އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އިން އަޔާންގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ސިހުމެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ލެޕްޓޮޕްގެ ސްކްރީނަށެވެ. އެއަށް ބަލަމުން ދިޔަވަރަކަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން އިތުރުވަމުން ދިޔައެވެ. ލެޕްޓޮޕުން އަޅުވާފައިވާ ވީޑިއޯ ހުއްޓައިލުމަށްފަހު، އެކި ގޮތްގޮތަށް ޒޫމްކޮށްގެން ވެސް އޭނާ އެ އަށް ބެލި އެވެ.
"ކިހިނެއް މިހެން ވާނީ؟ ދިސް އިޒް ނޮޓް ޕޮސިބަލް!" އަޔާންއަށް ނިތުގައި އަތް ހިންގައިލެވުނެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ. ސިކުނޑީގައިވަނީ ވަރުގަދަ ހައިޖާނުގަނޑެކެވެ.
"މި ފެންނަ މަންޒަރުގެ ހަޤީގަތް އަހަރެން ހޯދާނީ ވެސް ކިހިނެއް؟ މި ވާހަކަ އަހަރެން ހިއްސާކުރާނީ ކާކާ؟ މި ވާހަކަތައް ބުނާނީ ކާކުކައިރީ؟ ޒޭން ގާތުތަ؟ އެކަމަކު...... ނޫން. ޒޭންގާތަކު ނޫން. މީ އަހަންނަށް ހީވާ ހީވުމަކަށް ވެސް ވެދާނެ. އެކަމަކު... އެކަމަކު... އޯމައި ގޯޑް!" ވިސްނި ވަރަކަށް، އަޔާންގެ ސިކުނޑިއަށް ދިޔައީ ބާރު ބޮޑުވަމުންނެވެ. ފެންނަމުންދާ މަންޒަރުން، އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ހިސާބަކަށް ބޮލުގައި ވެސް ރިއްސަން ފެށި އެވެ. ކޮންމެވެސް މީހަކާ އެ ވާހަކަ ހިއްސާކުރަން އޭނާ ބޭނުންވި ނަމަވެސް ފަސްޖެހެވެނީއެވެ. އެއީ ކުށްހީއަކަށް ވެދާނޭ ވެސް ހީވަނީއެވެ. އެކަމަކު ލޮލުގެ ކުރިމަތިން ފެންނަމުން ދިޔަ، މަންޒަރާ ދެކޮޅު ހަދާނީ ވެސް ކިހިނެއްހެއްޔެވެ؟
ލެޕްޓޮޕް އެނދުމަތީގައި ބެހެއްޓުމަށްފަހު، ތެދުވެ އަޔާންއަށް ދެކޮޅަށް ހިނގެންފެށުނެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށީވެސް އޭގެ އިރުގަނޑެއް ފަހުންނެވެ.
"ފޯނު..." ޖީބުގައި އަތްލަމުން އޭނާ ފޯނު އޮތްތޯ ބަލައިލިއެވެ. އެއްލި ކަޅިއަކުން ސައިޑް ކަބަޑުމަތީގައ އޮތް ފޯނު، އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ފޯނު ނަގާ އޭގެން ކޮންމެވެސް މީހެއްގެ ނަންބަރު ހޯދަން އަވަސްވެގަތެވެ.
"ކޮބާތަ ކޮބާތަ ކޮބާތަ؟" އޭނާ އެ ހޯދާ ނަންބަރު ފެނުމާއެކު އަވަސް އަވަހަށް އެ ނަންބަރަށް ޑައިލް ކޮށްލަމުން އިންތިޒާކުރީ އެ ކޮޅުން ފޯނު ނަގާނެ އިރަކަށެވެ.
***
އާދައިގެ މަތިން ކޮފީތަށި ހިފައިގެން ނުކުމެ އަރްޒަން ހުރީ ބެލްކަނީގައެވެ. ރޭގަނޑުގެ ވަގުތެއްކަމުން ޖެހެމުންދިޔަ ވައިރޯޅިތަކުގައި ވެސް ފިނިކަމެއް ހުއްޓެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ހިނގާދިޔަ ހާދިސާތަކެވެ. މިއަދުވެސް ފުލުހުން އޭނާގެ އިތުރު ބަޔާނެއް ނެގިއެވެ. އަރްޒަންވަނީ ހާސްވެ ކަންބޮޑުވެފައެވެ. ބައެއްފަހަރު އެމީހުންވެސް އޭނާއަށް ޝައްކުކުރަނީ އޭ ހިތަށް އަރަނީއެވެ. ނޭނގޭ އުނދަގުލެއް ވަނީއެވެ. ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑާ ޖެހެމުން ދިޔަ ވައިރޯޅިތައް ގޯނާ ކުރަމުން ދިޔައެވެ. ޒީޝާން އައިސް ރެއިލިންގައި އަތް އަޅުވައިލިއެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟ މިއަދު ފުލުހުން އަނެއްކާ އިތުރު ބަޔާނެއް ނެގީމަތަ؟" ޒީޝާން އަހައިލިއެވެ.
"އެކަމާ ވެސް ދެން ވިސްނޭނެތާ ދޯ!" އަރްޒަން ނުގޮތަކަށް ބުނެލިއެވެ. އޭނާ ހިނިތުންވެލި ނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ އުދާހާވޭނެވެ. ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވި ނަމަވެސް، ހިތުގައި އުފެދިގެން އުޅޭ ތޫފާނުގެ އަސަރު ދިޔައީ މުޅި ހަށިގަނޑަށް ވެސް ކުރަމުންނެވެ. ހިތްނުތަނަވަސްވެ ކަންބޮޑުވަނީއެވެ.
"ރިލެކްސް ޒޭން. އެއްވެސް ކަމެއް ނުވާނެޔޭ!" ޒީޝާން ބުނެލިއެވެ.
"ޒީއަށް ކިހިނެއް އެހާ ޔަޤީންކަން އޮންނަނީ؟ ޙަޔާތުގައި އަހަރެން ދެކުނު ހުރިހާ ހުވަފެނެއް މިގޮތަށް ވިއްސި ވިހާލިވެގެން ދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ޒީ... އަރްޒަންގެ އަޑުގައި ވަނީ މާޔޫސްކަމެވެ. އެ ހުރިހާ ހިތާމަޔަކާ އޭނާ ކުރިމަތިލާނީ ކިހިނެއްކަމެއް ނޭނގެއެވެ. ޒީޝާން، އޭނާގެ ގާތުގައި ނެތްނަމަ، އޭނާ މިހާރު ހުރީހީ ކޮންފަދަ ހާލެއްގައި ކަމެއް ވެސް ނޭނގެއެވެ.
"ޒޭން އަހަންނަށް ޓްރަސްޓް ކުރަމެއްނު. އަހަރެން ދެކެ ލޯބިވަމެއްނު. އެއީ އަހަރެން ބޭނުންވާ ހަމައެކަނި ކަމަކީ. އަހަރެން ޒޭން އާ އެކީ ހުންނާނަން." ޒީޝާން ޔަޤީންކަމާއެކު ބުނެލިއެވެ.
*****
ރާކިންގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމާއެކު ރީހާންމެންނަށް ރާކިން މަރާލާފައިވާ ގޮތްވެސް ޔަޤީން ކުރެވިގެން ދިޔައެވެ.
"މިހާރު އެނގިއްޖެ މިއީ އެކަކުކުރާކަމެއްކަން. މީއަނެއްކާ ސީރިއަލް މާޑަރާ ކޭސްއެއްތަ؟" އައިމަން އަށް ބުނެވުނެވެ.
"މިކަން ކުރާ މީހެއްގެ ވަކި މަޤްސަދެއް އެބައޮތް. މަރުވާ ކޮންމެ މީހަކީ ވެސް ކޮންމެވެސް ގޮތަކުން އެ ބޯޓާ ގުޅުން ހުރި މީހެއް. ހަމަ ހުރެހުރެފަ ފެންނަ ކޮންމެ މީހަކު މަރަނީކީ ނޫން. މި ކޭސްތަކުގައި ވަރަށް ގިނަ އެއްގޮތްކަންތައްތަކެއް އެބަހުރި. އަދިވެސް އަހަރެމެން އިތުރަށް އެކަންތައްތައް ހޯދަންވީ. އެ ނޫން ގޮތަކަށް ކުރިއެރުމެއް ލިބޭކަށް ނެތް. މި ކޭސް އަދިވެސް މިއޮތީ އެއް ހިސާބެއްގައި ހުއްޓިފަ." ރީހާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ބުނެލިއެވެ.
"އަހަރެމެން އެއްވެސް މީހަކަށް އިތުބާރުކޮށްގެން ނުވާނެ. އަރްޒަންއާއި ޒީޝާންއާ ދެމީހުންކުރެ މީހަކު މިފަދަ ކަމެއްކުރުން ވަރަށް ނާދިރު. އެކަމަކު ވެސް އެ ދެމީހުންނަށް ވެސް އިތުބާރުކޮށްގެން ނުވާނެ! ގިނަ ފަހަރަށް ކުށް ކުރާނީ ވެސް އެންމެ ހީ ނުކުރާ މީހާ!" ރީހާން އިތުރުކޮށްލިއެވެ.
*****
ހެނދުރު އެރި އިރާއެކު ޒީޝާންއަށް އާރާގެ ފޯނެއް އައެވެ.
"ޒީ އާރާ އެބަ ގުޅާ!" އަރްޒަން ސޯފާމަތީގައި އޮތް ޒީޝާންގެ ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ބަލައިލަމުން ޒީޝާންއަށް ބުނެލިއެވެ. އޭރު ޒީޝާން އުޅެނީ ކައްކާބައިގައެވެ.
"ނަގާބަލަ!" އޭނާ ބާރަށް ބުނެލިއެވެ. އެ އަޑުގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. އަރްޒަން ފޯނު ނަގާފައި ވާހަކަ ދައްކަން އަނގަ ހުޅުވައިލި ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އާރާގެ ގިސްލުމުގެ އަޑެވެ.
"އާރޫ... ވަޓް ހެޕެންޑް؟" އަރްޒަންއަށް ހާސްކަމާއެކު އަހައިލެވުނެވެ. ފޯނު ހިފައިގެން އޭނާއަށް ހިނގައިގަނެވުނީ ޒީޝާންއާ ދިމާލަށެވެ.
"ޒީ އާރޫ އިސް ކްރައިން! ކޭން ޔޫ ޓޯކް ޓު ހާރ" އަރްޒަން ހާސްކަމާއެކު ބުނެލިއެވެ.
"ބުނެބަލަ ފަހުން ގުޅަން. އަހަރެން ކުޑަކޮށް ބިޒީކޮށް. މިކަންތައް ނިންމައިލާފަ ގުޅާނަން" ޒީޝާން ބުނެލި އެވެ.
"ޒީ. ޝީ އިޒް ޔޯ ބެސްޓް ފްރެންޑް. ޝީ ނީޑްސް ޔޫ... ނޭނގެއެއްނު ކިހިނެއްވީކަމެއް ވެސް" އަރްޒަންއަށް ބުނެވުނެވެ. ދެން އިވުނީ ފޯނު ކެނޑިގެން ދިޔަ އަޑެވެ.
އާރާއަށް ޒީޝާންގެ ވާހަކަތައް އަޑު އިވުނީކަމުގައި އަރްޒަންއަށް ޔަޤީން ކުރެވުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން، އައިސް ސޯފާގައި އިށީނދެލާ އަލުން އާރާއަށް ގުޅައިލިއެވެ.
"އާރޫ. އައި އެމް ސޮރީ. އެނގެއެންނު ޒީގެ ބިހޭވިއަރ ވަރަށް ބޮޑަށް ޗޭންޖް ވެއްޖެކަން. ޝީ ނީޑްސް މޯ ޓައިމް. ވަޓް ހެޕެންޑް؟" އަރްޒަންއަށް އަހައިލެވުނެވެ.
"ޖިނާ ގައިގައި ބަޔަކު ތަޅައިގަތީ. ޑިއުޓީ ނިންމާފައި ގެއަށް އައި ގަޑީ. ހޮސްޕިޓަލުގައި" އާރާއަށް ބުނެވުނެވެ. އޭނާ ވާހަކަ ދެއްކީ ހުއްޓެމުންނެވެ.
"ކާކު؟"
"ރަފްހާން..." އާރާ ބުނެލިއެވެ.
"ރަފްހާން އޭ. އާރާގެ ކުރީގެ..." އަރްޒަން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ.
މަރާލާނެ ކަމަށް ބުނެ އިންޒާރުވެސް ދިން" އާރާއަށް ބުނެވުނެވެ.
"އާރޫ. ޑޯންޓް ވޮރީ. އަހަންނާ ޒީއާ މިދަނީ އިނގޭ" އަރްޒަން ބުނެލި އެވެ.
އަރްޒަން ގޮސް ޒީޝާން ގާތު ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަރްޒަންގެ އެދުމަށް ދެކޮޅު ނަހަދަން ވެގެން ޒީޝާންވެސް އަރްޒަންއާއެކު ހޮސްޕިޓަލަށް ދާން ނިންމިއެވެ.
ޖިނާން ބާއްވާފައި އޮތް ކޮޓަރިއަށް ވަތްއިރު އެތަނުގައި އަޔާން ވެސް ހުއްޓެވެ.
"ޒޭން" އަޔާންއަށް އެތަނަށް ވަތް އަރްޒަންމެން ފެނި ގޮވައިލެވުނެވެ.
"އައި ވިލް ބީ ބެކް" އަޔާން ބުނެލިއެވެ.
"އަހަރެމެން އައިމަ ދަނީތަ؟" އަރްޒަން އަހައިލިއެވެ.
"ނޫނޭ އައި ވިލް ބީ ބެކް އިން އަ ވައިލް!" އަޔާން ބުނެލިއެވެ. އޭނާ އެތަނުން ނުކުމެ ފުންނޭވާއެއް ދޫކޮށްލި އެވެ. ސިކުނޑި ހާސްވަމުން ދިޔުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އޭނާ ދާހިތްލާގޮތް ވެސް ވިއެވެ. އެތަނުގައި ހުއްޓާ ގޭޓުން އެތެރެއަށްކަމާލުއާ އެކީގައި ވަދެގެން އައި ރައުދާ އަޔާންގެ ލޮލުގައި އަޅައިގަތެވެ. އޭނާއަވަސް އަވަހަށް އެދެމީހުންނަށް ފުރަގަސްދިނީ އޭނާ ފެންނަން ބޭނުންނުވީތީއެވެ. ތަންކޮޅެއް ދުރަށް ޖެހިލާ އަޔާން އަނެއްކާވެސް ގުޅައިލީ އޭނާ ކުރިން ގުޅި ނަންބަރަށެވެ.
"ކޮބާ އަހަރެން ބުނި ކަންތައް ވެއްޖެތަ؟" އަޔާންއަށް އަވަސްއަވަހަށް ސުވާލުކޮށްލެވުނެވެ.
"އަހަރެން އެބަ އުޅެން އެކަމާ... އޭނަ އާ ކޮންޓެކްޓް ކުރެވުނުހާ އަވަހަކަށް އަހަރެން އަޔާންއަށް ގުޅާނަން" އެކޮޅުން ބުނެލިއެވެ. އަޔާން އާއެކޭ ބުނެލުމަށްފަހު، ފޯނު ބޭއްވިއެވެ. އެއްފަރާތު ފާރުގައި އަތް ޖައްސައިލަމުން އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލި އެވެ.
ތިން ހަފްތާ ފަސް
******
ކޮޓަރިއަށް ވަތް ބަތޫލްގެ މޫނުމަތި ވަނީ މިލާފައެވެ. ރުޅިވެރިކަމާއެކު އޭނާ ދަބަސް އެނދުމައްޗަށް އެއްލައިލުމަށްފަހު، އެނދުގައި އިށީނދެލިއެވެ. ހަޅޭއްލަވައިގަތުމާއެކު، ބޮލުގެ އިސްތަށިގަނޑަށް ވެސް ދަމައިގަތެވެ.
"އަރްޒަން... ވައި؟ ވައި؟ ވައި؟" އަދިވެސް ކީއްވެ އެ ޒީޝާން އާ އެކު ތިއުޅެނީ... ޒީޝާން ވެސް.. އަހް" ބަތޫލްއަށް ބުނެވުނެވެ. މީހާ ހަމަޖެހެމުން ލީ ފުންނޭވާއާއެކު ބަތޫލްއަށް އެނދުގެ ސައިޑް ކަބަޑާ ދިމާ ބަލައިލެވުނެވެ. އެނދުން ތެދުވަމުން ގޮސް އޭގައި ހުރި ފޮޓޯތައް ނަގާ އޭނާ އެއަށް ބަލައިލިއެވެ.
"އަހަރެން އޭރުވެސް ބުނިން އަހަރެންނަށް މި ހިތާމަތައް ދީފަ އަރްޒަންއަށާ ޒީޝާންއަށް ހަަމަޖެހިލައިގެން ނޫޅެވޭނޭ. އަހަރެން އެކަން ކުރާނަން. " ބަތޫލް އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި ވަނީ އާދަޔާ ޚިލާފް ޖޯޝެކެވެ. ބެލްކަންޏަށް ނުކުމެލިއިރު އިރުއޮއްސި ރަތްވިލާ ލައިފިއެވެ. ޤުދުރަތުގެ ފިހި އެކިކުލަކުލައިން އުދަރެސްފަވަމުން ދުނިޔެމައްޗަށް އުފާވެރިކަން ގެނެސްދެމުން ދިޔަ ނަމަވެސް، އެއިން އެއްވެސް މަންޒަރަކުން ބަތޫލްއަށް ހިންހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ތަބީއަތު އެހާ ބޮޑަށް ގޯސްވެގެން އެ އުޅެނީ މިއަދު އަރްޒަންއާ އެކު ޒީޝާން އާ ދެމީހުން ގޮސް ފުލުހުންގެ އިދާރާއަށް ވަތްތަން ފެނިފައެވެ. އެ ދެމީހުންގެ އަތް ވަނީ ގުޅިލާމެހިފައެވެ. ވަންނަމުން ދިޔަ ވަގުތު ޒީޝާން އަރްޒަންއަށް ބަލައިލުމަށްފަހު ބޯ ޖަހައިލތަން ވެސް އޭނާ އަށް ފެނުނެވެ. ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ބަތޫލްއަށް އޭނާގެ ރުޅި ކޮންޓްރޯލް ކުރަން ދަތިވިއެވެ. އެ ޚިޔާލުތަކުގެ ތެރެއިން އޭނާއަށް އަރްޒަން ކުރި މެސެޖްވެސް އޭނާގެ ހަނދާނަށް އައެވެ.
"ރާކިންއާ ގުޅިގެން ވިޔަސް ބަތޫލް ތިކުރީ ވަރަށް ނުބައި ދަށު ދަރަޖައިގެ އަމަލެއްކަން އެނގޭތަ؟ އަހަރެން ދުވަހަކުވެސް ބަތޫލްއަކަށް މާފެއް ނުކުރާނަން. އަހަރެންނާ ޒީގެ ގުޅުމަކީ އެހާ ފަސޭހައިން ކެނޑިގެން ދާނޭ ގުޅުމެއް ނޫން! ޒީ އަހަންނަށް އަބަދުވެސް އިތުބާރުކުރާނެ! ތިހެން ދައްކައިލާ ފޮޓޯ ގަނޑަކުން އަދި އަހަރެމެން ދެމީހުންގެ ދެމެދުގައި ވާ ލޯތްބާއި އިތުބާރަށް ބަދަލެއް ނާންނާނެ." ކުރު އެހެނަސް މާނަފުން މެސެޖެކެވެ. އެ މެސެޖުން އެކަނިވެސް އޭނާއަށް އެ ދެމެެދުގައި އޮތް ލޯބި އަންދާޒާކޮށްލެވެއެވެ.
"ތި ލޯބި ތިގޮތުގައި އޮތް ނަމަވެސް ތި ދެމީހުންނަށް ދިރިއުޅެން އުނދަގޫ ކުރާނަން. އެހެންނޫނީ މަގޭނަމަކަށް ބަތޫލްއެއް ނުކިޔާނެ!" ބަތޫލް ބުނެލިއެވެ. ފޯނު ހުޅުވައިލާ އެ ފޮޓޯތަކުގެ ސޮފްޓް އޭނާ ހޯދިއެވެ. އެ ފޮޓޯތައް ލީކްކޮށްލަން ބަތޫލް އަވަސްވެގަތީ އެ ދެމީހުންގެ ކިބައިން ރަނގަޅުބަދަލެއް ހިފުމަށެވެ.
(ނުނިމޭ)