ދެފަރާތަށް އަވަސް ކަޅިއެއް ހިންގައިލުމަށްފަހު، ޖައުފަރު ފުންނޭވާއެއް ދޫކޮށްލިއެވެ.

އެއްފަރާތުގައި މަރުވެފައި އޮތް ކުކުޅާ ދިމާލަށް އޭނާ އަވަސް ފިޔަވަޅުތަކެއް އަޅައިލިއެވެ. އެ ހިފައިގެން އައިސް، ދެފައި ވަށްކޮށްލައިގެން އޭނާ އެތަނުގައ ހުރި އަޅިފުނި ކައިރީގައި އިށީނެވެ. އެއްފަރާތުގައި ހުރި ލަކުޑިތައް އެތަނަށް އަޅައިލުމަށްފަހު، ޖީބުން ނެގި އަލިފާން ފޮށިން ދަނޑިކޮޅެއްގައި ރޯކޮށްކޮށްލިއެވެ.

ބަލަންހުރުމަށްފަހު، އޭނާ އަތުގައި އޮތް ކުކުޅު އަލިފާންގަނޑުގެ ތެރެއަށް އެއްލައިލިއެވެ. ތަނުން ދުވި ނުބައި ވަހުން ވެސް ޖައުފަރަށް އުނދަގޫވީހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދީގެންނެވެ. އެއްފަރާތުގައި ބާއްވާފައި އޮތް ފޮތްބޮނޑިއަށް ބަލައިލުމަށްފަހު، ޖައުފަރު ލޯ މަރައިލިއެވެ. އެއަށްފަހު އޭނާ އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އެ ކިޔަނީ ކީކޭކަން ސާފު ނުވިއެއްކަމަކު، ބައެއްފަހަރު އޭނާގެ އަޑު މަޑުވެ ބާރުވެއެވެ. ތަނުގެ އެތެރޭގައި އާދަޔާ ޚިލާފު ވައިރޯޅިއެއް އެނބުރެން ފެށީވެސް ހަމަ އެވަގުތެވެ.

ޖައުފަރުގެ ކަންފަތް ދޮށުގައި ބާރު ބާރަށް މީހަކު ހަޅޭއްލަވައިގަތުމާއެކު، ޖައުފަރުގެ ލޯ ހިނދުކޮޅަކަށް ހުޅުވުނެވެ. ވަށައިގެން ބަލައިލި ޖައުފަރުގެ ކަޅި ކޮޓަރީގެ އެއްފަރާތު ކަނަށް ހުއްޓުނެވެ. އެ ހިނދު އޭނާގެ ހަރަކާތްތައް މަޑުޖެހިލިއެވެ.

"އިތުރު އެއްވެސް ފުރުސަތެއް ކަލެއަކަށް ނުލިބޭނެ!" ހަރުކަށިކަން އަޑަށް ވެރިކޮށްލަމުން ޖައުފަރު ހަރު އަޑުން ބުނެލިއެވެ. ޖައުފަރުގެ ކަރަށް ބާރުވާން ފެށި އިޙްސާސްއާއެކު، އޭނާ ހަރަކާތްތައް އަވަސްކޮށްލިއެވެ. ކުރިމަތީގައި ހުރި އެތީގެ މަޤްސަދަކީ ކޮބައިކަން އޭނާއަށް އެނގޭފަދައެވެ. އެފަދަ އެއްވެސް ފުރުޞަތެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

އެއްފަރާތުގައި އޮތް ކުޑަ ގަނޑުކޮޅު ނަގާ އޭނާ އެއަށް ނަޒަރު ހުއްޓައިލިއެވެ. އެއީ އޭނާ އެ ފޮށިތެރެއަށް ލާންވެގެން ލިޔުނު ގަނޑުކޮޅެވެ. އެއްމިޔަކަށް ހީލަމުން އޭނާ އެ ގަނޑުކޮޅު އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލިއެވެ. އެވަގުތު އެތަނަށް އާދަޔާ ޚިލާފް ދުންތަކެއް ފެތުރިގަތެވެ. އެ ދުންތައް ފަނަރަ މިނިޓް ވަންދެން އެތަނުގައި ހުއްޓެވެ. އަލިފާންގަނޑުގެ ތެރޭގައި އަނދަމުންދިޔަ ލަކުޑިތައް އެކީ ވިރެންދެން ޖައުފަރު ތުންތެޅުވިއެވެ.

ބުނެދޭން ނޭނގޭ ފަދަ ނުބައިވަހެއް މުޅިތަނުގައި ހިފާލާފައިވެއެވެ. ބައެއްފަހަރު އާދަޔާ ޚިލާފު ބަރު އަޑަކުން އެތަނުގެ އެތެރެ ގުގުމާލާހެން ހީވެއެވެ. އަނެއްބައިފަހަރު އެ ކޮޓަރިގަނޑުގެ ތެރެއިން ބައިވަރު އެއްޗެހިތަކެއްގެ ހިޔަނިވާހެން ވެސް ހީވެއެވެ. އެއީ ހަމަ ގައިމުވެސް ކޮންމެވެސް ރޫހާނީ ބާރެކެވެ.

ކޮޓަރިތެރެ އެކީ ސާފުވުމާއެކު، ޖައުފަރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރު އަޅިފުނިން ދުންއަރަމުން ދިޔައެވެ. އަލިފާންގަނޑު ވަނީ އެކީ އެކައްޗަކަށް ކަހަލަ ގޮތަކަށް ނިވިފައެވެ. ހިންދެމިލި ޖައުފަރުގެ މޫނުމަތީގއި ދާތިކިތައް ވިދަމުން ދިޔައެވެ.

އޭރުވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަން ނުފިލައެވެ. އެތެރޭގައި ހިފާލާފައިވާ ނުބައިވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު އޭނާއަށް ނޭވާ ހިފައްޓާލެވުނެވެ. އެ ޖިންނީގެ އުނދަގުލުން ސަލާމަތްވިކަމުގެ ފުރިހަމަ ޔަޤީންކަމާއެކު ޖައުފަރު، އެތަނުން ނުކުތުމަށް ހިނގައިގަތީ އަދިވެސް އެއްފަހަރު އެތަނަށް ވަށައިގެން ބަލައިލުމަށްފަހުއެވެ.

ދޮރާ ހިސާބަށް ދެވުނީ ކިރިޔާއެވެ. އޭނާ ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ފަހަތުން ވަރަށް ބާރަށް މީހަކު ހިފެއްޓި ފަދަ އިޙްސާސްއެއް ޖައުފަރަށް ކުރެވުނެވެ. ދެވަނަ ސިކުންތުގައި ހަމަ އެހާ އަވަހަށް އޭނާގެ ގިރުވާނަށް ދޫކަމެއް ލިބިގެންދިޔައެވެ. ވަށައިގެން ބަލައިލި ޖައުފަރު ނުރައްކަލެއްގެ ހިލަންވޭތޯ މުޅި ކޮޓަރިތެރެ ސްކޭންކޮށްލިއެވެ.

އިތުރުކަމެއް އޭނާއަށް ފާހަގަ ނުކުރެވުމާއެކު، އަވަސްއަވަހަށް އޭނާ އެތަނުން ނުކުތެވެ.

އޭގެފަހުން ތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޖައުފަރަށް، އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިނުވުމާއެކު, އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ކަމާލުގެ ފޯނު ކޯލެއް ޖައުފަރަށް ލިބުނީ ހަތަރު ވަނައަށް ވީ ދުވަހުގެ އިރުއޮއްސި ބަންގި ގޮވިފަހުންނެވެ.

"ކޮބާ އަހަރެން ބުނި ކަންތައްވެއްޖެ؟" ކަމާލުގެ ސުވާލާއެކު ޖައުފަރަށް، އޭނާގެ ނިތުގައި އަތް ހިންގައިލެވުނެވެ.

"ކުޑަކަމެއް ދިމާވެގެން އަދި އެކަން ކުރެވޭ ގޮތް ނުވެގެން މިއުޅެނީ!" ސީދާ ތަފްސީލު ދޭން ބޭނުންނުވާތީ ޖައުފަރު ބުނެލިއެވެ. އިތުރަށް ޖައުފަރު ބުނީ އެކަމާ ހާސްނުވުމަށާއި، އޭނާ އެކަންތައް ކަމާލަށް ކޮށްދޭނޭ ކަމުގައެވެ. އޭނާއަށް އިތުބާރު ކުރުމަށެވެ. އެކަމަކީ ނުރައްކާތެރިކަމެއް ކަމުގައެވެ. މީހެއްގެ ފުރާނައާ ކުޅުމަކީ އާދައިގެ ކަމެއްނޫން ކަމުގައެވެ. ސިހުރަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެކެވެ. ބައެއްފަހަރު ތިމާގެ އަމިއްލަ ފުރާނައިން ވެސް އަތް ދޮވެލަން ޖެހިދާނެއެވެ. އޭގައި ހުރި ނުރައްކާތެރިކަން ކަމާލުމެން ފަދަ މީހުންނަކަށް ނުވިސްނޭނެއެވެ.

ކަމާލުގެ ފޯނު ކޯލަށްފަހު، ޖައުފަރު އޭނާ ސިހުރު ހަދާ ކޮޓަރިގަނޑުގެ ތެރެއަށް ވަނީ އަނެއްކާ ވެސް ވަރުގަދަ އެތިފަހަރެއް ހެދުމުގެ ބޭނުމުގައެވެ. އެއީ އޭނާ ކާންބޯން ލާރި ހޯދާގޮތެވެ. މީހުންގެ މުދާ ފޭރުމަކީ އޭނާއަށް ލިބޭ އުފާވެރިކަމެކެވެ. ބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެލުމަކީ އޭނާއަށް އެއްވެސްކަމެއް ނޫނެވެ. އެއީ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެކެވެ. ޖައުފަރަކީ އަމިއްލަ އެދުމުން ފޯވެފައިހުރި ނުބައި މީހެކެވެ. އޭނާ އަކީ އޭނާގެ އަމިއްލަ އެދުން ހާސިލްކުރުމަށް ކިތަންމެ ދަށުދަރަޖައަކަށް ވެއްޓެންވެސް ފަސްޖެހޭނޭ މީހެއް ނޫނެވެ.

ކޮތަރިތެރެއަށް ވަށައިގެން ބަލައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލި ޖައުފަރު، އެތަނުން ނުކުންނަން ހިނގައިގަތީ އޭނާގެ ފޮތްބޮނޑި ބަލާ ދިޔުމަށެވެ. ދޮރުން ފިޔަވަޅެއް ބޭރަށް އެޅުނީ ކިރިޔާއެވެ. އޭނާގެ ގިރުވާނުގައި ފަހަތުން މީހަކު ހިފާ ބާރުކޮށްލިއެވެ. އިތުރު ހަރަކާތެއް ނުކުރެވި އުޅެނިކޮށް އެ މީހަކު ޖައުފަރު އެތެރެއަށް ވައްދާ ކޮށްޕާލައިފިއެވެ.

ޖައުފަރު ވެއްޓުނީ އަޅި ފުނި ތެރެއަށެވެ. ވެއްޓި ޖެހުނުގޮތުން އޭނާގެ އުނަގަނޑަށް ވެސް ތަދު އަރައިގެން ދިޔައެވެ. ހިނދުކޮޅަކު އުނަގަނޑުގައި އަތް އަޅައިގެން ޖައުފަރަށް އިނދެވުނެވެ. ތަދުވީލެއް ބޮޑުކަމުންނެވެ. އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔުމާއެކު އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. އަދިވެސް ނުރައްކާތެރިކަން ފިލައިގެން ނުދަނީހެއްޔެވެ؟ އޭނާ ހަމަ ގައިމުވެސް އެ ޖިންނި އަންދައިލިއެވެ. އެކަން އޭނާއަށް ޔަޤީނެވެ. ވީއިރު މި ފަހަރު މިހެން ކަންތައް ދިމާވާން މެދުވެރިވި ސަބަބަކީ ކޮބައިހެއްޔެވެ؟ އަނެއްކާ މިފަހަރުވެސް އޭނާއަށް ގޯހެއް ހެދުނީހެއްޔެވެ؟

ކޮޓަރިތެރެއަށް ވެރިވަމުންދިޔަ ދުންތަކާއެކުއެކީ ތަނަށް ވެރިވަމުންދިޔަ ތެތްފިނިކަމުން ޖައުފަރު ހީކަރުވާގޮތްވިއެވެ. އޭނާ ތުންތަޅުވަން ފެށިއެވެ. މިފަހަރު އެ ދުންތައް ހިނދޭގޮތެއް ނުވިއެވެ. ކަންފަތް ކައިރީގައި މީހަކު ސިއްރެއް ބުނި ފަދަ އިޙްސާސްއެއް ޖައުފަރަށް ކުރެވުނެވެ. އެއާއެކު އޭނާގެ ކަންފަތުގެ އެތެރެއަށް ފާޑެއްގެ ދިލަތަދެއް ވެރިވިއެވެ. ކަންފަތުގައި އަތް އަޅާލައިގެން ހިނދުކޮޅަކު ޖައުފަރަށް އިންނަން މަޖުބޫރުވިއެވެ. އޭނާ ތުންތަޅުވަން ފެށިއެވެ.

"ސަލާމަތެއް ނުވެވޭނެ!" އިރުކޮޅަކުން ކޮޓަރިތެރެއިން އިވުނީ ބަރު އަޑެކެވެ. ޖައުފަރަށް ވަށައިގެން ބަލައިލެވުނެވެ. އޭނާގެ ވާ އަތް ފަރާތު ފާރު ކައިރީގައި ހުރީ ދުންކޮޅެކެވެ. އެއީ ހުދު ދުންކޮޅެކެވެ.

އޭނާ ބަލަން ހުއްޓާ އެ ދުންކޮޅު ގެއްލިއްޖެއެވެ. ދެން އަޑު އައީ ފަހަތުންނެވެ. މިފަހަރުވެސް ޖައުފަރު ބަލައިލިއެވެ. ހަމަ އެ ދުންކޮޅެކެވެ. އޭރު ކޮޓަރިތެރޭގައި ވީ ފިނިކަމުން އޭނާއަށް ކެތްކުރަން އުނދަގޫވެއްޖެއެވެ. މަޑުމަޑުން އޭނާގެ ކަރަށް ވާންވާން ފެށި އިޙްސާސްއެއް ޖައުފަރަށް ކުރެވުނެވެ.

"އަހަންނާ ކުރިމަތިލުމުގެ ހަކަތަ އެބަހުރިތަ؟" ޖައުފަރުގެ ކަންފަތް ދޮށުން އަޑުއައެވެ. އެއާއެކު ޖައުފަރަށް ތެޅިގަނެވުނެވެ. އޭނާ އޭގެ ކިބައިން ސަލާމަތް ވާންވެގެން މަސައްކަތް ފެށިއެވެ. އުނދަގުލުން ޖައުފަރު އޭނާ ކިޔަމުންދިޔަ އެއްޗެހި ބާރުކޮށްލިއެވެ. ކަރަށް ލުޔެއް ލިބެން ފެށުމާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

އިޝާނަމާދު ބަންގީގެ އަޑާއެކު ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެގެންދިޔައެވެ. ޖައުފަރު އަވަސްއަވަހަށް ކޮޓަރިގަނޑުތެރެއިން ނުކުތެވެ. އޭނާ ގޮސް ހުއްޓުނީ ލިޔާ މޭޒު ކައިރިއަށެވެ. އޭނާއަށް އަޑު އިވުނީ ނުރައްކާތެރި އަޑެކެވެ. މާޒީގެ ހަނދާންތައް ޖައުފަރުގެ ސިކުނޑީގައި ބިންވަޅުނެގެން ފެށުމާއެކު، އޭނާއަށް އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"އަނެއްކާ..." ޖައުފަރަށް މަޑުމަޑުން ބުނެވުނެވެ. އޭރު އޭނާ ހަމަރަނގަޅަށް ވެސް ހާސްވެއްޖެއެވެ. އޭނާގެ ހަށިރައްކަލަށް މިވަގުތުން ވަގުތަށްވެސް ކަމެއްކުރުން މުހިންމެވެ. އޭނާ ބޭނުންވީ ވަގުތުން ފުރައިގެން އައްޑުއަށް ދާށެވެ. ހުރިހާކަމެއްގެ އަސްލުވެސް ގުޅިފައިވަނީ އެތަނާއެވެ. އޭނާގެ މާޒީ ފަސްލެވިފައިވަނީ އެ ފަސްގަނޑުގައި ކަމަށްވާތީއެވެ.

އެރޭން އެރެއަށް ޖައުފަރު އޭނާގެ ހަށިރައްކަލަށް ކަމެއް ކުރިނަމަވެސް، އޭގެން ވެސް މާ ބޮޑު ފައިދާއެއް ކުރިހެނެއް ހިޔެއްނުވެއެވެ. އޭނާ އަކީ މިހާރު ގައިބާރު ދެރަވަމުންދާ މީހެކެވެ. ހަށިގަނޑު އިހުނަށްވުރެ ބަލިކައްޓެވެ. އޭނާ އާ ދިމާކޮށްލައިގެން އެ އުޅެނީ ކޮން އެއްޗެއްކަން އޭނާއަށް މިހާރު ވަރަށް ސާފެވެ. އޭގެ އުނދަގުލުން ޖައުފަރަށް ސަލާމަތެއް ނުލިބުނެވެ. އެހެން ޖިންނީންގެ ކިބައިން އޭނާ ރައްކާތެރިކަމަށް އެދުނަސް ވެސް މެއެވެ.

ހަފްތާއެއް ފަސް *****

އަތްމަތި އަވަސްކޮށްލައިގެން އުޅުނު ޖައުފަރުގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ހާސްކަމެވެ. މުޅި މީހާ ހުރީ ދަލުން ފެންވެރިފައެވެ. ނޭވާ ވަނީ ފުންވެފައެވެ. އަތުގައި ވެސް ތުރުތުރު އެޅުމެއް ހުއްޓެވެ. ކޮޓަރީގައި ހުރި އެނދުމަތީގައި އެއްޗެހި އަޅަން ގެންގުޅޭ ފޮއްޓެއް ހުރިއިރު ޖައުފަރު ދިޔައީ އެތަނުގައި ހުރި ފޮތި އަލަމާރި ތެރޭގައި ހުރި އޭނާގެ ބައެއް އަންނައުނު އެއަށް އަޅަމުންނެވެ. އޭރު އޭނާގެ ގެންގުޅޭ ފޮތްތައް ވެސް އެއްފަރާތަށް އަޅާފައި ހުއްޓެވެ.

އިރުއިރުކޮޅަކާ އޭނާ ކޮޓަރިތެރެއަށް ވެސް ވަށައިގެން ބަލައިލާނެއެވެ. ތުންތަޅުވައިލާނެއެވެ. މީހާގެ މޫނުމަތިން މީގެ ކުރިން ނުފެންނަ ފަދަ ބިރުވެރި އަސަރުތަކެއް އެ މޫނުމަތީގައި ވެއެވެ. ފޮއްޓަށް އެއްޗެހި އަޅައިގެން ޖައުފަރު ގެއިން ނުކުމެ އެ ގެ ތަޅުލިއެވެ. ގެއިން ނުކުމެވުމާއެކު، އޭނާއަށް ހިސާބެއްގެ ހިންހަޖެހުމެއް ލިބުނެވެ. ނަސީބަކުން ދާދި ފަސޭހައިން ޓެކްސީއެއް ވެސް ލިބިއްޖެއެވެ. ޓެކްސީއަށް އެރުމަށްފަހު ޖައުފަރު، ދާން ބޭނުންވާތަން ޑްރައިވަރު ކައިރީގައި ބުނެލިއެވެ. އެ އަޑުގައިވެސް ތުރުތުރު އެޅުމެއްވިއެވެ. އޭރު އޭނާ އިނީ އެހާވެސް ބިރުންނެވެ. މި ފަދަ ގޮތަކަށް ފަހަތަށް ފިޔަވަޅެއް އަޅަން ޖެހިދާނޭކަމަށް މީގެ ކުރިން ޖައުފަރަށް ހީކުރެވިފައި ނެތެވެ. އޭނާ އަކީ ޖެހިލުން ކުޑަ މީހެކެވެ. ދިމާވާ އެއްވެސް ކަމަކާ ބިރުގަނެ ހާސްވާ މީހެއް ނޫނެވެ. އެކަމަކު މިފަހަރު ތަފާތެވެ.

*****

އަރްޒަންއާ އަޔާންއާ ދެމީހުންނަށް އެއާޕޯޓަށް ދެވުނީ އެކިއެކީގައެވެ. އަޔާން އައިސް ކައިރިއަށް ހުއްޓުމާއެކު އަރްޒަން ވާހަކަ ދެއްކިއެވެ.

"ރައުދާގެ ހަބަރެއްވިތަ؟" އަޔާންއަށް ބަލައިލަމުން އަރްޒަން އަހައިލިއެވެ. އަޔާންވަނީ ވެގެން އުޅޭ ގޮތުގެ ތަފްސީލް އަރްޒަންއަށް ދީފައެވެ.

"ހޫމް... އޭނަގެ ވަރިސާބިތުކުރަން ކޯޓަށް ދާންޖެހޭނެއެއްނު!" އަޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އަޔާން! ތީ އެންމެ ރަނގަޅުގޮތްތަ؟"

"އެހެންނޫނަސް ރައުދާ މިހާރު އެ އުޅެނީ ކަމާލުއާ އެކީ. އެއީ ރޭމްޕް މެނޭޖްމެންޓްގެ މެނޭޖަރު..."

"އެއީތަ އޭރު ވެސް ރައުއާ އަޅައިގަނެގެން އުޅުނު މީހަކީ..." އަރްޒަންގެ މޫނުމައްޗަށް ވަގުތުން ހައިރާންކަމުގެ ކުލަވަރު ވެރިވިއެވެ.

އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ކަމާލާއެކު އެއާރޕޯޓުން ނުކުމެގެން އައި ރައުދާ އެ ދެމީހުންގެ ލޮލުގައި ރީތިކޮށް އަޅައިގަތެވެ. އަޔާންއަށް ބަލައިލެވުނީ އަރްޒަންއަށެވެ.

"ދެން ނޭނގެ މި ވާ ގޮތެއް!..." އަޔާންއަށް ބުނެވުނެވެ. ވާހަކަ ދެކެވުނު މައުޟޫއެއްގެ ސަބަބުން އަޔާންގެ މޫޑު އެކީ ޚަރާބުވިއެވެ. އަނެއްކޮޅުން ރައުދާ ފެނުމުން އަޔާން ގާތަށް ހިސާބަކަށް ދެރަވެ ރުޅި އަންނަ ގޮތްވިއެވެ. އަޔާން ފިޔަވަޅުތައް ބާރުކޮށްލުމުން އިތުރަށް އެ މައުޟޫއަށް ވާހަކަ ނުދައްކަންވެގެން އަރްޒަން ވެސް މައުޟޫ ބަދަލުކޮށްލިއެވެ.

އޮފީހަށް ވަތްއިރު މޭޒު ދޮށުގައި އިށީނދެގެން އަންވަރާއި އިރުޝާމްއާ ދެމީހުން ތިއްބެވެ. ދެކެވެމުން ދިޔައީ ސީރިއަސް ވާހަކައެއްކަން އެ ދެމީހުންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން އެކަނިވެސް ހާމަވެއެވެ.

އަރްޒަން ފެނުމާއެކު އަންވަރު ހިނިތުންވެލި އެވެ. އޭނާ އަރްޒަންމެނަށް އެދިމާލަށް އައުމަށް އިޝާރާތް ކޮށްލިއެވެ. ވާހަކަ ދެކެވެމުން ދިޔައި ރާކިންއާ ބެހޭގޮތުން ކަމަށް އަރްޒަންއަށް އެނގުނީ އެވާހަކަ އަންވަރު ބުނީމައެވެ.

"ރާކިންއަކީ ވެސް މަސައްކަތަށް ފަރުވާ ބަހައްޓާ ޒުވާނެއް. އެކި މީހުންގެ ޕާސަނަލިޓީ ތަފާތު ވާނެ. ސަސްޕެންޝަނަކަށް ދާން ޖެހުނީ ރާކިންއަށް ހެދުނު މިސްޓޭކަކުން. އަރްޒަން އަތުން އެ މިސްޓޭކް ހެދުނުނަމަ އަރްޒަންވެސް ސަސްޕެންޝަނަކަށް ދާނީ..." އިރުޝާމް ވާހަކަ ދެއްކިއެވެ.

އެއާރޕޯޓަށް ވަދެގެން ޒީޝާން ގޮސް އޮފީސް ހުޅުވާލާފައި އެތެރެއަށް ވަތްއިރު، އެތަނުގައި ހުރި މޭޒު ދޮށުގައި އަންވަރާއ އިރުޝާމްގެ އިތުރުން އަރްޒަންއާ އަޔާން ތިއްބެވެ.

ޒީޝާން ހަމަފެނުމާއެކު، އަރްޒަން ޒީޝާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ރައްދުގައި ޒީޝާންވެސް މެއެވެ.

ބްރީފިންއަށްފަހު، ފްލައިޓަށް ދާންވެގެން އަރްޒަންމެން ނުކުތްއިރު އެ ކްރޫ ސެޓްގައި ތިބީ އާރާއާއި ޒީޝާންގެ އިތުރުން ޖިނާންއެވެ. ފައިލެޓަކީ އަރްޒަންއެވެ. ކޯ ޕައިލެޓަކަށް ހުރީ އަޔާންއެވެ. އެ ދަތުރަކީ އެމީހުން އައްޑުއަތޮޅަށް ކުރާ ދަތުރެކެވެ.

އެއާރޕޯޓަށް ހުއްޓައިލި ކާރުން ފޭބި ޖައުފަރު ވަށައިގެން ބަލައިލިއެވެ. މީހުން ގިނަ ސަރަހައްދަކަށް އާދެވުމާއެކު، އޭނާއަށް އާދަޔާ ޚިލާފް ހިންހަމަޖެހުމެއް ލިބިފައިވެއެވެ. އެންމެންގެ ތެރޭގައި އޭނާއަށް ރައްކާތެރިކަން އިޙްސާސްކުރެވުނެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު ފޮށިތައް ހިފައިގެން ޖައުފަރު ހިނގައިގަތީ ޑޮމެސްޓިކް ޓާމިނަލާ ދިމާލަށެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް އޭނާ ޗެކިން ކައުންޓަރާ ދިމާލަށް ދިޔައެވެ. މީހަކު އޭނާގެ ކައިރީގައި ހުންނަ އިޙްސާސްއާއެކު ޖައުފަރަށް އިރުއިރުކޮޅަކާ ފަހަތް ބަލައިލެވެއެވެ. އެ ބުނެދޭން ނޭނގޭ އިޙްސާސްގެ ސަބަބުން ޖައުފަރު ނުތަނަވަސްވާގޮތް ވިނަމަވެސް އޭނާ އަމިއްލަ ހިތް ހަމަޖައްސައިލަނީ މީހުންތަކުގެ ތެރޭގައި ހުރެވުނީތީއެވެ.

ކައުންޓަރު ދޮށުގައި ހުރިއިރުވެސް ޖައުފަރަށް ދެކޮޅު ހޯދާބެލެއެވެ. އެތަނުގައި އިން ކުއްޖާ ޖައުފަރު ގާތު އައިޑީކާޑު ދިނުމަށް އެދުނެވެ. ހާސްވެފައިހުރި ޖައުފަރު، އޭރުވެސް ދެކޮޅު ހޯދާބަލަމުން ދިޔައެވެ.

"އެކްސް ކިޔުސް މީ ސާރ" ކައުންޓަރުގައި ހުރި އަންހެން ކުއްޖާ ވާހަކަ ދެއްކި އަޑާއެކު ޖައުފަރަށް ކީކޭހޭ އަހައިލެވުނެވެ.

"އައިޑީ ކާޑު..." އެ ކުއްޖާ ބުނެލީ ހިނިތުންވަމުންނެވެ.

"އަނ. އާނ... އައިޑީ ކާޑު..." ޖައުފަރު އޭނާގެ ޖީބުގައި އޮތް ވޮލެޓް ނަގާ އެ ކުއްޖާއަތަށް އޭގެން ނެގި އައިޑީ ކާޑު ދިއްކޮށްލިއެވެ.

ކައުންޓަރުން ނިންމަންޖެހޭ ހުރިހާކަމެއް ނިންމައިލުމަށްފަހު، ޖައުފަރު ވެއިޓިން އޭރިޔާ އާ ދިމާލަށް ހިނގައިގަތްއިރު، ޑޮމެސްޓިކް ޓާމިނަލުގައި ވެސް ފުދޭވަރަކަށް ގިނަ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެ ތެރޭގައި ދިވެހިންނާ ބޭރުމީހުން ވެސް ހިމެނެއެވެ.

އެތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެ އިނދެ ޖައުފަރު އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. އޭނާއަށް މާ ބޮޑަށް އުނދަގޫވަނީއެވެ. އަދިވެސް އެ އެއްޗެއް އޭނާގެ ފަހަތުން އުޅޭކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެދެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށީގައި އޭރުވެސް ހަރުކަށިކަމާއި ބިރުވެރިކަން ދައުރުވަމުން ދިޔައެވެ.

ޖައުފަރުގެ ކުރިމަތީގަ ހުރިގޮނޑީގައި އިށީން މެދުއުމުރުގެ އަންހެން މީހާގެ އުރުގައި އިން ތުއްތު ތުއްތު އަންހެން ކުއްޖާ ޖައުފަރަށް ބަލައިލިއެވެ. އެއްލި ކަޅިއަކުން އެ ކުއްޖާ އުރައިގެން އިން އަންހެން މީހާގެ އެއްފަރާތުގައި ހުރި ހުދު ދުންކޮޅު ޖައުފަރުގެ ލޮލުގައި އަޅައިގަތެވެ. އިތުރުކަމެއް ނުކުރެވި އުޅެނިކޮށް އެ ދުންކޮޅު އޭނާއާ ދިމާލަށް އަންނަން ފެށިއެވެ. ލޯލިތައް ކޮޅަށް ޖެހިގެންދިޔަ ޖައުފަރަށް ހާސްކަމާއެކު ގޮނޑިން ތެދުވެވުނެވެ.

ކުރިމަތީގައި އިން އަންހެން މީހާގެ ނަޒަރުވެސް ވަގުތުން ޖައުފަރަށް ހުއްޓުނެވެ. އޭރު ޖައުފަތުގެ ދެލޯ ހުރީ ބޮޑުވެފައެވެ. މުޅި މީހާ ދާ ހިތްލަން ފަށައިފިއެވެ. އެ އަންހެން މީހާ ޖައުފަރުގެ ކަޅި ހުއްޓިފައި ހުރި ދިމާލަށް ބަލައިލިއެވެ. އޭނާއަށް އެތަނުން އެއްވެސް އާދަޔާ ޚިލާފްކަމެއް ނުފެނުމާއެކު ދެބުމަ އަރުވައިލެވުނެވެ. އުރުގައި އިން ތުއްތު ކުއްޖާ ރޮއިގަތީ ވެސް އެވަގުތެވެ.

އޭނާއާ ދާދިގާތަށް އެ ދުންކޮޅު އައިފަހުން ތެޅިގަނެފައި ފަސްއެނބުރި އެތަނުން ދުރަށް ދާން ޖައުފަރު ހިނގައިގަތެވެ. ފަހަރަކަށް ވުރެ ފަހަރެއް އޭނާ ފިޔަވަޅުތައް ބާރުކޮށްލަ އެވެ. އިރުއިރުކޮޅަކާ އޭނާ ފަހަތް ބަލައިލިއެވެ. އެހެން ބަލައިލާ ކޮންމެ ފަހަރަކު އެ ދުންކޮޅަށް މަޑުމަޑުން މީހެއްގެ ސިފަޖެހޭހެން ޖައުފަރަށް ހީވިއެވެ. އެ ދިޔަ ދިޔުމުގައި ކުރިމަތިން އައި މީހެއްގެ ގައިގައި އަޅައިގަނެފައި ޖައުފަރު އަނގަވަތަށް ވެއްޓުނެވެ. އެއާއެކު އޭނާގެ ތުންފަތް މަތި ކޮންމެވެސް ވަރަކަށް ފަޅައިގެން ގޮސް ލޭ އަންނަ ގޮތްވިއެވެ. އެއް އަތުން ލޭތައް ފުހެލަމުން އޭނާ ތެދުވެ ދުރަށް ހިނގައިގަތެވެ. ކަންފަތަށް މީހަކު ފުމެލިހެން ހީވެ ޖައުފަރަށް މަޑުޖެހިލެވުނެވެ.

އިރުކޮޅެއް ފަހުން އޭނާގެ މުޅި ކަންފަތުގެ އެތެރެއިން ކުރީ ފަހަރެކޭ އެއްގޮތަށް ދިލަނަގަން ފެށިއެވެ. ކަންފަތުގައި އަތް އަޅައިގެން އޮވެ ޖައުފަރަށް ގުދުވެވުނެވެ. އަނެއްކާވެސް އޭނާގެ ކަންފަތް ދޮށުގައި ހަމަ އެއަޑުން ބުނެލިއެވެ.

"އަހަރެން ކަލޭ މަރައިލާނަން!"

"އާހް!" އޭނާގެ ދުލުން މަޑު ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ވަށައިގެންވީ މީހުންގެ އަމާޒުފަތްގަނޑަކަށް ޖައުފަރުވެގެން ދިޔައެވެ. ތެދުވަމުން އޭނާ ވަށައިގެން ބަލައިލިއެވެ. މިހާރު އެތަނުން ނުރައްކަލުގެ އެއްވެސް ހިލަމެއް ފެންނާކަށް ނެތެވެ.

ބޯޑިންއަށް ހުޅުވައިލުމާއެކު، އެންމެ ފުރަތަމަ ގޭޓުން ނުކުތް މީހުންގެ ތެރޭގައި ޖައުފަރު ހިމެނުނެވެ. ސިޑިން އެރިއިރުވެސް ޖައުފަރު ބެލީ އެހެންމީހުންނަށް ވުރެކުރިން އޭނާއަށް ބޯޓަށް އެރޭތޯއެވެ.

ދޮރުކައިރީގައި ހުރި ޒީޝާންއަށް ވެސް ޖައުފަރު އުޅުނު ގޮތުން ހެވޭ ގޮތްވިއެވެ. އެއީ ސިކުނޑި ހަމަނުޖެހޭ މީހެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ހިނިގަނޑު އެތެރެއަށް ހިންދައިލަމުން ޒީޝާން ގާތުގައި ހުރި ޖިނާންއަށް ބަލައިލިއެވެ. އޭރު އާރާ އުޅުނީ އަރަމުން ދިޔަ މީހުންނަށް ސީޓުތައް ދެއްކުމުގައި އަވަދިނެތިއެވެ.

ބޯޓަށް މީހުން އަރާ ހަމަޖެހިލުމާއެކު ޒީޝާންމެން ދޮރުލައްޕާ ކެބިންތެރެ ޗެކްކުރިއެވެ. ހުރިހާ ކަމެއް ޗެކްކޮށް ނިންމައިލުމަށްފަހު، ޒީޝާންގޮސް ބޯޓުގެ ކެޕްޓަނަށް ގުޅާ ބުނެލިއެވެ.

ބޯޓު ނައްޓައިލަން އުޅޭކަމަށް އެނައުންސް ކުރެވުމާއެކު، ޖައުފަރަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ލޯ މަރައިލާ ހަމަޖެހިލިއެވެ. އެހެން ނަމަވެސް އެއީ ކުޑަ ހނދުކޮޅަކަށެވެ.

ނޭވާ ލާން އުނދަގޫވާހެން ހީވެ އޭނާ ލޯ ހުޅުވައިލިއެވެ. މީހަކު އޭނާގެ ކަރުގައި ހިފި ފަދަ އިޙްސާސްއާއެކު، އޭނާއަށް އަތް ފޮޅުވައިލެވުނެވެ. ގާތުގައި އިން އަންހެން މީހާގެ އުރުގައި އިން ތުއްތު ކުއްޖާގެ ލޮލުގައި ޖައުފަރުގެ އަތް ޖެހުމާއެކު، އޭނާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު އެ ކުއްޖާ ބާރަށް ރޯން ފަށައިފިއެވެ. އެ އަންހެން މީހާ ޖައުފަރަށް ބަލައިލާ ނުރުހުމުގެ ބަހެއް ބުނެލުމަށްފަހު، އެ ކުއްޖާ މަސަލަސްކުރަން އަވަސްވެގަތެވެ.

ބޯޓު ނައްޓައިލުމާއެކު ޖައުފަރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ވެސް ޖައުފަރަށް ގަރުނެއް ފަދައެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އައްޑޫގެ ފަސްގަނޑުގައި ފައިތިލަ ޖައްސާށެވެ. ލޯ މަރައިލި ޖައުފަރު ދޫކޮށްލި ފުންނޭވާއާއެކު އޭނާ ދެލޯ ހުޅުވައިލިއެވެ.

އޭނާގެ މޫނުމައްޗަށް ވާގޮތަށް ގުދަށް އޮތް އެތީގެ އިސްތަށިގަނޑު އޭނާގެ މޫނުގައި ކޭތެމުން ދިޔަ އެވެ. އަތް މޫނުމައްޗަށް ފޮޅުވައިލި ޖައުފަރަށް ފުންނޭވާއެއް ދޫކޮށްލާ މަޑު ހަޅޭކެއް ދޫކޮށްލެވުނީ ހިސާބަކަށް ސިހުނީތީއެވެ. މަންޒިލާ ހިސާބަށް ސަލާމަތުން ފޯރޭނޭ ކަމުގައި އޭނާއަށް ޝައްކުވިއެވެ. އެހެނީ އެވަގުތު ވެސް އޭނާގެ ކަންފަތް ދޮށުގައި އެ މީހަކު، އޭނާ މަރާލާނޭކަމަށް ބުނެ އިންޒާރު ދިނީތީއެވެ. އެންމެންގެ ނަޒަރު ޖައުފަރަށް އަމާޒުވެގެން ދިޔައެވެ. ގާތުގައި އިން ކުއްޖާ ރުއިން ހުއްޓާލައިގެން އިނުމަށްފަހު އަނެއްކާވެސް ބާރަށް ރޯން ފެށިއެވެ.

ޖައުފަރު އުޅެން ފެށި ގޮތުން އެ ފްލައިޓް ތެރޭގައި ތިބި އެންމެންގެ ނަޒަރު ޖައުފަރަށް ހުއްޓުނެވެ. ކުރިމަތީގައި ތިބިމީހުންވެސް ބޯ އަރި އަރިކޮށްގެން ޖައުފަރަށް ބަލަން ފެށިއެވެ.

ނޭވާ ނުލެވިގެން އުޅުނު ޖައުފަރުގެ އަނގައިން އޭނާ ކެއްސާލުމާއެކު ލޭ އަންނަން ފެށިއެވެ. އެވަގުތު އޭނާގެ އެއްފަރާތުގައި އިން މީހަކުގެ ހަޅޭކުގެ އަޑު ފްލައިޓް ތެރޭގައި ގުގުމާލިއެވެ.

(ނުނިމޭ)

ކޮމެންޓް 0