އެ ކޮޅުން ހަލޯ އޭ ބުނެލި އަޑު އިވި އޭނާއަށް ނިތަށް ރޫތައް ގިނަ ކޮށްލެވުނެވެ.

އެއީ ބަތޫލް ނޫން އެހެން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު، ބަތޫލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަރްޒަން..."

ބުނާނެ އެއްޗެއް ނޭނގިފައި އަރްޒަންއަށް ހުރެވުނެވެ. ބަތޫލް އޭނާއަށް އެ ގުޅީ ކީއްވެހެއްޔެވެ؟ހިތުގައި އެތައް ބައިވަރު ސުވާލުތަކެއް އުފެދުނު ނަމަވެސް، އެއިން އެއްވެސް ސުވާލެއް ދުލު ކުރިއަށް ގެންނާކަށް އަރްޒަން ބޭނުމެއް ނުވިއެވެ.

"ކިހިނެއްވީ؟" ބަދަލުގައި ރުންކުރު ރާގަކަށް އަރްޒަން ސުވާލުކޮށްލިއެވެ.

"އަރްޒަން ކިހިނެއްތަ؟" އަރްޒަން ކުރި ސުވާލު އެއްފަރާތް ކޮށްލުމަށްފަހު، ބަތޫލް ބެލީ, ކޮންމެވެސް ގޮތަކުން ވާހަކައެއް ފެށޭތޯއެވެ. އަރްޒަން ހުރީ އެފަދަ ފުރުސަތެއް ބަތޫލްއަށް ދޭކަށް ނޫނެވެ. ބަތޫލްގެ ސުވާލު ހަމަ ނިމުމާއެކު އަރްޒަން ވާހަކަ ދައްކަން ފެށިއެވެ.

"މިއަދު އަހަރެންގެ ހާލު ބެލުމުގެ ބޭނުމަކީ ކޮބާ؟ ބަތޫލް އަހަންނާ ދައްކާނެ އިތުރު ވާހަކައެއް އެބައޮތްތަ؟"

"އަރްޒަން އަހަރެން ދައްކާ ވާހަކަ އެއްފަހަރު ވެސް އަޑު އަހާލަބަލަ! އޭރުން އެނގޭނެއެއްނު!"

"އައި އެމް ޑިވޯސްޑް..." ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު, ފޯނު ބާއްވައިލަން އަވަސްވެގަތް ވަގުތު ބަތޫލް ބުނެލި ވާހަކައިން އަރްޒަންއަށް ފޯނުގެ އަތް ގަނޑުގައި ބާރަށް ހިފައްޓައިލެވުނެވެ. ބަތޫލް އޭނާއަށް ގުޅުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ބަތޫލްގެ ޙަޔާތުން އޭނާއަށް އަނެއްކާ ޖާގައެއް ހުސްވީ ކަމުގައި ބުނަން ހެއްޔެވެ؟ ނޫނެކެވެ! އޭނާއަކީ މިހާރު ޒީޝާންގެ މީހެކެވެ. ބަތޫލްއަކީ އޭނާގެ މާޒީއެވެ. ދުވަހަކު ވެސް އޭނާ ދެން އަނބުރާ ބަތޫލްގެ ޙަޔާތަކަށް ނުދާނެއެވެ.

"އަރްޒަންއާ ބައްދަލު ކޮށްލެވިދާނެތަ؟"

"އަދިވެސް އަހަރެން މީހަމަ އެ އަރްޒަންއޭ... އިތުރު ކަމެއް ބަދަލެއްނުވޭ!. އަހަރެންގެ އަސްލެއް ވެސް. މަންމައެއް ބައްޕައެއް ނުލިބޭ! އަހަރެން އުޅެ ބޮޑުވީ ހިޔާގަ. މި އަސްލެއް ބަދަލެއް ނުވޭ! ބައިދަވޭ އަހަރެން އިތުރަށް ބަތޫލްއާ ބައްދަލުކުރާކަށް ވެސް ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނޫން! އައި އެމް އިން އަ ރިލޭޝަންޝިޕް... އެންޑް އައި އެމް ހެޕީ... އައި އެމް ވެރީ ވެރީ ހެޕީ ވިތް މައި ލައިފް. ޔޫ ރުއިންޑް މައި ލައިފް..."

އަރްޒަން ސާބިތުކަމާއެކު ބުނެލިއެވެ. މި ހުރިހާ ދުވަހު އޭނާ ހިތުތެރޭގައި ރައްކާކޮށްފައި ހުރި ޝަކުވާތަކާ އުދާސްތައް ބޭރުކޮށްލުމަށްފަހު، އަރްޒަން، ބަތޫލްގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ފޯނު ކަނޑައިލިއެވެ.

އެނދުގައި އިށީނދެ ބޮލުގައި ހިފައްޓައިލި އަރްޒަންގެ ފޯނު އަނެއްކާވެސް ރިންގް ވީ އެ ވަގުތެވެ. ހަމަ އެ ނަންބަރުންނެވެ. ތިންވަނަ ފަހަރު ގުޅުމާއެކު އަރްޒަން ބަލާ ނުލާ ފޯނު ނެގިއެވެ.

"ކިހާ ދެރަކަމެއް. ބުނެފީމެއްނު އަހަންނަށް ނުގުޅާށޭ!" ބާރަށް ބުނެލި އަރްޒަންއަށް ސިހުން ގެނުވީ އެކޮޅުން ޒީޝާންގެ އަޑު އިވިފައެވެ. އޭނާ ފޯނު ކަންފަތާ ދުރުކޮށްލަމުން އަރާފައިވާ ނަމަށް ބަލައިލިއެވެ.

"ވަޓް ހެޕެންޑް؟" ޒީޝާންއަށް ސުވާލުކޮށްލެވުނެވެ. ޙަޤީޤަތް ސިއްރުކުރަމުން، އަރްޒަން އަވަސް އަވަހަށް ދޮގެއް ހަދައިލީ އެ ވާހަކަ ޒީޝާން ގާތު ބުނަން މާ އަވަސްކަމުގައި އޭނާއަށް ގަބޫލުކުރެވޭތީއެވެ.

"ކީއްކުރަނީ؟" ވާހަކަ އޮޅުވާލުމުގެ ބޭނުމުގައި އަރްޒަން ސުވާލުކޮށްލިއެވެ. މާ ބޮޑު ކަމަކަށް ނަހަދާ ޒީޝާން ވެސް އަރްޒަންއާ އެއްބައިވަމުން އިތުރު ވާހަކައެއް ފެށީއެވެ.

*****

ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ބަތޫލްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އަރްޒަން އޭނާ މަތިން ހަނދާން ނެތިގެން ނުވާނެއެވެ. އޭނާ ގުޅީމައި އެފަދަ ގޮތަކަށް ފޯނު ކަނޑައިލާނެހާ ހިތްވަރެއް އަރްޒަންގެ ހުރެގެން ނުވާނެއެވެ. އަނެއްކާވެސް އަރްޒަންއަށް ގުޅި ބަތޫލްގެ ފޯނަށް ބިޒީ އަރާތަން ފެނި އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

ފިރިމީހާ އޭނާ ވަރިކުރީ މީގެ ދެ ދުވަސް ކުރިންނެވެ. އެކަމާ ދެރަވުމުގެ ބަދަލުގައި، ބަތޫލް ވީ އުފަލެވެ. އޭނާ ހީކުރީ އަރްޒަން ކައިރިއަށް އަނބުރާ ދިޔުމުން އެއްވެސް ޝަކުވާއަކާ ނުލާ، އަރްޒަން، އެ ޙަޔާތުން އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު މިވީ އެހެންނެއް ނޫނެވެ. އަރްޒަން އޭނާގެ މޫނުމަތީގައި ކޮޅުފައިން ޖެހީއެވެ. އަރްޒަންއަށް އެ ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟ އެހުރިހާ އެއްޗެއް އަރްޒަން އޭނާއާ ދިމާލަށް ކީ ކޮންތާކުން ހިތްވަރު ނެރެގެން ހެއްޔެވެ؟ އެ ލޯތްބަށް އެދި އަރްޒަން އޭނާގެ ކައިރިއަށް އައިސް ސަލާން ޖެހިކަން ހަނދާން ނައްތާލީ ހެއްޔެވެ؟

"އަހަރެން އަރްޒަން ބޭނުން..." ހިތާ ހިތުން ބަތޫލް ބުނެލިއެވެ. އޭނާ އަޒުމު ކަނޑައެޅީ ކޮންމެ ގޮތަކުން ވެސް އަރްޒަން ހާސިލްކުރުމަށެވެ. މިހާރު އަރްޒަން އަކީ މަޝްހޫރު މީހެކެވެ. އެއީ ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުން ވާފަދަ ޙަޔާތުގެ ބައިވެރިއެކެވެ. އޭނާ އާއެކީ އުޅުނުއިރު ވެސް އެހާ އޯގާތެރިއެވެ. މިއަދު އަރްޒަންއަށް މަދު އެއްވެސް އެއްޗެއް ނެތެވެ. އާއިލާއެއް ނެތަސް އަރްޒަން ވަނީ މިއަދު ކާމިޔާބީގެ ވެސް އެންމެ އުހުގައެވެ. އެހާ މުއްސަންޖެވެ. ހުރިހާ އަންހެން ކުދިން ދުވަނީ އަރްޒަން ފަހަތުންނެވެ. އެއީ ގިނަ އަންހެން ކުދިންގެ ހިތްތަކުގެ ރަސްގެފާނެވެ. އެ ފިރިހެންވަންތަކަން ކުރިއަށްވުރެ ވެސް އިތުރުވެފައިވެއެވެ.

ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި އިރުކޮޅަކު ބަތޫލް ހުއްޓެވެ. އަރްޒަންއާއެކު ދިރިއުޅޭނޭ ގޮތުގެ މަންޒަރުތައް ސިކުނޑީގައި ކުރަހަމުން ބަތޫލް ދިޔައީ އަރްޒަންގެ ޙަޔާތުން އޭނާއަށް ޖާގައެއް ނެތްކަން ނޭނގޭ ޙާލުގައެވެ.

"އަރްޒަން... އަރްޒަން ވާންޖެހޭނީ އަހަރެންގެ މީހަކަށް. އެހެން އެއްވެސް މީހަކަށް އަރްޒަން ހާސިލްވިޔަކަ އަހަރެން ނުދޭނަން..." ބަތޫލް ހިތުގެ އަޑިން އަޒުމެއް ކަނޑައެޅިއެވެ. އޭނާ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އޭނާއަށް ޒީޝާން އެނގެއެވެ. އެއީ މަޝްހޫރު ވިޔަފާރި ވެރިޔާ އިލްހާމްގެ އަންހެން ދަރިއެވެ. އަރްޒަން އެރޭ އިނީ އެ ކުއްޖާއާ އެކީގައެވެ. އެ ކުއްޖާގެ ބޮލަށް ވަސްވާސް ވެއްދޭނޭ ގޮތަކާ މެދު އޭނާ ވިސްނިއެވެ.

*****

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ވެސް ރައުދާއާ އަޔާންގެ ގުޅުން ހީނަރުވަމުންދާ ދުވަހެކެވެ. ހަމައެއާއެކު ރައުދާ އާ ކަމާލުއާ ދެމީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަން ހިނދެމުން ދާ ދުވަހެކެވެ. މިހާރަކަށް އައިސް ކަމާލު ވާހަކަ ދައްކާނަމަ މަޑުމައިތިރިކަމާއެކު ރައުދާ ވެސް ވާހަކަ ދައްކައެވެ. ފުރަތަމަ ކޮޅު މީހާއަށް އަންނަން ފެށި ބަދަލުތަކާ މެދު އޭނާ ހައިރާންވި ނަމަވެސް މިހާރު އެކަމާ، މާ ބޮޑު އަޅައިލުމެއް ރައުދާގެ ނުހުރެއެވެ.

އަޔާން އާ ދެމީހުން ދެމެދު، އެތައް މައްސަލަތަކެއް ޖެހިފައި ވާއިރުވެސް އެކަމާ އަޅާލާހެނެއް ހިޔެއްނުވެއެވެ. އެއީ ނަމެއްގައި ދެމަފިރިންނެވެ. އެއްކޮޓަރިއެއްގައި އުޅުނެއްކަމަކު ދެ ބީރައްޓެހިންނަށް ވެ ނިމިއްޖެއެވެ. އަޔާންއަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް ރައުދާ ނުކޮށްދެއެވެ. ގިނަފަހަރު އަޔާން އެއްޗެހި އިސްތިރި ކުރާނީ ވެސް އަމިއްލައަށެވެ. އަޔާން ވެސް އެފަދަ އެވެ. ރައުދާ އަކީ ނަމެއްގައި އޭނާގެ އަނބިމީހާއެވެ. އެދެމެދުގައި އެފަދަ އެއްވެސް ގުޅުމެއް ނުހިނގައެވެ. އަޔާން ނިދަނީ ވެސް ސޯފާގައެވެ. މައްސަލަތައް ޖެހެމުން ޖެހެމުން ގޮސް މިހާރު ދެމީހުން ތިބީ ވަރިވާ ހިސާބުގައެވެ. އެ ދެމެދަށް އެހާ ވެސް ބޮޑު ދުރުކަމެއް އައިސްފިއެވެ.

ރައުދާ އެކޭ އެއްގޮތަކަށް އަޔާން ވެސް ރައުދާ މަތިން ފޫހިވަނީއެވެ. ރައުދާ އާ އެކު އެއްކޮޓަރިއެއް ހިއްސާކުރަން ވެސް އޭނާ ފޫހިވަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ބައެއްފަހަރު، އެކަމާ ހައިރާންވި ނަމަވެސް އަޔާން ވެސް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

މިއަދު އޮފީހުގައި އިނދެފައި ބްރޭކް ގަޑީގައި ރައުދާ ކާން ދިޔައީ ކަމާލުއާ އެކުގައެވެ. ގިނައިން ދެކެވުނީ މަސައްކަތުގެ ވާހަކަ ނަމަވެސް ގިނަވަގުތު ކަމާލުގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުންނަ ތަން ފެނި ރައުދާއަށް ހިސާބަކަށް އުނދަގޫވިއެވެ. އެއީ އޭނާ ކަމާލުއާ އެކު ކޮފީއަކަށް އައި ފުރަތަމަ ފަހަރެވެ. ފުރަތަމަ ދެކޮޅު ހަދަން ބޭނުން ވިޔަސް އޭނާއަށް ވީ ކީއްކަމެއް ނޭނގުނެވެ. ކަމާލުގެ އެދުމަށް ދެކޮޅު ހަދަން ނުކެރުނީއެވެ.

"ކޮބާ ހަޒްބެންޑް؟" ކަމާލު އަހައިލިއެވެ.

"ގޭގަ!" ރައުދާ ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. ކަމާލު އެހެން އެހުމާއެކު ވެސް ރައުދާގެ މޫނު ބަނަވިއެވެ. އެކަން ވަރަށް ރަނގަޅަށް ކަމާލަށް ފާހަގަ ކުރެވުނެވެ. އޭނާގެ ތުންފަތް މަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ރައުދާއަށް އެއިން އެއްވެސް ކަމެއް ރޭކާ ނުލައެވެ. އޭނާ އާ އަޔާން އާ ދެމެދަށް ވެރިވެގެން އެ އުޅޭ ދުރުކަމުގެ އަސްލު ގުޅިފައިވަނީ ވެސް ކަމާލުއާ ކަން އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

*****

އާދައިގެ މަތިން އާރާއާއި ޒީޝާންއާ ދެމީހުން ވިޔަފާރިކޮށްލައިގެން ރެސްޓޯރެންޓަށް ވަދެލީ އެއްޗެއް ކައިލުމުގެ ބޭނުމުގަ އެވެ. ބޮޑަށް ދެކެވުނީ ރަފްހާންގެ ވާހަކައެވެ. އާރާ އޭނާ އަށް އަދިވެސް ރަފްހާން އުނދަގޫ ކުރާ ކަމާއި ޒީޝާންއާ ޖިނާންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރިއެވެ.

"އަޅެ އަހަރެން ހާދަ ދުރެއް ތިކޮށްލީ؟... އޮފިޝަލީ ޝުކުރު އަދާކޮށްފަ!" ޒީޝާން ހީލަމުން ބުނެލިއެވެ.

"ނޫނޭ ތި ދެމީހުން ނެތްނަމަ އަހަރެން ނޭނގެ ޖޮބްގަ ހުންނާނެކަމެއް ވެސް" އާރާ ވެސް ހިނިތުންވެލިއެވެ.

ދެމީހުން އެފަދަ ވާހަކަ ތަކެއްގައި ތިއްބައި އެތަނަށް ބަތޫލްވަނީ އޭނާގެ އެކުވެރިޔަކާ އެކުގައެވެ. ލާފައިވާ ގަޔަށް ބާރު ހެދުމާއި ކޮށްފައިވާ މޭކަޕްގެ ސަބަބުން އެތަނުގައި ތިބި ގިނަ ބައެއްގެ ނަޒަރު ބަތޫލްއަށް ހުއްޓިގެން ދިޔައެވެ. އެމޫނުމައްޗަށް ވެރިވި ހިންހަމަ ޖެހުމުގެ އަސަރާއެކު ތުންފަތުގައި ދުވެލީ ބޮޑާކަމުގެ ހިނިތުން ވުމެކެވެ. އޭނާ ފަރާތް ފަރާތަށް ބަލައިލިއެވެ.

އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ޒީޝާން އަޅައިގަތެވެ. އެކުވެރިޔާ ގާތު މޭޒު ދޮށުގައި އިށީންނަން ބުނެފައި ބަތޫލް އެ ދިމާލަށް ފިޔަވަޅު އަޅައިލިއެވެ. ޒީޝާންމެން ތިބި މޭޒު ކައިރިއަށް ބަތޫލް ހުއްޓުމާއެކު، އާރާއާއި ޒީޝާންއާ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

"ހޭ" ބަތޫލްއަށް ބަލައިލަމުން ހިނިތުންވެލާ ޒީޝާން ބުނެލިއެވެ.

"ޒީޝާން ރައިޓް؟" ބަތޫލް ބުނެލިއެވެ. އަޑުގައި ވެސް ހުރީ ބޮޑާ ގޮތް ގަނޑެކެވެ.

"ޔެސް..." ބުމަ އަރުވައިލި ޒީޝާން ބޯ ޖަހައިލިއެވެ.

"އަރްޒަންގެ ޖީ އެފް؟" ބަތޫލް ސުވާލުކޮށްލިއެވެ. ކުޑަކޮށް ހައިރާންވި ނަމަވެސް ޒީޝާން އަނެއްކާވެސް ބޯ ޖަހައިލިއެވެ. އޭނާ ބަތޫލްއަށް އެކަން އެނގުނީ ކިހިނެއްތޯ ސުވާލުކޮށްލީ ކުރިން ރެއަކު ފެނުނު ވާހަކަ ވެސް ބުނެލުމާއެކުގައެވެ.

"އޯހް! އެނގޭތަ؟ އަހަންނަކީ އަރްޒަންގެ އެކްސް... ޒީޝާންއަށް ހީވޭތަ އޭނަ ޒީޝާންއާ ހެދި އެ އުޅެނީ ލޯބިންނޭ. ހަޤީގަތުގައި އޭނާ އަދިވެސް އަހަރެން މަތިން ހަނދާން ނައްތައެއް ނުލާ... އެރޭ ވެސް އަހަރެން ފެނުމުން އޭނާއަށް ވީ ގޮތް ރަނގަޅަށް ޒީޝާންއަށް އެނގުނެއްނު. އަރްޒަން އަދިވެސް ލޯބިވަނީ އަހަރެންދެކެ. އޭނަ އެ އުޅެނީ އަހަރެން މަތިން ހަނދާން ނައްތާލެވޭތޯ؟ ލޯތްބަކުން ނޫން. ހީ އިޒް ޔޫސިން ޔޫ ! " ބަތޫލް އެ ހުރިހާ ވާހަކައެއް ދެއްކިއިރު އަނގައިން ބަހެއް ބުނަން ނޭނގިފައި ޒީޝާންއަށް އިނދެވުނެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. ބަތޫލް ދެއްކި ވާހަކަތައް ގަބޫލު ނުކުރުމަށް އެދި އޭނާގެ ހިތް ގޮވި ނަމަވެސް ސިކުނޑި އިޖާބަ ދިނީ ލޮލަށް ފެނުނު މަންޒަރަށެވެ. އިވުނު އަޑު ތަކަށެވެ. އެރޭ ވެސް އަރްޒަންއަށް ބަތޫލް ފެނިގެން ވަރަށް ބޮޑު ބަދަލެއް އައެވެ. އެ ބަދަލީ އަނެއްކާ ބަތޫލް އެބުނި ސަބަބުގެ ސަބަބުން އައި ބަދަލަކަށް ވެދާނެ ހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނާގެ ހިތް ހަލާކުވެދާނެއެވެ. ބަސްބުނާ ހިނދުކޮޅެއްގެ ތެރޭގައި ލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. ލޮލުގެ ކަޅި ރަވަ ކައިރީގައި އިނގިލި ޖައްސައިލާ ވެއްޓެން ކައިރިވެފައިވާ ކަރުނަތައް ފުހެލި ނަމަވެސް އޭނާއަށް ރުއިން ކޮންޓްރޯލްކުރަން ދަތިވިއެވެ.

ގޮނޑިން ތެދުވި ޒީޝާން އެތަނުން ނުކުންނަން ހިނގައިގަތުމުން އާރާ ގާތަށް އައި ރުޅީގައި އެތަނުގައި ހުރި ފެންތަށި ނަގާ ބަތޫލްގެ މޫނުމައްޗަށް ޖެހުމަށްފަހު ގޮނޑިން ތެދުވި އެވެ.

ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރި ބަތޫލްއަށް އޭނާ ލައިގެން ހުރި އަގުބޮޑު ހެދުމަށް ބަލައިލެވުނެވެ. ފެންތައް ފޮޅިޔަސް ހެދުން ވަނީ އެކީ ތެމިފައެވެ. އައި ރުޅީގައި ހަޅޭއްލަވައި ގަންނަމުން ބަތޫލް އޭނާގެ ދުލުން އާރާއަށް ނިސްބަތްކޮށް ހުތުރު ބަހެއް ބުނެލިއެވެ. އާރާ ބަހައްޓާފައި ދިޔަ ބިއްލޫރި ތަށީގައި ޖެހި ޖެހީނުން ވައްޓައިލާ ތަޅައިލައިފިއެވެ. އެވަގުތު އެތަނުގައި މީހުން މަދު ނަމަވެސް ތިބިއްޔާ ތިބި ބައެއް ބަތޫލްއަށް ނަޒަރު ހުއްޓައިލިއެވެ. ގަތް ލަދާއެކުއެކީ އައި ރުޅީގައި ބަތޫލް އެތަނުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ބަތޫލްއަށް ގޮވަމުން އެކުވެރިޔާ ވެސް ފަހަތުން އައެވެ. އޭރު އެތަނުގައި ހުރި ވެރިޓަރު، ވެއްޓި ތެޅުނު ތައްޓަށް ބަލައިލަމުން އެ ދެމީހުން ގޮވަމުން ދިޔައެވެ.

*****

މަގުމަތީގައި ހިނގާފައި ދިޔައިރުވެސް ޒީޝާންއަށް އޭނާގެ ކަރުނަތައް ހުއްޓުވޭ ގޮތެއްނުވިއެވެ.

"ޒީ..." އާރާ އައިސް ޒީޝާންގެ އަތުގައި ކުޑަކޮށް ހިފައްޓައިލަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"އޭނަ ދައްކާ ވާހަކަ އަޑު އަހާނެކަމެއް ނެތް. އެ ވެދާނެ ތި ދެމީހުން ދޭތެރެ ޖައްސަން ދެއްކި ވާހަކައެއްކަމަށް ވެސް" އާރާ ޒީޝާންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"އެކަމަކު... އެރޭ ވެސް...." ޒީޝާން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ. އޭނާ އާރާއަށް ބަލައިލިއެވެ. ޕޭމެންޓްގެ އެއްފަރާތުގައި މަޑުކޮށްލަމުން ދެމީހުން ވެސް ހިނގާ މީހުންނަށް ފުރުސަތު ދިނެވެ.

"ޒީ... އެހާ އަވަހަށް ކޮންކްލޫޝަންއަކަށް ދާކަށް ނުވާނެ އޭ... އޭނަ ދޮގު ހަދަނީ ކަމަށްވެސް ވެދާނެ!" އާރާ ބުނެލިއެވެ.

"އަރްޒަން އަހަރެން ކައިރީ އެރޭ ވެސް ނުބުނޭ!" ޒީޝާންއަށް މިފަހަރުވެސް ކޮށްލެވުނީ ޝަކުވާއެވެ.

"އިހަށް އަރްޒަންއާ ވާހަކަ ދައްކާނީ ޒީ..." އާރާ އަނެއްކާ ވެސް ބުނެލިއެވެ.

"އަދި ދިމާވެ ރައްޓެހިވިތާ މާގިނަ ދުވަހެއްވެސް ނުވެއެއްނު. އަރްޒަންވެސް ބޭނުންވާނެ އޭނާ ބޭނުންވާ ޓްރަސްޓް ބިލްޑް ކުރެވުނީމަ ބުނަން. އެހެންނޫނަސް އަދި ނެތެއްނު ނުބުނެވިފައެއް... ވެދާނެއެއްނު އޭނާއަށް ވެސް ވަގުތުކޮޅެއް ބޭނުންވަނީކަމަށް" އާރާ އެދެމެދަށް ވެރިވި ހިމޭންކަން ފޫދުއްވައިލީ ޒީޝާން އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

އާރާއާ ވާހަކަ ދައްކާލާފައި ހަމަޖެހިލަމުން ޒީޝާން ގެއަށް ގޮސް ނިދަން އޮށޯވެލުމާއެކު، ބަތޫލްގެ ޚިޔާލުތައް އަނެއްކާވެސް އޭނާއަށް އުނދަގޫ ކުރަންފެށިއެވެ. އަރްޒަން ގުޅީވެސް އެހެން އޮއްވައެވެ. ފޯނަށް ބަލަހައްޓައިގެން އޮއްވައި ފޯނު ރިންގް ވެފައި ކެނޑެނީއެވެ. އެއްފަހަރުވެސް ފޯނު ނަގާ ޚިޔާލެއް ޒީޝާން ނުކުރެއެވެ. އަރްޒަން ކައިރިން އެ ވާހަކަ އަހަން ބޭނުންވިޔަސް އޭނާއަށް އެ ހިތްވަރެއް ނުލިބުނެވެ.

*****

މީހަކު ބުނެގެން ކުޑަ ކަމެއްގައި ގޭތެރޭގައި އުޅުނު ޖައުފަރަށް ސިހުން ގެނުވީ ފޯނު ރިންގްގެ އަޑާއެކުއެވެ. އަރާފައިވާ ނަން ފެނި އޭނާގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، ޖައުފަރު އެ ގުޅި މީހާގެ ހާލު އަހުވާލު ބެލިއެވެ.

"އަހަރެން ބޭނުންވަނީ އޭނާ މަރައިލަން" އިރުކޮޅެއްގެ ވާހަކައަކަށްފަހު އެކޮޅުން ބުނެލި ބަސްތައް އިވި ، ހިނދުކޮޅަކަށް ޖައުފަރު މަޑުޖެހިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0