"ރައުދާ އެންޑް މީ. އެއީ ހަމަ ސިހުރު..." އަޔާންއަށް ބުނެވުނެވެ. އޭނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަރްޒަންއަށް ހަމައެކަނި ބުމަ އަރުވައިލެވުނީއެވެ.

"ޔާ... ރައުދާ އަދި އަހަރެން ދުރުކުރުވީ މީހަކު ސިހުރު ހަދައިގެން. " އަޔާންގެ މޫނުމަތިން ހިނދުކޮޅަކަށް މާޔޫސްކަން ފެނުނެވެ. އެ ވާހަކަ ދައްކަން އުނދަގޫ ވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ.

"ރައުދާއަށް އެނގޭތަ؟" އަރްޒަންއަށް ސުވާލުކޮށްލެވުނެވެ. އަޔާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެއީ ކާކު ކުރިކަމެއްތަ؟ ކަމާލުތަ؟" ޖިނާންއަށް ވެސް ސުވާލެއް ނުކޮށެއް ނީނދެވުނެވެ.

"އާނ... ވިސްނާލީމަ އަހަންނަށްވެސް މިހާރު އެނގޭ އަހަރެމެން ދެމެދުގައި މައްސަލަޖެހޭވަރުގެ ކަމެއް އަސްލު ދިމާ ނުވާކަންވެސް. އަހަރެމެން ދެމީހުންނަށްވެސް ހުރީ ސިހުރު ހަދާފައި އެއްޗެއް ކާންދީފައި. ޒޭން ހަނދާންވޭތަ މި ދޭތެރެއަކުން އަހަރެން ހޮޑުލާލާފައި އުޅުނު ހަނދާން؟" އަޔާން އަރްޒަންއަށް ބަލައިލިއެވެ. އަރްޒަން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެއީ އެހެންވެ! އެއީ ސިހުރުކަމެއް ވީމަ ކިތަންމެ ވަރަކަށް ބަލި ހޯދިޔަސް ބައެއްޔެއް ނުފެންނާނެއެއްނު. " އަޔާން ބުނެލިއެވެ.

"ސިހުރަކީ ބާރުގަދަ އެއްޗެއް، ފަރުވާ ކޮށްގެން ނޫނީ ރަނގަޅެއް ނުވާނެ. ބައެއް މީހުންނަކީ ސިހުރު ޤަބޫލުކުރާ ބައެއް ނޫން... އެކަމަކު، އަހަރެމެން މުސްލިމުންނަށް ވީތީ ޖެހޭނެ އެސްފީނާ އަދި ސިހުރަކީ ވެސް ޖެހޭ އެއްޗެއްކަން ޤަބޫލުކުރަން، ހީވެސް ނުކުރާހާ ގިނައިން މީހުން ސިހުރު ހަދާ އުޅޭ... ގިނަ ފަހަރަށް އެކަން އެގޮތަށް ކުރާނީވެސް ތިމާއާ ގާތް މީހެއް. ނޫނީ ތިމާއާ ހަސަދަ ލާ މީހެއް. މީހުން މަރާލަން ވެސް ސިހުރު ހަދާނެ." އިރުފާން ބުނެލިއެވެ.

"ޔޫ ޝުޑް ޓެލް ރައު... އޭނައަށް ވެސް އެނގެން ޖެހޭނެ ކީއްވެކަން ކަން އެހެންވާން ޖެހުނީ، އަދި ކަމާލުގެ ޙަޤީގަތްވެސް..."

"ރަނގަޅު ވަގުތެއް ހޯދަން ޖެހޭނެތާ... ހަމަ ހުރެހުރެފަ ގޮސް ބުންޏަސް ކަމަކު ނުދާނެއެއްނު، އަދި އަހަރެމެން ތައްޔާރުވާން ޖެހޭ ބޮޑުކަންތައް ގަނޑެއްވެސް އެބައޮތް..." އަޔާންއަށް ބުނެވުނެވެ.

"ޔާން.... މިހާރު އެކަންތައް އޯކޭތަ؟ މި ބުނީ ބަލިކަންތައް؟" ޖިނާންއަށް އަހައިލެވުނެވެ. ސިހުރު އެ މަޢުޟޫއަކީ އޭނާ ގަޔާވާ މަޢުޟޫއަކަށް ވެއްޖެއެވެ. އެހާ ޝައުޤުވެރިކަމާއެކު ވާހަކަ ދެކެވުނީ އެހެންވެއެވެ.

"އަހަރެމެން ދެމީހުން ދުރުކުރުވަން ހެދި ސިހުރު ވަޅުލާފައި ހުރީ ސަހަރާގައި ހެން ބޮޑަށް ލަފާކުރެވެނީ... އަހަންނަށް ކިޔަވާ ގަޑީގައި ބައެއްފަހަރު ފެންނަނީ ސަހަރާ... ކަމާލު ފެނޭ... ދެން ހުވަފެނުގައި އެފެންނަ މީހެއްގެ މޫނެއް ސާފެއްނުވޭ. އެކަމަކު އެއީ މެދު އުރުމުގެ ފިރިހެންމީހެއްހެން ހީވަނީ. އަހަރެން އަދިވެސް ފަރުވާ ކުރަނީ އޭ ހަމަ. އެކަމަކު މިހާރު ވަރަށް ބޮޑަށް ވެސް ލުއި ވެއްޖެ! އަލްޙަމްދު ﷲ... " އަޔާންއަށް ބަލައިލެވުނީ އިރުފާންއާ ދިމާލަށެވެ. އިރުފާން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އެވެ.

"ޒޭން ޔޫ ޝުޑް ބީ ކެއަރފުލް، އޭނަ އަބަދުވެސް ޒޭން އުޅޭ ނޫޅޭ ގޮތް ބަލާނެ! އެއީ ބާރުގަދަ ޖިންނިއެއް..." އިރުފާން ވިސްނަން އިނދެފައި ކުއްލިއަކަށް ބުނެލިއެވެ. އެ ޖިންނި އެހާ ފަސޭހައިން އަރްޒަން ދޫކޮށްނުލާނޭކަން އޭނާއަށް އެނގެއެވެ.

"މާނައަކީ މިވަގުތު އެ ޖިންނި އަދި ދުރުގައި ހުއްޓަސް... ޒޭންއަށް އަދި ވެސް އުނދަގޫކުރާނެޔޭ ދޯ" ޖިނާން އަހައިލި އެވެ.

"އާނ! އަރްޒަން އާ އެ ޖިންނި އަޅައިގަންނަން ޖެހުނު ސަބަބެއް ވެސް އޮންނާނެ!" އިރުފާން އިތުރު ކޮށްލިއެވެ.

"އެ ޖިންނީގެ ކިބައިން އަރޒަން އެކީ ސަލާމަތް ވާނެ ދޯ" އަޔާން އަހައިލިއެވެ.

"ގިނަ ދުވަސް ވާރަކަށް އުނދަގޫވެސް ވާނެ އެކަންކުރަން، ޚާއްސަކޮށް މިފަދަ ގޮތަކަށް ކަންތައް ވެފައި އޮތްއިރު. އަހަންނަށް ހީވަނީ ވަރަށް ދުވަސްވެއްޖެހެން މިކަމެއް ހިނގާތާ!. މި ބުނީ ބޯޯޓު ވެއްޓުމުގެ ކުރިން ވެސް އޭތި ހުރީ އަރްޒަންއާ އަޅައިގަނެފަހެންނޭ ހީވަނީ..." އިރުފާން ބުނެލިއެވެ.

"ދެން ކިހިނެއް ކަންތައް ކުރަން ޖެހޭނީ..." އަރްޒަން ސުވާލުކޮށްލި އެވެ. އޭނާގެ އަޑުގައި ކޮންމެވެސް ވަރަކަށް ސިހުމާ ބިރުވެރިކަން ވެެއެވެ. ހިންދިރުވައިލަމުން އޭނާ އިރުފާންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"މިވަގުތުޖިންނި އަދި އަރްޒަން ދޫކޮށްލިޔަސް، އޭނަ އަދި އަންނާނެ. އަރްޒަންގެ ގައި ތެރެއަށް ވަނުންވެސް އެކަށީގެންވޭ. ފަރުވާ ކުރާވަގުތު އަދި މާ ބޮޑަށް އުނދަގޫވާނެ! ޖިންނީން އަކީ އެހާ ފަސޭހައިން ގޮތް ދޫ ކުރާނެ ބައެއް ނޫން. އެމީހުން ބޭނުންވާނެ ކޮންމެ ގޮތަކުން ވެސް އެމީހުންގެ މަޤްސަދު ހާސިލްކުރަން. އަދި އަމުދުން އަރްޒަންއާ އަޅައިގަނެގެން ތިއުޅެނީ އާދައިގެ އެއްޗެއް ނޫން. އަހަރެން އެންމެ ކަންބޮޑުވާ ކަމަކީ އެއީ... އަހަންނަށް މިކަންތައް ދަސްކޮށްދިން މީހާވެސް ދުނިޔޭގައި ހުރި ނަމައޭ ހިތަށް އަރާ."

"އިރުފާން ބުނި ކޮންމެ ގޮތަކަށް އަހަރެން ކަންތައް ކުރާނަން..." އަވަސް އަވަހަށް ވާހަކަ ދެއްކި އަރްޒަންގެ އަޑުގައި ވަނީ ހާސްކަމެވެ.

"އަހަރެން އައި އިރު ކުރިން މިތަނުގައި ތިއްބެއްނު ދެ ކުދިން. އެ ދެކުިދން ކައިރީގައި ވެސް ބުނާތި އެ ވާހަކައެއްވެސް މީހެއް ކައިރީގައި ނުބުނަން. ސިއްރުކޮށް ދޭން އެދޭތި. މީ ނުރައްކާތެރި ކަމެއް. " އިރުފާން ބުނެލި އެވެ. އަރްޒަން ބޯ ޖަހައިލިއެވެ.

"ނަމާދާ ގާތްވެލާ ޒިކުރުތައް ކިޔަންޏާ އެ އެއްޗެއްސަށް އުނދަގޫވާނެ ކައިރިވާން... " އިރުފާން އިތުރުކޮށްލި އެވެ. ދެން ތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެކެވެ.

"ބައިދަވޭ ޔާން. ކިހިނެއް ޒީ މިކޮޅަށް ގެނައީ؟ އައި މީން މިކޮޅުގައި ޒީ ހުރިކަން އެންމެނަށް ވެސް އެނގެއެއްނު!" އަރްޒަން ބުނެލިއެވެ.

"ހެހެހެ. އައި ގޮޓް ހެލްޕް ފްރޮމް ރީހާން. އޭނަ ވެސް ޤަބޫލެއް ނުކުރި ފުރަތަމަ. އެކަންތައް ކުރަން ޖެހުނީވެސް ވަރަށް އެތެރެ އެތެރޭން. އެހެންވެ ދުވަސ ް ނެގީވެސް. " އަޔާން ބުނެލިއެވެ.

*****

އެނދުގައި އޮށޯވެ އޮތް ފިރާޤުގެ ލޮލުގައި މިރޭވެސް ނިދީގެ ކަންފުޅެއް ނެތެވެ. މިރޭ ވެސް އޭނާއަށް އުނދަގޫ ކުރަނީ އެ ޚިޔާލްތަކެވެ. އެމާޒީއެވެ.

*****

"އަހަރެން..." އެމީހާގެ އަޑުގައި ހިސާބެއްގެ ތުރުތުރު އެޅުމެއްވިއެވެ.

ފިރާޤު އެ އަންހެން މީހާ ވަންނަން ތަން ދެއްކިއެވެ. އެއީ ޖުމައިލާއެވެ. އޭނާގެ ފަހަތުގައި ހުރި ހަތަރެއް ނޫނީ ފަސް އަހަރަށް ދާ ވަރުގެ ކުޑަ ކުއްޖެކެވެ. އެ ކުއްޖާ ހުރީ އެ ކުއްޖާ މަންމަގެ ފަސްބައިގައި ހިފައްޓައިލައިގެންނެވެ. ޖުމައިލާ ހުރީ އެ ކުއްޖާގެ އަތުގައި ހިފައްޓައިލައިގެން ގަޔާ ކައިރިކޮށްލައިގެންނެވެ. އެމޫނުމަތީގައި ވަނީ ބިރާއި ސިހުމެވެ. ހާސްކަމާއި ކަންބޮޑުވުމެވެ.

"ޖުމައިލާ... މި ގަޑީގައި؟" ފިރާޤަށް ބުނެވުނެވެ.

"އަހަރެން ސަލާމަތްކޮށްދީ... އަހަރެން ސަލާމަތް ކޮށްދީ..." ވާހަކަދެއްކިއިރު، ޖުމައިލާގެ އަޑުގައި ހިސާބެއްގެ ތުރުތުރު އެޅުމެއް ހުއްޓެވެ.

ޖުމައިލާ... ހަމަޖެހިފައި އެހަށް ވީ ގޮތް ކިޔައިދީބަލަ!" ފިރާޤަށް ބުނެވުނެވެ. އޭނާ ވެސް ހާސްވާ ގޮތްވިއެވެ. ޖުމައިލާ ގާތުން ވީގޮތެއް އޮޅުން ފިލުވަން އޭނާ އަވަސްވެގަތެވެ. މި ވިއްސާރަރޭ އެ ގޮތަށް ޖުމައިލާ އަންނާނީ ގައިމު ބޮޑު ކަމެއް ވީމަތާއެވެ.

"އޭނަ ނައުފަލް ވެސް މަރައިލައިފި. ނައުފަލް ވެސް..." ޖުމައިލާއަށް ރޮއިގަނެވުނެވެ. އޭރު އޭނާގެ ގާތުގައި ހުރި ތުއްތު ކުއްޖާވެސް ފެން ކަޅިވެފައި އޭނާގެ މަންމަގެ ހަރަކާތަށް ބަލަން ހުރެގެން ހެދުމުގެ ފަސްބަޔަށް ބާރުކުރަމުން ދިޔައެވެ. އެ ތުއްތު ކުއްޖާގެ މޫނުމަތީގައިވެސް ވަނީ ބިރުވެރިކަމެވެ.

"މަންމާ... މަންމާ...." ތުއްތު ތުއްތު އަޑުން އޭނާ މަންމައަށް ގޮވަމުން ދިޔައެވެ. ކިތަންމެ ކުޑަ ނަމަވެސް ހީވަނީ ކަމުގެ ނުރައްކާތެރިކަން އެ ކުއްޖާގެ ސިކުނޑިއަށް ވެސް ނަގައިގަނެވެނީ ހެންނެވެ.

"އޭނާ އަހަރެެންވެސް މަރައިލާނެ... އަހަރެންވެސް... އަހަރެން ސަލާމަތް ކޮށްދީ. އެއީ ހާދަ ނުބައި މީހެކޭ... އާދޭސްކުރަން އަހަރެން ސަލާމަތްކޮށްދީ" ނޭވާ ލާން އުނދަގޫވެފައި ހުރި ފަދަ ގޮތަކަށް ޖުމައިލާ ފުންނޭވާތަކެއް ލާން ފެށިއެވެ. ތުންފަތް ތުރުތުރުއަޅަނީ ބިރުންކަމެއް ނޫނީ ފިނިވެގެން ކަމެއް ބުނާކަށް ނޭނގުނެވެ.

"މަންމާ ނުރޮއި" އިސާހިތަކު އެ ތުއްތު ކުއްޖާގެ ލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ. މަންމަގެ ވޭނާ އުދާސްތައް އޭނާއަށް ވެސް ފަހުމް ވީ ކަންނޭގެއެވެ.

"ޖުމައިލާ ހަމަޖެހިބަލަ!. ހުރިހާ ކަމެއް ވެސް ރަނގުވާނެ... އަނީސާ... އަނީސާ... " ފިރާޤު އޭނާގެ އަންހެނުންނަށް ބާރަށް ގޮވައިލިއެވެ. މައިގެ ތެރެއަށް ނުކުތް އަނީސާއަށް ޖުމައިލާ ފެނުމާއެކު އަވަސް އަވަހަށް އެ ދިމާލަށް ހިނގައިގަނެވުނެވެ. އަނީސާ އަކީވެސް ހިތްހެޔޮ ހިތްތިރި މިޒާޖެއްގެ މީހެކެވެ. ކަންކަމުގައި މީހުންނަށް އެހީތެރިވާ އޯގާތެރި މީހެކެވެ. ޖުމައިލާ ތެމި ފޯވެފައި ހުރިއިރު އޭނާގެ ކައިރީގައި ހުރި ތުއްތު ކުއްޖާވެސް ހުރީ ތެމި ފޯވެފައެވެ.

ޖުމައިލާ އަކީ ވެސް އައްޑޫ މީހަކަށް ވާތީ އާ ދަންނަ މީހެއްކަމުން އެ ދެމެދުގައި މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވެއެވެ.

"ކިހިނެއްވީ ފިރާޤު؟" އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ. އޭރު އެ މޫނުމަތީގައި ވެސް ވަނީ ހާސްކަމެވެ. ވާނުވާ އޭނާއަށް ވެސް ރަނގަޅަކަށް ނޭނގެއެވެ.

"އޭނަ އަހަރެންވެސް އަހަރެންގެ ދަރިފުޅުވެސް މަރައިލާނެ... ނައުފަލް ވެސް... ނައުފަލްގެ އެއްވެސް ކުށެއް ނެތޭ... ދެން ކީއްވެ؟ މީ އަހަރެންގެ ކުށްތަ؟ އެކަމަކު..." ޖުމައިލާއަށް އަނެއްކާވެސް ބުނެވުނެވެ. އޭރު ވެސް އޭނާއަށް ރޮވެނީއެވެ. މަޑުމަޑުން އެ އަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ.

"ޖުމައިލާގެ ކޮށްކުށެއް އޮތީ؟ ހަމަޖެހިފައި ވީގޮތް ކިޔައިދީބަލަ! އަހަރެމެން ޖުމައިލާއަށް ވެދެވެން އޮތް އެހީތެރިކަމެއް ވިއްޔާ ދޭނަން" ކުޑަ ތުވާލި ކޮޅެއް ހިފައިގެން އައިސް އެ ކުއްޖާގެ ކޮނޑުގައި އަޅައިދެމުން އަނީސާ ވާހަކަ ދެއްކިއެވެ. އޭނާ ޖުމައިލާގެ ކޮނޑުގައި އަތް ޖައްސައިލަމުން ހަމަޖެހިލުމަށް އެދުނެވެ. ބޯ ޖަހައިލީ ހާސްނުވުމަށް ބުނުމުގެ ގޮތުންނެވެ.

******

ޚިޔާލުތަކުން ފިރާޤަށް މިންޖުވެވުނީ ފޯނު ރިންގުގެ އަޑާއެކުގައެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު އޭނާ ފޯނު ސައިޑް ކަބަޑު މަތީގައި ބާއްވައިލިއެވެ. މިރޭ އާދަޔާ ޚިލާފަށް އޭނާއަށް އޭނާގެ އަންހެނުންގެ ހަނދާންވެސް އާވަނީއެވެ. އެ ހިތި މާޒީއަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި މާޒީއެކެވެ. އޭނާގެ ލޯބިވާ އަނބިމީހާ އޭނާ ދޫކޮށް މި ދުނިޔެއާ އަލްވަދާޢު ކީވެސް އެ މާޒީގެ ސަބަބުންނެވެ. އެ ހިނގާދިޔަ ހާދިސާތަކުގެ ސަބަބުންނެވެ. ފިރާޤަކީ ވެސް މާލޭ ބަދަލުވުމުގެ ކުރިން އައްޑޫގައި ދިރިއުޅުނު މީހެކެވެ. ނައުފަލްގެ ގޮތް ނޭނގޭ ކަމަށް ބުނާ މަރަކީ އެ ދުވަސްވަރު މުޅި އައްޑޫއަށް ވެސް ސިހުން ގެނުވި ޚަބަރެކެވެ. އެ މަރުގެ ފުރިހަމަ ހަޤީގަތް އެނގެނީ މަދު ބަޔަކަށް ކަމަށްވާއިރު އޭނާ އަކީ އެ ހަޤީގަތް އެންމެ ރަނގަޅަށް އެނގޭ އެކަކެވެ.

ދުވަސްތައް ފާއިތުވެގެން ދިޔަނަމަވެސް، އަދިވެސް އެ ހަނދާންތައް އާވުމުން އޭނާއަށް އުނދަގޫތައް ވެއެވެ. ފިރާޤު އޭނާގެ ނިތުން ހިއްލާފައިވާ ދާތިކިތައް ފުހެލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހަނދާންކުރަން ބޭނުންނުވިޔަސް އެ މާޒީ އޭނާގެ ހަނދާނުން ފުހެލާނީވެސް ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)

ކޮމެންޓް 0