ޝައިޠާނާގެ މައްޗަށް އޭނާއަށް ގަދަ ނުވެވުނީއެވެ.
އަޔާންއަށް ގެއަށް އާދެވޭވަރުވީ ރޭގަނޑު ނުވައެއް ޖަހަނިކޮށެވެ. މުހިންމުކަމެއް ނޫނަސް އޭނާ ރައުދާ އާ ކުރިމަތިލާން ބޭނުންނުވާތީ, ދުވަހުގެ ބާކީ ވަގުތުތަކުގައި ވެސް ގެއަށް ނައިސް ބޭރުގައި ހޭދަކުރީއެވެ. އެހެންނަމަވެސް އެ ދުވަހު ހަތަރުދަމު ކަހަލަ ގޮތަކަށް އޭނާއަށް ވިސްނެނީ, ރައުދާ އާ ދޭތެރޭގައެވެ. ރައުދާ އެ ބުނި ޖުމްލަތަކާ މެދުގައެވެ. ހަޤީގަތުގައިވެސް އޭނާ ރައުދާ ވަރިކުރަންވީ ހެއްޔެވެ؟ އެއީ އެންމެ ރަގަޅު ގޮތްހެއްޔެވެ؟ އެކަމާ މެދު އޭނާގެ މައިންބަފައިން ބުނާނީ ކީކޭހެއްޔެވެ؟ އެތައް ސުވާލެއް އަޔާންގެ ހިތުގައި އުފެދުނު ނަމަވެސް އޭނާއަށް ވިސްނެނީ އެ ގުޅުން މިހާރު އޮތް ހިސާބާ މެދުގައެވެ. ނަމެއްގައި އޮތް ގުޅުމެކެވެ. އެ ގުޅުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ. ނަމެއްގައި ދެމަފިރިންނެވެ. އެއަށްވުރެ އޭނާއަށް ރައުދާ ވަރިކުރުން ވެސް މާ ރަނގަޅެވެ. އަބަދު ނުތަނަވަސްކަމުގައި އުޅުމަށްވުރެ އެ ގޮތްވެސް މާރަނގަޅު ވެދާނެއެވެ.
ކޮޓަރިއަށް ވަތްއިރު ރައުދާ އޮތީ ނިދާފައެވެ. އަޔާން, ފާހާނާއަށް ވަދެ ފެންވަރާލައިގެން އައިސް ޖައްސައިލީ ސޯފާގައެވެ. އޭނާ ހުރީ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭން ބޭނުންވެފައި ނަމަވެސް, މިރޭ އޭނާގެ ލޮލާ ނިދި ވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެކެވެ. ޖެހިލުންވިޔަސް ސިކުނޑި ބުނަނީ ރައުދާ ވަރި ކުރުމަށެވެ. އެއީ އަޔާންއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އިތުރަށް ބޯ ގޮއްވާ ހާސްވާކަށް އޭރުން ގައިމު ވެސް ނުޖެހޭނެތާއެވެ. އެތައް ގޮތަކުން ވިސްނުމަށްފަހު، އަޔާންއަށް ވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ
ރައުދާ ވަރި ކުރުމެވެ. އެ ނިންމުން އަޔާން ނިންމިއިރު އޭނާގެ ހިތް ރޯލިއެވެ. ވާނީވެސް އެހެން ތާއެވެ. ދެމީހުންނަށް އެކަކު އަނެކަކާ އެކު އުޅެ ފައިވަނީ އެހާ ލޯބި ދިރިއުޅުމެކެވެ. ކައިވެނި ކުރީ ވެސް އެހާ ލޯބިންނެވެ. އެކަކު އަނެކަކާ އެކު މުޅިހަޔާތް ހޭދަކުރުމަށް އެތަކެއް ވަޢުދުތަކެއް ވުމަށްފަހުއެވެ. އެތަކެއް ފޮނި ހުވަފެންތަކަކާ އެކުގައެވެ. އެ ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލި ވެގެން ދާން އުޅޭފަދަ ސިގްނަލް އާއެކު, އޭނާގެ ހުރިހާ ނާރެއްގައި ވެސް މާޔޫސްކަން ދައުރުކޮށްލި ފަދައެވެ. އެހިތުގައި އަދިވެސް ރައުދާއަށްޓަކައި ލޯބިވަނީހެއްޔެވެ؟ އެ ގުޅުން މިފަދަ ގޮތަކަށް މިހާ އަވަހަށް ނިންމަން ހިތުގެ ކޮންމެވެސް އެއް ކަނަކުން ނުރުހުން ފާޅު ކުރަނީ އެހެންވެ ހެއްޔެވެ؟. އެކަމަކު ވެސް ގުޅުމެއް, މާނައެއް ނެތް ކަމުގައި ވަނީނަމަ އިތުރަށް ރައުދާ އާ އެކު އޭނާގެ ޙަޔާތް ވޭތުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟.
އަޔާން ހިންހަމަ ޖައްސައިލަނީ އެފަދަ ގޮތަކަށް ވިސްނައިލުމަށް ފަހުއެވެ. އެކަމަކުވެސް ބައެއްފަހަރު އޭނާގެ ހިތުން ސިކުނޑިއަށް ބާރު ފޯރުވަން މަސައްކަތް ކުރަނީއެވެ. އޭނާގެ ހިތުގައި ރައުދާއަށް ލޯބި އަދިވެސް ވާކަމުގައި ބުނެދެނީއެވެ. ވަރިއަކީ ހައްލު ނޫންކަމުގައި ބުނެދެނީއެވެ.
"މިއީ އަހަރެންގެ މައްސަލައެއް ނޫން.... ޚުދު ރައުދާ ވެސް އަމިއްލައަށް ވަރިވާން ބޭނުންވީ... އަހަރެން އޭނާ ހިފެއްޓުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތް!" އަޔާން އެންމެ ފަހުން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރީ އެހެންނެވެ. އެފަދަ ވިސްނުންތަކެއްގައި އޮތް އަޔާންއަށް ނިދުނުއިރު މެންދަމުން އަލިވެ ދެ އެއް ޖަހައިފިއެވެ.
*****
ބެލްކަނީގައި ކޮފީއެއް ބޯން އަރްޒަން ހުރިއިރު އޭނާގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. އިރުގެ އަލިކަން ދުނިޔެމައްޗަށް އަތްގަދަ ކުރަމުން ދިޔައިރު ދޫނިތައް ވެސް އެ ސޮރުމެންގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ ކަންނޭނގެއެވެ. ދެކޮޅަށް ބައިބަޔަށް އުދުހިފައި އުޅޭ ދޫނިތަކުގެ ސަބަބުން މަންޒަރު ކިތަންމެ ހާވެސް ފުރިހަމަކަމަށް ދައްކައެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ޤުދުރަތުގެ ހައިރާންކުރުވަނިވި މަންޒަރުތަކެވެ.
އިރުގެ އަލި އެއްވެސް ހުރަހެއްނެތި ހުސްގަޔާ ހުރި އަރްޒަންގެ ކަސްރަތީ ހަށިގަނޑަށް އެޅިފައިވާއިރު އެ ހަށިގަނޑުގައި ހުރި ދާތިކިތައް ވެސް މުތީތަކެއް ފަދައިން ވިދަމުންދެއެވެ. އޭނާ ހުރި ގޮތުން އެއައީ ދެންމެ ކަސްރަތުކޮށްފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. މޫނުމަތީގައި ވަނީ ތާޒާކަމެވެ. ކަންފަތުގައި ހެޑް ސެޓް ޖަހާލާފައިވާއިރު އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. އެއްއަތުންް ކޮފީތަށި ހިފައްޓާލައިގެން ހުރި ގޮތްވެސް ހިތްގައިމެވެ.
"ޒީއާ އެކީގަ މާދަމާގެ ފްލައިޓް ޖެހޭނެ ނަމަ އަޅެ ކިހާ ރަނގަޅު ދޯ!" އަރްޒަން ވާހަކަ ދެއްކިއެވެ.
އެކޮޅުން ބުނެލި ވާހަ އަޑު އިވި އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. އިރުއިރު ކޮޅަކާ ކޮފީ ޖޯޑުން އެތި ފޮދެއް ބޮއިލަމުން ދިޔަ އަރްޒަން ޒީޝާންއާ ވާހަކަ ދައްކަމުން ދިޔަގޮތުން އޭނާ އެ ހުރީ ވަރަށް ހިންހަމަ ޖެހިފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ކޮފީތަށި ހުސްވަންދެން އަރްޒަން ޒީޝާންއާ ވާހަކަ ދައްކަން ހުއްޓެވެ. އެ ހުސްވުމުން އެތެރެއަށް ވަދެ ކޮފީ ޖޯޑު ދޮވެލުމަށްފަހު، އަރްޒަން ފޯނު ބާއްވަމުން ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ވެސް ނައްޓައިލިއެވެ.
******
އޭގެ ހަފްތާއެއް ފަހުން ރާކިންގެ މަޤާމު ކެޕްޓަނަކަށް ބަދަލުވިއެވެ. އެކަމާ ރާކިން ކިތަންމެ އުފާވި ނަމަވެސް އަދިވެސް އޭނާ އެ އުޅެނީ އެ އަރްޒަންއަށް ވުރެ މާ ދަށުގައި ކަން އޭނާ ހަނދާންނައްތައެއް ނުލައެވެ. އަރްޒަން ފަހާ ކުރިއަށް އަރަން އަދިވެސް އޭނާ ލައްކަ ބުރަ މަސައްކަތް ކުރަން ޖެހޭނެ އެވެ.
ރާކިން ކެޕްޓަންއަކަށް ބަދަލުވި ހަބަރު ޒޭބާއަށް ލިބުމާއެކު އޭނާ އެންމެ ފުރަތަމަ ވެސް ގުޅީ ރާކިންއަށެވެ. ރާކިންގެ އެ އުފަލުގައި ޒޭބާ ހުރީ ފުރިހަމައަށް ބައިވެރިވާން ބޭނުންވެފައެވެ. ދެރައީ އެ ފުރުސަތު ރާކިން އޭނާއަށް ނުދިނީމައެވެ. ގުޅުމުން ފޯނު ވެސް ނަގަނީއެއް ނޫނެވެ. ކޮންގްރެޗުލޭޝަންސް ކިޔާފައި ކުރި މެސެޖަށް ޖަވާބު ވެސް ދިނީއެއް ނޫނެވެ. އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިށީނދެ އިނދެ ޒޭބާ، ރާކިންއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.
އެންމެ ފަހުން އައި ރުޅީގައި ފޯނު ސައިޑް ކަބަޑުމަތީގައި ބޭއްވުމަށްފަހު މޫނުމަތީގައި ރަޖާ އަޅާ ފޮރުވައިފިއެވެ.
*****
އޭގެ ހަފްތާއެއް ފަހެވެ. އަރްޒަން އެއާޕޯޓް އޮފީހަށް ވަތްއިރު މީޓިން ރޫމް ދޮރު ހުޅުވާފައި ރާކިން ނުކުންނަނީއެވެ. އެ މޫނުމަތީގައި ވަނީ ނުރުހުމުގެ އަސަރެވެ. ބަންލާފައި ދޮރު ޖެހުމަށްފަހު، އެތަނުން ނުކުމެގެން ދާން ހިނގައިގަތްއިރު، ރުޅިއައިސްގެން އޭނާ ހުރީ ހަލާކުވާން ކައިރިވެފައެވެ. އިރުކޮޅަކުން ފަސްޓް އޮފިސާރ ރީހާން މީޓިން ރޫމް ތެރެއިން ނުކުތެވެ. އަރްޒަންއަށް ބަލައިލުމަށްފަހު، ރީހާން އެންމެ ފުރަތަމަ ވެސް ދޫކޮށްލީ ފުންނޭވާއެކެވެ. އެއަށްފަހު އޭނާ ވެސް މިސްރާބުޖެހީ އެތަނުން ނުކުތުމަށެވެ.
ވީ ގޮތް އެނގެން ކިތަންމެ ބޭނުންވިޔަސް އަރްޒަންއަށް އެ ވަގުތު އެއްވެސް އެއްޗެއް އަހާލާކަށް ނުކެރުނެވެ. އަންވަރު ވެސް މީޓިން ރޫމްތެރެއިން ނުކުމެގެން އަރްޒަންއަށް ބަލައިލުމަށްފަހު، ބޭރަށް މިސްރާބުޖެހިއެވެ. އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިންހަމަނުޖެހުމުގެ އަސަރު ފެންނަމުން ދިޔައެވެ.
އެންމެންގެ މޫނުމަތީގައިވި އަސަރުތަކުން ކޮންމެވެސް ބޮޑުކަމެއް ހިނގައިފިކަމުގައި އަރްޒަންއަށް ޔަޤީން ކުރެވުނެވެ. އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ޕައިލެޓް ޒައުލް ކައިރިއަށް ހުއްޓިފައި އަރްޒަން ވީ ގޮތާ ބެހޭ ގޮތުން ސުވާލުކުރިއެވެ.
"ރަންވޭއިން ބޯޓު ކަހައިލީ... ސޯ ރާކިންއަށް ސަސްޕެންޝަންއެއް އައީހެން ހީވަނީ... އެކަން ޑިސައިޑް ކުރަންވެގެން މީޓިން ބޭއްވުނީ... އަހަންނަށްސް އެނގުނީ ރީހާންގެ ފަރާތުން އެކަން. އިއްޔެ ކޮކްޕިޓް ތެރޭގައި ރީހާންއާ ދެމީހުންގެ ހޫނު ޒުވާބެއް ވެސް ދިޔަ ކަމަށްވަނީ..." ކުރު ގޮތަކަށް އޭނާއަށް އެނގޭވަރަށް ޒައުލް، ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.
ރާކިން ކެޕްޓަންއަކަށް ބަދަލުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެފަދަ ކަމެއް ހިނގުމުން ޚުދު އަރްޒަންއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލަމުން އޭނާ ނިތުގައި އަތް ޖައްސައިލިއެވެ. ޒައުލްއާ ވާހަކަ ދައްކަން ހުއްޓައި އިތުރު މީހުން މީޓިން ރޫމުން ނުކުތުމުން ޒައުލް ވަގުތުން ހިމޭން ވިއެވެ. އެންމެން ނުކުތުމުން އަނެއްކާވެސް އޭނާ ފޯނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
"އިއްޔެގެ ވާހަކަ މުޅި ވައިބަރ ގަ. ޔަޤީން އޭނައަށް ސަސްޕެންޝަނެއް އަންނާނެކަން... އެހެންވެ ކަންނޭގެ އެހާ ހިންހަމަ ނުޖެހިފަ އެހުރީ!"
އަރްޒަން އެތަނުގައި ހުއްޓާ އަޔާން އައިސް އެތެރެއަށް ވަނެވެ.
"ހޭ ކިހިނެއްވެގެން މާ އަޑު ގަދަ ކޮށްލައިގެން އެ އުޅެނީ... ބޭރުގަ ކެޕްޓަން އަންވަރު މެން ވެސް މަޑުކޮށްލައިގެން މާ ގަދަ ވާހަކައެއްގަ! އެބަހުރި ކެޕްޓަން އިރުޝާމްވެސް... ރާކިންގެ ވާހަކައެއްހެން ހީވަނީ އެ ދައްކަނީ... އެހިސާބުން ފިޔަވަޅުތައް ލަސްކޮށްލި ނަމަވެސް އަޑު އަހާލަން މަޑުކުރާކަށް ނުކެރުނު... " އަޔާން ވާނުވާ ނޭނގޭ ހާލު އަހައިލިއެވެ. އަރްޒަން ވެގެން އުޅޭ ގޮތް އަޔާންއަށް ކިޔައިދިނެވެ.
"ސީރިއަސްލީ؟" އަޔާންއަށް އަނގަ ހަދައިލެވުނެވެ. އެހެން ކްރޫއިން އަންނަން ދެން އަޔާންއާއި އަރްޒަން ވާހަކަ ދައްކައިލަން ތިއްބެވެ.
*****
އޮފީސްތައް ހުންނަބައިން ނުކުތް ރާކިންއަށް މާނޭވާލެވެއެވެ. ވަރުބަލިވެގެންނެއް ނޫނެވެ. އެކަމަކު ރުޅިއައިސްގެންނެވެ. އަރްޒަންއަށް ވުރެ ކުރިއަރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އޭނާ އަޑިގަނޑަކަށް ވެއްޓެން ޖެހެނީ ކީއްވެހެއްޔެވެ؟ އަރްޒަން ހުރިހާ ކަމެއްގައި އޭނާއަށް ވުރެ ކުރި ހޯދަނީ މާ އަވަހަށެވެ. މަގާމު ބަދަލުވިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އަތުން އެފަދަ ގޯހެއް ހެދުނު ކަން އެނގުމުން އަރްޒަން އޭނާއަށް ހާދަ މަލާމާތެއް ކުރާނެއެވެ. ފްލައިން ސްކޫލުގައި ވެސް އަރްޒަން އޭނާއަށް ވުރެ މާ މޮޅެވެ. އެހެންކަމުން އެންމެންގެ ލޯބި ވެސް މެނދުކެނޑުމެއްނެތި އަރްޒަންއަށް ލިބެއެވެ. އަބަދާ އަބަދު އިވެނީ ތަޢުރީފްގެ ބަސްތަކެވެ. އޭނާއަކަށް ނޫނެވެ. އެކަމަކު އަރްޒަންއަށެވެ. އެކަން ހަޖަމުކުރަން އޭނާއަށް ހާދަ އުނދަގުލެވެ. ކުޑަމިނުން އޭނާގެ ލޯބިވެސް އަރްޒަން ޖަހައިގަތީއެވެ. އަރްޒަން ދެކެ އަންނަ ރުޅި ދެގުނަވި ސަބަބެއް ކަމުގައި އެކަންތައް އެކަނިވެސް ފުދެއެވެ.
*****
ވަރަށް ގަދައަށް ހުން އައިސްގެން މި ދިޔަ ދެ ހަފްތާ އުޅެން ޖެހުމުގެ ސަބަބުން ޖައުފަރަށް އޭނާ ބުނި މަސައްކަތް ފެށޭ ވަރެއް ނުވިއެވެ. ކަމާލު ދެފަހަރަކު ގުޅި ނަމަވެސް، ޖައުފަރު ބުނީ އެފަދަ ބޮޑުކަމެއް ކުރެވޭނީ ހަމަޖެހިގެން ހުރެ ކަމެވެ. އެއީ ނުރައްކާތެރިކަމެއް ކަމުގައެވެ. މީގެ ކުރިންވެސް އޭނާ އެފަދަ ކަންތައް ކޮށްފައިވެއެވެ. ބައެއްފަހަރު ތަކަކީ ޚުދު އޭނާގެ ފުރާނައަށް ވެސް ނުރައްކާވާ ފަހަރުތަކެވެ. އެންމެ ކަމެއް ގޯސްކޮށް ކުރެވުނު ނަމަވެސް އެކަމުގެ ސަބަބުން ހިތި ނަތީޖާއެއް ނުކުމެދާނެއެވެ. އެނދުގައި އޮވެފައި ތެދުވި ޖައުފަރަށް ދޮރުގެ ތަޅުވަޅުން ބޭރަށް ނުކުތް ހުދު ދުންކޮޅު ފެނުނެވެ. ލީ ފުންނޭވާއާއެކު އޭނާއަށް ނިތުގައި އަތް ޖައްސައިލެވުނެވެ.
އިރުއޮއްސެމުން ދިޔަވަރަކަށް ޖައުފަރުގެ ހުންވެސް ދިޔައީ ގަދަވަމުންނެވެ. ދެނަމާދު ދޭތެރެ ވަގުތަކީ އާދައިގެ މަތިން އޭނާގެ ހުން ވަރަށް ގަދަވާ ވަގުތެކެވެ. ނިތްކުރީގައި އަތް ޖައްސައިލި ޖައުފަރަށް ވޭނީ އަޑަކުން އާހް އޭ ބުނެވުނެވެ. ހުންއައިސްގެންނާ ފިނިވެގެން މީހާ ތުރު ތުރު އަޅަނީއެވެ. އުނދަގުލުން އޭނާ ތެދުވިއެވެ. މި އަންނަ ހުމަކީ އާދައިގެ ހުމެއްހެން އޭނާއަށް ހީނުވަނީއެވެ. ތެދުވެގެން މައިގެއަށް ދިޔަ ޖައުފަރު އިށީނީ މޭޒުކައިރީގައެވެ. އޭނާ އިށީނދެ ފޮތް ބޮޑި ހާވަން ފެށިއެވެ. ފަހަތުގައި މީހަކު ހުރިފަދަ އިޙްސާސްއެއް ކުރެވުނު ނަމަވެސް ފަހަތް ބަލައިލުމުގެ ޚިޔާލެއް ޖައުފަރު ނުކުރެއެވެ.
*****
އޭގެ އަނެއް ދުވަހުގެ ވަގުތެވެ. ފިރާޤު އެއާރޕޯޓަށް ދިޔައީ އުމްރާއަށް ދާންވެގެން އޭނާގެ ދުވަސްވީ ގާތް ރަޙުމަތްތެރިއަކު ފުރާތީ އެކުވެރިޔާ ފުރުވާލުމުގެ ނިޔަތުގައެވެ. އެއާރޕޯޓް ތެރެ ވެސް އާދައިގެ މަތިން ހަމަބޮއްޔެވެ.
ކާރުން ފައިބައިގެން މީހުންގެ ދޭތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ފިރާޤު އެތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. ވަކި ހިސާބަކުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ އެއާރޕޯޓް ތެރެއިން ނުކުމެގެން އަންނަ ޒުވާނާ ފެނުމާއެކުގައެވެ.
ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅު ކޮށްލަމުން އޭނާ ރަނގަޅަށް އެ ސޫރައަށް ބަލައިލިއެވެ. އާނއެކެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ދުވަހު އޭނާއަށް ޓީވީން ފެނުނު ޒުވާނާއެވެ. ހަމަލޮލަށް ފެންނައިރު އަދި ޝަހުސިއްޔަތުގައި މާ ވަރުގަދަ ގޮތެއް އެބަހުއްޓެވެ. އިރުކޮޅަކު އަރްޒަންއަށް ބަލަން ގެއްލިފައި ހުރި ފިރާޤު ސިހުނީ އޭނާގެ ކޮނޑުގައި އަތް ޖައްސައިލަމުން އެކުވެރިޔާ ވާހަކަ ދެއްކި އަޑާއެކުގައެވެ.
"ކާކަށްތަ މާ ވަރަކަށް ތި ބަލަނީ؟" އެކުވެރިޔާ ވެސް ފިރާޤު ބަލަން ހުރި ދިމާލަށް ބަލަމުން ވާހަކަދެއްކިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ފިރާޤު އެކުވެރިޔާގެ މޫނަށް ބަލައިލި ކަމުގައި ވިނަމަވެސް، އޭނާއަށް އަދިވެސް ވިސްނެނީ އެ ޒުވާނާއާ މެދުގައެވެ. ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. ނުވިސްނަން އުޅުނަސް ވިސްނެނީއެވެ. އެ ވިސްނުންތަކާ ދުރުވާން ފިރާޤު މަސައްކަތް ކުރިއެވެ.
އެކުވެރިޔާ ދެވަނަ ފަހަރުވެސް ސުވާލުކޮށްލަމުން ފަހަތް ބަލައިލިއެވެ. އޭރު އަރްޒަން އެމީހުންނާ ފުރަގަސްދީފިއެވެ. "ދަންނަ ކުއްޖެއްތަ؟"
"ނޫނޭ" ފިރާޤު ނޫނެކޭ ބުނެ އަވަސް އަވަހަށް، އެކުވެރިޔާގެ މޫނަށް ބަލައިލިއެވެ.
އެކުވެރިޔާ ފުރުވާލާފައި ގެއަށް އައިސް ސޯފާގައި އިށީނދެލި ފިރާޤު ފުންނޭވާއެއް ދޫކޮށްލިއެވެ. އަންވަރު ނުކުތީ ވެސް އޭނާ އެތަނުގައި އިންދައެވެ.
"ބައްޕާ! ކިހިނެއްވެފަ؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ފިރާޤު ވިސްނުމަކަށް ގެއްލިފައި އިންހެން ހީވެ އަންވަރަށް ސުވާލުކޮށްލެވުނެވެ. ދެފަރާތަށް ބޯ ހޫރާލަމުން ފިރާޤު ހިނިތުންވެލިއެވެ. އަންވަރު ޓީވީ ހުޅުވައިލިއެވެ. ދެވިސްނުމެއްގައި އިން ފަދަ ގޮތަކަށް އިނދެފައި ފިރާޤު އަންވަރާ ސުވާލުކޮށްލިއެވެ.
"މިއަދު ދެކުނިން އެއާރޕޯޓުން އެއްކަލަ ކުއްޖާ..." ނުވާކަމަކަށް ހާދާފައި ފިރާޤު ވާހަކަދެއްކި އެވެ.
"ކޮން؟" ޓީވީއަށް ސަމާލުކަން ދީގެން އިންވަރުން އަންވަރަށް އަހައިލެވުނީ ތަންކޮޅެއް ފަރުވާކުޑަ ގޮތަކަށެވެ.
"އެއްކަލަ ދުވަހު ޓީވީން ފެނުނެއްނު'
"އޯހް! އަރްޒަން ދޯ!" ފިރާޤަށް ބަލައިލަމުން އަންވަރު ސުވާލުކޮށްލިއެވެ.
"ބުނީމެއްނު އޭނަ އުޅުނީ ހިޔާގައޭ..."
"މިހާރު ތަނެއް ހިފައިގެން ހުޅުމާލޭގެ އުޅެނީ... ވަރަށް ހަމަޖެހޭ ދިރިއުޅުމެއްހެން ހީވަނީ... އެކަމަކު އަދި މީހަކާ އިންހެނެއް ހިޔެއްނުވޭ؟" އަންވަރު ހިނިގަނޑެއް ޖަހައިލިއެވެ.
"އެހެންތަ އޭނަގެ މައިންބަފައިން ވީތަން އަދިވެސް އޭނާއަށް ނޭނގޭދޯ... އެމީހުންވެސް އޭނަ ހޯދަން ނޫޅެނީތަ؟ އާއިލާގެ އެއްވެސް މީހެއްވެސް ހަމަ ނެތީ؟" ފިރާޤު ޝައުގުވެރިކަމާއެކު ސުވާލުކުރިއެވެ.
"ނޭނގެދޯ ހަމަ އެއްގޮތަކަށް ވެސް. އެންމެން ވެސް ފަޚުރުވެރިވާ ފަދަ ކުއްޖެއް އަރްޒަން އަކީ... މައިންބަފައިން ދުނިޔޭގައި ނެތީ ކަމަށްވެސް ވެދާނެއެއްނު...." އަންވަރު ބުނެލި ވާހަކައިން ފިރާޤުގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. އޭނާއަށް ނިތުގައި ފިރުމައިލެވުނެވެ.
(ނުނިމޭ)