އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އޭނާގެ ނަޒަރު ޒީޝާންގެ ފަހަތުގައި ހުއްޓިގެން ހުރި ސޫރަ ފެނި މީހާގެ ނަފުސު ހަރުކަށި ވެގެން ދިޔަ އެވެ. އެއާއެކު އޭނާގެ ތުންފަތް މަތީގައި ވި ހިނިތުންވުން ފަނޑުވިއެވެ. އަރްޒަން މާ ވަރަށް އޭނާގެ ފަހަތަށް ބަލަން ފެށުމުން ޒީޝާންއަށް ވެސް މޫނު އަނބުރައިލާ އެ ދިމާލަށް ބަލައިލެވުނެވެ.

އެތެރެއަށް ވަދެގެން އައީ ބަތޫލްއެވެ. ޓީވީ ޕްރޮގްރާމްތަކުން ފެންނާތީ އެއީ ކާކުކަން ޒީޝާންއަށް އެނގެއެވެ. އަނެއްކޮޅުން އަރްޒަންގެ އިންޓަރިވިއު ނެގި ޕްރޮގްރާމް ވެސް ހުށައަޅައިދެނީ ބަތޫލްއެވެ.

ޔަޤީން ކޮށްލުމުގެ ގޮތުން އަދިވެސް އެއްފަހަރު އަރްޒަންއަށް ބަލައިލުމަށްފަހު, އޭނާ ބަތޫލްއާ ދިމާލަށް ބަލައިލިއެވެ. އަރްޒަންގެ ނަޒަރު ހުއްޓިފައިވަނީ, ބަތޫލް އަށެވެ. އޭނާގެ އަތުގައި ހިފައްޓާފައިވާ އަރްޒަންގެ އަތަށް އެ ހިނދު ކުޑަ ދޫކަމެއް ވެރިވެގެން ދިޔަކަން ޒީޝާންއަށް އެނގުނެވެ. އަރްޒަންގެ

މޫނުމަތީގައި ޒީޝާން އޭނާގެ އަތް ހޫރުވައިލިއެވެ.

ހަމަހޭވެރިކަންވި އަރްޒަންއަށް ސިހިފައި, ޒީޝާންއަށް ބަލައިލެވުނެވެ. ހަމަޖެހެން މަސައްކަތް ކުރަމުން އޭނާ ފެންތަށިން އެތި ފޮދެއް ބޮއިލިއެވެ.

"އެއީ އަރްޒަންގެ އިންޓަރވިއު ނެގި ޕްރޮގްރާމް ހުށައަޅައިދިން ކުއްޖާ ދޯ!" ޒީޝާން އަހައިލިއެވެ.

ޒީޝާންއަށް ބަލައިލަމުން އަރްޒަން މަސައްކަތް ކުރީ، މޫނުމައްޗަށް ވެރިވެފައިވާ އަސަރުތައް ފޮރުވައިލެވޭތޯއެވެ. އޭނާ ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިއެވެ.

އެކީގައި އައި އެކުވެރިޔާ އެތެރޭން ދިމާވި މީހަކާ ވާހަކަ ދައްކަން ފެށުމުން ބަތޫލް ވަށައިގެން އެ މާހައުލަށް ބަލައިލިއެވެ. އެއްލި ކަޅިއަކުން އޭނާއަށް ވެސް އަރްޒަން ފެނިއްޖެއެވެ. ހައިރާންކަން ވެރިވީ އަރްޒަން އަންހެން ކުއްޖަކާ އެކު އެ ތަނުގައި އިނީތީއެވެ. ތަފާތު އެކިއެކި ސުވާލުތަކުން އޭނާގެ ސިކުނޑި ފުނިޖެހެން ފެށިއެވެ. އަރްޒަން އަނެއްކާ މީހަކާ އިނީހެއްޔެވެ؟ އެއީ އަރްޒަންގެ އަންހެނުން ހެއްޔެވެ؟ ނޫނީ އަރްޒަން ރައްޓެހިވެގެން އުޅޭ ކުއްޖާ ހެއްޔެވެ؟ އަރްޒަން ވަނީ އޭނާގެ މަތިން ހަނދާން ނައްތާލާފައިހެއްޔެވެ؟

އެހެން ހިތަށް އެރުމުން މެއަށް ހިސާބަކަށް ފިނިވިއެވެ. އެ ކުއްޖާގެ އަތުގައި ހިފައްޓާފައިވާ އަރްޒަންގެ އަތަށް ނަޒަރު ހުއްޓުނު ބަތޫލްއަށް އަރްޒަންއާ އެ އަންހެން ކުއްޖާއާ ދެމެދު އެފަދަ ކޮންމެވެސް ގުޅުމެއް އޮތް ކަމުގައި ޔަޤީން ކުރެވުނެވެ. އަރްޒަންއާ ބަތޫލްގެ ހަތަރު ކަޅި ބައްދަލުވި ވަގުތު އަނެއްކާ ވެސް އަރްޒަންއަށް ޒީޝާންގެ އަތަށް އިތުރު ލިޔެއް ދެވުނެވެ.

އެއާއެކު ޒީޝާންއަށް އަނެއްކާ ވެސް އަރްޒަންއާ ދިމާލަށް ބަލައިލެވުނެވެ.

"އަރްޒަން!" ޒީޝާން އަރްޒަންއަށް ގޮވައިލިއެވެ. ފަހަތް ބަލައިލުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ. އަރްޒަންގެ ނަފުސަށް ވެރިވެފައިވާ ނުތަނަވަސްކަން ޚުދު ޒީޝާންއަށް ވެސް ފާހަގަ ކުރެވުނެވެ. ބަތޫލް ފެނިގެން އެފަދަ ބަދަލެއް އަރްޒަންއަށް އަންނަން ޖެހޭ އެއްވެސް ސަބަބެއް ޒީޝާންއަކަށް ނޭނގުނެވެ.

އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ވެއިޓަރު ކާ އެއްޗެހި ގެނެސްދިނެވެ. އަރްޒަން މީހާ ހަމައަކަށް އަޅުވައިލަމުން ޒީޝާންއަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ. ބަތޫލް އަކީ އޭނާގެ މާޒީއެވެ. އޭނާގެ މާޒީގެ ހިޔަނި އެއްގޮތަކަށް ވެސް އޭނާގެ މުސްތަގްބަލަށް އެޅޭކަށް އަރްޒަން ބޭނުމެއްނޫނެވެ. ބޭނުންވަނީ އާ ފެށުކަމުން ފަށާށެވެ. ޒީޝާންއާއެކު އާ އުފާވެރިކަމެއް ޙަޔާތަށް ހޯދާށެވެ. ބަތޫލްގެ ސަބަބުން ލިބުނު އަނިޔާތައް އޭނާގެ ހިތުން ފުހެލާށެވެ. ޒީޝާންއަށް އިތުބާރު ކުރާށެވެ.

*****

ނިދިފައި އޮތް އަޔާންއަށް ހޭލެވުނު އިރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ކައިރީގައި ރައުދާ ނެތުމުން ތެދުވެ ހެޑް ބޯޑުގައި ލެނގިލި އަޔާންއަށް ސިހުން ގެނުވީ ފާހާނާ ތެރެއިން އިވުނު ހަޅާކުގެ އަޑާއެކުގައެވެ.

ރަޖާ ގަޔާ ދުރުކޮށްލަމުން އޭނާއަށް އަވަސްއަވަހަށް އެނދުން ތެދުވެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި، ފާހާނާ ދޮރާ ހިސާބަށް ދެވުނު އިރު ރައުދާ ނުކުންނަނީއެވެ.

ރައުދާގެ ދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް ފެނި އަޔާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރައުދާގެ އެއް އަތް ވަނީ ބަނޑުގައި އަޅައިލެވިފައެވެ. އަނެއް އަތުން އޭނާ ހުރީ ފާހާނާ ދޮރުގައި ހިފައްޓައިގެންނެވެ.

"ކިހިނެއްވީ ރައު؟" އެހާލަތުގައި އަނބިމީހާ ވާތަން ފެނި އޭނާއަށް އަހައިލެވުނެވެ. އެއަޑުގައި ވަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

"އަޔާން... އަހަންނަށް ހީވަނީ... " ތަދުވާވަރުން ރައުދާއަށް ވާހަކައެއް ނުދެއްކެއެވެ. ދެވަނަ ފަހަރު ވެސް ވާހަކަ ދައްކަން އަނގަ ހުޅުވާލާފައި ރައުދާ މަޑުޖެހިލަމުން ތުންފަތުގައި ދަތް އަޅައިލީ، ވަމުންދިޔަ ތަދަށް ކެތް ނުކުރެވުމުންނެވެ. މުޅި ބަނޑުން އާދަޔާ ޚިލާފަށް ދިލަ ވެސް ނަގަނީއެވެ. އެއާ އެއްވަރަށް ތޫނު ރިހުމެއް މުޅި ބަނޑުގައި ހުރި އިރު އޭނާއަށް ކޮޅަށް ހުންނަން ވެސް ދަތިވަނީއެވެ.

"އަޔާން...." އަޔާންއަށް ގޮވައިލަމުން ރައުދާއަށް ކުޑަކޮށް ގުދުވެވުނެވެ. ރައުދާގެ ކޮނޑުގައި ހިފައްޓަމުން އަޔާން މަޑުމަޑުން ރައުދާ ފާހާނާ ތެރެއިން ނެރުނެވެ.

ކަންތައް ކުރަންވީ ގޮތް ނޭނގުމާއެކު އޭނާ އަވަސްވެގަތީ މަންމައަށް ގޮވަން ދާށެވެ. އަޔާން ހަމަ ހިނގައިގަތުމާއެކު، ރައުދާ އަޔާންގެ އަތުގައި ހިފެއްޓިއެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ.

"އަޔާން... ނުދޭ" ރައުދާއަށް ބުނެވުނެވެ.

"މަންމާ... މަންމާ" އަޔާންއަށް ބާރަށް ގޮވައިލެވުނެވެ. އޭނާ ރައުދާގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ކިހިނެއްވަނީ ރައު؟" ދެވަނަ ފަހަރު ވެސް އަޔާންއަށް ސުވާލު ކޮށްލެވުނެވެ.

"މަންމާ" އަޔާންގެ މަންމަ ނިއުމާ އައުން ލަސްވުމާއެކު، އަނެއްކާވެސް އަޔާންއަށް ބާރަށް ގޮވައިލެވުނެވެ.

"ކިހިނެއްވީ ދަރިފުޅާ؟... މަންމަ ފާހާނައިގައޭ އުޅުނީ" އެތެރެއަށް ވަންނަމުން ނިއުމާ ސުވާލުކޮށްލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ލޮލުގައި ރައުދާ އަޅައިގަތުމާއެކު، އެ ދިމާލަށް ދެވުނެވެ.

"ރައު... ކިހިނެއްވީ ދަރިފުޅާ؟" އޭނާއަށް ހާސްކަމާއެކު އަހައިލެވުނެވެ. ވީ ގޮތް އެނގުމާއެކު، އެ މޫނުމަތި ކުޑަކޮށް ބަނަވިއެވެ. ދެރަވެ ފެން ކަޅި ވިއެވެ. އެހެންނަމަވެސް ހިތްވަރު ކުރަމުން އޭނާ އަޔާން ގާތުން އެދުނީ އެންބިއުލަންސަށް ގުޅުމަށެވެ.

އެނދުގެ ސައިޑް ކަބަޑު މަތީގައި އޮތް ފޯނު ނަގާ އަޔާން، އެންބިއުލަންސް އަށް ގުޅަން އަވަސްވެގަތެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމާއި ހިތާމައިގެ އަސަރެވެ.

އެންބިއުލެންސް އައުމާއެކު ރައުދާ ހޮސްޕިޓަލަށް ގެންދެވުނެވެ. ގައިނީ އެމަރޖެންސީ ބައިގައި ރައުދާއަށް ފަރުވާދެވެން ފެށުނެވެ. ގައިގަނޑަކަށް ތިރީސް މިނިޓް ފަހުން ޑޮކްޓަރު ނުކުމެ ދިން ހަބަރާއެކު، އަޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުމާއެކު ގޮނޑީގައި އިށީނދެވުނެވެ.

އޭނާއަށް ނިތްކުރީގައި ފިރުމައިލެވުނެވެ. ނިއުމާއަށް ވެސް އެ ޚަބަރާއެކު އަޔާންގެ އެއްފަރާތު ގޮނޑީގައި އިށީނދެ އެ ދަރިފުޅުގެ ކޮނޑުގައި ފިރުމައިލެވުނެވެ.

އެތެރެއަށް ވަންނަން ހުއްދަ ދިނުމާއެކު، ދެމީހުން އެތެރެއަށް ވަނެވެ. ލޯ މަރާލައިގެން އޮތް ރައުދާގެ މޫނުމަތިން ފެންނަނީ ވަރު ބަލި ކަމެވެ. ކުޑަކޮށް ނިދިފައި އޮތްއިރު ވެސް އެ މޫނުމަތީގައި ވި މައުސޫމް ކަމާއި މަޑުމޮޅިކަން ސިއްރެއް ނުވެއެވެ.

އަޔާން ގޮނޑީގައި އިށީނދެލިއެވެ. ނިއުމާ އިށީނީ އެނދުގެ އެއްފަރާތުގައެވެ. އޭނާ ރައުދާގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. މަންމަ އެތެރޭގައި ބައިންދާފައި އަޔާން ބޭރަށް ނުކުމެލީ ފެންފުޅިއެއް ގަންނަން ދާށެވެ. އަޔާން ކެންޓީނާ ދިމާލަށް ހިނގައިގަންނަމުން ، އަރްޒަންއަށް ގުޅައިލި އެވެ.

*****

ކެއުން ކުރިއަށް ދިޔައިރު ދެމެދުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވާހެން ހީވެ އަރްޒަން ބެލީ އެ ނުތަނަވަސްކަން ދުރުކޮށްލެވޭ ތޯއެވެ. އޭނާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ޒީޝާން ވެސް އަރްޒަންއާ އެއްބައިވިއެވެ.

ކައިނިމިގެން ބިލް ދައްކާފައި ތެދުވިތަނާ އަރްޒަންގެ ފޯނު ރިންގްވިއެވެ. އަޔާންގެ ނަން ފެނި އޭނާ ޒީޝާންއަށް ބަލައިލަމުން ފޯނު ނެގިއެވެ. ދެމީހުން އެކުގައި ހިނގައިގަތް އިރުވެސް ބަތޫލްގެ ނަޒަރު ހުރީ އެ ދެމީހުންނަށް ހުއްޓިފައެވެ. ބަތޫލްއާ ހިސާބަށް އަރާ ހަމަވެފައި އަރްޒަން ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ.

ބަތޫލް މޫނު އަނބުރައިލީ އަނެއް ފަރާތަށެވެ. އަރްޒަންގެ އެ އަމަލުން އޭނާއަށް އުނދަގޫވިއެވެ.

"އޭތް އޭތް ބަތޫލް! އަދިވެސް އޭނައާ މެދު ހިތުގައި އިޙްސާސްތަކެއް ވަނީތަ؟ އެ މަންޒަރު ފެނި ހާދަ ގޮތެކޭ ތިވަނީ؟ އަނެއްކާ ފިރިމީހާއަށް ވުރެ ބޮޑަށް އަދިވެސް އަރްޒަން ދެކެތަ ލޯބިވަނީ؟" ގާތުގައި އިން އެކުވެރިޔާ ބަތޫލްއަށް ބަލައިލަމުން ހެވިފައި ސުވާލުކޮށްލިއެވެ.

"އަހަންނެއް ނޫޅެން" ބަތޫލް ނުވާކަމަށް ހެދުނުނަމަވެސް އަރްޒަން ކައިރީގައި އެ ހުރި އަންހެން ކުއްޖާއާ މެދު އޭނާގެ ހިތުގައި ނަފުރަތުގެ ހުޅުކޮޅެއް ރޯވިއެވެ. ފިރިމީހާއާ ދެމީހުން މައްސަލަތައް ޖެހި މިހާރު އޮތީ ވަރި ފަށަށް އަރާފައެވެ. އެކަމާ ވެސް ބަތޫލް ހުންނަނީ ބޯ ގޮވާފައެވެ. އަރްޒަން ދޫކޮށްލެވުނު ކަމުގެ މޮޔަ ބައެއް ފަހަރު ހިތަށް އަރަނީ އެހެން ވީމައެވެ.

*****

"އަޔާންގެ ވައިފްގެ ބޭބީ އެބޯޓް ވީ..." އަރްޒަން ނުކުމެފައި ޒީޝާންއަށް ބަލައިލަމުން ބުނެލި އެވެ.

"ހާދަ ދެރައޭ! ހައު އިޒް ޝީ؟" ޒީޝާން އަށް އަހައިލެވުނެވެ.

"އޯކޭ އޭ ބުނީ! ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ" އަރްޒަން ބުނެލިއެވެ.

"އެހެންތަ؟ އައި ތިންކް ޔޫ ޝުޑް ގޯ ކަންނޭގެ. އަޔާން ބޭނުންވާނެއެއްނު ސަޕޯޓް! އެންމެ ގާތް އެކުވެރިޔާ ކައިރީގައި ކަންތައްތައް ޝެއަރ ކޮށްލަން ފަސޭހަ ވާނެ ކަންނޭގެ! މި ބުނީ އަޔާންގެ ފީލިންގްސްތައް" ޒީޝާން އަރްޒަން އަތަށް ބާރުކޮށްލިއެވެ.

"ޒީ ގެއަށްލާފަ ދެން ދާނީ މާލެއަށް... ގޮސް ޔާން ވައިފް ކައިރިއަށް ވަދެލާފަ އަންނާނީ" އަރްޒަން ބުނެލިއެވެ. ދެމީހުން އެކުގައި ކާރަށް އަރަން ދިޔައިރު ވެސް ލޯގަނޑުން ބަތޫލް އެ ދެމީހުންނަށް ބަލަހައްޓައިގެން އިނެވެ.

"އަހަރެންގެ ލޯތްބަށް ސަލާން ޖެހި އަރްޒަންތަ އެއީ... ހީވެސްނުވޭ! އޭނައަށް ހާދަ ބޮޑު ބަދަލެކޭ!" ބަތޫލްއަށް އަމިއްލަ ހިތާ ވާހަކަ ދެކެވުނެވެ. އަރްޒަން އޭނާ ނޫން އެހެން މީހަކާ އެ ނަޒަރިއްޔާތުން ބަލަން ފެށިކަން އެނގި އެކަމުން އޭނާއަށް އާދަޔާ ހިލާފް އުނދަގުލެއްވިއެވެ.

އެކަމަކު ކީއްވެހެއްޔެވެ؟ އަރްޒަން ދޫކޮށްލީ ވެސް ބަތޫލްއެވެ. އަރްޒަން ނިކަމެތި ވީތީއެވެ. އަރްޒަން ކުޑަކުދިންގެ ހިޔާގައި އުޅެ ބޮޑުވީތީއެވެ. ވީއިރު މިއަދު އަރްޒަން އެހެން މީހަކާއެކީ ފެނުމުން އޭނާއަށް އެހާ އުނދަގޫވާންވީ ކީއްވެހެއްޔެވެ؟.

*****

ކާރާ ހިސާބަށް ގޮސްފައި އަރްޒަން ޒީޝާން އާ ކުރިމަތިލިއެވެ.

"އައި ރިއަލީ ލައިކް ޔޫ... އަހަރެން ދޫކޮށްލާފައި ނުދައްޗޭ! " އަރްޒަންގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ.

ޒީޝާންއަށް އަވަސް އަވަހަށް ބޯ ޖަހައިލެވުނެވެ. އޭނާ އަރްޒަންއަށް ޔަޤީންކަން ދޭން ބޭނުންވާފަދައެވެ.

ޒީޝާން ގެއަށް ލާފައި އަރްޒަން ދިޔައީ މާލެއަށެވެ. ހޮސްޕިޓަލަށް ގޮސް ރޫމަށް ވަތްއިރު ވެސް ރައުދާއަށް އޮތީ ނިދިފައެވެ. ނިއުމާ ވެސް އިނުމާއެކު އަޔާންއާ އަރްޒަންއާ ދެމީހުން ކޮފީއަށް ކެންޓީނަށް ގޮސްލީ އަޔާން އަރްޒަންއާ ވާހަކަ ދައްކައިލަން ބޭނުންވެފައި ހުރީތީ އެވެ.

ކެންޓީނުގައި ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނދެލަމުން ދެމީހުން ވެސް އޯޑަރު ދިނީ ކޮފީއަކަށެވެ. އަޔާން ވާހަކަ ފެށީ އޭނާއާއި ރައުދާއާ ދެމެދުގައި އުފެދިގެން އުޅޭ ދުރުކަމުގެ ވާހަކައިންނެވެ. އެ ދެމެދުގައި އޮތް ގުޅުން ދުވަހަކު ހީނަރުނުވާވަރަށް ހީނަރުވެފައިވާކަމަށް އަޔާން ބުންޏެވެ. ސަބަބު ޚުދު އޭނާއަށް ވެސް ނޭނގޭ ކަމުގައެވެ. އެކަމުގެ ސަބަބުން އެކުގައި އުޅެން ބައެއްފަހަރު ފޫހިވާ ކަމުގައެވެ. އުނދަގޫވާ ކަމުގައެވެ. އޭނާ ރައުދާއާ ކައިވެނި ކުރީ ވަރަށް ލޯބިންކަމުގައި އަޔާން ބުންޏެވެ.

"އެކަމަކު އަހަންނަކަށް ނޭނގެ! ނޭނގޭ އުނދަގުލެއް ވަނީ. ދެމީހުންނަށް ރަނގަޅަށް އަނގައިން ބުނެވެނީއެއް ނޫން. ދެމެދުގައި ނޭނގޭ ދުރުކަމެއް އުފެދިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ!" އަޔާން ފުން ނޭވާއެއް ދޫކޮށްލަމުން ހިންދެމިލިއެވެ.

"ވެދާނެ އެއްނު ރައު ޕްރެގް ވީމަ ހޯމޯންސް އަށް އަންނަ ބަދަލާއެކު، ރައުގެ މިޒާޖުވެސް ބަދަލު ވަނީ ކަމަށް." ވިސްނައިލަމުންް އަރްޒަން ވާހަކަ ދެއްކިއެވެ.

"އަހަރެން ވެސް ވިސްނީމޭ ތިހެން. އެކަމަކު އެހާ ބޮޑު ބަދަލެއް ހަމަ އަތުވެދާނެބާއޭ ހިތަށް އަރަނީ" އަޔާންއަށް އަދިވެސް ވިސްނެނީއެވެ.

"އަނެއްކާ މިކަމެއް ދިމާވީ ވެސް، ދެމީހުންނަށް ރަނގަޅަށް ވާހަކަދައްކައި ނުލެވި އުޅެނިކޮށް" އަޔާން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

އަޔާންގެ ވާހަކަތައް ހުރިގޮތުން އަޔާން ކޮންމެވެސް ވަރަކަށް އޭނާގެ ނަފުސު ވެސް ކުށްވެރި ކުރާ ކަން އަރްޒަން ދެނެގަތެވެ. އޭނާ އަޔާންއަށް ވިސްނައިދިނީ އެއީ އަޔާންގެ ކުށެއް ނޫން ކަމުގައެވެ. ދެމީހުން ވާހަކަ ދައްކައިލާ މައްސަލަ ހައްލުކުރުމަށެވެ.

އެކުވެރިޔާއާ ކަންތައްތައް ހިއްސާ ކުރެވުމުން ހައްޓަށް ލުއިކަމެއް އިހްސާސްވި އަޔާން ހިނިތުންވެލިއެވެ. ކޮފީބޮއި ނިންމާލައިގެން އިރުކޮޅަކު ދެމީހުން އެކިއެކި ވާހަކަތަކުގައި ތިއްބެވެ.

އެ ވާހަކަތަކުގެ ތެރެއިން އަރްޒަން މިރޭ އޭނާ ޒީޝާން ގޮވައިގެން ރެސްޓޯރެންޓަކަށް ކާންދިޔަ ވާހަކަ ކިޔައިދިނެވެ.

"އެންމެ ފަހުން ކާމިޔާބުކުރީ ދޯ ޒީޝާން!" އަޔާންގެ ކައިރިއަށް ހިސާބަކަށް ހިނި އައެވެ. އަރްޒަން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ބައިދަވޭ ސޮރީ އިނގޭ"

"ކޮންކަމަކަށް؟" އަރްޒަން އަހައިލިއެވެ. "

އަހަރެންގެ އަންހެނުން ބާއްވައިގެން ގުޅުނީމަ ޑިނަރ ޚަރާބުވީ" . އަޔާން ބުނެލިއެވެ.

"އިޓްސް އޯކޭ. އެވަރު ކަމެއް ނޫން" އަރްޒަން ބުނެލިއެވެ. އިރުކޮޅަކުން ރައުދާ ހޭލައިގެން އަޔާންގެ މަންމަ ގުޅުމުން ދެމީހުންވެސް ދިޔައީ ރައުދާއޮތް ރޫމަށެވެ. ރައުދާއަށް ގޮވާލާފައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު، އަރްޒަން ވެސް ގެއަށް ދާންވެގެން ނުކުތީ މާދަމާ އޭނާގެ ޑިއުޓީ އޮތީތީއާ ވެސް އެކުގައި ތަންކޮޅެއް ކުރިން ނިދާލަން ބޭނުންވެފައި ހުރުމުންނެވެ.

ގެއަށް ގޮސް ނިދުމުގެ ކުރިން އަރްޒަން ޒީޝާންއަށް ގުޅައިލިއެވެ. ފޯނު ބޭއްވީ އިރުކޮޅަކު ވާހަކަ ދައްކައިލަން ތިބެފައެވެ. ޒީޝާންގެ ފްލައިޓް އޮތީ މާދަމާ ރެއެވެ.

*****

ޖެހިގެން އައި ދުވަހުގެ ފްލައިޓަށް ދާންވެގެން ޒީޝާން ގެއިން ނުކުތީ ރޭގަނޑު ހަތެއްޖަހާ ފަނަރަ ވެފަ ހުއްޓައެވެ. އެއާޕޯޓު ބޭރުން އޭނާގެ ލޮލުގައި އެތެރެއަށް ވަންނަން ދިޔަ ރާކިން އަޅައިގަތުމާއެކު ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. އޭނާ އެއްގޮތަކަށް ވެސް ރާކިންއާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. ޒީޝާންއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ރާކިންއާ އެކީ ދަތުރު ކުރާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު އެ ނޫން އިތުރު ގޮތެއް ވެސް ނެތެވެ. ވެފައި ހުރި ފޫހި ދެގުނަވީ އޭނާ އާއެކު މިފަހަރު ވެސް ދާން ހަމަޖެހިފައިވަނީ ޒޭބާއާއި ނަޝްވާ އާ ދެ މީހުންކަމަށް ވާތީއެވެ.

ފުންނޭވާއެއް ދޫކޮށްލި ޒީޝާންއަށް އޭނާގެ ހިތުގެ އުދާސްތަކަށް އެއްވެސް ވަރެއްގެ ލުޔެއް ހޯދައެއް ނުދެވުނެވެ.

ބްރީފިން ނިންމާލާފައި ޒޭބާ މެން ފަހަތުން ނުކުމެ ނުކުމެ ހުއްޓާ ރާކިން ޒީޝާންގެ އަތުގައި ހިފާ އެތެރެއަށް ކުޑަކޮށް ދަމައިލުމާއެކު ޒީޝާންއަށް ސިހުން ލިބުނެވެ.

(ނުނިމޭ)

ކޮމެންޓް 0