އެ ހިސާބާ އަރާ ހަމަވީތަނާ އޭނާގެ ކަންފަތުގައި ރާކިންގެ ޖުމްލަ ޖެހި، ވަގުތުން ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ.

"ޒީ... އައި ރިއަލީ ރިއަލީ ލަވް ޔޫ!"

އަރްޒަންގެ ކަންފަތުގައި އެ ޖުމްލަތައް ގުގުމަން ފެށުމުން, އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ޒީޝާންގެ ޖަވާބު އަންނާނީ ކިހިނެއްހެއްޔެވެ؟ ހިތުގެ ތެޅުން އިންތިހާ ބާރުވުމާއެކު، އޭނާއަށް ދެލޯ ވެސް މަރައިލެވުނެވެ. ހިތާ ހިތުން ދުޢާ ކުރެވުނީ, ރާކިންގެ އެހުށައެޅުމަށް ޒީޝާން ނޫނެކޭ ބުނޭތޯއެވެ. ޒީޝާންއާ މެދު އޭނާގެ ހިތުގައި އުފެދިގެން އުޅޭ އިޙްސާސްތަކުގެ މާނަ އިތުރަށް ފަހުމް ވެގެން ދިޔަ ކަމެއްކަމުގައި އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަ ތަފާތު އެއްޗެއްސާ, އެހިތުގެ ތެޅުން އިންތިހާ ބާރުވެފައިވާތީ އެކަނިވެސް ފުދެއެވެ.

"ޔެސް... އައި ލަވް ހާރ..." އަމިއްލަ ތުންފަތް ހިތުގެ އަމުރަށް ހަރަކާތް ކުރިފަދައެވެ. އެހާ ޔަޤީން ކަމާއެކު ވައިއަޑުން އެ ބަސްތައް ބޭރުވީ އެހެންވެ ކަންނޭނގެ އެވެ. ޒީޝާން ގެއްލިދާނެހެން ހީވި ވަގުތުކޮޅެކެވެ. ޒީޝާންއާ މެދު އުފެދުނު އިޙްސާސްތައް ބާރުގަދައެވެ. އެ ކަމުގެ ސަބަބުން އޭނާއަށް ބަތޫލްގެ ފަރާތުން ލިބުނު އަނިޔާވެސް ހަނދާން ނެތުނުފަދައެވެ. ހިތާ ސިކުނޑިން އެދި ގޮވަން ފެށީ ޒީޝާންއަށެވެ.

"ރާކިން.!..އަހަރެމެން ދެމީހުންގެ ދެމެދު އޮތް އެކުވެރިކަމަށް އަހަރެން ވަރަށް ޤަދަރުކުރަން. އަހަރެން ރާކިންއަށް ވަރަށް އިޙްތިރާމް ވެސް ކުރަން. އެކަމަކު އަހަރެންގެ ހިތުގައި ރާކިންއާ މެދު ތިފަދަ އެއްވެސް އިޙްސާސްއެއް ނެތް!. މާފުކުރޭ!" ވާހަކަ ދައްކަމުން ދިޔައިރު ރާކިންގެ ދެލޮލަށް ޒީޝާން ބަލައިލީ ކުޑަ ހިނދުކޮޅަކަށެވެ. ގިނަ ވާހަކަތައް އޭނާ ދެއްކީ ދުރުބަލަހައްޓައިގެން ހުރެއެވެ. ރާކިންއާ ނަޒަރު ސީދާ ކުރަން ޒީޝާންއަށް ވަރަށް އުނދަގޫވިއެވެ.

"ޒީޝާން އަހަރެން..."

"ރާކިން ޕްލީޒް! ތިކަން އިތުރު މީހަކަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން. އަދި އިތުރަށް މިކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ވެސް... " ޒީޝާން ރާކިންގެ ވާހަކަ ހުއްޓުވިއެވެ. އިތުރު އެއްޗެއް ބުނަން، ރާކިންއަށް ފުރުސަތުދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ރާކިންގެ ކުރިމަތިން ދުރަށް ދާން ބޭނުންވެފައި ހުރި, ޒީޝާން އަވަސް އަވަހަށް އެތަނުން ދާން ހިނގައިގަތް ތަނާ , ރާކިން އައިސް ޒީޝާންގެ ކުރި ބެއްދިއެވެ.

"އަހަރެންގެ ޒީޝާން ބޭނުންނުވާ ކޮން ސިފައެއް ހުރެގެންތަ އަހަރެން ދެކެ ޒީޝާން ގަޔާނުވަނީ؟" ޖެހިލުންވުން ކުޑަ ގޮތަކަށް ރާކިން އަހައިލިއެވެ. އޭނާ ޒީޝާންގެ އަތުގައި ހިފެއްޓިއެވެ. ރާކިންއަށް ހަނދާންވަނީ އަރްޒަންއެވެ. އަރްޒަންއަށް ޒީޝާން ބަލައިލާ ގޮތެވެ. ހުރިހާ ކަމަކުން ވެސް އޭނާއަށް ވުރެ ކުރިއަރައި އަރްޒަން ދާލެއް އަވަސްކަމުން އޭނާގެ ހިތުގައި އަރްޒަންއާ މެދު އިންތިހާ ނަފުރަތު ވެއެވެ.

"ދޫކުރޭ ރާކިން!" ޒީޝާން އަތް ފޮޅުވައިލަން މަސައްކަތް ކުރަމުން ބުނެލިއެވެ. ރާކިން ޒީޝާންގެ އަތުގައި ހިފައްޓާފައިވަނީ ވަރަށް ބާރަށެވެ. އޭރު ރާކިންގެ ދެލޮލުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ކަރުނަތައް ޖަމާވެފައިވެއެވެ. ރުޅިއާ ދެރަ އެކުވެގެން އުފެދިގެން އުޅޭ ޖަޒުބާތުތައް އަމިއްލަ މީހާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ގޮތެއް ރާކިންއަކަށް ނޭނގެއެވެ.

"އަހަރެން ދެކެ ލޯބިނުވަނީ ކީއްވެ؟ އަހަރެންގެ ހިތް ޒީޝާންއަށްޓަކައި ތެޅޭ ވަރު އިޙްސާސްނުވަނީ ކީއްވެ؟ އަހަރެންގެ ހަޔާތުގައި އަހަރެން ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުވަނީ ކީއްވެތަ؟ އަހަންނަށް ވުރެ ބޮޑަށް އެންމެނަށް ވެސް އަރްޒަން ކަމުދަނީ ކީއްވެތަ؟ ޒީޝާން އަރްޒަން ދެކެ ލޯބިވަނީ ކީއްވެތަ؟"

ރާކިންގެ ފަހު ސުވާލާއެކު, ޒީޝާންއަށް ހަރަކާތްތައް މަޑު ޖައްސައިލަމުން, ރާކިންގެ ދެލޮލަށް ބަލައިލެވުނެވެ. އެހާ ކައިރިން އެ ދެލޯ ފެނުމުން އޭނާއަށް އިރުކޮޅަކު އެ ދެލޮލަށް ބަލަން ހުރެވުނެވެ. އެ ދެލޮލުން އޭނާއަށް ފެނުނީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައިވާ އިޙްސާސްއެއް ނޫނެވެ. ޖަޒުބާތެއް ނޫނެވެ. އެ ދެލޮލުގައި ވޭނާ އެއްވަރަށް ރުޅިވެރިކަން ވެސް ވިއެވެ.

"އަހަންނަށް އެނގޭ ޒީޝާންއަށް އަރްޒަން ކަމުދާކަން.. ތި ދެލޮލުން އެކަން ބުނެދޭ... އެކަމަކު ކީއްވެތަ؟ އަހަރެން އަތުން ހުރިހާ އެއްޗެއް ޖަހައިގަތް ގޮތަށް އޭނާ އެ އުޅެނީ އަހަރެންގެ ލޯބިވެސް ޖަހައިގަންނަން... އެކަން ކުރާކަށް އަހަރެން ފުރުސަތެއް ނުދޭނަން. އެނގިއްޖެތަ؟ ޒީޝާން ޖެހޭނީ އަހަރެންގެ މީހަކަށް ވާން... ތީ އަހަރެންގެ ޙައްޤެއް!" ރާކިންގެ ރުޅިވެރިކަން ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. އެއާއެކު ޒީޝާންގެ އަތުގައި ހިފައްޓާފައިވާ އޭނާގެ އަތަށް ވެސް ބާރު ލެވެމުން ދިޔައެވެ.

"ރާކިން ތަދުވެޔޭ!" ޒީޝާން ބުނަމުން ދިޔަ ވާހަކައަށް ސަމާލުކަން ނުދީ، ރާކިން ޒީޝާންގެ ދެ އަތުގައި ހިފައްޓައިގެން ހުރެ އޭނާއާ ޒީޝާން ކައިރިކޮށްލިއެވެ. އޭނާގެ ހަށިގަނޑާ ޖެހޭ ނުޖެހޭ ހާ ގާތަށެވެ.

ރާކިން އުޅެން ފެށި ގޮތަކުން ޒީޝާންގެ ހިތުގައި ބިރުވެރިކަން ވެސް އުފެދުނެވެ. ރާކިން އެހުރީ އަނެއްކާ ހަމަހޭގައި ހެއްޔެވެ؟ އޭނާގެ އަތް ރާކިންގެ އަތް ދަށުން ސަލާމަތް ކުރުމަށް, ޒީޝާން މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ބާރުގަދަ ފިރިހެނެއްގެ ކުރިމަތީގައި އޭނާ ފަދަ ނިކަމެތި އަންހެން ކުއްޖަކަށް ދެއްކޭނީ ކޮން ބާރެއްހެއްޔެވެ؟ ވަގުތުން އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެކަމުން ވެސް ރާކިންއަށް އަސަރު ކުރި ހެނެއް ހިޔެއްނުވެއެވެ.

އަރްޒަންއަށް ކެތް ކުރަން ދަތިވިއެވެ. އޭނާ ދެ އަތް މުށްކަވާލަމުން އެތެރެއަށް ވަނުމަށްފަހު, ރާކިންގެ ފުރަގަހުން ގަމީހުގައި ހިފާ ޖެހި ލުއްކާއެކު ޒީޝާންއާ ރާކިން ދުރުކޮށްލިއެވެ.

"ޒީޝާން އޭނާގެ ގައިގައި އަތްލަން ނުރުހޭއިރު އެކަން އެގޮތަށް ކުރުމުގެ އެއްވެސް ހައްގެއް ރާކިންއަކަށް ނޯންނާނެ!" އަރްޒަން ބުނެލިއެވެ. ރުޅިމަޑުކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އެކަން ކުރަން އޭނާއަށް ވަރަށް އުނދަގޫވިއެވެ.

ރާކިން ޒީޝާންއަށް ބަލައިލުމަށްފަހު, ގަމީހުގެ ގިރުވާން ރަނގަޅުކޮށްލިއެވެ. ޒީޝާން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ބޮނޑިވެފައި ހުރި ކަރުނަ ތިކިތައް ރޮނގު ދެމިގެން ތިރިއަށް ފައިބަން ފަށައިފިއެވެ.

ޒީޝާންގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދާތަން ފެނި އަރްޒަންއަށް ރާކިންއާ ދިމާލަށް ބަލައިލެވުނީ ރުޅިވެރި ނަޒަރަކުންނެވެ.

"މީ އަރްޒަންއާ ބެހޭ ކަމެއް ނޫން..." ރާކިން އަޑަށް ބާރުލާފައި ބުނެލި އެވެ. އަރްޒަން ޒީޝާންއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އަންހެން ކުއްޖަކުގެ ހުއްދަ ނެތި އެ ކުއްޖާ ގެ ގައިގައި އަތްލާ ގާތް ވާން މަސައްކަތްކުރާ ކަމަށްވާނަމަ އަހަންނަށްވެސް ހައްގު އޮންނާނެ އެކަން ހުއްޓުވުމުގެ. ރާކިން ތި ކުރީ ވަރަށް ފިނޑި މުޑުދާރު އަމަލެއް..." އަރްޒަންއަށް ވެސް ރީތިކޮށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. އޭނާގެ ނަފުސުގައިވީ ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ސަބަބުން އަޑު މަޑު ނުކުރެވުނީއެވެ.

"އަރްޒަންއަކީ ޒީޝާންގެ ކާކުތަ؟ " ރާކިން އެއްމިޔަކަށް ހީލަމުން އަރްޒަންއަށް ބަލައިލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް އަރްޒަންއަށް ނޭނގި އެދެމެދަށް ހިނދުކޮޅަކަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ.

ޒީޝާންއަށް ބަލައިލުމަށްފަހު, ރާކިން، އެތަނުން ދާން ހިނގައިގަތެވެ. އަރްޒަން ފަސްދީ ގޮސްފައި އޭނާ ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ. އެއަށްފަހު އެނބުރިލާ އަރްޒަންއާ ދިމާލަށް ހިނގައިގަތެވެ. އަރްޒަންގެ ކޮނޑުގައި ހިފާ އޭނާ އާ ވީ ދިމާލަށް އަނބުރުވާލާފައި އަރްޒަންގެ ތުންފަތް މައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއެވެ.

އެތަން ބަލަން ހުރި ޒީޝާންއަށް މަޑު ހަޅޭކަކާއެކު، އަރްޒަންއަށް ގޮވައިލެވުނެވެ. އޭނާއަށް އަނގަމަތީގައި އަތް ވެސް އަޅައިލެވުނެވެ. އަނެއްކާ ހޮޓެލް ތެރޭގައި، ދެމީހުން ތަޅައި ޒުވާބުކޮށްފާނެތީ އޭނާ ކަންބޮޑުވިއެވެ.

ޒީޝާންއަށް އަވަސް ނަޒަރެއް ދީފައި ރާކިން އެތަނުން ދުރަށް ދާން ހިނގައިގަތެވެ. ރާކިން ދިޔަ މަންޒަރު ބަލަން ހުރެފައި އަރްޒަންއަށް އޭނާގެ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. ތުންފަތް ފަޅައިގެން ގޮސް ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔައެވެ. އަތުގެ ނުފުށުން ތުންފަތް ފުހެލަމުން އޭނާ ބަލައިލީ ޒީޝާން އަށެވެ.

"އާޔ ޔޫ އޯކޭ؟" ޒީޝާން ހުރި ގޮތް، ފެނި އަރްޒަންއަށް ސުވާލުކޮށްލެވުނެވެ. ޒީޝާންއަށް އަވަސް އަވަހަށް ބޯ ޖަހައިލެވުނެވެ. ކަރުނަތައް އޭރުވެސް, ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދެއެވެ. އޭނާއަށް ސޯފާގައި އިށީނދެވުނެވެ. ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުންނެވެ.

އަރްޒަން އިރުކޮޅަކު ޒީޝާންއަށް ބަލަން ހުރުމަށްފަހު, އެ ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ޒީޝާންއާ ދާދި ގާތުގައި ހުއްޓިފައި, އޭނަ އެއްކަކޫ ޖައްސައިލައިގެން ޒީޝާން ކައިރީގައި އިށީނދެލިއެވެ. އޭރު ޒީޝާން އިނީ އޭނާގެ ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލައިގެންނެވެ.

"ޒީ..." އޯގާތެރިކަން އެކުލެވިގެންވީ އަޑަކުން، ގާތްގޮތަކަށް އަރްޒަން ގޮވައިލިއެވެ.

"އިޓްސް އޯކޭ..." އަރްޒަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭނާ މަޑުމަޑުން ޒީޝާންގެ އަތުގައި އޭނާގެ އަތުން ހިފައްޓައިލިއެވެ. އެ ބީހިލުމާއެކު ޒީޝާންގެ މުޅި އެތެރެ ހަށީގައި ކަރަންޓް އޮއިވަރެއް އުފައްދައިފިއެވެ. އެ އަޑުގައިވި އޯގާތެރި ކަމުގެ ސަބަބުން އޭނާއަށް ހަމަޖެހިލަން ފަސޭހަވިފަދައެވެ.

އަތް މަޑުމަޑުން ދުރުކޮށްލި، ޒީޝާންއަށް އަރްޒަންގެ ގަދަ މުށި ކުލައިގެ ދެލޮލަށް ބަލައިލެވުނެވެ. ހަތަރު ކަޅި ބައްދަލުވުމާއެކު, ޚުދު އަރްޒަންއަށް ވެސް، ޒީޝާންގެ އެ އަޅި ކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ. އެހެންޏާ ވެސް ހަމަ އެ އިޙްސާސް އޭނާއަށް ކުރެވެއެވެ. އެކަމަކު މި ފަހަރު އެ އިޙްސާސް އާދަޔާ ޚިލާފަށް ބާރުގަދަ އެވެ. އޭނާއަށް އެ ދެލޮލުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އިނދެވުނެވެ. ރުއިމުގެ ސަބަބުން ޒީޝާންގެ ދިގު އެސްފިޔަތައް ތެމިފައިވެއެވެ. އެކަމުގެ ސަބަބުން އެސްފިޔަތަކުގެ ކުލަ އިތުރަށް ގަދަވެފައިވެއެވެ. އެ އަޅި ދެލޯ އޭނާއަށް އެ ޖައްސަނީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟ އެއީ ކޮންފަދަ ޖާދޫއެއް ހެއްޔެވ؟

"އިޓްސް އޯކޭ ޒީ... އައި އެމް ހިޔަ..." އަރްޒަންއަށް އަނެއްކާ ވެސް ބުނެވުނެވެ. އެ ޖުމްލަތައް އެގޮތަށް ބުނެވުނީ ކީއްވެކަން ނޭނގުނު ނަމަވެސް އޭނާއަށް އަމިއްލަ ހިންހަމަޖެހުން ވެސް ލިބިގެން ހިނގައްޖެއެވެ.

އަވަސް އަވަހަށް ޒީޝާންއަށް ބޯ ޖަހައިލެވުނެވެ. އޭނާގެ ނަޒަރު އަރްޒަންގެ ފަޅައިގެން ގޮސްފައިވާ ތުންފަތަށް ހުއްޓުމާއެކު، އަރްޒަންއަށް އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލެވުނެވެ. އޭރުވެސް ލޭ އަންނަމުން ދިޔައެވެ. އޭނާ މިފަހަރު ވެސް އަތުގެ ނުފުށުން ލޭތައް ސާފުކޮށްލިއެވެ. އެކަމަކު، ލޭ މަނާ ވާގޮތެއް ނުވިއެވެ.

"ސޮރީ..." ޒީޝާން މާފަށް އެދުނެވެ. އަރްޒަން ކީއްވެތޯ ސުވާލުކޮށްލިއެވެ.

"މީ ޒީގެ ކަމެއް ނޫނެއްނު. ޒީ މާފަށް އެދޭކަށް ނުޖެހޭނެ އަސްލު!" އަރްޒަންގެ އަޑުގައި އެހުރި ގާތްކަމުގެ ސަބަބުން އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

އަރްޒަންއަށް ވެސް އެމަންޒަރު ބަލަން އިނދެފައި ހިނިތުންވެވުނެވެ. ޒީޝާން އޭނާގެ ދަބަސް ހުޅުވާލާފައި، ނެގި ޓިޝޫ އެއް އަރްޒަންއަށް ދިއްކޮށްލިއެވެ. ޝުކުރު ކުރަމުން އަރްޒަން އެ ޓިޝޫގައި ހިފިއެވެ. އެއަށްފަހު، އޭނާ ތުންފަތުގައި ޖައްސައިލިއެވެ.

އަރްޒަން އެހާ ގާތުގައި އިނުމުން އަރްޒަންއަށް ބަލަހައްޓައިގެން ޒީޝާންއަށް އިނދެވުނެވެ. އަރްޒަން އިސް އުފުލައިލާ ޒީޝާންއަށް ބަލައިލުމާއެކު، އޭނާ ނަޒަރު ތިރިކޮށްލިއެވެ. އަރްޒަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް އަނެއްކާ ވެސް ވެރިވިއެވެ. ޒީޝާންއަށް ފުން ނަޒަރެއް ދެމުން ތުންފަތުގައިވި ހިނިތުންވުން ފުޅާކޮށްލަމުން އަރްޒަން މަޑުމަޑުން ތެދުވެލިއެވެ. ޒީޝާން ވެސް ސޯފާއިން ތެދުވެލިއެވެ. އެއަށްފަހު އޭނާ އަރްޒަންއަށް ބަލައިލާފައި އެތަނުން ދުރަށް ދާން ހިނގައިގަތީ މާފަށް އެދި އަދިވެސް އެއްފަހަރު ޝުކުރުކޮށްފައެވެ.

ޒީޝާންއަށް ވަކި ހިސާބަކަށް ދެވުނުތަނާ އަރްޒަން ފަހަތުން ގޮސް ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ ސީދާ ޒީޝާންގެ ދެލޮލަށް ބަލައިލިއެވެ. ހިތުގެ އިޙްސާސްތައް ފޮރުވައިގެން ހުންނަން އޭނާގެ މުޅި ޖިސްމާ ނަފްސު ވެސް ދެކޮޅު ހަދަމުން ދިޔައެވެ. ޒީޝާން ގެއްލިދާނެހެން ހީވަނީއެވެ. އެ އިޙްސާސްތައް އެ ގަޑީގައި ބަންޑުން ކޮށްލަން ހިތް އެދި ގޮވަނީއެވެ. ލަސްކޮށްފިނަމަ ތެޔޮ ނާށީ ކާޅު ޖަހައިގަނެފާނެއެވެ.

އޭނާއަށް ޒީޝާންގެ ދެލޮލުން އޭނާ ދެކެވާ ލޯބި ފެންނަމުން ދިޔައެވެ. އެ ދެލޮލުން އޭނާއަށް ފެންނަނީ އެ އަންހެން ކުއްޖާ އޭނާއަށް އެދޭ ވަރެވެ. ލޯތްބެވެ. ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ. އާއެކެވެ. މިއީ އެވަގުތެވެ. މާޒީއިން އަތް ދޫކޮށްލަން ވީ އެވެ. އަބަދު އޭގައި ހިފައިގެން އުޅެގެން އޭނާއަށް މުސްތަޤްބަލް އުޖާލާއެއް ނުކުރެވޭނެއެވެ. އޭނާއަށް ދެވަނަ ފަހަރުވެސް ލޯބި ވެވިއްޖެއެވެ. ހިތުގައި ބިރުވެރިކަން ވެއެވެ. އެކަމަކު މިއަދު އަރްޒަން ބޭނުންވަނީ އެކަމާވެސް ކުރިމަތިލާށެވެ. ބިރަށް ފިލައިގެން އުޅެވިއްޖެއެވެ. ހަޤީގަތް އެނގުމަށްފަހު ޒީޝާން، އޭނާ ދޫކޮށްލަންޏާ ދޫކޮށްލަފާނެއެވެ. އެކަމަކު އޭރުން އެ ދުވަހަކުން އަނެއްކާވެސް އޭނާގެ ހިތް ހަލާކުވާނެއެވެ. ހިތްވަރުކުރިޔަސް ޖެހިލުންވަނީއެވެ. ދެވަނަ ފަހަރު އެފަދަ ވޭނެއް ތަޙައްމަލް ކުރާނެހާ ހިތްވަރެއް އަރްޒަންގެ ނެތެވެ. އެކަމަކު ޒީޝާންއަށް ޓަކާ އޭނާ އެ "ރިސްކް" ވެސް ނަގަން ބޭނުންވިއެވެ. ޒީޝާން ގެއްލެން ނޭދޭތީއެވެ.

"ޒީއަށް އެނގޭތަ އަހަރެންނަކީ ކާކު ކަން؟" އަރްޒަން ކުއްލިއަކަށް ކުރި ސުވާލަކުން ދޭނެ ޖަވާބެއް ޒީޝާންއަކަށް ނޭނގުނެވެ. ޒީޝާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި، އަރްޒަން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަހަންނަކީ ކުޑަކުދިންގެ ހިޔާގައި އުޅެ ބޮޑުވި ކުއްޖެއް. އަހަރެންނަކަށް ނޭނގެ އަހަރެންގެ އާއިލާއަކީ ކޮބައިކަމެއް... ކިހިނެއް ތިބޭ ބައެއްކަމެއް. މިއަދު ކިތަންމެ ކާމިޔާބު މީހަކަށް ވީ ކަމުގައިވިޔަސް އަހަންނަކަށް އަހަރެންގެ އަސްލެއް ބަދަލެއް ނުކުރެވޭނެ. އަހަންނަކަށް އަހަރެން ބަދަލެއް ނުކުރެވޭނެ. ހަޔާތުގައި އަހަރެންނަށް ނާކާމިޔާބަކާ ކުރިމަތިވެފައި ވާނަމަ އަބަދުވެސް އެކަމެއް ވެފައިވަނީ އަހަރެންގެ ބެކްގްރައުންޑްގެ ސަބަބުން ކަންއެނގޭތަ؟ އަހަރެން ކިތަންމެ ފިލަން ބޭނުންވިޔަސް، ކިތަންމެ ގަބޫލުކުރަން ބޭނުންނޫނަސް، އެ ހަޤީގަތަކަށް އަހަންނަކަށް ނުފިލޭނެ..."

އަރްޒަން އެއްނޭވާއިން އެތައް ވާހަކައެއް ދައްކައި ނިންމައިލިއެވެ. ޒީޝާންއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ހުއްޓުން އަރާފަ އެވެ.

"ޒީ..." ހަމަހޭވެރިކަން ވީ އަރްޒަން ގޮވައިލުމުންނެވެ.

"އަނ... އާނ... ކީއްވެ އަހަންނަށް ތި ހުރިހާ އެއްޗެއް...." ޒީޝާންއަށް ވާހަކަ މެދުކަނޑާލެވުނެވެ. އެ ޖުމްލަ ފުރިހަމަ ކުރާނެ ގޮތެއް އޭނާއަށް ނޭނގުނީއެވެ.

"ޒީޝާން އަހަންނާ ގަޔާވާކަން އަހަންނަށް އެނގޭ. އަދި ލޯބިވާކަން ވެސް." އަރްޒަން ޒީޝާންގެ އަތަށް ބާރުކޮށްލިއެވެ.

އަރްޒަންގެ ޖުމްލައާއެކު އެކީ ޒީޝާންގެ ހިތުގެ ތެޅުން ބާރުވިއެވެ. އޭނާގެ މޫނުމަތި ރަތްވެ ލަދުން އިސްޖަހައިލެވުނެވެ. އަރްޒަން އެހާ ފާޅުކަން ބޮޑުގޮތެއްގައި އެހެން ބުނުމުން އޭނާ ހިސާބަކަށް ސިހުނެވެ. ދުވެ ފިލަން ވެސް ބޭނުންވިއެވެ. އެކަމަކު ހަށިގަނޑު ހީވަނީ "ޕެރަލައިޒް" ވެފައިވާ ހެންނެވެ. ހަރަކާތެއް ނުކުރެވެ އެވެ. ދުލުގައި ވަނީ ތަޅެއް ލެވިފައެވެ. މީހާ އެކީ ފިނިވެއްޖެއެވެ.

އެއަތަށް ވެރިވި ފިނިކަން އަރްޒަންއަށް ވެސް އިޙްސާސްކުރެވުނެވެ. ޒީޝާން ލަދުން އިސްޖަހައިލުމުން، އޭނާއަށް އެތައް އިރަކު ޒީޝާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟

"އަހަރެންގެ މިހުރިހާ އުނި ސިފަތަކާއެކު ވެސް، ޒީޝާންއަހަންނާ އެކު އުޅޭނަންތަ؟ ޒީޝާންގެ އާއިލާ ގަބޫލުވާނެތަ؟" އަރްޒަން ދެވަނަ ފަހަރަށް ކޮށްލި ސުވާލުތަކާއެކު، ޒީޝާންއަށް އިސްއުފުލައިލާ އަރްޒަންއަށް ބަލައިލެވުނެވެ.

"އައި ލައިކް ޔޫ...!" ހިތްވަރުކޮށްފައި އަރްޒަން އޭނާގެ ހިތުގެ ހާލު އެ ވަގުތު ޒީޝާންއަށް ހާމަކޮށްލިއެވެ.

ލިބުނު ސިހުމުގައި ޒީޝާންއަށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. އިވުނު ޖުމްލަ އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. މީ އަނެއްކާ ހަޤީގަތެއްހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟ މުޅި މީހާ އެކީ ފިނިވިއެވެ. ހިތުގެ ތެޅުން ބާރުވެ ހަށިގަނޑުތެރޭގައި ހީވަނީ "އެޑްރިނާލިން"ގެ ތޫފާނެއް އުތުރި އެރީ ހެންނެވެ. ބުނާނެ އެއްޗެއް ނޭނގުނު ވަގުތުކޮޅެކެވެ. ލައިލައި ހުރި ނޭވާ ވެސް އަރުތެރޭގައި ތާށިވިއެވެ. ނުތަނަވަސްވުމާއެކު ޒީޝާންއަށް އޭނާގެ އަތުން ކަރުގައި ފިރުމަން ފެށުނެވެ.

އަރްޒަން ޒީޝާންގެ އަތުގައި އޭނާގެ އަތުން ހިފައްޓައިލިއެވެ. އެއަށްފަހު، ޒީޝާންގެ ދެލޮލަށް ނަޒަރު ހުއްޓައިލިއެވެ. އަނެއްކާ ވެސް އޭނާކުރިން ބުނި ޖުމްލަ ތަކުރާރު ކޮށްލިއެވެ.

"ތި އަޑު އިވުނީ ރަނގަޅަށް... އައި ލައިކް ޔޫ..." އަރްޒަންގެ ދެވަނަ ފަހަރަށް ބުނި ޖުމްލައާއެކު، ޒީޝާންއަށް ދެލޯ ވެސް ބޮޑު ކޮށްލެވުނެވެ.

"ބްރީތް!" ނޭވާ ލާން ވެސް އެނގުނީ އަރްޒަން ހަނދާން ކޮށްލަ ދިނީމަ އެވެ. މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލި ޒީޝާންއަށް ބަލަން ހުރި އަރްޒަން ހިނިތުންވެލިއެވެ.

"ޔޫ ލައިކް މީ؟" އަރްޒަން ސީދާ ސީދަލަށް އެ ސުވާލު ކޮށްލުމާއެކު، އަނެއްކާވެސް ޒީޝާން ސިހޭ ގޮތްވިއެވެ. އަރްޒަން ބުމަ އަރުވައިލީ ޖަވާބެއް ބޭނުންވެފައިވާ ފަދައަކުންނެވެ. އޭނާ ޒީޝާންގެ އަތަށް ބާރުކޮށްލިއެވެ.

ޒީޝާން މަޑުމަޑުން ބޯ ޖަހައިލުމާއެކު އަރްޒަންގެ އަތުން އަތް ނައްޓުވާލާފައި، ދުވެފައި އެތަނުން ނުކުތެވެ. މޭގައި އަތް އަޅާލައިގެން ހުރެ ގޮސް ކޮޓަރިއަށް ވަތް އިރު ވެސް، މޭގަޑު ހީވަނީ އަތަށް އައިސްދާނެހެންނެވެ.

ދޮރުފަތުގައި ލެނގިލި ޒީޝާންއަށް އަރްޒަންގެ ޚިޔާލުތަކުގައި ގެނބެމުން ދަނިކޮށް އޭނާގެ ފޯނަށް މެސެޖެއް އައުމާއެކު ފޯނަށް ބަލައިލެވުނެވެ. ވައިބާއަށް ވަދެ އައިސްފައި އޮތް މެސެޖް އޭނާ ބަލައިލިއެވެ.

ދެވަނަ ސިކުންތުގައި ތުންފަތް މަތީގައިވި، ހިނިތުންވުން ފަނޑުވެ މޫނުމައްޗަށް ހާސްކަން ވެރިވެއްޖެއެވެ.

(ނުނިމޭ)

ކޮމެންޓް 0