"އޯ ރައިޓް. އައި ޝުޑުންޓް ބީ" ރާކިން އެހެން ބުނެލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލަމުން ހިނގައިގަތެވެ.

ރާކިން އޭނާގެ ވަގު އައިޑީން ކުރި ކޮމެންޓް ވައިރަލް ވާން ނެގީ މަދު ވަގުތުކޮޅެކެވެ. އެކި މީހުން އެ ލިޔުންކޮޅު އެކި ގޮތްގޮތަށް ޝެއާރ ކުރަން ފެށިއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ލިޔުންކޮޅު ދައުރުވާން ފެށުމާއިއެކު، އެ ބަހުސް އިތުރަށް ހޫނުވެގެން ދިޔައީ އެ ކޮމެންޓުގައި ރާކިން ބުނެފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ. ރާކިން ބުނެފައިވަނީ ވިއާމް އެ ވީޑިއޯ ވައިރަލް ކޮށްލިކަން އެނގުމުން ވިއާމް މަރައިލި މަރައިލުމުގައި އަރްޒަންގެ އަތެއް ވެދާނެކަމުގައެވެ. ވިސްނައިފި ކޮންމެ މީހަކަށް އެކަން ސާފުކޮށް އެނގޭނެކަމުގައެވެ. އަރްޒަން ނޫނީ އެފަދަ ކަމަކާ ވިއާމްއާ ހަސަދަލާނީ ކާކުތޯ އަހާ ސުވާލުކޮށްފައި ވެސް އޮތެވެ.

ރާކިންގެ އެ ސުވާލާއެކު އެތައްބަޔެއްގެ އިނގިލި އަރްޒަންއަށް އަމާޒުވެގެން ދިޔައެވެ. މަދު މީހަކު އެކަމާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، ގިނައީ އަރްޒަންއާ ދެކޮޅަށް ވާހަކަ ދެއްކި މީހުންނެވެ. އެތައްބައެއްގެ ތުހުމަތުތައް އަރްޒަންއަށް އަމާޒުވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް އަރްޒަންގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އެފަދަ ތުހުމަތެއް އޭނާއަށް އަމާޒުވާން ޖެހުނީ ކީއްވެހެއްޔެވެ؟ ހިތުގައި އުތުރި އަރަން ފެށި އެއްވެސް ސުވާލެއްގެ ޖަވާބެއް އަރްޒަން އަތަކު ނެތެވެ. ހައްތަހާވެސް ހިތްދަތި ކަންތައްތަކެވެ.

"ޒީ... އައި ޑިޑިންޓް ޑޫ އިޓް... އަހަރެން... " އެނދުގައި އިށީން އަރްޒަން އޭނާގެ މޫނު ދެއަތުގެ ތެރޭގައި ފޮރުވައިލިއެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. އެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ވެސް ހުއްޓެވެ.

"އައި ނޯ! އަހަންނަށްވުރެ ބޮޑަށް ޒޭން އެެފަދަކަމެއް ނުކުރާނެކަން އެނގޭނެ މީހަކު ނުހުންނާނެ." ޒީޝާންގެ އަރްޒަންގެ ވާ އަތްފަރާރުގައި އިށީންނަމުން އޭނާގެ ކަނާއަތުން އަރްޒަންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ހައު ކޭން ދޭ އެކިއުޒް މީ އޮފް ސަމްތިންގް ސޯ ކްރުއަލް..." ހިތްވަރު ކުރި ނަމަވެސް އަރްޒަންއަށް މޮޅިވެރިކަމާއެކު، އިސްޖަހައިލެވުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައެވެ. ބުނާނެ އިތުރު އެއްޗެއް ވެސް އޭނާގެ ދުލު ކުރިއަކަށް ނައެވެ.

"ޑޯންޓް ވޮރީ... އަހަރެން ހުއްޓާ ނޯ ބޮޑީ ކޭންޑޫ އެނީތިންގް ޓު ޔޫ...އެއްވެސް މީހަކަށް ކަމެއް ނުކުރެވޭނެ. އައި ޕްރޮމިސް..." ޒީޝާން ބުނެލިއެވެ. އަރްޒަން ޒީޝާންއަށް ބަލައިލިއެވެ. ޒީޝާން އަރްޒަންއާ ކައިރިވެލާފައި އަރްޒަންގެ ގައިގައި ބައްދައިލަމުން ކަންބޮޑުނުވުމަށް ބުނެލިއެވެ.

"މިވަރުން ދަންޏާ އެމީހުން އަހަރެން ވަޒީފާއިން ވެސް ވަކިކުރާނެ. މިހާރުވެސް އަހަރެންގެ ސަބަބުން ކުންފުންޏަށް ލިބުނު ނަން ވަކި ރީއްޗެއް ނޫން..." ޒީޝާންގެ ބުރަކަށީގައި އަތް ޖައްސައިލަމުން މާޔޫސްކަމާއެކު، އަރްޒަން ބުނެލިއެވެ.

"ކަމޯން... ދެން ނުވިސްނަބަލަ!" ޒީޝާން ބުނެލިއެވެ.

*****

ރާކިން އެއާޕޯޓުން ނުކުތް އިރުވެސް އޭނާގެ ފަހަތުގައި ވިއްދާފައި ޒޭބާ ހުއްޓެވެ. ވާހަކަ ދެއްކި ނަމަވެސް ރާކިން ވާހަކަ ނުދައްކާތީ ޒޭބާ ހުރީ ހިންހަމަ ނުޖެހިފައެވެ. ކުރެވުނު ކަންތަކާ ފަޚުރުވެރިވެފައި ހުރި ރާކިން ހުރީ ހޮޓެލަށް ގޮސް ފޭސްބުކަށް ވަދެލާ މީހުން އުޅޭ ހާލެއް ބަލައިލާހިތުން ކެތް މަދުވެފައެވެ. ކުރެވުނީ ވަރަށް މޮޅުކަމެއް ކަމުގައި އޭނާ ދެކުނެވެ.

"ނައު ލެޓްސް ސީ..." ހިތާ ހިތުން ވާހަކަ ދެއްކި ރާކިންގެ ހިތަށް އަރަމުން ދިޔައެވެ. ހަސަދައާއި ރުޅިއަކީ އިންސާނާ ހަލާކުގެ ތެރެއަށް ވައްޓައި އަލިފާންގަނޑަށް އަޅާ ދަރުކަމުގައި ރާކިންއަށް ނުވިސްނެނީއެވެ. ހަސަދައިން ތިމާގެ ހިތް ފޯވާނަމަ ހެވާ ނުބައި ވަކިކުރަން ނޭނގޭ ހިސާބަށް ތިމާގެ ނަފުސު ދީލާލައިގެން ހިނގާދާނެކަން ވެސް އޭނާއަށް ނުވިސްނެނީއެވެ. ނޫނީ ލޯތްބާއި އޯގާތެރިކަމަކީ ގަދަކަމުން ހޯދާނޭ އެއްޗެއް ނޫންކަމަށް ޤަބޫލުކުރަން ރާކިން ބޭނުންނުވަނީއެވެ.

ކުޑައިރުއްސުރެ ބޭނުންކޮންމެ އެއްޗެއް ރާކިންއަށް ލިބެމުން ދިޔުމުގެ ނަތީޖާއަކީ ނުލިބޭނެ އެއްޗެއް ކޮންމެ ހާލަކުން ވެސް ހޯދަން ބޭނުންވުމެވެ. ގަދަބާރުން ވިޔަސްވެސްމެއެވެ.

ހޮޓެލަށް ގޮސް ޔުނީފޯމާ އެކީ އެނދުމައްޗަށް ވެއްޓިގަތުމަށްފަހު، ރާކިން ފޭސްބުކަށް ވަދެލި އެވެ. ކޮމެންޓްތައް ކިޔަމުން ދިޔައިރުވެސް އޭނާގެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ދުވެލަދުވެލާ ހުއްޓެވެ.

*****

ޗައިނާއަށް ކުރި ދަތުރު ނިންލާލާފައި އޭގެ އެއް ދުވަސްފަހުން ރާކިން މާލެއައި އިރު އަނެއްކާވެސް އެ މައްސަލަ އޮތީ ކުންފުނީގެ ތެރޭގައިވެސް ބޮޑު މައްސަލައަކަށްވެ ހޫނުވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ޖެހި ނުތަނަވަސްކަން އުފެދިފައެވެ. އެއްބަޔަކު ބުނަމުން ދިޔައީ އަރްޒަން ވަގުތުން ވަޒީފާއިން ވަކިކުރުމަށެވެ. އަނެއްބަޔަކު ބުނަމުން ދިޔައީ އަރްޒަންގެ މައްޗަށް ކުށް ސާބިތު ނުވާހާ ހިނދަކު އެގޮތަށް އެކަންތައް ނުކުރެވޭނޭ ކަމުގައެވެ.

ފެންވަރާހަދާލައިގެން ނިދާލި ރާކިންއަށް ހޭލެވުނީ ރޭގަނޑު ދިހައެއްޖަހާ ބޮޑު ވީފަހުންނެވެ. ކާކޮޓަރިއަށް ވަދެފައި ފެންތައްޓެއް ބޮއިލައިގެން ރާކިން ކޮޓަރިއަށް ވަނީ ތާޒާ ވެލައިގެން ބޭރަށް ދިޔުމުގެ ބޭނުމުގައެވެ.

ރީތިވާން ހުއިރިއިރު އޭނާއަށް އައި ޚިޔާލެއްގެ ސަބަބުން އެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ. ބޮލުގެ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލަމުން އޭނަ ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. ކަނޑު ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ޖީންސްގައި ރާކިން ހުރިއިރު އޭނާ ކިތަންމެހާވެސް ފުރިހަމައެވެ. ބަލާބެލުމަށް އޭނާގެ ވަރުގަދަ ސަޚްސިއްޔަތު ހާމަ ވެއެވެ. ފުރިހަމަ އިސްކޮޅެކެވެ. ހިތްފުރޭވަރުވުމުން ތުމުން ފުމެމުން ޑްރެސިން ޓޭބަލް މަތީގައި ހުރި ސެންޓްފުޅި ނަގާ ގަޔަށް ޖަހައިލަމުން އޭނާ ހިނިތުންވެލިއެވެ.

ގެއިން ނުކުމެ، ސައިކަލަށް އެރި ރާކިންގެ މިސްރާބުހުރީ ހުޅުމާލެއަށެވެ. އާދައިގެ ވަރެއްގައި ދުވެލި ބަހައްޓައިގެން ސައިކަލު ދުއްވަމުންދިޔަ ރާކިންގެ މޫނުމަތިން ފެންނަނީ ބުނެދޭން ނޭނގޭ އަސަރެކެވެ. ހުޅުމާލެ ހޮސްޕިޓަލް ކައިރިން ގޮސް ރާކިން އޭނާގެ ސައިކަލު މަޑުކޮށްލީ އަރްޒަންމެން އުޅޭ އެޕާރޓްމެންޓްގެ ކުރިމައްޗަށެވެ.

*****

ސައިކަލުން ފޭބުމަށްފަހު، ރާކިން އޭނާގެ ފޯނުން ކޮންމެވެސް ނަންބަރަކަށް ގުލައިލިއެވެ. އެއަށްފަހު، އަރްޒަން އުޅޭ އެޕާރޓްމެންޓްގެ މައުލޫމާތު ހޯދިއެވެ. ފޯނު ބާއްވަމުން އޭނާ އެ އެޕާރޓްމެންޓާ ދިމާލަށް ހިނގައިގަތީ ލަސް ފިޔަވަޅުތަކެއްގައެވެ. ހީވަނީ ދެ ވިސްނުމެއްގައި ހުރިހެންނެވެ.

 

***

ފަހަތަށް ޖެހުމުން ޖެހެމުން ގޮސް ފާރުގައި ޖެހުމާއެކު ޒީޝާން މަޑުވިއެވެ. އަރްޒަން އައިސް މަޑުކޮށްލީ އޭނާގެ ނޭވާ ޒީޝާންގެ މޫނަށް އެޅޭހާ ކައިރީގައެވެ. އަރްޒަންގެ އެ އަމަލުން ޒީޝާންގެ ތުންފަތް މައްޗަށް ވެރިވީ މައުނަވީ ހިނިތުންވުމެކެވެ. ހުސްގަޔާ ހުރި އަރްޒަންގެ ހަށިގަނޑުގެ ބީހުން އޭރު ކޮންމެވެސް ވަރަކަށް ޒީޝާންއަށް އިޙުސާސް ކުރެވެއެވެ.

އެ ދެމެދުގައިވި ދާއިރާ އިތުރަށް ހަނި ކުރުމުގައި ޒީޝާން ކާމިޔާބު ހޯދަމުން ދިޔައެވެ. ޚުދު އަރްޒަންއަށް ވެސް އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ސިކުނޑިއަށް ވެރިވެފައިވާ ހުސްކަމާއެކު، ވެސް އޭނާއަށް ދުލުން ކިޔެނީ ޒީޝާންގެ ނަމެވެ. އަރްޒަންގެ ކަނދުރާގައި އަތް އަޅުވައިލަމުން ޒީޝާން އިތުރަށް އަރްޒަން އާ ގާތް ވެލިއެވެ.

އެވަގުތެވެ. ބޭރުން މީހަކު ބެލް އަޅައިލުމާއެކު، އަރްޒަން ސިހިފައި ޒީޝާންއާ ދުރަށް ޖެހިލިއެވެ.

ހަމަބިމަށް އާދެވުނީ ދެނެވެ. ކުރެވުނު ކަންތަކާ ލަދުގަތީވެސް ދެނެވެ. އޭނާއަށް ވީ ކިހިނެއްހެއްޔެވެ؟ ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ގޮސް ސޯފާގައި އޮތް ޓީޝާޓް ނެގިއެވެ. ގަޔަށް ރަނގަޅަށް މަހާނުލެވި އުޅެނިކޮށް ޒީޝާން ގޮސް ދޮރު ހުޅުވައިލައިފިއެވެ.

ދޮރު ހުޅުވި ޒީޝާންއަށް ބަލައިލި ރާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. އޭނާގެ ނަޒަރު ދެން ދަތުރު ކުރީ ޒީޝާންގެ ފަހަތުގައި ހުރެ ޓީޝާޓް ގަޔަށް މަހާލަން އުޅުނު އަރްޒަންއަށެވެ. އެއާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެމީހުން ތިބި ގޮތުން އެ ދެމެދުގައި ކޮންމެވެސް ކަމެއް ހިނގައިފިކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެލިއެވެ. އެއާއެކު ނަފުސަށް އާދަޔާހިލާފު ނުތަނަވަސްކަމެއްވެރިވެ ރުޅިވެރިކަމުގެ ސިލްސިލާއެއް އުފަންކުރުވިއެވެ.

ދަތްތަކަށް ބާރުކުރެވުމާއެކު، ރާކިންއަށް އޭނާގެ މުށްކެވިފައިވާ ދެއަތް ޖީބަށް ޖަހައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ޒީޝާންއަށް ބަލައިލިއިރު، އެމޫނުމަތީގައިވަނީ ރުޅިވެރިކަމުގެ އަސަރުތަކެވެ.

"ރާކިން ކީއްކުރަން މިތަނަށް ތިއައީ؟" ޒީޝާން ސުވާލުކޮށްލިއެވެ. އަރްޒަންވެސް އަވަސް އަވަހަށް ޓީޝާޓްލަމުން އައިސް ޒީޝާންގެ ފަހަތުގައި މަޑު ކޮށްލިއެވެ.

"ރާކިން!" އަރްޒަންއަށް ވެސް ހައިރާންކަމާއެކު، ރާކިންއާ ދިމާލަށް ބަލަން ހުރެވުނެވެ.

"ހަމަ ހާލު ބަލައިލަން މިއައީ..."ރާކިން ބުނެލިއެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

"އަހަންނަށް ހެޔޮ އެދިގެންތަ ރާކިން ތި އައީ؟ ނޫނީ އަހަރެމެން އުޅޭ ހާލެއް ބަލައިލަންތަ؟ " އަރްޒަން ސުވާލުކޮށްލިއެވެ. އޭނާގެ ފޯނު ނަންބަރު ލީކުކޮށްލީ ރާކިންކަން އެނގުނު ދުވަހުން ފަށައިގެން އަރްޒަންގެ ހިތުގައިވެސް، ރާކިންއާމެދު ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އުފެދިފައިވެއެވެ.

"ޒީގެ ހާލެެއް ވެސް ބަލައިލަން. ޒީގެ މައިންބަފައިން ނިޔާވި ޚަބަރު ލިބުނީމަ އަހަރެންވެސް ވަރަށް ދެރަވި." ރާކިން ދެރަވެލާފައި ބުނެލިއެވެ.

"ރާކިން ގެ މަޤްސަދަކީ ކޮބާތަ؟ އަހަރެންގެ ފޯނު ނަންބަރު ލީކުކޮށްލައިގެން ރާކިންއަށް ލިބުނީ ކޮން މޮޅެއްތަ؟" އަރްޒަންއަށް ސުވާލުކޮށްލެވުނީ ބާރަށެވެ. ކިތަންމެ މަޑުން ވާހަކަ ދައްކަން ބޭނުންވިޔަސް އެކަންކުރަން އޭނާއަށް އުނދަގޫވިއެވެ. ވާނީވެސް އެހެންތާ އެވެ؟ ރާކިން އެވަނީ އޭނާގެ އެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގާފައެވެ. އޭނާ ރާކިންއަށް މާފުކުރާނީ ކިހިނެއްހެއްޔެވެ؟

އަރްޒަންއާ ރާކިން ވާހަކަ ދައްކަމުން ދިޔައިރު ޒީޝާން އެއްވެސް އެއްޗެއް ނުބުނެއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ރުޅިވެރި އަސަރުތަކެވެ.

"އަހަރެން އެ ވަރަށް ގުޅީމަވެސް ޒީ ފޯނެއް ނުނަގާ... ކީއްވެ؟" ރާކިން އަނެއްކާވެސް ޒީޝާންއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"އަހަރެން ނަގަން ބޭނުންނުވީމަ. ރާކިން ތީ އަހަރެންގެ ކާކު؟" ޒީޝާން މޫނު އަނބުރައިލިއެވެ.

ޒީޝާންގެ އެ އަމަލުން ރާކިންގެ ހިތަށް ތަދުވިއެވެ. އޭނާ ޒީޝާން ދެކެ ލޯބިވާވަރު ޒީޝާންއަށް އަންދާޒާ ނުކުރެވެނީ ކީއްވެހެއްޔެވެ؟ އޭނާ އެ ލޯޯބި ހޯދަން ކުރަންވީ ކީއްހެއްޔެވެ؟.

"ޒީ..." ރާކިންް ޒީޝާންއަށް ގޮވައިލި ނަމަވެސް އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ދުލުކުރިއަކަށް ނައެވެ.

"އަހަރެން އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން. ޖަސްޓް ގެޓް ލޮސްޓް... ރައިޓް ނައު..."

ޒީޝާން ހަޅޭއްލަވައިގަތެވެ. އެއަށްފަހު، ރާކިންއަށް އިތުރު އެއްޗެއް ބުނުމަށް ފުރުސަތު ނުދީ ރާކިންގެ މޭގައި އަތް އަޅާ ކޮށްޕައިލުމަށްފަހު، އޭނަ ދޮރު ޖެހިއެވެ.

"ޒީ. އެހެންނުހެދިޔަކަސް އޭނަ ފޮނުވައިލެވިދާނެ!" އަރްޒަން ބުނެލީ މަޑުމަޑުންނެވެ.

"އެކަހަލަ މީހުންނަށް އެހެން ހަދަން ޖެހޭނީ... " ޒީޝާން ބުނެލިއެވެ.

"އެނީވޭޒް ހީ ރުއިންޑް އެވްރީ ތިންގް " ޒީޝާން ދެބުމަ ގޮށް ޖަހައިލިއެވެ.

"އިޓްސް އޯކޭ ޒީ..." އަރްޒަން ބުނެލިއެވެ.

*****

ޒީޝާން އޭނާގެ މޭގައި އަޅާ ކޮށްޕައިލި ގޮތުން ރާކިންއަށް ތަދުވެސް ވިއެވެ. އިރުކޮޅަކު މޭގައި އަތް އަޅައިލައިގެން ގުދަށް އޮންނަން ރާކިންއަށް މަޖުބޫރުވީ ވެސް ތަދުވީ ވަރުންނެވެ. ނޭވާ ލާންވެސް އުނދަގޫވީހެން ހީވިއެވެ. އެގަޑީގައި ކޮންމެވެސް ވަރަކަށް ދެރަ ވި ނަމަވެސް އެ ދެރައިގެ މައްޗަށް ރުޅިވެރިކަން އިސްވާން ނެގީ މަދު ސިކުންތުކޮޅެކެވެ.

"އައި ވިލް ޓޭކް ރިވެންޖް" ލައްޕާފައިހުރި ދޮރަށް ބަލަން ހުރެ ރާކިން އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ބުނެލިއެވެ. އޭރު ދެން ކަންތައް ކުރާނޭ ގޮތް އޭނާ ވަނީ އެ ހިތުގެ ތެރޭގައި ރާވާލާފައެވެ.

"ޒީޝާންގެ ސަަބަބުން އޭނާގެ އަރުބުޑުގައި ލީ ހިތިރަހަ އޭނާ އެ ދެމީހުންގެ ކަރުބުޑުގައިވެސް ލައްވައިލާނެއެވެ. އަރްޒަންއަށްޓަކައި ޒީޝާން އޭނާގެ އަތް އިސްކުރުމަކީ ރާކިންއަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ.

އެ ގެއިން ނުކުމެގެން އެ ދިޔަ ބާރުމިނުގައި ގޮސް ރާކިން އެރީ ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލަށެވެ. ހުންގާނުގައި އަތުން ޖަހައިލުމަށްފަހު، އޭނާ ދަންކުނޑި ވިކައިލިއެވެ. ކަތުރު ކަށިގަނޑަށް ވާންވެެގެން ދިޔުމާއެކު އެކީ ދެއަތް މުށްކަވާލާފައިވާލެއް ބާރުކަމުން އޭނާގެ އަތުގެ ނާރުތައްވެސް ކޮށްމެވެސް ވަރަކަށް ފުއްޕައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0