"ޖުމައިލާ އާ އަރްޒަން ކަލޭއަށް... ކަލޭ ބޭނުންކަމެއް ކުރޭ... ބޭނުންގޮތެއް ހަދާ.... އަހަރެން ދޫކޮށްލާ..." ކުއްލިއަކަށް ޖުމައިލާގެ ކަންފަތުގައި ޖެހުނުއަޑާއެކު އޭނާއަށް ހުއްޓެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ.
"އެކަމަކު ކަލޭ ޖެހޭނެ ނައުފަލް މަރައިލަން... އަހަރެން... އާހް..." ޖައުފަރު ބުނެލިއެވެ.
ޖައުފަރު ހުރީ ފާރުގައި ޖެހިފިތިފައެވެ. އަމިއްލަ އަތުން އޭނާ ވަނީ ކަރުގައި ހިފައްޓާލާފައެވެ. ހީވަނީ އެހެންމީހެއްގެ ބާރުގައިހެންނެވެ. ފައި ބިންމަތީގައި ޖެހޭނުޖެހޭ ވަރަށް އުފުއްލިފައިވާއިރު ޖައުފަރުގެ ދެލޯ ވަނީ ބޮޑުވެފައެވެ.
ޖުމައިލާއަށް އަނގަަމަތީގައި އަތް އެޅުނީ، އަޑު ބޭރުވިޔަ ނުދިނުމަށެވެ. ޖައުފަރުގެ ނިތްކުރިމަތިން ލޭ އަންނަމުން ދިޔައިރު، އަނަގައިންނާ ނޭފަތުންވެސް ލޭ އަންނަމުން ދިޔައެވެ.
ޖައުފަރު ހުރިގޮތުން އެތަނުގައި އޭނާއަށް ނުފެނުނަސް އެހެން މަޚްލޫޤެއް ވާކަމުގައި ޖުމައިލާގެ ވިސްނުން ތޫނު ސިކުނޑިއަށް ވިސްނުނެވެ. އޭނާ ފާރުގެ އެހީ ހޯދައިލަމުން ހަމަޖެހެން މަސައްކަތްކުރީ، ކޮޅަށް ހުންނަން އުނދަގޫވީ ވަރުންނެވެ. ގައިން ވަރުދޫވެ އޭނާގެ ފަޔަށް މަޑު ތުރުތުރު އެޅުމެއްވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ޖުމައިލާ ފަހަތަށް ފިޔަވަޅު އަޅައިލިއެވެ. އޭނާއަށް ބަަލައިލެވުނީ އެ ދިމާލަށް ބަަލަހައްޓައިގެން ހުރި އަރްޒަންއާ ދިމާލަށެވެ. ޖުމައިލާގެ ދެލޯ ވަގުތުން ފެންކަޅިވިއެވެ. އޭނާ ނުރޯން ހިތްވަރު ކުރިނަމަވެސް، ކަރުނަަތައް ކޯތާފަތްމަތިން ފައިބައިގެން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. އޭނާގެ މެއަށް ވަނީ ބާރުވެފައެވެ. ހީވަނީ ފިތިފައިވާހެންނެވެ. އަރްޒަންއާ ދިމާލަށް އަވަސް ފިޔަވަޅުތަކެއް އަޅައިލުމަށްފަހު، ޖުމައިލާ ގެއިން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް އޭނާ އަށް ރޮވެމުން ދިޔައެވެ.
"މަންމާ... ކީއްވެ ރޮނީ... ނުރޮއި..." އަރްޒަން އޭނާގެ ތުއްތު އަޑުން އެހެން ބުނެލުމާއެކު، ޖުމައިލާ އަރްޒަންއަށް ބަލައިލިއެވެ. އޭނާ ދުވަމުން ދިޔައީ ރަށުގައި ރުޤްޔާކުރަން މޮޅު މީހެއްކަމަށްވާ ފިރާޤު ގާތަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ބޯކޮށްވާރޭ އޮއްސައިލިއެވެ. އެކަމަކު ވެސް ޖުމައިލާ ފިޔަވަޅުތައް ހުއްޓައެއް ނުލައެވެ. ޖުމައިލާ ހުއްޓުނީ ފިރާޤުމެން ގެއާ ހިސާބަށް ދެވުމުންނެވެ. އޭނާ އުނގުގައި އިން އަރްޒަން ތިރީގައި ބެހެއްޓިއެވެ. އޭރު އޭނާއަށް ނޭނގުނުކަމަކީ، އަރްޒަންގެ އަތުގައި އޭނާގެ އެއް ކަންފަތުލާ އެތި އޮތްކަމެވެ. ވާރޭގެ ތެރޭގައި ހަދައިލެވުނު ގޮތަކުން އަރްޒަންގެ އަތަށް އެ ކަންފަތުލާ އެތި ވެއްޓުނުކަމެއް ޖުމައިލާއަކަށް ނޭނގެއެވެ.
*****
"އެރޭ އަހަރެންނާ ޖުމައިލާ ބައްދަލުކުރި... އޭގެ ފަހުން އޭނާ ހުރިހާ ވާހަކައެއް ކިޔައިދިން... ނައުފަލްގެ މަރުވެސް..." ފިރާޤަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ވާހަކަ މެދު ކަނޑައިލިއެވެ.
"ނައުފަލް ފެނުނު ދުވަހު، ޖުމައިލާ އޭނާގެ ގެއަށް ގޮސް އެއްޗެހިތައް ހިފައިގެން އަހަރެމެން ގެއަށް ބަދަލުވީ އެ ގެ ދޫކޮށްލަން ޖައުފަރު އެއްބަސް ނުވީމަ. އެހިސާބުން އަހަރެން މަސައްކަތް ފެށީ އެ ޖިންނީގެ ކިބައިން އަރްޒަންއާ ޖުމައިލާ ސަލާމަތްކުރަން... އަދި އަދަށް ދާންދެންވެސް ނައުފަލްގެ މަރުގެ ހަޤީޤަތް އެއްވެސް މީހަކަށް ނޭނގޭނެ..." ފިރާޤުގެ އަޑުގައި ވޭންވިއެވެ. އެންމެންނަށް ވެސް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގިފަައެވެ. ތަނަށްވެރިވި ހަމަހިމޭންކަން ފޫދުއްވައިލީ އަރްޒަންގެ އަޑުންނެވެ.
"ފްލައިޓްގައި ވެއްޓުނު މީހުންނާ ބަތޫލްއަށް ވީ ގޮތާ، ރާކިންގެ މަރުގެ ހަޤީޤަތް ވެސް ... އަދި އަހަރެންގެ ވީޑިއޯ ވައިރަލް ކޮށްލި ކުއްޖާވެސް...." އަރްޒަންއަށް ކުއްލިއަކަށް ބުނެވުނެވެ. އޭނާއަށް އިސްޖަހައިލެވުނެވެ. އޭނާއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް، އެ ހުރިހާކަމެއް ހިނގާފައިވަނީ އޭނާގެ ބައްޕަގެ ސަބަބުންނެވެ. އެތައްބައެއް ނުރައްކަލަކަށް ހުށައެޅި އެތައް ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެ ދިޔައީ އޭނާގެ ބައްޕަގެ ސަބަބުންނެވެ.އަރްޒަންއަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވި، ޒީޝާން އަރްޒަންގެ އަތަށް ބާރުކޮށްއެވެ. އަޔާން އައިސް އަރްޒންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. ހިތްވަރު ކުރުމަށް ބުނެލިއެެވެ.
"އެ ހާދިސާގައި އަހަރެންގެ ގޭގައި... ޖުމައިލާ އާ އަހަރެންގެ އަންހެނުންވެސް..." ފިރާޤު ވާހަކަ ފަށާފައި މިފަހަރުވެސް ވަކި ހިސާބަކުން ހުއްޓައިލިއެވެ. އެ ދުވަސް އޭނާ ހަނދާންކުރަން ބޭނުން ނުވިޔަސް އޭނާ ހުރީ އަރްޒަންއަށް ހުރިހާ ވާހަކައެއް ކިޔަދޭން ތައްޔާރަށެވެ. ހުރިހާ ވާހަކައެއް އެނގުމަކީ އަރްޒަންއަށް ލިބިގެންވާ ޙައްޤެއްކަމުގައި އޭނާ ޤަބޫލުކުރިއެވެ.
"ފިރާޤުބޭ!... ތިހުރިހާ ވާހަކައެއް ދައްކަން އެހާ އުނދަގުލިއްޔާ އަހަރެމެންނަށް އެންމެ ރަނގަޅުއެހަށް މިވަގުތު ކިޔައި ނުދިނަސް..." އަރްޒަން ބުނެލިއެވެ.
"ނޫން އަރްޒަން... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން... އަޑު އަހާ... "
"ޖެހިޖެހިގެން ކޮންމެރެއަކު އަހަރެން ހުއްޓާނުލާ ކިޔެވިން.. ޖިންނިއާ ވާހަކަ ވެސް ދެއްކިން... އެއްރޭ... އެއްރޭ އަހަރެން ކިޔަވަން ފެށުމުން ޖުމައިލާ ވެސް އަރްޒަން ގޮތަށް ހޭންފެށި... އެއަށްފަހު އޭނާ އައި ގޮތަށް އައިސް އަހަރެންގެ މޫނަށް ކުޅު ޖެހި. ފިރާޤު އަނެއްކާވެސް ހުއްޓައިލިއެވެ. އޭނާގެ ހަނދާނަށް އެރޭގެ ކޮންމެ މަންޒަރެއްގެ ހަނދާން ވަކިވަކިން އަންނަން ފެށިއެވެ.
*****
އެއީ ވެސް ރޭގަނޑެކެވެ. ޖުމައިލާ ކުއްލިއަކަށް އަމިއްލަ ބޯ ފާރުގައި ތަޅަންފެށިއެވެ. މިރޭ ޖުމައިލާގެ ހަށިގަނޑަށް ޖިންނި ވަނީ ގޭގައި އަނީސާ އާއި އޭނާ އުޅެނިކޮށް ކުއްލިއަކަށެވެ. ފިރާޤު ކިޔަވަން ފެށިއެވެ. އަނީސާއަށް އާދެވުނީ އެތަނަށެވެ. އަރްޒަންވެސް އައިސް މަޑުކޮށްލިއެވެ. ފިރާޤު ބުނެލީ އޭނާ އާއެކު ކިޔެވުމުގައި ބައިވެރިޔާ ދެކުދިން ގެނައުމަށެވެ. އަނީސާ ގޮސް އެ ދެކުދިން ގޮވައިގެންއައެވެ.
ޖުމައިލާ އޭނާގެ ބޯ ފާރުގައި ތަޅަމުންދިޔައެވެ. ދެ ފިރިހެނުންނަށް ވެސް އޭނާ މައިތިރި ކޮށްލެވުނީ ކިރިޔާއެވެ. އޭރު ޖުމައިލާގެ ބޮލުންވެސް ލޭ އަންނަމުން ދިޔައެވެ.
ޖުމައިލާ މަރުވީވެސް އެފަދަ ގޮތަަށެވެ. ޖުމައިލާގެ ފުރާނަ ދުއްވައިލުމަށްފަހު، އެ ޖިންނި ދެން ހަމަލާދިނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ އަންހެނުންވެސް އެ ޖިންނީގެ ވަކިތަކުގެ ދަށުވީއެވެ. ޖިންނި ދެން ދިމާކޮށްލީ އަރްޒަންއާ ކަމަށް ވިޔަސް، ފިރާޤުގެ މަސައްކަތުން އަރްޒަން ސަލާމަތް ކުރެވުނެވެ.
ރަޑުތެރެއަށް އަޑު ފެތުރުނީ ޖުމައިލާ ޖިންނި މޮޔަވެ، ފަރުވާ ކުރަމުން ދަނިކޮށް މަރުވީ ކަމުގައެވެ. އަނީސާއަށްވެސް ވީ އެފަދަ ގޮތެއް ކަމުގައެވެ. ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެން ފެށިއެވެ. ހަޤީޤަތް އެނގެނީ މަދު ބަޔަކަށެވެ.
*****
ޖުމައިލާ މަރުވުމުގެ ކުރިއަށް، އެންމެފަހު ކަމަކަށް އެދުނީ އަރްޒަން ރައްކާތެރިކޮށްދިނުމަށް... އަދި ޖައުފަރަށް ނުފެންނަ ތަނަކަށް އަރްޒަން ފޮނުވާލުމަށް. އަހަރެން އެކަންތައް ޖުމައިލާއަށްޓަކައި ކޮށްދިނީ... އަހަރެން އަރްޒަން ހިޔާއަށް ލީ... އަރްޒަން ހަނދާންހުންނާނެ ކަމެއް ނޭނގެ! "
"އޭގެ ފަހުންވެސް ޖައުފަރު އޭނާގެ ހަށިރައްކަލެއް ސިހުރެއް ހެދި. އަދި އަނެއްކާވެސް މާހުތާބު އޭނާގެ ބާރުގެ ދަށަށް ގެނައި. އޭނަ އޭތި ވަޅުވީ ޝިންޝިނާ ބުނި ގޮތުންނަމަ ކޯއްޓޭގައި، ޝިންޝިނާ ބުނީ އޭނާއަށް އޭތި ނައްތައިނުލެވުނު ސަބަބަކީ އޭތި ނަގާއިރަށް މާހުތާބަށް ގޮތްވާތީ... ހަށިގަނޑު އަނދައިގެން ދާތީ... އެހެންވެ އެހާ ދުވަހު އޭނާއަށް ގެއްލުމެއްނުވެ ހުރީ. އެކަމަކު ޝިންޝިނާ އޭނާގެ މަންމަ މަރުވުމަށްފަހު އެ ނެގި... އެހެންވެ އޭނާއަށް ޖައުފަރަށް ގެއްލުންދެވުނީ... އޭނަ އެކަން ކުރީ ދެ ޒުވާނުންގެ ފުރާނަ ދުއްވައިލައިގެން..." ފިރާޤު ބުނެލިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ދެން ދިޔައީ އޭނާގެ ގެ އަރްޒަންމެނަށް ދައްކައިލުމަށެވެ. އެ ދިޔަ ދިޔުމުގައި ވެސް އެ މީހުން ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިއެވެ.
"ފިރާޤުބޭ... އޭރު އަންވަރު ސާރ ކޮބާތަ؟" ކުއްލިއަކަށް އަރްޒަން އަހައިލިއެވެ.
"އަންވަރު ވަރަށް ކުޑައިރު އަހަރެމެން އަންވަރު މާލެ ފޮނުވައިފިން. ކިޔަވައިދޭން... އެހެންވެ އެ ދުވަސްކޮޅު އަންވަރު ރަށުގައި ނުހުންނާނެ... އެކަމަކު އަންވަރު ދުރުގައި ހުރި ނަމަވެސް އެކަމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް އަންވަރަށް ވެސް ކުރި. އެކަމަކު މާ ބޮޑު ވަރެއް ނުވޭ..." ފިރާޤު ބުނެލިއެވެ. އެ ގެއާ ހިސާބަށް ދެވުމުން އަރްޒަން ވާހަކަ ދެއްކިއެވެ. އޭނާއަށް އެގެ ފެނުމުން އިތުރު ގޮތްތަކެއް ވަނީ އެހެންވެ ހެއްޔެވެ؟ އެ ގެ ފެނުމުން ކޮންމެ ފަހަރަކުވެސް އޭނާއަށް ބުނެދޭން ނޭނގޭ އިޙްސާސްއެއް ކުރެވެނީ އެ ގެއާ އޭނާ އާ ގުޅުމެއް ވާތީ ހެއްޔެވެ؟
"އެތެރެއަށް ވަދޭ ވޭނެތަ؟ " އަރްޒަންއަށް ބުނެވުނެވެ. ފިރާޤު އަރްޒަންއާއެކު އެތެރެއަށް ވަންނަން ނިންމީ ޚުދު އޭނާވެސް އެގެއަށް ވަންނަން ބޭނުންވެފައި ވާތީއެވެ. އެގެއަކީ އޭނާ އާއި އޭނާގެ އަންހެނުންގެ އެތަކެއް ފޮނި ހަނދާންތަކެއް ގުޅިފައިވާ ގެއެކެވެ. ހަމައެއާއެކު ހަނދާނުން ނުފިލާ ފަދަ ހިތްހަލާކުވާފަދަ މާޒީއެއްވެސް ގުޅިފައިވާ ގެއެކެވެ.
ދޮރުފަތް ހުޅުވައިލުމާއެކު، ކަންފަތަށް އުނދަގޫވާފަދަ ތޫލިއަޑެއް ކިޔެވެ. މަކުނު ވާތަށް އެއްފަރާތް ކޮށްލަމުން ފިރާޤަށް ކެއްސައިލެވުނެވެ. ހީވަނީ މީން ދުވަހަކު އެގެ ނުހުޅުވާ ހުރިހެންނެވެ. ވަގެއްވެސް ނުވަންނަނީ ހެއްޔެވެ؟ އާއެކެވެ. އެތަނުގައި މީހަކު މަރުވެފައި ވުމުން ވަންނާނީ ވެސް ކާކުހެއްޔެވެ؟. އެކަކު ނޫނެވެ. ދެމީހުންނެވެ. ފިރާޤަށް އެކި ގޮތްގޮތަށް ވިސްނުނެވެ.
އެންމެން އެކީ އެތެރެއަށް ވަނުމަށްފަހު ވަށައިގެން ބަލައިލިއެވެ. ދުވާލުގެ ވަގުތެއްކަމުން ފާރުތަކުގައި ހުރި ޖާލިތަކުން އެތެރެއަށް އަލި ވަދެލިއެވެ.
އެތަނުގައި މާގިނަ ސާމާނެއް ނެތެވެ. އެއްފަރާތުގައި ހުރި ލަކުޑި އެނދާއި މޭޒުގައި ވެސް ހުރީ ހިރަފުހެވެ. މުޅީ ގޭގައި ވެސް ވަނީ މަކުނުވަލާއި ހިރަފުހެވެ.
ފިރާޤުގެ ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހުރި ލަކުޑި ފޮއްޓަށެވެ. އެއާއެކު އެ ހަތް މީހުންގެ ނަޒަރުވެސް އެ ފޮއްޓަށް ހުއްޓުނެވެ. ފިރާޤު މަޑުމަޑުން ގޮސް އެ ފޮށި ކައިރީގައި ހުއްޓުނެވެ. އެއީ ޖުމައިލާގެ ސާމާނެވެ. އޭނާ މާލެ ބަދަލުވީއިރު، އެ ސަމާނުތައް ނުގެންދާތީ އެ ތަނުގައި އެ ހުރީ ބެހެއްޓި ގޮތަށެވެ. އެތަނުގައި އޭހާ ދުވަސްވަން އެ ހުންނާނެކަމަކަށްވެސް އޭނާ ހިޔެއްނުކުރެއެވެ. އޭނާ ޖީބުން ނެގި ރުމާކޮޅުން އެ ފޮށިން ހިރަފުސް ފޮޅައިލިއެވެ. އެއަށްފަހު، އެ ހުޅުވައިލިއެވެ.
"ތި ކޯންޗެއް ފިރާޤުބޭ؟" ޒީޝާން އަހައިލިއެވެ. އޭރުވެސް އޭނާ ހުރީ އަރްޒަންގެ އަތުގައި ހިފައްޓައިލައިގެންނެވެ. އަޔާންމެންވެސް ކުރިއަށްޖެހިލިއެވެ. ރައުދާވެސް ހުރީ އާރާގެ އަތުގައި ހިފައްޓައިލައިގެންނެވެ. ޖިނާންއާއި އިރުފާންވެސް ތިބީ ފިރާޤު ދޭނޭ ޖަވާބެއްގެ އިންތިޒާރުގައެވެ. އަރްޒަންގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އޭނާ އިންތިޒާރު އެކުރަނީ ފިރާޤުގެ ޖަވާބަކަށެވެ.
"މީ އަރްޒަން މަންމަގެ އެއްޗެހި..."
ފިރާޤު އެހެން ބުނެލުމާއެކު، އަރްޒަން ކުރިއަށް ޖެހިލިއެވެ. އޭނާ އެ ފޮއްޓަށް ނަޒަރުު ހުއްޓައިލިއެވެ. އޭނާ އޭގެ ކައިރީގައި އެއް ކަކޫ ޖައްސައިލައިގެން އިށީނދެލިއެވެ. އެއަށްފަހު އޭނާ އޭގެން ފަހަރަކު އެއްޗެއް ނަގަން ފެށިއެވެ. ކުއްލިއަކަށް ތޫނު އެއްޗެއް އަތަށް ހެރުނުހެން އަރްޒަންއަށް ހީވިއެވެ. އޭނާ ރަނގަޅަށް އެއަށް ބަލައިލުމަށްފަހު، އޭތި ނެގިއެވެ.
އެއީ ކަންފަތުލާ އެއްޗެކެވެ.
"ތީ އަރްޒަން މަންމަގެ. " ފިރާޤު ބުނެލިއެވެ.
އަރްޒަންއަށް ބަލައިލެވުނީ ޒީޝާންއަށެވެ. އަށްފަހު ޒީޝާންގެ އަތަށެވެ.
ޒީޝާންގެ އަތުގައި އެވަނީ އޭގެ އަނެއްބައެވެ. އޭނާ އަނގޮޓި ހެދީ އޭގެ އަނެއް ކަންފަތުލާ އެތި ބޭނުންކޮށްގެންނެވެ. އަރްޒަންއަށް ފުންނޭވާއެއް ދޫކިށްލެވުނެވެ.
(ނުނިމޭ)