ކަމާލުގެ ރުޅިގަނޑު ފިނިކުރުވަން ޖައުފަރަށް އެތަކެއް ވާހަކައެއް ދައްކަން ޖެހުނެވެ. ފޯނު ކޯލު ނިންމާލުމަށްފަހު, އޭނާ ގޮސް ވަނީ ކުރިން ވެސް ވަތް ކޮޓަރިގަނޑަށެވެ. އެތަނުގައި ހުރި އަޅިތަކުން އޭރުވެސް ދުން އަރަމުން ދިޔައެވެ. ހީވަނީ އޭނާ ނުކުތީވެސް އެތަނުގައި ކޮންމެވެސް މަސައްކަތެއް ކުރަން އިނދެފައި ހެންނެވެ.
"އަހަރެންނަށް އެ ފައިސާ ނުދޭނެ ގޮތެއްތަ އޭނަ އެ ހޯދަނީ އަނެއްކާ؟"
ޖައުފަރަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ވިސްނުން ދޫކޮށްލީ ކަމާލުއަށް އިތުބާރުކޮށްފައެވެ.
އަޅި ފުނި ދޮށުގައި އިށީނދެ އިނދެ އޭނާ އެއްފަރާތުގައި ހުރި ގަނޑުތަކަށް ބަލައިލިއެވެ. އެއަށްފަހު, ތުން ތަޅުވަން ފެށިއެވެ.
*****
ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އާރާއަށް ސިހުން ގެނުވީ, ބާލީހުގެ އެއްފަރާތުގައި އޮތް ފޯނު ރިންގްވީ އަޑަށެވެ. ކުޑަކޮށް އަރިއަކަށް ފުރޮޅިލާ އޭނާ އަރާފައިވާ ނަން ބަލައިލިއެވެ. ޖިނާންގެ ފޯނެއްކަމުން އޭނާ ފޯނު ނަގަމުން ކަންފަތުގައި ޖައްސައިލިއެވެ.
"އާރާ..." އާރާގެ ނަން ކިޔައިލަމުން ޖިނާން އިންތިޒާރުކުރީ އާރާގެ ބަހެއް އޭނާއަށް ލިބެންދެނެވެ.
"ހޫމް..." އާރާ ހަމަ އެކަނި ބުނެލީ އެހެންނެވެ. ވެރިވެގެން ދިޔަ ހަމަހިމޭންކަން ފޫދުއްވައިލަމުން ޖިނާން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
"އާރާ! އައި އެމް ސޮރީ! އަހަންނަށް މާފުކުރޭ... އަހަރެން އާރޫއާއެކީ ނުނިކުތްނަމަ އެހެން ނުވީސް. އަހަރެންގެ ކުށް މީ!" ހަޤީގަތުގައި ވެސް ޖިނާންއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވެމުން ދިޔައެވެ.
"އިޓްސް އޯކޭ ޖިނާ... ޖިނާގެ މައްސަލައެއް ނޫންއެއީ... އެއީ ރަފްހާންގެ ގޮތް. އަހަރެން ޖިނާ ގާތުން މާފަށް އެދެން. އައި އެމް ރިއަލީ ސޮރީ... އަހަންނެކޭ އެއްގޮތަށް ޖިނާގެ އަގު ވެސް ވެއްޓުނީ ރަފްހާންގެ ސަބަބުން. އަހަންނަށް މާފުކުރޭ!" އާރާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.
ޖިނާން ބުނީ އޭނާގެ ހިތުގައި އާރާއާ މެދު އެއްވެސް ހިތް ބުރަކަމެއް ނެތް ކަމުގައެވެ. އޭނާއަށް މިރޭ ހަމަ އާރާގެ ހާލު ބަލައިނުލާ ނުނިދިގެން އުޅޭ ކަމުގައެވެ. އާރާ ބޭނުންވާ ކޮންމެ ހިނދެއްގައި އޭނާ އާރާ ކައިރީގައި ހުންނާނަން ކަމުގައި ޖިނާން ބުންޏެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން އެހެން ބުނި ކަމުގައި ވިޔަސް، ޖިނާންގެ ހިތުގައި ވަނީ އާރާ އާ މެދު ވަރަށް ފުން ޖަޒުބާތެކެވެ. އެ ހިތުގައި ވަނީ ލޯތްބެވެ. އިންތިހާ ލޯތްބެވެ.
ރަފްހާންއާ އާރާއާ ދެމީހުން ދުރުވުމުގެ ސަބަބުން އޭނާގެ މިލާފައި ހިތަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނެވެ. ދެރަވީ އާރާއަށް ލިބޭނެ ގެއްލުމަކަށް ވިސްނާފައެވެ. އާރާ ހިތާމަ ކުރާނެ ވަރު އަންދާޒާ ކޮށްލާފައެވެ. ބޭނުންވަނީ މިހާރުން މިހާރަށް އާރާ އޭނާގެ މީހަކަށް ހަދާށެވެ. އެ އަންހެން ކުއްޖާއަށް އިންތިހާ އުފާ ދޭށެވެ. އެކަމަކު އެހާ އަވަހަށް އޭނާ އާރާގެ ގާތުގައި އެ ހިތުގެ އިޙްސާސްތައް ބަނޑުން ކޮށްލާކަށް ބޭނުމެއް ނޫނެވެ. އާރާ ބޭނުންވާ ވަގުތު އޭނާ އާރާއަށް ދޭނެއެވެ. ދުވަހަކުވެސް އޭނާ އާރާއަށް ދެރަގޮތެއް ވާކަށްނޭދެއެވެ. ރަފްހާންދެކެ އާރާ ވަރަށް ލޯބި ވާކަން ވެސް އޭނާއަށް އެނގެއެވެ. މިހުރިހާ ދުވަހު ކެތްތެރިވި ގޮތަށް އަދިވެސް އޭނާ ކެތްތެރިވާނެއެވެ.
"އާރޫގެ ޑިއުޓީ މާދަމާ އޮތީ އަހަރެންނާ އެކީ... އެނގޭތަ؟" ޖިނާން ސުވާލުކޮށްލިއެވެ.
"ހޫމް..." އާރާ ބުނެލިއެވެ.
"ނުވިސްނައްޗޭ އާރޫ... އިޓްސް ގޮނަ ބީ އޯކޭ!" ޖިނާން އާރާއަށް ވިސްނައިދިނެވެ.
ކޮންމެވެސް މީހަކު އެގޮތަށް ގުޅައިގެން އޭނާގެ ހާލު ބަލާ އޭނާއާ އެކު ހުރިކަން އަންގައިދިނުން ވެގެން ދިޔައީ އާރާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. މާދަމާ ވެސް އޭނާ ބޭނުންވަނީ ސަލާމް ބުނާށެވެ. އެންމެންނާ ކުރިމަތި ލާނެހާ ހިތްވަރެއް ނެތެވެ. އެކަމަކު މިރޭ ޖިނާން ގުޅައިގެން އެ ދިން ނަސޭހަތްތަކުގެ އަލީގައި ޖިނާން އަބަދުވެސް ހުންނާނެ ކަމުގެ ޔަޤީންކަން އޭނާއަށް ލިބިގެން ދިޔައެވެ.
ފްލައިޓް އޮތީ ވެސް ޖިނާންއާ އެކީގައެވެ. އެކަމުން ވެސް އޭނާއަށް ހިންހަމަޖެހުން ލިބުނެވެ. ހިތްވަރުކޮށްފައި އޭނާ މާދަމާ ޑިއުޓީއަށް ދާނީ އެވެ. އިތުރަށް ނޫޅެވެންޏާ ކެނޑޭނީއެވެ. އާރާގެ އާއިލާގެ އެއްވެސް މީހަކަށް ވެސް ހަޤީގަތުގައި ވެގެން އުޅޭ ގޮތެއް އޭނާ ނުކިޔައިދެއެވެ.
*****
ހެނދުނު ހޭލި ޒީޝާން ފުރަތަމަ ވެސް ގުޅައިލީ އާރާއަށެވެ. ފޯނު ނަގަމުން އާރާ ހަލޯ އޭ ބުނެލިއިރު ވެސް އެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ.
"އަދިވެސް ނިދަނީތަ؟" ކޮން އިރަކު ޑިއުޓީ؟" ޒީޝާން އަހައިލިއެވެ.
"މެންދުރު ފަހު..." އާރާ އާފުރިލަމުން ބުނެލިއެވެ.
"ރޭގަ ނުނިދަނީތަ އާރޫ؟" ޒީޝާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"ރޭގަ ވަރަށް ލަހުންނޭ ނިދުނީ..." އާރާގެ އަޑުން އޭނާ މިހާރު އެހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައިކަން ޒީޝާންއަށް އެނގުމާއެކު، ޒީޝާންވެސް މި ވަގުތު އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނަހަދައެވެ.
"ކޮންތާކަށް ދަނީ؟ އަހަރެން މިއަދު ރެސްޓިންގް ޑޭ... ދެން މާދަން ދާން ޖެހޭނީ..."
"އައްޑުއަށް..." އާރާ ބުނެލިއެވެ. އޭނާ މަންމަ ގޮވާކަމަށް ބުނެ ފޯނު ބޭއްވުމުން ޒީޝާން ވެސް އެނދުން ތެދުވަން ވެގެން އަވަސްވެގަތެވެ. ފޯނަށް ވައިބާއިން މެސެޖެއް އައީ އެވަގުތެވެ. އެނދުގައި އިށީންނަމުން އޭނާ މެސެޖް ކިޔައިލިއެވެ.
"ގުޑް މޯރނިން ޒީ... ވަރަށް ހަނދާންވޭ!" އަރްޒަންގެ މެސެޖެކެވެ. ޒީޝާންގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ވެސް ހަނދާންވާކަމަށާއި، އަމާން ދުވަހަކަށް އެދި މެސެޖް ކޮށްލިއެވެ. އެއަށްފަހު ވަނީ ފާހާނާއަށެވެ.
ފެންވަރާލައިގެން ނުކުމެ އެންމެ ފުރަތަމަ ވެސް ދެވުނީ ފޯނާ ދިމާލަށެވެ. އަރްޒަންގެ މެސެޖެއް ލިބިފައި އޮންނާނެ ކަމުގައި ޔަޤީން ކުރަމުންނެވެ. ވީވެސް އެހެންނެވެ. އަރްޒަންގެ ޖަވާބު ލިބިފައި އޮތެވެ.
މެސެޖް ކިޔައިލި ޒީޝާންއަށް އަރްޒަންގެ ނަން ކިޔައިލެވުނެވެ. އަރްޒަން ބުނެފައި އޮތީ އޭނާ މިރޭ ޒީޝާން ގޮވައިގެން ތަނަކަށް ކާން ދާން ބޭނުންވާ ކަމަށާއި، އަދިވެސް އިތުރަށް އޭނާ ދައްކާލަން ބޭނުންވާ ބައެއް ވާހަކަތައް ހުރި ކަމުގައިއެވެ.
ޒީޝާން އާބަސް ބުނަމުން އެ މެސެޖަށް ޖަވާބު ދިނެވެ. އިރުކޮޅަކު އޭނާ އަރްޒަންއާ ވާހަކަ ދައްކަން އިނެވެ. އެއަށްފަހު ރީތިވެގެން އޭނާ ނުކުތީ ސިޓިން ރޫމަށެވެ. އޭރު މަންމަ ހިންދު ވެސް ގޭގައި ގެންގުޅޭ ދެ ކުދިންނަށް އަތް ގާތް ކޮށްލަދޭން ކައްކާ ބައިގައި ހަރަކާތްތެރިވަމުން ދިޔައެވެ.
*****
އެއާޕޯޓަށް ގޮސް ޑޮމެސްޓިކް އޮފީހަށް ވަތް އާރާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ނޭވާ ފުން ވެފައެވެ. ހިސާބެއްގެ އުނދަގޫ ކަމެއް އޭނާގެ މުޅި ނަފުސަށް ވެރިވެރިފައި ހުއްޓެވެ. އެތެރޭން ޖިނާން ފެނުނުކަމީ ވެސް ނަސީބެކެވެ.
އާރާ ފެނުމާއެކު އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއްފަރާތުގައި ތިބި ދެ އަންހެން ކުރޫއިން އާރާއަށް ބަލައިލުމަށްފަހު، އެކަކު އަނެކަކަށް ބަލައިލިއެވެ. އެ ދެ ކުދިންގެ މޫނުމަތީގައިވި އަސަރުތައް ހަމަ ރީތިކޮށް އާރާއަށް ފަހުމްވިއެވެ. އެއީ މަލާމާތުގެ އަސަރުތަކެކެވެ.
ތުންފަތުގައި ދަތް އަޅައިލަމުން އާރާ ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާ ޖިނާން އާ ދިމާލަށް ހިނގައިގަތް ތަނާ އެއްކުއްޖަކު ވާހަކަ ދެއްކިއެވެ.
"ހަމަ ރަނގަޅަށް ވެސް އެ ދެމެދުގައި ގުޅުމެއް އޮތީ... އެހެންނޫނީ އޭނާގެ ބީއެފް މިތަނަށް އައިސް އެ ސަކަރާތެއް ނުޖަހާނެ ދޯ" އަޑުގައި ވި މަލާމާތާ ފުރައްސާރައިގެ އަސަރު އެނގި އާރާއަށް ވަގުތުން ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. ކަރުނަތައް ދެލޮލަށް ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ދެކުދިން ނުކުމެގެން ދިޔުމުން، ޖިނާން އައިސް އާރާގެ ކައިރިއަށް ހުއްޓުނެވެ.
އާރާ އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފުހެލިއެވެ. އެއަށްފަހު ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލި އެވެ.
"އިޓްސް ގޮނަ ބީ އޯކޭ... އެމީހުން ދުވަސްކޮޅަކުން އެކަން މަތިން ހަނދާންނެތޭނެ... ޑޯންޓް ވޮރީ..." ޖިނާން އާރާއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. އެތެރެއަށް ޒައުލް އާއި އިތުރު ޕައިލެޓެއްވެސް ވަނީ އެވަގުތެވެ. އެ ދެމީހުން ބްރީފިން ރޫމަށް ވަނުމުން އާރާވެސް ޖިނާންގެ ފަހަތުން ގޮސް ވަނެވެ.
*****
ގެއަށް އައިސް ވަތް އަޔާން އޭނާގެ ކަރުގައި އޮތް ޓައީ ދޫކޮށްލިއެވެ. އެއަށްފަހު ފޮށި ހިފައިގެން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ގޭތެރޭގައި މީހެއް ފެންނާކަށް ނެތެވެ. ގަޑިން ރޭގަނޑު ހަތެއް ޖަހަނީއެވެ. ހީވަނީ މަންމަމެން އެންމެން ވެސް ނަމާދު ވަގުތުކަމުން ނަމާދުކޮށްލަން އެތެރޭގައިވީ ހެންނެވެ. ކޮޓަރިއަށް ވަތްއިރު ރައުދާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ކައިރިއަށް ޖެހިލަމުން އެއޮތީ ނިދިފައިކަން އަޔާންއަށް ޔަޤީން ކުރެވުނެވެ.
ތާޒާ ވެލައިގެން ނުކުމެ އެނދުގައި ޖައްސައިލުމާއެކު އަޔާންގެ ލޮލަށް ވެސް އިސާހިތަކު ނިދި ސަވާރުވެއްޖެއެވެ.
ރައުދާއަށް ހޭލެވުނީ ނުވައެއް ޖަހަން ގާތްވެފައި ހުއްޓައެވެ. ތެދުވެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އެއްގޮތަކަށް ވެސް ވީ ގޮތް ހަނދާން ކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އިށީނދެ އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ކަބަޑް މަތީގައި ހުރި ފެން ޖަގުން ތައްޓަކަށް ފެންއަޅާ އޭނާ ފެންތަށި އެއްފަހަރުން ދަމައިލިއެވެ.
އެއަށްފަހު، ފާހާނާއާ ދިމާލަށް މިސްރާބުޖެހީ އިރު އިންތިހާއަށް އޭނާގެ މުޅި ބަނޑުން ދިލަ ނަގަމުން ދިޔައެވެ. އާދަޔާ ޚިލާފް ރިހުމެއް މުޅި ބަނޑުގައި ހުއްޓެވެ. ފާހާނާ ދޮރުގައި ހިފައްޓާލެވުނު ރައުދާއަށް އޭނާގެ ތުންފަތް ފޫދުއްވާލާފައި ވޭނީ އާހެއް ބޭރުކޮށްލެވުނެވެ. ހިތްވަރުކޮށްފައި އޭނާ ފާހާނާތެރެއަށްވަނެވެ.
*****
ލޯގަނޑު ކުރިމަތީގައި ހުރެ ޒީޝާން ތައްޔާރުވަމުން ދިޔައެވެ. ހިތް އަވަސްވެފައިވާއިރު އޭނާގެ ހަރަކާތްތައް ވެސް އަވަހެވެ. ލައިގެން ހުރި ހެދުން ކަމުނުދިޔުމުން އަލަމާރި ކައިރިއަށް ހުއްޓިފައި އެހެން ހެދުމެއް ނަގާ އެ ލިޔެވެ. އެފަދައިން އެތައް ފަހަރަކު ޒީޝާން ކަންތައް ކުރިއެވެ. އޭނާއަށް އެންމެ ކަމުދާ ހެދުމަކަށް ފެނުނީ ރަތާ ކަޅު ކުލައިގެ ފްލޯރަލް ޓޮޕެކެވެ. އެއާ އެކީ ލީ ކަޅު ކުލައިގެ ޖީންސްއެކެވެ. އިސްތަށިގަނޑު ދޫކޮށްލަމުން އޭނާ، ތުންފަތުގައި ފިޔާތޮށި ކުލަ ޖައްސައިލިއެވެ. ލޮލުގައި އަނދުން އަޅައިލުމުން އެ އަޅި ކުލައިގެ ކަޅި އެ ބޮޑު ދެލޮލުގެ ތެރެއިން ފެންނަނީ ޖާދޫވީ ގޮތަކަށެވެ. އެ ދެލޮލުގެ ވިދުން އިހުނަށްވުރެ ގަދަވެފައި ވާހެން ހީވެއެވެ. އަމިއްލަ ނަފުސަށް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަމިއްލަ މީހާގެ ސޫރައަށް ޒީޝާން އަދިވެސް އެއްފަހަރު ބަލައިލިއެވެ.
ލޯގަނޑު ކުރިމަތީގައި ހުރެގެން އެތައް ފަހަރަކު މޫނުމަތީގައި އަތް އަޅައިލެވުނެވެ. މޭގައި އަތް ޖައްސައިލެވުނެވެ. އަރްޒަންގެ ކުރިމައްޗަށް މިފަދަ ގޮތަކަށް އަރަން ޖެހުމުން އޭނާ ހުރީ ހިސާބަކަށް ޖެހިލުން ވެސް ވެފައެވެ. އެ ހުރިހާ އިޙްސާސްއަކާ އެކުވެސް ޒީޝާންގެ ހިތްވަނީ އުފަލުން ފުރިފައެވެ. ހީވަނީ ދުނިޔޭގައި ހާސިލް ކުރަން ބޭނުންވީ ހުރިހާ ކަމެއް އޭނާއަށް ހާސިލް ކުރެވިފައިވާ ހެންނެވެ. ހުރިހާ އުފަލެއް ހީވަނީ އޭނާގެ ފަސްބަޔަށް ޖަމާވެފައިވާ ހެންނެވެ.
އަތް ދަބަސް ނަގައިގެން ހިނގައިގަތުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. ނުކުތްއިރު މަންމަ ހިންދު ސޯފާގައި އިނެވެ. ހިންދު ސުވާލުކުރުމުން އެކުވެރިއަކާ އެކު ކެއުމަކަށް ކަމުގައި ޒީޝާން ބުނެލިއެވެ. ދޮގު ހަދަން ބޭނުން ނޫނަސް މަންމަ ކައިރީގައި އަރްޒަންގެ ވާހަކަ ބުނާކަށް ޒީޝާންއަކަށް ނުކެރުނެވެ. އޭނާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ނުކުންނަން ހިނގައިގަތެވެ.
ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިފައި ހެދުމާ ގުޅޭ ކަޅު ކުލައިގެ ހައި ހީލްއެއް ނެގިއެވެ. އެއަށްފަހު އެއަށް އަރައިގެން ބޭރަށް ނުކުތެވެ. ލިފްޓްގެ ބަޓަންއަށް ފިތާލައިގެން ހުއްޓާ އަރްޒަންގެ ފޯނު ކޯލެއް ޒީޝާންއަށް ލިބުނެވެ.
"މި ފައިބަނީ..." ފޯނަށް ޖަވާބު ދެމުން ޒީޝާންއަށް އަވަސް އަވަހަށް ބުނެވުނެވެ.
ކާރުގެ ލޯގަނޑުން އަރްޒަން އޭނާގެ ސޫރައަށް ބަލައިލިއެވެ. އިސްތަށިގަނޑު ރީތި ކޮށްލިއެވެ. މީގެ ކުރިން އޭނާ ދުވަހަކުވެސް ބަތޫލް ނޫން ކުއްޖަކު ގޮވައިގެން މިގޮތަށް އެއްވެސް ތާކަށްނުދެއެވެ. ޒީޝާންއަކީ އޭނާގެ ޙަޔާތުގައިވެސް އެފަދަ ގޮތަކަށް އޭނާއާއެކު ވަގުތު ހޭދަ ކޮށްލަން ލިބުނު ދެވަނަ ކުއްޖާއެވެ.
ގޭޓުން ނުކުތް ޒީޝާން ފެނުމާއެކު އަރްޒަން ލޯގަނޑު ތިރިކޮށްލިއެވެ. އަރްޒަން ފެނުމާއެކު ޒީޝާންއަށް ހިންދިރުވައިލެވުނެވެ. އާދައިގެ ވަރެއްގައި ހިނގަމުން އައިސް އޭނާ ކާރުގެ އެއްފަރާތު ދޮރު
ހުޅުވާލާފައި އިށީނެވެ. ކާރު ތެރެ އެއްވަސް ވެފައިވަނީ އަރްޒަން ޖަހާފައިވާ ސެންޓްގެ ވަހުންނެވެ. ބާއިޚްތިޔާރުގައި، ޒީޝާންއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ.
ޒީޝާންއަށް ބަލައިލުމަށްފަހު އަރްޒަން ހިނިތުންވެލި އެވެ. އޭނާއަށް ބެލެނީ ޒީޝާންގެ މޫނަށެވެ. ހިނދުކޮޅަކަށް އިނދެވުނު ތަންމަތިން ވެސް ހަނދާންނެތުނެވެ. އަރްޒަންގެ އެ ނަޒަރުން ޒީޝާންއަށް އިސްޖަހައިލެވުނެވެ.
އަރްޒަންއަށް ޒީޝާންގެ ކޮންމެ އާދައަކަށް ވެސް ފަރުވާތެރިވެވުނެވެ. އޭނާއަށް ކަޅި ޖަހާނުލާ ޒީޝާންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޒީޝާން ލަދުން އިސްޖަހައިލިތަން ފެނި އަރްޒަންއަށް އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލާފައިވާ ހިނިތުންވުން ފުޅާކޮށްލެވުނެވެ.
ޒީޝާންގެ ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ޒީޝާންގެ ކަންފަތް ދޮށަށް އަރްޒަން ލައްވައިލަދިންއިރު އެ ބީހިލުމުން ޒީޝާންގެ ހަށިގަނޑުގައި ހީވީ ކަރަންޓް ޝޮކެއް ދައުރުކޮށްލީ ހެންނެވެ. އޭނާއަށް އިނީ އިސް އުފުލައިލަން ވެސް ނުކެރިފައެވެ. ހިތުގެ ތެޅުން ވަނީ ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެ މާ ބާރުވެފައެވެ.
"ލެޓްސް ގޯ" އަމިއްލަ ނަފުސު ހަމައަކަށް، އަޅުވައިލަމުން އަރްޒަން ހުންގާނުގައި ހިފައްޓައިލިއެވެ.
"ޔާ" ޒީޝާން ބޯ ޖަހައިލިއެވެ.
ދެމީހުން ގޮސް މަޑުކޮށްލީ ހުޅުމާލޭ ބީޗާ ދިމާލުގައި ދާދި ފަހުން ހުޅުވި ޗައިނީސް ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ކާރު ޕާކުކޮށްލާފައި ދެމީހުން އެކުގައި ގޮސް އެތަނަށް ވަދެ ގޮނޑިއެއްގައި އިށީނދެލިއެވެ. ތަނުގައި ޖަހާފައިވާ ހިތްގައިމު ލުއި މިއުޒިކް ގެ އަޑުން އެތަނުގައިވި ފަޅުކަން ފިލުވައިދިން ނަމަވެސް އެތެރޭގައި ހަމަހިމޭންކަން ރަސްކަން ކުރަމުން ދިޔައެވެ.
އިށީނދެލުމާއެކު ވައިޓަރު އައިސް ފެން އަޅައިދިނެވެ. އެއަށްފަހު މެނޫ ހަވާލުކޮށްލިއެވެ. އަރްޒަން އޭނާއަށް ކަމުދާ އެއްޗެއް ބުނެލަމުން ޒީޝާން ބޭނުމީ ކޮންއެއްޗެއްތޯ ސުވާލުކޮށްލިއެވެ. މިނިޓެއް ހާއިރު މެނޫއަށް ބަލަން އިނދެފައި ޒީޝާން ވެސް އޭނާއަށް ކަމުދާ އެއްޗެއްގެ ނަން ބުނެލައިފިއެވެ. އޯޑަރު ނަގައިގެން ވެރިޓަރު ދިޔުމާއެކު އަރްޒަން ވާހަކަ ދައްކަން ފެށިއެވެ.
"ސޯ ޒީ... އަހަރެން އަސްލު ހަޤީގަތުގައި އަދިވެސް އެއްފަހަރު މި ވާހަކަ ދައްކަން ބޭނުން... އަހަންނަކީ ކާކުކަން ޒީއަށް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ. އަހަންނަކީ މަންމައެއް ބައްޕައެއް އާއިލާއެއް ހުރި މީހެއްނޫން! އަހަރެން ކުރިން ބުނިހެން ޙަޔާތުގައި ދިމާވާ ކޮންމެ ނާކާމިޔާބީ އެއްގެ ފަހަތުގައި ވަނީ އަހަރެންގެ މި ހަޤީގަތް...! އަހަންނަށް އެނގޭ ޒީ ވެސް ލޯބިވާކަށް. އަހަރެން ވަރަށް ބޭނުންވާކަން. އަހަރެން އަދިވެސް ޔަޤީންކޮށްލަން ބޭނުން ޒީއަށް އަހަރެން މި ގޮތުގައި ބަލައިގަނެވޭތޯ؟ އަހަރެންގެ ހަޤީގަތް ޒީގެ އާއިލާއަށް އެނގުމަށްފަހު އެ މީހުން އަހަންނާ މެދު ދެކޭނީ ކިހިނެއް؟ އަހަންނަށް އެނގޭ ޒީގެ އާއިލާއަކީ... ޒީ ގެ އާއިލާއަކީ ވަރަށް ފޯރުންތެރި އާއިލާއެއް ކަން. ޒީގެ ބައްޕަ އިލްހާމްއަކީ ރާއްޖޭގައި ނަން މަޝްހޫރު ވިޔަފާރި ވެރިއެއް. އެންމެން އެ މީހަކަށް އިޙްތިރާމް ކުރާ މީހެއް. ޒީ އަކީ ތި އާއިލާގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެއް ނޫންތަ؟ އެމީހުން އަހަރެން ފަދަ ނިކަމެއްޗަކާ ގުޅެން އެއްބަސް ވާނެތަ؟." އަރްޒަން އެއްފަހަރާ އެތައް ވާހަކައެއް ދައްކައިލައިފިއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އިން ޒީޝާންއަށް ވާހަކަ ދެކެވޭ ވަރުވީ އެތަނަށް ހަމަހިމޭންކަމެއް ވެރިވެގެން ދިޔަތާ އިރުކޮޅެއް ފަހުންނެވެ.
"އަހަރެން އަރްޒަން ދެކެ ލޯބިވަނީ އަރްޒަންގެ ހައިސިއްޔަތަށް ބަލައިގެނެއް ނޫން... އަހަރެންގެ އާއިލާގައި އަހަރެން އެކަނި ހުރިއިރު، އަހަރެންގެ އުފަލަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ބައްޕައެއް ވެސް މަންމައެއްވެސް، ނުކުރާނެ... އަހަރެން ޙަޔާތުގައި ނަގާ ކޮންމެ ޑެޒިޝަންއެއްގައި ވެސް އެދެމީހުން އަބަދުވެސް އެއްބާރުލުންދޭ! ވީއިރު ހަޔާތުގެ ބައިވެރިއަކު ހޯދުމަކީ އަހަރެން ހަޔާތުގައި ނަގާނެ އެންމެ ބޮޑު ޑެޒިޝަންއަށް ވީއިރު ކީއްވެ އެ ދެމީހުން އެކަމާ ދެކޮޅު ހަދަން ވީ..." ޒީޝާންއަށް އަރްޒަންގެ މޫނަށް ބަލައިލެވުނެވެ.
"އަހަރެން ޒީ ގެއްލޭކަށް ބޭނުމެއް ނޫން" އެހެން ބުނެލި އިރު އަރްޒަންގެ ދެލޮލުން ނޭނގޭ ރިހުމެއް ފެނުނުހެން ޒީޝާންއަށް ހީވިއެވެ. މީގެ ކުރިން އޭނާއަށް އެފަދަ ޖަޒުބާތެއް އަރްޒަންގެ ދެލޮލުން ފެނިފައެއް ނުވެއެވެ. އެދެލޮލުން ހިސާބެއްގެ ބިރުވެރިކަމެއް ވެސް މިއަދު އެބަ ފާޅުވެފައެވެ. އެކަމަކު ކީއްވެހެއްޔެވެ؟
"އަރްޒަން އަހަންނާއެކު ހުރިއްޔާ އަހަރެން އަރްޒަން ދޫނުކުރާނަން" އިސްޖަހައިލަމުން ޒީޝާން ބުނެލިއެވެ. އޭނާ ތުންފަތުގައި ދަތްއަޅައިލިއެވެ. އަރްޒަންގެ ތުންފަތް މައްޗަށް އަނެއްކާވެސް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މަޑުމަޑުން މޭޒުމަތީގައި އޮތް ޒީޝާންގެ އަތަށް ބަލައިލިއެވެ. އޭނާގެ އަތްތިލަ އުފުލައިލައިފައި، މަޑުމަޑުން ޒީޝާންގެ އެ އަތުގައި ބީހިލިއެވެ. އެއަތުގައި ހިފައްޓައިލިއެވެ. އެއަތަށް ބާރުކޮށްލުމަށްފަހު އޭނާ ޒީޝާންއަށް ގޮވައިލިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ވަގުތު އޭނާގެ ނަޒަރު ޒީޝާންގެ ފަހަތުގައި ހުއްޓިގެން ހުރި ސޫރަ ފެނި މީހާގެ ނަފުސު ހަރުކަށި ވެގެން ދިޔަ އެވެ. އެއާއެކު އޭނާގެ ތުންފަތް މަތީގައި ވި ހިނިތުންވުން ފަނޑުވިއެވެ. އަރްޒަން މާ ވަރަށް އޭނާގެ ފަހަތަށް ބަލަން ފެށުމުން ޒީޝާންއަށް ވެސް މޫނު އަނބުރައިލާ އެ ދިމާލަށް ބަލައިލެވުނެވެ.
(ނުނިމޭ)