ދެވަނަ ސިކުންތުގައި ތުންފަތް މަތީގައިވި، ހިނިތުންވުން ފަނޑުވެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ.
ފޯނުން ފުރަތަމަ ވެސް ހޯދައިލެވުނީ އާރާގެ ނަންބަރެވެ.
"އާރާ..." އާރާގެ ނަން ކިޔައިލަމުން ޒީޝާން ފޯނުން އާރާގެ ނަންބަރަށް ގުޅައިލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެކަމާ ޒީޝާން ކަންތައް ބޮޑުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އައިސް އޭނާއަށް އިށީނދެވުނީ އެނދުގައެވެ. އާރާގެ މަންމައަށް ގުޅަން ހިތަށް އަރުވައިލައިފައި ވެސް ޒީޝާންއަށް އެ ވިސްނުން ދޫކޮށްލެވުނެވެ. މި ދަންވަރު އާރާގެ މަންމައަށް ގުޅުން ރަނގަޅުކަމެއް ކަމުގައި އޭނާއަށް ނުފެންނާތީއެވެ.
އަނެއްކާ ވެސް އަޅުވައިލެވުނީ އޭނާއަށް ރައްޓެހި ކުއްޖާ ފޮނުވާފައިވާ ވީޑިއޯ އެވެ. އެ ވީޑިއޯ ބަލަމުން ދިޔަ ވަރަކަށް އޭނާގެ މޫނުމައްޗަށް ވެސް, ނުތަނަވަސްކަމުގެ ކުލަވަރު ވެރިވަމުން ދިޔައެވެ. އާރާ ފޯނު ނިއްވާލައިގެން އުޅެނީ އެ ސަބަބާ ހެދި ކަމުގައި, އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. ހާސްކަން އިތުރުވި ސަބަބެއްކަމުގައި އެކަންތައް އެކަނި ވެސް ފުދެއެވެ.
ކުއްލިއަކަށް، ޖިނާން މަތިން ހަނދާންވުމާއެކު، ޒީޝާންއަށް އަވަސް އަވަހަށް ޖިނާންއަށް ގުޅައިލެވުނެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް މިވަގުތު ޒީޝާން ބޭނުންވެފައިވަނީ, ވެގެން އުޅޭ ގޮތެއް އެނގުމަށެވެ. ހާސްކަމާ އެއްވަރަށް ވެރިވި ނުތަނަވަސްކަމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ދެފަހަރަކު ރިންގުވުމާއެކު ޖިނާން ފޯނު ނަގައިފިއެވެ. ވެގެން އުޅޭ ގޮތާ ބެހޭ ގޮތުން ސުވާލުކުރަމުން, ޒީޝާން އެހާ ދަންގަޑިއެއްގައި ގުޅައިލެވުނީތީ މާފަށް އެދުނެވެ.
"އިޓްސް އޯކޭ ޒީ... އާރާގެ ބީއެފް އެތަނުގައި ސީން އެއް ކްރިއޭޓް ކުރީ... އަހަރެން އެންމެ ކަންތައް ބޮޑުވަނީ އެ ވީޑިއޯ ސޯޝަލް މީޑިއާއާ ހިސާބަށް ގޮސްފާނެތީ. މިހާރުވެސް މުޅި އޮފީސް ހުރިހާ ގްރޫޕެއްގަ ވެސް އެ ވީޑިއޯ... އަހަންނަށް ހުރިހާ ކަމަކާ ކުރިމަތިލެވިދާނެ. އެކަމަކު އާރޫއަށް ވާނެ ގޮތެއް ނޭނގެ!" ޖިނާންއަށް ވާހަކަ ދެކެވުނެވެ.
ފެށިގެން ނިމެންދެން ޖިނާން ޒީޝާންއަށް ވެގެން އުޅޭ ގޮތް ކިޔައިދިނުމާއެކު، ޒީޝާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
"ރަފްހާންގެ ސަބަބުން އާރާއަށް އެ ލިބުނީ ކޮންފަދަ ބޮޑު ލަދެއްތަ؟" ވެރިވި ރުޅިވެރި އަސަރުތަކާއެކު، ޒީޝާންއަށް ބުނެވުނެވެ. އެކަމަކު އެއްކަމަކުން އޭނާއަށް ހިންހަމަ ޖެހުން ލިބުނެވެ. އާރާ ރަފްހާންއާ ދުރުވިކަމަށްޓަކާ އޭނާގެ ހިތް އުފާކުރިއެވެ. ރަފްހާންއާ ދުރުވުމަކީ އާރާއަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އާރާގެ ކުރިމަގަށް ހުރަސް އަޅާނޭ އިތުރު މީހަކު ރަފްހާން ނޫނީ ނުހުންނާނެކަން އޭނާއަށް އެނގެއެވެ.
ކަންބޮޑުވަނީ އާރާ އެހެންމީހުންނާ ކުރިމަތިލާނެ ގޮތެއް ނޭނގޭތީއެވެ. ބެދިފައިވާ ލަދުވެތި މަޅިން އާރާ ސަލާމަތްކޮށްދޭން އޭނާ ވަރަށް ބޭނުމެވެ. އެކަމަކު އެކަން ކުރާނީ ވެސް ކިހިނެއްހެއްޔެވެ؟. އެފަދަ ގޮތަކަށް ރަފްހާން އާރާގެ ނަން ކިލަނބުކޮށްލުމުން، ޒީޝާންގެ ހިތުގައި ކުރިން އޮތް ވަރަށް ވުރެ ބޮޑަށް ރަފްހާންއާ މެދު ނަފުރަތު އުފެދުނެވެ.
ދެވަނަ ސިކުންތުގައި އަނެއްކާ ވެސް އޭނާ ގެ ހިތުގައި ޝައްކުގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. އާރާ ރަފްހާން ދޫކޮށްލިޔަސް، އަދިވެސް ރަފްހާން އާރާ ދޫކޮށްލާނެޔޭ އޭނާގެ ހިތް އެއްބަހެއް ނުވެއެވެ. ރަފްހާންއަކީ ފާޑެއްގެ މީހެކެވެ. އޭނާގެ މިޒާޖަކީ ވަރަށް ތަފާތު މިޒާޖެކެވެ.
ޖިނާން އާ ވާހަކަ ދައްކާލާފައި, ޒީޝާން ފޯނު ބޭއްވިއެވެ. އެއަށްފަހު، ނިދަން ތައްޔާރުވެލައިގެން އައިސް ޒީޝާން އެނދުގައި ޖައްސައިލިއެވެ. އަރްޒަންގެ ޚިޔާލުތައް ވެރިވުމާއެކު, އޭނާގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. ރާކިންގެ ސަބަބުން ލިބުނު ނުތަނަވަސްކަން ވެސް އެކީ ފިލައިގެން ހިނގައްޖެއެވެ. ހިތަށް އުފާވެރިކަން ލިބިއްޖެއެވެ. އޭނާގެ ހިތުގެ ލޯބި ހާސިލް ކުރެވޭ ދުވަސް ގާތްވާކަމުގެ އިޙްސާސްކުރެވުނެވެ. އަރްޒަން އަކީ އޭނާގެ މީހެއްކަމުގައި ހިތް އެހާ އަވަހަށް ވިސްނައިދޭން ފަށައިފިއެވެ. އެ ލިބުނު އުފާވެރިކަމާއެކު ވެސް އެކުވެރިޔާއަށް ދިމާވެގެން އުޅޭކަންތައް އެނގުމުން އޭނާގެ ހިތަށް އުނދަގޫވިއެވެ. އެތައް އިރަކު ތަފާތު އެކި ވިސްނުން ތަކުގައި ޒީޝާންއަށް އޮވެވުނެވެ.
*****
ޖެހިގެން އައި ދުވަހު ބެންގަލޫރަށް ކުރި ދަތުރު ނިންމާލާފައި ޒީޝާންމެން ރާއްޖެ އައީ މެންދުރުގެ ވަގުތެއްގައެވެ. އެއާޕޯޓުން ނުކުމުގެ ކުރިން އަތުގައި އޮތް ފައިލު ލާން ދާން ޒީޝާން ހިނގައިގަތުމުން، އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އަރްޒަން ވެސް ހިނގައިގަތެވެ.
އެ މަންޒަރު ފެނި ރާކިންގެ ދެ ބުމަ ގޮށްޖެހުނެވެ. އެ ދެމެދުގައި ކޮންމެވެސް ކަމެއް ހިނގިކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެދެމުން ދިޔައެވެ. ވި ފޫހިންނާ, ވީދެރައިން ރާކިން ދުރަށް ފިޔަވަޅުތައް އަޅައިލިއެވެ. އެތަން ބަލަން ހުރި ޒޭބާ ރާކިންގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.
އެކަމަށް ސަމާލުކަން ނުދީ ރާކިން ފިޔަވަޅުތައް ބާރުކޮށްލުމުން ޒޭބާ ވެސް އޭނާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ރާކިންއާ އެއްހަމައަކަށް އާދެވުމުން، ޒޭބާ ވާހަކަ ދެއްކިއެވެ.
"އަހަންނަށް ހީވަނީ އަރްޒަންއާ ޒީޝާންއާ ކަމެއްހެން... ބަލާބަލަ ދެމީހުން އެކީ އެ ދިޔައީ..." އޭނާ ބޭނުންވީ އިތުރަށް ރާކިން ދެރަކޮށްލަން ކަންނޭގެއެވެ. ނުވާކަމަކަށް ހަދާފައި ޒޭބާ ވާހަކަދެއްކިއެވެ. ރާކިން ރުޅިވެރި ނަޒަރަކުން ޒޭބާއަށް ބަލައިލާފައި އަނެއްކާވެސް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ޒޭބާ ވެސް މެއެވެ..
"ކިހާ ދެރަކަމެއްތަ ޒޭބާ!" ރުޅިއައިސްގެން ފިޔަވަޅުތައް މަޑުޖައްސައިލަމުން، ރާކިންއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ ބައެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިގެން ދިޔައެވެ. ވަށައިގެންވީ މާހައުލަށް ސަމާލުކަން ނުދީ ރާކިން ހިނގައިގަތް އިރު އެދިމާލަށް ބަލަން ތިބި މީހުންނަށް ބަލައިލުމަށްފަހު, ޒޭބާ އޭނާގެ މޫނު އެއް އަތުން ފޮރުވަން މަސައްކަތް ކުރަމުން ކުރިއަށް ހިނގައިގަތެވެ. އޭރު ރާކިންގެ އެ، އަމަލުން އޭނާ ވަނީ ރުޅިއައިސްފައެވެ.
*****
ޒީޝާން ކުރަންދިޔަ މަސައްކަތް ނިންމާލުމަށްފަހު, އެނބުރިލި ވަގުތު އަރްޒަން ފެނި އޭނާއަށް ހިނިތުންވެވުނެވެ.
"ކޮބާ ޖަވާބަކީ؟" އަރްޒަން އެއްބުމަ އަރުވައިލިއެވެ. ޒީޝާންއަށް އަރްޒަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާގެ ފަރާތުން ޖަވާބަކަށް އިންތިޒާރުކުރާވަރުގެ ސުވާލެއް އަރްޒަން ކުރިހެއްޔެވެ؟. އިރުކޮޅަކު ވިސްނައިލުމުން ވެސް ހަނދާނަށް އަންނަ ގޮތެއް ނުވިއެވެ.
"ކޮން ޖަވާބެއް އަނެއްކާ؟" އޭނާއަށް ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
"އަހަރެން އަހަރެންގެ ގޮތުގައި ގަބޫލުކޮށްގެން އަހަންނާއެކު އުޅޭނަންހޭ؟ އަހަރެން މިހުރީ ޒީޝާންއާއެކު އުޅެން ތައްޔާރަށް!" ކުޑަކޮށް ޒީޝާންގެ ކަންފަތް ދޮށަށް ގުދުވެލަމުން އަރްޒަން ބުނެލިއެވެ. އޭނާ އެ މާހައުލަށް އަވަސް ނަޒަރެއް ވެސް ދިނެވެ.
އަރްޒަންގެ ސުވާލާއެކު، ޒީޝާންގެ މެއަށް ފިނިވިއެވެ. މީހާގެ ހަށިގަނޑުގައި އުތުރި އަރަން ފެށި ޖަޒުބާތުތަކަށް ފުރަގަސްދޭނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އަރްޒަން ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޒީޝާންގެ މުޅި ނަފުސު ހިސާބަކަށް ހަރުކަށިވެގެން ދިޔަކަން އޭނާއަށް ވެސް އެނގުނެވެ. ޚުދު އޭނާގެ ހިތްވެސް އިންތިހާ ބާރުމިނުގައި ދިޔައީ ތެޅެމުންނެވެ. ވިންދުގެ އަޑު ގާތުގައި ހުންނަ މީހާއަށް ވެސް އިވޭނެ ކަންނޭގެއެވެ. ޒީޝާންގެ ފުށުން އޭނާ މިވަގުތު ޖަވާބު ބޭނުމެވެ. އެކަމަށް އޭނާ ވަނީ ކެތްތެރިކަން ކޮޅުންލާފައެވެ.
ހިތް އާބަސް ދޭން އެދި ގޮވަން ފެށުމުން އެކަމަށް ފުރަގަސްދޭކަށް ޒީޝާންއަކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. އެއަށްފަހު އަރްޒަންއާ ދުރަށް ފިޔަވަޅުތައް އަޅައިލިއެވެ. އޭރުވެސް އޭނާގެ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ދައުރުކޮށްލަ ކޮށްލައި ހުއްޓެވެ. ވެރިވި ލަދުވެތި އަސަރުތަކާއެކު އޭނާއަށް އަރްޒަންއާ އެހާ ގާތުގައި ހުންނަން ނުކެރުނީ އެވެ. ޒީޝާންގެ ފަހަތުން ހިނގައިގަތް އަރްޒަންގެ ތުންފަތްމަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ. ޒީޝާން އާބަސް ބުނުމުން އޭނާގެ ހިތަށް އުފާވެރިކަން ވެރިވެފައި ވެއެވެ.
*****
އެއާޕޯޓުން ނުކުތްތަނާ ޒީޝާންގެ ހަނދާނަށް އާރާގެ އެ ވީޑިއޯ އައުމާއެކު އެންމެ ފުރަތަމަ ވެސް ގުޅައިލެވުނީ އާރާއަށެވެ. އޭރު ވެސް އާރާގެ ފޯނު އޮތީ ނިއްވާލާފައެވެ. އެކަމާ ޒީޝާން ކަންބޮޑުވިއެވެ. ގެއަށް ގޮސް ފެންވަރާހަދާލައިގެން ކުޑަކޮށް އަރާމްކޮށްލުމަށްފަހު، އޭނާ ނިންމީ އާރާ އުޅޭ ގެއަށް ގޮސްލުމަށެވެ. އެހާއިރު ވީ އިރުވެސް، އާރާގެ ފޯނު ނިއްވާލާފައި ވާތީއެވެ. އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ.
އާރާމެން ގެއަށް ގޮސް ވަތްއިރު އާރާގެ މަންމަ ގޭތެރޭގައި އުޅެއެވެ. ޒީޝާން އާރާ އާ ބެހޭ ގޮތުން ސުވާލުކުރުމުން ކުޑަކޮށް ބަލިވެ އުޅޭ ކަމަށާއި ވީ ކޮޓަރީގައިކަމަށް ބުނުމުން ޒީޝާން އާރާގެ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު ތަޅުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. އަނެއްކާވެސް ޒީޝާން ޓަކި ޖަހައިލިއެވެ.
އިރުކޮޅަކުން އާރާ ދޮރު ހުޅުވައިލިއެވެ. ޒީޝާން ފެނުމުން ސިހުނުކަން އެމޫނުމަތިން ރަމްޒުކޮށްދިނީ މޫނުމައްޗަށް ވެރިވެގެން ދިޔަ ހައިރާންކަމުގެ ކުލަވަރާއެކު އޭނާގެ ދެލޯ ވެސް ބޮޑުވުމުންނެވެ. ޒީޝާންގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އާރާގެ މިލާފައިވާ މޫނެވެ.
"ޒީ..." އާރާއަށް ލިބުނު ހައިރާންކަމުގައި ޒީޝާންއަށް ގޮވައިލެވުނެވެ. އެތެރެއަށް ވަންނަމުން ޒީޝާން އަނދިރިކޮށްލާފައިވާ ކޮޓަރީގެ ލައިޓް ދިއްލައިލިއެވެ. ޒީޝާންއަށް ފުރަގަސްދިން އާރާގެ ކުރިމައްޗަށް ހުއްޓިފައި ޒީޝާން ވާހަކަދެއްކިއެވެ.
"އާރާ..." އާރާގެ ރަތްވެ ދުޅަވެފައިވާ ދެލޯ އޭނާ ރޭގައި ވަރަށް ރޮއިފައިހުރިކަން ސާބިތުކޮށްދެމުން ދިޔައިރު،އޭރުވެސް އާރާގެ އެސްފިޔަތަކުގައި ތެތްކަމެއް ހުއްޓެވެ. ޒީޝާންގެ އަޑު ޖެހުމުން އާރާގެ ކެތްތެރިކަން އަނެއްކާވެސް ކޮޅުންލީއެވެ. އޭނާއަށް ޒީޝާންގެ ގައިގައި ބައްދައިލެވުނެވެ.
"މީ އަހަރެން ޒީގެ ބަސް ނޭހީމާ ވީ ގޮތް. އޭރުވެސް ޒީ ބުނީމު...... ޒީ ބުނީމު. ރަފްހާންއަކީ ރަނގަޅު މީހެއްނޫނޭ... އެކަމަކު އަހަރެން ގަބޫލެއް ނުކުރަން... އައި އެމް ސޮރީ" އާރާއަށް ވާހަކަ ދެކެވުނީ އަޅައަޅައި ގަންނަމުން ނެވެ. ޚުދު ޒީޝާން ވެސް އާރާ ހުއްޓުވާކަށް ނޫޅުނެވެ. އޭނާ ބޭނުންވަނީ އާރާއަށް އެ ފުރުސަތުދޭށެވެ. އެ ހަށިގަނޑުގައި ހުރި އުދާސްކަން ފިލުވައިލަން ފުރުސަތެއް ދޭށެވެ. އާރާ އަށް ރޯލަން ފުރުސަތު ދޭށެވެ. އޭނާ ގާތުން މާފަށް އެދެން ޖެހޭ ވަރު ކަމެއް ނުކުރާ ކަމުގައި ޒީޝާން ބުންޏެވެ. ހިތް ފުރޭންދެން އާރާ ރުޔެވެ. ހިތުގެ ޝަކުވާތައް ބޭރުކުރިއެވެ. އެކަމުގެ ސަބަބުން އޭނާގެ ނަފުސަށް ލުއި ލިބުނު ނަމަވެސް ޒަޚަމްތަކަށް އެއްވެސް ވަރަކަށް ޝިފާއެއް ނުލިބުނެވެ. އެންމެންގެ ތެރޭގައި އޭނާ ވި ބަދުނާމު އެހާ ފަސޭހައިން ހަނދާން ނައްތާލެވޭނީ ކިހިނެއްހެއްޔެވެ؟ ވަޒީފާއަށް ސަލާމް ބުނަން ޖެހުނީވެސް އެހެންވެއެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓިއްޖެއެވެ. ކުރެވޭނެ ކަމެއް ނެތެވެ. ހެދޭނެ އިތުރު ގޮތެއްވެސް މިއަދަކު ނެތެވެ.
"ރަފްހާން އެންމެންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލައިފި... އަހަންނަކަށް ނޭނގެ ދެން އެންމެނާ ކުރިމަތިލާނެގޮތެއް! އަޅެ ޒީ ބުނެބަލަ! އަހަރެން ބޭނުންވަނީ ވަޒީފާއިން ކެނޑެން!" އާރާއަށް އެންމެ ފަހުން ބުނެވުނެވެ. ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެން ދިޔަ ކަރުނަތައް ފޮހުނަސް ތާޒާ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.
"އާރޫ!. އެއީ އާރޫގޭ މައްސަލައެއް ނޫނޭ... އެއީ ރަފްހާންގެ ކުށް. އޭނާ ކުރި ކުށެއްގެ ސަބަބުން އާރޫގެ މުޅި ކެރިއަރ ވެއްޔާ މޮޑެލާ ވަރަށްވުރެ އާރޫ ސްޓްރޯންގެއް ނޫންތަ؟ ދުވަސްކޮޅަކުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. އެންމެން އެކަންތައް މަތިން ހަނދާންނެތޭނެ" އާރާ ހިންހަމަ ޖައްސުވަން ވާހަކަ ދެއްކި ނަމަވެސް ޒީޝާންއަށް ވެސް އާރާއަށް ކޮށްފައިވާ އަސަރު އަންދާޒާ ކޮށްލެވެއެވެ.
ޚުދު އޭނަ ނަމަވެސް ދެން ގޮސް މީހުންނާ ކުރިމަތިލާކަށް ނުކެރޭނެއެވެ. އާރާ ވަނީ އޭނާއަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުރެދީފަ އެވެ. އެހެންކަމުން އޭނާވެސް މި ވަގުތު އާރާގެ ކައިރީގައި ހުރެދޭން ބޭނުމެވެ. ހިތްވަރުދޭން ބޭނުމެވެ.
އެންމެ ގާތް އެކުވެރިޔާ އާ ވާހަކަ ދައްކައިލެވުމުން ހިންހަމަ ޖެހުނު އާރާ ކަރުނަތައް ފުހެލިއެވެ. މީހާ ހަމަޖެހިލިއެވެ.
ޒީޝާން މައުޟޫ ބަދަލުކޮށްލިއެވެ. އަރްޒަންއާ އޭނާގެ ވާހަކަ އާރާ ގާތު ބުނަން ކެތްތެރިކަން ކޮޅުންލި ނަމަވެސް އެކުވެރިޔާ އެފަދަ ހިތާމައެއްގައި ވަނިކޮށް އެފަދަ ވާހަކައެއް ބުނާކަށް ޒީޝާންއަކަށް ނުކެރުނެވެ. އެ ވާހަކަ ފަސްކޮށްލީ އެހެންވެއެވެ. އެތައް އިރަކު ޒީޝާން އާރާއާ ވާހަކަ ދައްކައިލަން އިނެވެ.
*****
އޮފީހުގައި މަސައްކަތުގައި އިން ރައުދާއަށް އިރުއިރު ކޮޅަކާ އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލެވެއެވެ. އައި ފަހުން އަދި މިއަދު އެއްފަހަރުވެސް އަޔާން އޭނާއަކަށް ނުގުޅައެވެ. ރައުދާވެސް ހުރީ އޭނާގެ ގޮތުގައެވެ. އަޔާންއަށް އިސްވެ ގުޅާކަށް އޭނާވެސް ބޭނުމެއް ނުވެއެވެ. އެ ދެމެދަށް އައިސްގެން އުޅޭ، ދުރުކަން ނެތިކޮށްލަން އެކަކުވެސް އިސްވެ ފިޔަވަޅެއް އަޅާކަށް ބޭނުމެއް ނޫނެވެ. އަޔާންގެ ޑިއުޓީވެސް މިއަދު އެބައޮތެވެ. ދިޔުމުގެ ކުރިން އަޔާން ގުޅާނެކަމަށް ހީކުރި ނަމަވެސް އަޔާންއެއް ނުގުޅައެވެ. އެކަމާ ރައުދާއަށް އަނެއްކާވެސް އަޔާންދެކެ ރުޅި އާދެވުނީއެވެ. ފޫހިވީއެވެ.
އޭނާގެ މޭޒުކައިރިއަށް މަޑުކޮށްލި މެނޭޖަރަށް ބަލައިލަމުން އޭނާ ކޮންޕިއުޓަރަށް ނަޒަރު ހުއްޓައިލިއެވެ. މާ ބޮޑު ސަމާލުކަމެއް ނުދޭ ހާލުގައެވެ. އެ މީހާ ރައުދާއަށް ބަލަން ހުރުމަށްފަހު ދުރަށް ހިނގައިގަތެވެ. ވިސްނުމުގައި ވަނީ ކީކޭކަން ދެނެގަންނަން އުނދަގޫވިއެވެ.
އަޔާން އެއާޕޯޓަށް ގޮސްފައިވެސް ރައުދާއަށް، ގުޅުމުގެ ޚިޔާލެއް ނުކުރެއެވެ. އިނދެގެން މިހާ ދުވަސް ވީއިރުވެސް ދެމީހުންގެ ދެމެދުގައި މި ނޫނީ މިފަދަ މައްސަލައެއް ނުޖެހެއެވެ. އެކަމަކު އެކަކުވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ. ވެރިވެގެން އުޅޭ ދުރުކަން ހައްލުކުރާކަށް ވެސް ބޭނުމެއް ނޫނެވެ.
*****
ނިދަން އޮށޯވެފައި އަރްޒަން ޒީޝާންގެ ނަންބަރަށް ގުޅައިލިއެވެ. ހެޑްސެޓް ޖަހައިލަމުން ހުސްގަޔާ އޮތް އަރްޒަން އޭނާގެ ތަނަވަސް މޭމަތީގައި ފޯނު ބާއްވައިލިއެވެ.
ކުޑަކޮށް ނިދި ޖެހެމުންދިޔަ ޒީޝާންގެ ފޯނު ރިންގްވި އަޑާއެކު އޭނާ ސައިޑް ކަބަޑު މަތިން އޭނާގެ ފޯނު ނެގިއެވެ.
އަރާފައިވާ ނަން ފެނި ނިދި ވެސް ފިލައިފިއެވެ. އަވަސްއަވަހަށް އެނދުގައި އިށީނދެފައި އޭނާއަށް އިސްތަށިގަނޑުގައި އަތް ފުނާ އަޅާލައި ރީތިކޮށްލެވުނެވެ. ހީވަނީ އަރްޒަން ކުރިމަތީގައި ހުރީ ހެންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ފޯނު ނަގާ އޭނާ ކަންފަތުގައި ޖައްސައިލަމުން ދެލޯ މަރައިލިއެވެ.
ހިނދުކޮޅެއް ފާއިތުވެގެން ދިޔައިރު ވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. އެ ހަމަހިމޭންކަން ފޫދުއްވައިލަމުން ޒީޝާންއަށް އެންމެ ފުރަތަމަ ގޮވައިލީ އަރްޒަންއެވެ. ޒީޝާން މަޑުމަޑުން އާއެކޭ ބުނެލުމާއެކު އަރްޒަން ވާހަކަ ދައްކަން ފެށިއެވެ.
"ކީއްކުރަނީ؟" ޒީޝާން އޭނާ ނިދަން އޮށޯތީކަމަށް ބުނަން ބޭނުން ނުވުމާއެކު ފޮތެއް ކިޔަނީ ކަމަށް ބުނެލިއެވެ. ނިދަނީ ކަމަށް ބުނުމުން އަރްޒަން ފަހަރެއްގައި ފޯނު ބާއްވަފާނެއެވެ.
ގިނައިން ވާހަކަ ދައްކަނީ އަރްޒަންއެވެ. ޒީޝާންއަށް ބުނާނެ އެއްޗެއް ގިނަ ފަހަރަކު ނޭނގެއެވެ. ހުރެވެނީ ހުއްޓުން އަރާފައެވެ. އަރްޒަންގެ އެ ފިރިހެންވަންތަ އަޑު އިވުމުން އެކަނިވެސް އޭނާ ފިނިވަނީއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި ފޯނު ބޭއްވުމާއެކު، ޒީޝާންއަށް ފޯނު ގެނެސް މޭގައި ޖައްސައިލެވުނެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލެވުނެވެ.
*****
ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ކަމާލުގެ ނިތަށް ރޫތައް ގިނަވެފައި ވާއިރު އޭނާގެ އަތުގައި އޮތް ފޯނަށް ބާރުކޮށްލާފައިވެއެވެ. ދެބުމަ ވަނީ ގޮށްޖެހިފައެވެ. ފިޔަވަޅުތައް މަޑު ޖައްސައިލަމުން އޭނާ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އެއަށްފަހު އޭގެން ޖައުފަރުގެ ނަންބަރު ހޯދާ ގުޅައިލިއެވެ. ލަސްތަކެއްނުވެ އެކޮޅުން ފޯނު ނެގުމާއެކު ކަމާލު ވާހަކަ ދެއްކިއެވެ.
"ކަލޭ ބުނީ އަސަރު ވަރަށް އަވަހަށް ފެންނަން ފަށާނެޔޭ. އެކަމަކު އެއްކަމެއް ވެސް ނުވެޔޭ... ހެދި އެތިފަހަރު އަނެއްކާ ރަނގަޅުތަ؟" އެ އަޑުގައި ވަނީ ހިންހަމަ ނުޖެހުމެވެ.
"އަހަރެން ބުނިން ދޯ ބަރާބަރު ސާޅީސްދުވަހޭ ވާނީ... ކެތްތެރިވެބަލަ. އަދި މިއުޅެނީ ފަނަރަ ދުވަސް ނުވެގެން!!!" ޖައުފަރު އެކޮޅުން ބުނެލިއެވެ.
"އަހަންނަށް އިތުބާރުކުރޭ. މި ފަދަ ކަންތައްތަކަށް ވަގުތު ކޮޅެއް ނަގާނެ!" އަނެއްކާ ވެސް ޖައުފަރު ބުނެލިއެވެ.
ކަމާލުގެ ރުޅިގަނޑު ފިނިކުރުވަން ޖައުފަރަށް އެތަކެއް ވާހަކައެއް ދައްކަން ޖެހުނެވެ. ފޯނު ކޯލު ނިންމާލުމަށްފަހު, އޭނާ ގޮސް ވަނީ ކުރިން ވެސް ވަތް ކޮޓަރިގަނޑަށެވެ. އެތަނުގައި ހުރި އަޅިތަކުން އޭރުވެސް ދުން އަރަމުން ދިޔައެވެ. ހީވަނީ އޭނާ ނުކުތީވެސް އެތަނުގައި ކޮންމެވެސް މަސައްކަތެއް ކުރަން އިނދެފައި ހެންނެވެ.
(ނުނިމޭ)