"ނޭނގެދޯ ހަމަ އެއްގޮތަކަށްވެސް. އެންމެން ވެސް ފަޚުރުވެރިވާ ފަދަ ކުއްޖެއް އަރްޒަން އަކީ... މައިންބަފައިން ދުނިޔޭގައި ނެތީ ކަމަށްވެސް ވެދާނެއެއްނު...." އަންވަރު ބުނެލި ވާހަކައިން ފިރާޤުގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. އޭނާއަށް ނިތުގައި ފިރުމައިލެވުނެވެ.

ފިރާޤު އެއްޗެއް ނުބުނެ ގިނައިރު ވާން ފެށުމުން، ފިރާޤަށް ބަލައިލި އަންވަރަށް، ފިރާޤުގެ މޫނުމަތީގައިވި ނުތަނަވަސްކަން ފާހަގަވުމާއެކު، ވެގެންއުޅޭ ގޮތަކާ ބެހޭގޮތުން އޭނާ ސުވާލުކޮށްލިއެވެ. ހަމަޖެހެން މަސައްކަތް ކުރި ފިރާޤު ގަދަކަމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާގެ އަމިއްލަ ބާރުގެދަށަށް އެވަގުތު އޭނާގެ ހިތާ ސިކުނޑީގައި ހިނގަމުންދިޔަ ޖަޒުބާތުތައް ގެންނަން މަސައްކަތް ކުރިއެވެ. އުނދަގުލުން އެކަންތައް ކުރެވުމާއެކު، ވާހަކަ އޮޅުވާލުމުގެ ބޭނުމުގައި ފިރާޤު، އެހެން ވާހަކައެއް ފެށުމާއެކު، އަންވަރުވެސް އެ ވާހަކައާއި އެއްބައިވިއެވެ. އެކަމުން ފިރާޤަށް ހިންހަމަޖެހުން ލިބުނެވެ.

*****

ނިއުމާގެ އިތުރުން ނިހާދަށް ވެސް އަޔާންއާއި ރައުދާގެ ހީނަރުވަމުންދިޔަ ގުޅުން ފާހަގަ ކުރެވުނެވެ. އެކަމާ އެދެމީހުން އެކަކު އަނެކަކާ ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރިނަމަވެސް، ހަޤީގަތުގައި އެހާ ބޮޑު ބަދަލެއް އަންނަންޖެހުނު ސަބަބެއް ނުވިސްނުނެވެ. އެއްރެއެއްގައި ކާންތިބެގެން ވެސް އެމީހުން ނުސީދާގޮތަކަށް އެ ދެމީހުންނަށްވެސް ނަސޭހަތް ދިނެވެ. ކައިވެނީގެ މަތިވެރި ގުޅުމާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އެ ދެމީހުންވެސް އުންމީދުކުރީ ބޮޑުވެފައި ތިބި ދެކުދިންނަށް ވުމާއެކު އެމީހުން އެ ދައްކާ ވާހަކަތަކާ މެދު އެ ދެކުދިންވެސް ވިސްނާނޭ ކަމުގައެވެ. މައްސަލައެއްޖެހިގެން އުޅޭނަމަ ހައްލު ކުރާނޭކަމުގައެވެ.

*****

ޑިއުޓީއަށް އެއާޕޯޓަށް ގޮސް ވަތްތަނާ، އަޔާންގެ ފޯނަށް މެސެޖެއް އައެވެ. ޖީބުގައި އޮފް ފޯނު ނަގައި، އޭނާ އެ މެސެޖް ހުޅުވާ ބަލައިލިއެވެ. ވައިބާއިން އައިސް އޮތް ފޮޓޯ ގަނޑެކެވެ. އިމިގްރޭޝަންގައި މަސައްކަތް ކުރާ އޭނާގެ އެކުވެރިއަކު ފޮނުވާފައިވާ ފޮޓޯއަށް ބަލައިލުމާއެކު, އަޔާންއަށް ދެބުމަ ގާތް ކޮށްލެވުނެވެ. އަތުގައި އޮތް ފޯނަށް ވެސް އޭނާއަށް ބާރުކޮށްލެވުނެވެ.

ރައުދާ ކަމާލުއާ އެކީ ކޮފީ ބޯން އިންއިރު އެ މޫނުމަތީގައިވި ހިންހަމަޖެހުމުގެ އަސަރު ރަމްޒުކޮށްދެނީ, އެ ތުންފަތް މަތީގައި ކުޅެވެމުންދިޔަ ހިނިތުންވުމުންނެވެ. ތަންކޮޅެއް ކުރީގައި ކަމާލާ ބެހޭގޮތުން ރައުދާ އޭނާގެ ގާތުގައި ވާހަކަތަކެއް ދައްކާފައިވެއެވެ. ކަމާލު ރައުދާއަށް އުނދަގޫ ކުރާ ވާހަކައެވެ. އެކަމުގެ ސަބަބުން އެއްފަހަރު ރައުދާ އޭނާގެ ވަޒީފާ ދޫކޮށްލަން ވެސް އުޅުނެވެ. މިފަހަކަށް އައިސް އެއްވަރަކަށް ވެސް ރައުދާ ކަމާލުގެ ވާހަކަ ނުބުނާތީ, އަޔާން ހީކޮށްގެން ހުރީ ރައުދާއަށް އޭނާގެ އުނދަގޫ ނުފޯރަނީ ކަމަށެވެ. އެހެން ކަމުން ފަހަކަށް އައިސް އޭނާގެ ވާހަކައަހަން އަޔާން ހަނދާނަކު ވެސް ނުހުރެއެވެ. އެފަދަކަމެއް ވާނަމަ ރައުދާ އެ ވާހަކައެއް އޭނާއާ ހިއްސާކުރާނޭ ކަމަށް އަޔާންއަށް ޤަބޫލު ކުރެވުނީތީއެވެ.

ރައުދާ އޭރު ދެއްކި ވާހަކައާއި ފެންނަމުންދާ މަންޒަރާ ހާސްބައި ތަފާތެވެ. އޮފީހަށް ވަދެވަދެ ހުރެފައި، ހިތަށްވީ އުނދަގުލާއެކު އަޔާން ފަހަތަށް އެނބުރުނީ ރައުދާމެން ތިބި ތަނަށް ދާށެވެ. އޭނާއަށް ރަނގަޅަށް ހިނގައިނުގަނެވި އުޅެނިކޮށް ޒައުލް އައިސް އަޔާންގެ ކޮނޑުގައި ޖަހައިލިއެވެ.

"ވަގުތެއް ނެތެއްނު އަޔާން... މާ އަވަސް އަރުވާލާފަ ކޮންތާކަށް؟ ހިނގާ އެތެރެއަށް! " އަތުކުރީގައި އޮތް ގަޑިއަށް އިޝާރާތްކޮށްލަމުން ޒައުލް ބުނެލިއެވެ.

އަޔާން ވެސް ގަޑިއަށް ބަލައިލިއެވެ. ތެދެކެވެ. ބްރީފިން ފެށޭ ގަޑި ޖެހެނީއެވެ. ހިތުގައި އޮތް ނުތަނަވަސްކަމާއެކު ވެސް، އޭނާ އެ ޚިޔާލު ދޫކޮށްލާފައި ޒައުލް އާއެކު ގޮސް އޮފީސް ތެރެއަށް ވަނެވެ. އެއްފަރާތަށް ޖެހިލާ, އޭނާ ފޯނު ނަގާ ރައުދާގެ ނަންބަރަށް ގުޅައިލިއެވެ. ކުރީ ދުވަހު އޭނާގެ ކަންފަތަށް އިވުނު ވާހަކައެއްގެ ސަބަބުން އޭނާގެ ހިތުގައި ޝައްކުގެ އޮއިވަރު ހިނގަނީ ކެތް ނުކުރެވޭ ވަރަށެވެ. ރައުދާ އާ ކަމާލުއާ ގުޅުމެއް އޮންނަކަމުގައި އޭނާގެ އެކުވެރިއަކު އޭނާގެ ގާތުގައި ބުނުމާއެކު އެ ވާހަކަ ޤަބޫލުކުރަން އަޔާން ފުރަތަމަ ދެކޮޅު ހެދިއެވެ. ކަމާލަކީ ރައުދާއަށް ވުރެ މާ ބޮޑަށް ވެސް ބޮޑު މީހެކެވެ. އަނެއްކޮޅުން ރައުދާ އޭނާގެ އަންބެއްގެ ގޮތުގައި ހުރެ އެފަދަކަމެއް ކޮށްފާނެކަމަށް އަޔާންއަށް ޤަބޫލުކުރަން އުނދަގޫވަނީއެވެ. އަދިވެސް އޭނާއަށް ރައުދާއަށް އިތުބާރު ކުރެވެނީއެވެ. އެކަމަކު މިއަދު ރައުދާ ކަމާލުއާ އެކު ފެނި އަޔާންއަށް އެކަމާ ފުންކޮށް ވިސްނައިލެވުނެވެ،

ރައުދާގެ ބަދަލުވަމުން ދާ އުޅުމާ މިކަމާ ގުޅުމެއް އޮވެދާނެހެއްޔެވެ؟ ރައުދާ ފޯނު ނެގުމާއެކު އަޔާން ވާހަކަދެއްކިއެވެ.

"ކޮންތާކު؟" ކިތަންމެ މަޑުން ވާހަކަ ދއްކަން އުޅުނުނަމަވެސް އަޑު ނުކުތީ ހަރުކަށިކޮށެވެ.

"އޮފީހުގަ..." ރައުދާ ޖަވާބު ދިނީ ހަމަޖެހިލާފައެވެ.

"އޮފީހުގެ ކޮންތާކު؟"

"މޭޒު ދޮށުގަ. ދެން އެ ނޫން ކޮންތާކު އަހަރެން އިންނާނީ" ރައުދާގެ އަޑުގައިވަނީ ފޫހިކަމެވެ. އިތުރު އެއްޗެއް ނުބުނެ އަޔާން ފޯނު ބޭއްވީ ޒައުލް އޭނާއަށް ގޮވާލުމާއެކުގައެވެ. އެކަމަކު އޭރުވެސް އޭނާގެ ހިތުގައި ރުޅިވެރިކަން ދައުރުވަމުން ދިޔައެވެ. ސިކުނޑި ވިސްނުން އެކި ގޮތްގޮތަށް އަނބުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެތަކެއް ވަހުމާ ޝައްކެއް އޭނާގެ ހިތަށް ވެރިވިއެވެ. ހިތަށް ކޮންމެވެސް ވަރަކަށް މާޔޫސްކަން ވެސް ވެރިވިއެވެ.

"ރައުދާ ކަމާލުއާ ގުޅުމެއް އޮތީމަތާ އަހަރެން ގާތުން ވަރިވާން އެ ބުނީ..." އަޔާންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ނަފުސުގައި ނުތަނަނަވަސްކަމުގެ އިތުރުން ރުޅިވެރިކަން އަތްގަދަކުރަން ފެށިއެވެ. ވަގުތުގެ ގޮތުން އެ އިޙްސާސްތައް ހިންދައިލަން އަޔާން މަސައްކަތް ކުރަމުން ގޮސް ބްރީފިން ރޫމް ތެރެއަށް ވަނެވެ.

ބްރީފިންގައި އިންއިރުވެސް އޭނާއަށް އެކަމަށް ސަމާލުކަން ދެވުނީ ވެސް އުނދަގުލުންނެވެ. އަޔާންގެ ނުތަނަވަސްކަން ފާހަގަ ކުރެވި ނުކުތް ގަޑީގައި ޒައުލް އޭނާއާ ސުވާލުވެސް ކޮށްލިއެވެ.

*****

ބަތޫލްގެ ފަރާތުން އެކި ގޮތްގޮތަށް އަރްޒަންއަށް އުނދަގޫތައް ފޯރަމުން ދިޔައެވެ. ތަފާތު އެކި މެސެޖުތައް ލިބެމުން ދިޔައެވެ. އޭނާ ހުރީ އަރްޒަންގެ މީހަކަށް ވުމަށް ތައްޔާރަށްކަމަށް ބުނެއެވެ. ޒީޝާންއަށް ވުރެ އޭނާ މާ ފުރިހަމަކަމަށް ބުނެފައެވެ. ކުރިން އަރްޒަން ދޫކޮށްލެވުނީ އޭނާގެ މޮޔަކަމުން ކަމަށް ބުނެއެވެ. އެއިން އެއްވެސް މެސެޖަކަށް އަރްޒަން ޖަވާބެއް ނުދެއެވެ. އޭނާގެ ޙަޔާތުން އިތުރަށް ބަތޫލްއަށް ފުރުސަތެއް ނެތެވެ. އެއީ މިހާރު ޒީޝާންގެ މީހެކެވެ. ޒީޝާން އޭނާ އާއެކު ހުރިހާ ދުވަހަކު ޒީޝާންއަށް ވަފާތެރިވާން އަރްޒަން ބޭނުމެވެ.

"ޒީ. އަހަރެމެން ދެމީހުންގެ ގުޅުމުގެ ވާހަކަ ޒީގެ މައިންބަފައިންނަށް އަންގާނީ ކޮންދުވަކުން؟" އަރްޒަން އަހައިލިއެވެ.

ރާޅު ޖަހާ ހިސާބުގައި އަރްޒަން އާ އެއްހަމައެއްގައި ހުރެ، ހިނގަމުން ދިޔަ ޒީޝާންއަށް، އަރްޒަންގެ އެ ސުވާލާއެކު އަރްޒަންއަށް ބަލައިލެވުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބުމަވެސް އަރުވައިލެވުނެވެ.

"ޒޭން. އަހަރެންގެ މަންމަމެން ގަބޫލުވާނެޔޭ މި ގުޅުމާ. އެހާ ވަރަށް ކަންބޮޑުނުވެބަލަ!" އަރްޒަން ކަންބޮޑުވަނީ ކޮންކަމަކާކަން އެނގި ޒީޝާން ބުނެލިއެވެ. އޭނާ އަރްޒަންއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މަޑުމަޑުން އަރްޒަންއާ އިތުރަށް ކައިރިވެލާ އޭނާ އަރްޒަންގެ އަތުގައި ހިފައްޓާލަމުން އެއަތަށް ބާރުކޮށްލިއެވެ.

އިތުރު އެއްޗެއް ނުބުނެ ހުރި އަރްޒަންއާ ހަތަރު ކަލި ހަމަކޮށްލުމަށްފަހު، ޒީޝާން ބޯ ޖަހައިލީ އަރްޒަންއަށް ޔަޤީންކަން ދޭ ފަދައަކުންނެވެ.

"ކިތައް ދުވަހު ބުނެފިން މިހާރު އެކަމާ ނުވިސްނާށޭ. އަހަރެންގެ އުފާތަކަށް ދެކޮޅު ހަދާނެ މީހަކު ނުހުންނާނޭ... ޑޯންޓް ވޮރީ. އައި ލަވް ޔޫ! ޓްރަސްޓް މީ! " ޒީޝާން އަނެއްކާވެސް ބުނެލިއެވެ. ޒީޝާންގެ އެ ބަސްތަކުން އަރްޒަންގެ ނުތަނަވަސްކަން ހިނދުކޮޅަކަށް ނަމަވެސް ދުރުވިއެވެ. އެތައް ވާހަކައެއް ދެއްކުމުގައި އެ ދެމީހުން އެތަކެއް ވަގުތުތަކެއް އެކުގައި ހޭދަކުރިއެވެ.

*****

ރޭގަނޑެކެވެ. އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އަޔާން ކޮޓަރީގައި އުޅެނިކޮށް ރައުދާ އައިސް އެތެރެއަށް ވަނުމާއެކު އަޔާން ރައުދާއަށް ބަލައިލިއެވެ.

"ކޮންތާކު އުޅެފަ ތިއައީ؟" އަޔާން ސުވާލުކޮށްލިއެވެ.

"އެކުވެރިޔަކާ އެކު ބޭރުގައި. އެހެންނޫނަސް އަޔާންއަށް ކޮންކަމެއް؟" ރައުދާ ވެސް ފަރުވާކުޑަ ގޮތަކަށް ޖަވާބުދިނެވެ.

"އަހަރެން މީ އަދިވެސް ރައުދާގެ ފިރިމީހާއޭ. ތި ގޮތަކަށް ނޫން ރައުދާ ޖަވާބުދޭން ޖެހޭނީ. ތިއަށްވުރެ ރީތިކޮށްވެސް ވާހަކަ ދެއްކޭނެ!" އަޔާން ގާތަށް އަނެއްކާވެސް ރުޅިއަންނަ ގޮތްވިއެވެ.

"އަހަރެން ބުނެފިން ދޯ އަޔާން ގާތު އަހަރެން ވަރި ކުރާށޭ. އޭރުން ތިކަމާ ހާސްވާކަށް ނުޖެހޭނެއެއްނު! ކީއްވެ ނުކެރިފަ ތި ހުންނަނީ؟ އަހަރެން އެހެން ބުނެފަ އޮއްވާ ތިހެން އަޔާންއަކަށް ވާހަކައެއް ނުދެއްކޭނެ. އަޔާން އަހަރެން ވަރި ނުކުރަންޏާ އަހަރެން އަމިއްލައަށް ފޯމު ލައިގެން ވަރިވެދާނަން!" ރައުދާ އަތުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލައިލުމަށްފަހު، އަޔާން އާ ކުރިމަތިލިއެވެ.

"ކަމާލުއާއެކު ކޮފީއަކަށް ގޮސްފަތަ ތިއައީ؟" އަޔާންގެ ސުވާލާއެކު ރައުދާ ސިހުނުކަން އަޔާންއަށް ދެނެގަނެވުނެވެ. ރައުދާ ހުރީ އެފަދަ ސުވާލަކަށް ވިސްނައިގެން ނޫންކަން އަޔާންއަށް ދެނެގަނެވުނެވެ.

"އަޔާންއަށް ކީއް؟" ހިނދުކޮޅަކަށް އެމޫނުމަތިން ނުތަނަވަސްކަން ފެނުނުނަމަވެސް, ނިކަން އަވަސްއަވަހަށް އެ އަސަރު ފޮރުވައިލަމުން ރައުދާ ވާހަކަ ދެއްކިއެވެ.

"އޮފީހުގައި ލަންޗަށް ދިޔަޔަސް ދެމީހުން އެކުގައި ނޫނީ ދެވާކަމަކަށް ނުވޭ. އަދިވެސް ތީ އަހަރެންގެ އަންހެނުންނޭ! އަހަންނަކަށް ހިޔެއްނުވޭ މިހާރު ކަމާލާ ތި އޮންނަނީ އޮންނަން ޖެހޭ ގުޅުންހެނެއް. މީގެ ކުރިން އުޅުނީ އޭނާގެ އުނދަގޫ ބޮޑުވެގެން. އެކަމަކު މިހާރު... " އަޔާންއަށް ބާރަށް ބުނެވުނެވެ. މަންމަމެންނަށް އަޑު އިވިދާނެތީ އޭނާ އަޑު މަޑުކުރޭވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެން ވަރިކުރާށޭ!" ރައުދާ ހަޅޭއްލަވައިގަތެވެ.

"ތިހުރީ ވަރިކޮށްފަ. ތީ މިހާރު އަހަރެންގެ އަންބެއް ނޫން!" އައި ރުޅީގައި އަޔާންއަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ހުއްޓުން އަރާ ގޮތްވިއެވެ. އަޔާންގެ އެ ޖުމްލައާއެކު ރައުދާގެ ހަރަކާތްތައް ވެސް މަޑު ޖެހުނެވެ. އަބަދާއަބަދު އަޔާން ގާތު އެހެން ކިޔެއްކަމަކު އެ ލަފުޒު އަޑުއިވުމުން ތަފާތުގޮތެއް ވިއެވެ. ރައުދާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު، އަޔާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ރައުދާވެސް އެއްޗެއް ނުބުންޏެވެ. އޭނާ ގޮސް އިށީނީ އެނދުގައެވެ.

ސައިކަލަށް އަރާ ދުއްވައިލުމާއެކު، އަޔާންއަށް އޭގެ ހުންގާނަށް ބާރުކުރެވެން ފެށުނެވެ. މާލޭގެ މަގުމަތީގައި އެތައްއިރަކު އޭނާ ދާނޭ މިސްރާބެއް ނެތި ދުއްވިއެވެ. ކިތަންމެ ރުޅި އައެއްކަމަކު ފެންކަޅިވަމުންދިޔަ ދެލޮލުން އަދިވެސް އެ ހިތުގައި ރައުދާއަށްޓަކައި އިޙްސާސްތަކެއްވާކަން ބުނެދޭން މަސައްކަތް ކުރަމުންދިޔައެވެ. ލޮލުގައި ކަރުނަތައް ފުނިޖެހި ބޮނޑިވުމުގެ ސަބަބުން, މަގުމަތި ވެސް އެކީ އޭނާއަށް ފުސްވެއްޖެއެވެ. ސައިކަލު މަގުގެ އެއްފަރާތުގައި މަޑުކޮށްލަމުން އޭނާ ކަރުނަތައް ފުހެލިއެވެ. މަޑި ދަށުގައި އޮތް ހެލްމެޓް ނަގާ އެ އަޅައިލުމަށްފަހު، އޭނާގެ މިސްރާބަކަށްވީ ހުޅުމާލެއެވެ. އޭރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ.

ސޯފާގައި ނިދިފައި އޮތް އަރްޒަންއަށް ހޭލެވުނީ ގޭގެ ބެލް އަޅާ އަޑަށެވެ. އޭނާ ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އޭރު ސޯފާމައްޗަށް ފޯނު ވެއްޓިފައި އޮތެވެ. ވީ ގޮތް އެނގުމާއެކު, އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒީޝާންއާ ވާހަކަ ދައްކަން އޮއްވައި ނިދުނީއެވެ. ގަޑި ބަލައިލި އަރްޒަން މިގަޑީގައި ބެލް އަޅަނީ ކާކުބާއޭ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. ސްކްރީން ކައިރިއަށް ހުއްޓިފައި އޭނާ ދޮރު ހުޅުވައިލީ އަޔާން ކަމަށްވީތީއެވެ.

"ޔާން..." ދޮރު ހުޅުވައިލަމުން އަރްޒަން ގޮވައިލިއެވެ. އަޔާން ހުރިގޮތުން އޭނާއަށް ހާސްކަމާއެކު ކިހިނެއްވީހޭ އަހައިލެވުނެވެ. އަޔާންގެ މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. ދެލޮލުގައި ހިސާބެއްގެ ރަތްކަމެއް ހުއްޓެވެ. މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ހިތްދަތިކަމެވެ. ބުނެދޭން ނޭނގޭފަދަ އަސަރެކެވެ. އެއްޗެއް ނުބުނެ އައިސް ސޯފާގައި އިށީނުމަށްފަހު އަޔާން، އޭނާގެ ނިތުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ.

"އަޔާން ވަޓް ހެޕެންޑް؟ ކިހިނެއްވީ މިގަޑީގަ ތިއައީ؟" އަރްޒަންއަށް ހާސްކަމާއެކު އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"އައި ޑިވޯސްޑް ހާރ..." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، އަޔާންގެ ބުނެލި ޖުމުލައާއެކު, އަރްޒަންއަށް ކީކޭ ހޭ އަހައިލެވުނީ ކަންފަތަށް އިވުނު ޖުމްލަ ޤަބޫލުކުރަން އުނދަގޫވި ފަދަ ގޮތަކަށެވެ.

*****

ޖައުފަރު އޭނާ މަސައްކަތް ކުރާ ކޮޓަރިގަނޑަށް ވަދެ ވަށައިގެން ބަލައިލިއެވެ. އަތުގައި އޮތް ފުޅި ބައްތިއާއި ގަނޑުތައް ގެންގޮސް އެއްފަރާތު ފާރު ކައިރީގައި ބެހެއްޓިއެވެ. ކުރީ ފަހަރެކޭ އެއްގޮތަށް އޭނާ މިފަހަރު ވެސް ކުކުޅު ކަތިލިއެވެ. އޭގެ ލޭ އޭނާގެ ގައިގައި އުނގުޅިއެވެ. އެއަށްފަހު، އޭނާ ގެންގުޅުނު ގަނޑުތަކަށް ބަލައިލިއެވެ.

އެވަގުތު އެތަނުގައި ބަހައްޓާފައި ހުރި ފުޅި ބައްތީގެ އަލި ނިވި ދިއްލެން ފެށިއެވެ. ޖައުފަރަށް އެ ދިމާ ބަލައިލެވުނެވެ. އޭނާ ތުންތަޅުވައިލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އިހު ހުރި ގޮތަށް އެ ފުޅި ބައްތި ދިއްލިއްޖެއެވެ.

ދެފައި ވަށްކޮށްލައިގެން އިށީނުމަށްފަހު، ޖައުފަރު ނެގީ އެތަނުގެ އެއްފަރާތުގައި ބާއްވާފައި އޮތް ލަކުނޑި ކުޑަ ފޮއްޓެކެވެ. ސަންދޯކެއްގެ ބައްޓަކަށް ޖަހާފައިވާ އެ ފޮށީގެ އެތެރޭގައި އޮތީ ބުދެކެވެ. އޭނާ އެބުދު ނެގުމަށްފަހު, އެއަށް ބަލައިލިއެވެ. އެއަށްފަހު، އޭނާގެ ކަތިލި ކުކުޅުގެ ލެއިން އޭގައި ކޮންމެވެސް އެއްޗެއް ފަރުވާތެރިކަމާއެކު, ލިޔަން ފެށިއެވެ. އޭނާގެ އެއްފަރާތުގައި ހުރި ގަޑުތަކަށް އިރުއިރުކޮޅުން ނަޒަރު ހުއްޓާލައެވެ.

އެ މަސައްކަތް ކުރަމުން ދިޔައިރު އިރުއިރުކޮޅުން އެ ކޮޓަރިތެރެއަށް އާދަޔާ ޚިލާފަށް ދުމުގެ އަސަރުވެރިވެއެވެ. ބައެއްފަހަރު އެ ދުންގަނޑުގައި އާދަޔާ ޚިލާފް ފިނިގަނޑެއް ހިފާލާފައިވެއެވެ. އަނެއްބައިފަހަރު ހިސާބެއްގެ ހޫނުކަމެއް ހުރެދާނެއެވެ. އެއިން އެއްވެސް ކަމަކަށް ޖައުފަރު ސަމާލުކަމެއް ނުދެއެވެ. އޭނާ އިނީ ކުރަން އިން މަސައްކަތަށް ގެއްލިފައެވެ.

އެހެން ޖައުފަރު އިންއިރު އޭނާއާއި ދާދި ގާތުން މީހެއްގެ ހިޔަނިވާހެން ވެސް ހީވެއެވެ. ބައެއްފަހަރު ޖައުފަރުގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ހުއްޓިލައިގެން ވެސް ހުރެދާނެއެވެ. އެއިން އެއްވެސް ކަމަކުން ޖައުފަރުގެ ހިތަށް ބިރުވެރިކަމެއް ވެސް ނުވަދެއެވެ. އޭނާ ޖެހިލުމެއްވެސް ނުވެއެވެ. ބައެއްފަހަރު އޭނާ ކުރިމައްޗަށް ބަލައިލަފާނެ އެވެ. ތުން ތަޅުވައިލާނެއެވެ. ބޯ ޖަހައިލާނެއެވެ.

އެ ކުރިކަމެއްކޮށް ނިންމާފައި ޖައުފަރު އެ ބުދު ކުރިން އޮތް ގޮތަށް އެ ފޮށި ތެރެއަށް ލިޔެވެ. އޭގެ ތެރެއަށް އޭނާ ލިޔުނު ގަނޑުކޮޅު ވެސް ލިޔެވެ. އެއަށްފަހު މަސައްކަތް ނިންމާލުމަށްފަހު، އޭނާ ހިންދެމިލިއެވެ. ތެދުވި ވަގުތު ގޭގެ ފުރާޅުމަތިން ގަދަފަދަ އަޑެއް ކިޔެވެ. ހީވަނީ ފުރާޅުމައްޗަށް އެތައް ހާސް ގާބުރިތަކެއް އެއްފަހަރާ އޮއްސައިލީ ހެންނެވެ. ނުވިސްނާ ހުރި ޖައުފަރު ކުޑަކޮށް ސިހުނު ނަމަވެސް ނިކަން އަވަހަށް އޭނާ އެ އަސަރު މޫނުމަތިން ފިލުވައިލިއެވެ. އަތުގައި ހުރި ލޭތައް ސާފުކުރުމެއްނެތި އޭނާ މައިގެތެރެއަށް ނުކުތެވެ. އެއަށްފަހު ގޮސް ހުއްޓުނީ އޭނާ ލިޔަން އިންނަ މޭޒުކައިރިއަށެވެ. އަތުގައި ހުރި ގަނޑުތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު، ޖައުފަރު އޭނާގެ އަތުގައި އޮތް ފޮއްޓަށް ބަލައިލިއެވެ. އެއަށްފަހު އޭނާ އަމިއްލަ ނަފުސަށް ފަޚުރުވެރިވާފަދަ ހިނިތުންވުމެއް ވެރިކޮށްލިއެވެ.

އިތުރަށް އެތަނުގައި މަޑުކުރުމުގެ ޚިޔާލު ދޫކޮށްލާފައި ޖައުފަރު ހިނގައިގަތީ ގޭން ބޭރަށެވެ.

(ނުނިމޭ)

ކޮމެންޓް 0