"ނަތިންގް. އެ ގެ ހީވަނީ... ނޭނގެ..." ބުނެދޭކަށް އަރްޒަންއަކަށް ނޭނގުނެވެ. އޭނާ އަޔާންމެންނާ އެކީ ހިނގައިގަންނަމުން ވެސް އެނބުރިލާ އެ ގެއަށް ބަލައިލިއެވެ. އޭރު އަރްޒަން އަށް ނޭނގުނުކަމަކީ އެއީ ފިރާޤުވެސް ރޭގައި އައިސް މަޑުކޮށްލި ހިސާބުކަމެވެ. ފިރާޤުގެ ނަޒަރުވެސް ހުއްޓުނުގެ ކަމެވެ. އެއީ ފިރާޤުގެ, ގެ ކަމެވެ.
ގެއަށް ދިޔުމަށްފަހު, އަޔާންއާއި ޖިނާންއާ ދެމީހުންވަނީ ކޮޓަރިއަށް ކަމަށްވިޔަސް, އަރްޒަން މަޑުކޮށްލީ ސިޓިންރޫމް ސޯފާގައެވެ. ފޯނު ހުޅުވައިލަމުން ފޭސްބުކަށް ވަދެލާ ނިއުސްފީޑް ހާވަން ފެށިނަމަވެސް، އޭނާއަށް އެކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ސިކުނޑީގައި ކުރެހިފައިވަނީ އެ ފަޅު ގޭގެ ތަސްވީރުތަކެވެ. އޭނާއާ އެ ގެއާ ކޮންމެވެސް ކަހަލަ ގުޅުމެއްވަނީ، އޭނާ ހިތް ބުނަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ. ނޭނގޭ އުނދަގުލަކާ ނުތަނަވަސްކަމެއ،ް އޭނާގެ މުޅި ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ. އަލުން އެ ހިސާބަށް ދާން އޭނާ ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ. އެ ޚިޔާލުތަކާ ދުރަށްދާން ކުރި މަސައްކަތް ބޭކާރުވެ، އެ ވިސްނުމުގައި އެތައް އިރެއް ފާއިތުވިފަހުން އެންމެ ފަހުން، ކެތްނުކުރެވި އޭނާ އެތަަނަށް ދާންވެގެން ސޯފާއިން ތެދުވިއެވެ. ނަސީބު ދެރައީކަމެއް ނޫންކަމެއް ވެސް ނޭނގެއެވެ. ފިރާޤު އާއެކު އިރުފާން އައިސް ގެއަށް ވަންނަނީއެވެ. ފިރާޤަށް ފޯނެއް އައީ އެވަގުތެވެ. އޭނާ އަރްޒަންއަށް ބަލައިލާ ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ގޮސް ވަނީ ކޮޓަރިއަށެވެ.
"ބައްޕަ ކިހިނެއް؟" ގުޅީ އަންވަރެވެ.
"ރަނގަޅު! އަލްޙަމްދު لِلَّٰهِ" އަންވަރު ހުންނަނީ އަބަދާ އަބަދު އޭނާއާ މެދު ކަންބޮޑުވެފައިކަން ފިރާޤަށް އެނގެއެވެ. ޚާއްސަކޮށް އައްޑުއަށް ދިޔަ ދަތުރުގައި ފްލައިޓަށް ދިމާވި ހާދިސާގެ ސަބަބުންވެސް އަންވަރު ހުންނަނީ އަބަދު ޝައްކެއްގެ މަތީގަ އެވެ.
"ކޮން އިރަކުން އަރްޒަންއަށް ހަޤީޤަތް ކިޔައިދޭނީ؟" އަންވަރު ގެ ސުވާލާއެކު ފިރާޤަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޚުދު އޭނާ ވެސް ބޭނުންވަނީ އަރްޒަންއަށް ހަޤީގަތް ކިޔައިދޭށެެވެ. އެކަމަކު އަދި ވަގުތު ނުޖެހެނީހެން ހީވެ ފަސްޖެހެވެނީއެވެ.
"ދެން އުޅެންވީ އެކަމާވެސް... އެކަމަކު އެ ޝިންޝިނާއަކީ ކާކުކަން ޔަޤީންކުރުމަށްފަހު… " ފިރާޤު އޭނާގެ ވިސްނުން ހުރި ގޮތް ބުނެލިއެވެ.
"ކަންތައްތައް ރަނގަޅުތަ؟ އެއްވެސް ގޯހެއް އުޅޭތަ؟" އަންވަރަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.
"އަދި އެއް އެއްވެސް ކަހަލަ ގޯހެއް ނެތް! އެކަމަކު ކަންތައްތައް ހޯދަން ފަށާއިރަށް ކަންތައްތައް މާ ރަނގަޅަށް ދާނެޔެކޭ ހިތެއް ނުބުނޭ! އިރުފާން ވެސް އެކުގައި ހުރުމަކީ ނަސީބެއް... މާޒީއާ ގުޅިފައިވާ ކަމެއްކަމުގައި ވާއިރު ކުރީ ފަހަރަށް ވުރެ ވަކި، ކުރަންޖެހޭ ކަންތައް ކުޑައެއް ނުވާނެހެން ހީވަނީ..." ފިރާޤު ބުނެލިއެވެ.
އެދުވަހު ހަވީރު ފިރާޤު އަރްޒަން ކައިރީގައި ކިޔެވިއެވެ. އެހެންނަމަވެސް، މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެފަހަރުވެސް އެނގުނު އެއްޗަކީ މާޒީއާ ގުޅުންވާކަން އެކަންޏެވެ. އިތުރު އެއްޗެއް އެނގޭ ގޮތެއްނުވިއެވެ. ޖިންނި ބުނީ ބަދަލް ހިފުމަކީ އެމީހުންގެ ރޫޙެއްކަމުގައިނަމަވެސް އޭނާ އަރްޒަންއަށް ޓަކައި އަރްޒަން އަށް ގެއްލުމެއް ނުދިނުމަކީ ފިރާޤުމެން އެކަމާ ޝުކުރު ކުރަން ޖެހޭ ކަމެއްކަމުގައެވެ. އެކަމާ ފިރާޤު ވިސްނިއެވެ. އެ ޖިންނި އެ ހިފަން އުޅުނީ ކޮންކަމެއްގެ ބަދަލެއްކަން ނޭނގުނުކަމުގައި ވިޔަސް، އޭނާއަށް ޔަޤީންވީ އެއްޗަކީ އަރްޒަންގެ ފުށުން ނޫނީ އަރްޒަންގެ އާއިލާގެ ފަރާތުން އެއަށް ގޯނާއެއް ކުރެވިފައިވާ ކަމުގައެވެ. އޭނާއަށް ބޮޑަށް ބުރަވެވެނީ މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށެވެ. އެކަމާ އޭނާ ހުންނަނީ ކަންބޮޑުވެފައެވެ.
އެހެން ގޮތަކުން ވެސް، އޭނާއަށް މިއަދު ކުރިއެރުން ލިބުނެވެ. އެ ޖިންނި ވޭނުގައި އުޅުނުކަން އޭނާއަށް އެނގެއެވެ. އެވަރުންވެސް އަރްޒަން ދޫކޮށްލާކަށް އެއްބަހެއް ނުވެއެވެ. އޭނާ ބުނީ އަރްޒަން ދެކެ ލޯބިވާ ކަމުގައެވެ. އިންތިހާ ބޭނުންވާ ކަމުގައެވެ. އެމީހުންނަކީ ކަމެއް ހާސިލްކުރަން ބޭނުންވެއްޖެ ހިނދެއްގައި އެކަމެއް ކޮށްފައި ނޫނީ ދޫކޮށްލާ ބައެއްނޫން ކަމުގައި ވެސް ބުންޏެވެ. އެ ބަހަކީ ފިރާޤު ނުހަނު ހާސްވެ ކަންބޮޑުވާ ބަހެއްކަމުގައި ވެއެވެ.
އެރޭގެ ވަގުތެކެވެ. ނިދިފައިވި އަރްޒަން ދެފަރާތަށް ފުރޮޅިލީ ފިނިވަމުން ދިޔައީތީއެވެ. އިރުއިރުކޮޅުން އޭނާގެ ހަށިގަނޑުގައި ފިނިފިނި ރޯޅިއެއް ބީހެމުން ދިޔައެވެ. އަނެއްބައިފަހަރު ފިނި އަތެއްގެ ބީހުންވެސް އިޙްސާސްވާހެން ހީވެއެވެ. ރަޖާގަނޑުން ހަށިގަނޑު ނިވާކޮށްލާ މީހާ ހަމަޖެހިލި ނަމަވެސް، އަތުން ލޫދިގެން ދާފަދަ ގޮތަކަށް ރަޖާގަނޑު ތިރިއަށް ވެއްޓުނެވެ. ފުންނިންޖެއްގައި ވާތީ އޭނާއަށް އެކަން އިޙްސާސްވިހެނެއް ހިޔެއްނުވެއެވެ. ދެބަ ދޭތެރޭގައި އޮތް އަރްޒަން، ރަޖާގަނޑުގައި އަތް ޖެހޭތޯ އޭނާ ދެފަރާތަށް އަތް ހޫރައިލިއެވެ.
"އާދޭ... އާދޭ!" ކުއްލިއަކަށް ކަންފަތު ކައިރީގައި މީހެއްގެ ތުންފަތުގެ ބީހުން އިޙްސާސްވުމާއެކު، އޭނާއަށް އަޑު އިވުނެވެ. އެ އަޑު އައީ ވައި އަޑުންނެވެ. ކޮންމެވެސް ވަރަކަށް ހީބިހި ވެސް ނެގިއެވެ. އެކަމަކު އޭރުވެސް އޭނާއަށް އޮވެވުނީ ދެބަދޭތެރޭގައެވެ.
"އަރްޒަން! އާދޭ... ލޯބިވޭ" ދެން އެ އަޑު އިވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު އޭނާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. ތެދުވެ އެނދުގައި އިށީނދެ ދެފަރާތަށް ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ. ހިސާބަކަށް އަރްޒަން ކަންބޮޑުވިއެވެ. ބިރުވެސް ގަތެވެ. ދިއްލާފައިހުރި ބޮކީގެ އަލި ގަދަކޮށްލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން އަރްޒަންއަށް ހިންދިރުވައިލެވުނެވެ. އެއީ އަނެއްކާ އޭނާއަށް ހީވި ހީވުމެއް ހެއްޔެވެ؟ ނޫނީ އެއީ ހުވަފެނެއް ހެއްޔެވެ؟
"އާދޭ..." އަނެއްކާވެސް އޭނާގެ ކަންފަތް ދޮށުގައި މީހަކު ބުނެލިއެވެ. އެއާއެކު އެއީ ހީވި ހީވުމެއް ނޫންކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ. ހިންދުރުވައިލުމާއެކު ވަށައިގެން އަރްޒަން އަނެއްކާވެސް ބަލައިލިއެވެ.
ޖެހިޖެހިގެން އަނެއްކާވެސް ތިން ފަހަރު އެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެއެވެ. އެއާއެކު އޭނާއަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެ، އަސަރުތަކެއް ކުރަންފެށިއެވެ. އެނދުން ތެދުވެ އޭނާ ކޮޓަރީގެ ދޮރާ ދިމާލަށް ދާންފެށިއެވެ. ފިޔަވަޅު އެޅެނީ ބޭއިޚްތިޔާރުގައވެެ. ކޮޓަރީގެ ދޮރުގައި ހިފާ ހުޅުވައިލުމާއެކު، އޭނާ ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅައިލިއެވެ. ސިޓިންރޫމުގައި ވެސް ހުރީ ވަރަށް ފަނޑު އަލިކަމެކެވެ.
"އާދޭ..." އޭނާގެ ކަންފަތް ދޮށުގައި އަނެއްކާވެސް އެ މީހަކު ބުނެލިއެވެ. ދެކޮޅު ވަށާ ހޯދައިލި ނަމަވެސް މީހަކު ފެންނާކަށް ނުހުރެއެވެ.
އެއަޑަށް އޭނާ ހޭނިއްޖެއެވެ. ބިރުވެރިކަންވެސް ފިލައިފިއެވެ. އޭނާ ބޭނުންވަނީ މިހާރު ދާށެވެ. އެ އަޑު އަންނަ ދިމާލަށް ދާށެވެ. ސީދާ އެ އަޑު އަންނަ ދިމާ ނޭނގުނު ކަމުގައި ވިޔަސް އޭނާގެ ފިޔަވަޅުތައް އެ އަޑާ ދިމާލަށް ގެންދަނީއެވެ. ބުނެދޭން ނޭނގޭ ޖަޒުބާތު ތަކަކާއި އަސަރުތަކެއް މުޅިހަނޑިގަނޑުގައި އުތުރި އަރަނީ އެވެ. އޭނާ ގެއިން ނުކުތެވެ. މިސްރާބުޖެހުނީ ކޮން ދިމާލަކަށް ކަމެއް ނޭނގުނު ނަމަވެސް އޭނާ، އެދަނީ އެ އަޑު އޭނާ ގެންދާ ދިމާލަށެވެ. އޭނާގެ ހަށިގަނޑުގައި ވަނީ ބުނެދޭން ނޭނގޭފަދަ އަރާމެކެވެ.
ދަންވަރުގެ ވަގުތުގައި އެކަނިމާއެކަނި އޭނާ ހިނގާފައި ދިޔައީ ރަށުގެ ފުއްޓަރު ފަރާތަށެވެ. އެ ހިސާބުގައި އަދިވެސް މީހުން އުޅެނީ ފުދޭވަރަކަށް މަދުންނެވެ.
ތަނުގައިވި އަނދިރިކަމާއެކު، ވެސް އަރްޒަންގެ މޫނުމަތިން އެއްވެސް ކަހަލަ ޖެހިލުންވުމެއްގެ އަސަރު ފެންނާކަށް ނެތެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ތުންފަތް މަތީގައި ކުޅެލަ ކުޅެލާ ހުރި ލުއި ހިނިތުންވުން އެކަނިވެސް އެކަމަށް ހެކިދެއެވެ.
އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ފުއްޓަރު ފަރާތުގައި ހުރި ފަޅުގެއަކާ ހިސާބުންނެވެ. އެ ހަމަހިމޭން މާހައުލުގައި އޭރުވެސް ފުއްޓަރަށް މުގުރަމުންދިޔަ ރާޅުގެ އަޑު މަޑު މިއުޒިކެއްގެ ސިފައިގައި އިވިއިވި ހުއްޓެވެ. ކުއްލިއަކަށް އެ ހިސާބުގައި ވި ފަޅުކަން ފިލުވައިލީ އުދުހިފައި ދިޔަ ކާޅުތަކެއްގެ ހަޅޭކުގެ އަޑާއެކުގައެވެ. ހީވަނީ އެ ސޮރުމެންވެސް ކޮންމެވެސް ބިރެއްފެނިގެން ފިލަނީހެންނެވެ.
އަރްޒަންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވީ އެ އަޑާއެކުގައެވެ. އޭނާއަށް ހަމަހޭވެރިކަންވީ ދެނެވެ. އަރްޒަން އޭނާގެ ވަށައިގެން އެކި ތަންތަން ހޯދިއެވެ. ފެންނަނީ ވަށައިގެންވީ ގަސްތަކެވެ. ތަންކޮޅެއް ދުރުގައި އިތުރު ދެ ގެއެއް ހުރިތަން ފެނުނެވެ. އެތަނުން އެއްގޭގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުއްޓާ އޭނާ ދުއްޓެވެ.
އެދިމާލަށް ހިނގައިގަންނަން ފިޔަވަޅު އަޅައިލިތަނާ އޭނާގެ ކަންފަތުގައި ޖެހުނީ ޒީޝާން ނޫން ދެވަނަ މީހެއްގެ އަޑެއް ނޫނެވެ.
ކުޑަކޮށް ސިހުނު އަރްޒަންއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު އޭނާގެ ގާތަށް ޝިންޝިނާ އަންނަމުން ދިޔައެވެ. އޭނާ ކައިރިވީ ވަރަކަށް އެމޫނުމަތީގައިވި އަސަރުތަކެއް އަރްޒަންއަށް ސާފުވާގޮތްވިއެވެ. ހަނދުވަރުގެ އަލި ދީފައިއޮތުމުން ތަނުގައި ފަނޑު އަލިކަމެއް ހުއްޓެވެ.
"އަހަރެން ކައިރިއަށް ނާންނާތި! ދުރުގައި ހުރޭ!" އަރްޒަން ހަރުއަޑުން ބުނެލިއެވެ. އޭނާ ބިރުގަތެވެ. ޚާއްސަކޮށް ޝިންޝިނާ އޭނާގެ މައްޗަށް ބާރު ހިންގާ އޭނާ އެތަނަށް ގެނައިކަން އެނގުމުންނެވެ. ވަގުތުން ޝިންޝިނާ އޭނާގެ ފިޔަވަޅުތައް ހުއްޓައިލިއެވެ. އޭރު އޭނާ ހުރި ގައިގަނޑަކަށް އަރްޒަންއާ ފަސްފޫޓެއްހައި ކައިރީގައެވެ.
"ޒޭން!" ޝިންޝިނާ ގޮވައިލިއިރު، އެ އަޑުގައި ޖަޒުބާތީ އަސަރެއްވެއެވެ. އަރްޒަންއަށް ރަނގަޅަށް ޝިންޝިނާގެ މޫނަށް ބަލައިލެވުނީ ދެނެވެ. މޫނުގެ އެކި ހިސާބުތައް ކަޅުވެފައިވާއިރު ހީވަނީ އަނދާފައި ހުރިހެންނެވެ. އަތްފައިގައިވެސް ހުރީ އެހެންނެވެ. އެ ދެލޮލުގައި ވަނީ ހިތާމަވެރިކަމެވެ. މޮޅިވެރިކަމުން އެމޫނުމަތި ވަނީ ބަނަވެފައެވެ. އެހެންޏާ ހުންނަ މައުނަވީ ހިނިތުންވުމެއް އެ ތުންފަތް މަތީގައި ނުވެއެވެ.
"ޒޭން... އަހަރެން އަހަރެންގެ ޙާލަށް ދޫކޮށްލާނީތަ؟" ޝިންޝިނާ އަހައިލިއެވެ. އެ އަޑު މަޑެވެ.
"ދުރަށް ދޭ!" އަރްޒަން ބުނެލިއެވެ. އޭނާ އަދިވެސް ހަމައަކަށް ނޭޅެއެވެ.
"އަހަރެން އަރްޒަންއަށް ކޮން ގެއްލުމެއްތަ ދިނީ... އަހަރެންގެ ކުށަކީ އިންތިހާ ލޯބިވުންތަ؟" ޝިންޝިނާ އަހައިލިއެވެ. އެ އަޑުގައި ވަނީ އެހެންޏާ ނުހުންނަފަދަ އަސަރެކެވެ.
"ކިހިނެއްވެފަތަ ތިހުރީ؟" އަރްޒަންއަށް ބޭއިޚްތިޔާރުގައި އެ ސުވާލުކޮށްލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ އެހެން އަހައިލުމާއެކު ޝިންޝިނާ އިސްޖަހައިލިތަން ފެނުނުއެވެ.
"މިއީ ފިރާޤު އަހަންނަށް ދިންއަނިޔާ..." ޝިންޝިނާ އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.
"ކިހިނެއް؟" ވިސްނާނުލާ އެސުވާލު ކޮށްލި އަރްޒަންއަށް، ވީގޮތް ނަގައިގަނެވުނީ އޭގެ ފަހުންނެވެ. އޭނާއަށް ޝިންޝިނާ އާ މެދު ޙަމްދަރުދީ ވެވުނެވެ. އެކަމަކު އެއީ ޖިންނިއެއްކަން އޭނާގެ ސިކުނޑިއަށް ވިސްނުމާއެކު، ދެވަނަ ސިކުންތުގައި އޭނާގެ ނިތަށް ރޫތަށް ގިނަކޮށްލާ ދެބުމަ ވެސް ގޮށް ޖަހައިލިއެވެ.
"ކަލޭ ނުވާނެ ދުވަހަކުވެސް ރަނގަޅެއް، އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި ނަމަ އަހަރެން މިރޭގަނޑު މިތަނަކަށް ނާންނާނެ! އަހަރެންދެކެ ލޯބިވާނަމަ އަހަންނަށް އޮޅުވައިލައިގެން ވެސް ކަލޭ އަހަރެން މިތަނަކަށް ނުގެންނާނެ!. " އަރްޒަން ބުނެލިއެވެ. އޭނާ މިހާރަކު ޝިންޝިނާ ދެކެ ޖެހިލުމެއް ނުވެއެވެ. ޝިންޝިނާ އޭނާއާށް ގެއްލުން ނުދޭނެކަމުގެ ޔަޤީންކަން އޮތްލެން ބޮޑުކަމުން ކަންނޭނގެއެވެ.
"ކީއްވެ މިހާރު އަހަންނަށް ތިހާ ނަފްރަތުކޮށް އަހަރެން ތި ދުރުކޮށްލީ... އަހަރެންގެ ފަރާތުން ޒޭންއަށް އެއްވެސްކަމެއް އުނިވިތަ؟ އަހަރެން ވީ ވަރަށް ޒީޝާން އަރްޒަން ދެކެލޯބިވޭތަ؟ ތި ދެމީހުންގެ ދެމެދުގައި ހަމަޖެހުންވޭތަ؟ އަހަރެން ދިންގޮތަށް ޒީޝާންއަށް އަރްޒަންއަށް އުފާވެރިކަން ދެވޭތަ؟" ޝިންޝިނާ ކުރިއަށް އެއްފިޔަވަޅު އަޅައިލިއެވެ.
"އަހަންނަށް މިފަދަ އަނިޔާތައް ދޭން އަހަރެން ކުރި ކުށެއް ބުނެދީބަލަ!" ޝިންޝިނާ ސީދާ އަރްޒަންގެ ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ އަތް އުފުއްލައިލާ ރީތިކޮށް ދައްކައިލިއެވެ. މޫނަށް ވުރެ އަތުގައި ޒަޚަމްތައް ބޮޑެވެ.
"ޒޭން... އަހަންނަށް އަނިޔާ ނުކުރޭ!" ޝިންޝިނާ އަރްޒަންގެ ހަށިގަނޑާ ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ހުއްޓުނެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ އަރްޒަންގެ ދެލޮލަށް ހުއްޓިފައެވެ.
އޭނާ މަޑުމަޑުން އަރްޒަންގެ ގަމީހުގައި އަތް ޖައްސައިލިއެވެ. އެއަށްފަހު ގޮށަކަށްފަހު، ގޮށެއްނައްޓަމުން ދިޔައިރުވެސް އަރްޒަންއަށް އެކަން މަނައެއް ނުކުރެވުނެވެ. އޭނާ ހިތުގައި ވަނީ ޝިންޝިނާއާ މެދު ހަމްދަރުދީއެވެ.
އަރްޒަންއާ އޭނާއާ ދެމެދު ވާ ދުރުމިން ނައްތާލަން ޝިންޝިނާ މަސައްކަތް ކުރިއެވެ.
*****
އަރްޒަންއަށް ހޭލެވުނީ ކާޅުތަކެއްގެ ހަޅޭކާއެކު ގައެވެ. އެއާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ހާމައަށް އޮތް އުޑުމައްޗެވެ.
(ނުނިމޭ)