"ރައުއަށް ކަމަކުނުދޭ މިހާރު އަހަރެން އިނގިލި ކުރި ޖައްސައިލާކަށް ވެސް" އެންމެ ފަހުން އަޔާންއަށް ބުނެވުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ގޮސް އަޔާންއަށް އިށީނދެވުނީ ސޯފާގައެވެ.
އަޔާންގެ އެ އަމަލުން ރައުދާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އަޔާން ރުޅި އައުމަކުން ކޮންމެހެން އަޔާން ރުއްސާކަށް, އޭނާ މިފަހަރަކު ބޭނުމެއް ނުވިއެވެ.
ފޯނު ނަގައިގެން ފޯނާ ކުޅެން ފެށި ރައުދާއަށް ބަލައިލުމަށްފަހު, އަޔާން އޮށޯވެލިއެވެ. ރައުދާއަށް މާ ބޮޑު ސަމާލުކަމެއް ނުދީ, އަޔާން މަސައްކަތް ކުރީ އޭނާގެ ހުރިހާ ސަމާލުކަމެއް އަތުގައި އޮތް ފޯނަށް ދޭށެވެ.
އެ ދެމެދުގައި އާދަޔާ ޚިލާފްދުރުކަމެއް ވެއެވެ. އެހެން އޮވެ އޮވެފައި، ރައުދާއަށް ބަލައިލުމަށްފަހު، އަޔާން ތެދުވިއެވެ. އަލަމާރި ކުރިމައްޗަށް ހުއްޓުމަށްފަހު، ދޮރުފަތް ހުޅުވައިލާފައި، އޭނާ ނެގީ ޓީޝާޓަކާއި ޖީންސްއެކެވެ. އެއަށްފަހު، އެ ހިފައިގެން ހިނގައިގަތީ، ފާހާނާއާ ދިމާލަށެވެ.
ރައުދާ އަޔާންއަށް ބަލައިލުމަށްފަހު ، ދެފަރާތަށް ބޯ ހޫރާލިއެވެ. އެއްޗެހި ބަދަލްކޮށްގެން ނުކުމެ އަޔާން ކޮޓަރިން ބޭރަށް މިސްރާބު ޖެހުމުން ވެސް، ރައުދާ އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ.
އަޔާން ކޮޓަރިން ނުކުތްއިރު މަންމަ ނިއުމާ ސިޓިން ރޫމުގައި ޓީވީން އަންނަމުން ދިޔަ ޑްރާމާ އަކަށް ގެއްލިފައި އިނެވެ.
"ދަރިފުޅާ ކޮންތާކަށް؟" އަޔާން ބޭރަށް މިސްރާބު ޖެހުމުން، ގަޑިއަށް ބަލައިލަމުން ނިއުމާ ސުވާލުކޮށްލިއެވެ. ރައްޓެއްސަކާ އެކީ ކޮފީއަކަށް ކަމުގައި ބުނެ، އަޔާން ވެސް، ނިކަން އަވަސް އަވަހަށް އެޕާރޓްމެންޓްގެ ދޮރު ހުޅުވާލާފައި ނުކުތެވެ.
ރައުދާ އެހާ ބަލިވެ އުޅޭއިރު، އަޔާން ކޮފީއަކަށޭ ކިޔާފައި ދިޔުމުން ނިއުމާ ކުޑަކޮށް ހިންހަމަ ނުޖެހޭ ގޮތް ވެސް ވިއެވެ. އަޔާން ނުކުތުމުން އޭނާއަށް އެއްޗެއް ބުނެވޭ ވަރު ނުވީއެވެ. އަންނަމުން ދިޔަ ޑްރާމާ އެންމެ ފޯރިގަދަވީ ހިސާބަށް އާދެވުމާއެކު އެ ވިސްނުންތަކުން ދުރުވެ ނިއުމާއަށް ޓީވީއަށް ނަޒަރު ހުއްޓާ ލެވުނެވެ.
*****
އޮފީސް ނިމުނީ ބާރަޖާހާ ބޮޑުވީފަހުންނެވެ. ޖިނާންގެ އިތުރުން އާރާއަށް ވެސް ފްލައިޓެއް ނުޖެހުނެވެ.
ދެމީހުން އެއާރޕޯޓުން ނުކުތީ އެކު އެކީގައެވެ. ހެމުން ވާހަކަ ދައްކަމުންނެވެ.
އެފަދަ ވާހަކަތަކެއްގައި ތިބެ، ނުކުތް ދެމީހުން ހެމުން ދިޔަ މަންޒަރު އެތަނުގައި ހުރި ރަފްހާންގެ ލޮލުގައި އަޅައިގަތެވެ. އާރާ ފެނުމާއެކު އޭނާ ފިޔަވަޅުތައް ބާރުކޮށްލަމުން އެ ދެމީހުންނާ ދިމާލަށް ހިނގައިގަތެވެ.
ދަންވަރުގެ ވަގުތުކަމުން ދުވާލުހާ މީހުން ގިނައެއްނޫނެވެ. އެކަމަކު ވެސް ފުދޭވަރަކަށް އެއާރޕޯޓް ގެ މުވައްޒަފުންނާއި ، ޕަސެންޖަރުން ހަރަކާތްތެރިވަމުން ދިޔައެވެ. ޖެހެމުން ދިޔަ ތެތް ފިނިވައިރޯޅިތަކުން ހަށިގަނޑަށް އަރާމުވާހާވެއެވެ. އެކަމަކު އެ ކަމަކުން ރަފްހާންއަކަށް އަސަރެއް ނުކުރެއެވެ.
ރަފްހާންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެ މޫނުމަތިން އޭނާ ރުޅިއައިސްފައި ހުރިވަރު ދެނެގަނެވުނެވެ. އާރާގެ ޑިއުޓީ ނިމޭހާއިރު ކޮށްފައި އެ ގަޑިއަށް އޭނާއެއައީ، އާރާ އޭނާގެ ފޯނަށް ޖަވާބު ނުދޭތީއެވެ. އެކަމާ ރުޅިއައިސްގެންނެވެ.
އެ ރުޅީގައި ހުއްޓާ އަނެއްކާ ފެނުނު މަންޒަރުވެގެން ދިޔައީ ، އޭނާގެ ރުޅިވެރިކަމުގެ އަލިފާނަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ.
"އާރާ..." ޖިނާން ކިޔައި ދިން ޖޯކަކަށް ހެމުންދިޔަ އާރާއަށް ސިހުން ގެނުވީ، އޭނާގެ ނަމުން ވަރަށް ބާރަށް މީހަކު ގޮވައިލުމާއެކުގައެވެ. ސިހިފައި އޭނާއަށް ކުރިމައްޗަށް ބަލައިލެވުނެވެ.
ރަފްހާން ފެނި މީހާ އެކީ ފިނިވިއެވެ. ރަފްހާންގެ މޫނުމަތިން ފެނުނު ރުޅިވެރި އަސަރުން އޭނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.
"އާރޫ..." ޖިނާންއަށް ގޮވައިލެވުނެވެ.
ޖިނާންއަށް ބަލައިލުމަށްފަހު، އާރާ އެދުނީ އެތަނުން ދިޔުމަށެވެ. ރަފްހާން އަންނަ ރުޅީގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެތަނުގައި އިތުރު ހަމަނުޖެހުމެއް ހިނގާކަށް އާރާ ބޭނުމެއްނޫނެވެ.
ޖިނާން ހުރި ފިޔަވަޅުމަތިން ގުޑައިލަން ނޭނގިފައި ހުއްޓާ، ރަފްހާން އެއައި ގޮތަށް އައިސް ޖިނާންގެ މޫނުމައްޗަށް އޭނާގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުކޮށްލުމާއެކު، އާރާއަށް ޖިނާންގެ ނަމުން ގޮވައިލެވުނެވެ. ޖިނާންއަށް ވެސް ލިބުނު ސިހުމުގައި، ހިފައްޓާފައި ހުރި ފޮށިން ދޫކޮށްލެވި ތުންފަތުގައި އަތް ޖައްސައިލެވުނެވެ. އޭރު ތުންފަތުން ލޭ އަންނަން ފަށައިފި އެވެ. އޭނާއަށް ބަލައިލެވުނީ އާރާއަށެވެ.
ޖިނާން ވާނުވާ ނޭނގިފައި ހުއްޓާ ރަފްހާން ދެވަނަ ހަމަލާ ވެސް އަމާޒުކޮށްލިއެވެ.
"ކަލޭ އާރާއާ އެކީ ކީއްކުރީ؟ މިރޭ ހަތަރު ދަމު އޭނާ މަގޭ ފޯނެއް ނުނަގާ... ކަލޭގެ ސަބަބުން އެ... އެނގިއްޖެތަ؟"
ޖިނާންގެ ގިރުވާނުގައި ހިފަމުން ރަފްހާން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.
"ދޫކުރޭ!" ރަފްހާންގެ ދެލޮލަށް ބަލައިލަމުން ޖިނާން މަޑުމައިތިރިކަން އިސްކުރި އެވެ. އޭނާގެ ނަޒަރު ވަށައިގެންވި މާހައުލަށް ހުއްޓުނެވެ. އެ ދިމާލަށް ކޮންމެވެސް ވަރަކަށް މީހުން އެއްވާން ފަށައިފިއެވެ.
"ރަފްހާން! ... ކިހިނެއްވެގެން ތިއުޅެނީ؟. ހަމަ މިހާރު ޖިނާގެ ގަމީހުން ދޫކުރޭ!." އާރާއަށް ވެސް މަޑުން ހުންނަން އުނދަގޫވިއެވެ.
ކުރިއަށް ޖެހިލުމާއެކު އާރާ ރަފްހާންގެ އެއްފަރާތުގައި ހުއްޓިލަމުން ބުނެލިއެވެ. އޭރުވެސް ބައެއް މީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވެއެވެ.
"ރަފްހާން އެންމެން ބަލަނީ!" އާރާއަށް ބުނެވުނެވެ.
ރަފްހާން އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ އާރާއަށް ބަލައިލުމަށްފަހު, ޖިނާންގެ ގިރުވާނަށް ބާރުކޮށްލިއެވެ. ޖިނާން އުނދަގުލުން ރަފްހާންގެ އަތް ނައްޓުވައިލިއެވެ.
ރަފްހާން އާރާ ކައިރިއަށް ޖެހިލުމާއެކު، އާރާއަށް ފަހަތަށް ޖެހިލެވުނެވެ.
"ޖިނާއޭ؟ އަދި އެއްފަހަރު ބުނެބަލަ!ތީތަ ކަލޭ އަހަރެން ދެކެވާ ލޯތްބަކީ؟ އޭތް! ބުނެބަލަ! ޖަވާބު ދީބަލަ... ރޭގަނޑު ހަތަރުދަމު އުޅޭނެގޮތަކަށް އުޅެފަ އައިސް އަހަރެން ކައިރީ ކަމެއް ނުކުރަމޭ ބުނީމަ އަހަރެން ގަބޫލުކުރާނެތަ؟ ނުކުރާނެ!" ރަފްހާންގެ ރުޅިގަނޑު ދިޔައީ ހިނދެއްހިނދަކަށް ގަދަ ވަމުންނެވެ.
"ރަފްހާން! ޕްލީޒް... މީހުން އެބަ ބަލައޭ... މީ އަހަރެންގެ ވޯކްޕްލޭސް އޭ... ތިހެން ނަހަދަބަލަ ޕްލީޒް!" އާރާއަށް ބުނެވުނެވެ. އޭނާ ވަށައިގެންވީ މާހައުލަށް ބަލައިލުމަށްފަހު، ޖިނާންއަށް ބަލައިލިއެވެ. ހަދާނެގޮތެއް ނޭނގޭ ޙާލުގައެވެ. ރަފްހާންގެ ރުޅިގަނޑު ފިނިކުރަން އޭނާއަށް ކުރާނެ ކަމެއް ނޭނގުނެވެ.
"އެކްސް ކިއުޒް މީ... އާރާއާ އަހަންނާ ދެމެދު އެއްވެސް ގުޅުމެއް ނެތް! ސޯ ޕްލީޒް... މިތަނުގައި ތި ސަކަރާތް ނުޖަހަބަލަ! މީ އަހަރެމެން ދެމީހުން ވެސް މަސައްކަތް ކުރާ ތަނޭ... "
ޖިނާން ވިސްނީ އާރާއާ މެދުގަ އެވެ. އެއާރޕޯޓް ތެރޭގައި ވާހަކައެއް ފެތުރޭކަށް އޭނާ ނޭދެއެވެ. އާރާއަށް ދެރައެއްވާކަށް ވެސް ނޭދެއެވެ. އެއްޗެއް ނުބުނަން ހުއްޓެއްކަމަކު، އަނގަމަޑުން ލައިގެން ހުރެވޭވަރެއް ވެސް ނޫނެވެ.
ރަފްހާން އާރާއާ ކައިރިއަށް ޖެހިލާ އާރާގެ، އަތުގައި ހިފެއްޓިއެވެ. އެއަށްފަހު، ގާތަށް ދަމައިލިއެވެ. ރަފްހާންގެ އަތްދަށުން ސަލާމަތްވާން ވެގެން އާރާ އުޅުނު ނަމަވެސް، ރަފްހާން މާ ބާރުގަދައެވެ.
"ރަފްހާން ޕްލީޒް..." އާރާއަށް ރޮވެން ފެށިއެވެ. އޭރު އެއާޕޯޓް ޕަސެންޖަރ ސާވިސްގައި މަސައްކަތްކުރާ، އާރާ ދަންނަ ކުއްޖަކު އެ ކުއްޖާގެ ފޯނުގައި އެ މަންޒަރު ރެކޯޑު ކުރަން ހުއްޓާ އޭނާ އަށް ފެނުނެވެ.
ޖިނާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ކުރިއަށް ޖެހިލާ ރަފްހާންގެ އަތް ގަދަކަމުން އާރާގެ ހަށިގަނޑާ ވަކިކޮށްލިއެވެ. ދެވަނަ ފަހަރު ވެސް ރަފްހާން ޖެހިލީ އާރާގެ ކައިރިއަށެވެ. އޭނާ އާރާގެ އަތުގައި ހިފައްޓަން މަސައްކަތްކުރިއެވެ.
އެކަމަށް ޖިނާން ހުރަސް އެޅުމުން ޖިނާން ކޮށްޕައިލުމާއެކު، ރަފްހާން އަނެއްކާވެސް އާރާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އާރާއަށް ރޮވިއްޖެއެވެ.
"ތީ ހަމައެކަނި އަހަރެންގެ މީހެއް އާރާ!" ރަފްހާން ބުނެލިއެވެ.
"ތިއަށް ކިޔާތަ ލޯބި؟ ތިއީ ލޯތްބެއްނޫން!. ލޯބިވާ މީހުން ތިހެން އަނިޔާއެއް ނުކުރާނެ... އެންމެންގެ ތެރޭގައި... އަހަރެންގެ އަގު ވައްޓާ... ފަޟީހަތެއް ނުކުރާނެ!" ރޮވެމުން ދިޔަ ވަރުން އާރާއަށް ވާހަކަ ދެކެވުނީ ވެސް އަޅައަޅައި ގަންނަމުންނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތުގެ ޝަކުވާތަށް ބޭރުކޮށްލިއެވެ. ކަރުނަތައް ފުހެލި ނަމަވެސް ތާޒާ ކަރުނުން އާރާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ރުއިން މަޑުމަޑުން ގިސްލުމަކަށް ބަދަލުވަމުން ދިޔައެވެ.
އެ އަޑު އިވި ޖިނާންގެ ހިތަށް އަސަރުކުރިއެވެ. އޭނާއަށް ރުޅި އާދެވުނީ ރަފްހާން ދެކެއެވެ. އެދާ ގޮތަށް ގޮސް ރަފްހާންގެ ގައިގައި ޖަހާފާނަމޭ ހިތަށް އެރިނަމަވެސް މަސްލަހަތު އިތުރަށް ގޯސްވެދޭނެތީ، އޭނާ މަޑުން ހުރީއެވެ. ހަމައެކަނި އާރާގެ ޙައްގުގައެވެ. އެކަމުގެ ސަބަބުން އާރާ ކުރިމަތިލާން ޖެހިދާނޭ ކަމަކަށް ވިސްނާލާފައެވެ.
ރަފްހާން އާރާއާ މާ ގާތް ވުމުން، ރަފްހާންގެ މޭގައި އަޅާފައި އާރާ ކޮށްޕައިލިއެވެ.
"ރަފްހާން ތިކަމުން ސާބިތު ތިކޮށްދިނީ އަހަންނަކީ ރަފްހާންގެ ކުރިމަތީގައި،... އެއްވެސް... އެއްވެސް... އަގެއް ނެތް މީހެއްކަން... އަހަރެން ދެކެ ރަފްހާން ލޯބި ނުވާކަން!" އާރާއަށް ބުނެވުނެވެ.
ރަފްހާން ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
"އަހަންނަށްވުރެ ބޮޑަށް އާރާ ދެކެ ލޯބިވާނެ މީހަކު އާރާއަކަށް ނުލިބޭނެ..." ރަފްހާން ބުނެލިއެވެ.
"ނޫނެކޭ ބުނެފީމެއްނު... ތީ ހުސް ފޭކު.... އަހަރެން ރަފްހާންއާ އެއްވެސް ގުޅުމެއް މީގެ ފަހުން ބާއްވާކަށް ބޭނުމެއް ނޫން... ހަމަ މިހާރު ދޭ... އައި ހޭޓް ޔޫ!"
ފަހު ޖުމްލަ އާރާގެ ދުލުން ބޭރުވީ މަޑު ހަޅޭކެއްގެ ސިފައިގަ އެވެ. އޭރު ވެސް އެތަނުގައި ބައެއް މީހުން އެމީހުންގެ ފޯނު ތަކުގައި އެމަންޒަރު ރެކޯޑު ކުރަމުން ދިޔައެވެ. އާރާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. މީހުންތަކަށް ފުރަގަސް ދެވުނު އިރު، ޖިނާން ވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.
ރަފްހާން އާރާގެ ފަހަތުން އައިސް އާރާގެ އަތުގައި ހިފައްޓިއެވެ. އާރާ އެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު، ދުވެފައި އޭނާ އެއާޕޯޓް ތެރެއަށް ވަނީ މީހުންގެ ލޯތަކުން ސަލާމަތް ވުމަށެވެ.
ވީޑިއޯ ކުރަމުން ދިޔަ މީހުންނަށް ބަލައިލާފައި، ހިންހަމަ ނުޖެހޭ ބަހެއް ބުނެލުމާއެކު، ޖިނާންވެސް އާރާ ފަހަތުން ހިނގައިގަތީ ދެ ފޮށި ވެސް ހިފައިގެންނެވެ. ޖިނާން ގޮވިޔަސް އާރާ އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދިނެވެ.
އެދިޔަ ގޮތަށް ގޮސް އާރާ ވަނީ ޑޮމެސްޓް ޓާމިނަލުގައި ހުންނަ އެމީހުންގެ އޮފީހަށެވެ. ވޮޝްރޫމަށް ވަދެ އޭނާ ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. ލޮލުގައި އަޅާފައިވާ އަނދުން ވެސް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭދިފައި ވާއިރު، މޭކަޕް ވަނީ އެކީ ހަޑިވެފައެވެ.
ޖިނާން ގޮސްވަނީ ރެސްޓިން ރޫމަށެވެ. ޑިއުޓީއަށް އައި ދެކުދިން އެއްޗެއް ކާން ދިޔުމުން، އެތަނުގައި ވަނީ ހިމޭންކަމެވެ. ޖިނާން ސޯފާގައި ޖައްސައިލިއެވެ. ބުރަކަށި ޖައްސައިލާ ހަމަޖެހިލުމާއެކު، އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ވަނީ އާރާއާ މެދު ކަންބޮޑުވެފައެވެ.
އިރުކޮޅަކު އިނުމަށްފަހު، ރެސްޓިން ރޫމުން ނުކުމެ އޭނާ ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ. އެތެރެއަށް ވަންނަން ނުކެރުނީ އަންހެނުންގެ ޚާއްސަ ފާހާނާއަށް ވާތީއެވެ. އެތަނުގައި އިރުކޮޅަކު ހުރެލާފައި އާރާ ދޮރު ނުހުޅުވުމުން، އޭނާ ގޮސް އަނެއްކާވެސް ވަނީ ރެސްޓިން ރޫމަށެވެ. ފޯނު ނަގާ އާރާއަށް ގުޅަން މަސައްކަތްކުރިއެވެ. އާރާއެއް ފޯނެއް ނުނަގައެވެ.
*****
ވޮޝްރޫމާ ދިމާލަށް ވަންނަން އައި ދެ ކުއްޖެއްގެ އަޑު އިވުމާއެކު އާރާ ވަނީ ފާހާނާތެރެއަށެވެ. އަނގަމަތީގައި އަތް އަޅަމުން، އަޑު ބޭރުނުވޭތޯ އާރާ ވަރަށް މަސައްކަތް ކުރިއެވެ.
"އޭތް... އޭތް... އަޒޫ... ބަލާބަ... މީ ޕަސެންޖަރ ސާވިސްގައި އުޅޭ މަގޭ ފްރެންޑެއް އަހަރެމެން ގްރޫޕަށް ލާފަ އިން ވީޑިއޯއެއް... އެއްކަލަ އާރާގެ. ހަމަ ދެންމެ އެ އައީ!" އެތެރެއަށް ވަތް ކުއްޖަކު އެ ވީޑިއޯ ބަލައިލާފައި ގާތުގައި ހުރި ކުއްޖާއަށް ދައްކައިލިއެވެ.
އެއަޑު އިވި އާރާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. މީހުންނާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެ ކުދިން ނުކުތްކަން ޔަޤީންވެ އާރާ ނުކުތެވެ. އެއަށްފަހު، ލޯގަނޑުން އޭނާގެ މޫނު ބަލައިލިއެވެ. ޓިޝޫއަކުން މޫނުމަތި ފުހެލުމަށްފަހު، އާރާ ނުކުންނަން ހިނގައިގަތެވެ.
ރެސްޓިން ރޫމާ ހިސާބަށް ދެވުނުއިރު ޖިނާން ނުކުންނަނީ އެވެ. އޭރު ފާހާނާތެރޭގައި އެ ވާހަކަ ދެއްކި ދެ ކުދިންވެސް ތިއްބެވެ. އާރާ ފެނުމާއެކު އެކަކުއަނެކަކަށް ބަލައިލިއެވެ.
އާރާގޮސް އޭނާގެ ފޮށި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ފަހަތުން ޖިނާން ވެސް ހިނގައިގަތެވެ. އާރާއަށް ގޮވައިލި ނަމަވެސް އާރާ އަޅައެއްނުލިއެވެ.
އާރާގެ ފަހަތުން ޖިނާން ހިނގަމުން ދިޔައެވެ. ބޭރަށް ނުކުމެފައި އެތަނުގައި އޮތް ޓެކްސީއެއް ނަގައިގެން އާރާ ދާން ނައްޓައިލުމާއެކު، ޖިނާން ވެސް، އަވަސްވެގަތީ ޓެކްސީއެއް ނަގާށެވެ.
އޭނާ ޑްރައިވަރަށް އެންގީ އާރާ ދާ ޓެކްސީގެ ފަހަތުން ދިޔުމަށެވެ. އާރާ ގެއަށް ދެވެންދެން ހުންނަން ޖިނާން ބޭނުންވީއެވެ.
ޖިނާން ގެއަށް ދިޔައީ، އާރާ ގެއަށް ގޮސް ވަތްކަން ޔަޤީންވުމުންނެވެ.
ކޮޓަރިއަށް ވަތް ގޮތަށް ޔުނީފޯމާ އެކީ އެނދުމައްޗަށް ވެއްޓުނު އާރާއަށް ބާރަށްރޮވުނެވެ. ބާލީހަކުން މޫނު ފޮރުވައިލަމުން އޭނާ ހިތް ފުރޭންދެން ރުޔެވެ. ވަޒީފާއިން ކެނޑެން ވެސް ބޭނުންވިއެވެ. ކުންފުނީގެ އިސްވެރިން ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނާއަކީ އެހާ ދަށުދަރަޖައިގެ މީހެއް ނޫނެވެ. ރަފްހާން އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ. އޭނާގެ އަގު ވައްޓައިލައިފިއެވެ. އޭނާ ދުނިޔެއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އެ ހިތްވަރު ނެރޭނީ ކިހިނެއް ހެއްޔެވެ؟ ހިތުގައި ވަނީ ޝަކުވާއެވެ. އުދާހެވެ. އިންތިހާ ވޭނެވެ.
އެފަދަ ވިސްނުންތަކެއްގައި އޮއްވައި، އާރާއަށް ނިދުނު އިރުވެސް ނޭނގެއެވެ. އޭރުވެސް ގިސްލެވެއެވެ.
ޖިނާންގެ ޙާލަކީ ކޮބައިތޯއެވެ؟ . ޖިނާންގެ ދެލޮލަށް ނިންޖެއް ނާދެއެވެ. ވިސްނެނީ އާރާއާ މެދުގައެވެ. ވިސްނެނީ އޭނާ ވާނެ ފަޟީހަތަކަށްވުރެ ބޮޑަށް އާރާއަށް ލިބިދާނެ ގެއްލުމަކަށެވެ. އެނދުގައި އޮށޯވެގެން އޮތް ޖިނާން އަތުގެ ނުފުށަށް ވާގޮތަށް އޭނާގެ ކަނާއަތް ނިތުގައި ބާއްވައިލި އެވެ. ފުންކޮށް ދެތިން ނޭވާދޫކޮށްލިއެވެ. ރަފްހާން އުޅުނުގޮތް ސިފަވަނީއެވެ. އެގަޑީގައި އާރާގެ މޫނުމަތީގައިވި އަސަރުތައް އަދިވެސް، ފެންނަ ފަދަ އެވެ. އެ ކަރުނަވީ ދެލޮލެވެ. އެ ގިސްލުމުގެ އަޑު އޭރުވެސް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. ދެފަރާތަށް ބޯ ހޫރާލި، ނަމަވެސް އޭނާއަށް އެ އަޑުތަކާ އެ މަންޒަރު ސިކުނޑިން ފުހެލެވޭގޮތެއް ނުވިއެވެ.
*****
ބޭރުގައި އުޅެލާފައި އަރްޒަންމެން އެންމެން ހޮޓެލަށް އައިސް އެމީހުންތިބެން ހަމަޖެހިފައިވާ ފްލޯއަށް އަރާފައި ފުރަތަމަ ޖައްސައިލީ އެއްފަރާތުގައި ހުރި ވެއިޓިން އޭރިއާއެއް ފަދަ ތަނެއްގައެވެ. އެތަނުގައި ސޯފާތަކާއި މޭޒުވެސް ހުއްޓެވެ. އިރުކޮޅު ވާހަކަ ދައްކައިލަން އަރްޒަންމެން އެންމެން ތިއްބެވެ.
ޔަމާނީ ދެއްކީ ފުރުމުގެ ކުރިން އަދިވެސް މަޖާ ކޮށްލަން މާދަމާ ހެނދުނު ކޮޅު ކޮންމެވެސް ކަމެއް ކުރުމަށް ބޭނުންވެގެން އެ ވާހަކައެވެ. އެފަދަ ވާހަކަތަކެއްގައި ތިބެފައި ޕްލޭންކޮށް ނިންމައިލުމަށްފަހު، ޔަމާނީ ވެސް ކޮޓަރިއަށް ދިޔައީ އަރާމުކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ.
ޔަމާނީ ދިޔަތާ މާ ގިނައިރެއްނުވެ ޒޭބާ ވެސް ތެދުވެއްޖެއެވެ. ދާން ބޭނުންނޫނަސް، އޭނާގެ ބޮލުގައި ރިއްސަމުންދިޔައެވެ. އިތުރަށް ނީންދެވޭނެހެން ހީވެ އެންމެ ފަހުން ގޮސް އަރާމުކޮށްލަން ނިންމީއެވެ.
ފަހަރަކު މީހަކު ދަމުން ދަމުން ގޮސް އެންމެ ފަހުން ރާކިންއާ ޒީޝާންއާ އަރްޒަންއަށް ވީއެވެ. އަރްޒަން ދާން ތެދުވުމުން ޒީޝާންއަށް އަރްޒަންއަށް ބަލައިލެވުނެވެ. އަރްޒަން ނުކުތުމުން ޒީޝާން ވެސް ދާން ތެދުވިއެވެ. އެއާއެކު ރާކިން ޒީޝާންއަށް ގޮވައިލިއެވެ. ޒީޝާން ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. އޭނާއަށް ރާކިންއަށް ބަލައިލެވުނެވެ.
ވަކި ހިސާބަކަށް ގޮސްފައި އެއްޗެއް ނެތްހެން ހީވެގެން އަރްޒަންއަށް އޭނާގެ ޖީބުތައް ޗެކްކޮށްލެވުނެވެ. ފޯނު ނެތުމާއެކު އަވަސް، އަވަހަށް އައި ކޮޅަށް އަނބުރާލާފައި އަރްޒަން ހިނގައިގަތެވެ.
އެ ހިސާބާ އަރާ ހަމަވީތަނާ އޭނާގެ ކަންފަތުގައި ރާކިންގެ ޖުމްލަ ޖެހި، ވަގުތުން ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. (ނުނިމޭ)