"ޖަސްޓް ލެޓް މީ ގޯ އިންސައިޑް ޒޭބާ!" އަރްޒަން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ކުރީ ފަހަރުވެސް ބޯޓު ވެއްޓުނީ ކަލޭ ކުރިކަމަކުން، އަހަރެން މި ފަހަރު އެ ފުރުސަތެއް ނުދޭނަން! ވީ ކޭން ހޭންޑަލް ދިސް އަރްޒަން!" ޒޭބާ ހަޅޭއްލަވައިގަތެވެ. ފަރާ ހުރީ ހަދާނޭ ގޮތް ހުސްވެފައެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަދެ, އަތްވެސް ތުރުތުރު އަޅަން ފެށިއެވެ.
"ޒޭބް. ލެޓްސް ޑޫ ދެޓް! ވީ އޯލް އާރ ގޮނަ ޑައި..." ފަރާ ބުނެލިއެވެ. އޭރު އެ އަޑުގައިވެސް, މަޑުތުރުތުރު އެޅުމެއް ހުއްޓެވެ.
"ފަރާ މޮޔަވީތަ؟ މީނައާ ކަންތައްތައް ހަވާލުކުރަން ހެޔޮ ނުވާނެ، ބޯޓު ވައްޓާލައިގެން މަރާލެވުނު ވަރު މަދުވެގެން އެހެން މީހުންވެސް މެރީ!" ޒޭބާ ގޮތްދޫކުރާކަށް ބޭނުންނުވިއެވެ. އެވަގުތުގެ ނާޒުކުކަމާއެކު ވެސް, އޭނާ އޭގެ ނާޖާއިޒް ފައިދާ ނެގިއެވެ. ވީވެސް އެހެންނެވެ. އޭނާ އެހެން ބުނެނުމާއެކު އަރްޒަން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ޒޭބާގެ އެވާހަކައިން އަރްޒަންއަށް، އަސަރުތަކެއް ކުރީއެވެ.
"އިތުރު އެއްވެސް ޗޮއިސްއެއް އެބައޮތްތަ؟ ލެޓް މީ ގޯ އިންސައިޑް!" އަމިއްލަ މީހާގެ އިޙްސާސްތައް ހަމައަކަށް އަޅުވައިލަމުން، އަރްޒަން ބުނެލިއެވެ. އަރްޒަންގެ ލޮލުން ފެންނަނީ ތެދުވެރިކަމެވެ. އެ ބޯޓުގެެ ތެރޭގައި ތިބި ޕަސެންޖަރުންނާ މެދު ހާސްވެ ކަންބޮޑުވެފައިވާ މިންވަރެވެ.
"ދިސް ވޭ ޕްލީޒް!" ބޯޓަށް އޭރުވެސް ކެނޑިނޭޅި ލޮޅުންތައް އަރަމުން ދިޔައެވެ. ފަރާ އެންމެ ފަހުން ނުހުރެވިގެން, އަރްޒަންއަށް ބަލައިލަމުން, ބުނެލިއެވެ. އެކަމަށް ހުރަސްއެޅީ ޒޭބާ އެވެ. އަރްޒަންގެ ކުރިމައްޗަށް އަރަމުން, އޭނާ ހުއްޓިލިއެވެ.
"ކަމެއްވެއްޖެނަމަ ހޫ ވިލް ޓޭކް ރެސްޕޮންސިބިލިޓީ ފަރާ؟ ކޭން ޔޫ ޓޭކް؟" ޒޭބާ ހަޅޭއްވައިގަތެވެ. އޭނާ އަރްޒަން ދިޔަ ނުދޭން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އަރްޒަން ކުރިއަށް އަޅައިލި ފިޔަވަޅާއެކު, ޒޭބާ, އަރްޒަންގެ މޭގައި އަތް އަޅާ ކޮށްޕައިލިއެވެ. އަރްޒަން ޒޭބާއަށް ބަލައިލުމަށްފަހު, އަނެއްކާވެސް ކުރިއަށް ހިނގައިގަންނަން އުޅުނެވެ. އެވަގުތު އަނެއްކާވެސް ބޯޓު ކޮންމެވެސް ވަރަކަށް އަރިވިއެވެ. މިފަހަރު އެޅި ލޮޅުން އިހުނަށް ވުރެ ބާރުވިއެވެ. އެވަގުތު، ބޯޓު ތެރޭގައި ރުއިމުގެ އަޑާ ހަޅޭކުގެ އަޑު ގުގުމައިލުމާއެކު، އަރްޒަންއަށް ފަހަތުގައި ތިބި މީހުންނަށް ބަލައިލެވުނެވެ. އޭނާ ޒޭބާގެ އަތް ފޮޅުވައިލިއެވެ. އަނެއްކާވެސް ޒޭބާ ހުރަސްއެޅިއެވެ. އަރްޒަން މިފަހަރު އެ އަތް ފޮޅުވައިލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ޒޭބާ ނުވެއްޓުނީ ކިރިޔާ އެވެ.
"އައްދޯތް! ހަނދާންކުރާތި އަރްޒަން! އަހަރެން މައްސަލަ ޖައްސާނަން!" ޒޭބާ އިންޒާރެއް ދިނެވެ. އެއަށް ނުބަލާ އަރްޒަން އަވަސްވެގަތީ ކޮކްޕިޓް ތެރެއަށް ވަންނާށެވެ.
ޒޭބާ މިފަހަރު ހުރަސްއަޅަން އުޅުމުން އެކަން ހުއްޓުވީ ފަރާއެވެ.
"ޔެސް އައި ވިލް! އައި ވިލް ޓޭކް ފުލް ރެސްޕޮންސިބިލިޓީ... ތިހާ ބޮޑާ ނުވެބަލަ ޒޭބާ!" ފަރާ ހިންހަމަ ނުޖެހި ހުރެ، ބުނެލިއެވެ. އޭނާ އަރްޒަން ގޮވައިގެން ކޮކްޕިޓަތް ވަތްއިރު ނާއިމްއަށް އުޅެނީ ނޭވާ ނުލެވިގެންނެވެ. އޭރު އޭނާގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައިސްފައި ހުއްޓެވެ.
"އާޔ ޔޫ އޯކޭ؟" ފަރާ ނާއިމްއާ ގާތަށް ޖެހިލާ އޭނާ ތެދުވަން އެހީތެރިވެދިނެވެ.
"ދިސް އިޒް އަރްޒަން... ހީ ވޯޒް އެ ކެޕްޓަން!" ފަރާ ބުނެލި އެވެ. ނާއިމް ބޯ ޖަހައިލުމަށްފަހު ފަރާގެ އެހީގައި ފަހަތަށް ފިޔަވަޅު އަޅައިލިއެވެ.އެއީ ކާކުކަން އެނގުނު ނަމަވެސް، މިވަގުތު އޭނާ ގެ ގައިގައި އަނގައިން ބުނެލާނެހާ ހިތްވަރެއް ވެސް ނެތެވެ. ހަށިގަނޑު ހުރީ އެހާ ބަލިކަށިވެފައެވެ.
ގޮނޑިން ނާއިމް ނަގާ އަރްޒަން އިށީނދެލިއެވެ. ފަރާ ނާއިމްގެ އަތުގައި ހިފައްޓާލައިގެން ހުރިނަމަވެސް، އެ ބަރު ހަށިގަނޑު ބެލެންސް ކުރުވަން އޭނާއަށް އުނދަގޫވިއެވެ.
ބޯޓުގެ ކޮންޓްރޯލް މަޑުމަޑުން ލިބޭހެން ހީވި އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ނާއިމްއަށް ބަލައިލަމުން ފްލައިޓް ތެރޭގައި ޑޮކްޓަރެއް ހުރިތޯ އެނައުންސްކޮށްލިއެވެ.
އެވަގުތެވެ. ނާއިމް އަރި އަޅައިލިއެވެ. ފަރާއަށް ނުހިފެއްޓި ނާއިމް ކޮކްޕިޓް ތެރެއަށް ވެއްޓުނެވެ. ނާއިމްއަށް ގޮވަގޮވާވެސް ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ލަސްނުކޮށް އޭނާ ކޮކްޕިޓުން ނުކުތެވެ. ނަސީބަކުން ފްލައިޓްގައި ޑޮކްޓަރެއް އިނެވެ. ޑޮކްޓަރު ގޮވައިގެން އެތެރެއަށް ވަނުން ނޫން އެއްވެސް އިތުރު ގޮތެއް ނެތުމާއެކު ފަރާ ކޮކްޕިޓް ތެރެއަށް ވަދެލިއެވެ. އޭރު އަޔާންއާއި ޖިނާން އާ ދެމީހުން އުޅެނީ ޒައުލް ފާޚާނާ ދޮރު ނުހުޅުވައިގެން ޒޭބާއަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއެވެ.
ޖިނާންއާ ދެމީހުންވެގެން ފާޚާނާ ދޮރު ހުޅުވިއިރު، ޒައުލްއޮތީ ފާޚާނާ ތެރެއަށް ވެއްޓިފައެވެ. އެތެރެއަށް ވަނުމަށްފަހު، ޖިނާން އޭނާގެ އަތް ޒައުލްގެ ނޭފަތާ ދިމާލުގައި ޖައްސައިލާ ޒައުލް ނޭވާ ލާތޯ ބެލިއެވެ. އަޔާންއަށް ބަލައިލަމުން، ޖިނާން ބޯ ޖަހައިލިއެވެ.
އެ ދެމީހުންވެގެން ޒައުލް ބޭރަށް ނެރިލާ އެތަނުގައި ބާއްވައިލިއެވެ. ޒައުލް ބަރާބަރަށް ނޭވާ ލަމުން ދިޔައީތީ ޒައުލްއަށް މާބޮޑުކަމެއް ނުވާކަން އެ ދެމީހުންނަށް ވެސް އެނގުނެވެ. ފަރާ ބޭރަށް ނުކުމެ ޒޭބާއަށް ގޮވައިލުމާއެކު އެންެމެންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ.
"އިޓްސް އަ ހާޓް އެޓެކް... ހެލްޕް" ފަރާ ހުރީ ވަރަށް ހާސްވެފައެވެ. ޒޭބާއަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ.
****
"ވަޓް... އަރްޒަން އޭ!" ކޮންޓްރޯލް ޓަވަރ އިން ގުޅާފައި ދިން ޚަބަރަކުން އަނެއްކާވެސް އެއާރލައިން އޮފީސްތެރެ ހަލަބޮލިވިއެވެ. ވަގުތަކީ އަންވަރުވެސް ހުރި ވަގުތެއްކަމުން އޭނާގެ ކަންފަތަށްވެސް ދާދި ފަސޭހައިން އެ އަޑު ފޯރައިފިއެވެ. އޭނާ ބޭނުންވީ ކޮންޓްރޯލް ޓަވަރ އާ ވާހަކަ ދައްކާށެވެ. މިވަގުތު އެތަނުގެ ޑިއުޓީގައި އޭނާގެ އެކުވެރިއަކު ހުރީތީއާ ވެސް އެކުގައެވެ. ދުރަށް ޖެހިލާ އަންވަރު އެކުވެރިޔާއަށް ގުޅައިލިއެވެ. އޭރު އޭނާގެ ހިތްވެސް ދިޔައީ އާދަޔާ ޚިލާފް ބާރުމިނުގައި ތެޅެމުންނެވެ. އޭނާގެ ބައްޕަވެސް ވީ އެ ބޯޓުގައެވެ.
"ކިހިނެއް ވެގެން މިއުޅެނީ؟ ފްލައިޓަށް ދިމާވީ ބޮޑުކަމެއްތަ؟" އޭނާއަށް ހާސްކަމާއެކު ސުވާލުތައް ކޮށްލެވުނެވެ.
"ޒައުލް އޮތީ ހޭނެތިފައި ކަމަށްވަނީ، ނާއިމްއަށް ހާޓް އެޓެކްއެއް ޖެހުނީ، ބޯޓު ދުއްވަނީ އަރްޒަން، ވާހަކަ ދެއްކުމުން ހުރިހާކަމެއްވެސް އަދި ރަނގަޅު ކަމަށް ބުނީ." މިވަގުތު އިތުރު އެއްވެސް ގޮތެއް ނެތިގެންހެން ހީވަނީ އެހެންކަންތައް ކުރީ." އެކުވެރިޔާ ބުނެލިއެވެ.
އެ ޚަބަރު ރޭމްޕް މެނޭޖްމެންޓް ޓީމާ ހިސާބަށް ދާކަށްވެސް ލަސްތަކެއް ނުވިއެވެ. އަޔާންއިން ފްލައިޓަށް މައްސަލައެއް ދިމާވެއްޖެކަން އެނގުނު ހިސާބުން ރައުދާއަށް ވެސް އޭނާ ކުރަން އިން މަސައްކަތް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ.
"ރައުދާ.... ކޮން ގޭޓެއް ހޭ ފްރީ؟" ސިހުނީ ދާދި ގާތުން މީހަކު މޭޒުމަތީގައި ޖަހައިލަމުން އެހެން ބުނެލި އަޑު އިވިފައެވެ.
"އަނ... އާނ... ކީކޭ؟" ރައުދާއަށް ސިހިފައި އަހައިލެވުނެވެ.
"ބަލާބަލަ އަޅެ އޭނާއަށް މިހާރު ވެފައިހުރި ވަރު، ގައިމު އަމިއްލައަށް ދޯ އަޔާން ދޫކޮށްލީ! ދެން އެވަރު ވާންޖެހޭތަ؟"
"އާނ ދޯ! މިހާރު ކޮންކަމެއްތަ؟ ބޭނުންނުވެގެންނެއްނުންތަ ވަރިވީ، އެކަމަކު މިހާރު ރައުދާ ހީވަނީ އަނެއްކާވެސް އަޔާން ބޭނުން ވެގެންއުޅޭހެން. އަހަރެންނެއް ނުބުނާނަން ދެން އަޔާން މީނަކައިރިއަށް އަންނާނެޔޭ، އެ އޮތް ރަނގަޅު ކުއްޖާ ދޫކޮށްލާފަ ފާޑެއްގެ މުސްކުޅި މީހަކާ ވިއްޔަ އިންނަން އެނގުނީ... އާނ. ކަމާލ އަތުގަ ލާރި ހުންނާނެ އެއްނު އެހެންވެގެން؟ ހަމަ ލާރިއަށް. އެ ނޫން އެހެން އެއްވެސް ކަމެއް ވެގެނެއް ނޫން !" އެހެން ދިޔަ ދެ ކުއްޖަކު ރައުދާއަށް ބަލައިލަމުން އަޑު އިއްވައިލުމުގެ ގޮތުން ބުނެލިއެވެ. ތުންފަތުގައި ދަތް އަޅައިލަމުން، ރައުދާ މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.
ކުރަން އިން ކަންތައް ނިންމާލާފައި ރައުދާ ގަޑިއަށް ބަލައިލިއެވެ. ކަމާލު އަންނަ ފްލައިޓް މިއަދު ޖައްސާނެއެވެ. އޭނާއަށް ފުންނޭވާއެއް ލެވުނެވެ. ކަމާލު ފެންނަ ހިސާބަށް ދާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލި މީހަކީ ކަމާލެވެ. އޭނާ ދުވަހަކުވެސް ކަމާލަށް މާފެއް ނުކުރާނެއެވެ. ސިހުރު ފަދަ ނުބައިކަމެއް ކަމާލު، ކުރުމުން ހުރިހާ ދެރައެއް ލިބުނީ އޭނާއާއި އަޔާންއަށެވެ. ކުރިން އޭނާއަށް އެފަދަ ގޮތަކަށް ވިސްނައިލެވުނު ނަމައެއެވެ. އެކަމަކު ހުރިހާކަމެއް ވެސް އެނގުނީ ވަގުތު ފާއިތުވީ ފަހުންނެވެ. ދެން ހެދޭނޭ އިތުރު ގޮތެއް ވެސް ނެތެވެ.
އަނެއް ސީޓުގައި މީހަކު އިންހެން ހީވެ އަރްޒަންއަށް ބަލައިލެވުނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ޒީޝާންގެ ސޫރައިގައި އިން ޝިންޝިނާއެވެ. އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އަރްޒަނ ޖެހިލުންވި ނަަމަވެސް އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކަށްވީ ފްލައިޓްގައި ތިބި އެންމެން ރައްކާތެރިކަމާއެކު އެމީހުންގެ މަންޒިލަށް ގެންގޮސްދިނުމެވެ.
"އަހަރެން ލޯބިވޭ!" ޝިންޝިނާ ބުނެލިއެވެ.
އެހެންބުނެލުމަށްފަހު، އިރުކޮޅަކުން ޝިންޝިނާ ގެއްލުނެވެ. އަރްޒަން ވަށާ ހޯދައިލި ނަމަވެސް މިހާރަކު ޝިންޝިނާގެ އެއްވެސް ހިލަމެއް ނުވެއެވެ.
ފްލައިޓަށް އަރަމުންދިޔަ ލޮޅުންތައް އެކީ ހުއްޓުމާއެކު، ޕަސެންޖަރުންވެސް ހިންހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް ޑޮކްޓަރާއެކު އަޔާން އަދި ޖިނާންގެ އިތުރުން ޒޭބާ އާއި ފަރާ ޕައިލެޓުންނަށް ފަރުވާ ދެމުންދިޔައެވެ.
ފްލައިޓް އަމާންކަމާއެކު އައްޑު އަތޮޅު ގަމަށް ޖެއްސުމާއެކު ފިރާޤަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާ ބަލައިލީ އިރުފާންއަށެވެ. އެއަށްފަހު، ހުރިހާކަމެއްވެސް ރަނގަޅުކަމަށް ބުނެލަމުން އޭނާ ބޯ ޖަހައިލި އެވެ.
ޒައުލްއާ ނާއިމް އާ ދެމީހުން ހޮސްޕިޓަލަށް ގެންދެވުނެވެ. ހަމައެއާއެކު އޭރު އެތަނުގައި ފުލުހުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މުޅި އެއާރޕޯޓް އޮތީ އެލާރޓްގައެވެ. އެތެރެ ހަލަބޮއްޔެވެ. އަރްޒަން ދާންޖެހުނީ އެތަނުގައި ހުންނަ މޯލްޑިވިއަންގެ އޮފީހަށެވެ. ކަންތައްތައް ހިނގި ގޮތް ކިޔައިދޭން އޭނާ ޖެހެއެވެ. އޭނާގެ ބަޔާންވެސް ނަގާނެ ތާއެވެ. ފިރާޤުމެން ބުނީ އަރްޒަން އަންނަން ދެން އެމީހުން މަޑުކުރާނޭ ކަމުގައެވެ.
އެދުވަހަށް ދޭންޖެހޭ މައުލޫމާތު ދީފައި ހުރިހާކަމެއް ނިންމާފައި އަރްޒަން ނުކުތުމުން އަޔާން އަރްޒަން ކައިރިއަށް ޖެހިލިއެވެ. މިވަގުތު އެ މީހުންނާ ސުވާލުނުކުރިޔަސް އަދި ސުވާލުކޮށްފާނޭ ހެއްޔޭ އަޔާން އަރްޒަން ކުރެން އަހައިލިއެވެ. ނޭނގެޔޭ ބުނުމުގެ ގޮތުން އަރްޒަން ދެފަރާތަށް ބޯ ހޫރައިލިއެވެ. އެމީހުން ގުޅައިގެން އައި ވޭނަށް، އަރައިގެން ތިބެން ހަމަޖެހިފައިވާ ގެއަށް ދާން ނައްޓައިލިއިރު ބާރަ ޖަހަނީއެވެ. ގަމުން ފެށިގެން އައްޑޫގެ އުތުރުފަރާތަށް ދުއްވަމުން ދިޔައިރު ރަށަށް އައިސްފައިވާ ބަދަލުތައް ފެނި ފިރާޤަށް ހައިރާންކަން ލިބުނެވެ. ވާނީވެސް އެހެންތާއެވެ. ފާއިތުވީ މަދު އަހަރުތަކެއް ނޫނެވެ. ލިންކް ރޯޑްގައި ދުއްވާލާފައި ދިޔައިރު ކިތަންމެ ހިތްފަސޭހަނަމަވެސް އޭނާގެ ހިތަށް ހިންހަމަޖެހުމެއް ނުލިބެއެވެ. ހުރެވެނީ ނުތަނަވަސްވެފަ އެވެ.
އެމީހުން ތިބެން ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ ގެއެއްގައެވެ. ހިތަދޫއަށް ކާރު ވަނުމުން ފިރާޤަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރަށުގައި ހިނގާދިޔަ ކަންތައްތައް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. ގެއާ ހިސާބަކަށް އާދެވުމުން ފޮށިތައް ބައިލާ އެ މީހުން ގެއަށް ބަލައިލިއެވެ. އެއީ ކުއްޔަށް ދޫކުރާ ގެއެކެވެ. އެ ދުވަސްކޮޅު އެތަނުގައި، އިތުރު މީހަކު ނޫޅެއެވެ. ވަށައިގެން ވަށާފާރު ނަގާފައިވާއިރު އެތެރެއަށް ވަދެގެން ދެވޭ ގޮތަށް ގާޖަހާ ވޯކް ވޭއެއްހަދާފައިވާއިރު ދެފަރާތުގައި ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. އެއްފަރާތުގައި ހުރި ބިޔަ ގަހުގައި އުނދޯއްޔެއް އެލުވާފައި ހުއްޓެވެ. އުުނދޯލި ހުރިތަނުގައި ވެސް ހުރީ ގާ ޖަހާފައެވެ. ފުދޭވަރަކަށް ބޮޑު ގެއަކާ ގޯއްޗެކެވެ.
ހުރިހާ ކުދިން އެތެރެއަށް ވަދެ ހަމަޖެހިލުމުން ފިރާޤު ބޭރަށް ނުކުމެލިއެވެ. އުޑުމައްޗަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު އޭނާ ގޯތިން ބޭރަށް ނުކުމެލިއެވެ. ވަށައިގެން މަގުގެ ދެކޮޅު ބަލައިލިއެވެ. މަޑުމަޑުން އޭނާ ފިޔަވަޅުތައް ކުރިއަށް އަޅަން ފެށިއެވެ. އޭނާގެ މިސްރާބުހުރީ އެ ގެއާ ދުރަށެވެ. ވިސްނުމެއްގައި ހުރެ ފިރާޤު ހިނގަމުން ދިޔައެވެ. ސިކުނޑީގައި ހިނގަނީ ކޮންފަދަ ކަންތައްތަކެއް ކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ރަށަށް ބަދަލުތައް އައިސްފައި ވީނަމަވެސް އޭނާއަށް އެމަގުތަކުގައި ހިނގަން އެނގުނެވެ. އެ ހިނގަމުން ދިޔައިރު އޭނާ އިރުއިރުކޮޅަކާ ފުންނޭވާއެއް ލާނެއެވެ. ރޭގަނޑު ބާރަ ޖަހާ ބޮޑުވެފައި ހުރުމުން ދިރޭ ފުރާނައެއްގެ ހިލަމެއް މަގުމައްޗަކުން ނުވެއެވެ. ފިރާޤުގެ މޫނުމަތީގައި އެއްވެސް ޖެހިލުންވުމެއް ނުވެއެވެ. ވަކިހިސާބަކުން ފިޔަވަޅުތައް މަޑުޖައްސައިލާ ފިރާޤު އޭނާގެ ކުރިމަތީގައި ހުރި ގެއަށް ނަޒަރު ހުއްޓައިލިއެވެ.
(ނުނިމޭ)