"ޒީ. އާދެބަ!" އަރްޒަން ޒީޝާންއާ ކުރިމަތިލިއެވެ. އޭނާ މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. ބުނަން އުޅޭ ވާހަކައިގެ ގޮތުން ފުންނޭވާއެއް ލާ އޭނާ ތައްޔާރުވެލިއެވެ.
"ހާދަ ބޮޑު ވާހަކައެއް ބުނަން އުޅޭހެން ހީވެޔޭ... " ޒީޝާން ބުނެލިއެވެ.
"އާނ. ދައްކަން މިއުޅެނީ ބޮޑު ވާހަކައެކޭ. އެހެންވީމަ އެހެނެއްނު ވާނީ... " އަރްޒަން ލުއިކޮށް ހިނިތުންވެލުމަށްފަހު، އަނެއްކާވެސް ސީރިއަސްވެލިއެވެ.
"ޒީ! އަހަރެމެން ދެ މީހުންނަށް އަބަދު މިހެނެއް ނޫޅެވޭނެއެއްނު. އަބަދުވެސް މީހުން އެ ތިބެނީ އަހަރެމެން ދެމީހުން އުޅޭ ގޮތަށް ފާރަލާ ބަލަބަލާ! އަހަރެން މި ވިސްނަނީ... "
"ވިސްނަނީ؟..." ހިތްއަވަސްވެފައިވާ ހާލު ޒީޝާން އަހައިލިއެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ފެނުނުހެން ހީވިއެވެ.
"އަހަރެމެން މިހެން އެކުގައި އުޅެންނާ މީހުން ފާޑު ފާޑުގެ ވާހަކަ ވެސް ދައްކާނެ. ލެޓްސް ގެޓް މެރީޑް ޒީ... " އަރްޒަން ބުނެލި އެވެ.
"އާ ޔޫ ޝުއަރ؟" ޒީޝާން އަހައިލިއެވެ.
"ކިހިނެއްވީ އަހަންނާ މެރީކުރަން ބޭނުންނުވަނީތަ؟"
"ނޫނޭ. އަހަރެންނަށް ވުރެ ބޮޑަށް ޒޭން އާ ކައިވެނުކުރަން ބޭނުންވާ އިތުރު މީހަކު ހުންނާނެތަ؟" ޒީޝާން މާނަފުން ގޮތަކަށް ބަލައިލައިފިއެވެ.
"އައި ނޯ ވަރަށް ލަސްވެއްޖެކަން. އެ ދުވަހު އެގޮތަށް އެ ހާދިސާ ދިމާނުވި ނަމަ އަހަރެމެން ދިރިއުޅޭނީ ވަރަށް އުފަލުން... މީ އެއްގޮަތަށް ވެސް އަހަރެން މިކަންތައްކުރަން ބޭނުންވި ގޮތެއް ނޫން!" އަރްޒަން ޒީޝާންގެ އަތަށް ބާރުކޮށްލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު، އޭނާ އެއަތުން ދޫކޮށްލާފައި ޒީޝާންގެ ކޯތާފަތުގައި މަޑުމަޑުން އޭނާގެ އަތްތިލަ ޖައްސައިލިއެވެ. ހިނިތުންވެލަމުން ހަމެޖެހިލުމަށް އޭނާ މަސައްކަތް ކުރިއެވެ.
"ޒޭން އުފަލެއް ނުވޭތަ؟" ޒީޝާން އަހައިލިއެވެ.
"ނޫން، ދިމާވި ހުރިހާ ކަމަކާ މެދު ހަމަ ވިސްނެނީ... އަހަރެން އެ ވަރުން ޒީއަށް ދޭންވެގެން ހެއްދި އަނގޮޓި ވެސް ގެއްލުނީ؟. އެނގޭތަ އެއީ އަހަންނަށް ކިހާ ޚާއްސަ އަނގޮޓިއެއްކަން؟ އެއީ އަހަރެން ކުޑަކުދިންގެ ހިޔާގައި އުޅުނުއިރު..." އަރްޒަން ވާހަކަ ދައްކަމުން ގޮސް ވަކި ހިސާބަކުން ހުއްޓައިލިއެވެ.
"ޒޭން އަހަންނަށް ތިވާހަކަތައް ކިޔައިދިނީމެއްނު ކުރިންވެސް. ދެން އެކަމާ ނުވިސްނާ. މާޒީން އަތް ދޫކޮށްލާފައި އަހަރެމެން ދެމީހުންވެސް ލައިފްއެއް ފެށީމަ ރަނގަޅުވާނީ. އެހެންނޫނަސް މިހާރު އަހަރެމެންގެ ދެމީހުންގެ ކުރިމަގަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނެތެއްނު!" ޒީޝާން ބުނެލިއެވެ.
"އަނެއްކާ އަހަރެމެންނަށް މާ އަވަހަށްތަ މި ކައިވެނި ކުރެވެން މިއުޅެނީ؟ އަހަންނަށް އެނގޭ އަހަރެންގެ ބޮލުގައި ވެސް ތުހުމަތުތަކެއް އެޅިފައިވިކަން. އަދިވެސް ކުންފުނިން ވަކި އެއްޗެއް ނާންގާ. ބައެއް ފަހަރު ހިތަށް އަރާ މުޅި ދިރިއުޅުން ފުނޑު ފުނޑު ވީއޭ ވެސް. އަހަރެންގެ ކެރިއަރ ވެސް." އަރްޒަން ބުނެލިއެވެ.
"ނޫން އަވަހެއް ނޫން! ތީ ހީވާގޮތް، މީހަކަށް ދެރައެއް ލިބޭއިރަށް، ލައިފްގައި ކުރަން ހުރި ހުރިހާކަމެއް ހުއްޓާލައިގެން ކަމެއް ހާސިލް ވޭތަ؟ ނުވާނެ!. ކަމެއް ހާސިލް ވާނީ ކޮންމެ ގޮތަކުން ވެސް ބޭނުންވާގޮތެއް ހާސިލްކުރަން މަސައްކަތް ކުރީމަ" ޒީޝާން ބުނެލިއެވެ.
"އަހަންނަށް މިހާ ހިސާބަށްވެސް މި އާދެވުނީ ޒީގެ ސަބަބުން. ބީ ވިތް މީ ޒީ!. އައި ވިލް އޯލްވޭޒް ލަވް ޔޫ!" އަރްޒަން ބުނެލިއެވެ. ޒީޝާން މަޑުމަޑުން އޭނާގެ އަތް އަރްޒަންގެ އުނގަނޑުގައި ވަށައިިލިއެވެ.
*****
ކުޑަކަމަކު ހުޅުމާލެއަށް ގޮސްފައި އަޔާން އަރްޒަންމެން ގެއަށް ވަދެލިއެވެ. އޭރު ޒީޝާންފެންނާކަށް ނެތެވެ. ގޭގައި އުޅެނީ އަރްޒަން އެކަންޏެވެ.
"ކޮބާ ޒީ؟" އޭނަ ގޭތެރެ ހޯދައިލަމުން އަހައިލިއެވެ.
"ނެތް ގެއަކު. ބޭރަށް ގޮސްވީ ކިހިނެއްވީ؟ ކީކުރަނީ ހުޅުމާލޭގަ؟" އަރްޒަން އަހައިލިއެވެ.
"ކުޑަ ކަމަކު މިއައީ. އައިސް ހަމަ މިގެއަށް ވަދެލީ. " އަޔާން ބުނެލިއެވެ. ޒީޝާން އައީ އަޔާން އެ ގެއިން ނުކުންނަން އުޅެނިކޮށެވެ.
6 މަސް ފަސް
***************
އަރްޒަންމެން ދިރިއުޅޭ އެޕާރޓްމެންގެ ތެރޭގައި މާގިނަ މީހުން ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. އާރާއާއި ޖިނާންގެ އިތުރުން ދެން ތިބީ އިތުރު ތިން ކުއްޖެކެވެ. ސިޓިން ރޫމުގައި ހުރި މޭޒުމަތީގައި ހުދުކުލައިގެ ފޮތިގަނޑެއް އަޅާފައިވާއިރު އޭގެ މަތީގައި ކަޅު ކުލައިގެ ވާޒްތަކެއް ބެހެއްޓިފައިހުއްޓެވެ. އޭގައި ޖަހާފައިހުރީ ބޯގަންވިލާ މަލެވެ. އެއްފަރާތު ފާރުގައި އެމީހުން ތިބި ދިމާ ފަހަތުގައި، ރީތި ޑިޒައިނަކަށް ބޯ ގަން ވިލާ މާތަކާ ނިކަމޫތަކުން ޒީނަތްތެރިކޮށްފައިވާ އެއްޗެއް ބެކްގްރައުންޑެއްގެ ގޮތުގައި ބެހެއްޓިފައިވާއިރު އޭގެ އެއްފަރާތުގައި ޒޭން ވެޑްސް ޒީ ޖަހަފާއި ވެއެވެ. މޭޒުމަތީގައި ދިއްލާފައި ހުރި ލެވެންޑަރ އުއްބައްތި ތަކުގެ މީރުވަސް މުޅިތަކަށް ފެތރިފައިވާއިރު، އެ އުއްބައްތިޔާ އެކު ދިއްލާފައިވާ އަލި މަޑު ލައިޓްގެ ސަބަބުން އެތަނުގައި ވަނީ އޮރެންގް ކުލައިގެ ފަނޑު އަލިކަމެކެވެ. ތަނުގައި ހުރީ ހުފަވެނީ ގޮތެވެ. އުއްބައްތީގެ އަލިކަމުގެ ތެރެއިން މާތަކުގެ ހިޔަނިފެންނަނީ ވެސް ސިހުރުވެރިގޮތަކަށެވެ.
އަރްޒަން ހުރީ އޭނާގެ ކޮޓަރި ތެރޭގައެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އޭނާ އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. ލާފައިވާ ކަޅުކުލައިގެ ސޫޓް ގަޔަށް ހެޔޮވަރު ވަރަކަށް ހުރިއިރު، އެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. އެ ފިރިހެންވަންތަ ހަށިގަނޑާ އެ ސޫޓް ވަރަށް ގުޅެއެވެ. އެކަމުގެ ސަބަބުން، އެ ސަޚްސިއްޔަތުގައި ވެސް ފުރިހަމަގޮތެއް ހުއްޓެވެ. އަޅާފައިވާ ރަތް ކުލައިގެ ޓައީ އެ ސޫޓްއާ ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލާފައި ވާއިރު ތުނިކޮށްފަޅަން ފަށާފައިވާ ތުނބުޅިން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. އެހެނެއްކަމަކު އަރްޒަންގެ މޫނުމަތިން އުފާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނަ ގޮތެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެ ނޫނީ ދެރަވެފައި ހުރިހެންނެވެ. އިރުކޮޅަކު އަމިއްލަ މީހާގެ ސޫރައަށް ބަލަން ހުރުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ ހަށިގަނޑުގައި އުފެދިގެން އުޅޭ އުދާސްކަމުން އޭނާސަލަމާތްވާން މަސައްކަތް ކުރީހެންނެވެ. އެއަށްފަހު އޭނާ މަޑުމަޑުން ގޮސް އެނދުގައި އިށީނދެލިއެވެ.ފޯނަށް ބަލަހައްޓައިގެން އިނުމަށްފަހު، ފޯނު ހުޅުވައިލަމުން އަޔާންގެ ނަންބަރު ހޯދާ ގުޅައިލިއެވެ. އޭނާ ހީކުރީ ފަހު ވަގުތުވެސް އަޔާންގެ ޚިޔާލު ބަދަލުވެދާނެކަމަށެވެ.
"ޔާން. އަސްލުވެސް އަހަރެންގެ ކައިވެންޏަށް ނާންނާނީތަ؟" އަރްޒަންގެ މޫނުމަތިން ފެނުނު މާޔޫސްކަމުން އަޔާންގެ ޖަވާބު އެހާ ރަނގަޅު ނޫންކަން ދެނެގަނެވެއެވެ. އޭނާއާއި ގާތުގައި އެންމެ ގާތް އެކުވެރިޔާ އަޔާން ހުންނަން ބޭނުންވާވަރު އެ ދެލޮލުން ފާޅުވަމުން ދިޔަ ވިދުމުން ބުނެދެއެވެ.
"ޔާން ކީއްވެ ތިހާ އަހަންނާ ދުރުވީ؟ އަހަރެން މެރީކުރަން ބުނި ހިސާބުން ޔާން އަހަރެން ގާތު އަދި މާ އަވަސްކަމަށް ބުނަމުން އައީ ކީއްވެ؟ އަޔާން އަމިއްލައަށްނު އަހަރެން ކައިރީގަ ބުނީ ޒީއަށް ވެސް ފުރުސަތެއް ދޭށޭ! އަހަރެންގެ އެންމެ ގާތް އެކުވެރިޔާ... އަހަރެންގެ ހުރިހާކަމެއް ހިއްސާކުރާ މީހަކީ ތިއީ. އަހަރެންގެ ހުރިހާ ހިތާމައަކާ އުފަލެއްގައި ވެސް ބައިވެރިވާ މީހަކީ ޔާން. އަހަރެން ލައިފްގަ ނިންމާ އެންމެ މުހިންމު ނިންމަން ނިންމާއިރު ޔާން ނެތީމަ ވަރަށް ދެރަވެއްޖެ! ތިހާ ބޮޑު ބަދަލެއް ޔާން އަށް އަންނަން ޖެހުނު ސަބަބެއް ވެސް އޮންނަން ޖެހޭނެ!" އަރްޒަން ބުނެލިއެވެ.
"ޒޭން! އަހަރެން އަބަދުވެސް ޒޭންއަށް ހެޔޮ އެދެން. އެހެންވީމަ އަހަރެން މިގޮތަށް މިއަދު މި ކަންތައް ކުރަނީ، ޒޭންއަށް ވެސް އެކަން އެނގޭނެ ދުވަހެއް އަދި އަންނާނެ! އަހަރެން ޒޭންކައިރީގައި ހުންނަން ބޭނުންވިޔަސް އެކަމަކު މިފަހަރު، ޒޭންގެ ވެޑިންއަށް ދެވޭކަށް ނެތް! " އަޔާން ބުނެލިއެވެ. އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް އަރްޒަން އަށް ފަސްޖެހެވުނެވެ. ދެން އެ ދެމެދަށް ވެރިވެގެންދިޔަ ހިމޭންކަމުގެ ތެރެއިން އޭނާއަށް ދަންނަ އަޑެއް އިވުނެވެ. އެމީހަކު ގޮވައިލީ އަޔާންގެ ނަމުންނެވެ. ހަމަ ގޮވައިލުމާއެކު އަޔާން ފޯނު ބޭއްވިއެވެ. ވަގުތު ގެ ގޮތުން ކަންނޭނގެއެވެ. ސީދާ ކާކުގެ އަޑެއްކަން ދެނެގަނަން އަރްޒަން ނުކުޅެދުނެވެ. އެހެންނަމަވެސް އެ އަޑު އޭނާއަށް ކޮންމެވެސް ކަހަލަ އަސަރުތަކެއް މުޅިމީހާއަށް ކުރުވައިފިއެވެ. ހިތުގެ ތެޅުން ވެސް ކޮންމެވެސް ވަރަކަށް ބާރުވެލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި މެއާ ދިމާލުގައި އަތް ވެސް އަޅައިލެވުނެވެ.
"އެ އަޑު" އޭނާ ވިސްނައިލި ނަމަވެސް ސިކުނޑީގައި ހުރީ ފާޑެއްގެ ހުސްކަމެކެވެ. އެ އަޑު އޭނާއަށް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު އެއީ އޭނާ ދަންނަ ފަރިތަ އަޑެކެވެ. ވީއިރު ސިކުނޑިއަށް އެ ހުސްކަން ވެރިވާން ވީ ކީއްވެހެއްޔެވެ؟ ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ އެނދުން ތެދުވެލިއެެވެ. އޭރު ދޮރު ހުޅުވާލާފައި ޒީޝާން އައިސް އެތެރެއަށް ވަންނަނީއެވެ. ޒީޝާންފެނި އަރްޒަންއަށް ކަޅި ޖަހާނުލާ އެ ދިމާލަށް ބަލަން ހުރެވުނެވެ.
"ޒީ" އޭނާ ޒީޝާންގެ ފައިން ފަށައިގެން ބޮލާ ހިސާބަށް ބަލައިލަމުން ޒީޝާންއަށް ގޮވައިލިއެވެ.
ޒީޝާން ލާފައިހުރީ ކަޅުކުލައިގެ ވިދާ ހެދުމެކެވެ. ހެދުމުގެ ފަސްބައިގެ އިތުރުން މޭމަތި ޖަރީކޮށްލާފައިވަނީ ރަތްކުލައިގެ ވިދާ އެސްތަތަކުންނެވެ. ކަރާއި އަތުގެ އުޅަބުއްޓާ ހިސާބަށް ވަނީ ލޭސްގަނޑެކެވެ. ޒީޝާންގެ ކަޅު، ފަންއިސްތަށިގަނޑު މިނިވަންކޮށްލާފައިވާއިރު އެ އިސްތަށިގަނޑު އުނަގަނޑާ ހިސާބަށް އަރައެވެ. ތުންފަތުގައި ވަނީ ގަދަ ރަތްކުލައެވެ. ލޮލުގެ ވަށައިގެން އަނދުން އަޅާފައިވާއިރު އޭނާގެ އަޅިކުލައިގެ ދެލޯ ފެންނަނީ ސިހުރުވެރިގޮަތަކަށެވެ. އެ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ބާރެކެވެ. އަރްޒަންއަށް ޒީޝާންގެ ލޮލާ ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ. ހީވަނީ ބުނެދޭން ނޭނގޭ ބާރަކުން އޭނާގެ ހުރިހާ ހިއްސުތަކެއް އެ ދެލޮލުގެ ޖާދޫގައި ޖެއްސިހެންނެވެ.
"ޔޫ ލުކް ބިއުޓިފުލް!" ދުލުން އެ ބަސްތައް ބޭރުކޮށްލުމަށްފަހު، އަރްޒަންއަށް ޒީޝާންއާ ދިމާލަށް ފިޔަވަޅު އެޅެން ފެށުނީ ބޭއިޚްތިޔާރުގައެވެ. އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާއަށް ތަފާތު އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް އޭނާގެ ހިތަށްވަމުން ދިޔައެވެ. އަރްޒަން މަޑުކޮށްލީ ޒީޝާންގެ ގަޔާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. އޭރުވެސް އޭނާ ޒީޝާންގެ ލޮލާ ނަޒަރު ވަކިކޮށެއްނުލައެވެ. އޭނާ ހުރީ އެ ދެލޮލުގެ ތެރެއަށް ގެއްލި ހުސްވެފައެވެ.
"ޒޭން! ލަސްވެދާނެ، ހިނގާ ބޭރަށް، އިރުކޮޅަކުން ކައިވެނި ކޮށްދޭ މީހުން އަންނާނެ!" ޒީޝާން ބުނެލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމެއް އޭނާ އަރްޒަންއަށް ހަދިޔާކޮށްލަމުން ކޮޓަރިން ނުކުންނަން އެނބުރިިލިއެވެ.
"ޒީ!... އަޔާން އިޒް ނޮޓް ކަމިންގް." ޒީޝާންގެ އަތުގައި ހިފައްޓާ ހުއްޓުވުމަށްފަހު، އަރްޒަން އަށް ބުނެވުނެވެ.
"އަޅާނުލާބަލަ!" ޒީޝާން ބުނެލި އެވެ. އޭނާ އަރްޒަންގެ ދެލޮލަށް ބަލައިލި އެވެ.
"ދެން ހިނގާ ދާން!" އަރްޒަންގެ އަތުގައި އޭނާގެ އަނެއް އަތް ޖައްސައިލަމުން ޒީޝާން ބުނެލި އެވެ. އެއަށްފަހު އޭނާ އެ އަތުގައި ހިފައިގެން ނުކުންނަން އަވަސްވެގަތެވެ.
އަރްޒަންވެސް އޭނާގެ އަތް ރަނގަޅަށް ޒީޝާންގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ކޮޓަރިން ނުކުމެލިއެވެ. އޭރު އަދި ގާޒީ ނާދެއެވެ. މޭޒުދޮށުގައި ހުރި ގޮނޑީގައި ޒީޝާން އިށީނދެލިއެވެ.
"ޒީ. ޔޫ ލުކް ބިއުޓިފުލް" އާރާއައިސް ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލަމުން ބުނެލިއެވެ. ޖިނާންވެސް އާރާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އާރާ ލާފައިހުރީ ރަތްކުލައިގެ ކަކުލުން ތިރިއަށް އަންނަ ހެދުމެކެވެ. އެ ހެދުމުގައި ބަނޑާ ދިމާލުން އަޅާފައިވާ ކަޅުކުލައިގެ ފަށުގެ މެދުގައި ވިދާ ޓައީއެއް ހަރުކުރެވިފަިވެއެވެ. ޖިނާން ވެސް ހުރީ ކަޅުކުލައިގެ ގަމީހެއްގައެވެ. އަޅާފައިހުރީ ރަތް ޓައީއެކެވެ.
"ފެންފޮދެއް ބޭނުންތަ؟" އާރާ އަހައިލިއެވެ. ޒީޝާން ހަމައެކަނި ބޯޖަހައިލީއެވެ. އާރާ ފެންތައްޓެއް ގެނެސްދިނުމަށް އަވަސްވަގެތެވެ.
"ޒޭން ވެސް... ގުޑް ލަކް ބްރަދަރ" ޖިނާން އަރްޒަން ގެ ކައިރިއަށް ޖެހިލާފައި ބުނެލިއެވެ. އަރްޒަން ހިނިތުންވެލިއެވެ.
"ޔާންއަށް ގުޅިންތަ؟" މަޑުމަޑުން އަރްޒަންގެ ކަންފަތް ދޮށަށް ގުދެވެލާ ޖިނާން އަހައިލިއެވެ. އަރްޒަން ދެފަރާތަށް ބޯ ހޫރައިލީ އަޔާން ނާންނާނެޔޭ ބުނުމުގެ ގޮތުންނެވެ.
ޒީޝާން ގޮނޑީގައި ހަމަޖެހިލުމުން އަރްޒަން އިށީނދެލަން އުޅުނު ވަގުތު އޭނާގެ ފަހަތުން މީހަކު އޭނާގެ ނަމުން ގޮވައިލިއެވެ. އެއާއެކު އޭނާއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ. ޒީޝާންއާ ދިމާލަށް ބަލައިލުމަށްފަހު، އަރްޒަން އެނބުރިލިއެެވެ. އެއާއެކު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހަރަކާތްތައް މަޑުޖެހުނެވެ. ގޮނޑިން އަތް ދޫކޮށްލެވި އޭނާއަށް ލިބުނު ސިހުމުގައި މޫނުމައްޗަށް ވެސް ހައިރާންކަމުގެ ކުލަވަރުތައް ވެރިކޮށްލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. އަރްޒަން ބަލައިލި ދިމާލަށް އެހިސާބާ އަރާ ހަމަވި އާރާއާއި ޖިނާން ވެސް ބަލައިލިއެވެ. އެއާއެކު އާރާއަށް ވެސް ލިބުނު ސިހުމުގައި އަތުގައި ހުރި ފެންތަށި އަތުން ދޫކޮށްލެވުނެވެ. ތަށި ވެއްޓި ތަޅައިގެން ދިޔަ އަޑާއެކު ތަނުގެ ހިމޭންކަން ވެސް ހިނދުކޮޅަކަށް ނެތިގެން ދިޔައެވެ. އާރާއަށް ހިފައްޓައިލެވުނީ ޖިނާންގެ އަތުގައެވެ. ޒީޝާންއާ ދިމާލަށް ބަލައިލުމަށްފަހު، އަރްޒަންއަށް އަނެއްކާވެސް ބަލައިލެވުނީ ދޮރާ ދިމާލަށެވެ.
(ނުނިމޭ)