"އަހަރެން ބޭނުންވަނީ އޭނާ މަރައިލަން" އިރުކޮޅެއްގެ ވާހަކައަކަށްފަހު އެކޮޅުން ބުނެލި ބަސްތައް އިވި ހިނދުކޮޅަކަށް ޖައުފަރު މަޑުޖެހިލިއެވެ.
ވިސްނުމެއްގައި ހުރިފަދަ ގޮތަކަށް ޖައުފަރު ހުއްޓެވެ. އެ ވާހަކަ އަޑު އިވިފައި ފުރަތަމަ ވެސް އޭނާ އެނގެން ބޭނުންވީ އެފަދަކަމެއް ކޮށްގެން އެމީހަކު އޭނާއަށް ދޭނެ އަގެވެ. އެންމެ ފުރަތަމަވެސް ވިސްނުން ގުޅުނީ ފައިސާއާއެވެ. މީހަކު މެރުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމުގައި ހުރި ނުރައްކާތެރިކަން ވެސް އެހާ ބޮޑެވެ. އެފަދަ ކަންތައް އޭނާ ކޮށްދެނީ ރަނގަޅު އަގެއް ދޭނަމައެވެ.
"ޖައުފަރު..." ސިހުން ގެނުވީ އެކޮޅުން ކަމާލު ވާހަކަ ދެއްކުމާ އެކުގައެވެ.
"އާނ އާނ... ތީ ވަރަށް ބޮޑު ކަމެއް... ތިކަންތައް ކޮށްދެވޭނީ އަހަންނަށް ވެސް..." ޖައުފަރަށް ބުނެވުނީ އެވަރަށެވެ. އޭނާގެ ވާހަކަ މެދު ކަނޑާލާފައި ކަމާލު ވާހަކަ ދެއްކިއެވެ.
"ބުނަން ތިއުޅެނީ ލާރީގެ ވާހަކަ ކަމަށްވަންޏާ ލައްކައެއްދީގެން ވެސް މިކަންކުރަން އަހަރެން މިހުރީ ތައްޔާރަށް..." ކަމާލުގެ ވާހަކަ ހުރިގޮތުން ޖައުފަރުގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.
"އެއްކަލަ ކަންތައް ވެސް ވަރަށް ބަރާބަރު އިނގޭ... އޭނަ ވަރިކުރިހާ އަވަހަކަށް އަހަރެން ކަލެއަށް ބާކީ ލާރި ދޭނަން... މިކަންތަކުގަ ވެސް އެޑްވާންސް ދޭނަން... މަސައްކަތް ނިމުނީމަ ދެން އަނެއްބައި... އޯކޭ؟" ކަމާލު ބުނެލިއެވެ. އެގޮތާ ޖައުފަރު ވެސް އެއްބަސްވި އެވެ. ޖައުފަރު ފޯނު ބޭއްވީ އޭނާ ބޭނުންވާނޭ ބައެއް ސާމާނު ހުންނާނޭކަމަށް ބުނެފައެވެ. އަދި އެ އެއްޗެހި ހޯދަންވުމުން އޭނާ ގުޅާނޭ ކަމަށް ބުނެފައެވެ.
ފޯނު ކަންފަތާ ދުރުކޮށްލަމުން އޭނާ ފަސް އެނބުރުނު ވަގުތު ގޭތެރޭގައި އާދަޔާ ޚިލާފު ދުންގަނޑެއް ވާތީ ޖައުފަރަށް ފެނުނެވެ. އެ ދުންތައް ބޯ ކަމުން ގޭތެރޭގެ އެތެރެވެސް ސާފުވާގޮތެއް ނުވިއެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު، އޭނާ ތުންތަޅުވަން ފެށިއެވެ. މަޑުމަޑުން އެ ދުންތައް ހިނދެމުން ހިނދެމުން ގޮސް އެކީ ހިނދިއްޖެއެވެ.
ހިންދެމިލި ޖައުފަރު އޭނާ ކުރަން ހުރި ކަންތަކަށް ސަމާލުކަން ދޭން މަސައްކަތް ކުރިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ގުގުމަނީ ކަމާލުގެ ވާހަކަ ތަކެވެ. ފައިސާ ލިބޭނެ ވަރަކާމެދު ވިސްނެނީއެވެ.
*****
ހެނދުނު ހޭލި ޒީޝާން ފޯނު ނަގާ ބަލައިލިއިރު އަރްޒަންގެ، ގައިގަނޑަކަށް ފަނަރަ ވަރަކަށް މިސްކޯލް އޮތެވެ. އޭގެ އިތުރުން ގައިގަނޑަކަށް ދިހަވަރަކަށް މެސެޖުވެސް އޮތެވެ. އެންމެ ފުރަތަމަ މެސެޖުގައި ބުނެފައި އޮތީ، އަރްޒަން ރޭގައި ފަހުން ގުޅުމުން ފޯނު ކަނޑައިލަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަނެއްކާ އޭނާއަށް ގޯސްކޮށްކަމެއް ކުރެވުނީތޯ އަހާފައެވެ. އެ ހުރިހާ މެސެޖެއް ކިޔާފައި ޒީޝާން އަރްޒަންއަށް ގުޅަން ވެސް ބޭނުންވިއެވެ. އެކަމަކު އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފޯނަށް ބަލަހައްޓައިގެން އެތައް އިރަކު ޒީޝާންއަށް އިނދެވުނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ފޯނު އެނދުމަތީގައި ބާއްވާފައި އޭނާ ފާހާނާއާ ދިމާލަށް މިސްރާބުޖެހީ ޑިއުޓީއަށް ދާން ޖެހޭތީއާ ވެސް އެކުގައެވެ. ފްލައިޓް އޮތީވެސް އަރްޒަންއާ އެކުގައެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އަރްޒަންއާ ކުރިމަތިލާން ޖެހޭނެއެވެ. އެފަދަ ވިސްނުން ތަކެއްގައި ހުރެ ގޮސް އޭނާ ފާހާނާއަށް ވަދެ ފެންވަރައިލިއެވެ. ހަށިގަނޑަށް ތާޒާވެ އަރާމުވިޔަސް، ސިކުނޑީގައި އުފެދިގެން އުޅޭ ހައިޖާނުގަނޑަށް ކުޑަ ވެސް ލުޔެއް ލިބޭ ގޮތެއް ނުވިއެވެ.
ޔުނީފޯމް ލައިގެން ޒީޝާން، ބޮލުގައި ފުނާއަޅަން ހުއްޓާ އަރްޒަން އަނެއްކާ ވެސް ގުޅައިފިއެވެ. ހަރަކާތްތައް މަޑުޖައްސައިލަމުން ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނު ޒީޝާން ނެގިއެވެ. ޖަވާބުދެމުން އޭނާ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަރްޒަންއެވެ.
"ޒީ... ރޭގަވެސް ވަރަށް ގުޅިން"
"އަނެއްކާ އަހަރެން ދެކެ ހިންހަމަ ނުޖެހިފަތަ؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ނޫނީ އަހަރެންގެ ޙަޤީގަތް އެނގުނީމަ އަހަރެންނާ ގުޅުން ބާއްވަން ބޭނުންނުވަނީތަ؟" އެންމެ ފަހުން އަރްޒަންއަށް އަހައިލެވުނެވެ.
ޒީޝާންއަށް ފޯނުގައި ހުރެ ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އަރްޒަންގެ އަޑުގައި އާދަޔާ ޚިލާފު މަޑުމައިތިރި ކަމަކާއި މާޔޫސްކަމެއް ވީކަން ވެސް އޭނާއަށް އެނގުނު ނަމަވެސް، އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ.
"ޒީ..." އެއްޗެއް ބުނަން ނޭނގިފައި ހުއްޓާ އަނެއްކާވެސް އަރްޒަން ގޮވައިލިއެވެ.
"އެހެންވެގެންނެއް ނޫން އަރްޒަން..." ޒީޝާންއަށް ބުނެވުނެވެ.
"ދެން ކީއްވެ ފޯނު ނުނަގަނީ؟" އަރްޒަން ޝަކުވާ ކޮށްލިއެވެ. ގަޑިޖެހެނީ ކަމަށް ބުނެ ޒީޝާން ފޯނު ކޯލު ކުރު ކޮށްލިއެވެ. ވީ ގޮތް ނޭނގޭތީ އަރްޒަން ކަންބޮޑުވިއެވެ. ފުރުމުގެ ކުރިން އޭނާ އާރާއަށް ގުޅަން ބޭނުންވިއެވެ. އާރާއަކީ ޒީޝާންގެ އެންމެ ގާތް އެކުވެރިޔާއަށް ވުމާއެކު ފަހަރެއްގައި ޒީޝާންއަށް ވެގެން އުޅޭ ގޮތެއް އާރާއަށް އެނގިދާނެއެވެ. އޭނާ ފޮށި ހިފައިގެން ސިޓިން ރޫމަށް ނުކުތުމަށްފަހު އާރާގެ ނަންބަރަށް ގުޅައިލިއެވެ.
ލަސްތަކެއް ނުވެ އާރާ ވެސް ފޯނު ނަގައިފިއެވެ. ޒީޝާންއާ ބެހޭގޮތުން އަރްޒަން ސުވާލުކުރުމާއެކު އާރާ ހިމޭންވިކަން އަރްޒަން ދެނެގަތެވެ.
"އާރާ... ވީ ކީއްކަން ބުނެލަދީފާނަންތަ؟ އޭރުން އަހަންނަށް އެނގޭނީ..." އަރްޒަންއަށް ބުނެވުނެވެ.
ކުރުގޮތަކަށް ކަންތައް ވީ ގޮތް އާރާ އަރްޒަންއަށް ކިޔައިދިނެވެ.
"އަހަރެން ވަރަށް މަސައްކަތްކުރިން ޒީއަށް ވިސްނައިދޭން. އެކަމަކު އޭރު އޭނާ ހުރީ މާ ބޮޑަށް ދެރަވެފަ. އަހަރެން ކީ އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ދިން ހެނެއް ހިޔެއްނުވޭ... "
"އަހަންނާ ބަތޫލް އާ ދެމެދު މިހާރު އެފަދަ އެއްވެސް ގުޅުމެއް ނެތް. އެއީ އަހަރެންގެ ޕާސްޓް..." އަރްޒަންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ވީ ގޮތް އެނގުމާއެކު، އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާގެ ހިތުގައި ބަތޫލްއާ މެދު އިތުރަށް ރުޅިވެރިކަން އުފެދި އިހުނަށްވުރެ ބޮޑަށް ފޫހިވެއްޖެއެވެ.
"ދެމީހުން ވާހަކަދައްކައިގެން ހައްލުކުރަން އަހަންނަށް ފެންނަނީ. ޒީއަކީ ވިސްނައިދީފިއްޔާ ގަބޫލު ކުރާނެކުއްޖެއް..." އާރާ ފޯނު ކަނޑައިލުމުގެ ކުރިން ބުނެލިއެވެ.
ފޯނު ކޯލު ކަނޑާލާފައި އަރްޒަން ޒީޝާންއަށް މެސެޖް ކޮށްލިއެވެ. ހަމައެކަނި ބުނެލީ "ސޮރީ" އެވެ. އެ މެސެޖަށް ވެސް ޒީޝާން ޖަވާބެއް ނުދެއެވެ. ކޮންމެ ގޮތެއް ވިޔަސް އެއާރޕޯޓުން ދިމާވާނެކަން އެނގޭތީ އަރްޒަން ވެސް ގުޅާކަށް ނަހަދައެވެ. އޭނާވެސް ބޭނުންވެފައި ހުރީ ޒީޝާން ކައިރީގައި ހުރެގެން ވިސްނައިދޭށެވެ. ވާހަކަ ދައްކާށެވެ. ބަތޫލް ފަދަ އަންހެނެއްގެ ސަބަބުން އޭނާގެ ދިރިއުޅުން އަނެއްކާ ވެސް އަނޑިނޭނގޭ ވަޅުގަނޑަކަށް ވެއްޓޭކަށެއް އަރްޒަން ބޭނުމެއް ނޫނެވެ.
އަރްޒަންއާ ޒީޝާންއާ ދެމީހުން ދިމާވީ އެއާޕޯޓް ތެރެއިންނެވެ. ބްރީފިންއަށްފަހު ވެސް ދެމީހުންނަށް އެކަނި ވާހަކަ ދައްކައިލަން ފުރުސަތެއް ނުލިބުނެވެ. މަޑުކުރަން ހަމަޖެހިފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައެވެ. ހަމަ ގައިމުވެސް އެއްދުވަސް މަޑުކުރަން ޖެހޭނެއެވެ. ވުމާއެކު އޭނާއަށް ހަމަޖެހިގެން ޒީޝާންއާ ވާހަކަ ދައްކާލެވިދާނެއެވެ. އެފަދަ ވިސްނުންތަކެއްގައި ހުރެ އަރްޒަން އޭނާގެ ހިތް ހަމަ ޖައްސައިލިއެވެ. ވީ ގޮތް އެނގުމުން އޭނާއަށް ޒީޝާންއަށް އެފަދަ ބަދަލެއް އަތުވެދާނެކަމަށް ޤަބޫލުކުރެވެއެވެ. އެހާވަރުން ނޫޅުނީ ވެސް އެހެންވެއެވެ.
އަރްޒަންގެ އިތުރުން ކޯ ޕައިލެޓަކަށް ހުރީ ދާދި ފަހުން އެ އެއާލައިނާ ގުޅުނު ކުއްޖެއް ކަމަށްވާ ވިކާޝްއެވެ. ކުރޫއިންނަށް ތިބީ ޒީޝާންގެ އިތުރުން ޔަމާނީ އާއި ނަޝްވާއާއި ޒޭބާއެވެ.
*****
އަޔާން އައިސް ކޮޓަރިއަށް ވަތްއިރު ރައުދާ އިނީ ސޯފާގައެވެ. ރީތިވެގެން އިނެއްކަމަކު މޫނުމަތިން ވަރުބަލިކަން ފާޅުވާތީ ދެންމެ ޑިއުޓީ ނިންމާފައި އައީކަން ދެނެގަންނަން އަޔާންއަށް އުނދަގުލެއް ނުވިއެވެ. ރައުދާ އެއްޗެއް ނުބުނެ އިންނަން ފެށުމުން އަޔާންވެސް ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އަލަމާރިން އެއްޗެއް ނަގައިގެން އައިސް އަޔާން އަމިއްލައަށް އިސްތިރިކުރަން ފެށުމުން ވެސް ރައުދާ އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ.
"މަންމަ ބުނި އަޔާން ގާތު ބުނަން ބައްޕަ އަންނަ ގަޑިއަށް އެއާރޕޯޓަށް ދާން..." ރައުދާގެ އަޑު އިވުމާއެކު އަޔާންއަށް ބަލައިލެވުނެވެ. އޭރުވެސް ރައުދާ އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ރައުދާ ނުބުންޏަސް އަހަންނަށް އެނގޭ މިއަދުކަން ބައްޕަ އަންނަނީ. އަހަރެން އައިސް ވަތްތަނާ މަންމަ ވެސް ހަނދާންކޮށްލަދީފި. ..." އަޔާންގެ އަޑުގައި ވަނީ ރުންކުރު ގޮތެވެ. މޫނު އަނބުރައިލުމަށްފަހު، ފޯނު ސޯފާމައްޗަށް އެއްލައިލާފައި ރައުދާވެސް ގޮސް ވަނީ ފާހާނާއަށެވެ.
އަޔާންގެ ބައްޕަ ނިހާދު ރާއްޖޭން ބޭރަށް ދިޔައީ އޮފީސް ފަރާތުން ޓްރެއިންއަކަށެވެ. ރާއްޖޭން ބޭރުގައި އުޅޭތާ ދޮޅުމަސް ފާއިތުވެފައިވާއިރު ރައުދާގެ ދަރިފުޅު ބައިގެން ދިޔަ އިރުވެސް އޭނާއަށް ހުރެވޭ ގޮތް ނުވީއެވެ. ފެންވަރާ ހާދާލައިގެން ނުކުމެ ރީތިވެގެން ނިދަން ވެސް ނަހަދާ އަޔާން ދިޔައީ ބޭރަށެވެ. ރައުދާ ފެންނަ ހިސާބުގައި ހުންނަން ވެސް އޭނާ ފޫހިވަނީއެވެ.
ފެންވަރާލައިގެން ނުކުތް ރައުދާއަށް ފޯނު ބަލައިލެވުނީ ފޯނަށް މެސެޖެއް އައީތީއެވެ. ކަމާލުގެ މެސެޖަކަށް ވާތީ އޭނާ ހައިރާންވެ، ހުރެވެސް މެސެޖް ބަލައިލިއެވެ. ކުޑަ އެއްޗެއް އޮޅުން ފިލުވައިލަން ގުޅާލިޔަސް އެންމެ ރަނގަޅުތޯ އެހުމުން ރައުދާވެސް އެންމެ ރަނގަޅު ކަމަށްބުނެ މެސެޖް ކޮށްލިއެވެ. އިރުކޮޅެއްނުވެ ކަމާލު ގުޅައިފިއެވެ. އޭނާ އޮޅުން ފިލުވަން ބޭނުންވި ވާހަކަ އޮޅުން ފިލުވުމަށްފަހު ރައުދާ ކީއްކުރަނީތޯ އަހައިލިއެވެ. ކުޑަ އިރުކޮޅަކު ކަމާލުއާ ވާހަކަ ދައްކަން ރައުދާ ހުއްޓެވެ. ފޯނު ބާއްވާފައި އޭނާ އެނދުގައި އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ. އޮށޯތުމާއެކު އޭނާއަށް ބަނޑުހައިހޫނުކަން އިޙްސާސްވިއެވެ. ތެދުވެގެން އޭނާ މިސްރާބުޖެހީ ކޮޓަރިން ބޭރަށެވެ. ނުކުތްއިރު މަންމަ ނިއުމާވެސް ކޮޓަރިން ނުކުންނަނީއެވެ. ނިއުމާއަށް ގޮވައިލަމުން ރައުދާ ގޮސް ވަނީ ކައްކާބަޔަށެވެ.
*****
އޮފް ދުވަސްކަމަށްވާތީ ރާކިންވެސް ގަސްތުކުރީ ތަންކޮޅެއް ގިނައިރު ނިދާލާށެވެ. އޭނާ ހޭލީވެސް މެންދުރު ނަމާދު ބަންގިއަށެވެ. ފެންވަރާ ހަދާއިގެން އެންމެ ފުރަތަމަ ވެސް އޭނާ ނުކުތީ އެއްޗެއް ކާލާށެވެ. މޭޒު ދޮށުގައި އިށީނުމާއެކު މަންމަ އޭނާއަށް ކާއެއްޗެހި އަޅައިދިނެވެ.
ވައިފައި އޮން ކޮށްލަމުން ފޯނަށް އައިސް ހުރި މެސެޖްތައް ބަލައިލަން އަވަސްވެގަތް ރާކިންގެ ލޮލުގައި ޒޭބާގެ ނަން އަޅައިގަތުމުން އޭނާއަށް އަވަސް އަވަހަށް އެއަށް ކްލިކް ކޮށްލެވުނެވެ. މި ދެދުވަހު އަނެއްކާވެސް ޒޭބާގެ އުނދަގޫ ވަކިން ބޮޑު ވެއްޖެއެވެ. ދެފަރާތަށް ބޯ ހޫރާލެވުނީ ޒޭބާ ފޮނުވާފައިވާ މެސެޖްތައް ފެނިފައެވެ. އޭނާ ރާކިންދެކެ ވަރަށް ލޯބިވާ ކަމަށާއި، ލިބެން ނެތް މީހަކަށް އިންތިޒާރުކުރުމަށްވުރެ، އޭނާ ފަދަ ރާކިން ދެކެ ލޯބިވާ މީހަކު މާ ރަނގަޅުވާނޭކަމަށްބުނެ އެތައް މެސެޖެއް ކޮށްފައިއޮތެވެ. އޭނާ ލޯބިވާވަރަށް އެހެން އެއްވެސް މީހަކު ރާކިން ދެކެ ލޯބި ނުވާނެކަމަށާއި އޭނާއަށް ފުރުސަތެއް ދިނުމަށްއެދިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ރާކިން ކެއުމައިގެން އަވަސްވެގަތެވެ. އޭނާގެ ހިތުގައި ވަނީ ޒީޝާންގެ ނަމެވެ. ވީއިރު އެހެން އަންހެން ކުއްޖަކަށް އޭނާގެ ޙަޔާތުން ޖާގަ ދޭނީ ކިހިނެއްހެއްޔެވެ؟.
*****
ހޮޓެލަށް އައި ގޮތަށް އަރާމުކޮށްލާފައި އެންމެން ދިމާވީ އެރޭގެ ކެއުމުގެ ވަގުތުގައެވެ. ހެޓޮލާ މާދުރު ނޫން ޗައިނީސް ރެސްޓޯރެންޓަކުން ކައިގެން އައިސް ހޮޓެލްގެ ލައުންޖްގައި އެތައް އިރަކު އެމީހުން ވާހަކަ ދައްކަން ތިއްބެވެ. އާދައިގެ މަތިން ނިދަންވަނީ ފުދޭވަރަކަށް ދަންވެފައި ހުއްޓައެވެ. އެހުރިހާ އިރުވެސް އަރްޒަންއަށް ޒީޝާންއާ ވާހަކަ ދައްކައިލެވޭ ގޮތެއް ނުވެއެވެ. މެސެޖެއް ކޮށްލަފިއްޔާ ރިޕްލައިކޮށްލައެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކުވެސް މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އެންމެން ނިދަން ވަތްފަހުން އެންމެ ފަހުން ކެތް ނުވެގެން އަރްޒަން ޒީޝާންއަށް ގުޅިއެވެ. ނަސީބަކުން ދެފަހަރަކު ގުޅިތަނާ ޒީޝާން ފޯނުނެގިއެވެ.
"ޒީ... ތިރީ ގާޑެން އިން މީޓް މީ އިން 10 މިނިޓްސް... އިފް ޔޫ ލަވް މީ" އެންމެ ފަހު ޖުމްލަ އަރްޒަން ބުނެލިއިރު އެ އަޑުގައިވަނީ ރިހުމާއި ވޭނުގެ އަސަރެވެ. އެހެން ބުނެލުމަށްފަހު، އަރްޒަން ފޯނު ކަނޑައިލިއެވެ. ޒީޝާންއަށް އެއްޗެއް ބުނާކަށް އަރްޒަން ފުރުސަތެއް ނުދެއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓް މަތިން ކަޅުކުލައިގެ ޖެކެޓެއް ލިޔެ ވެ.
ތިރިއަށް ގޮސް ބަގީޗާގެ ތެރޭގައި ހުރި ފިނިފެންމާ ގަސްތަކުގެ ކައިރީގައި އަރްޒަން މަޑުކޮށްލިއެވެ. އޭނާ އުޑުމައްޗަށް ބަލައިލިއެވެ. ތަނުގައި އޭރު ހުރީ ފަނޑުއަލިކަމެކެވެ. އެހެންކަމުން ތަރިތައް ވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. އުޑުމަތި ބަލަން ހުރެފައި އޭނާ ގަޑިއަށް ބަލައިލިއެވެ. އިންތިޒާރުކުރެވެނީ ޒީޝާން އަންނާނޭ އިރަކަށެވެ. އޭނާ ހުރީ ވެސް އެތަނަށް ވަންނަ ދިމާ ދޮރުމަތީގައެވެ. ޒީޝާންއަށް އޭނާ ފެންނާނޭގޮތަކަށެވެ. ތަނުގައި އެއްވެސް މީހަކު ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ވަގުތުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ.
*****
ޖެކެޓްލައިގެން ނުކުންނަން ހިނގައިގަނެފައި ވެސް ޒީޝާންގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނާ ދާނީ ހެއްޔެވެ؟ ނޫނީ މަޑުކުރާނީ ހެއްޔެވެ؟ އެފަދަ ވިސްނުން ތަކެއްގައި ހަދާނެ ގޮތެއް ނޭނގި އޭނާއަށް ހުރެވުނެވެ.
ދިހަ މިނިޓް ފާއިތުވެގެން ދިޔައިރުވެސް ޒީޝާން ނައުމުން އަރްޒަން ހިސާބަކަށް މާޔޫސްވި ނަމަވެސް އަދި ތައްޔާރުނުވެނީ ކަމަށްބުނެ އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ.
އެހެން ހުރިއިރުވެސް އޭނާއަށް އިރު އިރުކޮޅަކާ އެތަނަށް ވަންނަ ދިމާލަށް ބަލައިލެވެއެވެ. ކަރުއެލުވައިލަމުން އޭނާ ދާންވެގެން އެނބުރިލިވަގުތު އެ ދިމާލަށް މަޑު ފިޔަވަޅުތަކެއް އަޅަމުން އައި ޒީޝާން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، އޭނާގެ ތުންފަތް މައްޗަށް ބޭ އިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ.
"ސޮރީ ލަސްވީމަ" އަރްޒަން ކައިރިއަށް ހުއްޓެމުން ޒީޝާން މާފަށް އެދެމުން އިސްޖަހައިލިއެވެ.
"އިޓްސް އޯކޭ ލަވް" އަރްޒަން ބުނެލި ޖުމްލައާއެކު އޭނާއަށް އަރްޒަންއަށް ބަލައިލެވުނެވެ. އަރްޒަން މަޑުމަޑުން ޒީޝާންއާ ކައިރިއަށް ޖެހިލިއެވެ. އޭނާ ޒީޝާންގެ ކޮނޑުގައި މަޑުމަޑުން ހިފައްޓައިލިއެވެ. ބެންޗުގައި ޒީޝާން ބައިންދާފައި އޭނާ އެއްކަކޫ އެތަނުގައި ހައްދާފައިވާ ވިނަގަނޑުގައި ވިއްދާލައިގެން އިށީނެވެ. އެއަށްފަހު ޒީޝާންގެ އަތުގައި ހިފައްޓާލާ އެއަތަށް ފިއްތައިލިއެވެ.
"ޒީ. ބަތޫލް އަކީ އަހަރެންގެ ޕާސްޓް. އަހަރެންގެ ހިތުގައި އޭނާއާ މެދު މިހާރު އެފަދަ ޚިޔާލްތަކެއް ނެތް." ސީދާ ޒީޝާންގެ ދެލޮލަށް ބަލަން އިނދެ އަރްޒަން ބުނެލިއެވެ. ޒީޝާން އޭނާގެ އަތް ދަމައިގަންނަން އުޅުމާއެކު އެއަތުގައި ބާރަށް އަރްޒަން ހިފައްޓައިލިއެވެ.
"އަހަރެން އާރާ ގާތު އެހީ ވީގޮތް. އާރޫ ބުނީމަ އެނގުނީ ބަތޫލް އާ ދިމާވީކަން. ޓްރަސްޓް މީ... އަހަރެން ޒީ ގެ އިޙްސާސްތަކަކާ ނުކުޅެން" އަރްޒަންގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ.
" ޒީ... ބިލީވް މީ... އަހަރެން ޒީގެ އިޙްސާސްތަކަކާ ނުކުޅެން. ދުވަހަކުވެސް ނުކުޅޭނަން... އަހަރެންގެ ހިތުން ބަތޫލް ފިޔަވާ ޖާގައެއް ކަށަވަރު ކުރި ހަމައެކަނި އަންހެން ކުއްޖާ ޒީ އަކީ... އެނގޭތަ؟ ހަޤީގަތުގައި މިއަދު ބަތޫލްއަށް ވުރެ އަހަރެންގެ ހިތުގައި ޒީއަށް ޓަކައި އޮތް މަގާމު މާ މަތިވެރި. މާ ބޮޑަށް ވެސް. އަހަރެން ކަމުނުގޮސްގެން އަހަރެން ފަގީރުވެގެން އަހަރެންގެ އާއިލާއެއް ނެތީމަ، އަހަރެން ދޫކޮށްލާފަ ދިޔަ މީހެއް ކައިރިއަށް ކީކުރަން އަހަރެން ދާންވީ. އަހަރެންދެކެ ތިހާ ލޯބިވާ ކުއްޖެއް ހުރިއިރު. އަހަރެން ދުވަހަކުވެސް ޒީ ދޫކޮށްލާފަ އޭނަ ކައިރިއަކަށް ނުދާނަން. އައި ލަވް ޔޫ... ޕްލީޒް ބިލީވް މީ" އަރްޒަންގެ ދެލޮލުން އާދޔާ ޙިލާފް ވިދުމެއް ފެނުނުހެން ޒީޝާންއަށް ހީވިއެވެ. އަރްޒަން އިސްޖަހައިލީ ކަރުނުން އެ ދެލޮ ފުރޭތީ ކަންނޭނގެއެވެ.
ޒީޝާންއަށް އެއްޗެއް ބުނަން ނޭނގިފައި އިނދެވުނެވެ. އޭނާއަށް އަރްޒަންގެ ދެލޮލުން ފެނުނީ ތެދުވެރިކަމެވެ. އޭނާއަށްޓަކައި ވާ ލޯބިވެސް މެ އެވެ.
"އޭނަ އަހަރެން ދޫކޮށްލާފަ ދަމުން އަހަންނާ ދިމާލަށް ކީ އެއްޗެހި ދުވަހަކުވެސް މި ހިތަކުން ނުފިލާނެ. މިއަދު އަހަރެންގެ ހިތުގައި އޭނާއާ ދޭތެރޭ ނަފްރަތު އޮތަސް އެ ބަސްތަކުގެ ސަބަބުން އަހަރެންގެ އަރުގައި ލީ ހިތި ރަހަ އެތައް ދުވަހެއް ވަންދެން އަހަރެންގެ އަރުގައި ލި. ޒީއާ ދިމާވަންދެން ވެސް. އެންމެ ފުރަތަމަ ޒީއާ ދެމެދު އުފެދުނު އިޙްސާސްތައް ހިންދައިލަން އަހަރެން އެހާ މަސައްކަތް ކުރީ އެހެންވެ." އަރްޒަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޒީޝާންގެ ހިތުގައި އުފެދިގެން އުޅޭ ސުވާލުތަކަށް ޖަވާބު ދެވޭތޯ އަރްޒަން މަސައްކަތް ކުރިއެވެ.
(ނުނިމޭ)