ފަހަރަކު މީހަކު މަރުޙަބާ ކިޔެވެ. އުފާވެރި ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް އެދުނެވެ. ކުއްލިއަކަށް އަޔާންއަށް އޭނާގެ ފޯނު ރިންގް ވުމާއެކު ބަލައިލެވުނެވެ. އެކުވެރިއަކަށް ވާތީ އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ބުނެލި އެއްޗަކުން އޭނާއަށް ބަލައިލެވުނީ އަރްޒަންއާ ދިމާލަށެވެ.

އޭރު އަރްޒަންއަށް ވެސް ހުރެވުނީ އަޔާންއާ ދިމާލަށް ބަލަންކަމުން އަޔާންގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ރީތިކޮށް އަރްޒަންއަށް ފެނުނެވެ. އަޔާންގެ މޫނުމަތީގައިވި ހާސްކަން، އަރްޒަންއަށް ކުޑަ ނުތަނަވަސްކަމެއް ވެރިކުރުވިއެވެ. އޭނާއަށް ބުމަ އަރުވައިލެވުނީ، ބޭއިޚްތިޔާރުގައެވެ. އަޔާން ފޯނު ކަންފަތާ ދުރުކޮށްލަމުން އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ.

"ވަޓް ހެޕެންޑް ޔާން؟" އަރްޒަންއަށް، އަޔާންގެ ނުތަނަވަސްކަމުން އުނދަގޫވިއެވެ.

"ބަތޫލް ހޭ އަރައިފި، ކުޑަކޮށް އުނދަގޫކަމެއް ހުއްޓަސް ވާހަކަ ދެއްކެޔޭ ބުނީ..." އަޔާން ބުނެލިއެވެ. އެއާއެކު އަރްޒަންގެ ނުތަނަވަސްކަން ކުޑަކޮށް ދުރުވެލިހެން ހީވިއެވެ. އޭނާއަށް ﷲަ އަށް ޙަމްދުކުރެވުނެވެ. އެއަށްފަހު އޭނާއަށް ބަލައިލެވުނީ ޒީޝާންއަށެވެ. ޒީޝާން ބޯ ޖަހައިލިއެވެ. އޭނާ އަރްޒަންގެ އަތުތެރޭގައި އޮތް އޭނާގެ އަތަށް ބާރުކޮށްލިއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގިކަމުގައި ވިޔަސް، އޭނާ އަރްޒަންއާއެކު ހުންނާނަމޭ އެ އަމަލުން ބުނެދޭކަހަލައެވެ. އަރްޒަންއަށް ހިންހަމަޖެހުން ލިބުނެވެ. ޒީޝާންފަދަ އަންބެއް ލިބުމަކީ އޭނާއަށް ލެއްވި ނަސީބެއްކަމުގައި ހިތް ބުނެލިއެވެ. އަރްޒަން ލުއި ހިނިތުންވުމެއް ޒީޝާންއަށް ހަދިޔާކޮށްލިއެވެ.

އޭނާ ބަތޫލްއާ ބައްދަލުކޮށްފައި މާފަށް އެދެން ބޭނުމެވެ. ކަންތައް ހިނގާދިޔަ ގޮތް ބަތޫލްއަށް ވެސް ކޮންމެވެސް ވަރަކަށް އެނގުން ޙައްޤުކަމުގައި އަރްޒަންއަށް ޤަބޫލުކުރެވުނީ، އެ ޖިންނީގެ ޝިކާރައަކަށް ބަތޫލްވެސް ވެފައި ވާތީއެވެ. އޭނާ ބޭނުންވަނީ އާފެށުމަކުން ފަށާށެވެ. ޒީޝާންއަކީ އޭނާގެ އަނބިމީހާއެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ލޯބިވާ އަނބިމީހާއަށް ވަފާތެރިވާނެއެވެ.

*****

ކައިވެންޏަށްފަހު ރައުދާ ބަދަލުވީ އަޔާންއާއެކު އެގެއަށެވެ. އިހެކޭ އެއްގޮތަކަށް އަޔާންގެ މައިންބަފައިންވސް ރައުދާއަށް އެހާ ހެވެ.

ބަތޫލްއަށް ވެސް ހަމައަކަށް އެޅިލާނެހާ ދުވަސްދީފައި އަރްޒަންއާ އަޔާންގެ އިތުރުން ޒީޝާން ބަތޫލްއާ ބައްދަލުކުރަން ހޮސްޕިޓަލަށް ދިޔައެވެ. ބަތޫލްއަށް ވީ ގޮތް ވެސް އެމީހުން އެންމެން އެނގެން ބޭނުންވިއެވެ. އެއީ ޝީންޝިނާގެ ޢަމަލެއްކަން އެމީހުން އެންމެންނަށްވެސް އެނގެއެވެ

"އަހަންނަށް މާފު... މާފު ކުރޭ އަރްޒަން... އަހަރެން... އަހަރެން އުޅުނީ... އަހަރެން އުޅުނީ އެ ފޮޓޯތައް ލީކް ކޮށްލަން... އެކަމަކު..." ބަތޫލް އެރޭގެ ހާދިސާ އަރްޒަންއަށް ކިޔަައިދޭން ފެށިއެވެ. ބަތޫލް އެދައްކަނީ، ކޮން ފޮޓޯތަކެއްގެ ވާހަކަކަން ޒީޝާންއަށް އެނގެއެވެ. އަރްޒަން ވަނީ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. ޒީޝާން އަރްޒަންއަށް އިތުބާރުކުރިއެވެ. ގުޅުމެއް ދެމެހެއްޓުމަށް އިތުބާރަކީ މުހިންމު އެއްޗެކެވެ.

"އަހަރެން ފަހަތަށް ބަލައިލިއިރު އަހަންނަށް ފެނުނީ ޒީޝާންގެ ސޫރަ... މަޑުމަޑުން...... މަޑުމަޑުން އެ ސޫރަ ބަދަލުވާން ފެށި. ލަސްތަކެއްނުވެ އަހަރެންގެ ކުރިމަތީގައި ހުރީ އަހަރެންގެ އަމިއްލަ ސޫރަ... އަހަންނަށް ލިބުނީ ޝޮކެއް... ބިރުގަނެ މީހާ ހާސްވި. އޭނާގެ މޫނުމަތީގައި ހުރި ހިނިތުންވުމާ އެ މޫނުމަތީގައިވީ އަސަރުތައް ހަނދާންވާކޮންމެ ފަހަރަކު އަހަރެންގެ ގައިން އަދިވެސް ހީބިހި ނަގާ... އަހަރެންގެ އަތުން ފޯނު ދޫވެ ވެއްޓުނު ގަޑީ އަހަރެންގެ ކަރަށް ވާންވާން ފެށި! އެއާއެކު ނޭވާ ވެސް ކުރުވާން ފެށި. އެމީހަކު އަހަންނާ ގާތަށް ޖެހެން ފެށި... އަހަރެން މަތަވީ ބެލްކަނީ ރެއިލިންގައި ޖެހިފައި. އެ ހުރިހާއިރު އަހަރެން ހަޅޭއްލަވަން ކުރި މަސައްކަތް ބޭކާރުވެ އަހަރެންގެ މޫނުމައްޗަށް އަނދިރިވާހެން ހީވި. އިތުރަށް ހަދާނެ ގޮތެއް ނޭނގި އޭރުވެސް އަހަރެން ދިޔައީ ނޭވާ ލެވޭތޯ މަސައްކަތް ކުރަމުން... ހާސްވެ ކެއްސަމުން ދަނިކޮށް ކުއްލިއަކަށް މީހަކު އަހަރެން ކޮށްޕައިލިކަން އެނގުނު. އަދި އެއީ އަހަރެންގެ ކުރިމަތީގައި ހުރި މީހާކަން ވެސް އެނގުނު. އެކަމަކު އެއަށްފަހު ދެން ވީ ގޮތެއް ނޭނގޭ... ހޭއެރި އިރު.... ހޭއެރިއިރު އޮވެވުނީ މިތަނުގައި، ހޮސްޕިޓަލުގައި... " ބަތޫލް، ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. އެއަށްފަހު އޭނާ މާފަށް އެދުނެވެ.އޭނާއަށް ހެޔޮ ވިސްނިއްޖެކަމަށާއި ދެން ދުވަހަކުވެސް އަރްޒަންއަށާ އިތުރު މީހަކަށް ގެއްލުން ނުދޭނޭކަމަށް ބަތޫލް ވަޢުދުވިއެވެ.

އަރްޒަންމެން ވެސް ކޮންމެވެސް ވަރަކަށް ކަންތައްތައް ހިނގާދިޔަގޮތް ބަތޫލްއަށް ކިޔައިދިނެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގުލަސް ބަތޫލްއަށް އެ ވާހަކައަށް އަޑުއަހަން މަޖުބޫރުވިއެވެ. އޭނާގެ ލޮލުގެ ކުރިމައްޗަށް އެ މަންޒަރުތައް ފެނިފައިވާތީއެވެ. ވީއިރު އެކަމާ ދެކޮޅު ހަދައިގެން އޭނާއަށް ލިބޭނޭ މޮޅެއް ނެތެވެ. މަރާ ދާދިގާތަށް ދެވުނުކަމުގެ އިޙްސާސް ބަތޫލްއަށް ކުރެވުނެވެ. އޭނާ ދެން ދުވަހަކުވެސް މީހަކަށް ލިބިފައިވާ ނިޢުމަތަކަށް ހަސަދަވެރިއެއް ނުވާނެއެވެ. މަރުވަނީ މީހާގެ ހިޔަންޏަށްވުރެވެސް ގާތުގައެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކުރުމުގެ މުހިންމުކަން އެ ހާދިސާ ބަތޫލްއަށް ހަނދާންކޮށްދިނެވެ.

******

ރީހާން، ތަޙުޤީޤު ނިންމާ އެ ވާހަކަ އަރްޒަންމެންނާ ހިއްސާކުރިއެވެ. އަރްޒަންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތެއް ނުވިއެވެ. ގޮތްނޭނގޭ މަރުތަކެއްގެ ގޮތުގައި ތަޙުޤީގު ނިންމަން ޖެހުނީ ބޮޑަށް ތިބި ގިނަ މީހުން ރީހާންގެ ވާހަކަ ޤަބޫލުނުކުރާތީއެވެ.

ކުންފުނީގެ ފަރާތުން މޯލްޑިވިއަންގައި އަލުން މަސައްކަތް ކުރުމުގެ ފުރުސަތު އަރްޒަންއަށް ދިނެވެ. އެކަން ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް އަރްޒަންއަށް ފޯރުކޮށްދިނީ އަންވަރާއި އިރުޝާމްއެވެ. އެހެންނަމަވެސް އަރްޒަން ބޭނުންވީ އިހަށް ޗުއްޓީއެއް ނެގުމަށެވެ. ޒީޝާންގެ އެދުމަށް އޭނާ ގަސްތުކުރީ ޒީޝާންގެ ބައްޕަގެ ކުންފުނި އެން.އެމް ހޯލްޑިންގްސްގެ ހިންގުން ހަރުދަނާކުރުމަށެވެ. އޭނާ ދެން ވަޒީފާއަށް ނުކުންނާނީ ކުންފުނީގެ ކަންތައްތައް ހަމައަކަށް އެޅުމުންނެވެ. އަރްޒަންގެ މަސައްކަތުން މާލޭގައި ހުންނަ ޒީޝާން މެންގެ ވެސް ހޮޓެލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުނެވެ.

އެއް އަހަރު ފަސް

***************

އެއާރޕޯޓް ކުރިމައްޗަށް ހުއްޓައިލި ކާރުން ފޭބި އަރްޒަންމެން ދެމަފިރިންނަށް އެތަނުގައި ތިބި ގިނަބައެއްގެ ނަޒަރުތައް ހުއްޓުނެވެ. ދެމީހުންގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އަރްޒަން ލާފައިވާ ޕައިލެޓް ޔުނީފޯމް ގަޔަށް ހިފާލާފައިވާއިރު އެ ފިރިހެންވަންތަކަން އިތުރު ކޮށްދީފައިވެއެވެ. ޔުނީފޯމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އަޅާފައިވާ ޓައީއާ ޓެގްގެ ސަބަބުންނެވެ. އެ ކަޅުކަން ގަދަ އިސްތަށިގަނޑު ރީޓިގޮތަކަށް ސްޓައިލްކޮށްލާފައިވާއިރު، އެ މޫނާ ނުހަނު ގުޅެއެވެ. އަރާފައިވަނީ ކަޅުކުލައިގެ އޮފު ބޫޓަކަށެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ރަނގަޅުކޮށްލަމުން އަރްޒަން ޒީޝާންއަށް ބަލައިލާ އޭނާގެ ހިނިތުންވުން ފުޅާކޮށްލިއެވެ. ލޯބިވާ އަނބިމީހާއާ ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު އަރްޒަންގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައެވެ. އެ ދެލޮލުން ޒީޝާން ދެކެވާ ލޯބި އެއްވެސް ހުރަހެއްނެތި ފެނެއެވެ.

އެހާ ދުވަސްފަހުން އެ ޔުނީފޯމް ލެވުމުން އޭނާއަށް ކުރެވުނީ ބަޔާންކުރަން ދަތި އިޙްސާސްއެކެވެ. އެ ޔުނީފޯމަކީ އޭނާގެ ހާދަ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެއީ އޭނާ ނުހަނު ލޯބިވާ ޔުނީފޯމެކެވެ. އަލުން އެ ޔުނީފޯމް ނުލެވޭނެކަމަށް ނިންމައިގެން ހުރި އަރްޒަންއަށް އެ ފުރުސަތު އަލުން ލިބުމުން އޭނާއަށް ﷲ އަށް ޝުކުރު ކުރެވުނު އަދަދެއްވެސް ނޭނގުނެވެ. އަރްޒަންގެ ތުންފަތް މަތީގައިވީ، ހިނިތުންވުން ފެނި، ޒީޝާންވެސް ރައްދުގައި ހިނިތުންވެލިއެވެ. އަރްޒަންއެކޭ އެއްވަރަށް އޭނާ ވެސް ވަނީ ނުހަނު އުފާވެފައެވެ.

ޒީޝާން ލާފައިވާ ޔުނީފޯމް ގަޔަށް ހިފާލާފައިހުރުމުން އެ ހަށިގަނޑުގެ ބައްޓަން ރީތިކޮށްއެނގެއެވެ.ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާލާފައިވާއިރު، އިސްތަށިގަނޑު ވަނީ ހުޅިއެއްޖަހައިލާ ހައްޔަރުކޮށްލާފައެވެ. އެއްކަންފަތާ ދިމާލުން ކުޑަކޮށް ވައްޓާފައިވާ އިސްތަށިކޮޅު ޒީޝާންގެ މޫނާ ސަމާސާކުރަމުން ދިޔައެވެ.

ޑްރައިވަރު ފޮށި ބައިލަދިނުމުން ފޮށިހިފައިގެން ދެމީހުން އެއާރޕޯޓް އެތެރެއަށް ދާން ހިނގައިގަތް އިރު، ވެސް ގިނަބައެއްގެ ލޯތައް ހުރީ އެ ދެމަފިރިންނަށް ހުއްޓިފައެވެ. ޚާއްސަކޮށް އެތަނުގައި ތިބި ޒުވާން އަންހެން ކުދިންގެ ނަޒަރުތައް ހުރީ އަރްޒަންއަށް ހުއްޓިފައެވެ. އެއިން ކޮންމެ ކުއްޖަކު ވެސް ޒީޝާންއަށް ބަލަނީ ހަސަދަވެރި ނަޒަރަކުންނެވެ. އަރްޒަންއާއެކު ހިނގާލުމުގެ ޝަރަފުު އެއިން ކޮންމެ ކުއްޖަކު ވެސް ބޭނުންވާފަދައެވެ.

"ހޮޓް... އޯ މައި ގޯޑް..."

އަރްޒަންއާ ޒީޝާންގެ ކަންފަތުގައި ވެސް އެތަނުގައި ހުރި އަންހެން ކުއްޖަކު އެހެން ބުނެލި އަޑު ޖެހުނެވެ. ޒީޝާން އަރްޒަންއާ ގާތަށް ޖެހިލާ އެކުއްޖާއަށް ބަލައިލިއެވެ. އަރްޒަންއަކީ އޭނާގެ މީހެކޭ އެ ނަޒަރުން ބުނަމުން ދިޔައެވެ.

"ޖެލަސް...؟" ޒީ އަކަށް އަހަންނެއް ނުގެއްލޭނެޔޭ ދުވަހަކުވެސް... އިންޝާ ﷲ... ހެހެ" ޒީޝާންގެ އެ އަމަލު އަރްޒަންއަށް މަޖާވިއެވެ. އޭނާވެސް ޒީޝާންއާ ގާތްވެލިއެވެ.

"އައި ލަވް ދެޓް ކަޕްލް..." އެހެން ކުއްޖަކު ބުނެލިއެެވެ.

ޒީޝާންއާ އަރްޒަންއަކީ މިއަދު ޒުވާނުންގެ މެދުގައި މަޤްބޫލު ދެމަފިރިންނެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގައި ހިނގާކަންތައް ބަލާ މީހުން މަދެއް ނޫނެވެ. ފާރަލާ މީހުންވެސް އެހާ ގިނައެވެ.

އެއާރޕޯޓް އެތެރެއަށް ވަދެގެން ގޮސް މޯލްޑިވިއަންގެ އޮފީސް އިންނަ ގޯޅިގަނޑަށް ވަތްއިރު ޒޭބާ ވެސް އެހެން ކްރޫއިން ތަކަކާއެކު، ފޮށި ދަމާފައި އެދިމާލަށް އަންނަމުން ދިޔައެވެ. އަރްޒަން އޭނާގެ އައިނު ނެގިއެވެ.

ޒީޝާންއާ އަރްޒަންއާ ދެމީހުން ފެނުމާއެކު އޭނާ ލޯ އަޅައިލިއެވެ. އޭނާ އަދިވެސް އަރްޒަންމެންނާ ނުރުހޭކަން އެ ޢަމަލުން އެކަނިވެސް ދޭހަވިއެވެ. ބައެއް މީހުންނަކީ ބަދަލުވާ ބައެއް ނޫނެވެ. އެމީހުންނަކީ އެމީހުންގެ ގޮތުގައި ދާއިމަށް ދެމި ތިބޭ މީހުންނެވެ. ދުނިޔޭގައި އެންމެން ހިތްރުހޭ ގޮތަކަށް ނޫޅެވޭނެއެވެ. އަބަދުވެސް ކޮންމެވެސް އެއްބައެއްގެ ނަފްރަތާ ކުރިމަތިލާން ޖެހޭނެއެވެ. ޒޭބާ އެ ދެމީހުން ފަސްދީ ދިޔަފަހުން އަރްޒަން ވާހަކަ ދެއްކިއެވެ.

އަދިވެސް ޒޭބާ އެ ހުންނަނީ ހަމަ އެހާ ރުޅި އަިސްފަ ދޯ!".

"ބައެއް މީހުންނަކީ ބަދަލުވާނޭ ބައެއް ނޫން ޒޭން!... އެކަހަލަ މީހުންނާ ހެދި މާ ބޮޑަށް ނޫޅުނިއްޔާ ރަނގަޅުވާނީ... އަހަރެމެންގެ ހިތުގައި އެ ފަދަ ނަފްރަތުކަމެއް ނުބޭއްވީމަ އެ ނިމުނީ..." ޒީޝާން ބުނެލިއެވެ. އެއާއެކު އަރްޒަން ޒީޝާންއާ ކައިރިއަށް ޖެހިލިއެވެ. އެއް އަތުން އުނަގަނޑުގައި ހިފާ ގާތްކޮށްލިއެވެ.

"އައި ލަވް ޔޫ..." އަރްޒަން ޒީޝާންގެ ކަންފަތްދޮށުގައި ބުނެލިއެވެ.

"އައި ލަވްޔޫ ޓޫ..." ރައްދުގައި އެހެން ބުނެލި ޒީޝާން އަރްޒަންގެ އަތް ނައްޓައިލާ ދުރަށް ޖެހިލިއެވެ.

"ކަމުނުދަނީތަ؟" އަރްޒަންވެސް ލާނެއްގޮތަކަށް ބުނެލިއެވެ.

"ނޫނޭ ބަޔަކަށް ފެނިދާނެ..." ޒީޝާން ވަށާ ބަލައިލަމުން ބުނެލިއެވެ.

"ކޮބާ މައްސަލައަކީ... ތީ އަހަރެންގެ އަނބިމީހާ..." އަރްޒަން އެއްލޯ މަރައިލިއެވެ. އެއާއެކު ޒީޝާންގެ ލުއި ހުނުމުގެ އަޑު އިވުނެވެ.

ދެމީހުން އެކުގައި ގޮސް އޮފީސްބަޔަށް ވަތްއިރު އަންވަރާއި އިރުޝާމްއާއި ދެމީހުން އެތެރޭގައި ތިއްބެވެ. އަރްޒަން ފެނުމާއެކު އެންމެ ފުރަތަމަ ސަލާމަށް އަތް ދިއްކޮށްލީ އިރުޝާމް އެވެ.

"ވެލްކަމް ބެކް އަރްޒަން..." އިރުޝާމް ބުނެލިއެވެ.

"ޔެސް... އަރްޒަން، ވެލްކަމް ބެކް ޓު އަވަރ ފެމިލީ..." އަންވަރުވެސް ސަލާމް ކޮށްލިއެވެ. އަރްޒަން އަލުން އެމީހުންނާ ގުޅުމަކީ ލިބުނު ފަޚުރެއްކަމުގައި އަންވަރު ބުނެލިއެވެ. ވަށައިގެން ބަލައިލި އަރްޒަންއަށް އެތަނުގައި ހުރި އަޔާން ލޮލުގައި އަޅައިގަތެވެ. އޭނާ އަތުން އިޝާރާތްކޮށްލިއެވެ. އަޔާންވެސް އަތުން އިޝާރާތް ކޮށްލަމުން ބުނެލީ މަޑުކުރުމަށެވެ.

"ހޭ ލަވް... ބްރީފިންއަށް ވަންނަމުން މި ގުޅީ، ދެން ނުވެއް ގުޅޭނެ... ވަރަށް ލޯބިވޭ!..." އަޔާން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ރައުދާއާއެވެ. އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ. ރައުދާވެސް އޭނާ އަޔާންދެކެ ލޯބިވާކަމުގައި ބުނެލިއެވެ.

ބްރީފިންއަށް ދާން ތައްޔާރުވަމުންދިޔަ ވަގުތު އެއްކުއްޖަކު ސަލާމް ބުނުމުން އެ ދުވަހު ސްޓޭންޑްބައި ޑިއުޓީގައި ހުރި ޖިނާންއަށް އެ ފްލައިޓްއަށް ދާން ޖެހުނެވެ. އޭގެ އިތުރުން އެ ފްލައިޓްގައި ދެން ބައިވެރިވަނީ އަރްޒަންއާ އަޔާންގެ އިތުރުން ޒީޝާންއާއި އާރާއެވެ.

އަރްޒަން ބްރީފިން ރޫމަށް ވަނުމުން، އެހެން އެންމެންވެސް އެތެރެއަށް ވަނެވެ. ގޮނޑިތަކުގައި އިށީނދެ ހަމަޖެހުމުން އަރްޒަން ބްރީފިން ފެށިއެވެ.

ބްރީފިންއަށް ފަހު، ފަސް މީހުން އޮފީހުން ނުކުމެގެން މިސްރާބުޖެހީ ފްލައިޓަށް ދިޔުމަށެވެ. ސެކިއުރިޓީ ކްލިއަރ ވުމަށްފަހު، ގޭޓުން ނުކުމެގެން ބޯޓާ ދިމާލަށް ހިނގައިގަތް އިރު އެ ފަސްމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ޖިނާންއާއި އާރާއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއިރު، އަޔާންވެސް އަރްޒަންގެ ކޮނޑުގައި އެއް އަތުން ޖަހައިލިއެވެ. އަރްޒަން ނުކުތް ފުރަތަމަ ދުވަހު އެންމެން އެއް ފްލައިޓެއް ޖެހުމުން ޒީޝާންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.

އިރުއޮއްސޭ ވަގުތުކަމުން ރަތްވިލާތަކުން އުޑުމަތި ވަނީ ޖަރީ ކޮށްލާފައެވެ. ޤުދުރަތުގެ ފިހި އޭގެ ވާޖިބު އަދާކުރަމުން އުދަރެސް ފަވަމުން ދިޔައީ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އިރުގެ ރަން ދޯދިތައް ފްލައިޓަށް އެޅިފައިވާއިރު މުޅި އެ ހިސާބުވެސް ފެންނަނީ ހުވަފެނީ ގޮތަކަށެވެ.

އަރްޒަން މަޑުމަޑުން ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އެއާއެކު ސިހުނު ޒީޝާން އަރްޒަންއަށް ބަލައިލިއެވެ. އެއަށްފަހު ދެމީހުންވެސް ހިނިތުންވެލިއެވެ. ޙަޔާތުގައި ދިމާވި ހުރިހާ އަޑި ގުޑަންތަކަކަށްފަހު ވެސް މިއަދު އެދެމީހުންނަކީ އުފާވެރި ދެމަރިފިންނެވެ. އުންމީދަކީ ޙަޔާތުގައި ދެންވެސް ދިމާވާ ހުރިހާކަމެއްގައި ދެމަފިރިންއެކުގައި ކުރިމަތިލުމެވެ. އެ އިތުބާރު އެ ގޮތުގައި ދެމި އޮތުމެވެ. ގުޅުމެއް ވަރުގަދަ ވެގެން ދާނީ އިތުބާރު އެ ދެމެދުގައި އޮތުމުންނެވެ. މިއަދު ޒީޝާންއަށް އޭނާގެ ލޯބި ލިބިއްޖެއެވެ. އަރްޒަންއަށް އޭނާގެ ލޯބި ހާސިލްވެއްޖެއެވެ. ހަޔާތުގައި ހާސިލްކުރަންބޭނުންވީ ހުރިހާކަމެއް ހާސިލްވެއްޖެއެވެ. ޒީޝާންގެ އަތުން ދޫކޮށްލުމަށްފަހު، ބޯޓަށް ބަލައިލަމުން އެ ދިމާލަށް ހިންގައިގަތް އަރްޒަންއަށް އޭނާގެ ހިނިތުންވުން ފުޅާ ކޮށްލެވުނެވެ.

(ނިމުނީ)

 

ކޮމެންޓް 0