ބިރުވެރިކަމުގައި އޭނަ ވަނިކޮށް ސިހުނީ ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފައްޓާލިކަމުގެ އިޙްސާސް ކުރެވުމާ އެކުގައެވެ.

ރާކިންގެ އަތުތެރެއަށް ޒީޝާން ވެއްޓުނު މަންޒަރު ބަލަން ހުރި ޒޭބާގެ ލޭ ކެކިގަތެވެ. ރުޅިވެރިކަމާއެކު ދެ އަތް ވެސް މުށްކަވާލެވުނެވެ. ދެބުމަ ގޮށްޖަހައިލަމުން ހިތާ ހިތުން ޒީޝާންއަށް އެތިވަރު ގޮވައިގަތެވެ. ނަފްރަތާއި ހަސަދައިގެ އަލިފާން އެ ހިތުގައި ރޯވެ އަނދަން ފެށިއިރު، ރާކިންގެ ލޮލުގައިވި ޖަޒުބާތުތައް ފަހުމްވުމަކީ، އެ ނަފްރަތުގެ އަލިފާނަށް ޕެޓްރޯލް އެޅުނު ފަދަ ކަމަކަށްވިއެވެ. ރާކިންއަކީ އޭނާގެ ހިތުގެ ލޯތްބެވެ. އެއީ އެ ހިތުގެ ފިނިކަމެވެ. ވީއިރު އެހެން އަންހެން ކުއްޖަކު އެ ގޮތަށް ރާކިންގެ އަތުތެރޭގައި ވުމަށް އޭނާގެ ހިތް ރުހޭނީ ކިހިނަކުންހެއްޔެވެ؟ ރޯވި ނަފުރަތުގެ ދިލަ ހޫނުކަން ޖިސްމަށް ވެސް ކުރަން ފެށީ ކަންނޭނގެއެވެ. ރުޅިވެރިކަމުން މީހާގެ ނަފުސު ހަރުކަށިވެ ދެލޮލުން ފެން އަންނަ ގޮތްވިއެވެ.

ރާކިންގެ އަތުތެރޭގައި ޒީޝާން އޮތްއިރު އަރްޒަންގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓުނީ ޒީޝާންގެ އުނަގަނޑުގައި އަޅުވާލާފައިވާ ރާކިންގެ އަތަށެވެ. ދެން ރާކިންގެ މޫނަށެވެ. ރާކިންގެ ދެލޮލުން ފެނުނު އަސަރުތައް އޭނަ މާނަ ކުރަންވީ ކިހިނެއްހެއްޔެވެ؟ އެއީ ހަމަގައިމު ވެސް ތަފާތު ނަޒަރެކެވެ. އެ މޫނުމަތިން ފެންނަނީ ހިންހަމަ ޖެހުމެވެ. ހިތް އެދުނީ ޒީޝާން ރާކިންއާ ދުރުވުމަށެވެ. ހިތުގެ ޖަޒުބާތުތަކާ ދުރަށް ދާން މަސައްކަތްކުރި ނަމަވެސް ހިތް އޭގެ މުހުތާދުތައް ހާސިލްކުރުމަށް ޖަދަލުކުރަނީއެވެ.

އުނދަގުލުންް ދުރު ބަލައިލި އަރްޒަން އަމިއްލަ ހިތަށް ވިސްނައިދިނީ އެއީ މުޅިން ގޯސް ވިސްނުމެއް ކަމުގައެވެ. ހިތަށް އިންޒާރުތައް ދިނަކަސް އެ ހިތް އޭނާގެ އަމުރަށް ކިޔަމަންނުވާތީ އަރްޒަން ގާތަށް ރުޅި އަންނަ ގޮތްވިއެވެ.

މަރާލާފައިވާ ދެލޯ ހުޅުވައިލުމާއެކު އޭނާގެ އުނަގަނޑުގައި ހިފައްޓާލައިގެން ހުރި ރާކިން ފެނި ޒީޝާންއަށް ތެޅިގަނެވުނެވެ. ހާސްވި ވަރުންނާއި، ގެނައި އަވަސް ހަރަކާތާއެކު، އަނެއްކާ ވެސް ޒީޝާންގެ ފައި އަރި އަޅައިލާ ގޮތްވިއެވެ. އެ މަންޒަރު ފެނި އަރްޒަންއަށް ބޭއިޚްތިޔާރުގައި ޒީޝާން ކައިރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެކަމަކު އޭގެ ކުރިން ރާކިން އޭނާގެ އަތުގެ ހިމާޔަތް މިފަހަރު ވެސް ޒީޝާންއަށް ދިނެވެ. ޒީޝާންގެ އަތުގައި ހިފައްޓާލަމުން ޖެހި ލުއްކާއެކު ޒީޝާން އައިސް ތަތްވީ ރާކިންގެ މޭގައެވެ.

ޒީޝާން އަވަސްއަވަހަށް ރާކިންއާ ދުރަށް ޖެހިލިއެވެ. އެ މަންޒަރު ބަލަން ހުރުމަށްފަހު އަރްޒަން އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ.

"ސޮރީ..." މާފަށް އެދެމުން ޒީޝާން ބުނެލިއިރު، އޭނާގެ މޫނުމަތީގައި ލަދުވެތިކަމުގެ އަސަރުވެއެވެ.

"އިޓްސް އޯކޭ..." ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން ރާކިން ބުނެލިއެވެ. ޒީޝާންއާއި އެހާ ގާތުގައި ކުޑަކުޑަ ވަގުތު ކޮޅެއް ހޭދަކޮށްލުމުން ވެސް އޭނަގެ ހިތަށް އުފާވެރިކަން ލިބިއްޖެއެވެ. އެ އަޑުގައިވި އުފާވެރިކަން އެހެން މީހުންނަށް ފަހުމް ނުވިޔަސް، ޒޭބާއަށް އެކަން ރީތިކޮށް ފާހަގަ ކުރެވުނެވެ. ޒީޝާންގެ ވައްޓައިލަން އުޅެވުމަކީ ކުރެވުނު ކުށެއްކަމުގައި ސިކުނޑި އަންގައިދިނީ އެވަގުތެވެ. ވިންދާ އޭނާގެ ޚިޔާލުތަކާ ދެމެދު ހަޅުތާލެއް ކުރާ ކަހަލައެވެ. އަދިވެސް ބޭނުންވަނީ ޒީޝާންއަށް ލަޑެއް ދޭށެވެ. އެކަމުގެ ބަދަލު ހިފާށެވެ.

"ކޯންޗެއްތަ ތި ބަލަނީ؟ މާރީތި ދެލޮލެއް ލިބިގެން އުޅޭ މީހެކޯ މީ ދެން. ވަރަށް ފޫހިވޭ ހުވާ..." ހިތާ ހިތުން ޒޭބާ ވާހަކަ ދެއްކިއެވެ.

އެތަނުގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ ފްލައިޓް ޑިސްޕެޗަރ އައިސް އަރްޒަން އަތަށް އޭނަ ޕްރިންޓް ނެގި ހުރިހާ ގަނޑެއް ހަވާލުކުރިއެވެ. އެގަނޑުތަކުގައި ހިފަމުން އަރްޒަން ބްރީފިން ރޫމާ ދިމާލަށް ހިނގައިގަތުމުން ރާކިން ވެސް އަރްޒަންގެ ފަހަތުން ގޮސް ވަނެވެ. ރާކިންގެ ފަހަތުން ކަހަލަ ގޮތަކަށް ޒޭބާ ހިނގައިގަތެވެ.

ޒީޝާންގެ ފޯނަށް މެސެޖެއް އައީ އެވަގުތެވެ. އާރާގެ މެސެޖަކަށް ވުމާއެކު ޒީޝާންއަށް އަވަސް އަވަހަށް އެ މެސެޖް ހުޅުވައިލެވުނެވެ.

"އަދި ކިރިޔާ މެސެޖް މި ފެނުނީ. އައި ވިޝް އަހަންނަށް ވެސް ޒީ އާއެކު ތި ޓްރިޕްގަ ބައިވެރި ވެވޭނެ ނަމައޭ. ޒީގެ އެކްސްޕްރެޝަން ވަރަށް ބަލާލާ ހިތްވޭ!" އާރާ ބުނެފައި އޮތެވެ.

އާރާއަށް މެސެޖްކޮށްލަމުން ހިނގައިގަންނަން އުޅުނު ވަގުތު، ދޮރުފަތް ހުޅުވާލާފައި ޔަމާނީ ވަނެވެ. ޔަމާނީއަކީ މިފަހަރުގެ އިން ފްލައިޓް ސުޕަވައިޒާއެވެ.

ޒީޝާން ފެނުމާއެކު އޭނަ ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އުމުރުގެ ގޮތުން ބެލި ނަމަވެސް އޭނަ ޒީޝާންމެނަށް ވުރެ ތަންކޮޅެއް ބޮޑެވެ. ޔަމާނީއަކީ މޯލްޑިވިއަންގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އެއް ފްލައިޓް އެޓެންޑެންޓެވެ.

ޔަމާނީގެ ފަހަތުން ކަހަލަ ގޮތަކަށް ޖިނާންގެ އިތުރުން ދީމާ ވެސް ވަނެވެ. ޔަމާނީ ގޮސް ބްރީފިން ރޫމް ތެރެއަށް ވަނުމާއެކު ޖިނާން ވާހަކަ ދެއްކިއެވެ.

"އާރ ވީ ލޭޓް؟" ގަޑިއަށް ބަލައިލަމުން ޖިނާން އަހައިލިއެވެ.

"ނޫނޭ. އަހަރެން މާ އަވަހަށް އައީ... ހިނގާ ދާން. އެހެން އެންމެން ވަދެއްޖެ ބްރީފިން ރޫމަށް..." ޒީޝާން ބުނެލިއެވެ.

"ސްޓޭންޑް ބައި ޑިއުޓީ ވީމަ ދުޢާ ކޮށްލަ ކޮށްލާ ހުރީ ފްލައިޓެއް ނުޖެހޭނެ ނަމައޭ. އެކަމަކު އައިތާ ގިނައިރެއްނުވެ ޖެހިއްޖެ! ނަޝްވާ އައިނަމަ ދޯ! މާދަމާ ކޮއްކޮގެ އުފަންދުވަސް ވީމަ ބޭނުން މިރޭ ބާރަ ޖަހާއިރު ހުންނަން ވެސް..." ޖިނާންގެ ފަހަތުގައި ހުރި ދީމާ ވާހަކަދެއްކިއެވެ.

"އަޅޭ. ވަރަށް ދެރަ. ދެން އައިސް ސެލެބްރޭޓް ކޮށްލާނީ ދޯ!" ޒީޝާން ބުނެލިއެވެ.

ތިން މީހުން އެކުގައި ގޮސް ބްރީފިން ރޫމްގެ ދޮރު ހުޅުވާލާފައި ވަނެވެ. މޭޒުގެ އެއްފަރާތުގައި އަރްޒަންގެ އިތުރުން ރާކިން އިނެވެ. ރާކިންއާ އެންމެ ގާތަށް ވާ ގޮތަށް ހުރި ގޮނޑީގައި ޒޭބާ މަޑުކޮށްލައިގެން އިނެވެ. މޭޒުގެ އެއް އަރިމަތީގައި ގޮނޑިތަކުގެ ފަހަތުގައި ދިގު ސޯފާސެޓެއް ހުއްޓެއެވެ. ސޯފާސެޓުގެ އެއްފްރާތުގައި ޕޮޓްގައި ޕްލާސްޓިކް ގަހެއް ހުއްޓެވެ. ޒީޝާން މެން އިށީނީ އެ ދިމާލުގައި ހުރި ގޮނޑިތަކުގައެވެ.

މޭޒުމަތީގައި ބަހައްޓާފައި ހުރި ގަނޑުތަކަށް ބަލައިލަމުން އަރްޒަން އޭނާގެ ވާހަކަ ފެށިއެވެ. އަރްޒަންގެ އަޑުގެ ޖާދޫގައި ޒީޝާންއަށް ޖެހެވުނެވެ. ކޮންފަދަ ފިރިހެންވަންތަ އަޑެއް ހެއްޔެވެ؟ އެ އަޑު އިވިފައި އެކަނިވެސް އޭނާގެ ހަށިގަނޑު ފިނި ވެއްޖެއެވެ.

"ޒީޝާން... ފޯކަސް..." އަމިއްލަ ނަފުސަށް އަޑު އިވޭވަރަށް ޒީޝާން ބުނެލިއެވެ.

ބްރީފިން ފެށިގެން ނިމެންދެން ވެސް ޒޭބާގެ ނަޒަރު ހުރީ ރާކިންއަށް ހުއްޓިފައެވެ. ރާކިންގެ އަޑު އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިއްސުތަކަށް އަސަރު ކުރުވައެވެ. އޭނާ މިވަރަށް ރާކިންއަށް އެދޭއިރު ރާކިންއަށް އެ ހިތުގެ އަޑު ނީވެނީ ކީއްވެހެއްޔެވެ؟ ހިތުގައި ހިނގައިގަތް ޖަޒުބާތުތައް ބޮއްސުންލީ ރާކިންގެ އަތުތެރޭގައި ޒީޝާން ހުރި މަންޒަރު، ސިކުނޑީގެ ކަނެއްގައި ކުރެހުމެއްގެ ސިފައިގައި އެޅުމުންނެވެ. ޒީޝާނަށް ބަލައިލަމުން، އޭނަ ދެބުމަ ގޮށްޖަހައިލިއެވެ. އެކަމުގެ ރުޅިގަނޑު އަދިވެސް ފިލައިގެނެއް ނުދެއެވެ. ރާކިންގެ ބަދަލުގައި އޭނާއަށް ބޮޑަށް ކުށްވެރި ކުރެވެނީ ޒީޝާންއެވެ.

އަރްޒަންއަށް ވެސް، އިރުއިރުކޮޅަކާ ޒީޝާންއަށް ބަލައިލެވެއެވެ. ވެރިވި އިޙްސާސްއާއެކު ހިފައްޓައިގެން އިން ގަނޑަށް ބާރުކޮށްލެވި ގަނޑު ވެސް ބޮނޑިކޮށްލެވުނެވެ. ހަރުކަށިކަން އޭނާގެ އެތެރެހަށި ހިޞާރުކުރަން ފެށީ ދެނެވެ. އޭނާގެ ހިތް އޭނާގެ އަތުން ދޫވެގެން ދާހެން ހީވަނީ ކީއްވެހެއްޔެވެ؟ އަދިވެސް އަމިއްލަ ހިތަށް އަނިޔާ ލިބުނު ވަރު ކުޑައީހެއްޔެވެ؟ އެހިތުގައި ލީ ޒަޚަމްތަކުގެ ފާރުގަނޑުތައް އަދިވެސް ހުރީ ތާޒާކޮށެވެ. އޭނާ އުޅެން ޖެހޭނީ އޭނާއާ އެކަށީގެންވާ އިމުގެ ތެރޭގައެވެ. އެ އިމުން ބޭރަށް ހިނގައްޖެނަމަ އަނެއްކާވެސް އެ ހިތަށް ނުފިލާ ވަރުގެ އަނިޔާއެއް ލިބިދާނެ އެވެ.

ބްރީފިން ނިމުމުން އޮފީހުން އެންމެން ނުކުތީ ވެސް އެކުއެކީގައެވެ.

އަރްޒަންގެ ބެލުމުގައި އޭނާއަށް އެއްވެސް ޚާއްސަގޮތެއް ނުހުންނާތީ ޒީޝާންގެ ހިތަށް ބައެއްފަހަރު މާޔޫސްކަން ވެރިވެއެވެ. އެހިތުގެ އަޑު އަރްޒަންއަށް އިވޭނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ ހިނގަމުންދިޔައިރު ވެސް ކޮންމެވެސް ވަރަކަށް ފަޔަށް ތަދު އިޙްސާސްވިއެވެ. ޒޭބާ ދެކެ ހިންހަމަ ނުޖެހުނު ނަމަވެސް، ޒީޝާން ހިޔާރުކުރީ ހިމޭންކަމެވެ. ޖިނާންއާއި ދީމާ އާއި އެކު އެއްވަރެއްގައި ހިނގަމުން ދިޔައިރު، ޒޭބާ ހުރީ ތަންކޮޅެއް ކުރީގައި ޔަމާނީ އާއެކުއެވެ. އޭނާ ބެލީ ރާކިންއާ ވީހާ ވެސް ގާތުގައި ހުރެވޭތޯއެވެ.

"ޒީ... އާރ ޔޫ އޯކޭ؟ ފަޔަށް ކަމެއްވީތަ؟" ޒީޝާން ދެފަހަރަކު ފަޔަށް ބަލައިލިކަން އިޙްސާސްވެ ޖިނާން ބުނެލިއެވެ. އެ އަޑަށް ޒޭބާ ފަހަތް ބަލައިލިއެވެ. ޒީޝާން ނޫނެކޭ ބުނި ނަމަވެސް، ޒޭބާގެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ހަމަ ރަނގަޅަށް އެވީ..." ހިތާ ހިތުން އޭނަ އުފާކުރީ ޒީޝާންއަށް ދެރައެއް ލިބުނީތީއެވެ.

"ނޯ އިޓްސް އޯކޭ..." ޒޭބާއަށް ބަލައިލަމުން ޒީޝާން ބުނެލިއެވެ.

"ހޭ... އޭނަ އަނެއްކާ ކަމެއް ކުރީތަ؟" ޖިނާން ޒީޝާންގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ.

"ފަހުން ކިޔައިދޭނަން..." ޒީޝާން ބުނެލިއެވެ. ފަޔަށް ތަދު އިޙްސާސްވާތީ އޭނާއަށް ބޮޑަށް ވިސްނެނީ އެކަމާއެވެ.

"ހެހެ އޯކޭ. ފޮނި މީހެއް އެއީ... އައި ވިޝް އާރޫ ހުންނާނެ ނަމައޭ އޭނާގެ ބަދަލުގަ..." ޖިނާން ކަރުގައި އަޅާފައި އޮތް ޓައީގައި އަތް ޖައްސައިލިއެވެ. އެއީ ހަޤީގަތުގައި ވެސް އޭނާގެ ހިތުގެ އަޑެވެ. ޒީޝާން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

އަރްޒަންއާ ރާކިންއާ ދެމީހުން ދާދި އެއްހަމައެއްގައިހުރެ ހިނގަމުން ދިޔައިރު އެ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެކެވެ. އަރްޒަން ވެސް ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. ހީވަނީ ނުތަނަވަސް ކަމުގެ ބޯ ފާރެއް އެ ދެމެދުގައިވާ ހެންނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ރާކިން ވެސް ފަސްޖެހުނެވެ.

*****

ކުރަން ހަމަޖެހިފައިވާ ދަތުރަކީ ޓްރާންސިޓް ފްލައިޓަކަށް ވާތީ އެންމެ ފުރަތަމަ މަޑުކުރީ ލަންކާގައެވެ. ލަންކާއަށް ފްލައިޓް ޖެއްސިއިރު އެގާރަ ގަޑިބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ލަންކާއިން ފުރަން ހަމަޖެހިފައި އޮތީ ލަންކާ ގަޑިން މެންދުރު ދެއެއް ޖަހާއިރުއެވެ.

ލަންކާގެ ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއާރޕޯޓުން ފުރައިގެން ބެންކޮކަށް ދިޔައިރު ދެފަހަރަކު ބޯޓުތަޅުވައިލި ނަމަވެސް ދަތުރަކީ އަމާން ދަތުރެކެވެ.

ގައިގަނޑަކަށް ތިންގަޑިއިރާ ތިރީސް މިނިޓުގެ ދަތުރަކަށްފަހު، ބެންކޮކަށް ދެވުނުއިރު ބެންކޮކްގަޑިން ހަތެއްޖަހާ ބޮޑުވެއްޖެއެވެ.

މީހުން ފައިބައި ނިމުމާއެކު ބޯޓު ތެރޭގައި ކުރަން ޖެހޭ ހުރިހާކަމެއް ކޮށްނިންމާލާފައި ޒީޝާންމެނަށް އެއާރޕޯޓުން ނުކުމެވުނުއިރު ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ.

މަޑުކުރަން ހަމަޖެހިފައިވަނީ އެއާރޕޯޓާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ފައިވް ސްޓާރ ހޮޓެލެއްގައެވެ.

ހޮޓެލް ރިޝެޕްޝަން އޭރިޔާއަށް ވަތްއިރު، އެހެން އެއާރލައިނެއްގެ ކްރޫއިން ތަކެއް ވެސް ތިއްބެވެ.

އެތެރެއަށް ވަދެފައި ޒީޝާންއަށް ވަށައިގެން ބަލައިލެވުނެވެ. ބެންކޮކަށް ގިނައިން ދަތުރު ކުރެވުނު ނަމަވެސް އޭނަ އެ ހޮޓެލުގައި ދުވަހަކުވެސް މަޑެއް ނުކުރެއެވެ.

ތަނބުތަކުގައި ވަށައިގެން ލާފައިވާ ލައިޓްތަކުގެއައްޔާއި އެކުވެގެން މަތީގައި މަތީގައި އެލުވާފައިހުރި ބޮޑު މަންދީލައިގެ ރަން އަލި މުޅި ތަނަށް ފެތުރިފައި ވާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އެތެރޭގައި ފިނިކަމެއް ހިފާލާފައި ވެއެވެ. ޖަހާފައިވާ ބޮޑެތި ތަނބުތަކުގެ ވަށައިގެން އިށީނދެވޭ ގޮތަށް ސޯފާ ހުރި އިރު އެތަން ތަނުގައިވެސް ބައެއް މީހުން މަޑުކޮށްލައިގެން ތިއްބެވެ.

ޒީޝާންއަށް ފުރަތަމަވެސް ދެވުނީ އެ ދިމާލަށެވެ. ފައިގައި ރިއްސާ ވަރުންނެވެ. އިށީނދެލާ އޭނާ ފަޔަށް ބަލައިލީ ހިސާބެއްގެ ދިލަތަދެއް އޭނާއަށް އިޙްސާސްވާތީއެވެ. ފައިގެ ހުޅުމަތި ކޮންމެވެސް ވަރަކަށް ދުޅަވެފައި ވާއިރު އެ ހިސާބުގަނޑުގައި ރަތް ކަމެއް ހުއްޓެވެ. ޔަމާނީ އައިސް ޒީޝާންގެ ކައިރީގައި މަޑުކޮށްލަމުން ވާހަކަ ދެއްކިއެވެ.

" ކޮންމެވެސް ވަރެއްގެ ދުޅަކަމެއް އެބަ ހުރި ދޯ!. ކަމެއް ވީތަ؟" އޭނަ އަހައިލިއެވެ. ޒީޝާން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ޔަމާނީއާ އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު، އޭނާ ރިޝެޕްޝަނަށް ދިޔައިރު ޒޭބާ ކޮޓަރީގެ ކާޑު ނަގަނީއެވެ. އޭނާ އާ ޒޭބާ އާ ހުންނަން ހަމަޖެހިފައިވަނީ އެއްކޮޓަރީގައެވެ. ޖިނާން އާއި ޔަމާނީ ވަކިން ދެ ކޮޓަރިއެއްގައެވެ. ރާކިންއާއި އަރްޒަން ވެސް މެއެވެ.

ފޮށިހިފައިގެން ގޮސް އެލެވޭޓަރ ކައިރިއަށް މަޑުކޮށްލި ޒީޝާން ޒޭބާއަށް ބަލައިލިއެވެ.އެއްޗެއް ނުބުންޏަސް ޒޭބާގެ މޫނުމަތީގައި ވަނީ ނުރުހުމުގެ ކުލަވަރެވެ. ޔަމާނީ މެން އައުމުން އެންމެން އެކީ ދިހަވަނަ ފަންގިފިލާއަށް ދިޔުމަށް އަވަސްވެގަތްއިރު ކޮންމެ މީހެއްގެ މޫނުމަތިން ވެސް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ފާޅުވެއެވެ.

ޒީޝާން ކޮޓަރިއަށް ވަނުމަށްފަހު ފުރަތަމަ ވެސް ފޮށި ހުޅުވައިލާ އޭނާ ލާން ބޭނުންވާ ހެދުން ނެގިއެވެ. އިސްތިރި ކުރާ މޭޒު ކައިރިއަށް ހުއްޓިފައި ހެދުން އިސްތިރިކޮށްލުމަށްފަހު،އޭނަ އަވަސްވެގަތީ ފެންވަރައިލަން ދާށެވެ. އޭރުވެސް ފައިގައި ރިއްސަމުން ދިޔައެވެ. އޭނާއަށް ހީވަނީ ހިނދެއް ހިނދަކަށް އެ ތަދު ގަދަވަމުން ދިޔައީ ހެންނެވެ.

ފެންވަރައިގެން ޒީޝާން ނުކުތްއިރު އެނދުގެ އެއްފަރާތުގައި ހުރި ސޯފާގައި މަޑުކޮށްލައިގެން ޒޭބާ އިނެވެ. ޒީޝާން މަޑުކޮށްލީ، ޑްރެސިން ޓޭބަލް ކައިރީގައެވެ. އިސްތަށިގަނޑު ހިއްކައިލަމުން އޭނާ ފުނާ އަޅައިލިއެވެ. އެތަނުގައި އޭނަ ބެހެއްޓި ލިޕްސްޓިކް ފުޅި ނަގާ އެ ތުންފަތުގައި ކާތާލިއެވެ. ލޮލުގެ ވަށައިގެން އަނދުން އަޅައިލުމުން އެ އަޅި ކުލައިގެ ކަޅި އެ ބޮޑު ދެލޮލުގެ ތެރެއިން ފެންނަނީ ސިހުރުވެރިގޮތަކަށެވެ. ކުޑަކޮށް އަރިވެލާ އޭނާލައިގެން ހުރި ފްލޯރަލް ހެދުމުގެ ފަސްބައި ރީތިކޮށްލިއެވެ. އަތް އުޅަބޮއްޓާ ހިސާބަށް ހުރިއިރު ހެދުން ކަކުލުން ތިރިއަށް އާދެއެވެ. އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުން ދިހުން އަރައެވެ. ކަނާއަތް ފަރާތު ކަންފަތާ ދިމާލުން ތަންކޮޅެއް ކުރުކޮށް ކޮށާލާފައިވާ އިސްތަށިކޮޅު އޭނާގެ ލޯމައްޗަށް ވެއްޓިފައިވެއެވެ.

ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލަމުން ޒީޝާން ސެންޓުފުޅި ނަގާ ޖަހައިލިއެވެ. ފޯނަށް އައި މެސެޖް ފެނުމާއެކު ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވިއެވެ.

އަތް ދަބަސް ހިފައިގެން ނުކުމެގެން އޭނަ ދިޔައީ އެ ފަންގިފިލާގެ އެއްފަރާތުގައި ހުރި ލައުންޖަށެވެ. އެތަނުގައި މަޑުކޮށްލައިގެން ޖިނާން އިނެވެ. ޖިނާން ގާތުގައި މަޑުކޮށްލައިގެން އިންނަތާ މާ ގިނަ އިރެއްނުވެ، ޔަމާނީ އާއި ދީމާ ވެސް އަތުވެއްޖެއެވެ.

"ޒޭބާ ކޮބާ؟" ޔަމާނީ އަހައިލިއެވެ.

"އެބަ އުޅޭ ރީތިވާން..." ޒީޝާން ބުނެލިއެވެ. ގަޑިއަށް ބަލައިލަމުން ޔަމާނީ ޒީޝާން ގާތުން އެދުނީ ޒޭބާއަށް ވީ ވަރެއް ބަލައިލަން ދިޔުމަށެވެ. އެމީހުން ގަސްތުކުރީ އެންމެން އެކުގައި ކާން ދިޔުމަށެވެ. ރާކިން ވެސް އިރު ކޮޅަކުން އަތުވެއްޖެއެވެ.

ޒީޝާން ހިނގާލާފައި ގޮސް ކޮޓަރި ހުންނަ ގޯޅިގަނޑަށް ވަތްއިރު ފައިގައި ރިއްސާވަރުން އޭނާ އަށް ކެތްކުރެވެނީ އެއް ނޫނެވެ. ފާރުގައި އަތް ޖައްސައިލީ ކޮޅަށް ހުންނަން ދަތިވީ ތީއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ތަޅުގައި އޭނަ ހިފައިލިއެވެ. ތަޅުލާފައި ހުރުމުން ޓަކި ޖަހައިލިއެވެ. ކާޑު ވީ ވެސް އެތެރޭގައެވެ.

ފާރުގައި އަތް ވިއްދައިލަމުން އޭނަ ފައި ދެފަހަރަކު ތަޅުވައިވެސް ލިޔެވެ. ހަދާލެވުނު ގޮތަކުން ފަޔަށް އެރި ތަދާއެކު ޒީޝާންއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދެލޮލުން ކަރުނަ ވެސް އަތުވެއްޖެއެވެ. ގުދުވެލާ ބަލައިލިއިރު އިހުނަށްވުރެ ބޮޑަށް ފައި ދުޅެވެފައިވާތަން އޭނާއަށް ފެނުނެވެ.

"މީ ޒޭބާ ކަންތަކޭ..." ރުޅި އައި ވަރުން ޒީޝާންއަށް ބުނެވުނެވެ.

ކޮޓަރީގެދޮރު ހުޅުވާލާފައި އަރްޒަން ނުކުތް އިރު ކުޑަކޮށް ގުދުވެލާ ފަޔަށް ބަލަހައްޓައިގެން ހުރި ޒީޝާން ފެނި އޭނާއަށް ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. ވީ އަކުރުގެ ބައްޓަމަށް ވާގޮތަށް ކޮށާލާފައިވާ އިސްތަށިގަނޑު ނިއުޅުވާލާފައި އޮތުމުން ޒީޝާންގެ ރީތިކަން އިތުރު ވެފައިވާހެން ހީވިއެވެ. ކުރުކޮށް ކޮށާލާފައި ވާ އިސްތަށިކޮޅު ޒީޝާންގެ މޫނާ ސަކަރާތްޖަހަމުން ދިޔައެވެ. ކޮށްފައިވާ ލުއި މޭކަޕް ޒީޝާންއާ ނުހަނު ގުޅެއެވެ.

އެސްފިޔަ ޖަހައިލަން ވެސް ނޭނގިގައި އަރްޒަންއަށް ހުރެވުނެވެ. ހިތަށް ވެރިވަމުން ދިޔަ ޖަޒުބާތުތަކަށް ފުރަގަސްދިނުމަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އެތަނުން ދުރަށް ދިޔުންކަން ވިސްނި އަރްޒަން ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

ފަހަތުން މީހަކު އަންނަމުން ދިޔަ ކަހަލަ އިޝާރާތެއް ލިބުމާއެކު، ޒީޝާން އިސްއުފުލައިލިއެވެ. އަރްޒަން ފެނި އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ހިނދުކޮޅަކަށް ދެމީހުންގެ ކަޅި ބައްދަލުވިއެވެ.

އަރްޒަން ކަޅުކުލައިގެ ޖީންސްއަކާއި އަތް ދިގު ކަނޑު ނޫކުލައިގެ ގަމީހެއްގައި ހުރިއިރު، އަތް އުޅަބުއްޓާ ހިސާބަށް އޮޅާލާފައި ވުމުން އެ ޝަހުސިއްޔަތުގައި ފުރިހަމަ ގޮތެއް ހުއްޓެވެ. އަވަސް އަވަހަށް ހަށިގަނޑު ސީދާ ކޮށްލަމުން އޭނާ އަނެއްކާވެސް ދޮރުގައި ޖަހައިލިއެވެ. ދޮރު ނުހުޅުވުމާއެކު ދާންވެގެން ހިނގައިގަތް ތަނާ ފަޔަށް އެރި ތަދާއެކު ފާރުގެ އެހީ ހޯދާލަމުން ޒީޝަން މަޑުކޮށްލިއެވެ.

"އައްދޯތް..." އަނގައިން އެބަސްތައް ބޭރުވީ ކިތަންމެ މަޑުން ކަމަށްވިޔަސް އަރްޒަންއަށް އެ އަޑު ރީތިކޮށް އިވުނެވެ. ޒީޝާންއަށް ވީ ގޮތެއް ބަލައިލަން އޭނާގެ ޒަމީރު މަޖުބޫރު ކުރުވީ އެވަގުތެވެ. އެމޫނުމަތިން ފެންނަނީ ކޮންމެވެސް ކަހަލަ ވޭނެއް ތަޙައްމަލް ކުރަމުންދާ ފަދަ އަސަރުތަކެވެ. އަނބުރާލާފައި އައިސް ޒީޝާންއާއި ދާދި ގާތުގައި އަރްޒަން މަޑުކޮށްލި އެވެ.

(ނުނިމޭ)

ކޮމެންޓް 0