އެ ބިރުވެރިކަމުގައި ކުރެވޭނެ އޮތުރު ކަމެއް ނެތި ދުޢާ ކޮށްލަ ކޮށްލާ އެންމެން ތިއްބައި، އެދިޔަ ބާރުމިނުގައި ގޮސް ބޯޓު ޖެހުނީ ކޯރުގެ ފެންގަނޑުގައެވެ. ހަމަ ޖެހުމާއެކު އެކީ ބޯޓު މެދާ ހިސާބުން ދެފަޅިވެގެން ދިޔައެވެ.
ހަމައެއާއެކު، ބޯޓުގެ އިންޖީނު ގޮވި އަޑުފަށްގަނޑު މުޅި މާޙައުލުގައި ގުގުމައިލިއެވެ. ކޯރުގައި ހެދުނު ބާނިތައް ދެފަރާތަށް ދަތުރުކުރަން ފެށިއެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ލޮޅުމެއް ބޯޓަށް އަނެއްކާވެސް އަރައިގެން ދިޔައެވެ.
ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ޒަޚަމްވީ ކިތަން މީހުންކަން ނޭނގުނެއްކަމަކު, ކުރުރުމުގެ އަޑާއެކު ގިސްލުމުގެ އަޑު މެދު ނުކެނޑި އިވިއިވި ހުއްޓެވެ. ކަރަންޓުގެ އެއްވެސް އަލިކަމެއް ނުވާ އެ މާޙައުލުގައި ވަނީ, ކަޅުފޮއި އަނދިރިކަމެވެ. ހަދުވަރުގެ އަލިވެސް މިރޭ ނެތެވެ.
އިންޖީނުގައި ހުރި އަލިފާނުގެ އަލިކަމުގެ ތެރެއިން ވެސް މާޙައުލުގެ ޙާލަތު މާ ރަނގަޅަކަށް ސާފުވާގޮތެއް ނުވެއެވެ. އިންޖީނުން ނުކުތް ދުމުގެ ސަބަބުން މުޅި ސަރަހައްދު ފުސްވަމުން ދިޔައެވެ. ދުމުގެ ވަސް ވައިގެ ތެރޭގައި ހިފަން ނެގީ މަދު ސިކުންތުކޮޅެކެވެ. ބޯޓު ތެރެއިން އޭރުވެސް ބަލިކެއްސުމުގެ އަޑު ފައްގަނޑު ވެސް ކޮންމެވެސް ވަރަކަށް އިވެއެވެ.
ދެފަރާތުގައި އޮތީ ގަސް ބޯ ޖަންގައްޔެކެވެ. ވަށައި ގެންވަނީ، ނާމާންކަމާއި ބިރުވެރިކަމެވެ. ދޭތެރެ ދޭތެރެއިން އުދުހިފައިދާ ދޫންޏެއް ގޮވައިލާ އަޑު ނޫނީ އިތުރު އަޑެއް އެ މާޙައުލަކުން ނީވެއެވެ. މަރުފަދަ ހަމަހިމޭންކަން ވާ އެ މާހައުލުގައި އެހީތެރިކަމެއް ލިބޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ ސަލާމަތަށް އެދި ހަޅޭއްލެވިއެއްކަމަކު، އެމީހުންގެ އަޑު އިންސާނެއްގެ ކަންފަތަށް ފޯރަފާނެހެއްޔެވެ؟ މިއީ އެމީހުންގެ ނިމުމަށް ވެދާނެހެއްޔެވެ؟ ތަޤުދީރުގައި ރޭވިފައިވަނީ ކީކޭ ބާއެވެ؟
***
ކޮންޓްރޯލް ޓަވަރގައި ތިބި މީހުންގެ މޫނުމަތިން ވެސް ހާސްކަން ފެންނަމުން ދިޔައެވެ. ވަގުތުން މުޅިތަން އެކީގައި އެލާޓަށް އައިސް ތަނުގެ އެތެރެ އެކީ ހަލަބޮލިވެގެން ދިޔައެވެ. ކެނޑިނޭޅި އެމީހުން ފްލައިޓާ ގުޅޭތޯ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ވާގޮތް ނުވުމުން އެންމެންގެ މޫނުމަތިން ވެސް މާޔޫސްކަން ފާޅުވާން ފެށިއެވެ. ބައެއް މީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ރަމްޒުކޮށްދެމުން ދިޔައީ މިފަދަ ކަމަކާ އަދި ދުވަހަކުވެސް އެތަނުގައި ތިބި ގިނަ މީހުން ކުރިމަތިނުލާކަމެވެ. ތަނުގައި ބޮޑަކަށް ހުރި މީހާ ފޯނު ކޯލެއް ކޮށްލަމުން ތަންކޮޅެއް ދުރަށް ޖެހިލީ އަދިވެސް ގުޅޭތޯ މަސައްކަތް ކުރުމަށް އެދިފައެވެ.
ޖައްސަން އޮތް އެއާޕޯޓްގެ އެއާރ ޓްރެފިކް ކޮންޓްރޯލް ޓަވަރގައި ތިބި މީހުންނަށް އެންމެފަހުން އަޑު އިވުނީ ބޯޓު ވެއްޓޭކަމަށް ބުނި އަޑު އެކަންޏެވެ. އޭގެ ފަހުން އެއްވެސް އަޑެއް ނީވުމާއެކު ކޮންމެވެސް ގޯހެއް އުޅޭކަމުގައި އެމީހުންނަށް ވެސް ޔަޤީން ކުރެވުނެވެ. ރާއްޖޭގެ އެއާރޓްރެފިކް ކޮންޓްރޯލް ޓަވަރ އަށާއި ފްލައިޓް ލޭންޑް ކުރަން އެއާރޕޯޓަށް ވެސް ހުރިހާކަމެއް ވަގުތުން ވަގުތަށް އެމީހުން ދިޔައީ އަންގަމުންނެވެ.
"އެކީ ގުޅުން ކެނޑުނީ... ބޯޓު ވެއްޓުނީ ކަމަށް އެކޮޅުން ބުނަނީ!" ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެން ހެޑް ސެޓް ޖަހައިގެން އިން ޝާމް ކުއްލިއަކަށް ތެދުވުމާއެކު އެކަކު ސުވާލުކޮށްލިއެވެ. ޝާމްއަކީ އެއާރޓްރިފިކް ކޮންޓްރޯލް ޓަވަރގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ޝާމްގެ ޖަވާބާއެކު އެމީހުންގެ ބޮޑުމީހާ ނައުފަލްގެ ސަމާލުކަން ވެސް ވަގުތުން ޝާމްއަށް ހުއްޓުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ.
"ކިހިނެއް؟ ކޮންތާކަށް؟" ފައްޗަކަށް ސުވާލުތައް އަމުނާލުމާއެކު ޝާމްއަށް ބަލައިލެވުނީ އެމީހުންގެ ބޮޑު މީހާ ނައުފަލްއަށެވެ. ނައުފަލް އަމިއްލައަށް ވެސް އެމީހުންނާ ވާހަކަ ދެއްކިއެވެ. ނުތަނަވަސްކަން އިތުރުވަމުން ދިޔުމާއެކު އޭނާ ބެލީ ވީހާވެސް އަވަހަކަށް ފްލައިޓް އޮޕަރޭޝަންސް އާ އެ ޚަބަރު ހިއްސާކުރާށެވެ. ނައުފަލްއަށް ފޯނެއް އައީ އެވަގުތެވެ. ޝާމްއާ މަސައްކަތް ހަވާލުކޮށްލާފައި ނައުފަލް ފޯނު ނެގީ އަންވަރަށް ވާތީއެވެ.
"އެއްވެސް ޚަބަރެއް ނުލިބޭ. އެކޮޅުގެ ވާހަކަތަކަށް ބަލާއިރު ހީވަނީ ބޮޑުކަމެއް ވީ ހެން..."
"ކީކޭ އެންމެފަހުން އެމީހުން ގާތު ބުނީ؟" އަންވަރުގެ އަޑުގައި ވަނީ ހާސްކަމެވެ.
"ވެއްޓެނީއޭ..." ނުބުނަން ހުރެފައި ވެސް ނައުފަލް ބުނެލިއެވެ.
"އަހަރެމެން އަދިވެސް މަސައްކަތް އެބަކުރަން އެކޮޅުގެ އަޕްޑޭޓެއް ލިބޭތޯ... ކޮންމެވެސް މައްސަލައަކާ ހުރެ ގުޅުން ކެނޑުނީ ކަމަށްވެސް ވެދާނެ!"ނައުފަލް ބުނެލިއެވެ. ހާސްވެފައި ހުރިވަރުން އޭނާއަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ.
އެއާރލައިންގެ ފްލައިން އޮޕަރޭޝަންސް އާ ހިސާބަށް އެ ޚަބަރު ދޔުމާއެކު ވަގުތުން އެމަރެޖެންސީ މީޓިންއަކަށް ތައްޔާރުވެވުނެވެ. ގްރައުންޑް ސްޓާފުންނާ ދެންވެސް އަންގަންޖެހޭ އެހެން ހުރިހާ އެންމެނަށް އެންގުނެވެ.
***
ކޮކްޕިޓްގެ ބިއްލޫރިގަނޑުގެ އެއްފަރާތުގައި އެކީ ކަހަލަ ގޮތަކަށް ރެނދު އަޅާފައިވާއިރު އަޔާންއާ ދިމާލުން ބިއްލޫރިގަނޑު ތެޅި އޭގެ އެތިކޮޅުތައް ވަނީ މުޅިތަނަށް ބުރައިގެން ގޮސްފައެވެ. އަޔާންގެ ކޮނޑުމައްޗަށް ބިއްލޫރިގަނޑެއް ހެރިފައިވާއިރު އެތަނުން ލޭ އަންނަމުން ދިޔައެވެ. ދެފަހަރަކު ކުކުރައިލުމަށްފަހު، އަޔާން ވޭނީ އާހެއް އޭނާގެ އަނގައިން ބޭރުކޮށްލިއެވެ. ވާއަތް ފަރާތަށް އެކީ ބޯޓު އަރިވެފައި އޮތްއިރު ދެ ފަޅިވެގެންދިޔަ ހިސާބު ކިރިޔާ ވަކި ނުވެ އޮތްކަމެވެ.
*****
ލަސްތަކެއް ނުވެ އެ ޚަބަރު އެއާރޕޯޓްގެ ރޭމްޕް މެނޭޖްމެންޓް ޓީމާ ހިސާބަށް ވެސް އަތުވެއްޖެއެވެ.
"އާރ ޔޫ ޝުއާ އާޝާ؟" ރައުދާއަށް އެތެރެއަށް ވަދެވުނީ ދެ ކުއްޖަކު އެ ވާހަކައިގައި ތިއްބައެވެ.
"ޔާ... ގްރައުންޑް ހެންޑްލިންގް ގައި މަސައްކަތްކުރާ ފްރެންޑެއް ބުނީ. އެމީހުން ވެސް އެމަރޖެންސީކޮށް ބައްދަލުވެއް އެ ބާއްވަނީ. ގުޅުން ކެނޑުނު ގޮތަށް އެއްގޮތަކަށް ވެސް ނުގުޅުނޯ. ޕޮސިބިލިޓީ އަކީ ހަމަ ބޮޑު ހާދިސާއެއް... ޕްލަސް އެކޮޅުން ބުނި ކަމަށްވަނީ ވެއްޓެނީއޭ..." ރައުދާ ބަލަން ފެށުމުން އެއްކުއްޖަކު ތުން އަނބުރައިލިއެވެ.
"ރައުދާ ވަރަށް އުފާވާނެ ދޯ..."
"ކީކޭ؟" ރައުދާއަށް އެ ކުއްޖާ އެ ނިތްބަސްކުރީ ކޮން ކަމަކަށްކަން ނޭނގުމާއެކު، އަހައިލެވުނީ ބުމަ އަރުވައިލަމުންނެވެ.
"ޔޯ އެކްސް ހަޒްބެންޑް އިން ފްލައިޓަކަށޭ ކަމެއްވެގެން އެ އުޅެނީ. އަދި އަޑެއް ނާހަންތަ؟އަހަރެން މިކިޔަނީ އަޔާންއަށް ދެރަގޮތެއް ވީމަ ރައުދާ ވަރަށް އުފާވާނެ އެއްނޫންހޭ؟" އާޝާ ކައިރީގައި ހުރި ނުހާ އަނގަޔަށް ފޫހިވައްތަރެއް ޖައްސައިލަމުން ބުނެލިއެވެ. އެ ދެކުދިން ވެސް ރައުދާ ދެކެ ފޫހިވީ ކަމާލާ ގުޅުނު ހިސާބުންނެވެ. ކަމާލަކީ ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުން ޖިންސީ ފުރައްސާރަ ކުރަމުން ދުވާމީހެކެވެ. ތަނުގައި މަސައްކަތް ކުރާ ގިނަ ކުދިން ކަމާލުގެ މައްސަލަ މެނޭޖްމެންޓްގައި ޖެއްސި ނަމަވެސް އެތެރޭގެ ނުފޫޒާ ހެދި ކަމާލު ވަކި ނުކުރެވެނީއެވެ. ރައުދާ ކަމާލާ އެކު އުޅެން ފެށިފަހުން އެތަނުގެ ގިނަ ކުދިންގެ ނުރުހުމުގެ ބަސްތަކާ ރައުދާއާ ކުރިމަތިލާންޖެހެއެވެ.
އިވުނު ޚަބަރަކުން ރައުދާ އަށް ކީކޭހޭ އަހައިލެވުނެވެ. ހާސްކަމާއެކު އޭނާއަށް އެ ދެކުދިންނަށް ބަލަން ހުރެވުނީ ޔަޤީންކަން ބޭނުންވާފަދައަކުންނެވެ. ހިތަށް ވެރިވަމުންދިޔަ ނުތަނަވަސްކަމެއްގެ ސަބަބުން ކެތްތެރިކަން ކޮޅުންލައި އާރާއަށް އަނެއްކާވެސް އަހައިލެވުނެވެ.
"އަހަންނަކަށް ވެސް ޔަޤީންކޮށް ބުނާކަން ނޭނގެ. އެކަމަކު އަހަންނަށް ހީވަނީ ކަމާލަށް އެނގޭނެހެން. ދޭބަ ގޮސް އަހަން. ލެޓްސް ގޯ އާޝާ... ހިތުން އުފާކުރާނެކަން ޔަޤީން!" ނުހާ ބުނެލިއެވެ. އެއަށްފަހު އެ ދެކުދިން އެތަނުން ދުރަށް ހިނގައިގަތެވެ. ކޮންޕިއުޓަރ ދޮށުގައި އިށީންނަމަވެސް ރައުދާއަށް މަސައްކަތަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އެ ޚަބަރު ޔަޤީން ކުރަންވެގެން އެއާރޓްރެފިކް ކޮންޓްރޯލް ޓަވަރގައި އުޅޭ ރައްޓެއްސަކާ ގުޅައިލިނަމަވެސް ނަންބަރު ބިޒީކަމުން ގުޅޭގޮތެއް ނުވިއެވެ. އެކަމުން އެކަނިވެސް އޭނާގެ ހާސްކަން ދެގުނަވިއެވެ. ހަމަޖެހިލުމުގެ ނިޔަތުގައި އާރާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފޯނު ނުނެގުމުން ވީ އެންމެ އަވަހަށް އޭނާއަށް ގުޅަން ބުނެ ރައުދާ މެސެޖް ކޮށްލިއެވެ. އެއަށްފަހު އޭނާ މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ހާސްކަން ހިތުގައި އަތްގަދަ ކޮށްލާފައި ވާލެއް ބޮޑުކަމުން އޭނާއަށް މަސައްކަތް ކުރެވޭގޮތެއް ނުވިއެވެ.
"ޔާން..." ވައިއަޑުން އޭނާއަށް އެ ބަސްތައް ބޭރުކޮށްލެވުނެވެ. އަޔާންއަށް ކަމެއްވީ ހެއްޔެވެ؟ އެއީ ތެދު ޙަބަރެއް ހެއްޔެވެ؟ އެހެންވެއްޖެނަމަ އަޔާން ކޮބައިހެއްޔެވެ އަޔާން ހުރީ ހެޔޮ ހާލުގައި ހެއްޔެވެ؟ އާޝާމެން އޭނާ ހައްދަނީ ހެއްޔެވެ؟ އެއީ ކޮށްލި ސަމާސާއަކަށް ވެދާނެހެއްޔެވެ؟ ނުތަނަވަސްކަމާއި ގިލަންވެރިކަމުގެ ސިލްސިލާއެއް އޭނާގެ ހިތުގައި އުފަންވެގެން ދިޔުމާއެކު އެންމެ ފަހުން ރައުދާއަށް ގޮނޑީން ތެދުވުނެވެ. އޭރު އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ.
އޭނާއަށް ހަރު ފިޔަވަޅުތަކުގައި ހިނގައިގަނެވުނީ ކަމާލުގެ ކެބިންއާ ދިމާލަށެވެ. ކެބިންއަށް ގޮސް ވަތްއިރު ކަމާލެއް ނެތެވެ. ނުތަނަވަސްކަން ދެގުނަ ވުމާއެކު ރައުދާއަށް ކަމާލަށް ގުޅަން ފޯނު ހުޅުވައިލެވުނެވެ.
" ރައުދާ......" ސިހުނީ އޭނާއަށް ގޮވައިލި ކަމާލު ފެނިފައެވެ.
"ހޭ.. ޔާންމެން ދިޔަ ފްލައިޓަށް ކަމެއް ވެގެންތަ އުޅެނީ؟" ހާސްވެފައި ހުރި ރައުދާއަށް ދެއްކެނީ ކޮން ވާހަކައެއްކަންވެސް ނޭނގޭ ފަދައެވެ. އެ ވާހަކަ އެ ބުނެވެނީ ކަމާލުކައިރީގައި ކަމާއި ކަމާލަކީ މިހާރު އޭނާގެ ކާކުކަން ވެސް ހަނދާނުން ގޮސްފައިވާ ފަދައެވެ.
"އައި ހޯޕް ހީ ޑައިޒް" ރައުދާގެ ސުވާލާއެކު ކަމާލުގެ ހިތުގައި ހަސަދައިގެ އަލިފާން އަނދައިގަތެވެ. އެއާއެކު އޭނާ މަޑުމަޑުން ބުނެލިއެވެ.
"ކީކޭ؟" ވާހަކަ ދެއްކިލެއް މަޑުކަމުން ކަމާލު ކީއެއްޗެއް ސާފު ނުވުމާއެކު ރައުދާއަށް އަހައިލެވުނެވެ.
"މި ބުނީ އެހެން އެބަ ކިޔައޭ އެކަމަކު ޔަޤީނެއް ނޫނޭ!" ކަމާލު ނޫންކަމަށް ހެދެމުން ބުނެލިއެވެ. އޭރު އެ ޚަބަރު ލިބި އޭނާގެ ހިތް އުފަލުން ނަށަނީއެވެ. އަޔާންއަށް ގޮތެއް ވޭތޯ ކަމާލު ދިޔައީ ކެނޑި ނޭޅި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
******
ކޮކްޕިޓްތެރޭގައި ގުދަށް ވެއްޓިފައި އޮތް އަރްޒަންއަށް ހަމަހޭވެރިކަންވީ ހިސާބަކަށް ފަޔަށް ފިނިވެގެންނެވެ. ލޯ ހުޅުވައިލަން އުނދަގޫވި ނަމަވެސް، ހިތްވަރުކޮށްފައި އޭނާ ލޯ ހުޅުވައިލިއެވެ. މުޅި ތަނުގައި ވަނީ ކަނު އަނދިރިކަމެވެ. އޭރު އިންޖީނުން އަރަމުންދިޔަ ދުމުން މުޅި އެހިސާބުވަނީ ތަޣައްޔަރުވެފައެވެ. ނޭވާލާން އުނދަގޫވުމާއެކު، އޭނާއަށް ދެފަހަރަކު ކެއްސައިލެވުނެވެ. ވާނުވާ ރޭކާލަން ވެސް އިރުކޮޅެއް ނެގިއެވެ. ވެއްޓިފައި ގުދަށް އޮތް އަރްޒަން ތެދުވަން މަސައްކަތް ކުރިނަމަވެސް، ހަށިގަނޑުގައި ހުރި ތަދުގެ ސަބަބުން އޭނާއަށް އެކަންކުރަން އުނދަގޫވިއެވެ. އަތުގެ ކޮނޑު ހުޅުގައި ރިއްސަމުން ދިޔައީ ކެތް ނުވާވަރަށެވެ. ބޮލުގެ ވާ އަތް ފަރާތު ނިތް ކުރިމަތިން ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔައެވެ. އުނދަގުލުން ތެދުވެ އަރްޒަން ވަށައިގެން ބަލައިލިއެވެ. ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އޭނާއަށް ތަނެއް ފެންނަވަރެއް ވެސް ނުވިއެވެ. ލޯ ކޮންމެވެސް ވަރަކަށް ހޭނިލި ނަމަވެސް ތަނެއް ވަކިވާވަރު ވަނީ ކިރިޔާއެވެ. އެ ހަމަހިމޭން މާޙައުލުގެ ހަމަހިމޭންކަން ފޫދުއްވައިލީ އުދުހިފައިދިޔަ ކާޅުތަކެއްގެ ހަޅޭކުގެ އަޑުންނެވެ. ކުއްލިއަކަށް އެފަދަ އަޑެއް އިވުމުން އަރްޒަން ސިހުނު ނަމަވެސް ވީ ގޮތް ފަހުމް ވުމާއެކު، އޭނާ ހަމަޖެހިލާ ފުންނޭވާއެއް ލިޔެވެ. ހިތްް ތެޅެމުން ދިޔައީ އިންތިހާ ބާރުމިނުގައެވެ. އަތުގައި ވެސް ތުރުތުރު އެޅުމެއް ހުއްޓެވެ.
ފަޒާގައި ހިފާލާފައިވާ ފިނިކަން އަރްޒަންގެ ހަށިގަނޑަށް ވެސް ކުރަމުން ދިޔައެވެ. ފައިދަށުގައި ދައުރުވަމުންދިޔަ ފެންގަނޑުގައި ވެސް ހުރީ އާދަޔާ ޚިލާފް ފިނި ކަމެކެވެ. އޭނާ އުނދަގުލުން ބެލްޓް ނައްޓައިލާ ތެދުވެ ކުކުރުމުގެ އަޑު އަންނަ ދިމާލަށް ޖެހިލީ އެއީ އަޔާންގެ އަޑުކަން ޔަޤީންވާތީއެވެ. އަޔާންއާ ކައިރިއަށް ޖެހިލާ އަރްޒަން އަޔާންގެ ކޮނޑުގައި ޖަހައިލިއެވެ. ލޯ ހޭނުނު ނަމަވެސް ތަނުގައި ވި އަނދިރިކަން އޭނާގެ ދެލޮލުގެ އަލި ކަމަށް ހުރަސް އަޅަނީއެވެ.
ކޮކްޕިޓުން ނުކުތްގަޑީ އޭނާއާ ގާތުން މީހެއްގެ ހިޔަނިވީ ހެން އަރްޒަންއަށް ހީވިއެވެ. ސިހުން ގެނުވީ ކޮންމެވެސް މީހަކު އޭނާގެ ފައިގައި ހިފެއްޓުމުންނެވެ.
(ނުނިމޭ)