"އާރާ... އައި ލައިކް ޔޫ

ޖިނާންގެ އެ ބަސްތަކުން ހިނދުކޮޅަކަށް ބުނާނެ އެއްޗެއް ނޭނގިފައި އާރާއަށް ހުރެވުނެވެ. ލާލައިހުރި ނޭވާ ވެސް އަރުތެރޭގައި ތާށިވިއެވެ. މީހާގެ ހަރަކާތްތައް މަޑުޖެހި މީހާ އެކީ ގަނޑުވިއެވެ. މުޅި އެތެރެހަށީގައި ނޭނގޭ ފިނިކަމެއް ދައުރުކޮށްލިއެވެ. ހިއްސުތަކަށް ހިސާބަކަށް ވާންވެ އޭނާގެ ހަރަކާތްތަކަށްވެސް މަޑުޖެހުމެއް އަތުވެއްޖެއެވެ.

ޖިނާން އެކުރީ ސަމާސާއެއް ހެއްޔެވެ؟ ނޫނީ އެއީ ހަޤީގަތުގައިވެސް ޖިނާންގެ ހިތުގެ އަޑުހެއްޔެވެ؟ އާރާއަށް ތުންފަތުގައި ދޫ ހާކާލާ ތުންފަތް ތެންމައިލެވުނެވެ. ޖިނާންގެ ސަމާސާއަކަށް ވެދާނޭ ހިތަށް އަރުވައިލި ކަމުގައިވިޔަސް، ހިތް އެކަމާ ދެކޮޅު ހަދަނީ ޖިނާންގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައީތީއެވެ. އުނދަގުލުން ހިންދިރުވައިލުމާއެކު، އާރާ ވާހަކަދެއްކިއެވެ.

"ކީ... ކީކޭ؟" ވާހަކަ ދެކެވުނީ އަޅައަޅައިގަންނަމުންނެވެ. އަވަސްއަވަހަށް އާރާއަށް، ޖިނާންއާ ނަޒަރު ވަކިކޮށްލާ ދުރު ބަލައިލެވުނެވެ. އޭރުވެސް މީހާގެ ނަފުސު ހަމައަކަށް ނޭޅެއެވެ. ހިންދިރުވައިލެވެނީވެސް އެހާ އުނދަގުލުންނެވެ. ނޭވާ ވެސް ވަނީ އަވަސްވެ ކުރުވެފައެވެ. އަތްފައިގައި އޭރުވެސް ފިނިކަން ވެއެވެ.

"ޔެސް. ޔޫ ހާޑް އިޓް ރައިޓް، އައި ރިއަލީ ލައިކް ޔޫ... އާރޫ... " އާރާއެއްޗެއް ނުބުނެ ދުރަށް ނަޒަރު ހުއްޓާލައިގެން އިންނަން ފެށުމުން ޖިނާންއަށް އެންމެ ފަހުން ބުނެވުނެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ.

އާރާ އެއްޗެއް ނުބުނުމާއެކު، ޖިނާން މާޔޫސްވާ ގޮތްވިއެވެ. އޭނާއަށް ދުލުން ބޭރުކޮށްލެވުނު ބަސްތަކުގެ ސަބަބުން އެ ސިކުނޑިއަށް ވަނީ ވާންވެފައެވެ. ކުރެވުނީ ކުށެއްކަމުގައި ސިކުނޑި ވިސްނައިދޭން ފެށިއެވެ. ހިތުގެ ގޮވުމަށް އިޖާބަދިނުމަކީ ޖިނާންއަށް ކުރެވުނު މޮޔަކަމެއްކަމުގައި އޭނާއަށް ޤަބޫލުކުރެވެން ފެށުނީ އެ ހިސާބުންނެވެ. ހިފައްޓައިގެން އިން ކޮފީ ޖޯޑަށް ބާރުކޮށްލުމާއެކު އޭނާ، އިސްޖަހައިލިއެވެ. ފިރިހެނަކަށް ވިޔަސް ފިނޑިވެ ލަދުގަތެވެ.

"އާރޫ. އައި އެމް ސޮރީ..." ހިތްވަރުކޮށްފައި، މާފަށް އެދެމުން ޖިނާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނައާ، އާރާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ނިމުމަކަށް ގެންނާކަށް ދުވަހަކުވެސް ބޭނުމެއް ނޫނެވެ. މާ ބޮޑުވިސްނުމަކާ ނުލައި ކުރެވުނު އެންމެ ކަމެއްގެ ސަބަބުން އެ ގުޅުން ނިމިގެންދާކަށް ޖިނާން ނޭދެއެވެ. އާރާގެ ހިމޭންކަން އޭނާ ނުތަނަވަސްކުރުވަމުން ދިޔައެވެ. އެ އެކުވެރިކަމުގެ ގުޅުން ކެނޑިދާނޭކަމުގައި އޭނާގެ ސިކުނޑި އޭނާއަށް ރަތް ސިގްނަލްދެމުން ދިޔައެވެ. އެހާ ބޮޑަށް ޖިނާން ހާސްވެ ކަންބޮޑުވީ އެހެންވެއެވެ.

ޖިނާން މާފަށް އެދެމުން ވެސް އާރާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ. ސިކުނޑި އަދިވެސް އޭގެ މަސައްކަތަށް އެނބުރި ރުޖޫޢަ ނުވާ ފަދައެވެ. އޭނާ ހުރީ ޝޮކެއްގައެވެ. ރަފްހާންއަށްފަހު، އެފަދަ ގޮތަކަށް އެހެން މީހަކާ އެކު ގުޅުމަކަށް ދާކަށް އޭނާ އަދިވެސް ތައްޔާރެއް ނޫނެވެ. ޖިސްމަށް ލިބިފައިވަނީ އެއަށްވުރެ ފުން ޒަޚަމުތަކެކެވެ. ހިތުގައި ވަނީ ނުފިލާފަދަ ފާރުގަނޑެކެވެ.

"އާރޫ ހިންހަމަ ނުޖެހެންޏާ އެއީ ނުދައްކާ ވާހަކައަކަށް ހަދާ!. އެކަމަކު ބުނަންތަ؟ އަހަންނަށް އާރާ ފެނުނު އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް އާރާދެކެ ލައިކްވޭ. އާރޫ އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަން އެނގޭތީ އަހަރެން މި ވާހަކަ ބުނަން ބޭނުންނުވީ. އަހަރެން ހަޤީގަތުގައި ބޭނުމެއްނުވި އާރޫގެ އުފާތަކަށްވުރެ އަހަރެންގެ އަމިއްލަ އުފާތަށް އިސްކުރާކަށް. އަހަންނަށް އޭރު މުހިންމުވީ އާރޫގެ އުފާ، އާރޫގެ ހިންހަމަޖެހުން. އަމިއްލަ ހިތުގެ އިޙްސާސްތައް އަހަރެން ފޮރުވީ އާރޫއަށްޓަކައި. އާރޫގެ އުފާތަށް އަހަންނަށް ވަރަށް މުހިންމު. އަހަރެން ބޭނުމެއް ނޫން ކޮންމެހެން މި ދެއްކި ވާހަކައެއްގެ ސަބަބުން އާރޫއާ އަހަންނާ ދެމެދު މި އޮތް އެކުވެރިކަމަށް ބުރޫއަރާކަށް. މި ދެއްކި އެއްވެސް ވާހަކައަކުން އާރޫ ހިންހަމަ ނުޖެހެންޏާ ވަރަށް ބޮޑަށް ސޮރީ. އަހަންނަށް އެނގޭ އާރޫ އަދި ރިލޭޝަންއެއް ފަށަން ރެޑީ ނޫންކަން ވެސް. އެކަމަކުވެސް.... އަހަންނަށް ކެތް ނުކުރެވުނީ."

ޖިނާން އޭނާގެ ހިތުގެ އުދާސްތައް އާރާގެ ކުރިމަތީގައި ބަންޑުން ކުރަމުން ދިޔައެވެ. އެ އަޑުގައިވި އަސަރު ދެނެގަނަން އާރާ ނުކެޅެދުނެވެ. އެއީ ބުނެދޭން ނޭނގޭފަދަ ޖަޒުބާތީ އަސަރެކެވެ. އެ އަޑުން ތެދުވެރިކަން އޭނާއަށް ހާމަވަމުން ދިޔައެވެ. ޖިނާން އެ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާގެ ހިތުގައި މިރޭ ޖިނާންއަށް ކޮންމެވެސް ކަހަލަ އިޙްސާސްތަކެއް އުފެދިއްޖެއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ ޖިނާން އޭނާގެ އުފާތަކަށް އިސްކަން ދިނީމަހެއްޔެވެ؟ އަމިއްލަ އެދުމަށްވުރެ އޭނާގެ އިޙްސާސްތަށް އިސްކުރީމަހެއްޔެވެ؟ އެ އަޑުގައިވި ތެދުވެރިކަމަކުން ހެއްޔެވެ؟ އެ މޫނުމަތިން ފެނުނު އިހްސާސްތަކެއްގެ ސަބަބުންހެއްޔެވެ؟

އާރާ ޖިނާންއަށް ބަލައިލިއެވެ. އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް, ޖިނާން އިނީ ދުރު ބަލަހައްޓައިގެންނެވެ. ޖިނާންއަށް އާރާއާ ކުރިމަތިލާން ކިހާ އުނދަގޫކަން އާރާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ޖިނާން އަކީ ރަނގަޅު ޒުވާނެކެވެ. ޖިނާންއާ ދެމެދު އޮތް އެކުވެރިކަން ފުނޑުފުނޑު ވާކަށް އާރާވެސް ނޭދެއެވެ. ޖިނާންއަކީ ހިތްހެޔޮ އެކުވެރިއެކެވެ. އޯގާތެރި ރަޙްމަތްތެރިއެކެވެ. ޖިނާން އޭނާއަށް ކޮށްދިން ކަންތައްތަކުގެ ބަދަލު އޭނާއަށް ދުވަހަކު ވެސް އަދައެއް ނުކޮށްދެވޭނެއެވެ.

އާރާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާއަށް ފޯނެއް އައެވެ. ކުއްޖަކު ބަލިވެގެން ނާދެވުމާއެކު، އޭނާއަށް ފްލައިޓެއް ޖެހުނީއެވެ. ޖިނާންއަށް ބަލައިލުމަށްފަހު، އެހެން ބުނެލާފައި އާރާ ފޮށި ހިފައިގެން އެތަނުން ނުކުތުމަށް ހިނގައިގަތެވެ.

ރެސްޓިން ރޫމްތެރެއިން ނުކުތުމުގެ ކުރިން އަދިވެސް އެއްފަހަރު، އާރާ ފަހަތް ބަލައިލިއެވެ. ޖިނާން އޭނާއާ ދިމާލަށް ބަލަން އިންތަން ފެނި އާރާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ރައްދުގައި ހިނިތުންވެލަން ވެސް ޖިނާންއަށް ނޭނގުނެވެ. އޭނާ އާރާގެ އެ ހިނިތުންވުމުގެ މާނަ ނަގާނީ ކިހިނަކުންހެއްޔެވެ؟

"ވަޓް ހޭވް އައި ޑަން؟" ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ޖިނާންއަށް އަމިއްލަ ނަފްސާ ވާހަކަ ދެކެވުނެވެ. ގޮށްމުށުން މޭޒުގައި ޖަހައިލުމާއެކު ޖިނާން ފުންނޭވާއެއް ދޫކޮށްލިއެވެ.

*****

މަޣްރިބް ނަމާދަށްފަހު، އަޔާން ގެއަށް އައިސް ވަތްއިރު، މަންމަ ނިއުމާއާއި ބައްޕަ ނިހާދު ސިޓިންރޫމް ސޯފާގައި މަޑުކޮށްލައިގެން ތިއްބެވެ. އަޔާން ފެނުމާއެކު، ނިއުމާ އަޔާންއަށް ގޮވައިލިއެވެ.

"ދަރިފުޅާ! ރައު މިއަދު ނުވެސް ފެނޭ. އަނެއްކާ ހެނދުނު ދިޔަގޮތަށް ގެއަށް ނާންނަނީތަ؟" ނިއުމާގެ ސުވާލެއް އަޔާންއަށް އަމާޒުވެގެން ދިޔުމާއެކު، އޭނާއަށް ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. މަންމަގެ އެ ސުވާލަށް ދޭނެ ޖަވާބެއް ޚުދު އަޔާން އަތުގައިވެސް ނެތެވެ. ހާސްވީވަރުން ނިތްކުރިމަތިން ކޮންމެވެސް ވަރަކަށް ދާ ވެސް ހިއްލާލައިފިއެވެ.

"އަޔާން... ދަރިފުޅާ އޭ މަންމަ މި ވާހަކަ ދައްކަނީ." ނިއުމާ އަޔާން ގާތު އޭނާގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީންނަން އިޝާރާތް ކޮށްލިއެވެ.

އަޔާން އެއްޗެއް ނުބުނެ ހުންނަން ފެށުމުން، ކޮންމެވެސްކަމެއް ގޯސްވެއްޖެކަމުގައި ނިއުމާގެ ވިސްނުން ތޫނު ސިކުނޑިއަށް ނަގައިގަނެވުނެވެ. އިތުރު އެއްޗެއް ނުބުނެ އައިސް ސޯފާގައި އިށީންނަމުން، އަޔާން ފުންނޭވާއެއް ދޫކޮށްލިއެވެ. މާލަސްތަކެއް ނުވެ އެ ހަޤީގަތް ވެސް މަންމަމެނަށް އެނގިދާނެއެވެ. ވީއިރު މިހާރު ނުބުނެ ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ. އަޔާން އިސްޖަހާލައިގެން އިނދެ ރޭގެ ހާދިސާ ކުރު ގޮތަކަށް ކިޔައިދިނެވެ. މާ ބޮޑު ތަފްސީލެއް ނުދެއެވެ.

"ތިވަރު ކަމެއް ހިނގައިދިޔުމުގެ ސިއްރަކީ ކޮބާ؟ މަންމައަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނު" ނިއުމާއަށް ބަލައިލެވުނީ ނިހާދުގެ މޫނަށެވެ. ނިހާދުވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރައުދާ ވީ ތަނަކާ ބެހޭގޮތުން ނިހާދު ސުވާލުކޮށްލިއެވެ. އަޔާން ބުނީ އޭނާއަށް ވެސް ނޭނގޭ ކަމުގައެވެ. މިއަދު އެތައް ފަހަރަކު އޭނާއަށް ވެސް ރައުދާއަށް ގުޅިކަމުގައާއި ރައުދާ އޭނާގެ އެއްވެސް ކޯލަކަށް ޖަވާބު ނުދޭކަމުގައެވެ. އެކަމާ ޚުދު އޭނާވެސް ކަންބޮޑުވެ ހާސްވެފައިވާކަމުގައެވެ. އޭނާ ރައުދާގެ އޮފީހަށް ވެސް ގުޅިކަމަށާއި އޮފީހަށްވެސް ރައުދާ މިއަދު ނުދާކަމުގައެވެ.

*****

އިޝާނަމާދުން ފައިބައިގެން ފިރާޤު، ގެއަށް ދާން މިސްރާބުޖެހި ވަގުތު މާވެޔޮ މިސްކިތް ކައިރީ ޕޭވްމެންޓް މަތިން ހަރުފިޔަވަޅު ތަކެއްގައި ދިޔަ ފިރިހެންމީހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ މީހާ ފެނި، ފިރާޤަށް ހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ސޫރަ އެއްވެސް ފަނޑުވުމެއް ނެތް ގޮތެއްގައި އަދިވެސް އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ. އެއީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފިލާނޭ ސޫރައެއް ނޫނެވެ. އެ ހިތި ހަޤީގަތް ދުވަހަކުވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ.

އެ މީހާ ގޮސް ލޯމަތިން އޮބާލަންދެން ފިރާޤަށް ބަލަން ހުރެވުނެވެ. މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑީގެ ލޯގަނޑަށް ސިފަވާންފެށީ ދެނެވެ. މީހާގެ ނަފްސުއެކީ ހަރުކަށިވެގެން ދިޔައެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފިޔަވަޅުތައް އަވަސްކޮށްލަމުން ފިރާޤު ގެއާ ދިމާލަށް ހިނގައިގަތް އިރުވެސް، އޭނާގެ ނަފްސަށް ވެރިވެފައިހުރި އުނދަގޫކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު ހީވަނީ އޭނާގެ އުދާސްކަމަށްވެސް އިތުރު ބަރުކަމެއް ލިބޭހެންނެވެ. އިތުރު ތަކުލީފެއް ލިބޭހެންނެވެ. އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލަމުން، ފިރާޤު އުޑު މައްޗަށް ބަލައިލިއެވެ. އުޑުމަތި ހިސާރުކުރަމުންދިޔަ ބޯ ވިއްސާރަ ވިލާގަނޑަށް އަވަސް ނަޒަރެއް ދެމުން ފިރާޤު، އަނެއްކާވެސް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

*****

"އަހަރެން އަރްޒަން ބޭނުން، އެ ޒީޝާންއާ އަރްޒަން ދޭތެރެ ޖެއްސޭނެ ގޮތަކަށް ކޮންމެފަދަ ކަމެއް ކުރަންވެސް އަހަރެން މި ހުރީ ތައްޔާރަށް..." ބަތޫލް ވާހަކަ ދެއްކީ އޭނާގެ އެކުވެރިޔަކާއެވެ.

އޭނާ ހުރީ ގޭގެ ޓެރެސްގައެވެ. ޖެހެމުންދިޔަ ތާޒާ ތެތްފިނި ވައިރޯޅިތަކުން ވެސް އޭނާގެ އެތެރެ ހަށީގައި އުފެދުގެން އުޅޭ ދިލަ ހޫނުކަމަށް އެއްވެސް ކަހަލަ އަރާމެއް ނުލިބުނެވެ. ހަށިގަނޑުގައި އުދާސްކަން އުފެދިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، މީހާގެ ނަފްސަށް ހިސާބެއްގެ ރުޅިވެރިކަމެއް ވެރިވަމުން ދިޔައެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި ބަތޫލްއަށް ކުރިމަތިން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުންވެސް އެއްވެސް ކަހަލަ ހިންހަމަ ޖެހުމެއް ނުލިބުނެވެ. މީހާގެ ނަފްސު ވަނީ އުދާސްކަމާއި ކަންބޮޑުވުމާއި ހާސްކަމުން ގައިދުކޮށްލާފައެވެ.

އަރްޒަންއާ ޒީޝާންއާ ދެމެދަށް ވަދެވެން އޮތް ކޮންމެ ގޮތަކަށް ވަންނަން ބަތޫލް ހުރީ އަތުކުރި އޮޅާލާފައެވެ. މިއަދު އެއާރޕޯޓަށް ރައްޓެއްސަކު ފުރުވަން ދިޔަދިޔުމުގައި އޭނާގެ ލޮލުގައި އަރްޒަންއާއެކު ޒީޝާން އެއާރޕޯޓުން ނުކުތް މަންޒަރު އަޅައިގަތީއެވެ. އެކަމުގެ ސަބަބުން އަރްޒަން ހާސިލްކުރުމުގެ އެދުން އޭނާގެ ހިތަށް މާ ބޮޑަށް ވެރިވީއެވެ. ރަހްމަތްތެރިޔާ އާއެކު އެތައް އިރަކު ވާހަކަ ދައްކަން ބަތޫލް ހުއްޓެވެ.

*****

މެންދަމުން އަލިވެ ދެއެއް ޖެހީއެވެ. އޭރު ބޯކޮށް ވާރޭވެހެމުން ދިޔައެވެ. މާލޭގެ މަގުމަތި ވަނީ އެކީ ހިމޭންވެފައެވެ. މަގެއްގެ މަތިން ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. އިރުއިރުކޮޅަކާ ވިދާލާ ވިދުވަރާއެކު ރޭގަނޑު ދުވާލަށް ހަދާލާފަދައެވެ. ގުގުރާ އަޑު މެދު ނުކެނޑި އިވެމުން ދިޔައެވެ. ބައެއްފަހަރު ޖަހާ ގުގުރީގެ އަޑާއެކު ބިރުން ރޫރޫ އަޅާހާވެއެވެ.

ގޭތެރޭގައި އަތްމަތި އަވަސް އަރުވާލައިގެން އުޅުނު ޖައުފަރު، ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ. އޭނާގެ ތޫނު ދެލޮލުން މުޅި ގޭތެރެ ސްކޭންކޮށްލިއެވެ. އެއްވެސް ކަހަލަ ނުރައްކަލެއް ގޭތެރެއިން އޭނާއަށް ފާހަގަވޭތޯއެވެ. އޭރުވެސް ގޭގެ ފުރާޅުމައްޗަށް ވާރޭގެ ބޮޑެތި ތިކިތައް ހަމަލާދެމުން ދާ އަޑު އިވިއިވިހުއްޓެވެ.

ޖައުފަރުގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުމެއް ފެންނަމުން ދިޔައެވެ. ތަނުގައި ވަނީ ފަނޑުއަލިކަމެކެވެ. އަތުގައި އޮތް ފޮތްބޮނޑި ހިފައިގެން ހުރެ ޖައުފަރު އޭގައި ހުރި އެއްޗެއް ކިޔަމުން ދިޔައެވެ. ހީވަނީ އޭނަ ބޮޑުކަމަކަށް ތައްޔާރުވަނީހެންނެވެ. މޫނުމަޠީގައިވާ ހާސްކަން އެކަނިވެސް އެކަމަށް ހެކިވެއެވެ.

ގޭތެރެއިން އަންހެނެއްގެ ހުނުމުގެ އަޑު އިވުނުހެން ޖައުފަރަށް ހީވިއެވެ. އޭނާ އެ އަޑަށް ސަމާލުކަން ދިނެވެ. ދެވަނަ ފަހަރު އެ އަޑު އިވުނީ އޭނާގެ ކަންފަތް ދޮށުންނެވެ. ހިސާބަކަށް ސިހުނު ޖައުފަރު ދެފަހަރަކު ތުންތަޅުވައިލިތަން ފެނުނެވެ. ބަދިގެއާ ވީ ފަރާތުން ގޭތެރެއަށް ފެތުރެމުންދިޔަ ދުންތައް ފެނި، ޖައުފަރަށް މިފަހަރު ހިސާބެއްގެ ނުތަނަވަސްކަމެއް ލިބުނެވެ.

އެ ދުންތައް ފެތުރެމުން ދިޔަވަރަކަށް، އޭނާގެ ބުރަކަށިން އާދަޔާ ޚިލާފަށް ދިލަނަގަން ފެށިއެވެ. ކޮޅަށް ހުންނަން މީހާއަށް ދަތިވިއެވެ. މޭޒުގެ އެހީ ހޯދައިލަމުން، ޖައުފަރު އޭނާގެ އަތުގައި ހުރި ގަނޑުތަކަށް އަވަސް ނަޒަރެއް ދިނެވެ.

"އަހަރެންގެ އަމުރަށް ކަލޭ ކިޔަމަން ނުވެއްޖެނަމަ އަހަރެން ކަލޭ އަންދައިލާނަން." އަޑަށް ބާރުލާ ޖައުފަރު ބުނެލިއެވެ. އެ އަޑުގައި ހިސާބެއްގެ ޖެހިލުންވުމެއް ވިއެވެ. އޭނާއަށް ގެއްލުމެއް ނުދޭވޭނޭކަމަށް ޔަޤީންކޮށްގެން ހުއްޓާ ދިމާވަމުން މިދާ ކަންތައްތަކެއްގެ ސަބަބުން އޭނާއަށް ނުތަނަވަސްކަމެއް ލިބިފައިވެއެވެ.

އެ ދުންތައް ކައިރިވަމުން ދިޔަވަރަކަށް މުޅި ގޭތެރެއަށް އާދަޔާ ޚިލާފް ފިނިކަމެއް ވެރިވަމުން ދިޔައެވެ. ޖައުފަރު ތުންތަޅުވަން ފެށިއެވެ. އިސާހިތަކު އެ ދުންތަކުން މުޅި މާހައުލު ސާފުވާން ފެށިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހޭ އަޑު އިވި އިވި ހުއްޓެވެ.

ކުއްލިއަކަށް ޖެހި ބާރު ގުގުރިއާއެކު ޖައުފަރަށް ދެލޯ މަރައިލެވުނެވެ. މިރޭ އޭނާ ހުރީ އެހާވެސް ނުތަނަވަސްވެފަ އެވެ. ދާދި ގާތުން މީހެއްގެ ހިލަން ވީހެން ހީވެ ޖައުފަރު ސަމާލުވެލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކަރަށް ވާންވެގެން ދިޔައެވެ. ނޭވާވެސް ތާށިވިއެވެ. އަރުތެރެއިން ވޭނީ ހަޅޭކެއްގެ އަޑު ނުކުތްނަމަވެސް އެ އަޑު އައީ ވަރަށް މަޑުންނެވެ. ކަރުގައި އަތް ޖައްސައިލި ޖައުފަރަށް ތެޅިގަނެވުނެވެ.

ހެދުނު ގޯހެއްގެ ސަބަބުން މި ވަރުގެ ކަމަކާ ކުރިމަތިލާން ޖެހިދާނެކަމަށް އޭނާއަށް ވިސްނިފައިނެތެވެ. ހީވަނީ މީހަކު އޭނާގެ ކަރުގައި ހިފާ ބާރުކޮށްލާފައި ވާހެންނެވެ. ހަމައެއާއެކު ކަރުން ނަގައިގަތް ދިލައަށް އޭނާއަށް ކެތްކުރަން ދަތިވިއެވެ. އޭނާ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔޭތޯ މަސައްކަތް ކުރިއެވެ.

ގައިގަނޑަކަށް ފަނަރަ މިނިޓަށްފަހު، އޭނާގެ ކަރަށް ދޫކަމެއް އިޙްސާސްކުރެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޖައުފަރު ވަށައިގެން ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އޭރު މީހާވަނީ ދަލުން ފެންވެރިފައެވެ. އޭނާ އަވަސްއަވަހަށް ވެއްޓުނު ގަނޑުތައް ނަގައިގެން ކޮޓަރިގަނޑާ ދިމާލަށް ހިނގައިގަތެވެ. އެ ކޮޓަރިގަނޑުގެ ތެރެއަށް ވަދެފައި އޭނާ ހުއްޓުނީ މެދުގައި ހުރި އަޅި ފުނި ކައިރީގައެވެ. (ނުނިމޭ)

ކޮމެންޓް 0