"އަރްޒަން" ވަގުތުން ޝިންޝިނާ ޖަވާބު ދިނެވެ.

"ކަލެއަކަށް އަރްޒަންއެއް ހާސިލްއެއް ނުކުރެވޭނެ!"

"ހަހަހަ..." ޝިންޝިނާ ޖަހައިލީ ހިނިގަނޑެކެވެ. އޭނާ ފިރާޤާ ޖަދަލުކުރަން ބޭނުންވާފަދައެވެ. މިއީ ފަހު ފަހަރުކަން އޭނާއަށް ވެސް އެނގެއެވެ. އޮތީ ކޮންމެވެސް އެއް ގޮތެކެވެ.

ފިރާޤު ރުޅިވެރިކަމާއެކު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ރީތި ގޮތުގައި ކަލޭ ދިޔުމަށް އަހަރެން ފުރުސަތި ދީފިން... އެކަމަކު ދެނެއް ކަލެއަކަށް އިތުރު ފުރުސަތެއް އަހަރެން ނުދޭނަން... ކަލޭގެ ކިބައިން އަހަރެން މި އިންސާނާ ސަލާމަތް ކުރާނަން... " ފިރާޤު އަޑަށް ބާރުލާފައި ބުނެލިއެވެ. ފިރާޤު ކިޔަވަން ފެށިއެވެ.

"ކަލޭމެން އިންސާނުންނަކީ ހާދަ ބޮޑާ ކިބުރުވެރި ބަޔެކޭ ދޯ!" ޝިންޝިނާ ބުނެލިއެވެ.

ޝިންޝިނާ ހަޅޭއްލަވައިގަތީ ފިރާޤު ކިޔެވުން ބާރުކޮށްލުމާ އެކުގައެވެ. އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި އިންތިހާ ވޭންއަޅަން ފެށިއެވެ. އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވި އެންމެ ފަހުން އޭނާ އަރްޒަންގެ ހަށިގަނޑު ދޫކޮށް ފިލަން ބޭނުންވި ނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ހަށިގަނޑު އަނދަމުންދިޔަ ވަގުތު އަޅަން ފެށި ވޭނަށް އޭނާއަށް ކެތެއް ނުކުރެވުނެވެ. ޝިންޝިނާ ހަޅޭއްލަވަން ފެށިއެވެ.

އެވަގުތު އެތަނަށް ފިނި ދުންތަކެއް ފެތުރުގަތް ތަން އެންމެނަށް ވެސް ފެނުނެވެ. އެ ދުންތައްފިނި ނަމަވެސް، ގައިގައި ޖެހުމުން އެހެންފަހަރު ތަނާ ހިލާފަށް އެތަންތަން ހިރުވާ ރަތްވާން ފެށިއެވެ. އެ ދުންތަކުގެ ތެރެއިން އެމީހުންނަށް ވަކި ހިސާބެއްގައި ކަޅު ކުލައިގެ ދުންތަކެއް ހުރިތަން ވެސް ފެނުނެވެ. ފިރާޤު ހުއްޓައިނުލާ ކިޔެވިއެވެ. އޭނާ ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. މިފަހަރު އޭނާ ދޫކުރާނީ އަބަދުގެ އަބަދަށް އެ ޖިންނީގެ ކިބައިން އަރްޒަން ސަލާމަތް ކުރުމަށްފަހުއެވެ.

ޝިންޝިނާ އަނދާ އަޅިއަށްވެގެން ދިޔަތާ މާ ގިނަ އިރެއްނުވެ ކުއްލިއަކަށް، އަރްޒަންގެ ނޭފަތުން ލޭ އަންނަން ފެށިއެވެ. ދެފަހަރަކު ކެއްސައިލުމަށްފަހު އަރްޒަންގެ ޚަބަރު ހުސްވީއެވެ. އެއާއެކު ފިރާޤުގެ ބުނުމަށް އަޔާން އާއި އިރުފާން އާއި ދެމީހުން އަރްޒަންގެ ކައިރިއަށް ޖެހިލިއެވެ. ޖިނާން އަވަސްވެގަތީ އެންބިއުލެންސް އަށް ގުޅުމަށެވެ. ފިރާޤު ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ބޮލުގައި އަތް ޖައްސައިލިއެވެ.

"ހީޒް ބްރީތިން...." އަޔާން ބުނެލިއެވެ. އޭނާ އަރްޒަންގެ ވިންދު ބަލައިލިއެވެ.

"އިޓްސް ވީކް..." އަޔާންއަށް ބަލައިލެވުނީ އެތަނަށް އައިސް ހުއްޓުނު ޒީޝާންއާ ދިމާލަށެވެ.

"ޒޭން...." ޒީޝާންއަށް އަވަސް އަވަހަށް ކަކޫ ޖައްސައިގެން އަރްޒަންގެ ގާތު އިށީނދެވުނެވެ. އޭނާއަށް ރޮވެން ފެށިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔައެވެ.

"ޒީ.. އިޓްސް އޯކޭ... އިންޝާ ﷲ. ދެރަގޮތެއް ނުވާނެ!" އަޔާން މަސައްކަތް ކުރީ ޒީޝާން ހަމައަކަށް އެޅުވޭތޯއެވެ. އެންބިއުލެންސް އައުމާއެކު ލަސްނުކޮށް އަރްޒަން ހޮސްޕިޓަލަށް ގެންދެވުނެވެ.

ތިން ދުވަސް ފަސް

**************

ޒީޝާން އަރްޒަން އޮތް ކޮޓަރީގެ ގޮނޑީގައި މަޑުކޮށްލައިގެން އިންއިރު، އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަރްޒަންގެ މޫނަށެވެ. އެ މޫނުމަތިން އަދިވެސް ފެންނަނީ ވަރުބަލިކަމެވެ. އަރްޒަން ހޭނާރާ އޮންނަތާ ތިން ދުވަސް ވީއެވެ. އަރްޒަންގެ އަތުގައި މަޑުމަޑުން ހިފައްޓައިލި ޒީޝާން އެ އަތަށް ބާރުކޮށްލިއެވެ.

"ޒޭން.. ވޭކް އަޕް... އައި އެމް ވެއިޓިން..." ޒީޝާންއަށް ބުނެވުނެވެ. އޭނާގެ ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް އެކަނިވެސް އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ބަޔާން ކޮށްދެއެވެ. އެ ހިތުގައި އަޅަމުންދިޔަ ވޭން ވެސް މެއެވެ. އިސްޖަހައިލި ޒީޝާން ދެލޮ މަރައިލިއެވެ. އޭނާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ކަންތައްތައް މިހެން ދިމާވާނެކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ؟. އަދިވެސް އޭނާއަށް ވެގެން ދިޔަ ހުރިހާ ކަމެއް ޤަބޫލުކުރަން އުނދަގުލެވެ. އެކަމަކު ވެސް އެއީ ޙަޤީގަތެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިގެންވީ ހަޤީގަތެކެވެ. މީހަކު ހެދި ސިހުރެއްގެ ސަބަބުން އެމީހުން އުފުލަން ޖެހުނު ތަކުލީފުތަކެވެ. އަނެކާގެ ދިިރިއުޅުން ހަލާކުކޮށްލާ ވަރަށް ހިތްތަކުގައި ހަސަދަ ނުވާނެނަމަ ކޮންފަދަ ހެއްޔެވެ؟

އަޔާން އެތެރެއަށް ވަނީވެސް ޒީޝާން އެއިންގޮތަށް އިންދައެވެ. ވިސްނުމަކަށް ގެއްލިފައި އިނުމުން އިތުރު މީހަކު ކޮޓަރިއަށް ވަތްކަމެއް ވެސް އޭނާއަށް ރޭކާނުލިއެވެ.

"ޒީ... އާރ ޔޫ އޯކޭ؟."

ސިހުނީ އަޔާން އައިސް އޭނާގެ ކޮނޑުގައި އަތް ޖައްސައިލާ ވާހަކަ ދެއްކުމާއެކުގައެވެ. އަޔާންއަށް ބަލައިލަމުން ޒީޝާން ބޯ ޖަހައިލިއެވެ. އޭނާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލެވޭތޯ މަސައްކަތް ކުރިއެވެ. ޒީޝާންގެ އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަތައް އަޔާންއަށް ސިރެއް ނުވިއެވެ. އޭގެ އިރުކޮޅެއް ފަހުން ޖިނާން އައިސް ކޮޓަރިތެރެއަށް ވަނެވެ.

"ޒީ...އާރާ ބުނި ޒީ ފޯނު ނުނަގާ ވާހަކަ!" ޖިނާން ބުނެލިއެވެ. ޒީޝާން އޭނާގެ ފޯނު ނަގައި ބަލައިލިއެވެ. އާރާގެ ތިން މިސްކޯލް އޮތެވެ.

"ފޯން ސައިލެންޓް ގައި އޮތީމަ ނޭނގުނީ... " ޒީޝާން ބުނެލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލާ އިސްޖަހައިލިއެވެ.

އޭނާގެ އަތު ތެރޭގައި އޮތް އަރްޒަންގެ އަތަށް ކުޑަ ހަރަކާތެއް އައިހެން ހީވެ، ޒީޝާންއަށް އެދިމާ ބަލައިލެވުނެވެ. އޭނާ އުންމީދާއެކު، އަރްޒަންގެ މޫނަށް ބަލައިލި ނަމަވެސް އަދިވެސް އަރްޒަން އޮތީ ފުން ނިންޖަކުން ނިދާފައެވެ.

"ޑޯންޓް ވޮރީ... ހީ ވިލް ވޭކް އަޕް ސޫން... ޑޮކްޓަރ ވެސް ބުނީ އިތުުރު މައްސަލައެއް ނެތޭ..." އަޔާން ޒީޝާންއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ.

"ޒީ... ރޭ ހަތަރު ދަމުވެސް ގެއަކަށް ނުދަމެއްނު... ޓޭކް ސަމް ރެސްޓް... ގެއަށް ގޮސް އެއްޗެއް ކައިލައިގެން އާދެބަލަ!" އަޔާން އެދުނެވެ.

"ޔާން.. އަހަރެން...."

"ޒީ... އަހަރެން މިތާ މަޑުކޮށްފާނަމޭ..."

"އާރާ އިޒް ކަމިންގް... މިރޭ..." ޒީޝާން އެއްޗެއް ނުބުނެ އިންނަން ފެށުމުން ޖިނާން ބުނެލިއެވެ.

"ޝީޒް ކަމިންގް؟" ޒީޝާންއަށް ބުމަ އަރުވައިލެވުނެވެ. އަޔާން ބޯ ޖަހައިލިއެވެ.

އަޔާންގެ އާދޭސްތަކާއެކު، ގެއަށް ގޮސް އަރާމުކޮށްލަން ޒީޝާން އެއްބަސްވިއެވެ. ގެއަށް ގޮސް އެނދުމަތީގައި އޮށޯއިންތާ މާގިނަ އިރެއްނުވެ އަނެއްކާ އާރާ ގުޅައިފިއެވެ.

"ސޮރީ އާރޫ... ފޯނު އޮތީ ސައިލެންޓަށް ލެވިފައި..." ޒީޝާން ބުނެލިއެވެ.

"އިޓްސް އޯކޭ؟ ޖިނާ ބުނިތަ؟ އަހަރެން ދާ ވާހަކަ..." އާރާ އަހައިލިއެވެ. އެކުވެރިޔާގެ އަޑުގައި ހުރި މަޑުމޮޅިކަމާ މާޔޫސްކަން އާރާއަށް ވެސް ފާހަގަވިއެވެ. މިވަގުތު އެކުވެރިޔާގެ ގާތުގައި ހުންނަން އޭނާ ހުރީ އިންތިހާ ބޭނުންވެފައެވެ.

އާރާއާ އިރުކޮޅަކު ވާހަކަ ދައްކައިލެވުމުން، ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ޒީޝާން ފުންނޭވާ އެއްލިޔެވެ. ﷲ އިރާދަފުޅާއެކު ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއެވެ.

އެ ޖިންނީގެ ކިބައިން އޭނާއާއި އަރްޒަންވެސް ސަލާމަތްވީއެވެ. ދެން އިރާދުރެއްވިއްޔާ އެ ދެމީހުންގެ ޙަޔަތަށް އެފަދަ ހިޔަންޏެއް ނޭޅޭނެއެވެ. ދެން އޮތީ އުފާވެރި ދުވަސްތަކެވެ. ހިންހަމަޖެހުމާއެކީ އުޅެވޭނޭ ދުވަސްތަކެވެ. އޭނާ ﷲ ގެ ހަޟްރަތަށް ދުޢާ ކުރީ ވީ އެންމެ އަވަހަކަށް އަރްޒަންއަށް ޝިފާދެއްވުން އެދިއެވެ.

ޒީޝާން ނިދާލަން ގަސްތުކުރީ ފޯނު ރިންގަށް ލަމުންނެވެ. ކޮންމެ ވަގުތަކުވެސް އޭނާއަށް ހޮސްޕިޓަލުން ކޯލެއް އަތުވެދާނެއެވެ.

ވީވެސް އެހެންނެވެ. ފޯނުގެ ރިންގާއެކު ޒީޝަންއަށް ިސހިފައަ ހޭލެވުނެވެ. ގުޅަނީ އަޔާންއެވެ. އޭނާ ތެދުވެ އާފުރިލުމަށްފަހު، އެނދުގެ ހެޑް ބޯޑުގައި ލެނގިލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ލިބުނު ޚަބަރަކުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަވަސްއަވަހަށް ތައްޔާރުވެލައިގެން އޭނާ ހޮސްޕިޓަލް ދާން ވެގެން ނައްޓައިލިއެވެ. "އަލްޙަމްދު ﷲ"

ހޮސްޕިޓަލަށް ވަދެގެން ދިޔައިރުވެސް އޭނާގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ. އޭނާ ވަނީ ކެތްވަދުވެފައެވެ. އަރްޒަން އޮތް ރޫމާ ހިސާބަށް ދެވުނުއިރު އެ ތަނުގައި ފިރާޤުމެން އެންމެންވެސް ތިއްބެވެ. ތަޅުގައި ހިފުމުގެކުރިން އޭނާ ފުންނޭވާއެއް ލިޔެވެ. މީހާ ވަނީ ފިނި ވެފައެވެ. ހިސާބަކަށް ނުތަނަވަސްވެފައެވެ. އަނެއްކާ އަރްޒަން އޭނާ މަތިން ހަނދާން ހުންނާނޭ ހެއްޔެވެ؟ ތަފާތު ވަސްވާސްތަކުން ވެސް އޭނާއަށް ލިބެމުން ދިޔައީ އިތުރު ހާސްކަމެކެވެ.

މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު، އޭނާ އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރުން ހިނިތުންވެވުނެވެ. އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުނ ނީރާލިއެވެ. އަރްޒަން އޮތީ އޭނާއާ ދިމާލަށް ބަހަލައްޓައިގެންނެވެ. ކައިރީގައި އަޔާން ހުއްޓެވެ.

އަރްޒަން ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އޭނާގެ ބޮލަށް އަދިވެސް ހުރި ބަރުވެފައެވެ. އަތްފައި ހަރަކާތް ކުރާއިރުވެސް ހަށިގަނޑަށް ބަރުކަމެއް އިޙްސާސްކުރެވެއެވެ. ޒީޝާން ގޮސް އަރްޒަންގެ ކައިރީގައި މަޑުކޮށްލުމުން އަޔާން އެތަނުން ދުރަށް ނިކުތުމަށް ހިނގައިގަތެވެ.

"ޒޭން..." ޒީޝާން ވާހަކަ ދެއްކީ އަރްޒަން ނިކުތުމުންެނެވެ.

"އިޒް ދެޓް ޔޫ ޒީ..." އަރްޒަން ޒީޝާންގެ އަތުގައި، ހިފައްޓައިލަމުން އެ އަތުގައި އިން އަނގޮޓިއަށް ބަލަިއލިއެވެ. އެއަށްފަހު އެ އަތަށް ބާރުކޮށްލިއެވެ.

"ޔެސް އިޓްސް މީ ޒޭން... އަިއ މިސްޑް ޔޫ" ޒީޝާން ބުނެލިއެވެ. އަރްޒަންގެ ގައިގައި ބައްދައިލި ޒީޝާން ހިނިތުންވެލިއެވެ.

*****

ރޭގަނޑު ގަޑިން ނުވައެއް ޖަހަނީއެވެ. އަޔާން އާއި ޖިނާން އާ ދެމީހުން ތިބީ އެއާރޕޯޓުގައެވެ. އާރާ އަންނާތީ އާރާ ބަލައިއައިހެވެ.

"ހާދަ ލަސްވެއްޖެޔޭ... ޖިނާން ވެސް ވެއްޖެހަމަ އަހަރެން ގޮވައިގެން އަންނަން... ނިދި އައިސް ހަލާކުވޭއެބަ." އާފުރިލަމުން އަޔާން ބުނެލިއެވެ. އޭނާ އުޅުނީ ރޭގަވެސް ނުނިދައެވެ.

"ހަހަ..." ޖިނާން ޖަހައިލީ ހިނިގަނޑެކެވެ.

"އާރޫ ގޮވައިގެން ގޮސް ދެން ހަތަރު ދަމު ނިދާނީ އޭ..." ޖިނާން ބުނެލިއެވެ.

"އެނީވޭސް... ފްލައިޓް ލޭންޑެޑް...ލެޓްސް ގޯ...." ެތަނުގައި ހުރި ޓީވީއަށް ނަޒަރު ހުއްޓައިލާ އަޔާން ތެދުވަމުން ބުނެލިއެވެ.

އެރައިވަލް ގޭޓުން އާރާގެ ފަހަތުން ނުކުތް ރައުދާ ފެނި އަޔާންއަށް ހައިރާންކަން ލިބުނެވެ. އޭނާއަށް ބަލައިލެވުނީ ޖިނާންއަށެެވެ. ޖިނާން އެވަރަކުން އޭނާ ގެންނަން އުޅުނީ ރައުދާ އަންނާތީ ހެއްޔެވެ؟ ޖިނާން ދެކޮނޑު އަރުވައިލިއެވެ. އޭނާ ކަމެއް އެނގޭކަމަކަށް ނުހެދިއެވެ.

އަޔާން ފެނި ރައުދާއަށް ވެސް ވީ އެވަރެވެ. އެތަނުގައި އަޔާން ހުންނާނެކަމަށް އޭނާއަކަށް ނޭނގެއެވެ. އާރާވެސް ބުނީ ޖިނާންގެ ވާހަކަ އެކަނި ވިއްޔާއެވެ.

ފެހި ކުލައިގެ އަތްކުރު ޓީޝާޓަކާއި، ކަޅު ކުލައިގެ ޖީންސް އެއްގައި އަޔާން ހުރިއިރު އެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. އެހާ ދުވަސްފަހުން އަޔާން ފެނުމުން ރައުދާގެ ހިތުގެ ތެޅުމަށްވެސް އެނގުންވިއެވެ. ހިތުގެ ތެޅުން ބާރުވެ އިންތިހާ ބާރުމިނުގައި ތެޅެންފެށިއެވެ. އަތް ފައިވެސް ފިނިވިއެވެ. އަޔާންއަށް ވެސްވީ އެވަރެވެ. އޭނާއަށް ވެސް ކަޅި ޖަހައިނުލާ ރައުދާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ދެމެދުގައި އަދިވެސް ލޯބިވާކަން އެ ދެމީހުންގެ ލޮލަށް ބަލައިލުމުން އެކަނިވެސް އެނގެއެވެ.

އަޔާންއަށް ހަމަހޭވެރިކަން ވީ ޖިނާން އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ.

"ރައުދާގެ ފޮށި ހިފައިގެން އާދެބަލަ މި އެއްޗެހި އަރުވަން..." ޖިނާން ބުނެލިއެވެ. އަޔާން ބޯ ޖަހައިލިއެވެ. ކާރުގައި ގެއަށްދިޔަ ދިޔުމުގައިވެސް ރައުދާއާ އަޔާން އާ ދެމެދު ވެރިވެފައިވަނީ ނުތަނަވަސްކަމެވެ. އަޔާންވެސް އިނީ ފާޑަކަށް ބަސް ހުއްޓިފައެވެ. އާރާ އާ ޖިނާން އާ ދެމީހުން ބުނެލާ އެއްޗަކަށް އާނ ހޫން ކިޔައިލުން ފިޔަވާ އިތުރު އެއްޗެކޭ ދެމީހުން ކުރެ އެކަކުވެސް ނުބުނެއެވެ. އާރާ އާއި ޖިނާންއާ ދެމީހުންނަށް އެކަމުން ލިބުނީ އިތުރު ފޯރި އެކެވެ. އެ ދެމީހުން އެކި އެކި ވާހަކަ ތައް ދައްކަމުން ދިޔައީ އެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ބޯ ފާރު ނައްތައިލުމުގެ ބޭނުމުގައެވެ.

ގެއާ ހިސާބަށް އާދެވުމުން ރައުދާ އާއި އާާރާ އާ ދެމީހުން ކާރުން ފޭބިއެވެ.

"ވަރަށް ވަރުބަލި. ހަމަ އެދާ ގޮތަށް ގޮސް ނިދާލާ ހިތްވަނީ... ކޮބާތަ ޒީ؟ ހޮސްޕިޓަލުގައި ދޯ ވާނީ... " އާރާ ބުނެލިއެވެ.

"ރެސްޓް ކޮށްލާފަ މާދަމާ ހޮސްޕިޓަލަށް ދަމާ..." އަޔާން ބުނެލިއެވެ. އެ ގޮތް ޖިނާންއަށް ވެސް ކަމުދިޔައެވެ.

"ނޫން... ގޮސްލާފަ އައިސް ރެސްޓް ކޮށްލާނީ ދޯ ރައު... " އާރާ ދެކޮޅުހެދިއެވެ. އޭނާ ބޭނުންވަނީ އެކުވެރިޔާ ދެކިލަން ދާށެވެ. ރައުދާ ބޯ އަނބުރާ ކަމަށް ބުނުމުން އާރާ ބުނީ ރައުދާއަރާމު ކޮށްލުމަށެވެ އޭނާ ނިދާނީ އަރްޒަން ކައިރިއަށް ހޮސްޕިޓަލަށް ގޮސް އައިސް ކަމުގައެވެ.

" ޔާން... ޔާން މިރޭ މިކޮޅުގައި މަޑުކޮށްލާ! އަހަރެން އަންނާނަން އާރާ ގޮވައިގެން ހޮސްޕިޓަަލަށް ގޮސްފަ..." ޖިނާން ބުނެލިއެވެ. އާރާ ބޯ ޖަހައިލިއެވެ.

"އައި މިސްޑް ޔޫ ބޭބީ..." އާރާގެ އަތުގައި ހިފައިލަމުން ގޭޓުން ނުކުމެލަމުން، އާރާގެ ކަންފަތް ދޮށަށް ގުދެވެލާ ޖިނާން ބުނެލިއެވެ. އާރާވެސް ހިނިތުންވެލަމުން އޭނާވެސް ޖިނާން މަތިން ހަނދާންވާ ކަމުގައި ބުނެލިއެވެ.

"އަހަރެމެންގެ ހަނީމޫންއަކަށް ވާނީ އެހެންވީމަ މިރަށް ދޯ... ހެހެ" ޖިނާން އެއްލޯ މަރައިލިއެވެ.

"ސާބަހޭ ޖިނާ..." އާރާވެސް މަޖާވިއެވެ.

*****

ރައުދާ ގޮވައިގެން ގޭތެރެއަށް ވަނުމަށްފަހު، ރައުދާއަށް ޚާއްސަކޮށްފައިވާ ކޮޓަރި އަޔާން ދައްކައިލިއެވެ. އެއަށްފަހު ކޮޓަރިއަށް ފޮށިތައް ވައްދައިލިޔެވެ. ރައުދާ އެތެރެއަށް ވަނުމުން އަޔާން މަޑުކޮށްލީ ސޯފާގައެވެ.

"ރައުދާ އާރާ އާއެކު އައުމުން އޭނާގެ ހިތަށް ތަފާތު ސުވާލުތައް ވެރިވަމުން ދިޔައެވެ. ކަމާލު ކޮބައިހެއްޔެވެ؟ ރައުދާ މިކޮޅަށް އަންނަންވީ ކީއްވެހެއްޔެވެ؟ "އަނެއްކާ އެދެމެދު... ނޫން ނޫން..."

އޭނާއަށް އިތުރު ހައިރާންކަމެއް ގެނުވީ ރައުދާ ކޮޓަރިން ނުކުމެގެން އައިސް އޭނާގެ ކުރިމައްޗަށް ހުރި ސޯފާގައި އިށީނުމާ އެކުގައެވެ.

ރައުދާ އައީ ހިތްވަރު ކޮށްފައި އަޔާން އާ ވާހަކަ ދައްކަން ނަމަވެސް، އަޔާން އޭނާއާ ދިމާލަށް ބަލަން އިންތަން ފެނި އަރުބެދޭގޮތްވިއެވެ. މީހާ ފިނިވެ ވާހަކަ ދައްކަން ހުޅުވައިލި އަނގަ ވެސް ލައްޕައިލަން މަޖުބޫރުވީ އެހެން ވެއެވެ. އަޔާންއަށް ވެސް ވީއެވަރެވެ. ރައުދާ އެއްޗެއް ބުނަން އުޅޭހެން ހީވެ އަޔާންވެސް އެއްޗެއް ބުނަން ފަސް ޖެހުނެވެ.

"ޔާން... " އެންމެ ފަހުން ހިތްވަރުކޮށްފައި ރައުދާ ވާހަކަ ދައްކަން ފެށިއެވެ. އަޔާން އޭނާގެ ބުމަ އަރުވައިލިއެވެ. އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ރައުދާ އެއްޗެއް ނުބުނުމުން އެދެމެދަށް ވެރިވި ހަމަހިމޭންކަމުގެ ސަބަބުން އުނދަގޫވެ އިނދެ އަޔާންރައުދާ އާ ނަޒަރު ވަކިކޮށްލަމުން ފޯނާ ކުޅެން ފެށިއެވެ.

"އައި އެމް ޑިވޯރސްޑް..."

ކުއްލިއަކަށް ރައުދާ ބުނެލި ވާހަކައިން އަޔާން އަށް ސިހުން ލިބުނެވެ. އޭނާއަށް ހަދާލެވުނު ގޮތުން ފޯނުވެސް އަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އޭނާއަށް ކީކޭ ހޭވެސް އަހައިލެވުނެވެ.

"ޔެސް ޔާން... އަހަރެން ކަމާލު ގާތުން ވަރިވެއްޖެއިން..." ރައުދާ އޭނާ ބުނި ވާހަކަ ތަކުރާރު ކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓް 0