އެ ދުންތަކުން މުޅިތަން ފުރެމުން ދިޔަތަން އަރްޒަންއަށް ފެންނަމުން ދިޔައެވެ. ހަމައެއާއެކު އެ ޖިންނި އޭނާއާ ދިމާލަށް ފިޔަވަޅު އަޅަން ފެށިތަން ވެސް މެއެވެ.
އޭނާއާ ދިމާލަށް އަންނަމުންދިޔަ ޖިންނީގެ ތުންފަތްމަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ. އެ ދެލޯ ވަނީ، ހުދުކުލައަކުން ދިއްލިފައެވެ. އަރްޒަންގެ ހަށިގަނޑަށް ފިނިކަމެއް ވެރިވެ، އޭނާ މަޑުމަޑުން ތުރުތުރު އަޅަން ފެށިއެވެ. އަރްޒަންއަށް އަންނަމުންދިޔަ ބަދަލު ފެނުނު އިރުފާން، އޭނާގެ އަޑު ބާރުކޮށްލިއެވެ. އެއާއެކު އަރްޒަންއަށް އުނދަގޫތައް އިތުރުވާން ފެށިއެވެ.
އެ ޖިންނި އެއައި ގޮތަށް އައިސް ދާދި ގާތުގައި ހުއްޓުމަށްފަހު، އޭނާގެ މޫނާ ދިމާލަށް ގުދުވިކަން އަރްޒަންއަށް އެނގެއެވެ. އެއާއެކު އަރްޒަންއަށް ކަރުގައި އަތް ޖައްސައިލެވުނެވެ. ކަރަށް ވާންވަމުން ދިޔައީތީއެވެ. ދެން ވީނުވީއެއް އޭނާއަކަށް ނޭނގުނެވެ.
ވަމުންދިޔަ ގޮތް އިރުފާންއަށް އެނގެއެވެ. އޭނާ އޭރުވެސް ހުއްޓާނުލާ ކިޔަވަމުން ގެންދިޔައެވެ. ކިޔަވަމުން ދާ ވަރަކަށް އަރްޒަންގެ ހަށިގަނޑުގެ ތެރެއަށް ޖިންނި ވަންނާނެކަން އިރުފާންއަށް އެނގެއެވެ. އޭނާ އިނީ އެކަމަށްވެސް ތައްޔާރުވެގެންނެވެ. ގާތުގައި އަޔާންއާ ޖިނާންއާ އަދިވެސް އިތުރުކުއްޖަކު ހުއްޓެވެ.
"އެންމެން މަރައިލާނަން!" އަރްޒަން ކުއްލިއަކަށް ބުނެލިއެވެ. އެހެންނަމަވެސް އެއީ ބަރު އަންހެން އަޑެކެވެ. އެންމެންނަށް ވެސް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އެ އަޑުގައި ކުޑަވެސް ޖެހިލުންވުމުގެ އަސަރެއް ނެތެވެ.
އަޔާންއަށް ބަލައިލެވުނީ އިރުފާންއާ ދިމާލަށެވެ. އިރުފާން ބޯ ޖަހައިލީ، ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނުމުގެ ގޮތުންނެވެ. އަޔާންއަށް ހިންދިރުވައިލިއެވެ. އޭނާ އިނީ ވަރަށް ބިރުންނެވެ. އެހެން އިންދާ ޒީޝާން މެސެޖެއް ކޮށްލިއެވެ. ހުރިހާކަމެއް ވެސް ރަނގަޅުތޯ އަހާލާފައެވެ. އަޔާންއަށް ބިރުން އިންވަރުން ރަނގަޅަށް ފޯނުގެ ފިއްތަކާވެސް ނުކުޅެވެއެވެ.
"ކާކުތީ؟" އެ ބަރު އަޑުން ދެވަނަ ފަހަރު އެހެން ބުނެލުމާއެކު، އިރުފާން އަނެއްކާވެސް ހަރުކަށި ރާގެއްގައި ސުވާލުކޮށްލިއެވެ.
" ކާކުތީ؟ އަދި މި އިންސާނާ އާ އަޅައިގަތުމުގެ ބޭނުމަކީ ކޮބާ؟" އިރުފާން ސުވާލުކޮށްލިއެވެ.
"އަހަރެން ބޭނުންވީމަ، ލޯބިވާތީ!" އަރްޒަންގެ ހަށިގަނޑު ތެރެއަށް ވަދެގެން އެ އުޅޭ ޖިންނި ވާހަކަ ދެއްކިއެވެ.
"ކަލޭ ހީކުރަނީތަ އަހަރެންނަށް ވުރެ ބާރުގަދަވާނެޔޭ؟. އަދި ކަލޭ ހީކުރަނީތަ އަހަރެން މި ހާޒިރުވީ ކަލޭއަކީ މާ މޮޅު މީހަކަށް ވީމާ ކަމަށް، ހަހަ! ނޫން! އެއްގޮތަކަށް ވެސް އެހެންނެއް ނޫން... ކަލެއަށް އަހަރެން ތި ގެނެވުނީ އަހަރެން އަންނަން ބޭނުންވީމަ!" ޖިންނި ބުނެލިއެވެ.
"ކަލޭތީ ކާކު؟ އަހަންނަށް ޖަވާބުދީ..." އަނެއްކާވެސް އިރުފާން އަހައިލިއެވެ.
"އަހަރެން ބޭނުންވިއްޔާ ކަލޭ ވެސް މަރައިލާނަން!" ޖިންނީގެ އަޑުގައި ވަނީ ނުރައްކާތެރި ކަމެކެވެ.
"ކާކުހޭ ކަލޭތީ؟. އަހަރެން މި ކުރާ ސުވާލެއް އަޑެއް ނީވޭތަ؟ ހަމަ މިހާރު ކަލޭގެ ނަން ބުނޭ..." އިރުފާން ބުނެލިއެވެ. އޭނާ ޤުރުއާންގެ އާޔަތްތައް ކިޔަވަން ފެށުމުން، އަނެއްކާވެސް އަރްޒަންއަށް ޖިންނީގެ ފަރާތުން އިތުރު ގޯނާތައްް ލިބެން ފެށިއެވެ. ހަމައެއާއެކު، ޖިންނިއަށް ވެސް އުނދަގޫތައް ކުރިމަތިވަމުން ދިޔައެވެ.
"އަހަންނަކީ ޝިންޝިނާ... ކަލޭމެން ހީކުރީތަ ހުރިހާ ބާރެއް އޮތީ ކަލޭމެންގެ އަތު ތެރޭގައޭ... އެހެންނެއް ނޫން. އަދިވެސް ބާރުގަދައީ އަހަރެން. އާހް" ހަޅޭކަކާއެކު އޭތި ވާހަކަ ދެއްކިއެވެ.
"ޝިންޝިނާ... އަހަރެން ކަލެއަށް މި އަމުރުކުރަނީ މި އިންސާނާ ދޫކޮށްލުމަށް، ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ކަލެއަށް ނޭނގެނީތަ؟" އިރުފާން ވެސް ހަރުކަށި ރާގެއްގައި ބުނެލިއެވެ. ހަޤީގަތުގައި އޭނާ އިނީ ޖެހިލުންވެފައެވެ. އެކަމަކު އަޑުން އެކަން ނުދައްކަން އޭނާ މަސައްކަތް ކުރިއެވެ.
"އަހަންނަށް މިހާރުވެސް އެބަ އެނގޭ ކަލޭ އަހަރެން ދެކެ ބިރުގަނެ ހާސްވެފައި އިންވަރު، އަހަރެން މިހާރުވެސް މި ބުނަނީ... ކަލެއަށް ރަނގަޅުވާނީ ތިކަންތައް ނުކޮށް ހުއްޓާލައިފިއްޔާ، ކަލޭގެ ފުރާނަ ކަލެއަށް މުހިންމެއް ނޫންތަ؟" ޖިންނި ނުލަފާ ވައްތަރަކަށް ހެމުން ބުނެލިއެވެ.
"އެތައް އިރެއްވީއިރުވެސް އަރްޒަންގެ ހަށިގަނޑު ދޫކޮށްލަން ޖިންނި އެއްބަހެއް ނުވިއެވެ.
"މީހަކު ދެކެ ލޯބިވުމަށްފަހު، އެންމެ ފަހު ނޭވަޔާ ހަމައަށް ވެސް އެމީހަކު ދޫކޮށްލުމަކީ އަހަރެމެންގެ ނަސްލުގައި ކުރާކަމެއް ނޫން... ކަލޭއަށް އެނގޭތަ އަރްޒަން ދުނިޔޭގައި އެ ހުރީ ވެސް އަހަރެން އޭނަދެކެ ލޯބިވީމަ، އެހެން ނޫންނަމަ އޭނަވެސް މި ދުނިޔޭގައި ނުހުންނާނެ ހަހަހަހަހަ!"
"ކަލޭ ތި ކިޔާ އެއްޗެއް ތަންކޮޅެއް ތިލަކޮށް ސާފުކޮށް ކިޔައިދީ..." އިރުފާން ބުނެލިއެވެ.
"ކަލޭ ތިހާ މޮޅިއްޔާ ހޯދަބަލަ!" ޝިންޝިނާ ބުނެލިއެވެ. އެ އަޑުގައި ހުރި ބޮޑާކަން އޭރުވެސް އިރުފާންއަށް ސިއްރެއް ނުވެއެވެ.
"އަހަންނަށް ކަލޭ އަންދައިވެސް ލެވިދާނެ... ކަލޭ މި އިންސާނާ ދޫކޮށްލާނީތަ ނޫނީ އަހަރެން..." އިރުފާންއަށް އެ ހިސާބަށް ބުނެވުނުތަނާ އަރްޒަންގެ ހަށިގަނޑުގެ ހަރަކާތްތައް މަޑު ޖެހިލިއެވެ.
އިރުފާންއަށް ހީވީ އޭނާއަށް ހަމަޖެހިލަން ވަގުތުކޮޅެއް ލިބުނީހެންނެވެ. އެކަމަކު ވީ އެެހެންނެއްނޫނެވެ. ކުއްލިއަކަށް ތެދުވަމުން އަރްޒަން އައިސް ހިފީ އޭނާގެ ކަރުގައެވެ. އަޔާންއާ ޖިނާންގެ އިތުރުން ދެން ހުރި ކުއްޖާވެގެން އިރުފާންއާ، އަރްޒަން ދުރުކުރީ އުނދަގުލުންނެވެ. ތިން ފިރިހެނުން ހިފައްޓައިގެން ތިބި ނަމަވެސް، އަރްޒަންގެ ހަށިގަނޑަށް އަރާފައިވާ ބާރާއެކު، އެކަންކުރަން އެމީހުންނަށް އުނދަގޫވިއެވެ. އޭރުވެސް އަރްޒަން މަސައްކަތް ކުރަމުން ދިޔައީ، އިރުފާންއާ ދިމާލަށް ދާށެވެ.
ލިބުނު ޝޮކާއެކުވެސް، އިރުފާން ކިޔަވަން ފެށިއެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭގެ ގައިގަނޑަކަށް ގަޑިއެއްހާ އިރުފަހުން، ޖިންނި، އަރްޒަންގެ ހަށިގަނޑު ދޫކޮށްލިއެވެ.
"އޭތި އަދިވެސް އަންނާނެ." އިރުފާން ބުނެލިއެެވެ.
*****
އެ ހަފްތާތެރޭގައި އިރުފާންގެ މަސައްކަތުން އަރްޒަންއަށް ވަރަށް ބޮޑުތަން ލުއިވެގެން ދިޔައެވެ. ޖެހިޖެހިގެން ހަތްރޭ އިރުފާން ކިޔެވިއެވެ. އަދި އަރްޒަންއަށް ކިޔަވާފައި ފެންދީ މާމުތް ފަދަ އެއްޗެހިދިނެވެ. ނަމާދުކުރުމަށް ނަޞޭޙަތްތެރިވިއެވެ.
ޖިންނި އަރްޒަން ދޫކޮށްލާފައި ދާން ނިންމީ އަންދައިލާނެކަމަށް ބުނެ އިންޒާރުދިނުމުންނެވެ. އޭރުވެސް އަދި އެ ހިސާބުން ހުރިހާ ކަމެއް ނުނިމޭ ކަމުގައި އިރުފާންގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.
"އޭނަ އަދި އަރްޒަން ދޫކޮށްލިޔަސް އަހަންނަކަށް ހިޔެއްނުވޭ އުނދަގޫނުކޮށް ހުރެފާނެކަމަކަށް. އެ އެއްޗެއްސަކީ ވަރަށް ދޮގުހަދާ ބައެއް... އެކަމަކު މިހާރު އޭގެފަހުން ދެ ހަފްތާ ވެއްޖެ!. އިތުރުކަމެއް އުޅޭހެން ހީވަންޏާ އަހަރެން ގާތު ވަގުތުން ބުނާތި!"އިރުފާން ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އިރުފާން ހީކުރީ އޭނާއަށް ކުރި ލިބުނީ ކަމުގައެވެ.
*****
"ޒީ... މީ އަަހަރެމެންގެ އޮފީހަކީ..." އަޔާން ޒީޝާންއަށް ފޮޓޯތައް ދެއްކިއެވެ. ޒީޝާންގެ ހަނދާނަށް އެއްވެސް ކަމެއް އާދޭތޯއެވެ. ޖެހިގެން އައި ދުވަހު، އޭނާ ޒީޝާން ގޮވައިގެން ، އެއާރޕޯޓަށް ވެސް ދިޔައެވެ. އެ ދިޔަ ދިޔުމުގައި އަޔާންގެ ލޮލުގައި ރައުދާ އަޅައިގަތެވެ. ގިނަ މީހުން އޭނާއަށް ބަލަމުން ދިޔަކަން ޒީޝާންއަށް ފާހަގަވިއެވެ. އެއީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އޭނާ އިސްޖަހަިއލިއެވެ. މީހުންގެ އެ ބެލުންތަކުން، އޭނާއަށް އުނދަގޫވަނީ އެވެ. އެކަން އަޔާންއަށް ވެސް ދެނެގަނެވުނެވެ. އޭނާ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.
"އާޔ ޔޫ ޝުއާ މިގަޑީގައި ތި ދެމީހުންކަން އޮފީހުގައި ތިބީ... " އެކޮޅުން ދިން ޖަވާބުން ހިންހަމަޖެހުނު އަޔާން، އޮފީހަށް ގޮސް ޒީޝާންއަށް ތަންތަން ދައްކައިލިވެސް މެއެވެ. އެއާރޕޯޓުން ނުކުމެގެން ދެން އެމީހުން ދިޔައީ، ޒީޝާންގެ ގެއަށެވެ. އަޔާންގެ މަސައްކަތުން މަޑުމަޑުން ޒީޝާންގެ ހަނދާންތައް ވެސް އަންނަމުން ދިޔައެވެ. އޭނާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މަންމަމެން ފެންނަ ހިސާބަށް އޭނާ ނުގެންދިޔުމެވެ. އަޔާން ބުނީ ވަގުތު ޖެހުމުން ގެންދާނޭ ކަމުގައެވެ. އެމީހުން ދިޔައިރު، އަރްޒަން ހުރީ އެ ގޭ ދޮރުމަތީގައެވެ. ރީހާން ވެސް ހުއްޓެވެ.
އަޔާން އާއެކު ކާރުން ފައިބަމުން، ޒީޝާން ގޮސް އަރްޒަން އާ ގާތުގައި މަޑުކޮށްލިއެވެ. ޒީޝާން ފެނުމުން ރީހާންއަށް ވެސް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އަދިވެސް ހަޤީޤަތާ ކުރިމަތިލާން އޭނާއަށް އުނދަގޫވަނީއެވެ. އެއީ ހަމަ ވީކަމެއްހެއްޔެވެ؟
އެޕާރޓްމެންޓް ގެ ކާޑު ޒީޝާން އަތަށް ދެމުން ރީހާން ހިނިތުންވެލިއެވެ. އަދި މާފަށް އެދިިއެވެ.
"އާރ ޔޫ އޯކޭ ޒީޝާން؟" އަރްޒަން އެހެން އަހައިލިއިރު، އެ އަޑުގައި އަދިވެސް ވަނީ ހިތާމަވެރިކަމެވެ. ޒީޝާން ބޯ ޖަހައިލި އެވެ.
"ޔޫ ގާއިޒް ގޯ އިންސައިޑް... އިރުކޮޅަކުން އާރާމެންވެސް އަންނާނެ! އައި ވިލް ބީ ވެއިޓިންގް!" އަޔާން ބުނެލިއެވެ. އެ ދެމީހުންނަށް އެކަނި ވަގުތު ކޮޅެއް ދޭން އަޔާން ބޭނުންވީއެވެ. ޝުކުރުގެ ބެލުމަކުން އަޔާންއަށް ބަލައިލާ ބޯ ޖަހައިލުމަށްފަހު، ޒީޝާން އެ އެޕާރޓްމެންޓް ކޮންޕްލެކްސްއަށް ވަށައިގެން ބަލައިލިއެވެ. އެޕާރޓްމެންޓާ ދިމާލަށް ފިޔަވަޅުއަޅަމުން ދިޔައިރު، އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. މީހާ ނުތަނަވަސް ވިއެވެ. ފްލޭޝްބެކްތަކެއްގެ ސިފައިގައި އިތުރު މަންޒަރުތަކެއް ސިފަވާހެން އޭނާއަށް ހީވިއެވެ. ބޮލުގައި ރިއްސަން ފެށީ އެހެންވެއެވެ.
"އާރ ޔޫ ޝުއާ ޔޫ އާ އޯކޭ ޒީ؟" އަރްޒަންއަށް އެ ބަދަލުތައް ފާހަގަވިއެވެ. އޭނާ ޒީޝާންއާ ސުވާލުކޮށްލިއެވެ.
"ޔާ އައި އޭމް، އެކަމަކު ވަޓްސް ދެޓް ޕޮލިސް އޮފިސާރ ޑުއިން ދެއާ... އޭނަ އަތުގަ ކީއްވެ ގޭ ކާޑު އޮންނަންވީ؟" ޒީޝާން މަޑުމަޑުން ބުނެލިއެވެ. އަރްޒަން ބުނެލީ އޭނާ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނޭ ކަމުގައެވެ. އަރްްޒަން އެހެން ބުނެލި ގޮތުން، ނުބައި ޝައްކެއް ޒީޝާންގެ ހިތުގައި ހިނގައިގަތެވެ. އެކަމަކު އޭނާ އެ އިޙްސާސްތައް އަމިއްލައަށް ކޮންޓްރޯލް ކޮށްލައިގެން ހުރީއެވެ. ލިފްޓަށް އެރުމާއެކު، ލިފްޓް ތެރޭގައި ދެމީހުން އެކަނިވިއެވެ.
"އައި އެމް ސޮރީ ޒީ... އައި ރިއަލީ އޭމް!" ވައިއަޑުން އެ ބަސްތައް އަރްޒަންއަށް ބޭރުކޮށްލެވުނުއިރު، އޭނާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. ޒީޝާން ބަލައިލިއިރު، އަރްޒަން ހުރީ އިސްޖަހައިލައިގެންނެވެ. ޒީޝާންއަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.
ލިފްޓް ހުއްޓުމާއެކު، ލިފްޓުން ފައިބާ ކާޑު ޖަހާ އޭނާ ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ވަންނަން އުޅެފައިވެސް އޭނާ މަޑުޖެހިލިއެވެ. އަރްޒަން ޒީޝާންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ.
"މިހާރު މިގޭގައި މީހަކު ނޫޅެނީތަ؟" ޒީޝާންއަށް ހިންދިރުވައިލެވުނެވެ. ކޮންމެވެސް ގޯހެއް އުޅޭކަމުގައި، އޭނާގެ ސިކުނޑި ދިޔައީ ބުނެދެމުންނެވެ.
"ޖަސްޓް ގޯ އިންސައިޑް ޒީ..." އަރްޒަން ބުނެލިއެވެ. ޒީޝާން މަޑުމަޑުން ފިޔަވަޅު އަޅާލުމަށްފަހު، އެތެރެއަށް ވަދެލިއެވެ. އެތެރެ ފެނި އޭނާގެ ހަނދާނަށް އިތުރު ކަންތައްތަކެއް އަންނަން ފެށިއެވެ. ބޮލުގައި އަތް ޖައްސައިލުމާއެކު، ޒީޝާންއަށް އާހެއް ބޭރުކޮށްލެވުނެވެ. އަރްޒަން އޭނާގެ ކޮޑުގައި އަތް ޖައްސައިލާ ކައިރިކޮށްލިއެވެ.
" އެއްފަހަރާ ހުރިހާކަމެއް ހަނދާންކުރަން ނޫޅުނަސް އިޓްސް ގޮނަ ބީ އޯކޭ..." އަރްޒަން ބުނެލިއެވެ. ސޯފާއަށް ދިމާލަށް ބަލަން ހުއްޓި ހުރެފައި އޭގެ އިރުކޮޅެއް ފަހުން ޒީޝާން ވާހަކަ ދެއްކިއެވެ.
"މަންމަ ކޮބާތަ؟" އޭރު އެ އަޑުގައި ތުރުތުރު އެޅުމެއްވެއެވެ. އޭނާ ހިންދިރުވައިލުމާއެކު، ފުންނޭވާއެއްލީ އަރްޒަންގެ ފަރާތުން ލިވޭނޭ ޖަވާބަކަށް އިންތިޒާރުކުރާ ޙާލުގައެވެ.
"ޒީ..." އަރްޒަންއަށް ޒީޝާން އޭނާއާ ދިމާލަށް އަނބުރައިލިއެވެ.
"އަހަރެން މަންމަ މަތިން ހަނދާންވެއްޖެ... ޔޫ ވާ އޯލްސޯ ދެއާ... ޒޭން!" ޒީޝާންއަށް ބުނެވުނެވެ. އަރްޒަންއަށް ބޭޢިޚްތިޔާރުގައި ހިނިތުންވުވުނެވެ.
"އެކަމަކު މަންމަ ކޮބައިތަ؟ މަންމަމެން ގައިގައި ބައްދާލާފައި ދިޔަކަން އަހަރެންގެ ހަނދާނނަށް އެބަ އާދޭ.... އެ އެކަންތައް... އެ ދުވަސް... އެ ދުވަހުގައި ވީ ކަންތައް... އެ ހުރިހާ ކަމެއް، އެކަމަކު މިހާރު މަންމަ ކޮބާތަ؟" ޒީޝާންއަށް އަރްޒަންއާ ދިމާލަށް ބަލައިލެވުނީ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށެވެ.
"ޒީ... ޔޫ ޝުޑް ބީ ބްރޭވް... " އަރްޒަން ވާހަކަ ފެށިއެވެ.
"ކޮބާތަ އެ ދެމީހުން؟" ޒީޝާންއަށް ހަޅޭއްލަވައިގަނެވުނެވެ.
"ޒީ..." އަރްޒަން ޒީޝާންގެ ކޮނޑުގައި ހިފައްޓައިލާ އޭނާއާ ހަތަރު ކަޅި ހަމަކުރުވި އެވެ. ހިތްވަރުކޮށްފައި، އޭނާ ޒީޝާންއަށް ހަޤީގަތް ހާމަކޮށްދޭން އަވަސްވެގަތެވެ.
"ޒީ ދޭ އާރ ނޯ މޯ!. އައި އޭމް ސޮރީ!" އަރްޒަން މާފަށް އެެދެމުން ބުނެލިއެެވެ. އަރްޒަންގެ އެ ޖުމްލައާއެކު، ޒީޝާންގެ ދެފައިން ވާގި ދޫވެ އޭނާއަށް ޓައިލްސްތަކުމަތީގައި އިށީނދެވުނެވެ. ލިބެން އުޅެނީ ހިތާމަވެރި ޚަބަރެއްކަމަށް ޝައްކުވެ އޭނާގެ ނަފްސު އެކަމަށް ތައްޔާރުކުރަން ޒީޝާން މަސައްކަތް ކުރިނަމަވެސް އެ ހަޤީގަތާ ކުރިމަތިލާން ޖެހުމުން އޭނާ ފިނޑިވެއްޖެއެވެ. ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް، އޭނާގެ ކޯތާފަތްމަތިން ތިރިއަށް ރޮނގުދެމިގެން ދާން ފެށިއިރު، އޭނާގެ ދެ ތުންފަތް ފޫ އަޅުވާފައި ނުކުތް ވޭނީ 'އާހް' އާއެކު ގިސްލެވެން ފެށިއެވެ. އޭނާގެ ހަނދާނަށް އިތުރު ކަންތައްތަކެއް އަންނަން ފެށީ ދެނެވެ. ބޮލުގައި ހިފައްޓާލައިގެން އިނދެ ރޮމުން ދިޔައިރު އަރްޒަން އޭނާގެ ކަކޫ ޖައްސާލައިގެން އިށީނދެ އިދެ ޒީޝާން ގާތުން މާފަށް އެދުނެވެ.
"މި ހުރިހާ ކަމެއް ވެސް މި ވީ އަހަންނާ ހެދި. އަހަންނަށް މާފު..." އަރްޒަންއަށް އެހާ ހިސާބަށް ބުނެވުނުތަނާ، ޒީޝާން އަރްޒަންއާ ދިމާލަށް ބަލައިލިއެވެ.
"މީ ވެސް އެ ޖިންނީގެ ކަމެއްތެ؟" އަހަރެންގެ މަންމައާއި ބައްޕަ... އަޔާން އަހަންނަށް އެހާވަރުން ސިއްރުކުރީ މިކަންތައްތަ؟ ކީއްވެ؟" ޒީޝާންއަށް އަހައިލެވުނެވެ.
"ޒީ އައި އެމް ސޮރީ، މުޅި ޝޯޝަން މީޑިއާގައި އެވާހަކަތައް ދައުރުވަމުން ދިޔައިރު، އަދި ޚަބަރުގައިވެސް ދޭތެރެއަކުން އެވާހަކަތައް ކިޔަމުން ދިޔައިރު އެ ކަންތައް ޒީއަށް ސިއްރުކުރަމަކީ ވެސް ފަސޭހަކަމެއް ނޫން. އެކަމަކު އެ ވާހަކަ އިނގިގެން ޒީއަށް ވާނެގޮތެއް ނޭނގޭނެތީ އެކަންތައް ސިއްރުކޮށްދޭން އަހަރެން އަޔާން ގާތުން އެދުނީ... " އަރްޒަންއަށް ވެސް ރޮވެނީއެވެ. އެ އަޑުގައިވެސް ވަނީ މަޑުމޮޅިކަމެވެ. ވޭނާ އުދާހެވެ. ކަންބޮޑުވުމާއި، ނުތަނަވަސްކަމެވެ. އޭނާ މަޑުމަޑުން ޒީޝާން ގެނެސް އޭނާގެ މެއާ ކައިރިކޮށްލިއެވެ. ޒީޝާންގެ ހޫނު ކަރުނައިން އަރްޒަންގެ ގަމީހުގެ މޭމަތި ފޯވަމުން ދިޔައެވެ.
"އެއީ އަހަރެންގެ އެންމެ ފަހުގެ ވަދާޢީ ސަލާމްކަން އެނގޭނަމަ އެރޭ އަހަރެން ނުވެސް ދިޔައީމުސް..." ހިމޭން ގިސްލުމެއްގެ ތެރެއިން ޒީޝާން ބުނެލިއެވެ.
"އިޓްސް އޯކޭ ޒީ، އައި އެމް ސޮރީ" އަރްޒަން ބުނެލިއެވެ. ތަކުރާރުކޮށް އޭނާ މާފަށް އެދެމުން ދިޔައީ އެ ހުރިހާކަމެއްގެ އަސްލަކީ އޭނާކަމަށް ހީވާތީއެވެ.
"އެއީ ޒޭންގެ މައްސަލައެއް ނޫން..." ޒީޝާން ނޭފަތް އެތެރެއަށް ދަމައިލިއެވެ. ޚުދު އެކަމުން އަރްޒަން ކޮށްފައިވާ އަސަރުވެސް، ޒީޝާން ދެނެހުއްޓެވެ. އޭނާއަށް އަރްޒަންއަށް ބަލައިލެވުނެވެ. އެ ދެލޮލުގައި ވެސް ކަރުނަ ވިދަމުން ދިޔަތަން އޭނާ ދުއްޓެވެ. އަރްޒަންގެ ހިމާޔަތުގައި އެތައް އިރަކު އިނުމަށްފަހު، އިސް އިފުލާލައިފައި ޒީޝާން ކަރުނަ ފުހެލިއެވެ.
އޭނާ ވަށައިގެން ގޭތެރެއަށް ބަލައިލިއެވެ. އެއާއެކު އަނެއްކާވެސް ރޮވިއްޖެއެވެ. ހިތްވަރުކުރަން މަސައްކަތް ކުރިނަމަވެސް، އޭނާއަށް އެކަންކުރަން އުނދަގޫވިއެވެ. ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލަމުން، އަރްޒަން އޭނާ ތެދުވަން އެހީތެރިވެދިނެވެ. ގެސްގޮސް ސޯފާގައި ބެއިންދުމަށްފަހު، އޭނާ ޒީޝާންގެ ކަރުނަތައް ފުހެދިނެވެ.
"އައި ޕްރޮމިސް ވީއާ ގޮއިންޓު ބީ ހެޕީ އިންޝާ ﷲ... އައި ޕްރޮމިސް އެވްރީތިންގްސް ގޮނަ ބީ އޯކޭ ޓޫ..." އަރްޒަން ބުނެލިއެވެ. އޭނާ ހިންދިރުވައިލިއެވެ. ހީވަނީ ހުރިހާ، ހިތާމަތަކެއް ވެސް ދިރުވައިލަން ބޭނުންވެފައި ވާހެންނެވެ. ޒީޝާންގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކުން ވެސް އޭނާގެ ހިތަށް އިންތިހާ ވޭން ލިބެއެވެ. އިންތިހާ ދެރަވެއެވެ. އޭނާގެ ކުރިމަތީގައި އިން އަންހެން ކުއްޖާއަކީ، އޭނާގެ ޙަޔާތުގައި އޭނާ އެހާ ލޯބިވި ހަމަ އެކަނި ކުއްޖާއެވެ. އެ ދެލޮލުން ކަރުނަ ތިއްކެއްގެ މިންވަރުވެސް ވެއްޓެން އޭނާ ނޭދެނީ އެހެންވެއެވެ. އޭނާގެ ފުށުން އެ އަންހެން ކުއްޖާގެ އާއިލާއަށް އެ ލިބުނު ނިކަމެތިކަން ހިތަށް އަރާ ކޮންމެ ފަހަރަކު، އަރްޒަންއަށް ރޮވެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެއެވެ.
ލޯތްބާ އޯގާތެރިކަމާއެކު، އެ ހިމަހޯލި އިނގިލިތަކުގެ ތެރެއަށް އަރްޒަން އޭނާގެ އަތް މަހާލިއެވެ. އެއަށްފަހު އެ އަތަށް ބާރުކޮށްލިއެވެ. ޒީޝާން އޭނާގެ ބޯ އަރްޒަންގެ ކޮނޑުގައި ޖައްސާލައިގެން އޮތެވެ.
*****
އެ ދެމީހުން އެ ގެއިން ނުކުތް އިރުވެސް އަޔާންމެން ތިއްބެވެ. އަޔާންމެން ކައިރީގައި ޖިނާންއާ އާާރާ އާ ދެމީހުން ވެސް އޭރު ތިއްބެވެ. އެ މީހުން އެހާއިރު މަޑުކޮށްގެން ތިބޭނެކަމަށް އަރްޒަންމެން ހިޔެއް ނުކުރެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ..." ޒީޝާން އޭނާގެ ރަތްވެފައިވާ ދެ ލޮލުން ރީހާންއަށް ބަލައިލިއެވެ. ރީހާން ބޯ ޖަހައިލިއެވެ. އޭނާ ޒީޝާންއަށް ލުއިލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އާރާ ޒީޝާންއާ ގާތަށް ޖެހިލިއެވެ. އާރާގެ ހަނދާންތައްވެސް، ޒީޝާންއަށް ކޮންމެވެސް ވަރަކަށް އައިސްފައި ވުމުން އޭނާއާ އާރާ އާ ދެމެދު އޮތް ގުޅުންވެސް ފުދޭވަރަކަށް ރަނގަޅުވެފައިވެއެވެ.
އެކުވެރިޔާގެ މޫނުމައްޗަށް ބަލައިލާފައި ޒީޝާން ރޮއިފައި ހުރިވަރު އާރާއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާއަށް ޒީޝާންގެ ގައިގައި ބައްދައިލެވުނެވެ. ބުރަކަށީގައި ފިރުމައިލީ ދެން ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ބުނެލުމުގެ ގޮތުންނެވެ. ޒީޝާން ބޯ ޖަހައިލިއެވެ. އޭނާގެ ގާތުގައި، އޭނާ ދެކެ ލޯބިވާ ބައެއް ތިބި ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. ތުންފަތަށް ހިތި ނަމަވެސް ހިނިތުންވުމެއް އެ ވަގުތު ވެރިވީ އެހެންވެއެވެ.
"އާރޫ... ތެންކިޔު ސޯ މަޗް ފޯ ސަޕޯޓިން މީ އޯލް ދި ވޭ!" ޒީޝާން ބުނެލިއެވެ.
"އެނީ ޓައިމް" އާރާ ބުނެލިއެވެ.
*****
ރޭގަނޑެވެ. އެއާރޕޯޓަށް އެ ދިޔަ ދިޔުމުގައި ރައުދާ ފެނުމުން، އަޔާންއަށް ހަމަ އެކަމާ ވިސްނެނީއެވެ. އޭނާ ވިސްނަން އޮވެފައި ފޯނު ނަގާ ރައުދާއަށް ގުޅަން ޑައިލް ކޮށްލިއެވެ. ވިސްނުން ބަދަލުކޮށްލާފައި، ފޯނު ކަނޑައިލަމުން، އޭނާ ފޯނު ބޭއްވީ ރައުދާގެ ފޯނަށް މިސްކޯލް ދިޔަ ފަހުންނެވެ. ފުންނޭވާއެއް އަޔާން ދޫކޮށްލީ، އޭނާއަށް ހަދަންވީ ގޮތެއް ނޭނގުމުންނެވެ. އޭނާ ވަނީ ރައުދާއަށް ހަޤީގަތް އަންގައިދޭން ނުހަނު ބޭނުންވެފައެވެ. އެކަމަކު އެކަންކުރާނީ ކިހިނެއްކަން އޭނާއަށް ނޭނގެނީއެވެ. އޭނާ އަދިވެސް ރައުދާ ދެކެ ލޯބިވެއެވެ. ތުންފަތުގައި ދަތް އަޅައިލައިގެން ކަރުނަތައް ހުއްޓުވަން މަސައްކަތް ކުރަމުންދިޔަ އަޔާންއަށް، ސިހުން ގެނުވީ އޭނާގެ ފޯނު ރިންގް ވުމާއެކުގައެވެ. ހިތްތެޅެމުން ދިޔަ ޙާލު ފޯނު ނަގާ އަރާފައިވާ ނަންބަރަށް އޭނާ ބަލައިލިއެވެ. ގުޅަނީ ރައުދާއެވެ.
މީހާ ހަމަޖެހެން މަސައްކަތް ކުރަމުން، އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ގުޅުނީ އޮޅިގެން ކަމުގައި ބުނަން އަނގަ ހުޅުވައިލި ނަމަވެސް، އެ އަނގަ މަޑުމަޑުން ލައްޕައިލަން މަޖުބޫރުވީ ރައުދާ ވާހަކަދެއްކި އަޑު އިވިފައެވެ.
"އަޔާން!" އެ އަޑުގައި ހުރި މަޑުމައިތިރިކަން އަޔާންގެ ހިތް ވިރުވައިލިފަދައެވެ. އޭނާއަށް ހަރަކާތެއް ކޮށްލަން ނޭނގިފައި އިނދެވުނެވެ.
"ރައު...." ނަން ކިޔައިލުން ފިޔަވާ އިތުރުކަމެއް އަޔާންއަކަށް ވެސް ނުކުރެވުނެވެ.
"މި ރޭގަނޑު އަހަންނަށް ތި ގުޅައިލީ ކިހިނެއްވެގެން؟" ރައުދާ ސުވާލުކޮށްލިއެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ވެއެވެ.
"އައި މިސް ޔޫ..." ބުނަން އުޅުނީ އެހެން އެއްޗެއް ނަމަވެސް، އަޔާންއަށް ބޭ އިޚްތިޔާރުގައި އެ ބަސްތައް އޭނާގެ ދުލުން ބޭރުކޮށްލެވެނެވެ. އެއާއެކު، އެދެމެދަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ދެމީހުންނަށްވެސް ތިބެވުނެވެ.
"ރައު! އައި ނީޑް ޓު ޓޯކް ޓު އޫ އެބައުޓް ސަމްތިންގް އިމްޕޯޓެންޓް... ކޭން ވީ މީޓް؟" އަޔާން އެނުތަނަވަސްކަން ފޫދުއްވައިލަމުން އަހައިލިއެވެ.
"ޔެސް... ކޮންއިރަކުން؟" ރައުދާ އަހައިލިއެވެ. އަޔާން ބުނީ އޭނާ، ދާނެ ތަނަކާއި ގަޑި ރައުދާއަށް މެސެޖް ކޮށްލާނެކަމުގައެވެ. ފޯނު ބާއްވަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"ވައި ޑިޑް އައި އީވެން ޓޯލްޑް ހާރ ދެޓް، އެއީ މީހެއްގެ އަންބެކޭ" އަޔާންއަށް ނިތުގައި އަތް ހިންގައިލެވުނެވެ.
*****
އެނދުމަތީގައި އިށީނދެ އިން ރައުދާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އަޔާން އެ ގުޅީ ކީއްކުރަން ހެއްޔެވެ؟ އެ އަޑުން އޭނާއަށް އަދިވެސް ލޯބި އިޙްސާސްވެ އެވެ.
ކަމާލުއާ އެކީގައި އޭނާ ހީކުރި ފަދަ ދިރިއުޅުމެއް ނުލިބުނެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ އޭނާއަށް ކަމާލާ ދުރުނުވެވެނީއެވެ. މިރޭވެސް ރައުދާއަށް ނުނިދިގެން އުޅެނީ، އެފަދަ ޚިޔާލްތަކެއް އޭނާއަށް އުނދަގޫ ކުރާތީއެވެ. ކަމާލުގެއަކު ނެތެވެ. އަޔާން ގުޅީވެސް އެފަދަ ޚިޔާލްތަކެއްގައި އޭނާ އޮއްވައެވެ. އެހާ ދުވަސްކޮށްފައި އެގޮތަށް އަޔާންގެ އަޑު އިވުމުން، ހަމަގައިމު ވެސް އޭނާއަށް އާދަޔާ ޚިލާފް ގޮތްތަކެއް ވެއްޖެއެވެ. އަޔާންއަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި، އޭނާގެ ހަވަނަ ހިއްސުބުނެލިއެވެ.
*****
ޖެހިގެން އައި ދުވަހުގެ ރޭ ޒީޝާން އަރްޒަންމެން ގެއަށްލާފައި އަޔާން ދިޔައީ ރައުދާއާ ބައްދަލުކުރާށެެވެ.
ޒީޝާން އަރްޒަންމެން ގެއަށް ވަދެ ސޯފާގައި އިށީނދެލުމުން، އަރްޒަން ފާޚާނާއަށް ވަދެލާފައި އެބަ އަންނަން ކަމަށް ބުނެ، ކޮޓަރިއަށް ވަދެލިއެވެ.
ފާޚާނާއަށް ވަދެ ނުކުތްއިރު ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ޒީޝާން ހުއްޓެވެ. އެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި އަރްޒަންއަށް ވެސް ހިނތުންވެވުނެވެ.
"އަހަރެން ފާޚާނާއަށް ވަދެފައި އަންނަންދެން ވެސް ހަމަ ނުހުރެވުނީތަ ލަވް؟" އަރްޒަން ލާނެތް ރާގެއްގައި ސުވާލުކޮށްލިއެވެ. އޭނާ މަޑު ފިޔަވަޅެއްގައި އައިސް ޒީޝާން ކައިރީގައި ހުއްޓުނެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔަތަން އަރްޒަންއަށް ފެނުނެވެ. ޒީޝާން އަރްޒަންގެ ކަރުގައި އަތް އަޅުވައިލިއެވެ. އެއާއެކު އަރްޒަންއަށް ތަފާތުކަމެއް ފާހަގަކުރެވޭހެން ހީވިއެވެ. އެ ތުންފަތުގައިވި ހިނިތުންވުން ތަފާތެވެ. މޫނުމަތީގައިވެސް އަސަރުތައް ވެސް ތަފާތެވެ. އެދެލޮލުގައި ހުރި ވިދުންވެސް ތަފާތެވެ. އަރްޒަންއަށް ބަލައިލެވުނީ ޒީޝާންގެ އަތަށެވެ. އެ އަތުގައި އަނގޮޓި އޮއްތޯއެވެ.
(ނުނިމޭ)