"ހަނދާންވޭތަ ފްލައިޓް ތެރޭގައި މީހަކު މަރުވި ހަނދާން... ޖައުފަރު ކިޔާ ފިރިހެނެއް... އެއީ... އެއީ...... އަރްޒަންގެ ބައްޕަ އަކީ"

ފްލައިޓް މަތީގައި މަރުވީ އަހަރެންގެ ބައްޕައޭ؟. އެހެން ކިހިނެއް ވާނީ؟" އޭނަ ކިހިނެއް އަހަރެންގެ ބައްޕައަށް ވާނީ؟ އަދި އެކަން ފިރާޤުބެއަށް އެނގުނީ ކިހިނެއް؟" އަރްޒަން ހާސްވީވަރުން އެއްފަހަރާ އެތައް ސުވާލެއް ކޮށްލެވުނެވެ. އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ. މީހާ ނުތަނަވަސްވިއެވެ. ފިރާޤު ކުއްލިއަކަށް އެ ބުނި ވާހަކަ ޤަބޫލުކުރަން އަރްޒަންއަށް އުނދަގޫވީއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ދެން އޭނާ ބަލައިލީ އަޔާންއަށެވެ.

އަޔާންގެ މޫނުމަތިން މާ ބޮޑު ހައިރާންކަމެއް ނުފެނުނު ނަމަވެސް، އެ މޫނުމަތިން ވެސް ކަންބޮޑުވުމާ ހާސްކަން އަރްޒަންއަށް ފެނުނެވެ. ނުތަނަވަސްކަމާއެކު އަޔާން ފުންނޭވާއެއް ދޫކޮށްލިތަން ވެސް މެއެވެ. އެކަމުން ހައްތަހާ އަރްޒަންއަށް ލިބުނު އުދާސްކަން ދެގުނަވެގެން ދިޔައެވެ.

"މިހުރިހާ ކަމަކާ އޭނައާ އަހަންނާ ގުޅިފައިވަނީ ކިހިނެއް؟ އަދި އައްޑޫއާ، މިތަނާ، ޝިންޝިނާ... އެހެން ކިހިނެއްތަ ވާނީ އެކަމަކު!" އަދިވެސް އަރްޒަންއަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ ފިރާޤަށް ބަލައިލިއެވެ. އައްޑޫގެ ކޯއްޓޭއާ، އެ ތަނާ، އޭނާއާ ގުޅިފައިވަނީ ކިހިނެއްކަމެއް އެއްގޮތަކަށް ވެސް އޭނާއަކަށް ނޭނގުނެވެ. ވިސްނާ ވިސްނާވެސް ނަގައިނުގަނެވުނު ކަމަކީ އެއީއެވެ.

"އެހެރަ ޖިފުޓިގަނޑަކީ ކޮންތަނެއްކަން އަރްޒަންއަށް އެނގޭތަ؟" ފިރާޤު ކުއްލިއަކަށް ފަން އެޖިފުޓިގަނޑަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އެއާއެކު، އަރްޒަންއަށް ވެސް އެދިމާލަށް ނަޒަރު ހުއްޓައިލެވުނެވެ. އަނެއްކާ އޭނާއަށް ހުވަފެނުގައި އެތަން ފެނުނުކަން ފިރާޤަށް އެނގުނީ ހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟. ސުވާލުތައް އޭނާގެ ހިތުގައި އުތުރިއަރަން ފެށިއެވެ.

"އަރްޒަން އެނގެން ބޭނުންވޭ ދޯ މިތަނާ ހިނގާ ދިޔަ ހުރިހާ ކަމަކާ އަރްޒަންއާ ވަނީ ކޮންގުޅުމެއްކަން؟ ހުރިހާ ކަމެއްގެ ފެށުމަށް މިތަން ވީ ކިހިނެއްކަން އެނގެން ބޭނުންމެއް ނޫންތަ؟ އަޑު އަހާ އަރްޒަން، ހަޤީޤަތް ޤަބޫލުކުރަން އުނދަގޫ ވާނެކަން އަހަންނަށް އެނގޭ، އެކަމަކު މިއީ ހަޤީގަތަކީ... މިތަނަކީ ޖައުފަރު، އަރްޒަންގެ ބައްޕަ ސިހުރުހަދަން ބޭނުންކުރިތަން." ފިރާޤު ބުނެލިއެވެ. އަރްޒަންއަށް ފިރާޤާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އޭނާއަށް ބުމަ އަރުވައިލެވުނެވެ. އޭނާގެ ބައްޕައަކީ ސިހުރުވެރިއެއް ހެއްޔެވެ؟. އެ ލަފްޒުން ހިތަށް ކޮންމެވެސް ވަރަކަށް ތަދުވިނަމަވެސް، ފިރާޤު އޭނާއަށް ދޮގެއް ހަދާފާނެޔޭ އަރްޒަންގެ ހިތެއް ނުބުނެއެވެ.

"އަރްޒަންއަށް ނޭނގުނުކަމުގައި ވީނަމަވެސް، އަރްޒަންގެ މާޒީއާ، ޚުދު އަހަރެންގެ މާޒީއާ އޮތީ ވަރަށް ބޮޑަށް ގުޅިފައި، މީގެ ތިން ވަރަކަށް ގަޑިއިރު ކުރިން، އަރްޒަންއަށް ކިޔުނު އެއްވެސް އެއްޗެއް ހަމަ ހަނދާނަކު ނެތްތަ؟ އަދި އެއްވެސްކަމެއް ހަނދާނަކު ނެތްހޭ؟" ފިރާޤު ސުވާލުކޮށްލިއެވެ. އޭނާ އަރްޒަންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އަރްޒަން ދެފަރާތަށް ބޯ ހޫރައިލީއެވެ. އޭނާއަށް ކިޔުނީ ކީކޭ ހެއްޔެވެ؟. އުޅެވުނީ ކިހިނެއް ހެއްޔެވެ؟ ހަނދާނަށް އައިހާ ވެސް އެއްޗަކީ ފިރާޤު ކިޔަވަމުން ދިޔަ ގަޑީގައި ކުއްލިއަކަށް އޭނާގެ ގަޔަށް ބާރުގަނޑެއް އެރި ހަނދާން އެކަންޏެވެ. އޭގެ ފަހުން ވީ އެއްވެސް ކަމެއް އޭނާގެ ސިކުނޑީގައި ނެތެވެ.

*****

އެހާ ދުވަސްފަހުން ފްލައިޓަކަށް އެރޭތީ ޒީޝާންގެ ހިތުގައި އުފާވެރިކަން ވީ ނަމަވެސް ހަޤީގަތުގައި އޭނާ ހުރީ ނުތަނަވަސްވެފައެވެ. ހިތް ބިރުގަންނަހެންވެސް ހީވިއެވެ. އެކަމަކު އޭނާ ކޮންމެހެން ވެސް މިދަތުރު ދާން ބޭނުމެވެ. އޭނާ ކުރި މެސެޖަށް އަރްޒަން ޖަވާބެއް ވެސް ނުފޮނުވައެވެ. އެ އުފާވެރި ޚަބަރު އޭނާ ދޭން ބޭނުންވަނީ އަރްޒަން ކައިރިއަށް ގޮހެވެ. ފަހަރުގައި އެ ޚަބަރާއެކު، އެ ދެމެދުގައި އޮތް ނުތަނަވަސްކަން ވެސް ފިލައިގެން ހިނގައިދާނެއެވެ. އެ ދުރުމިން ނެތިދާނެފަދަ ޚަބަރަކަށް އެ ޚަބަރު ވެދާނެއެވެ. އެއާރޕޯޓަށް ދާން ކާރުގައި ނައްޓައިލިއިރު ވެސް ޒީޝާންގެ ހިތް ހަމައަކަށް ނޭޅެއެވެ. ހީވަނީ ހުރިހާ އިޙްސާސްއެއް އެއްވީމަ ވެގެންއުޅޭ ގޮތެއް ހެންނެވެ. ބައެއް ފަހަރު މީހާ ފިނިވެ ހާސްވެއެވެ. އަނެއްބައި ފަހަރު އުފާވެރިކަން މީހާ ވަށާލާފަދަ އިޙްސާސްއެއް ކުރެވެއެވެ. ނޭނގި އިނދެވެސް ހިނިތުންވެވެއެވެ.

*****

"ޒޭން ހަމަ އެއްވެސްކަމެއް ހަނދާނަކު ނެތްތަ؟ ކުޑަކޮށްވެސް..." އަޔާންއަށްވެސް އަހައިލެވުނެވެ. އަރްޒަން ހުރީ ވާނުވާ ނޭނގިފައެވެ. އޭނާއަށް ހުރިގޮތަށް ހުރެ ބޯ ޖަހައިލެވުނެވެ.

ތިން ގަޑިއިރު ކުރި

*******************

ފިރާޤު އަރްޒަންގެ ކައިރީގައި ކިޔަވަމުންދިޔަ ވަރަކަށް އަރްޒަންގެ ހަށިގަނޑަށް އަރަމުންދިޔަ ބާރުގަނޑުވެސް ދިޔައީ އިތުރު ވަމުންނެވެ. ރޯ މަހެއް ތެޅޭހެން އަރްޒަން ތެޅެމުން ދިޔައެވެ. އޭނާއަށް އުނދަގޫވަނީއެވެ. ހާސްވަނީއެވެ. ހަށިގަނޑުގައި ވޭން ވެސް އަޅަނީއެވެ.

"ކަލޭ ހަމަ މިހާރު މި އިންސާނާ ދޫކޮށްލާ! ކަލެއަކަށް ނޭނގޭތަ ތިޔަ ކުރެވެނީ ކިހާ ނުބައިކަމެއް ކަމެއް؟" ފިރާޤު ބާރަށް ބުނެލިއެވެ.

"ހަހަހަ! އަހަރެން އަރްޒަން ދުލެއް ނުކުރާނަން، އަރްޒަން އަކީ މަގޭ ޙައްޤެއް، ކަލެއަށް އަދިވެސް ނޭނގޭ އަހަރެންނަށް އަރްޒަންގެ މައްޗަށް ޙައްޤު އޮތް މިންވަރެއް، ކަލެއަށް ވުރެ ބޮޑަށް މާޒީގައި ހިނގި ކަންތައް އިނގޭނެ އިތުރު މީހަކު، މިތަނުގައި ހުންނާނެހެނެއް އަހަންނަކަށް ހިޔެއްނުވޭ؟ " ޝިންޝިނާ ވާހަކަ ދެއްކީ އަރްޒަންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންނެވެ.

"ކަލޭގެ ނަން ބުނޭ! އެހެންނޫނީ އަހަރެން ކަލޭ އަންދައިލާނަން... ކަލޭ މި އިންސާނާ އާ އަޅައިގަތުމުގެ ބޭނުމަކީ ކޮބާ؟" ފިރާޤު ސުވާލުކޮށްލިއެވެ.

"މާހުތާބު..." ކުއްލިއަކަށް ހިނިގަނޑެއް ޖަހައިލުމަށްފަހު، ޝިންޝިނާ ވާހަކަ ދެއްކިއެވެ. ޝިންޝިނާގެ އަޑުގައި ހުރި އަސަރު، މާނަކުރަން ފިރާޤަށް އުނދަގޫ ވީއިރު އޭނާއަށް ނުތަނަވަސްކަމެއް ވެސް ލިބުނެވެ. މާހުތާބު އެ ނަމަކީ އޭނާއަށް އާނަމެއް ނޫނެވެ. މާޒީގެ އެންމެ ހިތި ތަޖުރިބާ އޭނާ، ކުރަންޖެހުނީ ވެސް މާހުތާބުގެ ސަބަބުންނެވެ.

"މާހުތާބު!..." ފިރާޤަށް އެ ނަން އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ.

"ކަލޭ ތީ ކާކު؟" ފިރާޤު އޭނާގެ ކިޔެވުން ބާރުކޮށްލިއެވެ. އޭނާއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ އެ ވާހަކަ ދައްކަނީ މާހުތާބު ނޫންކަމުގައި އޭނަގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކަށް ދެންވީ އެއީ ކާކުކަން ހޯދުމެވެ. އޭނާއާ މާހުތާބާ އޮތް ގުޅުން ހޯދުމެވެ.

އަޅަމުންދާ ވޭނަށް ކެތް ނުކުރެވޭ ފަދަ ގޮތަކަށް އަރްޒަން ހަޅޭއްލަވަން ފެށިއެވެ. ހަޤީގަތުގައި ވޭން އަޅަމުން ދަނީ ޖިންނީގެ ގައިގައެވެ. އެކަން ފިރާޤަށް އެނގެއެވެ. އަޔާން އިރުފާންއަށް ބަލައިލި އެވެ. އިރުފާން ބުނީ ހުރިހާކަމެއް ވެސް ރަނގަޅު ކަމުގައެވެ.

ފިރާޤަކީ ތަޖުރިބާހުރި މީހެއްކަމުގައި އޭނާ އަޔާންއަށް ހަނދާންކޮށްލަދިނެވެ. އޭނާއަށް ވުރެ އެތައް ހާސްގޮތަކުން ފިރާޤު އެ މަސައްކަތަށް މޮޅުވާނޭކަމުގައި އިރުފާން އަޔާންއާއި ޖިނާންއަށް ޔަޤީންކަން އެރުވިއެވެ.

"ޝިންޝިނާ..." ހަޅޭއްލަވައިގަތުމާއެކ،ު ޝިންޝިނާ ބުނެލިއެވެ. އެހެން ބުނެލުމަށްފަހު، ދެވަނަ ސިކުންތުގައި އަރްޒަން އެރީ އަލަމާރި މައްޗަށެވެ. އެކޮޅުކޮޅުން އޮވެ ބޯ ދިއްކޮށްލައިގެން އޭނާ ފިރާޤަށް ބަލައިލާ ވާހަކަ ދެއްކިއެވެ. އެމަންޒަރު ފެނި ޖިނާންއަށް ހިންދިރުވައިލެވުނެވެ. އަޔާންއަށް ވެސް ލިބުނީ ޝޮކެކެވެ.

"އަހަންނަކީ ޝިންޝިނާ... އަހަރެންގެ މަންމަ މަރައިލެވުނު ކަމުގައިވިޔަސް، އަހަރެން މަރައިލުމަކީ ފަސޭހަކަމަށް ނުވާނެ!" ޝިންޝިނާގެ އަޑަށް ބޮޑާކަން ވެރިވެގަތެވެ. އޭނާ ހޭން ފެށިއެވެ.

"ކަލޭ ހީކުރީ ތިހެން ބުނެގެން އަހަރެން ބިރުގަންނާނެ ކަމަށްތަ؟ ނޫން. އަހަރެން ކަލޭ ދެކެ ބިރެއް ނުގަނޭ. ކަލޭ މިހާރުން މިހާރަށް ވެސް އަންދައިލުމުގެ ބާރު އަހަރެންނަށް ލިބިފައިވޭ! ކަލޭއަށް ލިބިފައިވާ ބާރާމެދު ބޮޑާނުވޭ! އަހަރެން މިކުރާ ހުރިހާ ސުވާލަކަށް ހަމަމިހާރުން މިހާރަށް ކަލޭ ޖަވާބުދީ، މާހުތާބު މަރުވީތަ؟ ކަލެއަކީ އޭނާގެ ދަރިތަ؟" ފިރާޤު ސުވާލުކުރިއެވެ. އެއާއެކު ޝިންޝިނާ ޖަހައިލީ ހިނިގަނޑެކެވެ.

"އަހަރެން ކަލޭ ކައިރީ ބުނި ހަނދާނެއްނުވޭތަ އަހަރެން ލޯބި ވާތީ އޭ އަރްޒަންވެސް މިއަދު، ދުނިޔޭގައި މިހުރީ... އެހެންނޫނީ އަހަރެން މަންމަގެ މަރުގެ ބަދަލު މީނަގެ ކިބައިންވެސް ހިތި ގޮތަކަށް ހިފީމުސް..." ޝިންޝިނާ ބުނެލިއެވެ.

"ކަލޭތަ ޖައުފަރު މަރައިލީ...؟"

"ހަހަހަހަހަ" ޝިންޝިނާ ދިޔައީ ބާރަށް ހެމުންނެވެ. އަރްޒަންގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

ފިރާޤު ކިޔެވުން ބާރުކޮށްލިއެވެ. އެއާއެކު ޝިންޝިނާ ހަޅޭއްލަވައިގަތެވެ.

'އާނ... އަހަރެން ޖައުފަރު މަރައިލީ... އޭނައަކީ އަހަރެންގެ މަންމަގެ ޤާތިލްއަށް ވީތީ... އޭނަގެ ލޭ ހުރި ކޮންމެ މީހަކު ވެސް އަހަރެން މި ދުނިޔޭން ނައްތައިލަން ވަޢުދުވިން..." ޝިންޝިނާ ބުނެލިއެވެ. ޝިންޝިނާއަށް އުނދަގޫވެ ވޭން އަޅާކަން ފިރާޤަށް ދެނެގަނެވުނެވެ. ހުއްޓާނުލާ އޭނާކިޔެވުން ކުރިއަށް ގެންދިޔައެވެ. މިހިސާބަށް އައިސް ދެން ދޫދިނުމެއް ނެތެވެ. މިއަދު އޭނާ ހުއްޓައިލާނީ އޭނާ ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށްފަހުއެވެ. މިކަންތަކަށް ނިމުމެއް ގެނެވޭނީ އެ ހުރިހާ ސުވާލެއްގެ ޖަވާބު އޭނާއަށް ލިބިގެންނެވެ. އަރްޒަންއަށް ހަޤީގަތް ކިޔައިދިނުމުގެ ކުރިން އޭނާ ހުރިހާ ކަމެއް ވެސް އެނގެން ބޭނުމެވެ.

"ކަލޭ ޖައުފަރު މަރައިލީ ކިހިނެއްކަން ކިޔައިދީ...؟ ޖައުފަރަކީ އެހާފަސޭހައިން ޖިންނިއަކަށް މަރައިލެވޭނެ މީހެއް ނޫން." ފިރާޤު ބުނެލިއެވެ.

"ހުރިހާވެސް ކަމެއްގެ ފެށުމަކީ ޖައުފަރު، ސިހުރު. އަދި އޭނާ އަހަރެންގެ މަންމަ މަރައިލުން... އަހަރެންނަށް އެ ހުރިހާ ދުވަހު ޖައުފަރަށް ކަމެއް ނުކުރެވިފަ ހުރީ އަހަރެންގެ މަންމަ ދުނިޔޭގައި ހުރުމުން... މަންމަ ނިޔާވުމާއެކު، އަހަރެން ދެން ބިރުގަންނަން ޖެހޭ އެއްވެސް ކަމެއްނެތް!. އަހަރެން ވެސް ފުރުސަތުގެ ބޭނުންކުރީ... ޖައުފަރު މަރައިލީ... ހަހަހަ!" ޝިންޝިނާ ހީގަތެވެ. އެއަށްފަހު، ހަޅޭއްލަވައިގަތެވެ. ހީވަނީ އަދިވެސް އޭނާގެ ހަށިގަނޑުގައި ވޭން އަޅަނީ ހެންނެވެ.

"ކަލޭ ޖައުފަރު މަރައިލީ ކިހިނެއް؟"

"އޭނަ ވަޅުލާފަ އޮތް އެތި ނަގައިގެން..." ޝިންޝިނާ ބުނެލިއެވެ.

"ކޯންޗެއް؟ ކޮން ތަނެއްގައި އޭނަ ވަޅުލާފަ އޮތް އެއްޗެއް؟ ކަލޭ ތިކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔައިދީ... އެހެންނޫނީ..." ފިރާޤު އަހައިލި އެވެ.

"އަހަރެންގެ މަންމަ އުމުރު ދުވަހު އޭނަގެ އަޅެއްގެ ގޮތުގައި އުޅެން ޖެހުނީ ވެސް އޭގެ ސަބަބުން... ޖައުފަރަށް ގޯނާއެއް ނުކުރެވުނީ ވެސް އޭގެ ސަބަބުން؟" ޝިންޝިނާގެ އަޑަށް މަޑުމޮޅިކަމެއް ވެރިވިގެން ޖައުފަރަށް ހީޥިއެވެ.

"ކޯންޗެއްހޭ އެއީ؟ އަހަރެންގެ ސުވާލަށް ޖަވާބުދީ؟" ފިރާޤުގެ ސުވާލާއެކު އަރްޒަން އަލަމާރި މަތިން ފުއްމައިލައިގެން އައި ގޮތަށް ހުއްޓުނީ ފިރާޤާ ކުރިމައްޗަށްވާ ގޮތަަށެވެ. އޭނާގެ ފައިބުޑަށް ޖެހިގަތް ގޮތުން ފިރާޤަށް ވެސް ކުޑަ ސިހުމެއް ލިބުނެވެ. އެހާ ކުއްލިގޮތަކަށް އެކަން ވީތީއެވެ. އެކަމަކު އޭނާ ބިރެއް ނުގަނެއެވެ. އިރުފާންއަށް ވެސް ސިހުން ލިބުނެވެ.

"ސިހުރު... ވަރުގަދަ ސިހުރެއް، އޭނަގެ ހަށިރައްކަލަށް ހަދާފައިވާ އެއްޗެއް... އެ ނަގަންވެގެން އޭގައި އަތްލާ ކޮންމެ ފަހަރަކު އަހަރެންގެ މަންމަގެ ގައިގައި އަލިފާން ރޯވޭ... އެއީ އަހަރެންގެ މަންމަ އަޅުވެތިކޮށްގެން ގެންގުޅެން ޖައުފަރު ބޭނުންކުރި ހަތިޔާރު...އުމުރު ދުވަހު.... އަހަރެންގެ މަންމަ އޭނަގެ ގައިދުގައި އުމުރު ދުވަހު އުޅުނީ... އަހަރެންނަށް އޭނާ މަރައިލުމުގެ ފުރުސަތު ލިބުނީ ޖައުފަރު އަހަރެންގެ މަންމަ މަރައިލުމުން، " ޝިންޝިނާ ބުނެލިއެވެ.

"ކަލޭ ކިހިނެއް ޖައުފަރު މަރައިލީ؟ އެ އެތަނުގައި އޮއްވާ ކަލެއަކަށް ޖައުފަރެއް މަރައެއް ނުލެވުނީހެއްނު؟ ސާފުކޮށް ކިޔައިދީ!"

"ހަހަހަ! އަހަރެން އެ ނެގީ..." އެ ނައްތައިލީ... އަންދައިލީ.. ހަހަހަ!!" ޝިންޝިނާ ހޭން ފެށިއެވެ.

"ކިހިނެއް؟" ޖައުފަރު ސުވާލުކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ކިޔަވަން ފެށިއެވެ. ޝިންޝިނާއަށް ޖެހޭނީ ހަޤީޤަތް ކިޔައިދޭށެވެ. މިހާ ހިސާބަށް އައިސްފައި ދެން އޭނާ އެއްވެސް ދުލެއް ނުދޭނެއެވެ. އޭނާ ނޫނީ ޝިންޝިނާއެވެ. ގަދަވާނީ ކޮންމެވެސް އެކަކެވެ.

ހެމުން ހެމުން ޝިންޝިނާ ވީގޮތް ޖައުފަރަށް ކިޔައިދޭން ފެށިއެވެ. އޭރުވެސް އޭނާ އަރްޒަންގެ ހަށިގަނޑެއް ދުލެއްނުކުރެއެވެ.

*********************************

އަޔާންއާ ރައުދާ އާ ދުރުކުރުވަން ހެދި ސިހުރު ކާމިޔާބު ވުމާއެކު، ކަމާލު ޖައުފަރު ކައިރިން، ދެން އެދުނީ އަޔާން މަރައިލުމަށް ސިހުރު ހެދުމަށެވެ. ޖައުފަރު އެކަމަށް އެއްބަސްވެ ސިހުރު ހަދަން ފެށިއެވެ. އެކަމަކު އޭނާގެ ނަސީބު ދެރަކަމުން ސިހުރު މުޅިން ގޯހަށް ހެދި މާހުތާބު މިނިވަން ވާގޮތްވީއެވެ. އޭނާގެ ޤައިދުން ސަލާމަތްވީއެވެ. ޖައުފަރުގެ ސިހުރުގެ ބާރު ދައްވީއެވެ. އުމުރު ދުވަހު ލިބުނު އަނިޔާގެ ބަދަލު މާހުތާބު ހިފަން ބޭނުންވީ ޖައުފަރު މަރައިލައިގެންނެވެ. މިހުރިހާ ދުވަހު އޭނާ ޖައުފަރުގެ ކޮންމެ އަމުރަކަށް ކިޔަމަންވި ކަމުގައި ވީނަމަވެސް، އޭނާއަށް ވެސް ފުރުސަތެއް ލިބުމުން އޭގެ ބޭނުން ކުރަން ނިންމީއެވެ. އޭނާގެ މިނިވަންކަން އޮތީ ޖައުފަރު މަރުވީމައި ކަމަށްވީތީ އާ ވެސް އެކުގައެވެ. އެހެންކަމުން، މާހުތާބުގެ އަމާޒަކަށްވީ ޖައުފަރު މަރައިލުމެވެ. އޭނާ މުޅި އުމުރު ދުވަހު އަޅެއްގެ ގޮތުގައި ޖައުފަރު ގެންގުޅެމުން ދިޔައީތީ އެކަމުގެ ބަދަލު ހިފުމަށް މާހުތާބު ހުރީ ނުހަނު ބޭނުންވެފައެވެ. އެފަހަރު އޭނާ މިނިވަންވެ، އެތައް ފަހަރެއްގެ މަތިން ޖައުފަރަށް ގެއްލުން ދޭން އުޅުނު ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އެންމެ ފަހުން ހަދާނެ އިތުރު ގޮތެއް ނޭނގި އެރޭވެސް ޖައުފަރަށް މަޖުބޫރުވީ އޭނާގެ ކިޔެވެލި ބާރުކޮށްލާ މާހުތާބު އަންދައިލުމަށެވެ. އެކަން ކުރީ މާލޭގައި ހުންނަ ޖައުފަރުގެ، ގެ ކަމުގައިވާ ބަނަފްސާގޭގެ އޭނާ ސިހުރު ހަދަން ބޭނުންކުރާ ކޮޓަރީގައެވެ. އެރޭ ޖައުފަރު ބުނީ މީގެ ކުރިންވެސް އޭނާ މާހުތާބަށް ފުރުސަތު ދިން ކަމަށާއި އެކަމަކު ދެން އިތުރު ފުރުސަތެއް ނުދެވޭނޭ ކަމަށެވެ. މާހުތާބުގެ އަދަބަކީ މަރުކަމުގައެވެ.

ޖައުފަރު މާހުތާބު އަންދައިލި ވަގުތު އެތަން ބަލަން މާހުތާބުގެ ދަރި ޝިންޝިނާ ހުރިކަމެއް ޖައުފަރަކަށް ނޭނގުނެވެ. ޖައުފަރު ހީކުރީ ހުރިހާކަމެއް ވެސް ނިމުނީ ކަމަށެވެ. މާހުތާބު އަނދާ އަޅިއަށްވެގެން ދިޔައީ ޝިންޝިނާގެ ކުރިމަތީގައެވެ. އޭގެފަހުން ތަފާތު އެކިއެކި ފަހަރުމަތިން ޝިންޝިނާ ޖައުފަރަށް ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް، ޚުދު އޭނާއަށްވެސް އެއިން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވުނެވެ. އޭނާ އައްޑުއަށް ދިޔައީ ޖައުފަރު މަރައިލެވެން އޮންނަނީ އައްޑޫގެ ކޯއްޓޭގައި ޖައުފަރު ވަޅުލާފައި އޮތް އެތި ނަަގައި އަންދައިލައިގެން ކަމަށްވީތީއެވެ.

އެއީ ވާރޭ ނުވެހުނަސް އުޑުމަތި ބަނަ ރެއެކެވެ. ވިއްސާރަ ކުލަވަރު ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ. މަގުމަތީގައި ވެސް މާގިނަ މީހުން ހަރަކާތްތެރި ވާތަނެއް ނުފެނެއެވެ. ކޯއްޓޭއާ ދިމާލަށް ހިނގަމުންދިޔަ ޒުވާން ޖޯޑުގެ މޫނުމަތީގައި ވަނީ ހިންހަމަޖެހުމުގެ ކުލަވަރެވެ. ދެމީހުންގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ދެމީހުންގެ އަތް ވަނީ ގުޅި ލާމެހިފައެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް އެ ދެލޯބިވެރިން ސަމާލުކަމެއް ނުދެއެވެ. ޖެހެމުންދިޔަ ވައިރޯޅިތަށް ވެސް ހީވަނީ އެ ދެ ޒުވާނުންނަށް މަރުޙަބާ ކިޔާ ހެންނެވެ. ފިނިކަން ފަޒާގައި ހިފާލާފައި ވެއެވެ.

ވަކި ހިސާބަކުން އަންހެން ކުއްޖާގެ އުނަގަނޑުގައި ފިރިހެންކުއްޖާ އަތް އަޅުވައިލިއެވެ. އޭނާއާ ކައިރިއަށް ދަމައިލިއެވެ. އެ ދެމެދުގައިވި ދުރުމިން ނައްތައިލިއެވެ. އެ ދެ ޒުވާނުންގެ މިސްރާބުހުރީ ކޯއްޓޭއަށް ދާއިރު އޮންނަ ޕަރީ ފެންގަނޑޭ ކިޔާ ފެންގަނޑާ ދިމާލަށެވެ. ލައިޓެއްވެސް ނެތް އެ ހިސާބުގައި ވަނީ ހަނދުވަރުގެ އަލިކަން އެކަންޏެވެ. ސާދަ ފަނަރަ ވިލޭރޭގެ ހަނދު ތަޚްތުގައި އިނދެ ރަސްކަން ކުރަމުން ދިޔައެވެ.

"އޭތް ހަމްދާން... އަހަންނަކަށް ނުކެރޭނެ ދާކަށް...ކޯއްޓޭއޭ ކިޔައިގެން މީހުން ދައްކާ ވާހަަކަތަކުން އަހަރެން ޖެހިލުންވޭ!" އަންހެން ކުއްޖާ ދެކޮޅު ހެދިއެވެ.

"ކަމޯން ރީޝް... ކީއްވެތަ ބިރު ގަންނަނީ؟ ކިހާ ރީތިތަ ހަނދުވަރު؟ އެހެންނޫނަސް މުސްކުޅިން ދައްކާ ބޯދާ ވާހަކަތަކަށް ސަމާލުކަން ދޭނެކަމެއް ނެތޭ! " ހަނިމަގުން ކުރިއަށް ހިނގަމުން ދަމުން ހަމްދާން ބުނެލިއެވެ. އޭނާ ރީޝާގެ ކޯތާފަތުގައި ބޮސްދިނެވެ. އެއަށްފަހު، އޭނާ ރީޝާ އިހުނަށްވުރެ ކައިރިކޮށްލާ ގަޔާ ފިއްތައިލިއެވެ. އެ ދެމީހުންނަށް ނޭނގުނު ކަމަކީ އެ ދެމީހުންގެ ކޮންމެ ހަރަކާތަކަށް މީހަކު ފާރަލަމުން ދިޔަކަމެވެ. އެ ތޫނު ދެލޮލުގައި އެ ދެ ޒުވާނުން އަޅައިގަތްތާ މިއީ ތިން ވަނަ ރޭކަމެވެ.

ފެންގަނޑާ ދިމާލުން ގަސްތަކުގެ ތެރެއަށް ވަނުމަށްފަހު، ހަމްދާން ރީޝާ އޭނާގެ ގަޔާ ކައިރިކޮށްލިއެވެ. އެއަށްފަހު، އޭނާ ރީޝާގެ ގައިގައި ބައްދައިލިއެވެ. ރީޝާ ވެސް ހަމްދާންގެ ކޮންމެ ދަޢުވަތެއް ޤަބޫލުކުރަމުން، ދިޔައީ އޭނާވެސް އެކަމަށް ބޭނުންވެފައިވާ ފަދައަކުންނެވެ. ރީޝާ ދެމުންދިޔަ ދަޢުވަތު ޤަބޫލުކޮށް، ހަމްދާން ވެސް ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ރީޝާއާ ގާތްވަމުންނެވެ. އެ ދެޒުވާނުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެމަސް ފާއިތުވެފައި ވީނަމަވެސް، ރީޝާގެ އާއިލާގެ މީހުން އެ ގުޅުމާ މެދު ނުރުހުންވެއެވެ. ހަމްދާންއޭ ކިޔައިގެން ރަށު ތެރޭގައި އަބަދުވެސް ފާޑު ފާޑުގެ ވާހަކަ ދައްކައެވެ. ހަމްދާންއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްކަމުގައި ރަށު ތެރޭގައި ތެރޭގައި އަޑު ފެތުރުނުތާ ވެސް ގިނަ ދުވަހެއް ނުވެއެވެ.

އާއިލާއަށް ސިއްރުން އެ ގުޅުން ކުރިއަށް ގެންދަން ޖެހިފައިވުމުގެ ސަބަބުން ދެ ޒުވާނުންގެ އެކަހެރި ބައްދަލުވުންތައް އަބަދުވެސް ބާއްވަނީ މީހުން ނޫޅޭ ހިސާބުތަކާއި ފަޅު ގެ ތަކުގައެވެ.

ޝިންޝިނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ ދެ ޒުވާނުންގެ ގައިގޯޅިވުންތަކަށް ބަލަން ހުރުމަށްފަހު، ޝިންޝިނާ ހިނގައިގަތީ އެ ދިމާލަށެވެ. އޭނާ ރީޝާގެ ހަށިގަނޑުގެ ތެރެއަށް ވަނީ ވެސް އެ ދެ ޒުވާނުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ގެއްލިފައި ތިއްބައެވެ.

ހަމްދާންގެ މޫނުގައި ފިރުމައިލަމުން ރީޝާ އިސްނެގީތީ ހަމްދާންއަށް ލިބުނީ އުފާވެރިމަކެވެ. މި ނޫނީ ދުވަހަކުވެސް އެފަދަގޮތަކަށް ރީޝާ އިސްނަގާފައެއް ނުވެއެވެ.

"ރީޝް..." އޭނާގެ ދުލުން ރީޝާ ނޫން އެހެން ނަމެއް ބޭރެއް ނުވެއެވެ.

"ހަމްދާން!" ރީޝާ ކުއްލިއަކަށް ހަމްދާންގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. އެ އަޑުގައި ވަނީ މަސްތީކަމެވެ.

"ޔެސް ލަވް!"

"އަހަރެމެން އާއިލާގެ މީހުން އުޅެނީ އަހަރެމެން ދުރުކުރުވަން..." ރީޝާ ކުއްލިއަކަށް ހަމްދާން އާ ދުރުވެލިއެވެ. އޭރު އެ ދެމީހުންނަށްވެސް ތިބެވުނީ ވެލިގަނޑު މަތީ އޮށޯވެއެވެ.

"ދެން ރީޝް އަހަންނާ ދުރުވާނީތަ؟" ހަމްދާން އަހައިލިއެވެ.

"ނޫން... އެމީހުން އަހަންނާ ހަމްދާން ދުރުކުރުވަން ސިހުރު ހަދައިފި!" ރީޝާ ދެރަވެލާފައި ބުނެލިއެވެ.

"ކިހިނެއް ރީޝްއަށް އެނގުނީ؟" އިވުނު ވާހަކައަކުން ހަމްދާން ނުތަނަވަސްވިއެވެ. އޭނާ ގަމީސް ގަޔަށް މަހައިލަމުން ތެދުވެ އިށީނެ ވެ. ރީޝާ ވެސް ތެދުވެލިއެވެ.

"އެ ސިހުރު ވަޅުލާފައި އޮތީ މިތާ ކައިރީގައި، ކޯއްޓޭގައި، އަހަންނަށް އެނގޭ އެއީ އެތަނުގެ ކިހާ ހިސާބެއްކަން..." ރީޝާ ހަމްދާންގެ ސުވާލަށް ޖަވާބު ނުދީ ވާހަކަ ދެއްކިއެވެ. ހަމްދާންގެ އެ ސުވާލަށް ޖަވާބު ދިނުން ރީޝާއަށް މުހިންމެއް ނުވެއެވެ.

"އެކަމަކު އެ ހިސާބަށް ދާން ރީޝް ބިރުގަނެއެއް ނޫން ތަ؟ ރީޝްއަށް ކެރޭނެތަ ދާން އަހަންނާއެކު؟" ހަމްދާން ސުވާލުކޮށްލިއެވެ. ރީޝާ ބޯ ޖަހައިލިއެވެ. ވެލިގަނޑު މަތިން ތެދުވެ ހަމްދާން ހިނގައިގަތުމުން ރީޝާގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ހަމްދާންގެ ފަހަތުން ގޮސް ހަމްދާންގެ އަތުގައި ހިފައްޓައިލި ލިއެވެ.

"އަހަރެން އަހަރެމެން ދެމީހުންގެ ލޯބި ސަލާމަތްކުރަން ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވެދާނަން!" ރީޝާ ހަމްދާނަށް ބަލައިލިއެވެ.

"ކޮބާ އެތަން؟" ހަމްދާން ވަށައިގެން ހޯދައިލިއެވެ. އެތަނުގައި ހުރި ފަން ޖިފުޓިގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަށައިގެން ބަލައިލިކަމުގައި ވިޔަސް ފެންނަނީ ޖަންގައްޔެވެ. ފަޅުކަމާއި ނާމާން ކަމެވެ.

"ރީޝްއަށް ޔަޤީންތަ މިތަނުގައި ކަންއޭތިވީ؟" ހަމްދާން ކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ. ރީޝާ ކުއްލިއަކަށް އޭނާގެ އިނގިލިން އެ ފަން ޖިފުޑީގެ ފަހަތަށް އިޝާރާތް ކޮށްލިއެވެ.

"އެ އޮތީ؟" އޭނާ ހަމްދާންއަށް ބަލައިލިއެވެ. ހަމްދާން ރީޝާގެ ފަހަތުން ހިނގައިގަތެވެ.

"މިތަން ކޮންނަންވީ؟" ރީޝާ ބުނެލިއެވެ. އޭނަ އަތުން ކޮންނަންވީ ދިމާ އިޝާރާތް ކޮށްލިއެވެ. ރީޝާގެ އެދުމަށް ހަމްދާން އެތަން ކޮންކަން ފެށިއެވެ. އޭނާ ކޮންނަން ބޭނުންކުރީ އެތަނަށް އެއްލައިލައިފައި އޮތް ނާއްޓެކެވެ. ވަކި ހިސާބަކަށް ކޮނެލާފައި ހަމްދާން ހުއްޓައިލިއެވެ.

"ހާދަ ފުނަށް ކޮނެވިއްޖޭ!. އަދިވެސް ތިބުނާ އެއްޗެއް އަޅައެއް ނުގަނޭ... ރީޝްއަށް ޔަޤީންތަ މިތަނުގައިކަންވީ؟" ހަމްދާން ވަރުބަލިކަމާއެކު ވާހަކަ ދެއްކިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ.

"އާނ... އަދި ކޮނޭ. ތިތަނުގައި އޮންނާނެ، އަހަންނަށް ޔަޤީން!" ރީޝާ ޔަޤީންކަން ދިނެވެ.

ހަމްދާން އަނެއްކާވެސް ކޮންނަން ފެށިއެވެ. ފުދޭވަރަކަށް ފުނަށް ކޮނެވުނުތަނާ، ނާށީގައި އެއްޗެއް ޖެހުނުހެން އޭނާއަށް ހީވިއެވެ.

"އެއްޗެއް އެބައޮތް... " ހަމްދާން އޭނާގެ ފޯނުން ރަނގަޅަށް އެތަނަށް އަލި ކޮށްލިއެވެ. އެއީ ފޮއްޓެއް ފާޑު އެއްޗެއްގެ ކަނެވެ. އޭނާ އިތުރަށް ކޮނެލިއެވެ.

އެއާއެކު އެތަނުގައި ވަޅުލާފައި އޮތް ފޮށި އޭނާއަށް ރީތިކޮށް ފެނުނެވެ. ރީޝާއަށް ބަލައިލަމުން އޭނާ ފުންނޭވާ އެއް ދޫކޮށްލިއެވެ.

"މިއޮތީ..." ރީޝާ އެ ބުނި ބަހުގެ ތެދުކަން ހާމަވެ ހަމްދާނަށް ފުންނޭވާއެއް ދޫކޮށް ލެވުނެވެ.

"އަހަރެމެން ދެމީހުން ދުރެއް ނުކުރެވޭނެ ރީޝާގެ އާއިލާގެ އެކަކަށްވެސް... " ހަމްދާން އަމިއްލަ ނަފްސަށް ބުނެލިއެވެ.

"ތި ނަގާބަލަ..." ރީޝާ އެދުނެވެ. ހަމްދާން އެ ފޮށި ނެގިއެވެ. ރީޝާ އެދުނީ އެ ހުޅުވުމަށެވެ. ސިހުރި އޮތީ އޭގެ އެތެރޭގައި ކަމަށް އޭނާ ބުންޏެވެ. ހަމްދާން އެ ފޮށި ހުޅުވައިލާ އޭގެ އެތެރެއަށް އަލިކޮށްލިއެވެ. އެއާއެކު އޭނާއަށް އޭގެ އެތެރޭގައި އޮތް ތަވީދު ފާޑުގެ އެއްޗަކާއި ލޮއި ފޮއްޗެއްގެ އިތުރުން އޭގެ ތެރޭގައި އޮތް ދަގަނޑުގަނޑު ވެސް އަޅައިގަތެވެ. އަދިވެސް އިތުރު އެއްޗެހި އޭގެ ތެރޭގައި ހުއްޓެވެ. ރީޝާ އެދުނީ އެ އެއްޗެހި ނެގުމަށެވެ. އޭގެ ތެރެއިން އެއްޗެހި ނަގަމުން ދިޔަވަރަކަށް އިތުރު ދެ ގަނޑުވެސް ފެނުނެވެ. އެއް ގަނޑަށް ލާ އޮޅާފައި އޮތީ އިންސާނެއްގެ ކަށިގަނޑެއްހެން ހީވިއެވެ. އޭގައި ވެސް ފާޑު ފާޑުގެ އެއްޗެހި ލިޔެފައި ހުރިހަން ހީވިއެވެ. ހަމްދާނަށް ވެސް ސިހުން ލިބުނެވެ. އޭނާ ބަލައިލީ ރީޝާއަށެވެ.

"ރީޝް... ބަލާބަލަ!"

"ލައިޓަރެއް އެބައޮތްތަ؟ ބިރުނުގަނޭ އަހަރެން އެބަހުރިން..." ހަމްދާން އެ އެއްޗެހި ނަގާ ބިންމަތީގގައި ބެހެއްޓުމުން ރީޝާ އަހައިލިއެވެ. ހަމްދާން ބޯ ޖަހައިލިއެވެ. ސިނގިރޭޓް ބޯތީ އޭނާގެ ޖީބުގައި އަބަދުވެސް ލައިޓަރެއް ގެންގުޅެއެވެ. ރީޝާގެ އެދުމަށް އޭނާ އެ ތަވީދާ ދެން އޭގެ ތެރޭގައި އޮތް ގަނޑުކޮޅު ވެސް އަންދައިލިއެވެ. އަދި އެ އަލިފާން ގަނޑުގެ ތެރެއަށް އޭގެ ތެރޭގައި ދެން ހުރި އެއްޗެހި ވެސް އަޅައިލިއެވެ. އަލިފާންގަނޑު ރޯވުމާއެކު ރީޝާ ހިނިގަނޑެއް ޖަހައިލި އެވެ. ހަމްދާނަށް ކުޑަކޮށް ސިހުން ލިބުނެވެ. އެތަނަށް އަންނަން ބިރުން އުޅުނު އަންހެން ކުއްޖާގެ މޫނުމަތިން، މިހާރު އެއްވެސް ވަރެއްގެ ހާސްކަމެއް ނުފެނެއެވެ. އެކަމާ އޭނާ ހައިރާންވެސް ވިއެވެ.

"ރީޝް" ހަމްދާން ރީޝާއަށް ގޮވައިލިއެވެ. ރީޝާ އޭނާގެ ހުނުން ހުއްޓައެއް ނުލިއެވެ. ހަމްދާން ބަލަން ހުއްޓާ ރީޝާގެ ދެލޯ ހުދު ކުލައަކުން ދިއްލުނެވެ. އޭނާއަށް ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅައިލަވުނެވެ. މީހާގެ އަތަށް މަޑު ތުރުތުރު އެޅުމެއް ވެރިވިއެވެ.

"ތީ ކާކު؟ ކާކު ތީ؟ ކާކުހޭ ތީ؟ ތީ އަހަރެންގެ ރީޝް އެއް ނޫން... މީހެކޭ..." އޭނާ ވަށައިގެން ހޯދާ ބެލިއެވެ. ހަޅޭއްލެވިއެވެ. ދުއްވައިގަންނަން އުޅުނު ނަމަވެސް، އޭނާގެ ދެފައި ހީވަނީ އެތަނުގައި ހަރުލާފައި ހުރި ހެންނެވެ. އެއްވެސް ހަރަކާތެއް ނުގެނެވުނެވެ.

މަޑުމަޑުން ރީޝާ އޭނާއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިއެވެ.

"ދުރަށް ދޭ... ތީ އަހަރެންގެ ރީޝާ އެއް ނޫން... ދުރަށް ދޭ... ދޭ..." ހަމްދާން ހަޅޭއްލަވަން ފެށިއެވެ.

"އަހަރެން ދެކެ ބިރުގަނޭތަ؟ ކަލޭމެން އިންސާނުން ހާދަ ފިނޑިއޭ ދޯ. ހަހަހަ" ރީޝާ ބުނެލިއެވެ. އޭނާ ރީޝާގެ ހަށިގަނޑުތެރެއަށް ވަދެ ހުރި ރީޝާގެ ހަށިގަނޑަށް އަނިޔާކުރަން ފެށިއެވެ.

"ކަލޭ ތީ ކާކު؟" ހަމްދާން ރޯން ފެށިއެވެ. ރީޝާގެ ހަށިގަނޑު ގެ ތެރެއިން ޝިންޝިނާ ނުކުތްތާ މާގިނަ އިރެއްނުވެ ރީޝާގެ ފުރާނަ ނެތް ހަށިގަނޑު ބިންމައްޗަށް ވެއްޓުނެވެ. ހަމްދާންއަށް ދުއްވައިގަނެވުނީ ދެނެވެ. އޭނާ ދުވުނެވެ. މުޅި ވަލުތެރޭގައި ދުވުނެވެ. އެކަމަކު ވެސް ނުކުންނާނެ ގޮތެއް ނޭނގުނެވެ. ކޮންމެ ފަހަރަކުވެސް ދުވެފައި އައިސް ހުއްޓެވެނީ އެއް ހިސާބަކަށެވެ.

"ހަހަހަ" ފަންޖިފުނޑި ގަނޑަށް ބަލަހައްޓައިގެން މާ ނޭވާ ލަމުންދިޔަ ހަމްދާންއަށް ސިހުން ގެނުވީ އޭނާއާ ދާދިގާތުން އިވުނު ހިނިގަނޑުގެ އަޑާއެކުގަ އެވެ.

އޭނާ ފަހަތަށް އެނބުރިލިއެވެ. އެއާއެކު ޝިންޝިނާގެ ޝިކާރައަކަށް އޭނާވެސް ވެ ނިމުނީއެވެ. އަނިޔާވެރިކަމާއެކު ޝިންޝިނާ ހަމްދާންގެ ފުރާނަވެސް ދުއްވައިލީއެވެ.

އެރޭގެފަހުން ރަށު ރައްޔިތުން ނިކުމެ އެ ދެމީހުންގެ ހަށިގަނޑު ކިތަންމެ ވަރަކަށް ވެސް ހޯދި އެވެ. އެކަމަކު ހުރިހާ ކަމެއްވީ ބޭކާރެވެ. އެ ދެ ލޯބިވެރިންނަށް ވީ ގޮތެއް އެކަކަށް ވެސް ނޭނގުނެވެ. ރަށުތެރޭގައި ތަފާތު ގޮތްގޮތަށް އަޑު ފެތުރުނެވެ. އާއިލާ ނުގަބޫލު ވީމާ ރީޝާ ހަމްދާން އާއެކު ފިލައިގެން ދިޔައިއްޔޭ ވެސް ކިޔެވެ. އެކަމަކު ހަޤީޤަތް އެނގެނީ ހަމައެކަނި ޝިންޝިނާއަށް އެކަންޏެވެ.

********************

"ކަލެއަށް އެނގޭތަ ކަލެއަށް ކުށެއް ނެތް ކިތައް އިންސާނުންގެ ފުރާނަ ދުއްވައިލެވުނުކަން؟ އަދި އެއީ ކިހާ ވަރެއްގެ ނުބައި ޢަމަލެއްކަން..." ފިރާޤު ބާރަށް ބުނެލިއެވެ. އޭނާ ފަހަރެއްގައިވެސް ބަލިކަށިވާކަށް ބޭނުމެއް ނޫނެވެ. އިވިގެން ދިޔަ ވާހަކަ ތަކާމެދު ވިސްނާނީ ފަހުންނެވެ. މި ވަގުތު ބޭނުންވަނީ ހުރިހާ ހަޤީގަތެއް އޮޅުން ފިލުވާށެވެ.

"އަހަރެންގެ މަންމަގެ ކޮންކުށެއް އޮވެގެންތަ އަހަރެންގެ މަންމަ މަރައިލީ... އަހަރެންގެ މަންމަގެ އުމުރު ހުސްވީ ޖައުފަރަށް ޚިދުމަތް ކޮށްދިނުުމުގައި. " ޝިންޝިނާ ބުނެލިއެވެ.

ކޮމެންޓް 0