ހަވީރު ވެހެން ފެށި ވާރޭ ހުއްޓައިލީ އިރުއޮއްސި ބަންގި ގޮވިފަހުންނެވެ. އާދައިގެ މަތިން އޭރު މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ވާރޭ ހުއްޓައިލި ކަމުގައި ވިޔަސް އުޑުމަތި ހިޞާރުކޮށްފައިވާ ފުސް ވިލާތައް ބޯކަމުން ހީވަނީ ދެންމެދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ. ރާއްޖޭގެ ދެކުނުގައި އުފެދިގެން އުޅޭ ތޫފާނުގެ އަސަރު ދިޔައީ ނުސީދާ ގޮތެއްގައި މާލެއަށް ވެސް ކުރަމުންނެވެ. ފަޒާގައި ހިފާލާފައިވަނީ އާދަޔާ ޚިލާފު ފިނި ކަމެކެވެ. ޖެހެމުންދާ ބާރު ވައިރޯޅިތަކުގައި ވެސް އެހެންޏާ ނުހުންނަ ފަދަ ތެތްފިނިކަމެއް ހިފާލާފައި ވެއެވެ.

ކާރޫބާރޫ ބޮޑު މާލޭގެ މަގުމަތި ވަނީ އެކީ ހިމޭންވެފައެވެ. މީހެއްގެ ހިލަމެއް ވަނީ މަދު ފަހަރަކުއެވެ. ހީވަނީ މި ތޫފާނުން ސަލާމަތް ވާންވެގެން ގެއިން ނުނިކުމެ ތިބީހެންނެވެ. ނޫނީ މި އަރާމު ފިނީގެ އުފާ ހާސިލްކުރަން ނިދަނީއެވެ.

އެ ހިމޭން މާހައުލުގައި ފެންގަނޑު ތެރޭގައި ދުވަމުންދިޔަ މެދު އުމުރުގެ ފިރިހެން މީހާގެ މިސްރާބު ހުރީ ހެންވޭރުކޮޅަށެވެ. އޭނާ ހުރީ ތެމި ފޯވެފައެވެ. މީހާގެ ހަށިގަނޑަށް ފިނީގެ އަސަރު ކުރަނީ ކަންނޭނގެއެވެ. ބައެއްފަހަރު ހަށަމަށް ދެއަތް އަރުވާ ފުންނޭވާއެއް ލާފާނެއެވެ. އެއް އަތް އަނެއް އަތުގައި ހާކާލަފާނެއެވެ. ކައިރިން ބަލައިފިނަމަ އޭނާގެ ރޫރޫ އަޅަމުން ދިޔަ ދެ ތުންފަތް ވެސް ފާހަގަ ވާނެއެވެ. އޭނާ ވާރޭގެ ތެރޭގައި އުޅޭތާ ވަރަށް ގިނަ އިރުވެއްޖެކަން އެކަމުން ދޭހަވެއެވެ.

ދުވަމުންދުވަމުން ގޮސް އޭނާ ހުއްޓުނީ ލޮނު ޒިޔާރަތްކޮޅުގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެ ގޭގެ ތަޅުގައި ހިފުމުގެ ކުރިން ވަރަށް ފަރުވާތެރިކަމާއެކު މަގުގެ ދެކޮޅު ބަލައިލިއެވެ. ފުންނޭވާއެއް ދޫކޮށްލާ ނުތަނަވަސް ކަމާއެކު ނިތުގައި އަތް ހިންގައިލިއެވެ. ލައިގެން ހުރި ފަޓުލޫނުގައި އަތް ފުހެލުމަށްފަހު، ތަޅުގައި ހިފައިލިއެވެ. ދޮރުފަތް އެތެރެއަށް ކޮށްޕައިލުމާއެކު، ކަންފަތަށް އުނދަގޫ ވާފަދަ ތޫލި އަޑެއް ކިއެވެ.

އެތެރެއަށް ވަންނަން ހިއްލައިލި ފައި ތިރިކޮށްލަމުން ގޭތެރެއަށް އަވަސް ނަޒަރެއް އޭނާ ދިނެވެ. އެއަށްފަހު، އެތެރެއަށް ވަނުމުގެ ކުރިން، ދެފަހަރަކު ތުން ތަޅުވައިލިތަން ފެނުނެވެ.

ބަނަފްސާގެ އަކީ ހިރިގައު ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. ޒަމާނާ އެކީ ތަރައްގީއާއި ތަމައްދުނުގައި މާލޭގެ ރައްޔިތުން ފައިތިލަ ސާބިތުކޮށްލާފައިވީ ނަމަވެސް އެ ގެ ހުރީ އަދިވެސް އެންމެ އިހުގައި ހެދި ގޮތަށެވެ. ގިނަ ދުވަސްވުމުގެ ސަބަބުންނާއި އިމާރާތް ބާވެފައި ހުރުމުގެ ސަބަބުން ހީވަނީ ދެންމެ ދެންމެ ބޮލަށް ވެއްޓިދާނެހެންނެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވީރާނާ ވަމުންދާ ފަދަ އަސަރުތަކެވެ. ބޭރަށްވާ ގޮތަށް ހުރި ލަކުޑި ކުޑަ ދޮރުތައް ވެސް ހުރީ ފީވެ ހަލާކުވާން ކައިރިވެފައެވެ.

އެ ހިސާބުގަނޑުގައި އުޅޭ މީހުން އެގެޔާ ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކާ އުޅެއެވެ. އެ ގެއިން އަޑު އަޑު އިވޭކަމަށާއި، އެ ގެ ކައިރިން އާދަޔާ ޚިލާފު ކަންތައް ދިމާވާކަމަށް ވެސް ބުނެ އުޅެއެވެ.

އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕައިލި ޖައުފަރު، ވަށައިގެން ގޭ ތެރެއަށް ބަލައިލިއެވެ. ކުރިއަށް އަޅައިލި ފިޔަވަޅާއެކު، ގޭގެ ފުރާޅުމައްޗަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ކޮންމެވެސް ވަރަކަށް ސިހުނުކަން ރަމްޒުކޮށްދިނީ ދެލޯ މަރައިލުމާއެކު، ކަންފަތުގައި ދެ އަތް އަޅައިލީތީއެވެ. ނިތުގައި އަތް ހިންގައިލަމުން ދޫކޮށްލި ފުން ނޭވާއާއެކު، އޭނާ ގޭތެރެއަށް ވަރަށް ފުން ނަޒަރެއް ދިނެވެ. ހީވަނީ ވަނުމުގެ ކުރިން ގޭތެރެ ސްކޭން ކޮށްލި ހެންނެވެ. އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އޭނާ މި ފަހަރުވެސް ތުންތަޅުވައިލިތަން ފެނުނެވެ.

ޖައުފަރު އެގޭގައި އެކަނިމާއެކަނި އުޅެމުން އަންނަތާ އެތަކެއް އަހަރެއް ފާއިތުވެއްޖެއެވެ. އަނބިމީހާ ނިޔާވުމަށްފަހު، އެހެން މީހަކާ އިނުމުގެ ޚިޔާލެއް އޭނާ ނުގެންގުޅެއެވެ.

ޖައުފަރުގެ ވާތްފަރާތުގައި ބޭރަށް ހުޅުވޭ ދެ ކުޑަ ދޮރު ހުއްޓެވެ. އެ ދިމާލުގައި ލިޔާ މޭޒެއް ބެހެއްޓިފައިވާއިރު، އޭގެ މަތީގައި ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހާފައި ހުރި ގަނޑުތަކެއް ހުއްޓެވެ. މޭޒުގެ އެއްފަރާތު ކަނުގައި ކުރީ ޒަމާނުގައި މީހުން ގެންގުޅޭ ވައްތަރު ފުޅި ބައްތިއެއް ހުއްޓެވެ. އޭގެ ކައިރީގައި ދެ އުއްބައްތި ބާއްވާފައި އޮތެވެ. އެ ދިމާލަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު، ޖައުފަރު އެ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ހުއްޓުނީ މޭޒު ކައިރީގައެވެ.

***********

ވާރޭ ނުވެހުނެއްކަމަކު، ޖެހިގެން އައި ދުވަހަކީ ވެސް އުޑުމަތި ބަނަ ދުވަހެކެވެ. ވައި ވެސް ފުދޭވަރަކަށް ޖެހެއެވެ. އެހެނެއްކަމަކު މަގުމަތިން މީހުން މަދުވިހެނެއް ހިޔެއް ނުވެއެވެ. ހެނދުނު އޮފީހަށް ދާ މީހުންނާ ސްކޫލު ކުދިންނެވެ. ބާޒާރުކުރަން އުޅޭ މީހުންނާއި އެކި އެކި ބޭނުމުގައި ނުކުމެ އުޅޭ މީހުންނެވެ.

ހުޅުމާލޭ ހައިވޭގައި ދުއްވާފައިދިޔަ ކާރުގެ މިސްރާބުހުރީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ ދިމާލަށެވެ. ގައިގަނޑަކަށް ފަނަރަ މިނިޓްގެ ދަތުރަކަށްފަހު އެއާޕޯރޓަށް އާދެވިއްޖެއެވެ.

ދޮރުފަތް ހުޅުވާލާފައި ނުކުތް ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓުނެވެ. ޚާއްސަކޮށް އެތަނުގައި ތިބި ގިނަ އަންހެން ކުދިންގެ ނަޒަރުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.

އެ ޒުވާނާ ލާފައިވާ ޕައިލެޓް ޔުނިފޯމް ގަޔަށް ހެޔޮވަރު ވަރަކަށް ހުރުމުގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރުކޮށްދީފައި ވެއެވެ. ބާމަތި ފުޅާ ހަށިގަނޑަކާއި، ހެޔޮވަރު ވަރެއްގެ އިސްކޮޅެކެވެ. ބަލާބެލުމަށް ވަރަށް ފަރުވާތެރިކަމާއެކު، ބަލަހައްޓަމުންދާ ހަށިގަނޑެއްކަން އެނގެއެވެ. އެ ތޫނު ދެލޯ ވަނީ ރޭބަން އަވި އައިނަކުން ފޮރުވާލެވިފައެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން, އެ މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަތުގެ މުލައްދަނޑީގެ ބާރު ވަޒަން ކޮށްލާކަށް ނޭނގެއެވެ.

އެއާޕޯޓުގައި މީހުން ގިނަ ނަމަވެސް، ވަށައިގެންވީ މާހައުލަށް މާ ބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ. އިންޓަރނޭޝަނަލް ޓާމިނަލާ ދިމާލަށް ހިނގައިގަތްއިރު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ދެ އަންހެން ކުއްޖެއްގެ ވާހަކަތައް ރީތިކޮށް އެ ޒުވާނާއަށް އަޑު އިވުނެވެ.

"އޭތް! ބަލާބަލަ. އެއީ އެއްކަލަ މެގަޒިންގަ އިން ބޯއި ދޯ!. އަޅެ އެހެރަ ސްމާޓްކަމެއް. މަށަށް ލިބޭނެނަމަ..."ފުރަތަމަ ވާހަކަ ދެއްކި އަންހެން ކުއްޖާގެ އަޑުގައި ވަނީ ހުވަފެނީ ގޮތެކެވެ.

"ސާބަހޭ. އެކަހަލަ މީހުން އަހަރެމެން ކަހަލަ އަންހެން ކުދިންނަށް ބަލާނެތަ؟. ރީތި މީހެއް ވެއްޖެއްޔާ ވަރަށް ފޮނިވާނެ. ތިމާއަށް ތިމާ ފެނިފަ ހުންނާނީ..." އެހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ. އެ ޒުވާނާ އެ ވާހަކަތަކަށް ސަމާލުކަން ނުދީ ފިޔަވަޅުތައް ބާރުކޮށްލިއެވެ.

އަރްޒަންއަކީ މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓެކެވެ. މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމުގެ ސަބަބުންނާ، ރަނގަޅު އަޚްލާގުގެ ސަބަބުން ތަނުގެ އެންމެންގެ ލޯބި އޭނާއަށް ލިބިފައިވެއެވެ. އޭނާއަކީ އެހެން ޒުވާނުންނަން ނަމޫނާއެއް ކަމުގައި ތަނުގެ އިސްވެރިން އަބަދުވެސް ބުނެއެވެ. ކުންފުނީގެ ތަފާތު އިޝްތިހާރު ތަކުގައްޔާއި، މެގަޒިންތަކުގައި ވެސް އަރްޒަންގެ ތަސްވީރުތައް ރަސްކަން ކުރެއެވެ.

މިއަދު، އޭނާއަކީ، ދިރިއުޅުމުގައި ކިތަންމެ ކާމިޔާބު މީހަކަށް ވީކަމުގައި ވިޔަސް، އެ ހިސާބަށް ވާސިލްވުމަށް އޭނާ ކުރީ ފަސޭހަ ދަތުރެއް ނޫނެވެ. އެއީ އުނދަގޫ ދަތުރެކެވެ. ޖެހެމުންދިޔަ ގަދަ ވަޔާއި ބާރު އޮއިގެ ތެރޭގައި އޭނާގެ މަންޒިލް ގެއްލިގެން ގޮސްފާނެހެން ހީވި ކިތަންމެ ފަހަރެއް އައެވެ. ހިތްވަރު އެލުވައިލަން މަޖުބޫރުވި ކިތަންމެ ކަމަކާ ކުރިމަތިވިއެވެ. އެއިން ކޮންމެ ފަހަރަކު އޭނާއަށް ހިތްވަރު ލިބެނީ ކުލަ ޖައްސަން ބޭނުންވެފައިވާ ހުވަފެންތަކުގެ މަތިން ހަނދާންވެފައެވެ. އެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އޭނާ ތެންމައިލީ ހިތްވަރާ އަޒުމުގެ ފިއްސެވެ.

ހަނދާން ހުންނަން ފެށީއްސުރެ އަރްޒަން އުޅުނީ ކުޑަކުދިންގެ ހިޔާގައެވެ. އޭނާގެ މައިންބަފައިންނަކީ ކޮންބައެއް ކަމެއް އަރްޒަންއަކަށް ނޭނގެއެވެ. ކުޑަ މިނުން އެ ދެމީހުންގެ ފޮޓޯގަނޑެއް ހާ ހިސާބުވެސް އޭނާއަކަށް ފެނިފައެއް ނުވެއެވެ. އާއިލާއަކީ ކޮބައިކަމެއް ނޭނގެއެވެ. މައިވަންތަ ލޯބި އިޙްސާސް ކޮށްލާނެ ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ.

ބޮޑުވަމުން އައިއިރު އަރްޒަންގެ އެންމެ ބޮޑު ޝަކުވާ އަކީ ވެސް އެއީއެވެ. އެހެން ކުދިންނެކޭ އެއްގޮތަށް އޭނާގެ ލޯބިލޯބި އާއިލާއެއް ނެތުމެވެ. ސްކޫލު ދޮށުގައި މަޑުކޮށްގެން ހުންނައިރު އެހެން ކުދިންގެ މަންމަމެން އައިސް އެކުދިން އުރާލާ ކޮލަށް ބޮސްދޭ މަންޒަރު ބަލަން އޭނާ ހުންނަނީ އެފަދަ ނަސީބެއް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު, އޭނާގެ ހިތް ވެސް އަޑު ވީއްލާ ބާރަށް ރޮޔެވެ. ޝަކުވާ ކުރެވެއެވެ. ކޮންމެވެސް ދުވަހަކުން މަންމައާއި ބައްޕައާ ދިމާވުމަށް އެދި އުންމީދު ކުރެވެއެވެ. ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްކުރެވުނު ނަމަވެސް އަމިއްލަ އާއިލާއެއް ނެތުމަކީ އެކަމަކާ ދޭތެރޭ އަރްޒަން ހިތާމަ ކުރާ ކަމެކެވެ.

ލޮލުގައި އަޅާފައިވާ އައިނު ލޮލާ ވަކިކޮށްލަމުން އޭނާ އޮފީސްތައް ހުންނަ ދިމާލަށް އަޅަމުންދިޔަ ފިޔަވަޅުތައް އަނެއްކާ ވެސް އަވަސްކޮށްލިއެވެ.

އެތެރެއަށް ހުޅުވޭ ގޮތަށް ހުރި ބިއްލޫރި ދޮރުފަތް ހުޅުވައިލާ އަރްޒަން އެތެރެއަށް ވަނެވެ. މާ ގިނަ މީހުން ނެތްކަމަކު، އޭރުވެސް ބައެއް މީހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

މޯލްޑިވިއަންގެ އޮފީހާ ދިމާލަށް ހިނގައިގަތް އަރްޒަން ސިހުނީ ޖީބުގައި އޮތް ފޯނު ރިނގް ވުމާ އެކުއެވެ. ފިޔަވަޅުތައް މަޑުޖައްސައިލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން އޭނާ ވާހަކަ ދެއްކިއެވެ. ގުޅީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ.

"އާނ. އޯކޭ. އަހަރެން ފަހުން ގުޅާނަން. މަންމަމެނަށް ސަލާމް ބުނާތި." އިރުކޮޅެއްގެ ވާހަކަކޮޅަށްފަހު ފޯނު ބޭއްވިއިރު އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ވިއެވެ.

ދޮރު ހުޅުވައިލުމަށްފަހު، އެތެރެއަށް ވަތްއިރު އެތަނުގައި ވެސް މާގިނަ މީހުން ހަރަކާތްތެރި ވާތަނެއް ނުފެނެއެވެ.

އެއީ ތަނަވަސް ބޮޑު އޮފީހެކެވެ. ވަންނަ ދޮރާ ކުރިމައްޗަށް ވާ ގޮތަށް ދެ މޭޒު ހުރި އިރު އޭގެ ވަށައިގެން ގޮނޑިތައް ބެހެއްޓިފައިވެއެވެ. އޭގެ ފަހަތުގައި ސޯފާސެޓެއް ހުރިއިރު ކުރިމަތީގައި ބިއްލޫރި ކުޑަ މޭޒެއް ހުއްޓެވެ. އެތަނުގައި ވެސް އެތެރެއަށް ވަދެވޭގޮތަށް އިތުރު ފަސް ދޮރު ހުއްޓެވެ.

މޭޒު ދޮށުގައި އިށީނދެގެން ތިބި އަންވަރާއި އިރުޝާމްގެ ނަޒަރު އަރްޒަންއަށް ހުއްޓުނީ އެވަގުތެވެ. އަރްޒަން ހިނގައިގަތުމުން އަންވަރު ގޮވައިލިއެވެ. އަންވަރު މެން ތިބި މޭޒާ ގާތަށް ޖެހިލާ އޭނާ ސަލާމަށް އަތް ދިއްކޮށްލިއެވެ.

"އަރްޒަން. ކޮބާ ކިހިނެއްތަ ކަންތައްތައް؟ ވަރަށް އުފާވި މަޤާމު ބަދަލުވި ހަބަރު ލިބުނީމަ" އަރްޒަންގެ ކޮނޑުގައި އިން ހަތަރު ފަށައް އިޝާރާތް ކޮށްލަމުން އިރުޝާމް ބުންޏެވެ. އަރްޒަން ޝުކުރު އަދާކުރިއެވެ. އެ ދެމީހުން އަރްޒަންއާ ވާހަކަ ދައްކަން ފެށުމުން އިރުކޮޅަކު އަރްޒަން މަޑުކޮށްލިއެވެ. އަދި ކުޑަ ވަގުތު ކޮޅެއް އޮތީތީއާ ވެސް އެކުގައެވެ. ގިނައިން ދެކެވުނީ މަސައްކަތާ ބެހޭ ވާހަކަތަކެވެ. އަލަށް ގުޅުނު ޕައިލެޓުންގެ ވާހަކަ ވެސް ކޮންމެވެސް ވެސް ވަރަކަށް ދެކެވުނެވެ.

*****

އޮފީސް ހުންނަ ގޯޅިގަނޑުގައި މަޑުކޮށްލައިގެން ހުރި އާރާ ހުރީ ފޯނެއްގައެވެ. އެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވެއެވެ. އޭނާ ފޯނު ބާއްވާލާފައި އެނބުރުނު ވަގުތު އެކުވެރި ޒީޝާން ފެނިގެން ސިހުނެވެ.

"ކިރިޔާ ހާޓް އެޓޭކެއް ނުޖެހުނީ..." އާރާ ބުނެލިއެވެ. އޭނާ މޭގައި އަތް އަޅައިލަމުން ދެލޯ ބޮޑުކޮށްލިއެވެ. ޒީޝާންގެ މޫނުމަތިން ފެންނަނީ ހިންހަމަ ނުޖެހުމުގެ އަސަރެވެ.

"އަޑު އިވުނުތަ؟" ޒީޝާން ހުރި ގޮތުން ކަންބޮޑުވެފައި އާރާ އެހިއެވެ.

"ދެން ތި ފިރިހެން ކުއްޖާއާ ރުޅިވާން ވެއްޖެއެއްނު. މީ އާރާގެ ކެރިއަރއެއްނު. އާރާއަށް ކުރިއަށް ދާން ފުރުސަތު ނުދޭ މީހަކާ އެކީ އުޅުމުގެ ބޭނުމެއް އަހަންނަކަށް ނުފެނޭ. އިތުބާރު ނުކުރާ މީހަކާ އެކު ކިހިނެއް ދިރިއުޅުމެއް އުޅޭނީ؟. "

ޒީޝާންގެ ވާހަކައިން އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުކަން އެނގި އާރާއަށް އޭނާގެ ނަޒަރު ތިރިކޮށްލެވުނެވެ. އެކުވެރިޔާގެ ކުރިމަތީގައި ބޭޒާރުވީ އަދަދެއް ނޭނގެއެވެ.

"އަހަންނަށް ފެންނައިރު އާރާ އަބަދުވެސް ހުންނަނީ ދެރަވެފަ. ނޫނީ ކޮންމެވެސް ކަމަކާ ބޯ ގޮވާފަ..." އާރާ އެއްޗެކޭ ނުބުނުމުން ޒީޝާން އަނެއްކާވެސް ޝަކުވާ ކޮށްލިއެވެ. އެކުވެރިޔާ އާ މެދު ކަންބޮޑުވެފައިވާ ވަރު އެ އަޑުން އެކަނި ވެސް ހާމަވެއެވެ.

"ޒީ. އަހަރެން..."

"އާރޫ. އަދި ދުނިޔެއިން ފިރިހެނުން ހުސްވީއެއް ނޫނޭ އޭނަޔާ ހެދި ތިވަރުން ތި އުޅެނީ. ޓްރަސްޓް ނުކުރާ މީހަކާ އެކީ ދިރިއުޅުމެއް ކިހިނެއް އުޅޭނީ؟ އަމިއްލަ މީހާގެ ނަފުސާ މެދު ވެސް ވިސްނަން ވާނެ ދޯ!" ޒީޝާން އާރާގެ ވާހަކަ ހުއްޓުވިއެވެ. އާރާ ދޫކޮށްލީ ފުންނޭވާއެކެވެ.

"ތި ވާހަކަ ދެން ފަހުން ދައްކާނީ. ހިނގާ އެތެރެއަށް." އާރާ ބޭނުންވީ އެ ވާހަކަ އެހިސާބުން އޮއްބައިލަންކަން އެނގި ޒީޝާން އިތުރު އެއްޗެއް ބުނަން ފަސްޖެހުނެވެ. އެހެންނަމަވެސް އޭނާ ވަނީ އެކުވެރިޔާ އާ މެދު ކަންބޮޑުވެފައެވެ. އެކުވެރިޔާގެ މޫނުމަތިން އަބަދާ އަބަދު ފެންނަ ނުތަނަވަސްކަމުން އޭނާއަށް އުނދަގޫވަނީއެވެ. އާރާއަށް ފޯނެއް އައީ އަނެއްކާވެސް އެ ވަގުތެވެ.

"ކާކު؟ އަނެއްކާ އޭނަ؟" ޒީޝާން އަހައިލިއެވެ. އާރާ އޭނާގެ ފޯނުގެ ސްކްރީން ޒީޝާންއަށް ދައްކައިލިއެވެ. އަރާފައިވާ ނަންފެނި ޒީޝާން ދޫކޮށްލީ ފުންނޭވާއެކެވެ.

"ހުވާ އަހަރެން ހިތަށް އަރާ ގޮސް މޫނުމަތީ ޖަހާފާނަމޭ..." ޒީޝާން މޫނަށް ފޫހިވައްތަރެއް ޖައްސައިލިއެވެ. އާރާ ދެ ކޮނޑު އަރުވައިލިއެވެ. ހަދަންވީ ކިހިނެއްހޭ އޭނާ ޒީޝާން ގާތު އަހާ ކަހަލައެވެ.

"ބުނޭ ބިޒީއޭ..." ޒީޝާން އޮފީސް ދޮރުގެ ތަޅުގައި ހިފާލައިގެން ހުރެ އާރާގެ މޫނުމައްޗަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭނާ ދޮރު ހުޅުވަން ވެގެން އެތެރެއަށް ދޮރު ކޮއްޕައިލި ވަގުތު އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވައިފިއެވެ.

ނުވިސްނާ ހުރި ޒީޝާންގެ އަތް، ތަޅުން ދޫވެ އަރި އަޅައިލިއެވެ. ހަށިގަނޑު ބެލެންސް ކުރެވުނު ނަމަވެސް އޭރު އޭނާއަށް އޮވެވުނީ އެތެރެއިން ދޮރު ހުޅުވި ޒުވާނާގެ މޭގައި އަތް ޖައްސައިލައިގެން ގުދަށެވެ. ނޭފަތުގައި ޖެހުނީ މީރުވަސް ދުވާ ފިރިހެން ސެންޓެއްގެ ވަހެވެ.

މަރާލެވިފައިވާ ދެލޯ ހުޅުވައިލަމުން ޒީޝާން އިސް އުފުލައިލީ އިރުކޮޅެއް ފަހުންނެވެ. އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަރްޒަން ފެނި ހިނދުކޮޅަކަށް އެ ތޫނު ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. ކޮންފަދަ ތޫނު ދެލޯ ހެއްޔެވެ؟ ޒީޝާންގެ ހިތް އަވަސްވެ ނޭވާ ފުންވިއެވެ. އަތްފައި ފިނިވެ އޭނާގެ އެތެރެ ހަށީގައި ބުނެދޭން ނޭނގޭ އިޙްސާސެއް އުފެދުނެވެ. އެ ގަދަ މުށި ކުލައިގެ ދެލޮލުން އޭނާއަށް އެ ޖެއްސީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟ ހިނދުކޮޅަކަށް ޒީޝާންގެ އެ އަޅި ކުލައިގެ ދެ ލޮލުގެ ތެރެއަށް ގެއްލިފައި އަރްޒަންއަށް ވެސް ހުރެވުނެވެ. އަމިއްލަ މީހާގެ ނަފުސު ހަމައަކަށް އަޅުވައިލަމުން އަރްޒަން ކަރުކެހިލިއެވެ.

(ނުނިމޭ)

(ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުންދާ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައަކީ ވެސް އެހެން ވާހަކަތަކެކޭ އެއްގޮތަކަށް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނޭކަމަށް އުންމީދު ކުރަމެވެ. )

ކޮމެންޓް 0