"ޔޫ އާ ނެކްސްޓް"
ފާރުގައި ލެއިން ލިޔެފައިވާ އަކުރުތައް ފަހުމްވުމާއެކު، އަރްޒަންއަށް ބަލައިލެވުނީ ޒީޝާންއާ ދިމާލަށެވެ. އެއަށްފަހު، އަނެއްކާވެސް އޭނާއަށް ބަަލައިލެވުނީ ފާރަށެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވެ އަރްޒަންއަށް ދެފަހަރަކު ބޯ ހޫރާލަމުނ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މީހާގެ ނަފުސުގައި ބިރުވެރިކަމާއި އެއްވަރަށް ނުތަނަވަސްކަމުގެ ސިލްސިލާއެއް ހިލިގެންދިޔައެވެ. ހިނދުކޮޅަކަށް އޭނާއަށް ވެސް ހަދާނެގޮތެއް ނޭނގި ގަނޑުވެފައި ހުރެވުނެވެ. ސިކުނޑީގެ މަސައްކަތްތައް މަޑުޖެހިލިފަދައެވެ. މީހާ ދާހިއްލަން ފެށިއެވެ.
އެހެން އިރުކޮޅަކު ހުރުމަށްފަހު، މީހާ ހަމައަކަށް އަޅުވައިލަމުން އަރްޒަން، ޒީޝާން ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު އޭނާ ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭރު ޒީޝާން ހުރީ ޓައިލްސްތަކުމަތީގައި އޮތް އިލްހާމްއާ ހިންދުގެ ހަށިގަނޑަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. އަރްޒަން ވެސް މަޑުމަޑުން އޭނާގެ ނަޒަރު އެ ދިމާލަށް އަނބުރައިލާ، ފުރާނަނެތް އެ ދެމީހުންގެ ހަށިގަނޑަށް ރަނގަޅަށް ބަލައިލިއެވެ.
ހިންދުއާ އިލްހާމްއާ ދެމީހުންގެ އަނގައިން ވެސް ލޭ ފައިބައިފައިހުއްޓެވެ. ކަރުގެ އެއްފަރާތް ރަތްވެފައިހުރީ މީހަކު ކަރުގައި ހިފާފައި ހުރިފަދަ ގޮތަކެވެ. ހިންދުގެ ވާއަތް ފަރާތާ ވާގޮތަށް ބޯ އަރިވެފައިވާއިރު، އެ ދިމާލަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މުޅި ތަނުގައި ވެސް ވަނީ ލޭގެ ކޯރެއް ހެދިފައެވެ. މުޅި މީހާގެ ހަށިގަނޑުވަނީ ލެއިން ތަތްތެޅިފައެވެ. އަތްތިލައަށްވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. އިލްހާމްގެ ކަނާއަތް ފަރާތު ލޮލާ ދިމާލުން ތިރިއަށް ވާގޮތަށް ހަމަލާދީފައިވާއިރު އޭނާގެ ވެސް ކަރަށް ކޮންެމެވެސް ވަރެއްގެ ހަމަލާއެއް ދީފައިވެއެވެ. ހިންދުއެކޭ އެއްގޮތަށް އިލްހާމްގެ ހަށިގަނޑުގައިވެސް ވަނީ ހުސްލެއެވެ. އިލްހާމްގެ ބޮލާ ދިމާލުން ނާށިގަނޑަށް ވެސް ގެއްލުން ލިބިފައިހުރިކަން ރަމްޒުކޮށްދެމުން ދިޔައީ އޭރުވެސް އޭނާގެ ބޮލުން ލޭ ފައިބަމުން ދިޔައީތީއެވެ.
ޒީޝާންއަށް ބަލައިލެވުނީ އަރްޒަންއަށެވެ. އެއަށްފަހު، އޭނާއަށް ހުރިތަނަށް ތިރިވެވުނެވެ. އަރްޒަން ޒީޝާންގެ ގާތުގައި އިށީނުމަށްފަހު، ހިތްވަރު ކުރުމަށް ބުނެލިއެވެ. ލިބުނު ޝޮކުގެ ސަބަބުން ކަންނޭނގެއެވެ. ޒީޝާން ހުރީ ރޮއިގަންނަންވެސް ނޭނގިފައެވެ. ބަހެއްބުނަން އަނގަހުޅުވާލަން ވެސް ހަނދާންނެތިފައެވެ.
"ޒޭން." ޒީޝާން އަނގައިން ބުނީވެސް އޭގެ ދިހަވަރަކަށް މިނިޓް ފަހުންނެވެ.
"މަންމަ... ބައްޕަ" އޭނާ އިށީނދެގެން އިންތަނުގައި ވެސް ވަނީ ލޭގެ ކޯރެކެވެ. ޒީޝާން ޓައިލްސްތަކު މަތީގައި އަތް ޖައްސައިލުމަށްފަހު، އެއަތަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލި އެވެ.
"ޒީ..." އަރްޒަން ޒީޝާންއަށް ގޮވައިލިއެވެ. އަރްޒަންގެ އަޑުގައި އޭރުވެސް މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އެހެންނަމަވެސް ، އޭނާ ހަމަޖެހިލަމުން ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.
"ވީ ހޭވް ޓު ކޯލް ދި ޕޮލިސް، ރައިޓް ނައު..."އަރްޒަން ބުނެލިއެވެ. ޒީޝާން، އޭނާގެ ކުރިމަތީގައި އެއްކަކޫ ޖައްސާލައިގެން އިން އަރްޒަންއަށް ބަލައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ޒީޝާން ވަކި އެއްޗެއް ނުބުނެއެވެ. އޭނާ އިނީ ގަބުވެފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. އަރްޒަން ބުނާ އެއްޗަކަށް ބޯ ޖަހައިލުން ފިޔަވާ އިތުރުކަމެއް ޒީޝާން އެއް ނުކުރެއެވެ. އެކަމާ އަރްޒަން މާ ހާސްވިއެވެ.
ލިބުނު ޝޮކުގެ ސަބަބުން ޒީޝާންއަށް ލިބުނީ ކިހާވަރެއްގެ ނަފްސާނީ ގެއްލުމެއްކަން ލަފާކޮށްލާކަށް އަރްޒަންއަަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ ވެސްވަނީ ހާސްވެ ކަންބޮޑުވެފައެވެ.
އެހާ ރަޙުމު ކުޑަ ގޮތަކަށް އެފަދަ އަމަލެއް ކުރަން ކެރޭނީ ވެސް ކާކަށްހެއްޔެވެ؟ އަރްޒަން ޒީޝާން ނަގައިގެން ގެންގޮސް ސޯފާގައި މަޑުމަޑުން ބައިން ދައިލިއެވެ. އެއަށްފަހު، އޭނާ ފޯނުން ފުލުހުންނަށް ގުޅަން އަވަސްވެގަތެވެ.
"ދެން އެމީހުން ނާންނާނެ..." އެ ޖުމްލައަށްފަހު ޒީޝާން ދެން ބުނި އެއްޗެއް އަރްޒަންއަށް ފަހުމެއް ނުވިއެވެ. އޭނާ ފޯނު ތިރިކޮށްލަމުން ޒީޝާން ކައިރިއަށް ޖެހިލިއެވެ.
"ކީކޭ ޒީ؟" އަރްޒަން އޯގާތެރިކަމާއެކު އަހައިލިއެވެ. އޭނާ ޒީޝާންގެ ކޯތާފަތުގައި އަތްތިލަ ޖައްސައިލަމުން އޭނާ އެހުރީ ޒީޝާންގެ ވާހަކަ އަޑު އަހަންކަމަށް ބުނެލިއެވެ.
"ދެން އެމީހުންނެއް ނާންނާނެއޭ އަހަރެން ކައިރިއަކަށް ދުވަހަކުވެސް..." ޒީޝާން މަޑުމަޑުން ބުނެލުމަށްފަހު އިސްޖަހައިލިއެވެ.
އޭރުވެސް ޒީޝާންގެ ލޮލުގައި ކަރުނައިގެ އަސަރެއް ނުވެއެވެ. މީހާގެ އަތާ ފައިގައި އެއްވެސް ކަހަލަ ހަރަކާތެއް ނެތެވެ. ވާހަކަ ދައްކަން ދޫ ހަރަކާތްކުރަނީ ވެސް އުނދަގުލުން ފަދައެވެ. އަރްޒަން ފުންނޭވާއެއް ދޫކޮށްލަމުން ފުލުހުންނަށް ގުޅައިލިއެވެ. އެއަށްފަހު އޭނާ ވެގެން އުޅޭގޮތް އޮޅުން ފިލުވައިލަދީފައި އަިއސް އިށީނދެލާ ޒީޝާންގެ ކަކުލުގައި އަތް ޖައްސައިލަމުން ޒީޝާންއާ ކުރިމަތިލިއެވެ.
"ޒީ...އާރ ޔޫ އޯކޭ؟" އަރްޒަން މަޑުމަޑުން އަހައިލިއެވެ. އެ އަޑުގައިވަނީ ހަމްދަރުދީއެވެ. ޒީޝާން އެއްވެސް އެއްޗެއް ނުބުނެއެވެ. އެއިން ގޮތަށް އިނީއެވެ.
"ޒީ... ސޭ ސަމްތިންގް؟" އަރްޒަން ޒީޝާންގެ ކޮނޑުގައި ހިފާ ތަޅުވައިލިއެވެ. ޒީޝާންގެ އެ ހިމޭންކަން އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. މަޑުމަޑުން ޒީޝާން އޭނާގެ އަތް އުފުއްލައިލަމުން ފާރު އަރްޒަންއަށް ދައްކައިލިއެވެ.
"ޔޫ އާރ ނެކްސްޓް!" އަރްޒަންއަށް ވެސް ހިންދިރުވައިލެވުނެވެ.
"ނޯ ޒީ... އަހަރެން ހުއްޓާ ޒީއަކަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެ... ޒީ..." ހަރަކާތެއް ނުކޮށް އިން ޒީޝާންގެ އަތަށް ބާރުކޮށްލަމުން އަރްޒަން ބުނެލިއެވެ.
ޒީޝާންގެ މައިންބަފައިން އެހާ އަނިޔާވެރިގޮތަކަށް މަރައިލުމަށްފަހު، ޒީޝާންއަށް އިންޒާރުދޭން ކެރުނީ ކާކަށްހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އެމީހަކާ ޒީޝާންގެ އާއިލާއާ އޮތީ ކޮން ދުޝްމަނުކަމެއް ހެއްޔެވެ؟ މިއީ އަނެއްކާ ބިޒްނަސްގެ ވާދަވެރިއަކު ކޮށްގެން އުޅޭކަމެއްހެއްޔެވެ؟ ނޫނީ މިކަމާ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅުމެއް ވަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. އެހާދިސާއާ ގުޅުމެއް ވާނަމަ އެންމެ ފުރަތަމަ ހަމަލާ އަންނަން ޖެހޭނީ އޭނާއަށެވެ. މިކަމުގެ އަޑީގައިވަނީ ކާކުގެ އަތެއް ހެއްޔެވެ؟
އެތައް ގޮތަކުން ވިސްނި ނަމަވެސް، އަރްޒަންއަށް އެ ހާދިސާހިންގަން މެދުވެރިވެދާނެ އެއްވެސް ސަބަބެއް ފަހުމްވާގޮތެއް ނުވިއެވެ. އޭނާ ހާސްކަމާއެކު އަނެއްކާވެސް ޒީޝާންއަށް ގޮވައިލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
"ޒީ... ވާހަކަ ދައްކަބަލަ! އާ ޔޫ އޯކޭ؟ ޓޯކް ޓު މީ!" ފެންކަޅިވެފައިވާ ޙާލު އަރްޒަން ބުނެލިއެވެ. ޒީޝާން އަރްޒަންގެ މޭގައި އޭނާގެ ބޯ ޖައްސާލައިގެން އިނދެ އައި އެމް ފައިން އޭ ބުނެލިއެވެ.
"އަހަރެން އެކަނި ވީ؟ އެމީހަކު އަހަރެންވެސް މަރައިލާނީތަ؟ އަހަރެން ދެން އުޅެން ޖެހޭނީ އެކަނިތަ؟" ޒީޝާން މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައިވި އަސަރު މާނަކުރަން އަރްޒަންވެއް ނުކުޅެދުނެވެ.
"އަހަރެން އަބަދުވެސް ޒީއާއެކު ވާނަން. ދުވަހަކުވެސް ޒީ ދުލެއް ނުކުރާނަން. އައި ޕްރޮމިސް!" ޒީޝާންގެ ކޮނޑުގައި އަތުން ފިރުމައިލަމުން އަރްޒަން ބުނެލިއެވެ.
"ޔޫ ހޭވް ޓު ބީ..." ޒީޝާން މަޑުމަޑުން ބުނެލިއެވެ.
މާގިނައިރުތަކެއް ނުވެ ފުލުހުން އައިސްވަނެވެ. ފުލުހުންގެ ފޮރެންސިކް ޓީމުގައި ހިމެނޭ މީހުން އެމީހުންގެ މަސައްކަތް ކުރުމަށް އަވަސްވެގަތްއިރު އެމީހުންގެ ބޮޑަކަށް ހުރި އިންވެސްޓިގޭޝަން އޮފިސަރ ރީހާން ކުރިއަށް ޖެހިލާ އަރްޒަންއަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ފުރަތަަމަ ވެސް ދަތުރު ކުރީ ލޭ ހޭކިފައިވާ އަރްޒަންގެ ގަމީހަށެވެ. އަރްޒަން ވީ ގޮތް ކިޔައިދިނެވެ. އެއީ ޒީޝާން އޭނާގެ އަތް ތަޅުންގަނޑުގައި ޖައްސާލުމަށްފަހު، އޭނާގެ ގައިގައި އަތްލުމުން އުނގުޅިފައި ހުރި ލެއެވެ.
"ކިޔައިދީފާނަންތަ ކޮންއިރަކު ކިހިނެއްކަން މި މަންޒަރު ފެނުނީ؟" ރީހާން ސުވާލުކޮށްލުމާއެކު އަރްޒަން އޮޅުންފިލުވައިދިނެވެ.
"އެއީ އިލްހާމްގެ ދަރިފުޅު ޒީޝާންދޯ!" ރީހާން ޒީޝާންއަށް އިޝާރާތްކޮށްލުމަށްފަހު ބުނެލިއެވެ.
"އާދެ!" އަރްޒަން ބުނެލިއެވެ.
"އެ މަންޒަރު ފެނުނުފަހުން އެއްވެސް ވާހަކައެއް ނުދައްކާ..." އަރްޒަންއަށް ބުނެވުނެވެ. އޭނާ ކަންބޮޑުވުމާއެކު، ޒީޝާންއަށް ބަލައިލިއެވެ. އޭރުވެސް ޒީޝާން އިނީ އިސްޖަހާލައިގެންނެވެ.
ރީހާން ޒީޝާން ކައިރިއަށް ޖެހިލާ ވާހަކަ ދައްކަން ފެށުމުން ވެސް ޒީޝާން އަނގައިން ނުބުނެއެވެ.
"ޒީޝާން... ކޭން ޔޫ ޓޯކް ޓު މީ؟" ރީހާން ބުނެލިއެވެ.
"ކަލޭ ކީކުރަން މަށާ ތި ސުވާލުކުރަނީ؟" ކުއްލިއަކަށް ތެދުވުމަށްފަހު ޒީޝާން ރީހާންގެ ގަމީހުގައި ހިފާފައި ދުރަށް ކޮށްޕައިލިއެވެ.
"ކަލޭ ތީ ކާކު؟" ކުއްލިއަކަށް ޒީޝާންއަށް އައި ބަދަލު މާނަކުރަން ނޭނގުނު އަރްޒަން ޒީޝާންގެ އަތުގައި ހިފައްޓާލަމުން ޒީޝާން މަތަކުރަން އަވަސްވެގަތްއިރު ފުލުހުންގެ ޓީމުގައި ހިމެނޭ މީހަކު ގޮސް ވެއްޓިފައި އޮތް ރީހާން ނެގިއެވެ.
ޒީޝާން އަރްޒަންއަށް ބަލައިލުމަށްފަހު އަނެއްކާވެސް އިށީނީ ސޯފާގައެވެ. އެއަށްފަހު އޭނާ އިސްޖަހައިލިއެވެ. އަރްޒަން ފުންނޭވާއެއް ދޫކޮށްލަމުން ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ރީހާންއަށް ބަލައިލަމުން މާފަށް އެދުނެވެ.
"ސަމްޓައިމްސް އިޓް މައިޓް ހެޕެން... ކުއްލި ޝޮކަކަށް ދިޔައިމަ ވީ ގޮތެއް ކަމަށްވެސް ވެދާނެ!" ރީހާން ބުނެލިއެވެ. އޭނާ އަރްޒަންއާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭނާ ޚުދު އަރްޒަންއަށް ވެސް އިތުބާރެއް ނުކުރެއެވެ. ޒީޝާންއަށް ވެސް މެއެވެ. ފުލުހަށް ގުޅީ އެ ދެމީހުންނަށް ވިޔަސް މެއެވެ. އޭނާ އަކީ އެ ކަހަލަ ކޭސްތަކުގައި އެއްވެސް މީހަކަށް އިތުބާރު ކުރާނޭ މީހެއް ނޫނެވެ. އެންމެ ހީނުކުރާ މީހާވެސް ގާތިލަށް ވެދާނެއެވެ. އޭނާ މިދާއިރާގައި އުޅޭތާ މާގިނަ ދުވަސްތަކެއް ނުވިނަމަވެސް އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ އިތުބާރު ހޯދާފައެވެ. އެހެންކަމުން ބޮޑެތި ކޭސްތައް ތަހުގީގުކުރުމަށް އޭނާއާ ހަވާލުކުރާކަށް ވެރިންވެސް ފަހެއް ނުޖެހެއެވެ.
އަރްޒަންގެ ލޮލުން އޭނާއަށް ފެންނަނީ ތެދުވެރިކަމެވެ. އެކަމަކުވެސް އޭނާ އޭނާގެ ގޮތުގައި ހިފައްޓާނެއެވެ. ކަންތައްތައް އެނގި ހާމަވަންދެން އޭނާ އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނެއެވެ.
ފޮރެންސިކް ޓީމުން އެގެ ބަލާ ފާސްކުރަމުން ފެށިއެވެ. އޭރުވެސް ޒީޝާން ކަހާތާ ހިރުވާވެސް ނުލައެވެ. އަރްޒަން އޭނާގެންގޮސް ބެއިންދިގޮތަށް އިނީއެވެ. އެކަމުން ހައްތަހާ އަރްޒަންއަށް ލިބުނު ހާސްކަން އިތުރުވީއެވެ. ޒީޝާންއަށް އެ އައި ބަދަލާ އެ މިޒާޖަށް އައި ކުއްލި ބަދަލު އޭނާ މާނަކުރާނީ ކިހިނެއްހެއްޔެވެ؟ ރީހާން އާ ކުރިމަތި ލީއިރު އެ ދެލޮލުގައިވި ނަފްރަތެއް މިހާރަކު ފެންނާކަށް ނެތެވެ. މިހާރު އެ ދެލޮލުން ފެންނަނީ ހުސްކަމެވެ.
(ނުނިމޭ)