އަރްޒަންއަށް ހޭލެވުނީ ކާޅުތަކެއްގެ ހަޅޭކާއެކު ގައެވެ. އެއާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހާމައަށް އޮތް އުޑުމައްޗެވެ.
އޮތް ގޮތަށް އޮވެ، ވަށައިގެން ބަލައިލުމާއެކު، އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ގެއެއްގެ ހަތަރު ފާރެވެ. ހަމައެއާއެކު، އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އޭނާގެ ޓީޝާޓް އަޅައިގަތެވެ. އެތަނުގައި އޭނާއަށް އޮވެވުނު ގޮތް ރޭކާލީ ދެނެވެ. ސިއްސައިގެން ގޮސް އަރްޒަންއަށް ތެދުވެވުނެވެ. އެ މޫނުމަތީގައި ހައިރާންކަމުގެ ކުލަވަރެއް ނެތެވެ. ބޮޑަށް ފެންނަނީ ނުތަނަވަސްކަމެވެ. ހީވަނީ ހިނގައިދިޔަ ހާދިސާ އޭނާގެ ހަނދާނުގައި ހަރުލާފައި ހުރި ހެންނެވެ.
އެގެއިން އަރްޒަން ނުކުތްއިރު ފަތިސްވަނީއެވެ. އުޑުމައްޗަށް ބަލައިލުމަށްފަހު، އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އެ ހިސާބުގަނޑުން ވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އޭނާ ދަމުން ވެސް ފަސްއެނބުރި އެގެއާ ދިމާލަށް ބަލައިލިއެވެ. އެވަގުތު އެގޭގެ ދޮރުމަތީގައި ހުރި ޝިންޝިނާގެ ސޫރަ އޭނާއަކަށް ނުފެނުނެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުން ވެސް މެއެވެ.
ދާނޭ ދިމާލެއް ސީދާ ނޭނގުނު ކަމަށްވިޔަސް، ހިތް ބުނެދެމުން ދިޔަ މިސްރާބަށް، އޭނާ ފިޔަވަޅުތައް އަޅަން ފެށިއެވެ. އެ ޖަންގައްޔެއްފަދަ ތަނުން މައި މަގަށް ނުކުމެވުމާއެކު، އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައިމަގުގައި ވެސް މީހެއް ފެންނާކަށް ނެތެވެ. މާ ބޮޑު އުނދަގުލަކާ ނުލާ އޭނާއަށް ގެ ހުންނަ ހިސާބަށް ދެވޭ ގޮތްވިއެވެ.
އަރްޒަން މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ. އެއްވެސް މީހަކަށް ފެންނަން އޭނާ ބޭނުންނުވާފަދައެވެ. ގޭގެ މައި ގޭޓާ ހިސާބުން އޭނާ މަޑުޖެހިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އެތެރެއަށް ވަދެ ގެއަށް ވަންނަ ދޮރާ ހިސާބުން އަނެއްކާވެސް އޭނާ ހުއްޓުނެވެ. ވަގަކުވެސް ހުޅުވާނެހާ މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު، އޭނާ ކޮޓަރިއަށް ވަނެވެ. ހީވަނީ ކަމަކާ ވިސްނަނީހެންނެވެ. ގޭތެރެއިން މީހަކަށް ފެނިއްޖެ ނަމަ ބޮޑު ކަންތައްގަނޑަކަށް އެކަންތައް ވާނެކަން އޭނާއަށް އެނގެއެވެ.
ހިތް އެދެނީ އަދިވެސް އެގެއަށް ދާށެވެ. ޝިންޝިނާ އާ ބައްދަލުކުރާށެވެ. ޝިންޝިނާގެ ހަށިގަނޑުގައިވާ ލަކުނުތައްމަތިން އޭނާ ހަނދާންވަނީއެވެ. ހަމައެއާއެކު، ޝިންޝިނާއަށް ގެއްލުމެއް ލިބެންވެސް އޭނާ ބޭނުންނުވަނީއެވެ. އޭނާގެ ހިތް އެދި ގޮވަނީ ޝިންޝިނާ އަށެވެ. ޒީޝާން މަތިން އިތުރަށް ފޫހިވިއެވެ
*****
އެރޭ ނިދަން އޮތް އިރުވެސް އަރްޒަންއަށް ވިސްނެނީ ޝިންޝިނާ އާ މެދުގައެވެ. ބައެއް ފަހަރު އޭނާގެ ކަންފަތް ދޮށުގައި އަރްޒަންއޭ ކިޔާލާފައި ގޮވާލާހެން ވެސް ހީވިއެވެ. އެކަމަކު އޭނާ ބިރެއް ނުގަނެއެވެ.
ހެނދުނު ހޭލައިގެން އަރްޒަން ނުކުތްއިރު، އަޔާންއާ ޖިނާން އާ ދެމީހުން ތިބީ ކާ މޭޒު ދޮށުގައެވެ. ކޮންމެ މީހަކާ ދިމާލުގައި ކޮފީ ޖޯޑެއް ހުއްޓެވެ. އޭގެން އާވި އަރަމުން ދިޔައިރު މުޅި އެ ހިސާބުގަނޑު އެއްވަސްކޮށްލާފައިވަނީ ކޮފީގެ މީރުވަހުންނެވެ. އަރްޒަން އޭނާއަށް ކޮފީއެއް ހަދަން އަވަސްވެގަތެވެ.
ކޮފީ މެޝިނު ކައިރިއަށް ޖެހިިލިތަނާ އަޔާން ބުނި ޖުމްލަ އަޑު އިވި އޭނާއަށް ހަރަކާތްތައް މަޑު ޖައްސައިލެވުނެވެ. ފުންނޭވާއެއް ވެސް ދޫކޮށްލެވުނެވެ.
"ބައިދަވޭ ޖިނާ... ރޭގަ ބޭރަށް ދިޔައިންތަ؟ ނޫނީ ދަންވަރު ހޭލާ އުޅުނިންތަ؟" ޖިނާން ދޭނޭ ޖަވާބަކަށް ވެސް އަރްޒަން ސަމާލުވެލިއެވެ.
"ނޫން އަނެއްކާ ކިހިނެއްވީ؟" ޖިނާން، ކައިރީގައި ހުރި ޖޯޑުން ކޮފީ ކޯވަރެއް ދަމައިލިއެވެ.
"އަހަންނަށް އެކަހަލަ އެއްޗެއް ހީވީމަ ނުކުތްއިރު ގޭގެ ދޮރުވެސް ހުރީ ހުޅުވިފަ. އަހަރެން ހަމަ ޔަޤީނުންވެސް ތަޅުލިން، ވެދާނެ ދޯ ފިރާޤުބެ ނޫނީ އިރުފާން ކަމަށްވެސް. އެކަމަކު އެ ދަންވަރު ކާކު ދާނީވެސް... ޒޭން... އަނެއްކާ ޒޭންތަ؟" އަޔާން ސުވާލުކޮށްލިއެވެ.
"އަހަ... އަހަރެން ނުނިކުންނަން. އަހަރެން އެ ދަންވަރު ކީއްކުރަން ދާންވީ؟ އެހެންނޫނަސް ހީވި ހީވުމަކަށް ވެސް ވެދާނެއެއްނު. މިހުރިހާ ކަމަކާހެދި ޝައްކުބަލީގަ ދޯ އެންމެންވެސް " އަރްޒަންއަށް ވާހަކަ ދެއްކުނީ ކުޑަކޮށް ޖެހިލުންވެ ހުރެއެވެ. އެ އަޑުގައި ހުރި ކަންބޮޑުވުން ޖިނާންއަށް ނޭނގުނު ކަމުގައިވިޔަސް، އަރްޒަންގެ އަޑުގައި ހުރި ޖެހިލުންވުން އަޔާންއަށް ފާހަގަވިއެވެ. އޭނާއަށް ޝައްކުގެ ނަޒަރަކުން އަރްޒަންއަށް ބަލައިލެވުނެވެ. އަރްޒަން އަވަސް އަވަހަށް އޭނާގެ މޫނުމަތީގައިވި ނުތަނަވަސްކަން ފޮރުވައިލިއެވެ. އޭނާ ކޮފީ ހަދަން ފެށި އެވެ. ކޮފީ ހަދާ ނިމިގެން އައިސް އަރްޒަން ވެސް މޭޒު ކައިރީގައި އިށީނދެލި އެވެ.
"އެހެންތަ؟ ވެދާނެ ދޯ ހީވި ގޮތް ކަމަށްވެސް." އަޔާން އަރްޒަންއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އޭނާ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފޮރުވަން ކިތަންމެ ބޭނުންވިޔަސް އެކަންތައް އެގޮތަށް ކުރަން ފަސޭހައެއް ނުވިއެވެ. އަރްޒަން ހީކުރީ އަޔާން އޭނާގެ ބަސް ގަބޫލުކުރީ ކަމަށެވެ. އެހެން ހިތަށް އަރުވައިލާ އޭނާ ހިންހަމަ ޖައްސައިލިއެވެ.
*****
އެރޭގެ ވަގުތެވެ. އެނދުގައި އޮށޯވެގެން އޮތް އަޔާންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ އެ އިންތިޒާރު ކުރަނީ ދަންވަރުގެ ވަގުތަށެވެ. އަރްޒަން އޭނާއަށް އެ ހެދީ ދޮގެއް ކަމުގައި އޭނާއަށް ޔަޤީން ކުރެވެނީއެވެ. އަރްޒަން މިރޭވެސް ދާނެޔޭ އޭނާގެ ހިތް ބުނަނީ އެވެ. އަދި އެ ގޮތަށް ގޮސް ފިނަމަ އެއީ ނުބައެއްކަމުގައި އޭނާގެ ޒަމީރުވެސް އެބަ އަންގައެވެ.
މެންދަމުން އަލިވެ ދެއެއް ޖަހަންކައިރިވީ ތަނާ އަޔާންގެ ލޮލަށް ވެސް ނިދި ސަވާރުވާން ފަށައިފިއެވެ. ހޭލާ ހުންނަން މަސައްކަތް ކުރުމަށްޓަކައި އޭނާ ފޯނުން ގޭމެއް އަޅުވައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ މިރޭ އަރްޒަން ނިކުމޭތޯ ބަލަން ބޭނުންވިއެވެ. އޭނާ ތެދުވެގެން އިރު އިރުކޮޅަކާ ގޮސް ގޭތެރެވެސް ބަލައިލައެވެ. އެހެން އޮށޯވެލައިގެން އޮއްވާ ތާއްޔާ ޖެހޭގޮތްވެ، އޭނާ އެންމެ ފަހުން ގޭމް ނިންމާލާފައި ނިދާލަން ގަސްތުކުރީ ގޭތެރެވެސް ބަލައިލުމަށް ފަހުއެވެ. އަރްޒަން ނުނިކުތުމުން އޭނާއަށް ހީވި ހީވުމެއްކަމުގައި ވެސް ހީވާން ފެށިއެވެ. އޭސީ ޖައްސާފައި ހުރުމުން ގޭތެރޭގައި އެވަގުތު ކިރިޔާ އަޑެއް އިވުނަސް އޭނާއަށް ރީތިކޮށް އަޑު އިވޭނެއެވެ.
ނިދެމުން ދަނިކޮށް އަޔާންގެ ކަންފަތުގައި ގޭގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ.
އޭނާ މަޑުމަޑުން އެނދުން ތެދުވެ ގެން ގޮސް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު އަރްޒަން ނުކުންނަނީއެވެ.
ގަޔަށް ޓީޝާޓް މަހައިލަމުން އޭނާ ނުކުމެ ޖިނާންގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ލަސްތަކެއްނުވެ ޖިނާން ދޮރު ހުޅުވިއެވެ.
"އޭތް... ޒޭން ނުކުމެއްޖެ އަވަހަށް އާދަބެލަ!" އަޔާން ބުނެލިއެވެ.
"އޭނ..." ޖިނާން ހުރީ އަދިވެސް ނިދާފައެވެ. ދެލޯ ހުރީ މެރިފައެވެ. އަޑުގައިވެސް ވަނީ ނިދި މޯޅިކަމެވެ.
"އަވަސްކޮށްބަލަ! އަހަންނާ އެކު އާދެބަލަ!" އަޔާން ބުނެލިއެވެ. ވާނުވާ މާ ރަނގަޅަށް ނޭނގުނު ކަމުގައިވިޔަސް ޖިނާން ވެސް އަވަސްއަވަހަށް ޓީޝާޓް ގަޔަށް މަހައިލަމުން، ނުކުތެވެ. އެ ދެމީހުން ގޭޓުން ބޭރަށް ނުކުތްއިރު އަރްޒަން އެ މަގުން ހުރި ގޮތަށް ގޮސް ޖެހިގެން އިން ގޯޅިން އަޅުވައިލަނީއެވެ.
"އޭތް... ޒޭން." ޖިނާ އަޔާންއަށް ބަލައިލިއެވެ. އޭނާގެ ނިދިވެސް ފިލައިގެން ހިނގައްޖެއެވެ.
"އަވަސް... އެހެންވެގެންނޭ އަހަރެން މި ބުނީ... އަވަސް އަވަސް..." އަޔާން އޭނާގެ ފިޔަވަޅުތައް ބާރުކޮށްލި އެވެ. އަރްޒަންއަށް ފާރަލަމުން ދިޔަ ނަމަވެސް، ވަކި ހިސާބަކުން އެ ދެމީހުންނަށް ވެސް އަރްޒަން ގެއްލުނެވެ. ދިޔަ ނުދިޔަ ދިމާލެއް ނޭނގުނެވެ. އެތައްއިރަކު އަރްޒަން ހޯދަން އުޅުމަށްފަހު، އެ ދެމީހުންވެސް ދެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ.
"އަހަންނަށް އޭރުވެސް އެނގޭ ގޯހެއް އުޅޭކަން..." އަޔާންއަށް ބުނެވުނެވެ.
"އޭނަ މިރޭ ގެއަށް އަންނަ އިރެއް ބަލަން ވާނެ!" އަޔާން ބުނެލިއެވެ. ޖިނާން ވެސް އެއްބަސްވިއެވެ.
"ތި ވާހަކަ އަހަންނަށް ފެންނަނީ އަވަހަށް ފިރާޤުބޭ ކައިރީގައި ބުނަން. ތިހެން އަރްޒަން ބޭރަށް ދިޔުމަކީ ރަނގަޅު ފާލެއް ނޫން! އަހަންނަށް ޔަޤީން އެއީ، އަރްޒަން އަމިއްލަ އިޚްތިޔާރުގައި ކުރާކަމެއް ނޫންކަން!" ޖިނާން އޭނާގެ ޚިޔާލުފާޅުކުރިއެވެ.
އަރްޒަން ގެއަށް އައީ ފަތިސްނަމާދަށް ގޮވަން އުޅެނިކޮށެވެ.
އެ ދެމީހުން، ފިރާޤާ އެ ވާހަކަ ހިއްސާކުރިއެވެ. ފިރާޤު ބުނީ އަރްޒަން އެ ދާތަނެއް ބެލުމަށެވެ. އަޔާންއާއި ޖިނާންއާ ދެމީހުން އެކަން ކުރަން އެއްބަސްވިއެވެ. އިރުފާން ވެސް އެ ވާހަކަ ދެއްކިއިރު ހުއްޓެވެ.
"އަހަރެމެން ކިޔެވުން ހުއްޓައިނުލާ ކުރިއަށް ގެންދާނަން. އަހަންނަށް ޔަޤީން އެ ޖިންނިއަށް މިހާރު ވަރަށް ބޮޑަށް އުނދަގޫވާނެކަން." ފިރާޤު ބުނެލިއެވެ.
ޖެހިގެން އައި ދެރޭވެސް އެ ދެމީހުން އަރްޒަންއަށް ފާރަލިއެވެ. އެކަމަކު އެދެ ރޭވެސް އެ ދިޔަތަނެއް ނޭނގުނެވެ. ކޮންމެ ރެއަކު ވެސް ، ވަކި ހިސާބަކުން ގެއްލެނީއެވެ.
"މިރޭ ޖެހޭނެ ކޮންމެހެން ހަދާފަވެސް އޭނަ އެ ދާތަނެއް ހޯދަން އިނގޭ! އޭނަ ގޯޅި އަޅާއިރު އޭނާގެ ފަހަތުން އަހަރެމެން ވެސް ޖެހޭނެ ގޯޅި އަޅަން. " އަޔާންއަށް ބުނެވުނެވެ. ކޮންމެ ރެއަކު އަރްޒަން އެ ދާތަނެއް ބެލުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އުތުރި ގަތެވެ.
އެރޭވެސް އެ ދެމީހުން އަރްޒަންއަށް ފާރަލިޔެވެ. އަރްޒަންގެ މިސްރާބު ހުރީ ރަށުގެ ފުއްޓަރު ފަރާތާ ދިމާލަށެވެ. ޖިނާންއާ ދެމީހުން ފަރުވާތެރިވެ ތިބެ، ފާރަލަމުން ދިޔައީ އެންމެ ހިނދުކޮޅަކަށް ވެސް އެދެމީހުންގެ ނަޒަރުން ގެއްލުނަ ނުދޭ ގޮތަށެވެ.
ފުއްޓަރާ ދިމާލުން ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ، އަރްޒަންގެ މިސްރާބުހުރީ އެތަނުގައި ހުންނަ ފަޅު ގެއާ ދިމާލަށެވެ. އަރްޒަން ގޮސް އެގެއަށް ވަނުމުން އެ ދެމީހުންވެސް ދިޔައެވެ.
" އޭރުވެސް މަބުނީމެއްނު ރަނގަޅު ކަމެއް ނޫނޭމީ... ބަލާބަ އެއޮތް އައިތަނެއް އެކަމަކު" ޖިނާން ބުނެލިއެވެ.
"ޝްޝްޝް" އަޔާން އެދުނީ ވާހަކަ ނުދެއްކުމަށެވެ.
"ލެޓްސް ގޯ..." އަޔާން ކުރިއަށް ފިޔަވަޅެއް އަޅައިލި ވަގުތު، އެތަނުގައި އޮތް ބުޅައެއް ރޮއިގަތް އަޑު އިވި އަރި އަޅައިލާ ވެއްޓުނެވެ. ޖިނާންގެ އަނގައިން މަޑު ހަޅޭކެއްގެ އަޑުވެސް ނިކުތެވެ. އޭނާ ތެދުވި އިރު ޖިނާން ހުރީ އަނގަމަތީގައި އަތް އަޅައިލައިގެންނެވެ. އަޔާން އެކޭ އެއްވަރަށް އޭނާ ވެސް ހުރި ސިހިފައެވެ. އަޔާން ތެދުވިއިރު މުޅި މޫނުމަތީ ވެސް ހުރި ހުސް ފަތާއި ހިރަފުހެވެ. މޫނުމަތި ސާފުކޮށްލަމުން އެ ދެމީހުން އެ ދިމާލަށް ދިޔައެވެ. އަރްޒަން ވަތް ތަނުން އެގޭ ތެރެއަށް ވަނެވެ. ފާރާ ނިވާވެލައިގެން ތިބެ އެ ދެމީހުން އެތެރެ ބަލަިއލިއެވެ. އެއާއެކު ދެމީހުންނަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ.
"އަޔާން..." ވައި އަޑުން ޖިނާންއަށް އަޔާންގެ ކަންފަތް ދޮށުގައި ގޮވައިލެވުނެވެ.
"ވެއިޓް!" އަޔާން އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލީ ޖިނާންއަށް ބަލައިލަމުންނެވެ. އޭނާ ބުނެލީ ވާހަކަ ނުދެއްކުމަށެވެ. އާއްމުކޮށް އެކަހަލަ ކަންތަކުގައި އެންމެ ބިރުން އުޅެނީ އަޔާން ކަމަށްވިޔަސް މިރޭ އަޔާން ހުރީ ހިތްވަރުގަދަކޮށްލައިގެންނެވެ. ބިރުގަތަސް އޭނާ ބޭނުންވަނީ ހަޤީގަތް ހޯދާށެވެ.
"ޝްޝްޝް" ޖިނާން ބޯ ޖަހައިލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އަރްޒަންގެ އުޅުން ހުރި ގޮތުން އެ އުޅެނީ އިތުރު މީހަކާ އެކީގައިކަން އެ ދެމީހުންނަށް ވެސް ނަގައިގަނެވުނެވެ. ފެންނަމުން ދިޔަމަންޒަރަކުން އެދެމީހުންނަށްވެސް ތިބެވުނީ ޝޮކެއްގައެވެ.
އަޔާން އޭނާގެ ފޯނުގެ ކެމެރާ ހުޅުވައިލިއެވެ. އެމަންޒަރު އޭނާ ރެކޯޑް ކުރި އެވެ. ފޯނަށް ވެސް އަރަނީ އަރްޒަން އެކަންޏެވެ. އަޔާންގެ އަތް ތުރުތުރު އަޅާވަރުން ވެސް ހީވަނީ އެހެން ކަމެއްހެންނެވެ. ނޭވާ ވަނީ އަވަސްވެފައެވެ. މީހާ ވަނީ ފިނިވެފައެވެ. އެ ގަޑީގައި ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ވެސް އަސަރެއް ނުކުރެއެވެ. މީހާ ދާހިއްލާ ފޯވަނީއެވެ.
ގެއަށް ދިޔަ މަގުމަތީގައި އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. އެ ދެމެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެކެވެ. ޖިނާން ވެސް އިރުއިރުކޮޅަކާ އޭނާގެ ބޮލުގައި ފިރުމައިލައެވެ. އޭނާ ވެސް ވަނީ ހާސްވެފައެވެ. އަޔާންވެސް ފުންނޭވާތަކެއް ލާންފެށިއެވެ. އޭނާ ބޭނުންވަނީ ހަށިގަނޑުގައި ހުރި އުދާސްތައް ނެރެލާށެވެ. އެ މީހުންނަށް ނޭނގުނަސް ކަންތައްތައް ބޮއްސުން ލައިގެން ދަނީކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ.
އެރޭ އަޔާންމެންނަށް ގެއަށް އާދެވުނުއިރު ފަތިސްނަމާދު ބަންގި ގޮވަނީއެވެ. އޭރު ފިރާޤާ އިރުފާން ވެސް މިސްކިތަށް ދާން ނިކުންނަނީއެވެ.
އެދެމީހުންގެ މޫނުމަތިން ފެނުނު އަސަރުތަކުންނާ ތިބި ގޮތުން އެ ދެމީހުންވެސް އެއައީ ބޭރަށް ގޮސްފަ ކަން ފިރާޤަށް ދެނެގަވުނެވެ.
"އެކަން ވާގޮތްވިތަ؟" ފިރާޤު ސުވާލުކޮށްލި އެވެ.
"އަރްޒަން ކޮބާ؟" ފިރާޤަށް ސުވާލުކޮށްލެވުނެވެ. އަޔާންއާ ޖިނާން އާ ބަލައިލީ އެކަކު އަނެކަކު މޫނަށެވެ. ފިރާޤަށް ބަލައިލަމުން އަޔާން އޭނާގެ ފޯނު ހުޅުވައިލާއެ ވީޑިއޯ ދައްކައިލިއެވެ.
"ސުބްޙާނަ ﷲ" ފިރާޤަށް ބުނެވުނެވެ.
"ފަތިސް ނަމާދަށްފަހު މަސައްކަތް ފަށާނަން! އިންޝާ ﷲ" ފިރާޤު ބުނެލިއެވެ.
އެ މީހުން މިސްކިތުން އައިއިރު އަރްޒަންވެސް ގޭގައި އުޅެއެވެ. އޭނާ އުޅެނީ ކޮފީއެއް ހަދާށެވެ. ބޮލުގައި ތެތްކަން ހުރުމުން ދެންމެ ފެންވަރައިގެން ނުކުތްކަން ދެނެގަންނަން އުނދަގުލެއް ނުވެއެވެ.
"އަރްޒަން އާ ވާހަކަ ދައްކައިލަން ދޭބަލަ އަޔާން... އޭނާގެ ވިސްނުން ހުރި ގޮތެއް ބަލާ!"
"ޒޭން... އިށީނދެބަލަ!" ފިރާޤުގެ އެދުމަށް އަރްޒަންއާ ވާހަކަ ދައްކަން އައީ އަޔާންއެވެ.
"ޒޭން ކީއްވެ އަހަންނަށް ދޮގު ހެދީ؟" އަޔާން ސުވާލުކޮށްލިއެވެ. އަރްޒަން ފަސް އެނބުރި އަޔާންއަށް ބަލައިލިއެވެ.
"އަހަރެން ދޮގެއް ނަހަދަން..." އަރްޒަން ބުނެލިއެވެ.
"ހުސް ދޮގު... އާދެބަލަ މިތާ އިށީންނަން" އަޔާން ބުނެލިއެވެ.
އަޔާން ކިހިނެއް ވީތަ؟" އަރްޒަން ހިންހަމަ ނުޖެހުނެވެ. އޭނާ އައިސް މޭޒުކައިރީގައި އިށީނެވެ.
"މިއަށް ބަލާބަލަ!" އަޔާން އޭނާގެ ފޯން ވީޑިއޯ އަޅުވައިލިއެވެ
"ޒޭން... އެއީ އިންސާނެއްނޫނޭ! ކީއްވެ ތަ މިހެން ތިއުޅެނީ؟" ހަޤީގަތް ފަޅާއެރުމުން އަރްޒަންގެ ހަރަކާތްތައް ވަގުތުން މަޑުޖެހުނެވެ.
"ޔާން... ޔާން ކިހިނެއް ތި... ތި... ތި ވީޑިއޯ ނެގީ؟" އަޔާންއަށް ބަލައިލުމަށްފަހު، އަރްޒަންއަށް ހިންދިރުވައިލެވުނެވެ. އޭނާ ހާސްވިއެވެ. ނިތުން ދާ ވެސް ހިއްލައިލިއެވެ. އެހެން އިނުމަށްފަހު، އޭނާއަށް ވާހަކަ ވެސް ދެއްކުނީ އޭގެ އިރުގަނޑެއް ފަހުންނެވެ.
"އަދިވެސް ޒޭންއަށް މުހިންމީ އަހަރެމެން މި ވީޑިއޯ ނެގި ގޮތްތަ؟ މި ވާނުވާ ޒޭންއަށް ހަމަ އެއްގޮތަކަށް ވެސް ނޭނގޭތަ؟ އެ ޖިންނި ޒޭންގެ ވިސްނުމާ ކުޅެނިއްޔޭ..." އަޔާން ބުނެލިއެވެ. އަރްޒަންއަށް ދެފަރާތަށް ބޯ ހޫރައިލެވުނީ ވެސް ބޭ އިޚްތިޔާރުގައެވެ.
އޭނާގެ ހަނދާނަށް އައީ ޝިންޝިނާގެ ޖުމްލަ ތަކެވެ.
"ޒޭން. އެ މީޙުން އެ އުޅެނީ އަހަންނާ ޒޭންއާ ދުރުކުރަން... އަހަރެން ބޭނުން ޒޭން... ޒޭންއާ އެކު އުޅެން... އުމުރަށް"
"ޒޭން... ކޮން ޚިޔާލެއްގަ؟" އަޔާން އަރްޒަންގެ ލޯ މަތީގައި އަތް ހޫރައިލަމުން އަހައިލިއެވެ.ސިހުނު އަރްޒަން ކީކޭ ހޭ އަހައިލިއެވެ.
"ޒޭން ގަބޫލުނޫނަސް ގަބޫލަސް އަހަރެމެން އެ ޖިންނީގެ ކިބައިން ޒޭން ސަލާމަތްކުރަން މަސައްކަތް ފަށައިފިން" އަޔާން ބުނެލިއެވެ.
"އަޔާން އެކަމަކު..." އަރްޒަންއަށް އައިސްފައިވި ބަދަލުން އެކަނިވެސް އަޔާން ހައިރާންވިއެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާ އެކެވެ.
އޭނާ ގޮސް ފިރާޤަށް އެ ހުރިހާ ވާހަކަ އެއް ކިޔައިލަދިނެވެ.
*****
ގަޑިން އަށްގަޑި ބައިވާން އުޅެނިކޮށް ޒީޝާންއަށް ފޯނު ކޯލެއް އައެވެ. އޭރު އާރާ ވެސް ބަދިގޭގައި ސައި ތައްޔާރުކުރަން ޒީޝާން އަށް އެހީތެރިވެދޭން އުޅުނެވެ. ފޯނު ކޯލާއެކު ޒީޝާންގެ މޫނުމަތި އުޖާލާވެގެން ދިޔަތަން އާރާއަށް ފެނުނެވެ. އޭނާގެ ތުންފަތް މައްޗަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.
އެއީ ގިނަ ދުވަސްތަކަކަށްފަހު، ޒީޝާންގެ ތުންފަތް މައްޗަށް އެފަދަ ހިނިތުންވުމެއް ވެރިވި ފުރަތަމަ ފަހަރެވެ. ލިބުނީ ކޮން ޚަބަރެއްކަން ނޭނގުނު ކަމުގައިވިޔަސް އެކުވެރިޔާއަށްޓަކައި އާރާގެ ހިތުގައި ވެސް އުފާވެރިކަން ވިއެވެ.
"ކިހިނެއްވީ ޒީ؟" އާރާ ޒީޝާންއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.
"އާރޫ... މައި ސަސްޕެންޝަން... އިޓްސް އޯވާ... ދޭ އާސްކްޑް މީ ޓު ޑޫ ދި މެޑިކަލް ޗެކްއަޕް. އިފް އެވަރީތިންގްސް އޯކޭ...އައި ކޭން ޖޮއިން ވޯކް..." ޒީޝާން ބުނެލިއެވެ.
"އާރޫވެސް ދެން ނިކުންނަން އުޅެބަލަ!" ޒީޝާން ބުނެލިއެވެ. އާރާ ހުރީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައެވެ. ކުއްލިއަކަށް ޒީޝާންގެ ބޮަލަށް އެނބުރުން އަރައިގަތެވެ. އޭނާއަށް ހިފައްޓައިލެވުނީ މޭޒުގެ ކަނުގަައެވެ. އާރާއަށް ޒީޝާންއާ ގާތަށް ޖެހިލެވުނެވެ.
"ޒީ ކީއްވެތަ މިހާރަކަށް އައިސް އަބަދު އެނބުރުން އަރަނީ؟ " އާރާއަށް ސުވާލުކޮށްލެވުނެވެ.
"ނޭނގެ! ދެން ޗެކް އަޕް ހަދާލާއިރު އެނގިދާނެތާ ދޯ! ދުވާލު ވެސް ވަރަށް ވަރުބަލިވެފަ އަބަދު ހުންނަނީ. ހޭލާ ގަޑީގައިވެސް ހުންނަނީ ފާޑަކަށް އެނބުރުން އަރާ ހޮޑުލަވާ ގޮތް ވެފަ!" ޒީޝާން ބުނެލިއެވެ. އާރާ ބޯ ޖަހައިލިއެވެ.
"ސޯ ހިނގާ މިއަދު އެކަމާ އުޅެމާ..." އާރާ ބުނެލިއެވެ. ޒީޝާން ބޯ ޖަހައިލިއެވެ.
ތިން ދުވަސް ފަސް
*****
އަރްޒަން ގޮވައިގެން ފިރާޤުގެ މިސްރާބުހުރީ އައްޑޫގެ މަޝްހޫރު ތަނެއްކަމުގައިވާ ހިތަދޫގައި އޮންނަ ކޯއްޓޭއާ ދިމާލަށެވެ. އެތަނަކީ ނާމާން ތަނެއްކަމުގައި ރަށު މީހުން ކިޔާ ހިސާބެކެވެެ. އެތަނުން އެއްޗެހި އެއްޗެހި ފެނުމާއި ޖިންނި ޝައިތާނުންގެ އުނދަގޫތައް އެކި މީސް މީހުންނަށް ދިމާވާ ކަމުގައި ވަރަށް ކުރީއްސުރެ އަޑުތައް ފެތުރިފައިވެ އެވެ. އެހެންކަމުން އެތަނަކީ ރަށުގެ މީހުންވެސް އާއްމުކޮށް ގޮސް އުޅޭ ހިސާބެއް ނޫނެވެ. އެ ދެމީހުންގެ ފަހަތުން އިރުފާންއާ ޖިނާންގެ އިތުރުން އަޔާންވެސް ދިޔައެވެ. އެ ތިން މީހުންގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.
ކޯއްޓޭއަށް ވަދެވެން އޮންނަ ހިމަ ދިގު މަގުން ލާފައި ފަސް މީހުން ކުރިއަށް ދިޔައީ އާދައިގެ ފިޔަވަޅުތަކެއްގައެވެ. ދެފަރާތުގައި ވަނީ ޖަންގަލީ ސަރަހައްދެވެ. އެ މަގު ހަނިކަމުން ކިރިޔާ ޕިކަޕަކަށް ދުއްވޭހާ ޖާގަ އޮވެފައި ދެން ދެފަރާތުގައި ވަނީ ދިގު ރުއްތަކާ، ބޮޑެތި ގަސްތަކާއި، ހުއި ގަސްތަކެވެ. ހުއިގަސްތައްވެސް ހެދިފައިވާ ލެއް ބޯކަމުން ބިންގަނޑު ފެންނަ ވަރެއް ނުވެއެވެ. އެ މަގުން ހިނގަމުންދާއިރު ޕަރީ ފެންގަނޑޭކިޔާ ފެންގަނޑެއް ވެސް އޮވެއެވެ. ބަލައިލަން ކިތަންމެ ރީތި ޤުދުރަތީ މަންޒަކަށް ވިޔަސް އެ ސަރަހައްދާ ގުޅިފައިވަނީ މުޅީންވެސް ބިރުވެރި ވާހަކަތަކެވެ. ޚާއްސަކޮށް ކޯއްޓޭ އާއެވެ.
ކޯއްޓޭގެ އެންމެ ގަސްބޯ ޖަންގައްޔާ ހިސާބަށް ވަދެގެން ގޮސް މެދާ ހިސާބުގައި ފިރާޤު މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
އަރްޒަން އެތަނަށް ވަށައިގެން ބަލައިލި އެވެ. އެތަނަށް އާދެވުނު ހަނދާނެއް އަރްޒަންއަށް ވަނީއެވެ. ނޫނީ ފެނުނު ހަދާނެކެވެ. މާ ރަނގަޅަކަށް އޭނާގެ ހަނދާނަކަށް ހުރިހާކަމެއް ނާދެއެވެ.
ސިކުނޑިއަށް ބާރުބޮޑުވިއެވެ. ބޮލުގައި ވެސް ކޮންމެވެސް ވަރަކަށް ރިއްސަން ފެށިއެވެ. އަރްޒަންގެ ނަޒަރު ހުއްޓުނީ ފިރާޤު އިނގިލި ދިއްކޮށްލި ދިމާލަށެވެ. އެ ދިމާލުގައި ހުރި ފަން ޖިފުޓި ގަނޑު ފެނުމާއެކު އޭނާއަށް އަނެއްކާވެސް އެހަނދާންތައް ވެރިވާން ފެށިއެވެ. އެއީ އެއްރޭ އޭނާއަށް ފެނުނު ވަރަށް އާދަޔާ ޚިލާފް ހުވަފެނެކެވެ. ހުވަފެނަކަށް ވުރެވެސް ބޮޑަށް ހީވަނީ ހަޤީގަތެއް ހެންނެވެ. ހޭލެވުނު އިރު އަތުގައި ވެސް އެމީހަކު ހިފެއްޓި ނިޝާން އެގޮތަށް ހުއްޓެވެ.
އަނެއްކާވެސް، އޭނާ ވަށައިގެން އެތަނަށް ބަލައިލިއެވެ. ވަށައިގެން ވަނީ ގަސްބޯ ޖަންގައްޔެވެ. އޭރު އަސުރުން އިރު ތިރި ވަނީއެވެ. ތަނުގައި ވަނީ ފަޅުކަމާއި ނާމާން ކަމެވެ. ދޭތެރެއަކުން އުދުހިފައި ދާ ދޫންޏެއްގެ އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް ނީވެއެވެ. އެ ހުވަފެނުގެ މަންޒަރުތައް ވަކިވަކިން އޭނާގެ ލޮލުގެ ލޯގަނޑަށް ފެންނަން ފެށިއެވެ. އުނދަގޫވެސް ވިއެވެ.
"ހުރިހާކަމެއްވެސް ފެނުނު ތަނަކީ މިއީ!" ފިރާޤު ވަށައިގެން ބަލައިލަމުން ބުނެލިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އަޔާން މެންނަށް ވުރެބޮޑަށް ހައިރާންކަން ފެންނަނީ އަރްޒަންގެ މޫނުމަތިންނެވެ. އޭނާއަށް ފިރާޤާ ދިމާލަށް ބަލައިލެވުނީ ސުވާލުން ފުރިގެންވީ ފަދަ ގޮތަކަށެވެ.
"އަރްޒަން... އަރްޒަންއަށް އެނގޭތަ އަރްޒަންގެ ހަޤީޤީ ބައްޕައަކީ ކާކުކަން؟" ފިރާޤު ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އޭނާ ފުން ނަޒަރަކުން އަރްޒަންއަށް ބަލައިލިއެވެ.
އަރްޒަންގެ މޫނުމައްޗަށް ވެރިވާނޭ އަސަރުތައް އޭނާ ހުރީ ގާތުން ބަލާށެވެ.
"ކޮން ކަހަލަ ސުވާލެއް ތި ކުރަނީ؟" އަރްޒަންއަށް ވެސް އަޔާންއާ ދިމާލަށް ބަލައިލެވުނެވެ.
"އަރްޒަންގެ ބައްޕައަކީ ކާކުކަން އެނގެން ބޭނުންތަ؟" ފިރާޤު ބުނެލިއެވެ. އަރްޒަން ވަކި އެއްޗެއް ނުބުނެއެވެ. އޭނާ ހުރީ ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ފިރާޤު އޭނާގެ ބައްޕައާ ބެހޭ ވާހަކަ ތަކެއް ދައްކަން ފެށުމުން އޭނާއަށް އެތަކެއް ސުވާލުތަކެއް އުނދަގޫކުރަން ފެށިއެވެ.
"ކާކު؟ ފިރާޤުބެ އަހަންނާ ތިސުވާލު ތިޔަކުރަނީ އަހަރެންގެ ބައްޕައަކީ ކާކުކަން އެނގިގެންތަ؟" އަރްޒަންއަށް އަހައިލެވުނެވެ. ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ.
"އަރްޒަންގެ ބައްޕައަކީ ޖައުފަރު..." ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލަމުން ފިރާޤު ބުނެލި އެވެ.
"ކޮން ޖައުފަރެއް... އެއީ... ކާކު؟" އަރްޒަންއަށް ސުވާލުކޮށްލެވުނެވެ.
"ހަނދާންވޭތަ ފްލައިޓް ތެރޭގައި މީހަކު މަރުވި ހަނދާން... ޖައުފަރު ކިޔާ ފިރިހެނެއް... އެއީ... އެއީ...... އަރްޒަންގެ ބައްޕަ އަކީ"
(ނުނިމޭ)