"މީ އަހަރެންގެ ބައްޕަ ފިރާޤު!" އަންވަރު ފިރާޤު ތަޢާރަފްކޮށްދިނެވެ. ފިރާޤު ސަލާމަށް އަތް ދިއްކޮށްލުމާ އެކު އަރްޒަން ސަލާމްކޮށްލިއެވެ.

ފިރާޤު އަރްޒަންގެ ކޮނޑުގައި ޖަހާލާފައި ހިތްވަރުކުރުމަށް ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. ހަޤީގަތުގައި އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ހިތްވަރުގެ އެންމެ ބަހެއްގެ ސަބަބުން ވެސް މިއަދު އޭނާގެ ހިތަށް ކުރަނީ ކޮންފަދަ އަސަރެއްކަން ބުނާކަށް ނޭނގެއެވެ. އުތުރި އަރަނީ ކޮންފަދަ ޒަޖުބާތެއްކަމެއް ނޭނގެއެވެ.

ޖަނާޒާ ނިންމާލާފައި އަރްޒަން ގެއަށް ދިޔައިރު އަރްޒަންއާ އެކު، ޒީޝާންވެސް ދިޔަ އެވެ. ސޯފާގައި އިށީނދެލި އަރްޒަން އޭނާގެ ބޮލުގައި ހިފައްޓައިލި އެވެ. އޭރު އޭނާގެ ބޮލުގައި ދިޔައީ ގަދައަށް ރިއްސަމުންނެވެ. ހީވަނީ ބޮލުގައި މީހަކު ތަޅާ ހެންނެވެ. މަޑުމަޑުން އަތް ތިރިކޮށްލަމުން ނިތްކުރީތައި ދެ އިނގިލި ކުރިން އޮއްބައިލިއެވެ.

"ބޮލުގައި ރިއްސަނީތަ؟" އަރްޒަންއަށް ބަލައިލަމުން ޒީޝާން އަހައިލިއެވެ. އަވަސް ނަޒަރެއް ޒީޝާންއަށް ދެމުން އަރްޒަން ބޯ ޖަހައިލިއެވެ. ފުންނޭވާއެއް ދޫކޮށްލި ހަށިގަނޑުގައި އުފެދިގެން އުޅޭ ނުތަނަވަސްކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބޭތޯއެވެ.

"އަހަރެން މަސާޖެއް ކޮށްލަދެންތަ؟" ޒީޝާން އެދުނެވެ. އަރްޒަން ބޯ ޖަހައިލިއެވެ. ޒީޝާން އަރްޒަންއަށް މަސާޖުކޮށްލަދޭން ފެށުމުން އޭނާއަށް އަރާމުވިއެވެ. ބޮލުގެ ރިހުމަށް ކޮންމެވެސް ވަރަކަށް ހައްލު ލިބުނެވެ. އެ އަތުގެ ފިނިކަމުން އޭނާގެ ބަރުވެފައިވާ ބޮލަށް ލުޔެއް ލިބިދިންފަދައެވެ.

"އަރާމުތަ؟" ޒީޝާން އަރްޒަންގެ ކަންފަތް ދޮށަށް ގުދުވެލާ ވައި އަޑުން ބުނެލިއެވެ. އެހިނދު ޒީޝާންގެ ތުންފަތުގެ އަވަސް ބީހިލުމެއް އަރްޒަންއަށް އިޙްސާސް ކުރެވުނެވެ. އެހާ ކައިރީގައި ޒީޝާން ހުރެ އެހެން ބުނުމުން އަރްޒަންގެ ލޮވެލިތައް ވެސް މިފަހަރު ކޮޅަށް ޖެހިގެން ދިޔައެވެ. އޭނާ އާއެކޭ ބުނެ ޒީޝާންއާ ދިމާލަށް ކުޑަކޮށް އެނބުރިލިއެވެ. ޒީޝާންގެ އިސްތަށިތައް އަރްޒަންގެ މޫނަށް ގޯނާކުރަން ފެށިއިރު އެ ދެމެދުގައި ވަނީ ހަނި ދާއިރާއެކެވެ.

"ޒޭން. އައި ލަވް ޔޫ..." ޒީޝާން އޭނާގެ ދުލުން އެ ބަސްތައް ބޭރުކޮށްލިއެވެ. އެއަށްފަހު އަރްޒަންއާ އިތުރަށް ގާތްވެލިއެވެ.

"ޒީ. ވަރަށް ބޮޑަށް އެބަ ބޮލުގައި ރިއްސާ... ވަރަށް އަރާމު އަދި ކުޑަ އިރުކޮޅަކު މަސާޖުކޮށްލަ ދީފާނަންތަ؟" އަރްޒަން މޫނު ދުރަށް އަނބުރައިލިއެވެ. އޭނާ ޒީޝާންއަށް އިތުރު ފުރުސަތެއް ދޭން ބޭނުންނުވާފަދައެވެ. ޒީޝާންގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

"އެނީތިންގް ފޯ ޔޫ ލަވް..." އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ. އަރްޒަންއަށްޓަކައި އިންތިހާ ލޯތްބެވެ. އަރްޒަންއަށް ނިދިޖެހެން ފެށުނީ ވެސް ޒީޝާން މަސާޖުކުރަނިކޮށެވެ. އަރްޒަން ސޯފާގައި މަޑުމަޑުން އޮށޯވެލިއެވެ.

ހޭލެވުނީ އިރުއޮއްސި ބަންގިގޮވި ފަހުންނެވެ.

"ޒީ... ޒީ" ޒީޝާން ފެންނަން ނެތުމުން އަރްޒަން ކައްކާ ބަޔާއި ކޮޓަރިތައް ވެސް ބެލިއެވެ. އޭނާއަށް އެގަޑީގައި ނިދުމުން އަނެއްކާ ޒީޝާން ގެއަށް ދިޔައީ ހެއްޔެވެ؟ އޭނަ ފޯނު ނަގާ ޒީޝާންއަށް ގުޅަން އަވަސްވަގެތެވެ.

"ޒޭން. އަހަރެން އުޅުނީ ފާޚާނާގައޭ. ނުދަމޭ އަޅެ ތާކަށް... ހާދަ ވަރަކަށް ތި ގޮވަނީ. އަހަރެން އާއެކޭ ވެސް ބުނިން. އަޑެއް ނީވޭތަ؟" ޒީޝާން ބުނެލިއެވެ.

"އާނ. އަހަންނަކަށް ނީވޭ... ވެދާނެ އަދިވެސް ނިދި ނުފިލަނީ ކަމަށް. ވަރަށް ބަނޑުހައިވެއްޖެ. ހިނގާބަ އެއްޗެއް އޯޑަރު ކުރަން. އެކަމަކު... ޒީ މަންމަމެން ލަސްވެގެން ނޫޅޭނެތަ؟ "

"ޔާ. އަހަރެން ބުނީމޭ ޒޭން ބަލިވެ އުޅޭ ވާހަކަ. ބުނީ އޯކޭ އޯ!!" ޒީޝާން އަރްޒަންގެ ސުވާލަށް ޖަވާބުދިނެވެ.

"ކޯންޗެއް ގެންނާނީ؟" އަރްޒަން ފޯނު ނަގާ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ.

"އެނީތިންގް..." ޒީޝާން ހިނިތުންވެލި އެވެ. އެއްޗަކަށް އޯޑަރު ދިނުމަށްފަހު އަރްޒަންއާ ޒީޝާންއާ ދެމީހުން ޖައްސައިލީ ސޯފާގައެވެ. ފިލްމެއް އަޅުވައިލާ އެ ބަލަން ދެމީހުން ތިއްބައި ގޭގެ ބެލްޖެހި އަޑާއެކު ހުޅުވަން ދިޔައީ އަރްޒަންއެވެ. ލާރި ދީފައި ފަހަތަށް އެނބުރިލިވަގުތު ޒީޝާން ފެނުނު އަރްޒަން ހިސާބަކަށް ސިހޭގޮތްވިއެވެ.

"ސާބަހޭ ޒޭން. މީ އަހަންނޭ. " ޒީޝާން މަޖާވެލާފައި ބުނެލިއެވެ.

"ހެހެ. ނޭނގޭނެއްނު ތިތާ އަހަރެން ބުޑުގަ ހުންނާނެކަމެއް. އެނީވޭ މީގަ ހިފާބަ!" އެއްކޮތަޅު ޒީޝާންއަށް ދިއްކޮށްލަމުން އަރްޒަން ބުނެލިއެވެ.

ކެއުމުގެ ވަގުތުގައި ވެސް އަރްޒަން އިނީ ހަމަހިމޭންވެފައެވެ. ގިނަ ފަހަރު އޭނާއަށް އިނދެވެނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. ޚީޔާލީ ދުނިޔެއެއްގަ އެވެ. ސިކުނޑީގައި އަދިވެސް ވަނީ އެ ހާދިސާއެވެ. އެއަށްފަހު ހިނގައިދިޔަ ހުރިހާ ކަމެކެވެ. ހަމަހޭވެރިކަންވަނީ ގިނަފަހަރު ޒީޝާން އޭނާއަށް ގޮވައިލުމުންނެވެ.

"ދެން އެކަމާ ނުވިސްނަބަލަ!" ޒީޝާން އަރްޒަންގެ އަތުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ.

"އަހަރެން ކިހިނެއް ނުވިސްނާ ހުންނަނީ ޒީ. އަދިވެސް ޔާންމެން އެކޮޅުގަ. އެމީހުންގެ ޙާލު ރަނގަޅުނަމަވެސް ހާދަ ބޮޑެތި ޒަޚަމްތަކެކޭ އެ ލިބުނީ. ޒީ... އަހަރެންނަށް މިސްޓޭކެއް ހެދުނީތަ؟ ކޮކްޕިޓުން ނުކުތުމަކީ އަހަންނަށް ހެދުނު ގޯހެއްތަ؟" އަރްޒަން އަށް ބުނެވުނެވެ. ފިރިހެނަކަށް ވިޔަސް ލޮލުން ކަރުނަ ފާއްދައިލި ވަގުތު ކޮޅެކެވެ.

"އަހަރެންވެސް ދެރަ ނުވަނީއެއް ނޫނޭ. އެކަމަކު ހިތްވަރުކުރަންވާނެއެއްނު. " ޒީޝާން ބުނެލިއެވެ.

"ދެން ކައިގެން އަވަހަށް މިރޭ ނިދާލާ އަހަރެންވެސް ދާނީ ގެއަށް!" ޒީޝާން އަނެއްކާވެސް ވާހަކަ ދެއްކީ އަރްޒަން ވަކި އެއްޗެއް ނުބުނުމުންނެވެ.

*****

ނިދަން އޮތް ނަމަވެސް ބަތޫލްއަށް ނިދޭގޮތެއް ނުވެއެވެ. ހަނދާނަށް އަންނަނީ ޒީޝާން މިއަދު އޭނާއާ ކުރިމަތިލި ގޮތެވެ. އެފަދަ ކުއްޖަކު އެގޮތަށް އޭނާއާ ދިމާކޮށްލުމުން އަދިވެސް ލިބުނު ޝޮކު ފިލައިގެނެއް ނުދެއެވެ. އެ ދެލޮލުގައި ވި ރުޅިވެރިކަން ސިފަވާ ކޮންމެ ފަހަރަކު އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވެއެވެ. ޒީޝާން އަރްޒަންއަށް ބޭނުންވާވަރު ޒީޝާންގެ އެ އަމަލުން އެކަނިވެސް ބަތޫލްއަށް ނަގައިގަނެވުނެވެ. އެއާއެކު އެ ދެމީހުން ދުރުކުރުމުގެ އެދުންވެރިކަން އޭނާގެ ހިތުގައި އުތުރި އަރަން ފެށިއެވެ. ޒީޝާންއަށް އެ ބެހެވުނީ ކާކާކަން އަދި ނޭނގެނީ އެވެ. އޭނާ އަދި ޒީޝާންއަށް ކުޅިވަރު ދައްކައިލާނެއެވެ. އޭނާގެ ގަޔަށް އަތް އިސްކުރުމަކީ ޒީޝާންއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އޭނާ ގާތުން މާފަށް އެދެން ޒީޝާންއަށް އަދި ޖެހޭނެއެވެ. އޭނާ އަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާނޭ މީހެއް ނޫނެވެ. އެ ވަގުތު އެއްޗެއް ނުބުނީ އެތަނުގައި މީހުން ތިބީތީއެވެ. ޒީޝާން ހީކުރަނީ އޭނާއަށް ކުރިލިބުނީކަމަށް ހެއްޔެވެ؟ ނޫނެކެވެ. ހިލާ އެހެންނެއް ނުވާނެއެވެ. އޭނާ ޒީޝާންގެ ފުރާނަވެސް ރޮއިގަންނަވަރު ކުރާނެއެވެ.

*****

ހޮސްޕިޓަލުގައި އާރާ އޮތް އިރު އާރާގެ އާއިލާގެ ކުއްޖަކު ގާތުގައި އިނެވެ.

ޖިނާން އައިސް ވަނުމާއެކު އެ ކުއްޖާ އެ ދެމީހުންނަށް ވަގުތު ކޮޅެއް ދޭންވެގެން ބޭރަށް ނުކުތެވެ. އާރާގެ އަތާ އަދި ފައިގައި ވަނީ ޕްލާސްޓަރު އަޅައިފައެވެ. ނިތްކުރިމަތީގައިއާއި ބޮލުގައި ވެސް ވަނީ މަލަން ގަނޑެއް އަޅާފައެވެ.

"އާ ޔޫ އޯކޭ؟" ޖިނާން ގޮނޑީގައި އިށީންނަމުން ސުވާލުކޮށްލި އެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލަމުން އާރާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެކަމަކު އޭނާގެ އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އެ ހާދިސާ އޭނާއަށް ސިފަވުމާއެކު އޭނާއަށް ހިފުނީ ޖިނާންގެ އަތުގައެވެ. ނޭވާ ފުންވެގެން ދިޔުމާއެކު، ނޭވާލާން ވެސް އޭނާއަށް އުނދަގޫވިއެވެ.

"ރިލެކްސް އާރޫ" ޖިނާން އޭނާގެ ދެ އަތުން އާރާގެ ކަނާއަތް ވަށައިލިއެވެ. އެއަށްފަހު އޭނާ އާރާ މަސަލަސްކުރެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ކިހާ އުނދަގޫކަމެއްކަން އެނގޭ ޙާލުގައެވެ. އާރާ އެކަނި ކޮށްލާކަށް އޭނާގެ ހިތެއް ނޭދެއެވެ. އޭނާ ބޭނުންވަނީ އެންމެ ގާތުގައި ހުރެގެން އޭނާގެ ލޯބިވެރިޔާގެ ހުރިހާ އުދާސްތަކެއް ދުރުކޮށްދޭށެވެ. އެ އަތުގައިވި މަޑު ތުރުތުރު އެޅުމުގެ ސަބަބުން ޖިނާން ހާސްވިނަމަވެސް އޭނާ ބެލީ އޭނާގެ އަމިއްލަ އިޙްސާސްތައް އަމިއްލަ ބާރުގެ ދަށައް ގެނެވޭތޯއެވެ.

"އަހަރެން ދެން ދުވަހަކުވެސް ފްލައިޓަކަށް ނާރާނަން!" އާރާއަށް ބުނެވުނެވެ. އޭނާއަށް އަތް އަޅައިލެވުނީ ދެ ކަންފަތުގައެވެ. ހީވަނީ އަދިވެސް އެ އަޑުތައް ސިކުނޑީގައި ގުގުމާ ހެންނެވެ. އޭނާގެ ބޯ ގޮސް ސީލިންގުގައި ޖެހޭހެންނެވެ. ވޭނީ އާހެއް އާރާއަށް އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ.

"އާރޫ... އިޓްސް އޯކޭ ބޭބީ... ކަމޯން... " ޖިނާން ގޮނޑިން ތެދުވެލާ އާރާ އޭނާގެ މެއާލާ ބޮނޑިކޮށްލިއެވެ.

އާރާގެ ތާޒާ ހޫނު ކަރުނައިން ޖިނާންގެ ގަމީހުގެ މޭމަތި ފޯވަމުން ދިޔައެވެ. އެ ކަރުނައިން ޚުދު ޖިނާންގެ ހިތްވެސް ހީވަނީ ގެނބުނުހެންނެވެ. އާރާ އެފަދަ ޙާލެއްގައި ވަނިކޮށް ދެކެން އޭނާއަށް ހާދަ އުނދަގުލެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް ކެތް ކުރަމުން އޭނާ އާރާއަށް ހިތްވަރު ދެވޭތޯ ބެލިއެވެ.

*****

ނިދާ ހޭލި އަރްޒަން ސައިޑް ކަބަޑުމަތީގައި އޮތް ފޯނު ނަގާ އެފްބީއަށް ވަދެލިއެވެ. އޭނާ އޮތީ ތެދުވާހިތް ވެސް ނުވެފައެވެ. ހަށިގަނޑުގައި އޭރުވެސް ހުރީ ކަންނެތްކަމާއި ވަރުބަލިކަމެވެ. ނިއުސްފީޑުން އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މީހަކު ލިޔެފައި އޮތް ސްޓެޓަސްއެކެވެ.

"އެބޯޓުގެ ޕައިލެޓް ފެނުނުއިރު އޭނާއަށް އެހާ އަނިޔާއެއްވެފަ ހުރިތަނެއް ނުފެނޭ... މީ ހަމަ އިއްތިފާގެއްތަ؟ ނޫނީ މީ ބަޔަކު ރާވައިގެން ނޫނީ ބަޔަކާ ގުޅިގެން ބޯޓުގެ ކެޕްޓަން ހިންގި ޖަރީމާއެއްތަ؟ މިކަން ފުރިހަމައަށް ތަހުގީގުކުރެވެން ޖެހޭނެ. އަހަރެމެންގެ އާއިލާތަކަށް އިންސާފުލިބެން ޖެހޭނެ." ސްޓޭޓަސް ކިޔައިލުމަށްފަހު، އަރްޒަންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާގެ އެކައުންޓް ބަލައިލިއިރު މުޅި އެކައުންޓުން ވެސް ފެންނަނީ މީހުން އޭނާއަށް ޓެގްކޮށްފައި ހުރި ތަފާތު އެކި އެކި އެއްޗެއްސެވެ.

އެންމެ ފަހުން ބޮލަށް ބޮލަށް އުނދަގޫވެގެން އޭނާ އެކައުންޓުން ލޮގް އައުޓްވިއެވެ. މެސެންޖާއިން ވެސް ކެނޑި ނޭޅި މީހުން ދިޔައީ މެސެޖް ކުރަމުންނެވެ. އެއްބަޔަކު ހިތްވަރު ދިނަސް ގިނައީ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ރުޅިވެރި ބަސްތަކެވެ.

އެންމެ ފަހުން އަރްޒަން ފޯނު ވެސް ނިއްވައިލީއެވެ. އޭނާ ބޭނުންވަނީ ބޯހަމަޖައްސައިލާށެވެ.

*****

"އަހަރެން ހުއްޓައި ލާހިކެއް ނޫން އޭނާއަށް ހަމަޖެހިގެން އުޅޭކަން. މި ހުރިހާކަމެއް ވެސް ވީ އޭނަޔާ ހެދި. ބަލާބަލަ މި ވީޑިއޯ" ގޭގެ ސިޓިންރޫމުގައި ހުރި މަޑު ފެހިކުލައިގެ ސޯފާގައި އިށީނދެގެން އިން ޒުވާނާ ވާހަކަ ދެއްކީ އޭނާގެ ކުރިމަތީގައި އިން މީހާއާއެވެ.

"ކާމް ޑައުން މޭން... ހަމަޖެހިގެން ތިކަން ކުރެވިދާނެ" ކުރިމަތީގައި އިން ޒުވާނާ ބެލީ އޭނާގެ އެކުވެރިޔާއަށް ވިސްނައިދޭތޯއެވެ.

"ޝާންއަކަށް ނޭނގޭނެ. އަހަންނަށް ލިބުނު ހިތާމައެއް ވޭނެއް...." އެ ޒުވާނާ ވާހަކަ ދައްކަމުން ދިޔައިރު އެއްބައިފަހަރު އޭނާގެ އަޑުން ހިތާމަވެރިކަން ވެސް ފާޅުވެދާނެއެވެ. އަނެއްބައިފަހަރު ރުޅި ވެރިކަމެވެ.ބަލާބެލުމަށް ހީވަނީ ރުޅިއާ ދެރަ އާ އެކުވެގެން އުފެދިގެން އުޅޭ ޖަޒުބާތެއް ހެންނެވެ.

(ނުނިމޭ)

ކޮމެންޓް 0