ބޯޓު ތިރިއަށް ވެއްޓެމުންދާ ފަދަ އިޙްސާސްއެއް އެންމެނަށް ވެސް ކުރެވުނެވެ. އުނދަގުލުން ތެދުވި އަރްޒަން ކޮކްޕިޓާ ދިމާލަށް ހިނގައިގަތްއިރު، އޯވާ ހެޑް ބިންތަކުގައި ހުރި އެއްޗެހި ވެސް ހީވަނީ ދެންމެދެންމެ ފައިބައިފާނެހެންނެވެ.
އަރްޒަން ގޮސް ކޮކްޕިޓަށް ވަތްއިރު އަޔާންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭރު ވެސް ކެނޑިނޭޅި އަޔާން މަސައްކަތް ކުރަމުންދިޔައީ, ބޯޓުގެ ކޮންޓްރޯލް އޭނާއަށް ލިބޭތޯއެވެ.
"މި ވެސް މަސައްކަތެއް ނުކުރޭ..." އަޔާން އިނީ ގޮތްހުސްވެފައެވެ. އޭނާއަށް އެތެރެއަށް އަރްޒަން ވަނުމާއެކު، އަރްޒަންއަށް ބަލައިލެވުނެވެ. އެތެރެ ފިނި ނަމަވެސް, ހިތަށް ލިބުނު ހާސްކަމެއްގެ ސަބަބުން، އަޔާންގެ ނިތްކުރިމަތީގައި ދާ ތިކިތައް ވިދައެވެ. ހާސްވެ ކަންބޮޑުވެފައިވާ މިންވަރު އޭނާގެ މޫނަށް އެކަނި ބަލައިލުމުން އެކަނިވެސް ހާމަވެއެވެ. ނޭވާ އަވަސްވެފައިވާ ޙާލު އަޔާންއަށް އަރްޒަންއާ ވާހަކަ ދެކެވުނެވެ.
"ކުއްލިއަކަށް...." އޭނާއަށް ރަނގަޅަށް ވާހަކަ ދެކެވޭގޮތެއް ނުވެއެވެ. އިތުރު އެލާމެއް އަޅަން ފެށުމާއެކު, އަޔާންއަށް އަނެއްކާވެސް, އަރްޒަންއަށް ބަލައިލެވުނީ ހާސްކަމާއެކުގައެވެ.
"ވަޓް ހެޕެންޑް؟" އަރްޒަން ގޮނޑީގައި އިށީނދެ ބެލްޓް އަޅުވައިލުމަށްފަހު، ނޭވާ އަވަސްވެފައިވާ ޙާލު އަޔާންއާ ސުވާލުކޮށްލިއެވެ. އަރްޒަންގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ ހާސްކަމެވެ. ކޮންމެވެސް ވަރަކަށް އޭރު ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ. ދޭތެރެ ދޭތެރެއިން ގުގުރާލާ އަޑުވެސް އިވިއިވި ހުއްޓެވެ. ވައި ފުދޭވަރަކަށް ޖެހެމުން ދިޔައީތީ އިރުއިރުކޮޅުން ބޯޓު ޓާބިއުލެންސްވަމުން ދިޔައެވެ.
އިށީނދެފައި ފުރަތަމަ ވެސް އަރްޒަން ކޮމާންޑް ދިނީ ހުރިހާ ޕަސެންޖަރުން ވެސް ބެލްޓް އެޅުމަށެވެ. އޭގެ އިރުކޮޅެއްފަހުން ބޯޓުގެ ކޮންޓްރޯލް އަރްޒަންމެންނަށް ލިބި ލެވެލްއަޕްވެ ހަމަޖެހިލި ނަމަވެސް, އޭރުވެސް އަޅަމުންދިޔަ އެލާމަށް ބަދަލެއް ނާދެއެވެ. އެކަމުގެ ސަބަބުން އަދިވެސް ކަންތައްތައް ހަމައަކަށް ނޭޅޭކަމުގައި އަރްޒަންއާ އަޔާންއާ ދެމީހުންނަށްވެސް ޔަޤީން ކުރެވުނެވެ.
"މޭ ޑޭ... މޭ ޑޭ..."އަރްޒަން ދިޔައީ ބޯޓުގެ ޙާލަތު އެންމެ ކައިރީގައި އޮތް އެއާޕޯޓްގެ އެއާރޓްރެފިކް ކޮންޓްރޯލް ޓަވަރ އާއި ހިއްސާކުރަމުންނެވެ.
"އިންޖީންސް އާ ވޯކިން. ދެ އިންޖީނުވެސް ބަރާބަރަށް އެބަ މަސައްކަތް ކުރޭ. ވަޓްސް ހެޕަނިންގް!"
އަރްޒަންއާ އަޔާންއާ ދެމީހުން މަސައްކަތްކުރީ ވެގެންއުޅޭ ގޮތް ކޮންމެވެސް ވަރަކަށް އެނގޭތޯއެވެ.
"ވެއަރ އާރ ވީ.؟ އަހަންނަށް ހީވަނީ އެމަރޖެންސީކޮށް ލޭންޑް ކަންނޭނގެ ކުރަންވީ. އެކަމަކު ކައިރީގައި އެއާޕޯޓެއް ވެސް ނެތް. އެންމެއަވަހަށް ދެވޭ އެއާރޕޯޓަށްވެސް ނަގާނެ ތިރީސް ވަރަކަށް މިނިޓް. އައި ޑޯންޓް ތިންކް..." އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ވަކި ހިސާބަކަށް ބުނެފައި އޭނާ ހަމަހިމޭންވިއެވެ. ހަމަޖެހެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަޅަމުންދިޔަ އެލާމްގެ އަޑު އޭނާ ހާސްކުރުވިއެވެ. ދިމާވީ ކޮން މައްސަލައެއްކަން ނޭނގުން ވެގެންދިޔައީ ހާސްކަން ދެގުނަ ކުރުވި ސަބަބަކަށެވެ.
ފްލައިޓްގެ ކޮންޓްރޯލް އިރުއިރުކޮޅުން އެމީހުންނަށް ގެއްލެމުން ދިޔައެވެ. އަނެއްކާވެސް ކުއްލިއަކަށް އައި ލޮޅުމާއެކު، އަޔާންއަށް ހަޅޭއްލަވައިގަނެވުނެވެ.
"އޮޓޯ ޕައިލެޓް އިޒް އޯލްސޯ ނޮޓް ވޯކިން. ވީ ހޭވް ޓު މެނުއަލީ ފްލައި ދަ ޕްލޭން!" އޮޓޯ ޕައިލެޓް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާތީ އެ ހާސްކަމުގައި އަޔާންއަށް ބުނެވުނެވެ. އަރްޒަން ވެސް ބޯ ޖަހައިލިއެވެ.
ނިތްކުރިމަތިން ހިއްލާލާފައިވާ ދާތައް އެއްއަތުން ފުހެލި އަރްޒަން ފުންކޮށް ދެތިން ނޭވާލިއެވެ. ކެނޑި ނޭޅި ބޯޓުގެ ޙާލަތު އަރްޒަންމެން ހިއްސާކުރަމުން ދިޔައެވެ. އެމީހުން އެންގި އެއާރޓްރެފިކް ކޮންޓްރޯލުން އެ ވާހަކަ އެމީހުން ދާން އޮތް އެއާޕޯޓާ ރާއްޖޭގެ އެއާރޓްރެފިކް ކޮންޓްރޯލް ޓަވަރ އާ ހިއްސާކުރިއެވެ. ރާއްޖޭގެ އޭޓީސީން އެވާހަކަ އެއާލައިންގެ ފްލައިޓް އޮޕަރޭޝަންސް އާ ހިއްސާކުރިއެވެ. އެއާއެކު މުޅި އެއާލައިން އެލާޓަށް އައެވެ. އެ ޚަބަރު ޑިސްޕެޗް އޮފިސަރުންނާ ގްރައުންޑް ހެންޑްލިންގް ސްޓާފުންނާ ވެސް ހިއްސާކުރެވުނެވެ.
އިރުއިރުކޮޅަކާ ބޯޓު ދިޔައީ ޓާބިއުލެންސްގައި ޖެހެމުންނެވެ. ކްރޫއިން ވެސް އިށީނުމަށާއި ސީޓު ބެލްޓްއެޅުމަށް އެނައުންސް ކުރެވުމާއެކު، ހުރިހާ ކްރޫއިންވެސް ބެލީ އެގޮތަށް ކަންތައް ކުރެވޭތޯއެވެ. ނަޝްވާއާއި ޔަމާނީގެ އިތުރުން ޒީޝާންއަށް ގޮސް ގޮނޑީގައި އިށީނދެވުނު ނަމަވެސް އެ ވަގުތު އެރި ލޮޅުމާއެކު ބޯޓު ތިރިއަށް ވެއްޓެންފެށިއެވެ. އެއާއެކު އާރާގެ ފައި ފުރޮޅައިލައިގެން ގޮސް ވެއްޓި ކަކޫ ޖެހުމާއެކު, އޭނާއަށް މަޑު އާހެއް އަނގައިން ބޭރުކޮށްލެވުނެވެ. ހިތްވަރުކޮށްފައި ތެދުވެ ކުރިމަތީގައި ހުރި ގޮނޑީގައި އާރާ ހިފައްޓައިލިއެވެ.
އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އުޅެނިކޮށް ކުއްލިއަކަށް އެވަގުތު ބޯޓަށް އެރި ލޮޅުމުގައި އަނެއްކާވެސް ބޯޓު ތިރިވާން ފެށިއެވެ. ބޯޓު ތެރޭގައި ހަޅޭކުގެ އަޑު ގުގުމައިލުމާއެކު، ރުއިމުގެ އަޑުވެސް ގަދަވާން ފެށިއެވެ. ބައެއްމީހުން އެމީހުން ސަލާމަތް ކޮށްދެއްވުމަށް އެދި ބާރަށް މާތް ﷲ އަށް ދުޢާ ކުރަމުން ދިޔައިރު އަނެއްބައި މީހުން އަޑުން އަޑު ނަގާ ރޮނީއެވެ. ހަޅޭއްލަވަނީއެވެ. ޤުރުއާން ކިޔަވަނީއެވެ. މަރު އައިސް ބައްދަލުވެއްޖެކަމުގެ އިޙްސާސްއާއެކު، ކޮންމެ މީހެއްގެ ހިތުގައި ވެސް ވަނީ ބިރުވެރިކަމެވެ.
"ޒޭން ޑޫ ޔޫ ނޯ ވަޓްސް ހެޕެނިންގް؟ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް މި ކަހަލަ ކަމަކާ ދިމާނުވޭ!" އަނެއްކާވެސް އަޔާންމެން އަތުން ބޯޓުގެ ކޮންޓްރޯލް ދޫވީއެވެ. އަރްޒަންއަށް ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ. ޚުދު އޭނާ ވެސް ވަނީ ހާސްވެފައެވެ. މިފަދަކަމެއް އޭނާއަށް ކުރިމަތި މިވީ އަލަށެވެ. ކިތަންމެ ވަރަކަށް ޓްރެއިނިންގްތައް ހަދާފައިވި ނަމަވެސް އަސްލު ހަޤީގަތުގައި ހާސްވެ ކަންބޮޑުވާވަރާ ބިރުގަންނަވަރު އެނގެނީކަމެއް ދިމާވީމައެވެ.
"އައި ހޭވް ނޯ އައިޑިއާ ޔާން..." އަރްޒަންއަށް ބުނެވުނެވެ. އެމީހުން އޭރުވެސް އެންމެ ކައިރީގައި އޮތް އެއާޕޯޓުގެ އޭޓީސީއާ ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ. ބޯޓުގެ ޙާލަތު ކިޔައިދެމުން ދިޔައެވެ.
އެއްބަޔަކު ނޭވާ ހާސްވެގެން އުޅެންފެށިއެވެ. ބައެއް މީހުން ހޮޑުލާންފެށިއެވެ. ކުއްލިއަކަށް އޮކްސިޖަން މާސްކްތައް ތިރިވީވެސް އެވަގުތެވެ. އެމީހަކާ އެންމެ ގާތުގައި އޮތް މާސްކެއް ނަގާ އެމީހަކުގެ ސަލާމަތްކަން ހޯދަން އަވަސްވެގަތެވެ. ޓްރޯލީގެ ކައިރީގައި ހުރި އާރާގެ އަތް އޭގެން ދޫވެ އޭނާގެ ހަށިގަނޑު އުފުއްލެމުންދާ އިޙްސާސްއާއެކު, އާރާއަށް ހަޅޭއްލަވައިގަނެވުނެވެ. އެމަންޒަރު ފެނުނު ނަޝްވާއަށް ވެސް އާރާއަށް ގޮވާ ހަޅޭއްލަވައިގަނެވުނެވެ. ހިތުގައި ނަފްރަތުގެ އަލިފާން އެނދިނަމަވެސް އެފަދަ ވަގުތެއްގައި ތިމާގެ ގޮތުގައި ހުންނަން އަމިއްލަ ޒަމީރު ތަންދޭނީ ކިހިނަކުންހެއްޔެވެ؟
އެދިޔަ ބާރުމިނުގައި ގޮސް އާރާގެ ބޯ ޖެހުނީ ކެބިންގެ އެންމެ މަތީ ސީލިންގްގައެވެ. ޖެހުނުލެއް ބާރުކަމުން ބޯ ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ.
އޭގެ ތިރީސްވަރަކަށް ސިތުންކު ފަހުން އަނެއްކާވެސް ބޯޓުގެ ކޮންޓްރޯލް އަރްޒަންމެނަށް ލިބޭގޮތް ވިއެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލި އަރްޒަންގެ ހިތް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިލި ނަމަވެސް ވެރިވެފައިވި ބިރުވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ހަމަޖެހިލައިގެން ތިބެވެން ނެތް ކަމުގައި އޭނާގެ ޒަމީރުގޮވަމުން ދިޔައެވެ.
"އެއާޕޯޓާ ހިސާބަށް ދެވެންދެން މިގޮތުގައި ހިފައްޓާލެވޭތޯ ބަލަމާ. އިތުރުކަމެއް ދިމާވެއްޖެނަމަ ވީ ވުޑް ހޭވްޓު ލޭންޑް އެނީވެއަރ!" އަރްޒަންއަށް ބުނެވުނެވެ. ބޯޓަށް އަރަމުންދިޔަ ލޮޅުންތައް އިތުރުވާން ފެށުމާއެކު އަރްޒަންއަށް އަޔާންއަށް ބަލައިލެވުނެވެ. އިރުއިރުކޮޅުން އެމީހުންގެ އަތުން ދިހަ ވަރަކަށް ސިކުންތަށް ނަމަވެސް ކޮންޓްރޯލް ދިޔައީ ދޫވަމުންނެވެ. އިތުރު ރިސްކެއް ނެގުމަށްވުރެ ބޯޓު އެމަރޖެންސީކޮށް ޖެއްސުން ރަނގަޅުކަމުގައި އަރްޒަންއަށް ވިސްނުނީ އެވަގުތެވެ.
"ވީ ޑޯންޓް ހޭވް އެނީ އަދަރ ޗޮއިސް. ރިވާރ...." އޭރު އެމީހުންނަށް ތިބެވުނީ އިންޑިޔާގެ ކޯރެއްގެ ކައިރީގައެވެ.
"ރިވާރ..." އަޔާންއަށް އަރްޒަންއަށް ބަލައިލެވުނެވެ.
"ޔާ... އަހަންނަކަށް ހިޔެއްނުވޭ އެއާރޕޯޓާ ހިސާބަށް ދެޥޭނެހެންނެއް. އައި ޑޯންޓް ތިންކް ދިސް އިޒް ނޮޓް ގޮއިންޓު ވޯކް އެއިދާ، އެހެންވިއްޔާ އަހަރެމެންނަށް އިތުރު ޗޮއިސް އެއް ނެތް. ދެޓްސް ދި އޮންލީ އޮޕްޝަން..." އަރްޒަންގެ އަޑުގައިވެސް ވަނީ ހާސްކަމެވެ. ބޯޓުގައި ތިބި އެތައްބައެއްގެ ފުރާނަ އެވަނީ އޭނާގެ އަތް މަތީގައެވެ. އެމީހުން އެންމެންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ބޯޓުގެ ކެޕްޓަންގެ ހައިސިއްޔަތުން އޭނާގެ ވާޖިބެކެވެ. އޭނާގެ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ.
ޙާލަތުގެ ގޮތުން ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމުމަކީ ކިތަންމެ އުނދަގޫ ކަމެއްކަމަށް ވިޔަސް އަދި އެއީ ކިތަންމެ ނުރައްކާތެރިކަމެއް ކަމަށް ވިޔަސް، އެ ވަގުތު އޭގައި ތިބި އެތައްބައެއްގެ ފުރާނައަށްޓަކައި މިއީ ކުރަން ކޮންމެހެން ވެސް ބޭނުންތެރިކަމެކެވެ. މުހިންމުކަމެކެވެ.
އާރާ ވެއްޓި ތިރީގައި ޖެހުމާއެކު އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. މޭ ކަށިގަނޑަށް އަރައިގެންދިޔަ ތަދަކީ އޭނާގެ ޙަޔާތުގައިވެސް މިހާތަނަށް އޭނާ ތަޙައްމަލް ކުރި އެންމެ ވޭންހުރި ތަދެވެ. ހީވަނީ މޭކަށިގަނޑު ކުދިކުދި ވެގެން ދިޔަހެންނެވެ. އޭރުވެސް އޭނާގެ ބޮލުން ލޭތައްއޮހެމުން ދިޔައެވެ.
"ބޯޓުގެ ކޮންޓްރޯލް ދޫކޮށްލާފައި އައިސް ޕްރޮޕޯސްކުރީމަ ވީތަ؟ މިހުރިހާ ކަމަކީ ޕައިލެޓްގެ ފަރުވާކުޑަކަމުން ވީ ކަމެއް." ތަންކޮޅެއް އަޑު ހަރުކޮށް މީހަކު ހަޅޭއްލަވައިގަތެވެ. އޭރު ފްލައިޓް އޮތީ ހަމަޖެހިފައިކަމުން އެތެރޭގެ އަޑުވެސް މަޑުވެލިއެވެ.
"އާ ވީ އޯލް ގޮނަ ޑައި..." އަންހެނެއްގެ ރުއިމުގެ އަޑާއެކު އަނެއްކާވެސް ބޯޓުތެރެ ހަލަބޮލިވެގެން ދިޔައެވެ.
ރާއްޖެގެ އޭޓީސީގައި މަސައްކަތް ކުރަމުންދިޔަ މީހުންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ.
"ނިއަރެސްޓް އެއާރޕޯޓް އިސް އޯލްސޯ 30 މިނިޓްސް ފާރ. ވާހަކަތައް ހުރިގޮތުން ހިޔެއްނުވޭ ހިފައްޓާލަވޭނެހެންނެއް... " އެކަކު ބާރަށް ބުނެލިއެވެ.
"ވަޓްސް ދި ޗޮއިސް ނެކްސްޓް؟" އޭޓީސީގެ ބޮޑުމީހަކު ސުވާލުކޮށްލިއެވެ.
"ރިވަރ.... ކައިރީގައި އޮތީ ކޯރެއް. ދެޓްސް ދި އޮންލީ ޗޮއިސް ދޭ ހޭވް..." އޭނާ ކުރިމަތީގައި ހުރި ކޮންޕިއުޓަރުން ނަޒަރު ވަކިކޮށްނުލާ އިނދެ ބުނެލިއެވެ.
ގޮނޑިން ތެދުވި ޒީޝާން ފުރަތަމަވެސް ދިޔައީ އާރާގެ ގާތަށެވެ. އޭރު ޔަމާނީ ކޮކްޕިޓާ ދިމާލަށް މިސްރާބުޖެހީ ވެގެންއުޅޭ ގޮތް އޮޅުންފިލުވުމުގެ ބޭނުމުގައެވެ. އޭނާ އަކީ އެވަގުތު ބޯޓުގެ ތެރޭގައި އެންމެ ސީނިއާކޮށް ހުރި ކްރޫއަށް ވުމާއެކު އޭނާ ބެލީ އޭނާގެ މަސްއޫލިއްޔަތު އެ ގަޑީގައިވެސް އެންމެ ފުރިހަމައަށް އަދާކުރެވޭތޯއެވެ.
ބެލްޓް ނައްޓާލާފައި ތެދުވި ނަޝްވާ ވެސް ޓްރޯލިން ވެއްޓުނު އެއްޗެހިތައް އެއްފަރާތްކޮށްލިއެވެ. އެއަށްފަހު, އެމަރޖެންސީކޮށް ބޯޓު ޖައްސަން ޖެހިއްޖެ ހާލަތެއްގައި ފަސޭހަވާނެ ފަދަގޮތަކަށް ކެބިންތެރެ ސާފުކުރަން ފެށިއެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް، އޭރު އޭނާގެ ހިތްވެސް ބިރުން ރޫރޫ އަޅައެވެ. އަތުގައި ވެސް މަޑުތުރުތުރު އެޅުމެއް ހުއްޓެވެ. ހިތްވަރުކޮށްފައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
"އާރޫ... އާރ ޔޫ އޯކޭ؟" ޒީޝާންއަށް އަހައިލެވުނެވެ. ތަދުވާވަރުން ވާހަކަދެއްކުން އާރާއަށްވީ އުނދަގޫ ކަމަކަށެވެ. އާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނީއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔައެވެ. ލިބުނީ ކޮން ގެއްލުމެއްކަން ނޭނގޭތީ ޒީޝާންއަށް އާރާ ނަގަން ހަދާނެގޮތެއް ނޭނގުނެވެ. އޭނާއަށް ހަދާލެވޭ ގޮތަކުން އިތުރަށް އާރާއަށް އަނިޔާވެދާނެތީއެވެ.
"ލެޓް މީ ހެލްޕް ޔޫ..." ކައިރިއަށް ހުއްޓުނީ އިސްކޮޅުން ހަފޫޓުގެ ޒުވާނެކެވެ.
"އައިއެމް ރާފިލް... އަ ޑޮކްޓަރ!" ޒީޝާންގެ މޫނުމަތީގައިވި ހައިރާންކަން ދުރުކޮށްދެމުން، އެ ޒުވާނާ އޭނާގެ ކުރު ތަޢާރަފެއް ޒީޝާންއަށް ދިނެވެ.
"އައި ތިންކް އިޓްސް ބްރޯކަން.. އާރާ އެގްޒަމިން ކޮށްލުމަށްފަހު، އޭނާއަށް ބަލައިލެވުނީ ޒީޝާންއާ ދިމާލަށެވެ.
އެންމެ ކައިރީގައި އޮތް އެއާރޕޯޓުން ވެސް ދިޔައީ ފްލައިޓް އެމަރޖެންސީގައި ޖައްސަން ޖެހިދާނެތީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. އެމީހުން ދިޔައީ ކެނޑި ނޭޅި ބޯޓުގެ ޙާލަތު ވަރަށް ކައިރިން ބަލަމުންނެވެ.
"ޔާން. އައި ޑޯންޓް ތިންކް ވީ ކޭން ޑޫ ދިސް..." އަރްޒަންއަށް ބުނެވުނެވެ.
"އޯވާރ ސްޕީޑް... އެނަދަރ ވާނިންގް... ވަޓްސް ހެޕަނިންގް. ހުރިހާކަމެއް އެއްފަހަރާ. ހައު؟" އަޔާންއަށް ވެސް ހާސްކަމާއެކު އަރްޒަންއަށް ބަލައިލެވުނެވެ.
"އާރ ޔޫ ރެޑީ...؟" އަރްޒަންއަށް އަހައިލެވުނެވެ. އަޔާން ބޯ ޖަހައިލިއެވެ. ޔަމާނީ ކޮކްޕިޓަށް ދިޔުމާއެކު އަރްޒަން ކަންތައްކުރަންވީ ގޮތުގެ ކުޑަ ބްރީފިންއެއް ދިނެވެ. ޔަމާނީ ނުކުމެ ޒީޝާންއާ ދެންތިބި ކްރޫއިންނަށް ކަންތައްކުރަންވީ ގޮތުގެ ބްރީފިން ދިނެވެ. ހުރިހާ އެންމެން ލައިފް ވެސްޓް އެޅުމަށް އިރުޝާދު ދެވުނެވެ. އެންމެން ލައިފް ވެސްޓް އަޅުވާފައި، ފާހާނާގައި އެއްވެސް މީހަކު ވޭތޯ ޗެކް ކުރުމަށްފަހު, އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވެދީ ގެލީ އާ ކެބިންތެރެ އެކީ ސެކިއަރ ކުރުމަށްފަހު، ޒީޝާންއާ ނަޝްވާއާ ދެމީހުން ފްލައިޓްގެ އެމަރޖެންސީ އެގްޒިޓް ކައިރީގައި ތިބި ދެމީހުންނަށް އެމަރޖެންސީ ދޮރު ހުޅުވާނޭ ގޮތާ ވަގުތާ ބެހޭގޮތުން ކުޑަ ބްރީފިން އެއް ދިނެވެ.
ޒީޝާންމެންނަށް ވެސް އާރާ ގޮނޑިއަކަށްލުމަށް މަޖުބޫރުވިއެވެ.
"އައްދޯތް!" ވަމުންދިޔަ ތަދަށް ކެތްނުކުރެވިގެން އާރާ ރޮމުން ދިޔައެވެ. އާރާގޮނޑީގައި ބެއިންދުމަށްފަހު، ބެލްޓް އަޅުވާ ހަދާފައި ޒީޝާން ފުންނޭވާއެއްދޫކޮށްލިއެވެ.
ޖަހަމުންދިޔަ ގުގުރީގެ އަޑު ބާރުވެލިއެވެ. ބޯޓު ތަޅުވަން ފެށުމާއެކު އިތުރު ލޮޅުންތަކެއް ބޯޓަށް އަރައިގެން ދިޔައެވެ. ކޮންމެ މީހަކުވެ މޫނުމަތީގައިވެސް ވަނީ ހާސްކަމެވެ.
ބެލްޓް އަޅާ ބޯ ތިރިކޮށްފައި ކުރިމަތީގައި ހުރި ގޮނޑީގައި އަތް އެޅުވުމަށް އިރުޝާދު ދިނުމާއެކު ގިނަ ބަޔަކު އެގޮތަށް އަމަލުކުރިނަމަވެސް، ބޯޓު ތެރޭގައި އިން ތަންކޮޅެއް ހަރު މީހަކު ޒީޝާންމެންނާ ޒުވާބު ކުރިއެވެ.
"ކެޕްޓަން ކޮކްޕިޓުން ނުނިކުތްނަމަ އެހެންނެއް ނުވީސް. އަހަރެމެން އެންމެން މަރުވަނީތަ؟" ފަހު ޖުމްލަ ބުނެލިއިރު ހަރުކަށިކަން ވި ނަމަވެސް އެ އަޑުގައިވެސް މާޔޫސްކަން ވިއެވެ. އެންމެންގެ ޕޮޒިޝަން ޗެކްކުރުމަށްފަހު، ޒީޝާންމެން ލައިފް ވެސްޓް ލާ ގޮސް އެމީހުންގެ ގޮނޑީގައި އިށީނދެ ބެލްޓް އެޅުވުމާއެކު، ބޯޓު ކޯރަށް ޖެއްސުމަށް ތައްޔާރުވެވުނެވެ.
އިތުރުކަމެއް ނުވަނީސް އެ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަރްޒަންމެން ތިބީ ނިންމައިގެންނެވެ. ބޯޓުގެ ތެރެއިން އިވެނީ ދުޢާގެ އަޑެވެ. ޤުރުއާން ކިޔަވާ އަޑެވެ. ރުއިމާ ހަޅޭކުގެ އަޑުވެސް މެއެވެ. ހިތްތަކުގައި ވަނީ ބިރުވެރިކަމެވެ.
ބޯޓު ކޯރަށް ތިރިކުރަމުންދިޔަ ވަގުތު އިތުރު ހާސްކަމެއް އަރްޒަންމެންނަށް ގެނުވީ ވާ އަތް ފަރާތު އިންޖީނު ފެއިލްވެއްޖެ ކަމަށްބުނެ އެލާރމް އަޅަން ފެށުމާއެކުގައެވެ.
"ޒޭން ވަޓްސް ހެޕެނިންގް!" ބޯޓު އެއް އަރިއަކަށް އަރިވާން ފެށީ ދެނެވެ.
ބޯޓު އަރިވާހެން ހީވެ, މެދާ ދިމާގޮނޑީގައި އިން ޒުވާނާ ބޯ ހިއްލާލާފައި ބޭރު ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ސިހުމުގައި އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
"އަލިފާން ރޯވެއްޖެ. ބޯޓުގެ އިން... އިންޖީނުގައި އަލިފާން! " އަޑުގެ ކޮޅަށް އޭނާ ގޮވަން ފެށިއެވެ. ބައެއް މީހުން ބޯ ހިއްލާ ބަލަން ފެށިއިރު އެމީހުންގެ މޫނުމަތިން ވެސް އިތުރުހާސްކަން ފެންނަމުން ދިޔައެވެ.
ޒީޝާންއަށް ވެސް އެ މަންޒަރު ރީތިކޮށް ފެނުނެވެ. އޭނާގެ ނޭވާ ފުންވިއެވެ. ހާސްވެ ކަންބޮޑުވި އެވެ. އެއީ އޭނާގެ އެންމެފަހުގެ ވަގުތުކޮޅަށް ވެދާނެޔޭ ހިތަށް އެރި ޒީޝާންގެ ލޯ ވަގުތުން ފެންކަޅިވިއެވެ. ބޯޓުގެ ކޮންޓްރޯލް އެކީ އަރްޒަންމެން އަތުންދޫވީ ދެނެވެ.
ހުރި ބާރުމިނުގައި ބޯޓު ތިރިއަށް ވެއްޓެން ފެށުމާއެކު ބޯޓުތެރެ އަނެއްކާވެސް އަޑު ގަދަވެ މީހުން ހަޅޭއްލަވަން ފެށިއެވެ.
"ބެންޑް ޑައުން... ސްޓޭ ޑައުން..." ޔަމާނީ އާ ޒީޝާންގެ އިތުރުން ނަޝްވާގެ އަޑު ބޯޓު ތެރޭގައި ގުގުމައިލިއެވެ.
ކޮކްޕިޓް ތެރޭގައި ތިބި އަރްޒަންއާ އަޔާންއަށްވެސް ހަދާނެގޮތް ހުސްވިފަދައެވެ.
"ޒޭން ޑޫ ސަމްތިންގް!!!" އޭނާއަށް ހަޅޭއް ވެސް ލަވައިގަނެވުނެވެ. މާ ބޮޑަށް ޖަޒުބާތުގައި ޖެހެވުނީއެވެ. ކެނޑި ނޭޅި އެމީހުންނަށް ކޮންޓްރޯލް ލިބޭތޯ އަރްޒަންމެން މަސައްކަތް ކުރަމުންދިޔައެވެ. އެންމެފަހުން މާޔޫސްކަމާއެކު އަރްޒަންއަށް ބަލައިލެވުނީ އަޔާންގެ މޫނަށެވެ. އޭރު ބިރާ ސިހުމުން ޚުދު އަރްޒަންގެ މޫނުވެސް ހުދު ކަފަކޮޅަކަށް ވިއެވެ. ލޭގެ ހިނގުން ވެސް މަޑުޖެހިލިއެވެ. އަރަމުން ދިޔަ ލޮޅުމާއެކު އެމީހުންނަށްވެސް, އެގޮތުގައި ތިބުން ވީ އުނދަގޫ ކަމަކަށެވެ. އަދިވެސް އަރްޒަން މަސައްކަތްކުރީ އެމީހުންނަށް ކޮންޓްރޯލް ލިބޭތޯއެވެ.
ނުރައްކާތެރި ކަމާއި ބިރުވެރިކަން އެންމެން ހާސްކުރުވިއެވެ. އެއީ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ކުރިމަތިވި އެންމެ ނާމާން ބިރުވެރި ވަގުތުކޮޅެވެ. އޭރުވެސް އިރުއިރު ކޮޅަކާ ވިދާލާ ގުގުރަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތުކަމުން އިންޖީނުގައި ރޯވެފައިވާ އަލިފާންގަނޑު ވެސް ރީތިކޮށް ފެންނަމުން ދިޔައެވެ.
އެ ބިރުވެރިކަމުގައި ކުރެވޭނެ އޮތުރު ކަމެއް ނެތި ދުޢާ ކޮށްލަ ކޮށްލާ އެންމެން ތިއްބައި، އެދިޔަ ބާރުމިނުގައި ގޮސް ބޯޓު ޖެހުނީ ކޯރުގެ ފެންގަނޑުގައެވެ. ހަމަ ޖެހުމާއެކު އެކީ ބޯޓު މެދާ ހިސާބުން ދެފަޅިވެގެން ދިޔައެވެ.
(ނުނިމޭ)