒީޝާންއަށް ދިއްކޮށްލެވުނީ ފުންނޭވާއެކެވެ.
"އައި ވިޝް އައި ކޭން ޓެލް ހާރ ވަޓް ހެޕެންޑް..."
"ޒީ... އަދި އެ ހުރިހާ ވާހަކައެއް ދައްކާކަށް ހުރިހާކަމެއް ހަމައަކަށް ނޭޅެއެއްނު" އާރާ ބުނެލިއެވެ.
"ބައިދަވޭ... ކިހިނެއްތަ ވެޑިން ޕްލޭނިންދަނީ... ވަރަށް އަވަހަށް ދެމީހުން މެރީކުރަން އުޅޭ ވާހަކަ ބުނީމެއްނު" އާރާ ވާހަކަ އޮޅުވައިލީ ޒީޝާންގެ މޫނުމަތީގައި ވި މާޔޫސްކަން ފިލުވައިލުމުގެ ބޭނުމުގައެވެ.
"އާރޫވެސް ދެން މެރީކުރަން އުޅެ ބަލަ! ޖިނާން އެހުރީ ހަމަ އާރާ އާއެކޭ ނުބުނެގެން. އަހަރެމެން ދެމީހުން ނިންމާލާއިރު ނިންމާލަބަލަ!" ޒީޝާން ބުނެލިއެވެ.
"ދެން ތިކަންވެސް ކުރަންވީ...ހެހެ. ޒީ މެން ދެން އެހަށް އަވަހަށް ނިންމައިލާ!" އާރާ ހިނިތުންވެލިއެވެ.
"އާނ. ނިންމާލާކަށްނު މިއުޅެނީ. އިންޝާ ﷲ. ދެން އަންނަ މަހު އެކެއްގައި ކައިވެނި ކުރާގޮތަށް" ޒީޝާން ބުނެލިއެވެ.
"މިހާރު ޑޭޓް ވެސް ފައިނަލް ކުރީތަ ޒީ... އަޅެ އަހަރެން ކައިރީ ނުވެސް ބުނެ..." އާރާ ޝަކުވާކޮށްލިއެވެ. ހިނިތުންވެލި ޒީޝާން އާރާގެ ކޮނޑޫގައި އަތް ޖައްސައިލިއެވެ. އާރާވެސް އުފާވިވަރުން ކުޑަކޮށް ޒީޝާންގެ ގައިގައި ބައްދައިލިއެވެ.
ދެ އެކުވެރިން ގެއަށް ދިޔައީ ވެސް އެފަދަ ވާހަކަތަކެއްގައި ތިބެގެންނެވެ.
*****
ކޯމާގައި އޮވެފައި ބަތޫލް ހޭއެރި ވާހަކަ އަޔާންއަށް އެނގުނީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ އޭނާގެ އެކުވެރިއެއްގެ ފަރާތުންނެވެ.
"ރިމާހް ޔަޤީންތަ ބަތޫލް ހޭއަރައިފިކަން. އަހަންނާ ބަތޫލްއާ ބައްދަލުކުރެވޭނެ ގޮތެއް ހަދައިދީބަލަ. އޭނަގެ މަންމަމެން އަނެއްކާ ގަބޫލުވާނެތަ؟" އަޔާންއަށް ސުވާލުތައް އެއްފަހަރާ ކޮށްލެވުނެވެ.
"ނޭނގެ ދޯ... އަހަންނަކަށް ހިޔެއް ނުވޭ. އަޑު އެހިން އޭނާ ހޭއެރިނަމަވެސް ވާހަކައެއް ނުދެއްކެޔޭ ބުނާ ވާހަކަ. "
"އެހެންވިޔަސް އަހަންނަށް ބައްދަލުކުރެވޭނޭ ގޮތް ހަދައިދީބަލަ!" އަޔާން އާދޭހާއެކު ބުނެލިއެވެ.
"އަހަރެން ތިކަންތައް އަޔާންއަށް ކޮށްދޭން ބޭނުންވިނަމަވެސް އެމީހުންގެ މަންމަމެން އެތަނުން ނުދޭވިއްޔަ...އެކަމަކުވެސް އަހަރެން ބަލާނަން އިނގޭ... އެކުވެރިޔެކޭ ބުނެލާފައިވެސް ބައްދަލެއް ނުކުރެވޭނެތަ؟ އޭނަ މަންމަމެންނަށް ޔާންއެއް ނޭނގޭނެއެއްނު" ރިމާހް ބުނެލިއެވެ.
އަހަރެންގެ ވާހަކަ ނޫސްތަކަށް ވެސް އެރި. އެހެންވީމާ އޭނަގެ މަންމަމެންނަށް އަހަންނަކީ ކާކުކަން ނޭނގިއެއް ނުދާނެއެއްނު" އަޔާން ބުނެލިއެވެ.
ޖެހިގެން އައި ދުވަހު އުނދަގުލުން ނަމަވެސް އަޔާންއަށް ބަތޫލްއާ ހިސާބަށް ދެވުނެވެ. އަޔާން ފެނުމާއެކު ބަތޫލް އަޔާންއަށް ބަލައިލި އެވެ. އޭނާއަށް އަޔާން އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އަރްޒަންގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. އަޔާންފެނި އޭނާ އެއްޗެއްބުނަން މަސައްކަތް ކުރިނަމަވެސް އަނގައިން އަޑެއް ނުނިކުތެވެ. އަތްފައި ހަރަކާތެއް ނުކުރިއެވެ.
"އިޓްސް އޯކޭ ބަތޫލް. އަހަންނަށް އެނގޭ ބަތޫލްއަށް މިހެންވީ އާދައިގެ ކަމަކުން ނޫންކަން. " އަޔާންއަށް ބުނެވުނެވެ.
"އަހަރެން މިދައްކަނީ ތެދެެއްކަމުގައި ވާނަމަ ބަތޫލްދެފަހަރަކު ލޯ މަރައިލަބަލަ!" އަޔާން ހާސްކަމާއެކު ބުނެލިއެވެ. އޭނާ ބަތޫލް ކައިރިއަށް ޖެހިލިއެވެ. އަޔާން އެހެން އަހައިލުމާއެކު ބަތޫލް އެސްފިޔަތައް ތަޅުވާލާފައި ލައްޕައިލިއެވެ.
"ބަތޫލް ވެއްޓުނީ އަމިއްލައަކަށް ނޫނެއްނު" އަނެއްކާވެސް ބަތޫލް ލޯ މަރައިލުމަށްފަހު ހުޅުވައިލިއެވެ.
"އެއީ އިންސާނެއްގެ ކަމެއް ނޫނެއްނު" އަޔާންގެ ތިންވަނަ ސުވާލާއެކު ބަތޫލްގެ ދެލޯ ބޮޑުވިއެވެ. އޭނާގެ އަތަށް މަޑުތުރުތުރު އެޅުމެއް ވެރިވީ އަޔާން ބަލަން ހުއްޓައެވެ.
"އިޓްސް އޯކޭ ބަތޫލް. މިތަނުގައި ބަތޫލް ސޭފް އޭ" އަޔާންއަށް އަވަސްއަވަހަށް ބުނެވުނެވެ. އޭނާބޭނުންވީ ބަތޫލް ހަމައަކަށް އަޅުވާށެވެ.
"ބަތޫލްގެ ފަރާތުން ލިބުނު މައުޟޫމާތުން އަޔާންއަށް ޔަޤީންވީ ހަމައެކަނި ކަމަކީ އެއީވެސް ޝިންޝިނާގެ އަމަލެއް ކަމުގައެވެ. އޭނާ އައީ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. އެހެންނަމަވެސް ދާންޖެހުނީ ހުސްއަތާށެވެ. ހަޤީގަތުގައި ވީ ކީއްކަން އޭނާ އެނގެން ބޭނުންވީއެވެ. މާފަށް އެދެމުން އަޔާން އެތަނުން ދާން ހިނގައިގަތެވެ. އޭގެ ދެދުވަސްފަހުން އަނެއްކާވެސް ބަތޫލް ކޯމާއަށް ދިޔަ ކަބަރު އަޔާންއަށް ލިބުނެވެ.
"އެއްމަސް ފަސް
*************
ދި ޑައިމަންޑް ވެލީ ހޮޓެލްގެ ހޯލްތެރެ ޒީނަތްތެރިކުރެވިފައިވަނީ ނުލާއި، ކަޅާއި ހުދުކުލައިގެ ބުކޭތަކަކުންނެވެ. ހޯލް ތެރޭން ފެންނަނީ ޒީޝާންއާ އަރްޒަންގެ ރަޙްމަތްތެރިންނެވެ. ތަނުގައި ހުރި މަޑު އޮރެންޖް ކުލައިގެ ލައިޓްތަކުންނާ ތަނުގައި ކުޅެވެމުންދިޔަ ލުއި މިއުޒިކްގެ ރާގާއެކު ތަން ފަޅުފިލަމުން ދިޔައެވެ.
"ކޮބާތަ ޒޭން އެންޑް ޒީ... މިހާރު އިންވައިޓް ކުރި އެހެން މީހުން އަންނަން އުޅޭނެ" ޖިނާން ގާތަށް ޖެހިލާ އާރާ ބުނެލިއެވެ. އޭނާ ލާފައިހުރީ ކަކުލުން ތިރިއަށް އަންނަ ނޫ ކުލައިގެ ހެދުމެކެވެ. އެ ހެދުން ގަޔަށް ހިފާލާފައި ހުރުމުން އާރާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް ފާޅުވެއެވެ. އިސްތަށިގަނޑު ވަނީ އެއްފަރާތު ކޮނޑުމައްޗަށް ވައްޓައިލާފައެވެ. ކޮށްފައިވާ މޭކަޕްގެ ސަބަބުން އެހެން ރޭރެއާ ބަލާއިރު މިރޭ އޭނާގެ ރީތިކަން ދެގުނަވެފައިވާހެން ހީވެއެވެ. ކަރުގައި އަލާފައިވާ ރިހި ފަށުން ކަރުދޮށް ފަޅުފިލުވާލާފައިވާއިރު އަރާފައިވަނީވެސް ހެދުމާ ގުޅޭގޮތަށ ނޫ ކުލައިގެ ހައިހީލްއަަކަށެވެ.
ޖިނާން ލާފައިހުރީ ކަޅުކުލައިގެ ގަމީހެކެވެ. އަޅާފައިހުރީ ނޫ ކުލައިގެ ޓައީއެކެވެ. އެ ފިރިހެންވަންތަކަމަށް އާރާއަށް ހިތާހިތުން ތަޢުރީފްކުރެވުނެވެ.
*****
ހޯލަށް ވަންނަން އަންނަ ދިމާ އެއްފަރާތުގައި ކައިވެނި ޕާޓީތަކަށް ޙާއްސަކޮށްގެން އަންހެނުންނާ އަދި ފިރިހެނުންނަށް ވަކިން ރީތިވޭވޭގޮތަށް ދެ ކޮޓަރި ހުރެއެވެ. އަރްޒަން އެކަނިވި ވަގުތެކެވެ. އޭނާ ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ފަހަތުގައި ޒީޝާންހުރިތަން އޭނާއަށް ފެނުނެއެވެ. ލިބުނު ސިހުމުގައި އަރްޒަން އެނބުރިލިއެވެ. މިހާރަކު ޒީޝާން ފެންނާކަށް ނެތެވެ.
"ކަލޭ ޒީޝާންއާ ކައިވެނި ކުރިޔަސް... އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ހީނުކުރާތި. މީ އަދި ފެށުން" އޭނާގެ ކަންފަތަށް އިވުނީ އިންޒާރުގެ ޖުމްލައެކެވެ.
(ނުނިމޭ)