އޭނާ ހަރަކާތްތައް މަޑުޖައްސައިލިއެވެ. އެމީހަކު އަނެއްކާވެސް ދޮރުގައި ތަޅައިގަތެވެ. މި ވިއްސާރަރޭ އެތަނަށް އަންނާނީ ވެސް ކާކުބާއޭ ފިރާޤުހިތަށް އެރިއެވެ. އޭނާ ގޮނޑިން ތެދުވެގެން ގޮސް ދޮރުފަތް ހުުޅުވައިލިއެވެ. ކުރިމަތީގައި ހުރި މީހާ ހުރި ހާލަތު ފެނި އޭނާއަށް ވެސް ހައިރާންކަމެއް ލިބުނެވެ.

"އަހަރެން..." އެމީހާގެ އަޑުގައި ހިސާބެއްގެ ތުރުތުރު އެޅުމެއްވިއެވެ.

*****

ޚިޔާލުތަކުގައި ބެހެމުން ދިޔަ ފިރާޤު ފުންނޭވާއެއް ދޫކޮށްލާ، އެ ހަނދާންތަކުން މީހާގެ ނަފުސު މިންޖު ކުރެވޭތޯ މަސައްކަތްކުރިއެވެ. އެނދުން ތެދުވެލާ ހެޑްބޯޑުގައި ލެނގިލައިގެން އިނދެ ފިރާޤު ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ.

"އެ ޚިޔާލުތައް މިހާރަކަށް އައިސް މާ ބޮޑަށް އަހަންނަށް އުނދަގޫ މިކުރަނީ ކީއްވެތަ؟" އޭނާއަށް އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. މާޒީގެ އެ ހަނދާންތަކަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ދާނޭ ހަނދާންތަކެއް ނޫނެވެ.

*****

ވެރިވެގެން ދިޔަ ނުތަނަވަސްކަމާއި ހިންހަމަނުޖެހުމުގެ އަސަރާއެކު އެންމެ ފުރަތަމަ އަތް އިސްކުރީ ރާކިންއެވެ. އަމިއްލަ މީހާގެ ނަފްސު ކިތަންމެ ވަރަކަށް ކޮންޓްރޯލް ކުރަން ބޭނުންވިނަމަވެސް ރާކިންއަށް އޭނާގެ ނަފުސުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ. މީހާގެ ނަފުސުވަނީ ހަސަދައާއި ރުޅިވެރިކަމުން ފޯވެފައެވެ. ރާކިންގެ ގަމީހުގައި ހިފާ އަރްޒަން ރާކިން ދުރަށް ކޮށްޕައިލިއެވެ.

"ބުނެބަލަ މީ ދޮގެކޭ، ނުބުނެވޭނެ، އަމިއްލައަށް ބަތޫލް ކައިރިއަށް ދިޔައީ..." ރާކިން ބާރަށް ވާހަކަ ދެއްކުމުން އަރްޒަން ގާތަށް ވެސް ރުޅި އަންނަ ގޮތްވިއެވެ.

"ހުސް ދޮގު! ބަތޫލްއާ ދެމީހުން ރާވައިގެން ހުރިހާކަމެއް ވެސް ކުރީ. އަހަންނާ ޒީޝާންއާ ދުރުކުރެވޭނެކަަމަށްތަ ހީކުރީ؟ އެކަމެއް ނުވާނެ! އަޑު އިވިއްޖެތަ؟ ނުވާނެޔޭ!" އަރްޒަން އަޑަށް ބާރުލާފައި ބުނެލިއެވެ. އެއަށްފަހު، އޭނާ ޒީޝާންއަށް ބަލައިލިއެވެ. އެމޫނުމަތީގައި ވި ހުސްކަން، އޭނާގެ ހިތުގައި ތޫނު ރިހުމެއް އުފެއްދިއެވެ. އެ ނަޒަރުގައި ހުރި ތޫނުކަން އޭނާއަށް ފަހުމެއްނުވިއެވެ. އެ ހިތުގައި ހިނގަމުން ދިޔަ އިޙްސާސްތައް ދެނެގަންނަން ވެސް އޭނާ ނުކުޅެދުނެވެ. އަނެއްކާ އަރްޒަން އޭނާގެ ވާހަކަ ޤަބޫލުނުކުރަނީ ހެއްޔެވެ؟ ޒީޝާން އޭނާއަށް ޝައްކުކުރަނީ ހެއްޔެވެ؟ ހިތުގައި އުފެދިގެންދިޔަ، ޖަޒުބާތީ ޝުޢޫރުތަކުގެ ސަބަބުން ހިނދުކޮޅަކަށް އަރްޒަންއަށް އިސްޖަހައިލެވުނެވެ. ޒީޝާން ގެއްލިގެން ދާނެހެން ހީވި ވަގުތު ކޮޅެކެވެ.

"އައި ބިލީވް ޔޫ! ޒޭން! އަހަރެން ޒޭންއަށް އިތުބާރުކުރަން..." ޒީޝާން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ. އެއަށްފަހު، ރުޅިވެރި ނަޒަރަކުން ރާކިންއަށް ބަލައިލަމުން އޭނާ އައިސް ރާކިންގެ ގިރުވާނުގައި ހިފާ ދުރަށް ކޮށްޕައިލިއެވެ.

"ޒޭންއާ ދުރުގަ ހުރޭ!" ޒީޝާން އިންޒާރެއްދިނެވެ.

"އެހެންތަ؟ އެހާ ވެސް ލޯބިވޭތަ އޭނަ ކުރާ މިކަހަލަ ހަޑިކަންތައް ވެސް ނުފެންނަވަރަށް..." އެއްމިޔަކަށް ހީލަމުން ރާކިން ބުނެލިއެވެ.

"އާ... މިތަނުން ހަމަ މިހާރު ދޭ...އެހާ ވެސް އަހަރެން ޒޭން ދެކެ ލޯބިވޭ. އަދި ބުނަން، ދުވަހަކުވެސް އަހަރެންގެ ލޯތްބެއް ތި ރާކިންއަކަށް ނުލިބޭނެ! އެކަން މަތިން ހަނދާން ނައްތައިލާ!" ޒީޝާން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އަހަރެން ފޮނުވައިލަން ތީ ކާކު؟ މީ އަރްޒަންގެ ގެ އޭ... މިގެއަށް ޒީޝާންއަށް ކޮން ޙައްޤެއް އޮތީ. މިގޭގައި އުޅުނަސް ތީ އަދި އަރްޒަންގެ އަންހެނުންނެއް ނޫނޭ!" ރާކިން ޖެހިލީ އަރްޒަން ކައިރިއަށެވެ. ގޮށްމުށްކަވާފައި އޭނާ އެއްލި ހަމަލާއާއެކު، އަރްޒަންގެ ތުންފަތްމަތި ފަޅައިގެން ގޮސް ލޭތައް އޮހިގެންފިއެވެ.

"ޒޭން!" ޒީޝާންއަށް އަރްޒަންއަށް ގޮވައިލެވުނެވެ.

ރާކިންގެ ދެވަނަ ހަމަލާއިން ރެކިގަންނަން އަރްޒަން އޭނާގެ އަތް ދިއްކޮށްލި ނަމަވެސް، ރާކިން އެއަށްވުރެ ހުޝިއާރެވެ. އަރްޒަންގެ އަތުގައި ހިފައްޓަމުން، ގައިގައި ހުރިބާރުލާފައި އޭނާ އަރްޒަން ކޮށްޕައިލިއެވެ. އަރްޒަން ގޮސް ޖެހުނީ ސޯފާގައެވެ. ނިތްކުރިމަތި ފާރުގައި ޖެހި ފަޅައިގެން ދިޔައެވެ. ވޭނީ އާހެއް އަރްޒަންގެ އަނގައިން ނުކުތެވެ. ރާކިން، އަނެއްކާވެސް އަރްޒަންގެ ގައިގައި ޖަހަން އަތް މަޅައިލިއެވެ. އެކަމަކު މިފަހަރު އަރްޒަން އެ އަތުގައި ހިފެއްޓިއެވެ. އޭނާ ރާކިންގެ ބަނޑުގައި ގޮށްމުށުން ޖެހިއެވެ. ވީ ތަދާއެކު، ރާކިންއަށް ގުދުވެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ހަށިގަނޑު ސީދާ ކޮށްލަމުން އޭނާވެސް އަރްޒަންގެ ބަނޑުގައި ގޮށްމުށުން ޖަހާ ދުރަށް ކޮށްޕައިލިއެވެ. އެއްފަރާތުގައި ހުރި މޭޒުގެ ކަނުގައި އަރްޒަންގެ ބޯ ޖެހުމާއެކު ބޯ ފަޅައިގެން ދިޔައެވެ.

"ރާކިން!" ޒީޝާންއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ ދުވެފައި ގޮސް ރާކިންގެ ގަމީހުގައި ފުރަގަހުން ހިފާ ދުރަށް ކޮށްޕައިލިއެވެ. ރާކިން އޭރު ހުރީ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އަރްޒަންގެ ގާތަށް ޖެހިލާ ޒީޝާން އަރްޒަންގެ މޫނުގައި ދެ އަތުން ހިފައްޓައިލިއެވެ. އޭނާ އޯގާތެރި ނަޒަރަކުން އަރްޒަންއަށް ބަލައިލިއެވެ.

"ތަދުވޭތަ؟" ޒީޝާން އަރްޒަންގެ ފެޅިފައިވާ ބޮލުގައި ހިފައްޓައިލަމުން އަހައިލިއެވެ. އެއާއެކު އޭނާގެ އަތުގައި ވެސް ލޭތައް އުނގުޅުނެވެ. އަތަށް ބަލައިލުމަށްފަހު، އޭނާ އެތަނަށް ވެއްޓިފައި އޮތް ވާޒް ނަގާ ރާކިންއާ ދިމާލަށް ހޫރައިލިއެވެ. ޒީޝާންގެ އެ ނަޒަރު ބަދަލުވިގޮތް ރާކިންގެ ހިތަށް ތަދުކޮށްލިއެވެ. އަރްޒަންއާ ދިމާލަށް އެހާ ލޯބިން ބަލައިލާފައި އޭނާއާ ދިމާލަށް އެ ބަލައިލާ ރުޅިވެރި ނަޒަރު އޭނާގެ ހިތުގެ ހަމަޖެހުން ގެއްލުވައިލައެވެ. ރާކިން އެއްފަރާތަކަށް ޖެހިލާ އެ ހަމަލާއިން ރެކިގަތެވެ.

"ޒޭން! އާ ޔޫ އޯކޭ؟" ޒީޝާން އަހައިލިއެވެ.

އަރްޒަން ބޯ ޖަހައިލިއެވެ. އޭނާ ބަލައިލީ ރާކިންއަށެވެ. އޭރުވެސް ރާކިން ހުރީ ކަޅި ޖަހައި ނުލާ ޒީޝާންއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ކުރިމަތީގައި ވެސް ޒީޝާން އަރްޒަންއާ އެހާ ގާތުގައި އިނުމުން ހިތުގައި ކުޑަކޮށް ރިއްސާގޮތްވެ، ރާކިންގެ ރުޅީގެ މައްޗަށް ކޮންމެވެސް އެހެން އިޙްސާސްއެއް ގަދަވެގަތެވެ. ލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވިއެވެ. ޒީޝާންއަށް ބަލައިލުމަށްފަހު، އޭނާ އެގެއިން ނުކުންނަން ހިނގައިގަތީ ބަނޑުގައި އަތް އަޅައިގެން ހުރެއެވެ. މޫނު މައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުން އޭނާ ވޭން ތަޙައްމަލް ކުރަމުންދާކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ރާކިން ނުކުމެ ދޮރު ލައްޕައިލުމާއެކު، ޒީޝާން އެ ދޮރާ ދިމާލަށް ވެސް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.

"ހުވާ މި ބުނީ ހާދަ ރުޅިއެއް އައިސްފިޔޭ!" ޒީޝާން ބުނެލިއެވެ.

"އެހާ ވެސް ރުޅި އައިސްފިތަ؟" ޒީޝާންގެ މޫނަށް ބަލައިލަމުން އަރްޒަން އަހައިލިއެވެ. އެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ.

"ހޭނެ ކަމެއްނެތް އަދި! ބަލާބަ އަހަރެންގެ ލޯބިވާއަށް އޭނަ ހެދި ގޮތް. ދުވަހަކުވެސް މާފެއް ނުކުރާނަން! އަހަރެން ގާތު އާދޭސްކޮށް ސަލާން ޖަހާ ރުޔަސް..."

"ހެހެ. އެހާވެސް ރުޅިއައިސްފިތަ؟ އަމްމް.... އެކަމަކު ނަސީބެއްނު އޭނަ އަހަރެން ގައިގައި ޖެހިކަން ވެސް. ތި މޫނުމަތިން ތި ފެންނަ އަސަރުން އެނގިއްޖެ ހަމަ ގައިމުވެސް ޒީ އަހަންނަށް އިތުބާރުކުރިކަން. އަހަރެން ދެކެ ލޯބިވާވަރު. " އަރްޒަން ތެދުވަމުން ބުނެލިއެވެ.

"އާ. އަހަރެންނަށް ވުރެ ބޮޑަށް ޒޭން ދެކެ ލޯބިވާނެ އެއްވެސް މީހަކު ނުހުންނާނެ، އެކަން ޖެހޭނެ ޒޭންއަށް ވެސް އެނގެންޖެހޭނެ! އަދި އެހެން ތާކުން މީހަކު އައިސް ބުނެލާ އެއްވެސް އެއްޗަކުން އަހަރެން ޒޭންއަށް ކުރާ އިތުބާރު ފަނޑެއްނުވާނެ..." ޒީޝާން ހިނިތުންވެލިއެވެ.

"އެހާ ވެސް އަހަންނަށް އިތުބާރުކުރަންތަ؟" އަރްޒަން އަހައިލިއެވެ.

"ވަރަށް ބޮޑަށް، އެހެންވީމަ އަހަރެންގެ އިތުބާރު ގެއްލޭކަމެއް ދުވަހަކުވެސް ނުކުރާތި!" މި ފަހަރު ޒީޝާންގެ އަޑުގައި އާދަޔާ ޚިލާފު ބާރެއްވެއެވެ. އޭނާ އަރްޒަންގެ ގާތަށް ޖެހިލާ އަރްޒަންގެ ހަށިގަނޑުގައި އޭނާގެ އަތް ވަށައިލިއެވެ.

"ތެދުވޭ ޒޭން، އަހަރެން އަންނާނަން ފަސްޓް އެއިޑް ބޮކްސް ހިފައިގެން..." ޒީޝާން ބުނެލިއެވެ. އެއަށްފަހު، އަރްޒަންގެ އަތުގައި ހިފައިގެން ގެންގޮސް އޭނާ ސޯފާގައި ބެއިންދިއެވެ. އެއަށްފަހު އަރްޒަންއަށް ބަލައިލާ ހިނިތުންވެލިއެވެ. ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ސޯފާގައި އިށީނުމަށްފަހު، އޭނާ އަރްޒަންގެ ޒަޚަމްތަކުގައި ބޭސް އަޅައިދޭން ފެށިއެވެ. އެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ހިނިތުންވުމެކެވެ. ދެލޮލުން ފެންނަނީ އޯގާތެރިކަމެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަތް ރާކިންއަށް މާނޭވާ ލެވެއެވެ. އޭނާ އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވައިލިއެވެ. ފުންނޭވާތަކެއް ލާންފެށުނީ މީހާހަމައަކަށް އެޅިލުމުގެ ބޭނުމުގައެވެ. ބަތޫލް ގުޅީ އެހެންއިންދައެވެ. ދެފަހަރު ވެސް ފޯން ރިނގްވެފައި ކެނޑުނީ އެވެ. ތިން ވަނަ ރިންގާއެކު ރާކިން ކަންފަތުގައި ފޯނު ޖައްސައިލިއެވެ.

"ކިހާ ދެރަކަމެއް ބަތޫލް، ނުގުޅަބަލަ!"

"ބަތޫލް އޭ!... މީ އަަހަރެންނޭ. ޒޭބާ އޭ!" އެކޮޅުން އަޑު އައުމާއެކު ރާކިންއަށް ފޯނަށް ބަލައިލެވުނެވެ. ފުންނޭވައެއް ލަމުން އޭނާ ފޫހިކަމާއެކު ވާހަކަ ދެއްކިއެވެ.

"ކިހިނެއްވީ ޒޭބާ؟" ރާކިން އަހައިލިއެވެ.

"ރާކިން... އަނެއްކާ އެހެން ކުއްޖަކާ ގުޅުމެއް ބާއްވަނީތަ؟ ކޮން... ކޮން ބަތޫލް އެއް؟" ޒޭބާއަށް އަހައިލެވުނެވެ.

"ޒޭބާއާ ބެހޭކަމެއްތަ އެއީ އަހަރެން ކޮންމެ މީހަކާ ގުޅުމެއް ބޭއްވިޔަސް." ރާކިން ބުނެލިއެވެ.

"ރާކިން!" ޒޭބާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ.

"ވަދޭ! ރާކިން ބުނެލިއެވެ. އެތެރެއަށް މީހަކު ނުވަނެވެ.

"ވަންނާށޭ!" ރާކިން ބާރަށް ބުނެލިއެވެ. އޭނާ އެންމެ ފަހުން ގޮސް ދޮރު ހުޅުވައިލިއެވެ. އެއްވެސް މީހަކު ނެތެވެ. ސިޓިން ރޫމަށް ނުކުމެލާ މީހަކު އުޅޭތޯ އޭނާ ބަލައިލިއެވެ. ގޭގައި މަންމަމެން މީހަކުވެސް ފެންނާކަށް ނެތެވެ. ހިސާބަކަށް ހައިރާންވެ ހުރެ، އޭނާ ކޮޓަރިއަށް ވަންނަންވެގެން ފަސް އެނބުރުނުވަގުތު ފަހަތުން މީހަކު ވާހަކަ ދައްކައިފިއެވެ.

"ސަޕްރައިޒް!.... " ރާކިންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަންހެންވަންތަ އަޑެ ކެވެ. އޭނާއަށް އެ އަޑެއް ނޯޅޭނެއެވެ. ޒޭބާއަށްވެސް އެ އަޑު އިވުނެވެ. އަޑު ކެނޑިކެނޑިގެން ދިޔުމުން ކީ އެއްޗެއް ނޭނގުނެވެ. ބޮޑަށް ވައްތަރީ އަންހެން އަޑަކާއެވެ. އޭނާ ސަމާލުކަން ދީގެން ހުއްޓެވެ.

"އަހަރެން ރާކިންއަށް ސަޕްރައިޒެއް ދޭން އައިމަ ވެސް ތިހެން ތަ ހުންނާނީ؟ އާދެބަލަ އަހަރެން ކައިރިއަށް.!" އެމީހަކު ކުރިއަށް ޖެހިލިއެވެ. ރާކިން ހުރީ ހުރި ފިޔަވަޅުމަތިން ގުޑިލަން ވެސް ނޭނގިފައެވެ. އޭނާގެ މޫނުމަތީގައި ވަނީ ހައިރާންކަމެވެ. އޭރުވެސް ޒޭބާ ހުރީ ފޯނުގައެވެ. ރާކިން ވެސް ހުރީ ފޯނު ކަނޑައިލަން ހަނދާންނެތިފައެވެ. ފެނުނު މީހެއްގެ ސަބަބުން އޭނާ ވަނީ ދެގުނަ ހައިރާންވެފައެވެ.

"ކިހިނެއް؟" ވައި އަޑުން އޭނާއަށް އަހައިލެވުނެވެ.

"ކޮޓަރިއަށް ވަންނާކަށް ވެސް ދައުވަތެއް ނުދޭނަންތަ؟ އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ މަންމަމެން ވެސް ގެއަކު ނޫޅޭ ދޯ.ޑަސް ދެޓް މީން ވީ އާރ އެލޯން ހިޔަރ"

"ކިހިނެއް މިގެއަށް ވަނީތި؟" ރާކިންއަށް ހައިރާންކަމާއެކު އަހައިލެވުނެވެ. ފޯނުގައި ހުރި ޒޭބާއަށް އޭރުވެސް އަޑު ލިބެމުން ދިޔައީ ކެނޑިކެނޑިގެންނެވެ. ކިޔާ އެއްޗެއް ސާފުނުވިއެއްކަމަކު ވާހަކަ ދައްކަނީ އަންހެނެއްކަން އޭނާއަށް އެނގެއެވެ. ކުއްލިއަކަށް ފޯނު ކެނޑުމާއެކު ޒޭބާ ރާކިންއަށް ގުޅަން މަސައްކަތް ކުރިނަމަވެސް، މިހާރަކު ރާކިންގެ ފޯނަކަށް ނުގުޅެއެވެ. ބުނަނީ ފޯނު ނިއްވާލާފައި އޮތްކަމުގައެވެ.

"ވަދެވޭނެ ގޮތްތައް ހުންނާނެއެއްނު..."

"އެކަމަކު ކޯޑު!"

"ހޯދޭނެ ގޮތްތައް ހުންނާނެއެއްނު..." އެ ކުއްޖާ ބުނެލިއެވެ.

"ލުކް އަހަންނަކަށް ނޭނގެ މިގެއަށް ވަނީ ކިހިނެއްކަމެއް. ބަޓް ވައި އާރ ޔޫ ހިޔަރ؟" ރާކިން އަހައިލިއެވެ. އެ އަޑުގައި ކޮންމެވެސ ްވަރެއްގެ ހިންހަމަ ނުޖެހުންވިއެވެ.

ރާކިން ފުންނޭވާއެއް ދޫކޮށްލިއެވެ. އެކުއްޖާ ކުރިޔަށްޖެހިލާ ރާކިންގެ ގިރުވާނުގައި ހިފަމުން ކަރިވެލިއެވެ. އެއާއެކު އެ ކުއްޖާގެ ހޫނު ނޭވާތައް ރާކިންގެ ކަރަށް އެޅެެން ފެށިއެވެ. އޭނާއަށް ވާން ފެށީ ފާޑެއްގެ އުނދަގުލެކެވެ. އެއްޗެއް ބުނަން އުޅުނު ނަމަވެސް އެ ކުއްޖާގެ ތުންފަތް ރާކިންގެ ކޯތާފަތުގައި ބީހިލުމާއެކު އޭނާއަށް މަޑުޖެހިލެވުނެވެ. އަނގައިން ބަހެއް ބޭރެއް ނުވިއެވެ. ހީވީ ބުނަން އުޅުނު ބަސްވެސް އަރުތެރޭގައި ތާށިވީ ހެންނެވެ. އެ ކުއްޖާ ރާކިންއާ ކައިރިވަމުން ދިޔަވަރަކަށް މުޅި މީހާ ދާހިތްލާ، ރާކިންގެ މޫނުމަތިން ހާސްކަން ފެންނަން ފެށިއެވެ. ރާކިންގެ ކަންފަތުގައި ތުންފަތް ޖައްސައިލަމުން އެ އަންހެން ކުއްޖާ ބުނެލި އެއްޗަކުން ރާކިންއަށް ތެޅިގަނެވުނެވެ. ހިންދިރުވައިލެވުނެވެ. އޭނާ މަޑުމަޑުން އެ ކުއްޖާގެ ދެލޮލަށް ސީދާ ނަޒަރު ހުއްޓައިލިއިރު، ހިސާބެއްގެ ސިހުމެއްގެ އަސަރުވެސް އެ ދެލޮލުގައި ވެއެވެ.

*****

ހުއްޓާ ނުލާ ރާކިންއަށް ގުޅަމުން ދިޔަ ޒޭބާ ރުޅިވެސް އައެވެ. އެއީ އެބުނާ ބަތޫލްހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ބަތޫލްއަކީ ކާކުހެއްޔެވެ؟ އެއީ ރާކިން އާ ކޮން ގުޅުމެއް އޮތް މީހެއްހެއްޔެވެ؟ އެއީ އަނެއްކާ ރާކިން ރައްޓެހިވެގެން އުޅޭ ކުއްޖާހެއްޔެވެ؟ ލޯބިވެރިޔާހެއްޔެވެ؟ ހިތުގައި ތަފާތު ސުވާލުތައް ދައުރުވާން ފެށިއެވެ. އޭނާގެ ޚިޔާލަށް ވެރިވަނީ އެންމެ ނުބައި ޚިޔާލުތަކެވެ.

"ތިހެން ނުވިސްނާ ޒޭބާ. ހުރިހާކަމެއް ވެސް ރަނގަޅުވާނެ!. ރާކިން ލޯބިވަނީ ޒީޝާން ދެކެ. އެހެންވީއިރު އޭނާ އެހެން ކުއްޖަކާ ގުޅުމެއް ނުބާއްވާނެ!" ޒޭބާ އަމިއްލަ ހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވަން މަސައްކަޔް ކުރިނަމަވެސް، އޭނާގެ ސިކުނޑި އޭނާއާ އެއްބަހެއް ނުވެއެވެ. ރާކިންއާ އެހެން ކުއްޖަކާ ގުޅުމެއް އޮންނަނީ ކަމުގައި އޭނާއަށް ވިސްނެމުން ދިޔައެވެ. ހިތުގައި ނުތަނަވަސްކަން އުފެދެމުން ދިޔައެވެ.

*****

"ޒޭން. ހޭލެވިއްޖެތަ؟" ސޯފާގައި ނިދިފައި އޮތް އަރްޒަން މޯޅިއަކަށް ދެމިލުމާއެކު، އަރްޒަންގެ ބޯ އޭނާގެ އުނގުގއި ބާއްވައިގެން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން ޒީޝާން އަހައިލިއެވެ.

"އާނ... ތަދު ކަނޑުވާ ބޭސް ކެއިމަތަ އެ ނިދުނީ؟... ފުންނިންޖަކުން ހޭލެވުނުހެން ހީވީ! " އަރްޒަންއަށް ބުނެވުނެވެ.

"ނޫން. އަހަރެންގެ އަތުގެ ޖާދުލުން. އަޅެ ބުނެބަލަ ! އަހަރެންގެ އަތް އަރާމެއް ނޫންތަ؟ އަހަރެން ޒޭންގެ އިސްތަށިގަނޑާ ކުޅުނީމަ އަރާމެއް ނޫންތަ؟ އެހެންވެގެންނެއްނޫންތަ ތި ނިދުނީ..." ޒީޝާން އަހައިލިއެވެ.

"އޫމް... ވިސްނައިލަން ޖެހޭނީ..." އަރްޒަން ހީލިއެވެ.

"ގައިމު އަރާމު ވީމަ ދޯ އެހާ ވަރަށް ނިދާނީ... އަހަރެން ކޮންއިރެއް ޒޭން ހޭލަންދެން މިތާ އިންނަތާ"

"ހާދަ ރަނގަޅޭ" އަރްޒަން ތެދުވެލަމުން ބުނެލިއެވެ.

"ކޮން ސީރީޒްއެއްތަ ތި ބަލަނީ؟"

"ކީކުރަން އަހަރެން ބަލާ ސީރީޒް ހޯދަނީ؟. އަހަރެން އެއް ސީރީޒް އެކީ ބަލާ ނިންމި ފަހުން ތި ހޭލީ ހެހެހެ" ޒީޝާން ލުއި ހިނިގަނޑެއް ޖަހައިލި އެވެ.

"އެނީވޭޒް ވަރަށް ބަނޑުހައި" އަރްޒަން ބުނެލިއެވެ.

"އަހަރެން ވެސް ވަރަށް ބަނޑުހައި. ޒޭން ނިދާފަ އޮތީމަ ނުވެސް ކައި މިހުރީ. " ޒީޝާން ބުނެލިއެވެ.

"އެއްކަލަ ޒީ. ލެޓްސް ގޯ އީޓް ސަމްތިންގް" އަރްޒަން ބުނެލި އެވެ.

*****

ޖެހިގެން އައި ދުވަހު އެރި އިރާއެކު އަނެއްކާވެސް މާލެ ތެރެއަށް ފެތުރުނީ ސިހުން ލިބޭ ފަދަ ޚަބަރަކެވެ.

(ނުނިމޭ)

ކޮމެންޓް 0