"ޝާންއަކަށް ނޭނގޭނެ. އަހަންނަށް ލިބުނު ހިތާމައެއް ވޭނެއް...." އެ ޒުވާނާ ވާހަކަ ދައްކަމުން ދިޔައިރު އެއްބައިފަހަރު އޭނާގެ އަޑުން ހިތާމަވެރިކަން ވެސް ފާޅުވެދާނެއެވެ. އަނެއްބައިފަހަރު ރުޅި ވެރިކަމެވެ.ބަލާބެލުމަށް ހީވަނީ ރުޅިއާ ދެރަ އާ އެކުވެގެން އުފެދިގެން އުޅޭ ޖަޒުބާތެއް ހެންނެވެ.
"އަހަރެން މި ވީޑިއޯ ދޫކޮށްލާއިރަށް ވައިރަލްވާނެ. އެ ހިސާބުން އެންމެންގެ ނަފުރަތު އަދި ރުޅިވެރިކަން ވެސް އޭނައަށް އަމާޒުވެގެންދާނެ. އެއީ އަހަރެން ބޭނުންވާގޮތް. އަހަންނަށް ލިބުނު ހިތާމައިގެ ބަދަލު އަހަރެން އޭނާއަށް ދޭނެ ގޮތަކީ މިއީ..." ވިއާމްގެ ދުލުން ބޭރުވަމުންދިޔަ ކޮންމެ ބަހެއްގައި ވި ރުޅިވެރިކަން ޝާންއަށް ދެނެގަނެވުނެވެ.
"އެކަމަކު މިއީ ތިކަން ކުރަން އެންމެ ރަނގަޅު ހާލަތުތަ؟" ޝާން އެކުވެރިޔާއަށް ބަލައިލީ ކަންބޮޑުވެފައި އިނދެއެވެ.
"ދެން މި ނޫން އެހެން ވަގުތެއް ވަކި އަންނާނެތަ؟" އޭނާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.
"އެކަމަކު އަދި ވިސްނައިލަބަލަ!" ޝާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އިތުރަކަށް އަހަރެން ވިސްނާކަށް ބޭނުމެއް ނޫން. ޝާން އަހަންނާ ދެކޮޅު ހެދިޔަސް ހެޔޮ. އަހަރެން މިކަން މިގޮތަށް ކުރާނަން. ޝާންއަކަށް ވެސް އަހަރެންގެ ވިސްނުން ބަދަލެއް ނުކުރެވޭނެ!" ފަހުގެ ނިންމުން އިއްވައިލަމުން ވިއާމް ޝާމަށް ބަލައިލިއެވެ. ވިއާމްގެ އަޑުގައިވި ސާބިތުކަމުން ދެން އެ ނިންމުން ބަދަލުނުކުރާނެކަމުގެ ޔަޤީންކަން ޝާންއަށް ލިބުމާއެކު، އޭނާ ޚީޔާރުުރީ ހިމޭންކަމެވެ. އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް އެއީ މިވަގުތު ކުރަން އެހާ ފަސޭހަކަމެއް ނޫންކަމުގައި އޭނާގެ ސިކުނޑިއަށް ވިސްނައިގަނެވުނީއެވެ.
"އަހަރެން އަބަދުވެސް ވިއާމްއާއެކު ހުންނާނަން. އަހަންނަކީ އަބަދުވެސް ވިއާމްއަށް ހެޔޮ އެދޭ ރައްޓެއްސެއް." އެ ނާޒުކު ދަނޑިވަޅުގައިވެސް އޭނާ އެކުވެރިޔާއާ އެކު ހުރިކަމުގެ ޔަޤީންކަން ޝާން ދިނެވެ. ވިއާމް ތުންފަތްމައްޗަށް ވެރިކޮށްލީ ލުއި އެހެނަސް ހިތާމަވެރި ހިނިތުންވުމެކެވެ. އޭނާ ކޮންމެވެސް ފަދަ ވޭނެއް ފޮރުވަން މަސައްކަތް ކުރާ ފަދައެވެ.
*****
ޖެހިގެން އައި ހަފްތާގައި އަޔާންގެ އިތުރުން އިންޑިއާގައި ތިބި އިތުރު ދިވެހިންވެސް ރާއްޖެ ގެނެވުނެވެ. އަޔާން ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ވީއައިޕީ ވޯޑެއްގައެވެ. ގެއިން ބޭރަށް ނުކުންނަ ހިތް ނުވެފައި ހުރެވެސް އަރްޒަން ހިތްވަރުކޮށްފައި މަގުމައްޗަށް ނިކުތީ އަޔާންއަށް ގޮވައިލަން ދިޔުމުގެ ބޭނުމުގައެވެ. އޭނާގެ ޙަޔާތުގައި ދިމާވި ހުރިހާކަމެއްގައި އޭނާއަށް ހިތްވަރު ދޭެން އެންމެ ގާތުގައި ހުރި އެ އެކުވެރިޔާއަށް ކަމެއް ދިމާވި ދުވަހު އަޔާން ކައިރިއަށް ނުގޮސް ހުންނަން އަރްޒަންގެ ހިތް ދެކޮޅު ހެދީއެވެ.
ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލްގައި އަޔާން އެޑްމިޓް ކުރެވިފައި އޮތް ވީ.އައި.ޕީ ވޯޑާ ދިމާލަށް އަރްޒަން ހިނގައިގަތް އިރުވެސް އޭނާއަށް ގިނަ މީހުންގެ ނަޒަރުތައް ހުއްޓިފައި ވެއެވެ. ތޮތްޕަކުން މޫނު ނިވާކުރަން މަސައްކަތް ކުރިނަމަވެސް ގިނަ މީހުންނަށް އޭނަ ފާހަގަވަނީއެވެ. އެންމެންގެ ނަޒަރުތަކުން އުނދަލުން ސަލާމަތްވެގެން އަޔާން އޮތް ވޯޑާ ހިސާބަށް ދެވުނު އިރު، އަރްޒަންއަށް މާނޭވާ ލެވެއެވެ. މީހުންނާ ކުރިމަތި ލާންވުމުން ޙަޔާތުގައިވެސް އޭނާ އެހާ ހާސްވި ދުވަހެއް ނާދެއެވެ.
އެތެރެއަށް ވަންނަ ކާޑު އޭނާގެ އަތުގައި ނެތުމާއެކު، ދެ ވިސްނުމެއްގައި ހުރެ އޭނ އަޔާންގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު ނެގީ އަޔާންގެ މަންމަ ނިއުމާއެވެ. އަރްޒަން އޭނާ އައިސް ހުރި ވާހަަކަ ބުނެލިއެވެ. އޭނާ ހީކޮށްގެން ހުރީ ނިއުމާއާ ނިހާދުވެސް ހުންނާނީ އޭނާދެކެ ހިންހަމަ ނުޖެހިފައި ކަމަށެވެ. ކުޑަ ހިންހަމަޖެހުމެއް އަރްޒަން އަށް ލިބުނީ ނިއުމާ އޭނާއާ ރީތިކޮށް ވާހަކަ ދެއްކުމުންނެވެ. އޭނާ އެތަނުގައި ހުންނަތާ ގިނަ އިރުތަކެއްނުވެ ނިއުމާ އައިސް ދޮރު ހުޅުވައިލަދިނެވެ. އޭނާ އަރްޒަންއަށް ބަަލައިލާ ހިނިތުންވެލިއެވެ.
ރައްދުގައި އަރްޒަން ހިނިތުންވެލި ނަމަވެސް އެ މޫނުމަތީގައިވި މާޔޫސްކަން ނިއުމާއަކަށް ސިއްރެއް ނުވެއެވެ. އަރްޒަން ހިތްވަރު ގަދައެވެ. އަޔާންމެން ގާތުގައި ވިއްޔާ އޭނާއާ ނިހާދު ހުންނާނެއެވެ. އެކަމަކު އަރްޒަން ގާތުގައި ހުރީ ކާކުހެއްޔެވެ؟ އެއީ އާއިލާގެ މީހެއް ނެތްޔަތީމުކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެ ވެސް އަޔާންއާ އެކު އުޅޭތީ އޭނާގެ ހިތުގައި އަރްޒަންއަށްޓަކައި ޚާއްސަ ކުލުނަކާ ލޯތްބެއް އުފެދިފައިވެއެވެ.
*****
އަޔާން ކައިރީގައި މަޑުކޮށްލައިގެން އެތައް އިރަކު އިނުމަށްފަހު، އަރްޒަން ގެއަށް ދާން ނުކުތީ އިރުއޮއްސި ބަންގި ގޮވިފަހުންނެވެ. ނުކުމެ ނުކުމެ ހުއްޓާ އޭނާއަށް ސިހުން ގެނުވީ ފަހަތުން މީހަކު އޭނާގެ ނަމުން ގޮވައިލުމުންނެވެ. އެއީ ޒީޝާންގެ އަޑެވެ.
ސިހުނު އަރްޒަން ފަހަތަށް އެނބުރިލިއެވެ. ޒީޝާންފެނި ހައިރާންވެ ހުރެވެސް، އަރްޒަން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.
"ޒީ... މިތަނުގައި ކީއްކުރަނީ؟" އަރްޒަން އަހައިލިއެވެ.
"ކުރީގެ ކްލާސްމޭޓެއް ބާއްވައިގެން އުޅޭތީ އައިސްފަ އާރާ ގާތުގައި މަޑުކޮށްލީ!. ޒޭންއަށް ގުޅައިލީމޭ ބުނަންވެގެން. ފޯނު ނުނަގާތީ އަހަރެން އައީ" ޒީޝާން ބުނެލިއެވެ.
"އެހެންތަ؟ ފޯނަށް އެހާ ރަނގަޅަކަށް ބަލައެއް ނުލެވޭ. ހިޔެއްނުވޭ މިސްކޯލެއް އިންހެނެއް" އަރްޒަން ބުނެލިއެވެ.
"އަޅެ ބަަލައިލަބަ. އިންނާނެ" ޒީޝާން ބުނެލިއެވެ.
"ދެން އަޅާނުލާ އެކަމާ...އާރާ ކައިރިއަށް ވެސް ވަދެލާފަ ދޯ ދާންވާނީ... ހިނގާދަމާ" އަރްޒަން ބުނެލިއެވެ.
އެތަނުގައި ހުރި ޒުވާން ފުރައިގެ ދެކުއްޖަކު އެ ދެމީހުންނަށް ބަލައިލާފައި ސިއްރުން ވާހަކަ ދައްކަން ފެށިއެވެ ޒީޝާން ފަހަތަށް އެނބުރިފައި އެ ދެކުދިންނަށް ބަލައިލާ ލޯ އަޅައިލުމާއެކު ވަގުތުން އެ ދެކުދިން ހިމޭންވިއެވެ. އެއަށްފަހު އެތަނާ ދުރަށް ހިނގައިގަތެވެ.
*****
މަޑުމަޑުން ކަންތައްތައް ހަމައަކަށް އެޅެމުން ދިޔަނަމަވެސް އަދިވެސް ސޯޝަލް މީޑިއާގައި އެވާހަކަ ހަރުކޮށް ދެކެވެމުން ދިޔައެވެ. އަރްޒަންގެ އިތުރުން އަޔާންއޭ ކިޔައިގެން ވެސް މީހުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް ބޮޑަށް ގިނަ މީހުންގެ ފޯކަސް ހުންނަނީ އަރްޒަންއަށެވެ.
އެކަމުގެ ސަބަބުން އެންމެ ބޮޑު އުފާވެރިކަމެއް ލިބެނީ ރާކިންއަށެވެ. އޭނާ ބޭނުންވަނީ އަރްޒަންގެ އަގު އެންމެންގެ ކުރިމަތީގައި ވައްޓައިލާށެވެ.
ރައުދާ ހުރީ އަޔާން ދެކިލާހިތުން ކެތް މަދުވެފައިނަމަވެސް އަޔާންގެ މަންމަމެންގެ ވާހަކަތަކާ ހުރެ އޭނާއަށް އެކަން އެގޮތަށް ކުރާކަށް ނުކެރުނެވެ. އަނެއްކޮޅުން ކަމާލު ދަނީ އޭނާ ގާތު ކައިވެނި ކުރަން އެ ވާހަކަ ވެސް ދައްކަމުންނެވެ. އަޔާންގެ ޙާލު ރައުދާއަށް އެނގެނީ އޮފީސްތެރެއިންނެވެ. ހެޔޮ ޙާލުގައި އަޔާން ވީތީ އެކަމާ ރައުދާ ﷲއަށް ޝުކުރު ކުރިއެވެ.
އެ ހަފްތާތެރޭގައި އަޔާންގެ އިތުރުން އާރާގެ ޙާލުވެސް ރަނގަޅުވެ ގެއަށް ދޫކޮށްލެވުނެވެ. އާރާ ގެއަށް ބަދަލުވެފައި ޒީޝާންއަށް ގުޅައިލިއެވެ. ފޯނެއް ނުނަގައެވެ. އޭގެފަހުން ދެ ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ޒީޝާންގެ ޚަބަރެއް ނުވެއެވެ. އެންމެ ފަހުން އާރާ ގުޅީ ޒީޝާންގެ މަންމަ ހިންދަށެވެ.
"ޒީޝާން ނުގުޅާތަ؟" ހިންދަށް ވެސް އަހައިލެވުނެވެ.
"އާންޓީ އަޅެ ޒީޝާންއަށް ގޮވައިލަ ދީފާނަންތަ؟" އާރާ އެދުނެވެ.
"އާނ. މަޑުކޮށްލައްޗޭ! ވެދާނެ އަރްޒަން ގާތު މާ ގިނަ ވަގުތު ހޭދަކުރަނީކަމަށް. ދިމާވި ކަމެއްގެ ސަބަބުން އަރްޒަންއަށް ވެސް ވަރަށް ބޮޑަށް އުނދަގޫވާތީ އުޅޭކަމަށް ޒީޝާން ބުނި. އަރްޒަންގެ އިތުރު މީހަކުވެސް ނެތީމައާއެކީ ކަންނޭނގެ ޒީ އެހާ ގިނައިން އަރްޒަންއާ އެކު ވަގުތުތައް ހޭދަކުރަނީ" ހިންދު އޭނާއަށް ވިސްނޭގޮތަަކަށް ބުނެލިއެވެ. ހަޤީގަތުގައި އޭނާ ބޭނުންވަނީ އަރްޒަން އާ ޒީޝާންއާ ދެކުދިން އަވަސް މުސްތަޤްބަލެއްގައި ކައިވެނީގެ މަތިވެރި ގުޅުމުން ގުޅޭށެވެ. އެކަމަކު މި ޙާލަތުގެ ގޮތުން އޭނާ އެ ހުންނަނީ އެ ވާހަކަ ދަައްކަން ނުކެރިފައެވެ. ހިންދު ނިންމައިގެން ހުރީ ޙާލަތު ރަނގަޅުވިހާ އަވަހަކަށް ޒީޝާންގެ އިތުރުން އޭނާގެ ފިިރިމީހާ އިލްހާމް ކައިރީގައިވެސް އެވާހަކަ ދައްކާށެވެ.
ހިންދު ޒީޝާންގެ ކޮޓަރީގައި ޓަކި ޖަހަޖަހާވެސް ޒީޝާން ދޮރެއް ނުހުޅުވިއެވެ. ތަޅުގައި ހިފައިލިއިރު ކޮޓަރި ދޮރު ހުރީ ތަޅުލާފައެވެ. އޭނާ ދެފަހަރަކު ޒީޝާންގެ ނަމުން ގޮވައިލިއެވެ.
ލަސްތަކެއްނުވެ ޒީޝާން ދޮރު ހުޅުވައިލި އެވެ.
"އާރާ ގުޅާފަ މިއޮތީ ދަރިފުޅާ. ވާހަކަ ދައްކައިލަބަލަ. ފޯނު ނުނަގައިގެންހެން މަންމައަށް ހީވަނީ... " ހިންދު ބުނެލިއެވެ. ފޯނު ކަންފަތުގައި ޖައްސައިލަމުން ޒީޝާން ވާހަކަ ދެއްކިއެވެ.
"އަހަރެން އަރްޒަން އާއެކު ގިނައިން މިއުޅެނީ. މިހާރު ނިދާލަނީ މި. ފަހުން ގުޅާލާނަން އިނގޭ" ޒީޝާން ބުނެލިއެވެ. އެއަށްފަހު ފޯނު ބާއްވާފައި އޭނާ ހިންދު އަތަށް ފޯނު ދިނެވެ.
ހިންދު ދިޔުމާއެކު ކޮޓަރި ދޮރު ލައްޕާފައި އައިސް ޒީޝާން މަޑުކޮށްލީ ކޮޓަރީގެ ކުޑަ ދޮރު ކައިރީގައެވެ. އަންނަމުން ދިޔަ ވައިރޯޅިތަކާ އޭނާގެ ފަންއިސްތަށިގަނޑު ސަމާސާކުރަމުން ދިޔައެވެ. އެ އަޅިކުލައިގެ ނަޒަރު ހުއްޓިފައިވަނީ އެ ދިމާލުގައި ހުރި ހުއި ގަސްތަކަށެވެ. މޫނުމައްޗަށް ވެރިވަމުން ދިޔަ އަސަރުތަކުން އޭނާ ކޮންމެވެސް ކަމަކާ ވިސްނާކަން ދޭހަވެއެވެ.
އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އޭނާ އައިސް އައިސް އެނދުގައި އިށީނދެލިއެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަރްޒަން ކޮފީއެއް ބޮއިލައިގެން ކާލަން ސޭންޑްވިޗެއް ހަދާލަން އުޅެނިކޮށް ޒީޝާންއައެވެ.
"އަހަރެންއަތަށް ގެނޭ. އަހަރެން ހަދައިދީފާނަން ވަރަށް މީރު މީރު ސޭންޑްވިޗެއް..." ޒީޝާން ބުނެލިއެވެ.
"އެއްކަލަ ދުވަހު ޒީ އަތުން ކެއި ސޭންޑްވިޗް ހާ މީރު ސޭންޑްވިޗެއް ހަދައިދޭތި އިނގޭ" އަރްޒަން ތަންކޮޅެއް ކުރީގެ ދުވަހެއްގެ ހަނދާނެއް އާކޮށްލަމުން ބުނެލިއެވެ.
"އެދުވަހަށްވުރެ މާބޮޑަށްވެސް މިއަދު މީރުވާނެ. އެއީ އަދި ޓްރެއިލަރ އެކޭ..." ޒީޝާން ބުނެލިއެވެ. ސޭންޑްވިޗް ހަދާ ނިންމާލުމަށްފަހު ޒީޝާން ހެނދުނުގެ ސައިވެސް ތައްޔާރުކޮށްލަދިނެވެ.
"އޫމް... ވަރަށް މީރު. އެ ދުވަހު އެ ހެދީ އެއްވެސް އެއްޗެއް ނޫން މިއާ ބަލާފަ" އަރްޒަން ބުނެލިއެވެ. ޒީޝާން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަރްޒަންގެ ކޮންމެ ތަޢުރީފްގެ ބަހަކާއެކު އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެއެވެ.
"ޒީ... ލޯ މިއަދު ވަރަށް އެހެން ގޮތެއްހެން އަހަންނަށް ހީވަނީ. ތަފާތު ގޮތެއް އެބަހުރި..." އަރްޒަންއަށް އެއީ ސީދާކޮންކަމެއްކަމެއް ބުނާކަށް ނޭނގުނެވެ. ޒީޝާން ލުއިލުއިކޮށް ހީލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ.
"އަބަދުވެސް އަހަރެންގެ ލޯ ހުންނަނީ މިހެން"
"ނޫން. މިއަދު ތަފާތު..." އަރްޒަން ބުނެލިއެވެ.
"އެހެންނެއްނުވާނެ... ވަރަށް އެހެންކަހަލަ އަސަރެއް އެބަހުރި..." އަރްޒަން ބުނެލިއެވެ.
"ސާބަހޭ ޒޭން. އެއީ އަހަރެން އާއްމުކޮށް އަޅާގޮތާ ތަފާތުކޮށް އަނދުން އަޅާފަ ހުރީމަ ހީވާގޮތް. " ޒީޝާން ހީގަތެވެ. އަރްޒަންއަށް ބޯ ޖަހައިލެވުނެވެ.
"އޯހް. އެހެންދޯ އެވީ. މިއަދު މުޅި ލޯ ވަށައިގެން ވިއްޔަ ތިހުރީ އަނދުން އަޅާފަ. ވަރަށް ރީތި" އަރްޒަން ބުނެލިއެވެ.
"އަހަރެންތަ؟ އަހަރެންގެ ލޯތަ؟" އަރްޒަންއަށް ބަލައިލާ ޒީޝާން އެއްލޯ މަރައިލިއެވެ. އެ އަމަލު އަރްޒަންއަށް މަޖާވިއެވެ.
"ޒީ ވެސް. ޒީގެ ލޯ ވެސް..." އަރްޒަން ވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ.
ކައިނިމިގެން އައިސް ސޯފާގައި އިށީންނަމުން އަރްޒަން ފުން ނޭވައެއް ދޫކޮށްލިއެވެ.
"އަހަރެން ޖެހޭނެ ކަންނޭނގެ ވަރަށް އަވަހަށް އަދި ފުލުހުންގެ އިދާރާއާށް ހާޟިރުވާން."
"އެއީ ކީއްކުރަން؟" ޒީޝާން އަހައިލިއެވެ.
"ތަޙުޤީޤު އަދިވެސް ދަނީ ކުރިއަށް..." އަރްޒަން ބުނެލިއެވެ.
އޭގަ ޒޭންގެ މައްސަލައެއް ނެތޭ..." ޒީޝާން އަރްޒަންގެ އަތުގައި ހިފައްޓައިލިއެވެ.
"އެދުވަހު އެހެން ނުވިނަމަ، މި އިނގިލީގައި އެ އަނގޮޓި ވެސް އިންނާނެ ދޯ. ޒީއަށް އެނގޭތަ އެއީ އަހަރެންގެ ކުޑައިރުގެ ހަމައެކަނި ހަނދާން..." އަރްޒަން ބުނެލިއެވެ.
"ކުޑައިރޭ؟" ޒީޝާން ހައިރާންކަމާއެކު އަހައިލިއެވެ. އަރްޒަން އޭނާއަށް އެ އަނގޮޓި ޚާއްސައީ ކީއްވެކަން ޒީޝާންއަށް ކިޔައިދިނެވެ.
"ޒޭންގެ ކުޑައިރުގެ ވަރަށް ގިނަ ހަނދާންތައް އޭގަވާނެ ދޯ އެހެންވީމަ. އެހާ ވެސް އަހަރެން ޚާއްސަ؟" ތުންފަތަށް މާނަފުން ހިނިތުންވުމެއް ވެރިކޮށްލަމުން ޒީޝާން ބުނެލިއެވެ.
"އެހެން ނުވި ނަމަ. ހާދަ ބައިވަރު މީހުންގެ ފުރާނައެކޭ... އަހަރެންގެ ސަބަބުން" ވަކި ހިސާބަކަށް ބުނެފައި އަރްޒަން ހުއްޓައިލިއެވެ. އޭނާއަށް ވާހަކަ ކުރިއަށް ނުގެންދެވުނީއެވެ.
އަދިވެސް އެ ހާދިސާ ހަނދާންތާލެވޭގޮތެއް ނުވެއެވެ. ސިފަވަނީ އެ ކޯރާ ބޯޓު ވެއްޓެން ދިޔަ ގޮތެވެ. އެމީހުންގެ އަތުން ބޯޓުގެ ކޮންޓްރޯލް ދޫވި ގޮތެވެ.
"ދެން އެކަމާ ނުވިސްނާ. ދެން ހުރިހާކަމެއް ވެސް ވާނީ ރަނގަޅަށް..." ޒީޝާން ބުނެލިއެވެ. އޭރު އެތުންފަތް މަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން އަރްޒަންއާ ގާތަށް ޖެހިލިއެވެ. އެއަށްފަހު އަރްޒަންގެ ކަރުގައި އޭނާގެ އެއް އަތް އަޅުވައިލިއެވެ.
(ނުނިމޭ)