"އަހަރެން ފާޚާނާއަށް ވަދެފައި އަންނަންދެން ވެސް ހަމަ ނުހުރެވުނީތަ ލަވް؟" އަރްޒަން ލާނެތް ރާގެއްގައި ސުވާލުކޮށްލިއެވެ. އޭނާ މަޑު ފިޔަވަޅެއްގައި އައިސް ޒީޝާން ކައިރީގައި ހުއްޓުނެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔަތަން އަރްޒަންއަށް ފެނުނެވެ. ޒީޝާން އަރްޒަންގެ ކަރުގައި އަތް އަޅުވައިލިއެވެ. އެއާއި އެކު އަރްޒަންއަށް ތަފާތުކަމެއް ފާހަގަކުރެވޭހެން ހީވިއެވެ. އެ ތުންފަތުގައިވި ހިނިތުންވުން ތަފާތެވެ. މޫނުމަތީގައިވެސް އަސަރުތައް ވެސް ތަފާތެވެ. އެދެލޮލުގައި ހުރި ވިދުންވެސް ތަފާތެވެ. އަރްޒަންއަށް ބަލައިލެވުނީ ޒީޝާންގެ އަތަށެވެ. އެ އަތުގައި އަނގޮޓި އޮއްތޯއެވެ.

އެ އަތުގައި އަނގޮޓި ނެތްކަން އަރްޒަންއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާއަށް ތެޅުގަނެވުނެވެ. ބޭއިޚްތިޔާރުގައި އެއް ފިޔަވަޅު ފަހަތަށް އަޅައިލެވުމާއެކު އޭނާއަށް ވާހަކަ ދެކެވުނެވެ.

"ކާކު؟... ކާ... ކާކު؟"

އެއީ ކާކުކަން އެނގުނުނަަމެވެސް، އޭނާއަށް ބުނެވުނީ އެހެންނެވެ. ބިރުގަނެފައި ހުރުުމުން އޭނާއަށް ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކެއެވެ.

"ޝިންޝިނާ..... ލޯބިވޭ!..." ކަންފަތް ދޮށުގައި ސިއްރުން މީހަކ ބުނެލި އަޑު އަރްޒަންއަށް އިވުނެވެ. ހަމަ އެވަގުތެވެ. އޭނާގެ ކަރަށް ވާންވެގެން ދިޔައީ ކުއްލިއަކަށެވެ. އޭރު ކޮޓަރިތެރެއަށް އެ ފިނި ދުމުގެ އަސަރުވެރިވެއްޖެއެވެ. އެހެންފަހަރުތަކާއި ޚިލާފަށް މިފަހަރު އޭނާއަށް ދުވީ މީރުވަހެކެވެ. ކޮޓަރި ތެރެއަށް ފެތުރުނު ދުންތައް ހިނދިގެން ދިޔައިރު ޝިންޝިނާގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ފާރުގައި އަތް ޖައްސައިލާ އެ އަތުގައި ބޯ ޖައްސާލައިގެން އަރްޒަން ފުންނޭވާތަކެއް ލާންފެށީ އޭނާގެ ނޭވާ ހާސްވާހެން ހީވުމުންނެވެ. މީހާ ހަމައަކަށް އެޅިލަމުން އޭނާ ފޯނުން އިރުފާންއަށް ގުޅައިލަން އަވަސްވިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި، އޭނާގެ ވިސްނުން ބަދަލުވީ ކިހިނެއް، ކީއްވެކަމެއް ނޭނގެއެވެ. އިރުފާންއަށް ގުޅުމުގެ ޚިޔާލުދޫކޮށްލާފައި އޭނާ ފޯނު ޖީބަށް ކޮށްޕައިލިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ގޮސް އަރްޒަން، ޒީޝާން ގާތު ސޯފާގައި އިށީނދެލިއެވެ.

"ޒީ... ޑޮކްޓަރަށް ދެއްކިންތަ؟" އަރްޒަން އަހައިލިއެވެ. ޒީޝާން ބޯ ޖަހައިލިއެވެ.

"ކާކާ އެކީ ދިޔައީ؟"

"އާރާއާ..." ޒީޝާން އޭނާގެ އިސްތަށިކޮޅު ކަންފަތް ދޮށަށް ލައްވައިލިއެވެ.

"ޒީ... އަހަރެން ޒީއާ ވާހަކައެއް ދައްކައިލަންވެފައި އެބައޮތް..." އަރްޒަން ބުނެލިއެވެ. ޒީޝާން ބޯ ޖަހައިލީ އޭނާ އަޑު އަހަމޭ ބުނާފަދަ ގޮތަކަށެވެ. އޭނާ އަރްޒަންގެ ދެލޮލަށް ބަލައިލަމުން އެ ދައްކަން އުޅޭ ވާހަކައަށް ފުރިހަމައަށް ސަމާލުވެލިއެވެ.

"އަަހަންނަށް އެނގޭ މިފަދަ ވާހަކައެއް ދައްކަން އަދި އަވަސްކަން ވެސް، އެކަމަކު އަހަރެން ބޭނުންވޭ އަވަހަށް ޒީ އާ މެރީކުރަން. ޒީ އަހަރެން ގާތު އަބަދުވެސް ބަހައްޓަން، ޒީއަށް ވަގުތު ބޭނުންވާނެކަން ވެސް އެނގޭ، އަދި އެވަގުތު އަހަރެން ޒީއަށް ދޭން ވެސް މިހުރީ ތައްޔާރަށް..." އަރްޒަން އެހެން ބުނެލި ވަގުތު އަނެއްކާވެސް އޭނާގެ މެއަށް ބާރުވާން ފެށިހެން އޭނާއަށް ހީވިއެވެ. ކުއްލިއަކަށް މެއަށް ތޫނު ތަދެއްވެސް އެރިއެވެ. މޭގައި އަތް އަޅައިލުމާއެކު އަރްޒަން ގުދުވެލިއެވެ.

"ޒޭން. އާރ ޔޫ އޯކޭ؟" އަރްޒަންއަށް ވަމުންދިޔަގޮތް ފެނި، ޒީޝާން، އަރްޒަން ކައިރިއަށް ޖެހިލާ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭރު އެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރެވެ.

"ނޭނގެ ކުއްލިއަަކަށް މެއަށް ތަދެއް އެރީ..." އަރްޒަން މޭގައި އެއް އަތުން ފިރުމައިލިއެވެ. ތަދު ރަނގަޅުވުމުން އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. އެއަށްފަހު، އޭނާ ޒީޝާންއަށް ބަލައިލާ ހިނިތުންވެލިއެވެ.

"އަހަރެން ބުނީ އަހަންނަށް އެނގެޔޭ ޒީއަށް ޓައިމް ބޭނުންވާނެކަން، އައި ވިލް ވެއިޓް ފޯޔޫ އޭ ހުރިހާކަމެއް ހަމައަކަށް އެޅެންދެން. ޒީއަށް އެނގޭނެ ކަންނޭގެ ޒީގެ މަންމަމެން ނިޔާވިއިރު އަހަރެމެން ދެމީހުންގެ ކައިވެންޏާ ނުރުހުންވިކަން... " އަރްޒަންކަމެއް ހަނދާންކޮށްލަދޭފަދަ ގޮތަކަށް ބުނެލިއެވެ.

"އެއީ އެރި އޮޅުމަކުން ވީކަމެއްނު ޒޭން! މަންމަމެން ވެސް ޒޭން ދެކެ ކިހާ ލޯބިވި، އޭރު އެގޮތަށް ކަންތައް ދިމާވި ސަބަބު އެނގޭނަމަ މިއަދުވެސް މަންމަމެން ބޭނުންވާނީ އަހަރެން ޒޭން އާ ގުޅެން. ހުރިހާކަމެއްވެސް ވީ އެ ޖިންނިއާ ހެދި..." ޒީޝާން ބުނެލިއެވެ.

ހާސްކަމާއެކު ޒީޝާންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔަ ، އަރްޒަންގެ ހިތުގައި ޒީޝާންގެ އެ ޖަވާބުން ގަނޑުފެން އަޅައިލަ ދިން ފަދައެވެ. ހިތަށް ލުއިވެ، މީހާގެ ހައްޓަށް ފަސޭހަވެގެން ދިޔައެވެ.

*****

ރައުދާއާ އަޔާންއާއި ދެމީހުން ބައްދަލުކުރީ ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި ހުރި ރެސްޓޯރެންޓެއް ކަމަށްވާ ޓޭސްޓް އިޓް ރެސްޓޯރެންޓުގައެވެ. އަޔާން ބޭނުންވީ ހަމަޖެހޭ މާހައުލެއްގައި ވާހަކަ ދައްކައިލަން ކަމަށްވުމުން، އޭނާ ވަނީ އެތަނުން ވަކިން ހުންނަ މޭޒުތަކުން މޭޒެއް ބުކް ކޮށްފައެވެ.

ރައުދާ އައީ އަޔާން އެތަނުގައި އިންނަތާ ފަނަރަ މިނެޓު ފަހުންނެވެ. ރައުދާ ލާފައިހުރީ ރަތްކުލައިގެ ގަމީސް ޓޮޕްކޮޅަކާއި ހުދު ޖީންސްއެކެވެ. އިސްތަށިގަނޑު ވަނީ ދޫކޮށްލާފައެވެ. ކޮށްފައިވަނީ ލުއި މޭކަޕަކަށް ވީކަމުގައި ވީނަމަވެސް އަޔާންއަށް އެ ސާދާ ފެނިލުން ކަމުދިޔައެވެ. ރައުދާ އައިސް އިށީނދެލުމަށްފަހު، އަޔާންއަށް ބަލައިލިއެވެ. މީހާ ފިނިވެފައ ހުރިވަރުން ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ކުރެވުނު ހާވެސް ކަމަކީ ދެއަތް ދެއަތާ މޮޑެވުމެވެ.

"ރައު... " އަޔާން ރައުދާއަށް ބަލައިލިއެވެ. ރައުދާ އިސްއުފުލައިލުމާއެކު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު، ދެހިތަށްވެސް ގޮތްތަކެއްވެގެން ދިޔައެވެ. އަޔާންއަށް ވެސް ރައުދާގެ ލޮލުގެ ތެރެއަށް ގެއްލިފައި އިނދެވުނެވެ. އެ ކަޅުކަން ގަދަ ކަޅިއަށް ބަލަމުންދިޔަ ވަރަކަށް އެ ދެލޮލުގެ ތެރޭގައި ޤައިދުވާހެން އޭނާއަށް ހީވަނީއެވެ.

"އަޔާން... ކޮން ވާހަކައެއް ދައްކަން؟" ރައުދާ ވެސް ހިތްވަރުކޮށްފައި ސުވާލުކޮށްލިއެވެ. އަޔާންއާ ބައްދަލުކުރަން އައުމަށް އޭނާގެ ޒަމީރު މިފަހަރު މަޖުބޫރުކުރީ ކީއްވެކަމެއް އޭނާއަށް ނޭނގެއެވެ. އެގޭހާވެސް އެއްޗަކީ އަދިވެސް އޭނާގެ ހިތުގައި އަޔާންއަށް ޚާއްސަކަމެއް ދެވިފައިވާކަމެވެ.

"ރައު ތިހެން އުޅޭއިރު ހިތަކަށް ނާރާތަ އަހަރެމެން ދެމީހުން ވަކިވާން ޖެހުނީ ކީއްވެބާއޭ... އަހަރެމެން ދެމީހުން ދެމެދުގައި ޖެހުނީ ކޮން މައްސަލއެއް ބާއޭ ހިތަކަށް ނާރާތަ؟ އަހަރެމެން ދެމީހުން ހަޤީޤަތުގައި ވަކިވީ ކީއްވެކަން ހަމަ އެއްގޮތަކަށް ވެސް ބުނަން އެނގޭތަ؟ އަހަރެމެން ދެމީހުންގެ ވަރީގެ ފަހަތުގައި ފޮރުވިފައި އިތުރު ސަބަބެއް އޮވެދާނެޔޭ ރައުގެ ހިތެއް ނުބުނޭތަ؟ އަހަރެމެން ދެމީހުންގެ ކުއްލި ވަކިވުން ރައުއަށް ބަލައިގެނެވޭތަ؟" އަޔާން އެއްފަހަރާ އެތައް ސުވާލެއްކޮށްލުމުން ރައުދާއަށް ބުމަ އަރުވައިލެވުނެވެ. އަޔާންއަށް އެހާ ފާޅުކަން ބޮޑުގޮތެއްގައި އޭނާގެ ހިތުގައި އުތުރި އަރަމުން އެދާ ސުވާލުތައް އެ އެނގެނީ ކިހިނެއް ހެއްޔެވެ؟ ރައުދާގެ ހިތް އާދަޔާ ޚިލާފަށް ތެޅެން ފެށީ އަޔާން ދައްކަން އެ އުޅޭ ވާހަކައެއް ނޭނގުމުންނެވެ. އަނެއްކާ އޭނާއާ ކަމާލުގެ ދިރިއުޅުުމުގެ ހަޤީގަތް އަޔާންއަށް ކޮންމެވެސް ގޮތަކުން އެނގުނީ ހެއްޔެވެ؟ އަޔާން އެހާ ކުއްލި ގޮތަކަށް ބައްދަލުކުރަން އެ ބުނީ އެހެންވެހެއްޔެވެ؟ އެތަކެއް ސުވާލެއް އޭނާގެ ހިތުގައި އުތުރިއަރަން ފެށިއެވެ.

"ބުނެބަލަ! ޖަވާބު ދީބަލަ! ރައު..." ރައުދާގެ އެ ހަމަހިމޭންކަމުން އަޔާންގެ ކެތްތެރިކަން، ކޮޅުންލަމުން ދިޔައެވެެ.

"އެކަމަކު... އެކަމަކު... އަޔާންއަށް... ތިހުރިހާ ކަމެއް އެނގެނީ ކީއްވެ؟" ބޯ ޖަހައިލުމަށްފަހު، ރައުދާ ސުވާލުކޮށްލިއިރު، އޭނާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. އޭނާ ނުތަނަވަސްވެފައި ވާވަރު އެކަމުން އެކަނިވެސް އެނގިހާމަވެއެވެ.

"ބުނެބަލަ... ރައު..." އަޔާންގެ ސުވާލާއެކު ރައުދާ ބޯ ޖަހައިލިއެވެ.

"ރައު... އަހަރެން ދައްކަން މިއުޅެނީ ވަރަށް ސިިރިއަސް ވާހަކައެއް....... ރައު ޤަބޫލުކުރަންތަ ސިހުރު؟" އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު، އަޔާން އެހެން ބުނެލީ ދެ ވިސްނުމެއްގައި އިނދެފައެވެ. ރައުދާ ޤަބޫލުކުރާނެކަން، ނޫނީ ނުކުރާނެކެން އޭނާއަށް ޔަޤީން ނުވަނީއެވެ. ރައުދާ ޤަބޫލުނުކޮށްފިނަމަ ދެން އޭނާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟.

"ސިހުރު..." ރައުދާއަށް ބުމަ އަރުވައިލެވުނެވެ. އަޔާން އެ ބުނަން އުޅެނީ ކީކޭކަމެއް އެއްގޮތަކަށް ވެސް އޭނާއަކަށް ނޭނގުނެވެ. އަޔާން ކުއްލިއަކަށް ސިހުރުގެ ވާހަކަ ދެއްކުމުން އޭނާ ހައިރާންވެ ކަންބޮޑުވެސް ވިއެވެ.

"އަހަރެމެން ދެމީހުން ދުރުކުރުވީ މީހަކު ސިހުރު ހަދައިގެންނޭ ބުނެފިއްޔާ ރައު ޤަބޫލުކުރާނަންތަ؟" ހާސްވެ އިނދެވެސް އަޔާން އޭނާ ބޭނުންވާ ސުވާލު ދުލު ކުރިއަށް ގެނައެވެ. އޭނާ އިނީ ރައުދާގެ ފަރާތުން އަމަލުތައް ފެންނާނެ ގޮތެއް ނޭނގި ނުތަނަވަސްވެފައެވެ.

"އަޔާން ކީކޭ ތިކިޔަނީ؟" ރައުދާގެ ދުލުން އެ ބަސްތައް ނުކުތީ ބޭއިޚްތިޔާރުގައެވެ.

"ރައު. ޤަބޫލުނުކުރެވުނަސް އަހަރެމެން ދެމީހުން ދުރުވީ މީހަކު ހެދި ސިހުރެއްގެ ސަބަބުން. އަހަރެމެން ދެމީހުންގެ އުފާވެރި ޙަޔާތަށް އެޅުނު ހިޔަންޏަކީ އެއީ... ރައު ތިއުޅެނީ ހިންހަމަ ޖެހިގެންތަ؟ ރައުއަކަށް އެއްކަމެއް ވެސް ފާހަގައެއް ނުވޭތަ؟ ކަމާލަކީ ރައު އެންމެ ރުޅިއަންނަމީހާ... އެކަމަކު މިއަދު ރައު ތިހުރީ އޭނާގެ އަންބެއްގެ ގޮތުގައި. ހަމަ އެއްކަމެއްވެސް ފާހަގައެއް ނުވޭތަ؟ ވިސްނާލަބަލަ!" އަޔާން ބުނެލިއެވެ. ރައުދާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ހިމޭންވިއެވެ. އަޔާން އެ ދައްކަނީ ތެދުކަން އޭނާއަށް އެނގެއެވެ. ކުއްލިއަކަށް އޭނާއަށް ކަމާލު ކަމުދާންވީ ކީއްވެހެއްޔެވެ؟.

"އަޔާން އަނެއްކާ ތި ވާހަކަަ ދައްކަނީ އަހަރެެމެން ދެމީހުން ދުރުކުރުވަންތަ؟" ރައުދާއަށް އަހައިލެވުނެވެ.

"ރައު އަހަންނަށް އިތުބާރު ނުކުރަންތަ؟" އަޔާންގެ ހިތަށް ތަދުވިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އެދެމެދަށް ދުރުމިން އައިސްގެން އުޅޭ މިންވަރު އިޙްސާސްވިއެވެ.

"އިތުބާރު އަހަރެން ނުކުރަނީކީ ނޫނޭ ޔާން!... އެކަމަކު..." ރައުދާގެ ސިކުނޑީގައި އެތަކެއް ޚިޔާލްތަކެއް ދައުރުވަމުން ދިޔައެވެ.

"އަހަރެން އެކަންތަކަށް ފަރުވާކޮށްފިން. ރައު ސިހުރަކީ ފަރުވާ ނުކޮށްދޫކޮށްލާ ވަރުގެ ކަމެއްނޫން. ސިހުރެއް ހަދާފައި ޖިންނިއަކާ ހަވާލުކުރުމަށްފަހު، އެ ސިހުރު ރައްކާކުރުމުގައި އެ ޖިންނީގެ ޖިންނީގެ ފަހުގެ ޖީލުތައް ވެސް ހަރަކާތްތެރިވާނެ!" އަޔާން އޭނާއަށް އެނގިފައިވާ މިންވަރުން ކުޑަމިންވަރެއް ރައުދާއަށް ކިޔައިދިނެވެ. އޭނާ ބޭނުންވީ ސިހުރަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން ރައުދާއަށް އަންގައިދޭށެވެ.

"ރައު އަހަރެން މިދައްކާ ވާހަކަ ޤަބޫލުކުރާނަންތަ ނުކުރާނަންތަ؟ ބުނެބަލަ!" އަޔާން ބުނެލިއެވެ. ރައުދާގެ މޫނަށް ބަލައިލަމުން އަނެއްކާވެސް އަޔާން ސުވާލުކޮށްލިއެވެ.

"އަހަރެންނަށް ވިސްނައިލަން ވަގުތު ކޮޅެއް ދީ... ޔާން!" އަޔާންގެ މޫނުމަތިން ރައުދާއަށް ފެނުނީ ތެދުވެރިކަމެވެ. އެ މޫނުމަތިން ފެނުނީ ހިތްހަލާކު ވާފަދަ އަސަރުތަކެކެވެ. ކަންތައްވީ ގޮތުން ދެރަވެފައިވާ މިންވަރު އެކަނިވެސް އަޔާންގެ ދެލޮލުން ހާމަވަމުން ދިޔައެވެ. އެ ދެލޮލުން ފެނުނު އަސަރުތަކުގެ ސަބަބުން ރައުދާއަށް އުނދަގޫވިއެވެ. އޭނާ އިސްޖަހައިލިއެވެ. އަޔާންއާ ހަތަރު ކަޅި ހަމަކޮށްގެން އިންނަން އޭނާއަށް އުނދަގޫވަނީއެވެ. ހަމައެއާއެކު އޭނާގެ ހިތުގައި، ހިސާބެއްގެ ބިރުވެރިކަމެއްވެސް ދައުރުވަމުންދިޔައެވެ.

ކަމާލު ހަމަ އޭނާއަށް ސިހުރު ހެދީ ހެއްޔެވެ؟ އަޔާން އެ ބުނި ފަދައިން މާޒީއަށް ވިސްނައިލުުމުން އޭނާއަށް އެތައް ހެއްކެއް ފެންނަން ފެށިއެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ޤަބޫލުކުރަން މަޖުބޫރުވިއެވެ. އެކަމަކު އެ ވަގުތު އަޔާން ކައިރީގައި ބުނަން ބޭނުންނުވީއެވެ.

"ކިހިނެއް އަހަރެމެން ދެމީހުންނަށް ސިހުރު ހެދީ؟" ރައުދާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

"އެއްޗެއް ކާންދީފައި ހުރީ، އަދި އެ ސިހުުރު ބާރުގަދަ ކުރުމަށް ސަހަރާގައި އެއްޗެއް ވަޅުލުމަށްފަހު، ޖިންނި އަކާއި ހަވާލުކުރީ..."އަޔާން އޭނާއަށް އެނގޭވަރަކަށް ކިޔައިދިނެވެ. އަޔާންއާ ވާހަކަ ދައްކާފައި ރައުދާ ނިކުމެގެން ދިޔައިރު އޭނާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައިވެއެވެ.

*****

ހަލުވިކަމާއެކު ދުވަސްތައް ފާއިތުވެގެން ގޮސް ދެ މަސްދުވަސް ފާއިތުވެއްޖެއެވެ.

ފާއިތުވެދިޔަ ދެ މަސްދުވަހު، ރާއްޖޭން ބޭރުގައި އޮތް ޓްރެއިނިންއަކަށް ކަމާލު ފުރުމާއެކު، އަޔާންގެ އެހީތެރިކަމާއެކު ރައުދާ ސިހުރުން ސަލާމަތްވާން މަސައްކަތް ފެށިއެވެ. ނޭނގޭ ސަބަބަކާ ހުރެ އޭނާ އަޔާންއަށް އިތުބާރުކުރެވުނީއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އަނެއްކާވެސް ކަމާލާ މެދު ފޫހިކަން ވެރިވާންފެށިއެވެ. އިހުނަށްވުރެ ބޮޑަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާ ހުރީ ކަމާލު އައިހާ އަވަހަށް އޭނާ ގާތުން ވަރިވާން ނިންމައިގެންނެވެ.

އަނެއްކޮޅުން ޒީޝާން ވެސް ބޭނުންވަނީ އަރްޒަންއާ ކައިވެނިކުރާށެވެ. ޒީޝާންވެސް އަޔާންމެން ގެއިން ބަދަލުވެ މިހާރު އުޅެނީ އޭނާގެ އަމިއްލަ ގޭގައެވެ. އެކަނި އުޅެން ބިރުގަންނާތީ އޭނާ އުޅެނީ އާރާ އެގެއަށް ގެންގޮސްގެންނެވެ. އެއީވެސް އެފަދަ ރެއެކެވެ. ޒީޝާން ގެއަށް ދިޔައީ، އަރްޒަންމެން ގޭގައި ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަން ތިބެފަ އެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ.

ސޯފާގައި އިން އަރްޒަންގެ ނަޒަރު ހުއްޓިފައިހުރީ ޒީޝާންއާއި ދެމީހުން މަޝްވަރާކުރަން ތިބި ފޮޓޯގަނޑުތަކަށެވެ. ކައިވެނި ހަފްލާއެއް ކުޑަގޮތަކަށް ބާއްވަން އެ ދެމީހުން ވެސް ބޭނުމެވެ. އެހެންކަމުން ހޮޓެލެއްގެ ޓެރެސް ބުކްކުރަން އެމީހުން ވަނީ ނިންމާފައެވެ. ފޮޓޯތަކަށް ބަލަން އިނުމަށްފަހު، އަރްޒަން ހިންދެމިލިއެވެ. އެއްލި ކަޅިއަކުން އޭނާއަށް ޒީޝާން ފެނުނެވެ. އެސްފިޔަޖަހާލާފައި ހުޅުވައިލި ވަގުތު ކުއްލިއަކަށް ޒީޝާން ގެއްލުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އާ ފުރިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ މީހަކު އޭނާގެ ސިކުނޑިއާ ކުޅެނީހެންނެވެ.

އަރްޒަން ސޯފާގައި އޮށޯވެލީ ނިދި އައިވަރުންނެވެ. ނިދެމުން ދިޔަ ވަގުތު ދެބަ ދޭތެރޭން އޭނާގެ މޫނުގައި ފިނިފިނި އަތެއްގެ ބީހުން އިޙްސާސްވިހެން އޭނާއަށް ހީވިއެވެ.

(ނުނިމޭ)

ކޮމެންޓް 0