ވަށައިގެން ބަލައިލުމަށްފަހު، ކަބަޑުމަތީގައި ހުރި ފެންތަށި ގަނާ އެއްނޭވާއިން ފެންތަށި ދަމައިލިއެވެ. އެއަށްފަހު އޭނާ އެ ހުވަފެނުގައި ފެނުނު އެއްޗެހި ހަނދާނަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ.
ހުވަފެނުގެ އެއްވެސް މަންޒަރެއް ސާފުކޮށް އަރްޒަންގެ ސިކުނޑިއަށް ސިފަވާގޮތެއް ނުވިއެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރުލިޔަސް ވެސް މެއެވެ. ނަފްސަށް ވެރިވި ނުތަނަވަސްކަމާއެކު، އަރްޒަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިސާބަކަށް މީހާ ހަމަޖެހިލުމަށްފަހު، ގަޑިއަށް ބަލައިލި އަރްޒަން އަނެއްކާވެސް ނިދާލަން ގަސްތުކުރިއެވެ. އޭރު މެންދަމުން އަލިވެ ދެ އެއް ޖަހަނީއެވެ.
*****
ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. އަންވަރު ކާޑު ޖަހާލާފައި އެޕާރޓްމެންގެ އެތެރެއަށް ވަނުމާއެކު ސޯފާގައި އިން ފިރާޤު އަންވަރަށް ގޮވައިލިއެވެ. ބައްޕައަށް ބަލައިލާ ހިނިތުންވެލަމުން ބޫޓު ބައިލާ އެއްފަރާތުގައި ހުރި ހަރުގަނޑަށް ލަމުން އަންވަރު އައިސް ފިރާޤު ކައިރީގައި މަޑުކޮށްލިއެވެ.
"ކިހިނެއްވީތޯ ބައްޕާ؟" އަންވަރު ސުވާލުކޮށްލިއެވެ.
"ބައްޕަ ބުނީ މިހާރު އެއްކަލަ މައްސަލަ ނިމުނީތަ؟"
"ކޮން މައްސަލައެއް؟" އަންވަރަށް އަހައިލެވުނެވެ.
"ފްލައިޓް ތެރޭގައި ޖައުފަރު މަރުވިއެއްނު..." ފިރާޤު ޝައުގުވެރިކަމާއެކު އަންވަރުގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
ފިރާޤުގެ ސުވާލާއެކު އަންވަރުގެ މޫނުމަތިން ހިސާބެއްގެ ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. ބައްޕަ ކުއްލިއަކަށް އެ ސުވާލުކުރުމުން އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.
"ދެންމެ ހަބަރުގެ އަނެއްކާ އެވާހަކަ ކީމަ ހަނދާންވެގެން އަހައިލެވުނީ. އަނެއްކޮޅުން އެ ޒުވާނާ ރަނގަޅުތަ؟ އެ ސޮރަށް އެއްވެސް ގޮތެއް ވޭތަ؟" ފިރާޤަށް ބުނެވުނެވެ. އޭނާގެ އަޑުގައި ހިސާބެއްގެ ކަންބޮޑުވުމެއް ވާހެންވެސް އަންވަރަށް ހީވިއެވެ. އެހެންނަމަވެސް އޭނާ އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
"އެކަން ނިމިއްޖެ މިހާރު! ހާޓް އެޓޭކެއްކަމަށް ބޮޑަށް ބެލެވެނީ... ދެން ތި ބުނީ އަރްޒަންގެ ވާހަކަތަ؟ އަރްޒަންއަށް ގޮތެއް ވާންޖެހޭތަ؟ އޭނަގެ ވަޒީފާއެއް ނުގެއްލޭނެއެއްނު. އޭނަ ހަމަ ވަރަށް ރަނގަޅަށް އުޅެނީ. އެހެންވާ ކަންތައްތަކުގައި ޕައިލެޓަށް އެއްވެސް ކަހަލަ އަދަބެއް ނާންނޭނެ." އަންވަރު އޮޅުން ފިލުވައިދިނެވެ.
"އެހެންވީމަ އޭނަ ހަމަ ބަރާބަރު ދޯ!." ފިރާޤަށް އަނެއްކާވެސް އަހައިލެވުނެވެ. އޭނާ ޔަޤީންކަން ބޭނުންވާ ފަދައެވެ.
"އާނ. އޭނަ ހަމަ ކުރިއެކޭ އެއްފަދަ. ބައްޕަ ހާސްނުވޭ ދެން! ހެހެ" އަންވަރު ލުއި ހުނުމަކާއެކު ބުނެލިއެވެ.
ލިބުނު ޚަބަރުން ފިރާޤަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަންވަރު ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ފިރާޤު އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ކީކޭކަމެއް ލަފާކޮށްލާކަށް ނޭނގުނެވެ. ޓީވީއަށް ނަޒަރު ހުއްޓަލައިގެން އިންނަމަވެސް، ފިރާޤުގެ ވިސްނުން ގުޅިފައިވަނީ މުޅީން އެހެން ކަމަކާއެވެ.
އެއް މަސް ފަސް
**********
އެއާރޕޯޓް އޮފީސްތެރެއަށް ވަތް ޒީޝާންގެ މޫނުމަތި އެހެން ދުވަސްދުވަހަށް ވުރެ އުޖާލާވެފައިވެއެވެ. އެހެންމީހުންނަށް އެކަން ފާހަގަ ނުކުރެވުނެއްކަމަކު އެންމެ ގާތް އާރާއަށް ޒީޝާންގެ މޫނުމަތީގައިވާ އަސަރުތައް ރީތިކޮށް ފާހަގަވިއެވެ. އޭނާ އެކުވެރިޔާއާ ލާނެއް ސަމާސާއެއް ކޮށްލިއެވެ.
"ދުވަސްގަނޑެއް ކޮށްލާފަ ދޯ ޒޭން އާ އެކީ ފްލައިޓެއް ޖެހުނީ... އާ އެހެންޏަ. ދެ ކޯތާފަތް ވެސް ހީވަނީ ޖަންބެއްހެން. އަދިވެސް އެވަރު ވޭތަ ހަމަ... އައި މީން މިހާރު ޒޭން އެއީ ޒީގެ މީހެއްނު!" ޒީޝާންގެ ކަންފަތް ދޮށުގައި އާރާ މަޑުމަޑުން ބުނެލަމުން ޒީޝާންގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖަހައިލިއެވެ. އެއަށްފަހު އޭނާ ލޮލުން ތަންކޮޅެއް ދުރުގައި އަންވަރާ ވާހަކަ ދައްކަން ހުރި އަރްޒަންއަށް އިޝާރާތް ކޮށްލިއެވެ.
"ސާބަސް އާރޫ!" ޒީޝާން ލޯ ހަނިކޮށްލިއެވެ. އެއަށްފަހު، އަރްޒަންމެންނާ ދިމާލަށް ބަލައިލިއެވެ. އާރާއާ ދެމީހުން އެފަދަ ވާހަކަތަކެއްގައި އިރުކޮޅަކު ތިއްބެވެ.
" ހޭ އިންފްލައިޓް ސުޕަވައިޒާ އަކީ ޔަމާނީ ދޯ!" އާރާ އަހައިލިއެވެ. ޒީޝާން ބޯ ޖަހައިލިއެވެ.
"ޔާ... އާރޫ. ވެއިޓް އަ މިނިޓް... މެއަށް ފާޑެއްގެ ގޮތެއް އެބަވޭ. ހީވަނީ ހޮޑު ލަވަނީހެން..." ޒީޝާން މޭގައި އަތް ޖައްސައިލަމުން ބުނެލިއެވެ.
"އާރ ޔޫ އޯކޭ؟" ޒީޝާންއަށް ބަލައިލި އާރާގެ އަޑުގައި ކަންބޮޑުވުންވިއެވެ.
"ޔާ... އައި އެމް ފައިން. އައި މީން އައި ވޯޒް. އެކަމަކު މިއަދު އެއާރޕޯޓަށް އައިފަހުން ހަމަ ފާޑަކަށް ބޯ އަނބުރާ ގޮތެއް ވަނީ. ވެދާނެ ރޭގަ ރަނގަޅަށް ނުކައި ނިދުނީމަކަމަށްވެސް. އެނީވޭ ވެއިޓް ފޯ މީ. މި އަންނަނީ ފާހާނާއަށް ވަދެލާފައި!" ބްރީފިން ރޫމާ ދިމާލަށް ހިނގައިގަތް އަރްޒަންމެނަށް އަވަސް ނަޒަރެއް ދެމުން، އާރާގެ ކޮނޑުގައި ޖަހާލާފައި، ޒީޝާން ބުނެލިއެވެ.
"އޯކޭ. އަވަސްކޮށްލާތި އިނގޭ!"
ފާޚާނާއަށް ވަދެ މޫނު ދޮންނަ ތައްޓާ ހިސާބަށް ދެވުނީ ކިރިއާއެވެ. ޒީޝާންއަށް ހޮޑުލެވިއްޖެވެ. ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލި ވަގުތު މޫނުމައްޗަށް އަނދިރިވި ޒީޝާންއަށް، އޭނާގެ ބޮލުގައި ހިފައްޓައިލެވުނީ ބޮލަށް އެރި ތޫނު ރިހުމާއެކީގައެވެ. ކެތްކުރަން އުނދަގޫވާ ފަދަ، ތޫނު ރިހުމެކެވެ. ހިނދުކޮޅަކަށް ވިޔަސް ، ދެފަޔާ ދެ އަތް ތިލަ އައްސިވެގެން ދިޔައެވެ. އޭނާއަށް ގޮތެއް ވަނީހެން ހީވެ ބިރުވެރިކަން މީހާ ވަށައިލި ފަދަ އިޙްސާސްއާއެކު، ޒީޝާންއަށް ފުންކޮށް ނޭވާލާން ފެށުނެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
އިރުކޮޅެއް ފަހުން މީހާ ހަމައަކަށް އެޅިލި ނަމަވެސް ބޮލުގެ ރިހުން ކޮންމެވެސް ވަރަކަށް ހުއްޓެވެ. ޒީޝާން ނިންމީ މާ ބޮޑަށް ގެސްޓްރިކް ވީކަމުގައެވެ. ފްލައިޓަށް ދިޔުމުގެކުރިން ބޭސް ގުޅައެއް ކައިލަން އޭނާ ނިންމިއެވެ. ފާޚާނާއިން ނުކުތުމަށްފަހު، އޭނާ އާރާއަށް މަޑުކުރުމަށް އިޝާރާތް ކޮށްލުމަށްފަހު، ރެސްޓިން ރޫމާ ދިމާލަށް ހިނގައިގަތީ ބޭސް ގުޅައެއް ކައިލުމުގެ ބޭނުމުގައެވެ. ބޭސްކައިގެން ނުކުމެ އާރާއާ ދެމީހުން އެކުގައި ބްރީފިން ރޫމަށް ވަނެވެ. ބްރީފިން ނިންމާލުމަށްފަހު، އަރްޒަންގެ ފަހަތުން ޒީޝާން ނުކުމެނުކުމެ ހުއްޓާ ބޮލަށް އެނބުރުން އަރާ މީހާ އަރި އަޅައިލާ ގޮތްވިއެވެ.
ފަހަތުގައި ހުރި އާރާ ހިފެއްޓި ނަމަވެސް އޭނާއަށް ވެސް އޮވެވުނީ ގުދަށެވެ. އާރާގެ މަޑު ހަޅޭކާއެކު އަރްޒަން ފަހަތް ބަލައިލިއެވެ. އޭނާ ޒީޝާންގެ ހަށިގަނޑުގައި ހިފައްޓައިލިއެވެ. އެތެރޭގައި ހުރި ސޯފާގައި ޒީޝާން ބޭއްވުމަށްފަހު އާރާ ޒީޝާންއަށް ގޮވައިލިއެވެ.
"ޒީ ޒީ..."
އަރްޒަންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ. ކަންބޮޑުވުމެވެ.
"ޒީ... ޒީ... ކިހިނެއްވީ؟" އޭނާއަށް ވެސް ޒީޝާންގެ ކޯތަފާތުގައި އަތް ޖައްސައިލަމުން ސުވާލުކޮށްލެވުނެވެ. ޒީޝާން ހޫނުހެން ހީވެ އާރާ ޒީޝާންގެ ނިތުގައި އަތް ޖައްސައިލިއެވެ.
"ޒީ ހާދަ ހޫނޭ!." އަތްލި ބާރުމިނުގައި އާރާއަށް އަތް ދަމައިގަނެވުނެވެ.
"ކްލިނިކަށް ގެންދަންވީނު. ވީ ވިލް ނީޑް ވަން މޯ ކެބިން ކްރޫ... ޖިނާން އެންޑް ޒޭބާ އާރ އޮން ސްޓޭންޑް ބައި ޓުޑޭ..." ޔަމާނީ ޑިސްޕެޗް އޮފިސަރއަށް ބަލައިލިއެވެ. ކުއްލިއަކަށް ޒީޝާން އެނބުރުން އަރައިގަނެގެން ވެއްޓުމުން އެ ވަގުތު ޒީޝާން ގާތުގައި މަޑުކުރަން އަރްޒަން ހުރީ ކިތަންމެހާވެސް ބޭނުންވެފައެވެ. އެކަމަކު މިއީ އޭނާގެ ވަޒީފާއެވެ. ޒީޝާން ކްލިނިކަށް ގެންދަން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުން އަވަސްވެގަތުމާއެކު، އަރްޒަންމެން އަވަސްވެގަތީ ފްލައިޓަށް ދިޔުމަށެވެ.
ޒީޝާންއަށް ހޭވެރިކަމެއްވީ ކްލިނިކްގައި އޮއްވައެވެ. ލޯ ހުޅުވައިލުމާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހުދު ސީލިންގެވެ. އަތް އުފުއްލާލުމާއެކު، އަތަށް ގުޅާފައިވާ އައިވީ ވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ.
"ޒީ... އާ ޔޫ އޯކޭ؟" ގާތުގައި އިން ޖިނާން އަހައިލިއެވެ. ޖިނާން އެވަގުތު ހުރީ ޒޭބާ އާއެކު ސްޓޭންޑްބައި ޑިއުޓީގައި ކަމަށްވުމާއެކު، ޒޭބާ ފްލައިޓަށް ދިޔުމާއެކު އޭނާ ޒީޝާންއާއެކު އައީއެވެ. އޭރު ގާތުގައި ކުންފުނީގެ އެހެން މީހަކު ވެސް ހުއްޓެވެ.
"އައި އެމް އޯކޭ..." ޒީޝާންއަށް ބުނެވުނެވެ.
"އަހަރެމެން ބެޗްގެ ހުރިހާ އެންމެންގެ ތެރެއިންވެސް އެއާރޕޯޓް ކްލިނިކަށް ގެންނަން ޖެހުނު ފުރަތަމަ މީހާގެ ޝަރަފު ޒީ އަތުލީ ދޯ... " ޖިނާން ބުނެލިއެވެ.
"ސާބަސް..." ޒީޝާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް ބޮލުގައި ރިއްސަމުން ދިޔައެވެ.
"ކީކޭ ޑޮކްޓަރ ބުނީ؟"
"ޑޮކްޓަރ ބުނީ އަނެއްހެން މާ ބޮޑުކަމެއް ނޫނޭ. އޭރު ހުން އައިސްފަ ހުރީ. އެކަމަކު މިތަނަށް ގެނައިފަހުން ހުން ވެސް ރަނގަޚުވެއްޖެ! އަހަރެން ގުޅައިފިން ޒީ މަންމައަށް ވެސް. ބުނީ އެބަ އަންނަމޭ... ހޭ... ޑޮކްޓަރަށް ގޮވާލަދީބަލަ" ޒީޝާންއާ ވާހަކަ ދެއްކުމަށްފަހު، އެތަނުގައި ހުރި ކުއްޖާއަށް ގޮވާލާފައި ޖިނާން ބުނެލިއެވެ.
"އެހެންތަ؟ ދޭ ވިލް ބީ ސޯ ވޮރީޑް. ނުގުޅިނަމަ" ޒީޝާންއަށް ބުނެވުނެވެ.
"ދެން ނުގުޅާހުއްޓާ ކަމެއް ވިއްޔާޔޯ" ޖިނާން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.
"އޯކޭ އޯކޭ! މީނަ ކައިރީ މަށަށް ސަލާމަތެއް ނުވެވޭނެ. "
"ކޮން އޯކޭ އެއް ކިޔާކަށް. އަރްޒަން ވެސް ހީވަނީ ފްލައިޓަށް ވެސް ނުދާން އުޅުނު މީހެއްހެން ވިއްޔަ. ތި ދެމީހުން ހާދަހާ އޭ އެކަމަކު ލޯބިވަނީ...ދެން މަ ބުނާނެ އެއްޗެއް ނެތް. ތިހާ ލޯބިން އުމުރަށް ވެސް އުޅޭށޭ..." ޖިނާން ޒީޝާންއާ ދިމާކޮށްލިއެވެ.
"ދެން އާރާއޯ... އާރާ ލިބުނީމަ އެކަމާ މީހަކު އުފާވިވަރު ކިޔައިދޭންވީތަ؟" ޖިނާން ގައިގައި ޖަހަން އަތް މަޅައިލި ޒީޝާންގެ އަތަށް ތަދު އިޙްސާސްކުރެވުނީ އަތަށް ގުޅާފައިވާ އައިވީއަށް ވާންވުމާއެކުގައެވެ.
"ފްލައިޓް ނައްޓާލަފާނެ؟" ޒީޝާން ސުވާލުކޮށްލިއެވެ.
"އުހުން. ފްލައިޓް އޮންނާނެ ޒީ ތިތަނުން ތެދުވަންދެން..." ޖިނާން ދިމާކޮށްލިއެވެ.
"ހަމަޖެހިބަލަ!! އަރްޒަންއަށް އެކޮޅަށް ދެވުނުހާ އަވަހަކށް ގުޅާނެޔޭ. ބަޓް ރައިޓް ނައު ހީ ހޭޒް ނޯ ޗޮއިސް.. " ޖިނާން ބުނެލިއެވެ.
"އެއްކަލަ ޖިނާ..." ޒީޝާން ތުންކޮޅު އޫކޮށްލިއެވެ. ޖިނާންގެ މަޑު ހުނުމުގެ އަޑު އެތަނުގައި ގުގުމައިލުމާއެކު ޒީޝާންއަށްވެސް ބޭއިޚްތިޔާރުގައި ހެވުނެވެ.
*****
ހޮޓެލަށްގޮސް އެންމެ ފުރަތަމަ ވެސް އަރްޒަން އޮންލައިންވެފައި ގުޅީ ޒީޝާންއަށެވެ. ނަސީބަކުން އޭރު ޒީޝާން ހުރީ ގޭގައެވެ.
ޓެރެސްގައި މަޑުކޮށްލައިގެން ހުރި ޒީޝާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އަރްޒަންގެ ކޯލަކަށް ވީތީއެވެ.
"ބަލިވެ އުޅޭ ވާހަކަ ނުވެސް ބުނަމެއްނު! އަޅެ މިއަދު ސިކް ލީވް އެއް ނެގިނަމަ" ޒީޝާން ފޯނު ނެގުމާއެކު އަރްޒަންއަށް ކޮށްލެވުނީ ޝަކުވާއެވެ.
"އައި އެމް އޯކޭ އޭ ނައު.... އެ ގަޑީގައި އެކަނި ހުން ވެސް އައީ"
"ޓޭކް ރެސްޓް އިނގޭ. ހަމަ ޒީގެ ހާލު ބަލައިލަން ހޮޓެލަށް އައި ގޮތަށް މި ގުޅީ. ރޫމަށް ގޮސް ހަބަރު ވާނަން އިނގޭ!" ރިޝެޕްޝަނާ ގާތް ވެލުމަށްފަހު އަރްޒަން ބުނެލިއެވެ. އެއަށްފަހު އޭނާ ލޯބިވާކަމަށް ބުނެލާފައި ފޯނު ބޭއްވިއެވެ.
އަރްޒަން ފޯނު ބޭއްވުމުން ވެސް ޒީޝާން އެތައްއިރަކު ޓެރެސްގައި ހުއްޓެވެ.
ތިރިއަށް ގޮސް ސިޓިން ރޫމަށް ނުކުތްއިރު މަންމަ ހިންދުއާ އިލްހާމްއާ ދެމީހުން ވާހަކައެއްގައި ތިބެފައި އޭނާ ހަމަފެނުމާއެކު، ވާހަކަ ހުއްޓައިލިއެވެ. ޒީޝާންއަށް އޭނާގެ ދެ ބުމަ ހިއްލައިލެވުނީ ބޭއިޚްތިޔާރުގައެވެ.
މަޑުފިޔަވަޅުތަކެއްގައި އައިސް އޭނާ ވަކިން ހުރި ސޯފާގައި އިށީނުމަށްފަހު އެ ދެމީހުންނަށް ފުން ނަޒަރެއްދިނެވެ.
"ދަރިފުޅު މިހާރު ރަނގަޅުތަ؟" އިލްހާމް ސުވާލުކޮށްލިއެވެ. އެ އަޑުގައި އޯގާތެރިކަމާއި އަޅާލުންވިއެވެ.
"ޔާ. އައި އެމް ޓޯޓަލީ ފައިން ޑޭޑް!" ޒީޝާން ހިނިތުންވެލިއެވެ.
"ދަރިފުޅާ ވާހަކައެއް ދައްކައިލަން ވެފަ އެބައޮތޭ!" އިލްހާމްގެ މޫނުމަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ.
"ދުވަސްގަނޑެއް ވެއްޖެ މި ވާހަކަ ދައްކަން ބޭނުންވެގެން އުޅޭތާ..." ހިންދުއަށް ބަލައިލުމަށްފަހު، އިލްހާމް އަނެއްކާވެސް ބަލައިލީ ޒީޝާން އަށެވެ. އިލްހާމް ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން ސިކުނޑިއަށް ނަގައިގަންނަން ނޭނގުނު ޒީޝާންވެސް ހިސާބަކަށް ނުތަނަވަސްވާގޮތް ވިއެވެ. އޭނާ އިނީ އިލްހާމްގެ ވާހަކައަށް ފުރިހަމައަށް ސަމާލުކަން ދީގެންނެވެ.
"ދަރިފުޅަށް އެނގޭތަ އުމަރު... ބައްޕަގެ ގާތް ރަޙުމަތްތެރިއެއް އެއީ..."
"އަންކަލް އުމަރު؟ ލައްބަ! އިނގޭ..." ޒީޝާން ބުނެލިއެވެ. އުމަރުގެ ހުންނާނެ ދަރިފުޅުމެން ވަރުގެ ފިރިހެން ކުއްޖެއް. އެމީހުންގެ ދަރިފުޅާ ދެކުދިންގެ ކައިވެންޏަށް އެދިގެން އެވާހަކަ ބައްޕަ ކައިރީގައި ދައްކާތާ ދުވަސްކޮޅެއްވެއްޖެ!" އިލްހާމްގެ ޖުމްލަ އަޑު އިވުނު ޒީޝާންގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ނޭވާލާން ވެސް ހަނދާންނެތިފައިވާ މީހެއްފަދައިން އޭނާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. ޒީޝާންއަށް އައި ކުއްލި ބަދަލުން އިލްހާމްއަށް ބަލައިލެވުނީ ހިންދަށެވެ. ހިންދު ބޯ ޖަހައިލުމާއެކު އިލްހާމް ވާހަކަ ދެއްކިއެވެ.
"ދަރިފުޅު އަނެއްކާ އެކަހަލަކަމެއް ކުރަނީތަ؟ މި ބުނީ ތި ޙަޔާތަށް ގެންނާނެ ބައިވެރިއަކު އިޚްތިޔާރުކޮށްފިންހޭ؟ ނޫނީ އެކަހަލަ ވިސްނުމެއް އެބަ ގެންގުޅެންހޭ؟ " އިލްހާމް ސީދަލަށް ސުވާލުކޮށްލިއެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި ޒީޝާން އިންދާ އަނެއްކާވެސް އިލްހާމް އެ ސުވާލު ތަކުރާރުކޮށްލިއެވެ.
"އެމީހުންގެ ދަރިފުޅަކީ ވެސް ކިޔައިވައިގެން ހުރި ޤާބިލް ޒުވާނެއް. ކޮންމެ ގޮތަކުން ބެލި ނަމަވެސް ދަރިފުޅާ ވަރަށް ގުޅޭނެ. އަނެއްކޮޅުން އެ އާއިލާއަކީވެސް އެހާ ރަނގަޅު އާއިލާއެއް!" އިލްހާމްގެ ސުވާލަށް ޒީޝާން ޖަވާބު ނުދިނުމާއެކު އަނެއްކާވެސް އިލްހާމް ވާހަކަ ދެއްކިއެވެ.
"ޒީ. ބައްޕަ އެބަ ވާހަކަ ދައްކައޭ!" ހިންްދުގެ ވާހަކަ އަޑު އިވުމާއެކު، ޒީޝާންއަށް ހިންދުރުވައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ހިންދުގެ މޫނަށެވެ. ހިންދުގެ މޫނުމަތިން ވެސް އޭނާއަށް ފެނުނީ އިލްހާމްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރެވެ. އެ ދެމީހުންވެސް ތބީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައިކަން އޭނާގެ ހިތަށް ފަހުމްވުމާއެކު، މީހާގެ ނަފުސަށް ހަރުކަށިކަން ވެރިވެ މީހާ ފިނިވިއެވެ.
މިއީ އަރްޒަންގެ ވާހަކަ އޭނާގެ މައިންބަފައިން ގާތު ބުނަންވީ ވަގުތުކަމުގައި އޭނާގެ ސިކުނޑި ބުނަމުން ދިޔައެވެ. އަރްޒަންގެ ނަން އެ ދުލުން ބޭރުކުރަން ޒީޝާން ވަރަށް މަސައްކަތް ކުރިއެވެ. އެންމެ އަކުރެއްވެސް އޭނާގެ ދުލުން ބޭރުވާގޮތެއް ނުވިއެވެ. ހީވަނީ މީހޭގެ ދޫ ވަރުގަދަ ވާފަށަކުން ބަނދެލާފައިވާ ހެންނެވެ. ޒީޝާން ވާހަކަ ދައްކަން އަނގަ ހުޅުވައިލި ދެފަހަރުވެސް އޭނާއަށް މަޖުބޫރުވީ ހިމޭންކަމާއެކު އެ އަނގަ ލައްޕައިލާށެވެ. ގަނެފައި ހުރި ބިރާ ނުތަނަވަސްކަމުގެ ސަބަބުން ކަންނޭނގެއެވެ. އޭނާގެ މުޅި ނިތްކުރިމަތިން ދާ ހިއްލާލައިފިއެވެ.
"ބައްޕާ އަޅުގަނޑު..." ޒީޝާން ހިތްވަރުކޮށްފައި ވާހަކަ ފެށިއެވެ.
(ނުނިމޭ)