އެ އަޑުގައިވި އަސަރުން އެކަނިވެސް އޭނާގެ ގައިން ހީބިހި ހިލުވައިލިއެވެ. މީހާ އެކީ ފިނިވިއެވެ. އެއީ، ޝިންޝިނާ ނޫން ދެވަނަ މީހެއް ނޫނެވެ. އެ އަޑުގައިވަނީ ބަދަލުހިފުމުގެ ރޫޙެވެ. އަރްޒަން ހާސްވިއެވެ. ނިތުން ހިތްލައިލި ދާތިކިތައް ފުހެލިނަމަވެސް، އޭރުވެސް އޭނާގެ ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ހިނގައިގަނެވުނީ ދޮރާ ދިމާލަށެވެ. ދޮރުގެ ތަޅުގައި ހިފަން އަތް ހިއްލައިލި ވަގުތު، އަރްޒަންގެ އަތުގައި މީހަކު ހިފައްޓައިފިއެވެ.
އިސްއުފުލައިލި، އަރްޒަންގެ ލޮލުގައި ޒީޝާންގެ ސޫރަ އަޅައިގަން ނަމަވެސް، ވަގުތުން އެއީ ޒީޝާން ނޫންކަން އޭނާގެ ސިކުނޑި ބުނެދިނެވެ. ބިރުން ހުރެވެސް، އަރްޒަން އޭނާގެ އަތް ފޮޅުވައިލިއެވެ. ނަމަވެސް، އަތް ފޮޅުވައިލިހެން ހީނުވެ އަނެއްކާވެސް، ޝިންޝިނާ، އޭނާގެ އަތުން އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ. މަޑުމަޑުން އަރްޒަންއާ ކައިރިއަށް ޖެހިލިއެވެ. އަރްޒަން ހަރަކާތް ކުރަން މަސައްކަތް ކުރިނަމަވެސް، އޭނާގެ ހަށިގަނޑު ހުރީ ގަނޑުވެފައި ހުރި ފަދަ ގޮތަކަށެވެ. ހަރަކާތެއްނުކުރެވުނެވެ. ހަށިގަނޑަށް ކިތަންމެ ބާރެއްލި ނަމަވެސްއެވެ. ޝިންޝިނާ އަރްޒަންގެ މޫނާ ނުހަނު ގާތްވެލިއެވެ. އެއަށްފަހު، އޭނާ ސުވާލުކޮށްލިއެވެ.
"ކީއްވެ އަހަރެން ދޫކޮށްލީ..." ޝިންޝިނާގެ ދެލޮލުން ކުޑަ ވަގުތުކޮޅަކަށް އެހެން ވިދުމެއް ފެނިލިހެން އަރްޒަންއަށް ހީވިއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރު ފެނިލިހެން ވެސް އޭނާއަށް ހީވިއެވެ. އެ މޫނުމަތީގައި ހިނދުކޮޅަކަށް، ހިތާމަވެރިކަން ހުރިނަމަވެސް، ދެވަނަ ސިކުންތުގައި ޝިންޝިނާގެ މޫނުމަތީގައި ހުރި ކުލަވަރުއެކީ ބަދަލުވެގެން ދިޔައެވެ. އެ މޫނުމައްޗަށް ރުޅިވެރި އަސަރު ވެރިވަމުން ދިޔައެވެ. ޝިންޝިނާ އޭނާގެ ދެ ބުމަ ގޮށް ޖަހައިލިއެވެ.
"އަހަރެން ލޯބިވޭ... ވަރަށް ލޯބިވޭ..."
ޝިންޝިނާ ހިފައްޓާފައިހުރީ އަރްޒަންގެ އަތުގެ ކުޑަ ހުޅާ ހިސާބުގައެވެ. އެ ހިސާބުން އާދަޔާ ޚިލާފް ހޫނެއް އަރަމުންދިޔައެވެ.
"ތީ އަހަރެންގެ މީހެކޭ ބުނި ހަނދާނެއް ނުވޭތަ؟" ކަންފަތް ދޮށުގައި ޝިންޝިނާ ބުނެލިއެވެ. ޝިންޝިނާގެ ތުންފަތުގެ ބީހުން އަރްޒަންއަށް އިޙްސާސްކުރެވުނެވެ. އެއާއެކު އޭނާގެ ގައިން ހީބިހި ނެގިއެވެ.
އަރްޒަން ސިހުނީ ދޮރުގައި ޓަކި ޖަހައިލި އަޑަށެވެ. އެ މީހަކު ދޮރުގެ ތަޅުގައިވެސް ހިފައިލިއެވެ. އެއާއެކު އަރްޒަންއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ޝިންޝިނާއާ ދިމާލަށެވެ. އޭރުވެސް ޝިންޝިނާ ހުރީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ޒޭން... ޒޭން" ދެން އިވުނީ އަޔާންގެ އަޑެވެ.
"އަހަރެން އަދި އަންނާނަން... ހަނދާންކުރާތި! އަދިވެސް. ތީ މަގޭ މީހެއް.... މަގޭ ޙައްޤެއް..." ޝިންޝިނާ ގެއްލުނީވެސް އިންޒާރަކާ އެކުގައެވެ.
ހިނދުކޮޅަކަށް ހުއްޓުން އަރާފައި އަރްޒަންއަށް ހުރެވުނެވެ. ދޮރު އޭގެ ޒާތުގައި ހުޅުވުނީ ވެސް އެވަގުތެވެ. އަޔާން އެތެރެއަށް ވަނެވެ. އަރްޒަން ދޮރާ ދިމާލުގައި ހުރިއިރު، އޭނާ ހުރީ އޭރުވެސް ހުއްޓުން އަރާފަ އެވެ.
"ކީއްތަ ތިކުރަނީ ދޮރު ތަޅުލައިގެން..." އަޔާން ސުވާލުކޮށްކޮށްލިއެވެ. އަރްޒަން އަށް ހަމަބިމަށް އާދެވުނީ އަޔާންގެ ސުވާލާ އެކުގައެވެ. އޭރު ދެންމެ ކަމެއް ވީހެން ވެސް އޭނާގެ މޫނުމަތިން ހިޔެއްނުވެއެވެ.
"ކަމެއް ނުކުރަން." ވީކީއްކަން ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. ނޫނީ އޭނާ އެވާހަކަ ބުނަން ބޭނުން ނުވަނީއެވެ.
"ހުރިހާކަމެއްވެސް ނިމިއްޖެ ދޯ" އަރްޒަންގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލަމުން އަޔާން ސުވާލުކޮށްލިއެވެ.
"އަންހެނަކަށް ވުރެ ދެރައެއް ނޫނެއްނު. މީނަވެސް މޮޅޭ ސްކޭންކޮށްލަން، ދެން ބުނެބަލަ. އެއްޗެއް މަދުތަ؟" އަރްޒަން ހީލި އެވެ.
އަރްޒަން ހުރީ ކޯޓް ފަޓްލޫނުގައެވެ. ހުދުކުލައިގެ ގަމީހެއް ލަފާއިހުރިއިރު، މަތިން ލާފައިހުރީ ކަނޑު ނޫކުލައިގެ ކޯޓެކެވެ. އަޅާފައިވާ ޓައީވެސް ހުރީ ނޫ ކުލައެވެ. އޭގައި ހުދުކުލައިން ރޮނގުތަކެއް ހުއްޓެވެ. ކޯޓު ހުރިކުލައިން ފަޓްލޫނު ހުރިއިރު، ބޫޓު ހުރީ ގަދަ ޗޮކްލެޓް ކުލައިގައެވެ. އިސްތަށިގަނޑު ޒަމާނީ ގޮަތަކަށް ސްޓައިލް ކޮށްލާފައިވާއިރު، ހިތްގައިމުގޮތެއް އެ ސަޙްސިއްޔަތުގައި ހުއްޓެވެ. ފިރިހެންވަންތައެވެ. މިޒަމާނުގެ އަންހެން ކުދިން ބުނާގޮތުންނަމަ ސްމާރޓް އަދި ހޭންޑްސަމް ގޮތެއް ހުއްޓެވެ.
އަޔާން ލާފައިހުރީ ޖިނާން އެކޭ އެއްގޮތަށް ކަޅުކުލައިގެ ގަމީހެކެވެ. ޓައީ ހުރީ ހުދު ކުލައިގައެވެ.
އަޔާން އާއެކު އަރްޒަން ނުކުތްއިރު، ޒީޝާންވެސް އާރާއާއެކު ނިކުންނަނީއެވެ. ޒިޝާން ފެނި، އަރްޒަންގެ ފިޔަވަޅުތަކަށް ހިސާބެއްގެ މަޑުޖެހުމެއް އައެވެ.
ނޫކުލައިގެ ވެޑިން ޑްރެސްގައި ޒީޝާން ހުރިއިރު ކިތަންމެހާވެސް ފުރިހަމައެވެ. އެހެންޏާ ކުރާވަރަށް ވުރެ ބޮޑަށް މޭކަޕް ކޮށްފައި ހުރުމުން އޭނާގެ އެ ރީތިކަން ދެގުނަ ވެފައިވާހެން ހީވެއެވެ. ޒީޝާންގެ ލޮލުގެ މަތީގައި އަޅާފައިވާ އަނދުން ފަށަލައިގެ ސަބަބުންނާ، އެސްފިޔަތަކުގައި މަސްކަރާ އަޅާ، އެ އެސްފިޔަތަކުގެ ކުލަ އިހުނަށްވުރެ ގަދަކޮށްލާފައި ހުރުމުން އެ އަޅި ކުލައިގެ ދެލޯ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ހުޅިޖަހާލާފައިވާއިރު، ކަނާއަތް ފަރާތުން ލޮލާ ދިމާލަށް ކުޑަ އިސްތަށިކޮޅެއް ވައްޓާލާފައި އޮތުމުން ވެސް ތަފާތު ރީތިގޮތެއް ހުއްޓެވެ. ހުޅިގަނޑުގައި ނުލާއި ހުދުކުލައި ހިމެނޭ ގޮތަށް ހުރި ވިދާ ޒާތުގެ ފަށެއް އަޅާލާފައިވާއިރުވެސް ހިތްގައިމެވެ. އަރާފައިވާ ނޫކުލައިގެ ވިދާ އުސް ފައިވާނުގެ ސަބަބުން ޒީޝާންގެ އިސްކޮޅުވެސް އެހެންޏާ ހުންނަ ވަރަށް ވުރެ ދިގުކަމަށް ދައްކައެވެ. ލާފައިވާ ހެނދުމުގެ ފަސްބައި ކޮންމެވެސް ވަރަކަށް ބިންމަތީގައި ކޭއްތެއެވެ. ހެދުމުގައި ބަނޑާދިމާލުން ބަންދެއް އިންއިރު، ތިރިއަށް އޮތްބައި އޮތީ ރީތިކޮށް ރޫ ޖައްސައިލައިފައެވެ. އަތް ދިގު އެ ހެދުމުގެ އަތް ވަނީ ލޭސްފޮތިންނެވެ. ހެދުން ހަށިގަނޑަށް ރީތިކޮށް ހިފާލާފައި ހުރުމުގެ ސަބަބުން އެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް އެނގެއެވެ. ހެދުމުގެ މޭ މައްޗާއި ލޭސް ފޮތިން ލާފައިވާ އަތުގައި ވެސް ވިދާ މިނާތަކެއް ލާފައި ހުރި ޑިޒައިން ލޭސް ލާފައި ހުރުމުން މާ ގޮތް ބޮޑު ނޫނަސް އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އަޅާފައިވަނީ ވެސް ހެދުމާ ގުޅޭ ނޫކުލައިގެ ހާރެކެވެ. އިނގިލީ ގައި އަނގޮޓި އޮތްއިރު، އަތް ފަޅުފިލުވައިލަދީފައިވަނީ އަތުގައި އޮތް ބްރޭސްލެޓުންނެވެ. ކަރުގައި އޮތް ހާރާއި އަތުގައި އޮތް ބްރޭސްލެޓްގައިވެސް ވަނީ ނޫކުލައިގެ ވިދާ އެސްތަކެއް ޖަހާފައެވެ.
ޒީޝާންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި އަރްޒަންގެ ހިތަށް ވެސް ދިރުން ގެނެސްދީފިއެވެ. އޭނާގެ ތުންފަތް މައްޗަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވި އެވެ.
ޒީޝާންއަށް ވެސް އަރްޒަން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ. ސިހުން ގެނުވީ އާރާ އާއި އަޔާންއާ ދެމީހުން ކަރު ކެހިލުމުންނެވެ. ދެމީހުންނަށް ހަމަހޭވެރިކަން ވީ ދެނެވެ. އެ ހިނދުކޮޅު އިތުރަށް ދިގުދެމިގެން ދާން ދެ ހިތް ގޮވަމުން ދިޔަ ނަމަވެސް، އެ މީހުން އަވަސްވެގަތީ ކައިވެނިކުރަން ހަމަޖެހިފައިވާ ހޯލަށް ދިޔުމަށެވެ.
އަރްޒަން ކައިރިއަށް ޖެހިލުމުން، ޒީޝާން އޭނާގެ އަތް އަރްޒަންގެ އަތުގައި އަޅުވައިލިއެވެ. ދެމީހުން ގޮސް އެމީހުންނަށް ހަމަޖެހިފައިވާ ތަނުގައި ހުއްޓިލިއެވެ. އެންމެ ފުރަތަމަ އޮތީ ކައިވެނި ކޮށްދިނުމެވެ. ގާޒީ އައުމާއެކު ކައިވެނި ކޮށްދޭން ފެށުނެވެ. ކައިވެނީގެ ޚުތުބާ ދެމުން ދިޔަވަގުތު ވެސް ފިނިވާވަރުން ޒީޝާންއަށް ދެފަހަރަކު އަތް މޮޑެވުނެވެ. އޭނާގެ ހިތްވަނީ އަވަސްވެ ފައެވެ. މިއީ ހަމަ ކޮންމެ އަންހެން ކުއްޖަކުވެސް ކުރާނެ އިޙްސާސްއެއް ހެއްޔެވެ؟ އަރްޒަން ޒީޝާންއަށް ކަޅިއެއް އެއްލިއެވެ. އޭނާއަށް ޒީޝާންގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރުތައް ފެނި ހިނިތުންވެވުނެވެ. ހަމަޖެހިގެން އިން ކަމަށް ދެއްކިނަމަވެސް، ޚުދު އަރްޒަންވެސް ވަނީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.
އެހެން އިންއިރު މަންމަމެންގެ ހަނދާންވެ ޒީޝާންގެ ލޯ ފެންކަޅިވާގޮތްވިއެވެ. އޭނާ އެތަނަށް އައީވެސް ރޮއިފައެވެ. އެކަމާ ހުރެ މޭކަޕް ވެސް ދެވަނަ ފަހަރު ކުރަން ޖެހުނެވެ. މަންމައާ ބައްޕަ ނެތުމުގެ ފަޅުކަން އޭނާ އަށް ކިތަންމެ ވަރަކަށް ވެސް އިޙްސާސްކުރެވެއެވެ. އެ ދެމީހުން އޭނާގާތު އެވަގުތު ކޮޅު ހުންނަން އޭނާ އަބަދުވެސް ބޭނުންވިއެވެ. ކައިވެނީގެ ހެދުމުގައި ހުންނަ މަންޒަރު އެ ދެމީހުންނަށް ވެސް ފެންނަން ބޭނުންވިއެވެ. އެ ދެމީހުންގެ މޫނުމަތިން ހިންހަމަޖެހުން ބަލައިލާ ހިނިތުންވުން ދެކިލަން ޚުދު ޒީޝާންވެސް ނުހަނު ބޭނުން ވިއެވެ.
ނަމަވެސް ތަޤުދީރު އޭނާއަށް އެ ފުރުސަތު ނުދިނީ އެވެ. ކެތްތެރިވަމުން ޒީޝާން ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ބޮޑުވާ އިނގިލިން ފުހެލަމުން މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
އެންމެފަހުން އެ ދެމީހުންވެސް އެންމެ އިންތިޒާރު ކުރި ވަގުތު އައިސްފިއެވެ.
"އަނބި ޤަބޫލުކޮށްފިންތަ؟" ގާޒީގެ ސުވާލާއެކު، ޒީޝާންގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއިރު، ޚުދު އަރްޒަން ވެސް ފިނިވާގޮތް ވިއެވެ.
"އަނބި ޤަބޫލުކޮށްފިން..." ޒީޝާންއަށް ބަލައިލަމުން އަރްޒަން ބުނެލިއެވެ. އޭރު ޒީޝާން ވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ދެލޮލުގައި ކަރުނައިގެ އަސަރުވިނަމަވެސް، އެ ތުންފަތް މަތީގައި ލަދުރަކި ހިނިތުންވުމެއް ވެއެވެ.
ކައިވެންޏަށް ދައުވަތު ދިނީ ގާތް ރަހްމަތްތެރިންނާ ތިމާގެ މީހުންނަށެވެ. މާގިނަ މީހުން ގެންނަން ބޭނުންނުވީ ހަޤީގަތުގައި އަދިވެސް ކަންތައްތައް ހަމައަކަށް އެޅިއްޖެކަމަށް ގަބޫލުނުކުރެވޭތީއެވެ. މީހުން ދައްކާނެ ވާހަކައެއް އެނގެނީއެއް ނޫނެވެ. ދެން އަޅުވާނީ ކޮންފަދަ ބޮޑުއިލްޒާމެއް ކަމެއްވެސް ނޭނގެއެވެ. އަންވަރާއި އިރުޝާމްގެ އިތުރުން ރީހާންއާއި ރައުދާވެސް އެ ކައިވެންޏަށް އައެވެ. ކުންފުނީގެ އިތުރު މީހުންވެސް މެއެވެ. އެކުވެރިއަކާ އެކު ޒޭބާވެސް އައެވެ. އޭނާއަށް ދަޢުވަތު ނުދިނަސް ވެސް މެއެވެ. އޭނާ އައީ ޒީޝާންއަށް ހެޔޮ އެދިގެނެއް ނޫނެވެ. އޭނާގެ ބޭނުމަކަށް ވީ ދައްކާނޭ ވާހަކައެއް އެތަނުންވެސް ހޯދުމެވެ.
ހަފްލާ ފެށިގެން ކުރިއަށް ދާން ފެށުމާއެކު ތަނުގެ އެތެރެ ކޮންމެވެސް ވަރަކަށް ހަލަބޮލިވިއެވެ. މީހުންނާ ތަންކޮޅެއް ދުރުގައި، އިރުޝާމްއާ އަންވަރާ ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.
"ފައިނަލީ އާއްމު ދިރިއުޅުމަށް އެންމެންވެސް މަޑުމަޑުން ދަނީދޯ...ހުރިހާ ކަމެއްވެސް މަޑުމަޑުން ނޯމަލް ވަނީދޯ!" އަންވަރު ބުނެލިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އާނ" އިރުޝާމް ބުނެލިއެވެ.
"ކުންފުނިން އަރްޒަންގެ ސަސްޕެންޝަން ހިފައްޓާނީ ކިހާ ދުވަހަކަށް ކަމެއްވެސް ނޭނގެ! ތަހުޤީގުވެސް މަޑުޖެހިފައި އޮތްހެން އަހަންނަށް ހީވަނީ... " އަންވަރު ބުނެލިއެވެ.
"އޭތް... ތިހެން ބުނީމަ މި ހަނދާންވީ... އެ ތަހުޤީގުގައި ބޮޑަކަށް ހުރި މީހާ މިރޭ އަހަންނަށް މި ހަފްލާއިން ފެނިއްޖެ!" އިރުޝާމް ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ބުނެލިއެވެ.
"ޔަޤީންތަ؟ އެކަމަކު އެމީހަކު ކީކުރަން މި ހަފްލާއަށް އަންނަންވީ؟" އަންވަރަށް ސުވާލުކޮށްލެވުނެވެ.
"އޭނާ ހުރީވެސް އަޔާންއާ ޖިނާން ކައިރީގައި. އެ ދެމީހުން ކައިރީގައި މީގެކުރިން އަހަރެން ނުދަންނަ ޒުވާނަކު ވެސް ހުރި" އިރުޝާމް ބުނެލިއެވެ. އޭނާ ނުދަންނަ ޒުވާނާ އޭ ކިޔާފައި ނިސްބަތް ކުރީ އިރުފާންއަށެވެ.
"ކޮބާތަ އެމީހުން ފެނޭތަ އެބަ؟" އަންވަރު ވަށައިގެން ހޯދައިލިއެވެ.
"އެދަނީ" ފޯނެއްގައި ހުރެ ހޯލުން ބޭރަށް ނުކުންނަން ދިޔަ ރީހާން ދައްކައިލަމުން އިރުޝާމް ބުނެލިއެވެ.
"ހިނގާބަލަ!" އަންވަރު ރީހާންގެ ފަހަތުން ހިނގައިގަތުމުން އިރުޝާމް ވެސް ހިނގައިގަތެވެ.
އަންވަރުމެން ހޯލް ތެރެއިން ބޭރަށް ނުކުތް އިރު ރީހާން ފޯނުން ދައްކަމުން ދިޔައީ ކޮންމެވެސް ކޭސްއަކާ ބެހޭ މައުލޫމާތެވެ. އަންވަރުމެން ރީހާންކައިރިއަށް ދިޔައީ ފޯނު ކޯލު ކުރުކޮށްލިފަހުންނެވެ.
"އައްސަލާމް ޢަލައިކުމް. އަންވަރު، އެނގިލައްވާ ދެއްތޯ" އަންވަރުވެސް ހުރީ ތަހުޤީގުގެ ތެރެއިން ކޮންމެވެސް ވަރަކަށް ރީހާންއާ ބައްދަލުވެފައެވެ.
"އާދެ!" ރީހާން ހިނިތުންވެލިއެވެ. އިރުޝާމްއަށް މީހަކު ގޮވައިލުމާއެކު އޭނާ ދުރަށް ޖެހިލި އެވެ. އެއާއެކު ރީހާންއާ އަންވަރާ ދެމީހުން އެކަނިވިއެވެ.
"އަރްޒަންމެންނާ ބެހޭ ތަޙުޤީގު އަދިވެސް ނުނިމެނީތޯ؟" އަންވަރު ސުވާލުކޮށްލިއެވެ.
"ހިނގަމުންދާ ތަޙުޤީގަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަކީ މަނާކަމެއް" ރީހާން ބުނެލި އެވެ.
"އެ ތަޙުޤީޤި ހިންގާ މީހާ މިތަނުން ފެނުމުން ކުޑަކޮށް ހައިރާންވީ... މީވެސް އަނެއްކާ ތަޙުޤީގުގެ ބައެއްތޯ" އަންވަރު ސުވާލުކޮށްލި އެވެ. އަންވަރާ ރީހާންއާ ދެމެދު ވާހަކަތައް ދެކެވުނެވެ.
"އަރްޒަންގެ ބޮލުގައި އެޅިފައިވާ ތުހުމަތުތަކީ ބޮޑެތި ތުހުމަތުތަކެއްކަން އަޅުގަނޑަށްވެސް އެނގޭ... އެކަމަކު އަރްޒަން އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އޮވޭ... ކުންފުނިން އަރްޒަންގެ ވަޒީފާއާމެދު ގޮތެއް ނުނިންމިފައި އެތިބެނީވެސް އެހެންވެހެން އަޅުގަނޑަށް ހީވަނީ... މިހާރު އަރްޒަން ކަނޑައިލަން ވަރަށް ބޮޑަށް ޕްރެޝަރު އާދޭ އެތެރެއިން ވެސް. ތަޙުޤީގު އަވަހަށް ނިމޭނެގޮތެއް ނޯންނާނެތޯ ހަމަ" އަންވަރު ސުވާލުކޮށްލި އެވެ.
"ކަންތައްތައް ހިނގާފައިވާގޮތް އަޅުގަނޑަށް އެނގުނު ނަމަވެސް، އެންމެންނަށް ގަބޫލުކުރަން ފަސޭހަކަންތައް ތަކެއް ނޫން ހުރިހާކަމަކީ. އަޅުގަނޑުވެސް ވީހާވެސް އަވަހަކަށް މި ކަންތައް، މި ބުނީ މި ތަހުޤީގު ނިންމޭތޯ މި ބަލަނީ... އަރްޒަން ވަޒީފާއިން ކަނޑައިލިޔަސް އޭނާއަށް ވަޒީފާ ދޭން ޖެހޭނެ" ނުސީދާކޮށް ރީހާން ބުނެލިއެވެ. އަންވަރަށް އެ ވާހަކަތައް ފަހުމެއް ނުވިއެވެ.
"ކިޔާ އެއްޗެއް ސާފެއްނުވި" އަންވަރު ބުނެލިއެވެ.
"ވަރަށް އަވަހަށް ހުރިހާ ކަމެއްވެސް ހާމަވާނެ... " ރީހާން އަނެއްކާވެސް ބުނެލި އެވެ. ރީހާންގެ ވާހަކަތައް ދިޔަ މިސްރާބުން އަރްޒަންގެ އެއްވެސް ކުށެއް ނެތްކަން އަންވަރަށް ޔަޤީން ކުރެވުނެވެ. ހަމައެއާއެކު އޭނާގެ ހިތަށް ފިނިކަމެއްވެސް ލިބިގެން ދިޔައެވެ.
*****
ހަފްލާ ނިންމައިލުމަށްފަހު، ދެން އޮތީ ފޮޓޯ ޝޫޓެކެވެ. އެކި މީހުން އަރްޒަން މެން ދެމަފިރިންނާއެކު ފޮޓޯ ނެގިއެވެ. ހަމައެއާއެކު އަރްޒަންމެން ދެމަފިރިން އެކަނިވެސް ފޮޓޯ ނެގިއެވެ.އަރްޒަން ޒީޝާން ކައިރިއަށް ޖެހިލާ ޒީޝާންގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. އެއަށްފަހު އޭނާގެ ނިތްކުރި ޒީޝާންގެ ނިތުގައި ޖައްސައިލިއެވެ. ފޮޓޯ ނަގާ ނިންމާލުމަށްފަހު، އިރުކޮޅަކު އެތަނުގައި މަޑުކޮށްފައި އަރްޒަަންއާ ޒީޝާންއާ ދެމީހުން ގެއަށް ދާން ނައްޓައިލިއިރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ.
ޒީޝާންއާ އަރްޒަންއާ ދެމީހުން ދިޔައީީ ޒީޝާންގެ ބައްޕަގެ ކުންފުނި އެން.އެމް ހޯލްޑިންގްސް އިން އަޅާފައިވާ ޒީޝާން އުޅޭ އެޕާރޓްމެންޓް ކޮންޕްލެކްސް އަށެވެ. މިއަދަށްފަހު އަރްޒަންވެސް އުޅޭތީ ޒީޝާންގެ ބައްޕަ ޒީޝާންއަށް ޓަކައި ހަދައިދީފައިވާ ޕެންޓް ހައުސްގައެވެ.
ލިފްޓަށް އެރުމަށްފަހު ޒީޝާން، އޭނާގެ އަތުގައި އޮތް ކާޑުނަގާ އެންމެ މައްޗަށް ދިޔުމަށް ކާޑު ޖައްސައިލާ ބަޓަންއަށް ފިތައިލިއެވެ.
ލިފްޓް ހުޅުވުނީ ސީދާ ގޭ ތެރެއަށެވެ. އަރްޒަންއާ ޒީޝާންއާ ދެމީހުން ލިފްޓުން ފޭބީވެސް އެކީގައެވެ. އަރްޒަން ހުރީ ޒީޝާންގެ އަތް އޭނާގެ އަތު ތެރޭގައި ހައްޔަރު ކޮށްލައިގެންނެވެ.
"އައި މިސް މައި މޯމް އެންޑް ޑޭޑް ވެރީ މަޗް، ޒޭން..." އެތެރެއަށް ފިޔަވަޅެއް އަޅައިލަމުން ޒީޝާންއަށް ބުނެވުނެވެ.
(ނުނިމޭ)