ފޯނަށް ބަލަން އިނުމަށްފަހު، ރާދިން ފޯނުން ކޮންމެވެސް ނަންބަރަކަށް ޑައިލްކޮށްލި ނަމަވެސް، އެ ނަންބަރުން ފޯނެއް ނުނަގައެވެ.
ފޯނު ނުނެގުމުން ރާދިންގެ މޫނުމަތިން މާޔޫސްކަމުގެ އަސަރުތައް ކޮންމެވެސް ވަރަކަށް ފެނިލިއެވެ. އޭނާ ދެންމެ ގުޅި ނަންބަރަށް މެސެޖެއް ކޮށްލުމަށްފަހު، ފޯނު މޭޒުމަތީގައި ބާއްވާފައި ގޮސް އަލަމާރިކައިރިއަށް ހުއްޓިފައި ޓީޝާޓަކާއި ސޯޓެއް ނެގިއެވެ. އެ އެއްޗެހި ލައިގެން ފޯނު ހިފައިގެން ރާދިން ކޮޓަރިން ނުކުންނަން އުޅެނިކޮށް އޭނާގެ ފޯނު ރިންގްވިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ބަލައިލުމަށްފަހު، ރާދިން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"ހަލޯ... ސަޖާ...." ރާދިން ބުނެލިއެވެ. އިރުކޮޅަކު މަޑުކޮށްލީ އެކޮޅުން ޖަވާބު ލިބޭނެކަމަށް ނަމަވެސް، އެއްވެސް ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. އެެހެންކަމުން ރާދިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ސަޖާ، ކީއްވެތަ ވާހަކަ ނުދައްކަނީ؟ އަހަރެން ބުނެފީމެއްނު ވަރަށް ބިޒީކޮށޭ މިދިޔަ ދުވަސްތަކުގަ މިއުޅުނީ. ސަޖާއަށް ވެސް އެނގޭނެ އަދި އިހަކަށް ދުވަހުކަން އަހަރެންގެ ދޮންބެ އެ ނިޔާވީ. ބައްޕަވެސް ހުރީ އެހާ ދެރަވެފަ." ރާދިން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ލޯބިވެރިޔާއާއެވެ. ސަޖާއާއި އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގިނަފަހަރު އެ ދޭތެރޭގައި މައްސަލަޖެހެނީ ސަޖާގެ ހުންނަ މިޒާޖުގެ ސަބަބުންނެވެ. ކުދި ކުދި ކަންތައްތަކާ އަރާރުންވެ ޒުވާބުކުރުމަކީ ސަޖާގެ އާދައެއް ނަމަވެސް، އެކަން އެގޮތަށް އެވަނީ ސަޖާ އޭނާ ދެކެ އިންތިހާއަށް ލޯބިވާތީ ކަމުގައި ރާދިންއަށް ގަބޫލުކުރެވެއެވެ. ރުންކުރު ގޮތެއް ހުރިނަމަވެސް، ސަޖާއަކީ ހިތް ގޯސް މީހެއް ނޫންކަން ރާދިންއަށް ޔަޤީން ކުރެވެއެވެ. އެކުގައި މިހާ ދުވަސްވީއިރު، ރާދިން ސަޖާގެ ވާހަކަ ރާދިއު ފިޔަވާ އިތުރު މީހެއްގެ ކައިރީގައި ދައްކާފައެއް ނުވެއެވެ. ސަޖާއާއި އޭނާގެ ގުޅުން އެންމެ ރަނގަޅަށް އެނގޭނީ ރާދިއު އަށެވެ. ސަޖާއާ އޭނާގެ ގުޅުމަށް ރާދިއު މާ ހިތްހަމަ ޖެހޭހެން ރާދިންއަށް ހީނުވިނަމަވެސް، އޭނާ އެކަމާ މާ ބޮޑު ފަރުވާލެއް ނުބެހެއްޓީ އެކަމަށް ރާދިއު އެއްޗެއް ނުބުނާތީއެވެ. ނޫނީ އޭނާގެ އުފާތަކަށް ހުރަސްއަޅަން ރާދިއު ބޭނުންނުވީއެވެ. ރާދިއު އޭނާގެ ގާތުގައި ބުނިހާވެސް އެއްޗަކީ ޙަޔާތުގެ ބައިވެރިއެއް ޚިޔާރުކުރަންވާނީ ވަރަށް ވިސްނާފައިކަމުގައެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަމަށާއި، އެއީ އުމުރު ދުވަހަށް އެކަކު އަނެކަކަށް ހިމާޔަތާއި އަޅައިލުމާ ލޯބި ދޭންޖެހޭ ވަރަށް މަތިވެރި ގުޅުމެއްކަމުގައެވެ. ކައިވެނީގެ ކުރިން އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން ޖެހޭނެކަމަށާއި، ކައިވެނީގެ މަތިވެރި ގުޅުން ބިނާވާނީ އިތުބާރާއި ޔަޤީންކަމުގެ މައްޗަށް ކަމުގައެވެ. އަދި ރާދިންއާއި ސަޖާއާ އެ ގުޅުމާ މެދު ސީރިއަސްނަމަ ބައްޕައާ އެކަން ހިއްސާކުރުމަށެވެ.
"އެންމެ ކުޑަމިނުން ފުރުމުގެ ކުރިން ރާދިންއަށް އަހަރެން ގާތު ބުނެލެވެން ވާނެ ދޯ. އެ ދުވަހު އަހަރެން ހާދަ އިރަކު އެތަނުގައި ރާދިންގެ އިންތިޒާރުގައި އިނީމޭ." ސަޖާ ޝަކުވާގެ ރާގެއްގައި ބުނެލިއިރު، ހިތްހަމަނުޖެހުމުގެ އަސަރުތައް ހަމަ ރަނގަޅަށްވެސް އެ އަޑުން ހާމަވަމުން ދިޔައެވެ.
"ވޮޮލެޓް ބަލާ ގެއަށް ވަނުމަށްފަހު، ލިބުނު ޚަބަރަކުން އަހަރެންވެސް ހުރިހާކަމެއް މަތިން ހަނދާންނެތުނީއޭ... ފުރަން ގޮސްފައި ގުޅަންވެގެން އަހަރެން ހުރީ. އެކަމަކު އެ ގަޑީގައި ނުގުޅުނީ. ކިތައް ފަހަރު ސޮރީ އޭ ބުނެފިންތަ؟ އަދިވެސް ތި ރުޅި މަޑުކުރާކަށް ނުވޭތަ؟" ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.
"ރުޅި އަންނާނެއޭ ރާދިންއަށް އަހަންނަށް ވަގުތު ނުދެވެންޏާ! އަހަރެން މުހިންމު ނުވަނީ ދޯ ރާދިންއަށް. އަބަދުވެސް ދޮންބެ ނިޔާވީމަ، ބައްޕަ މިހެންނޭ، ބައްޕަ އެހެންނޭ... ތި އަޑުއަހާ އަހަރެން މިހާރު ވަރުބަލިވެއްޖޭ ރާދިން،" ސަޖާގެ ރުޅިގަނޑު ފިނިވާ ގޮތެއް ނުވެއެވެ. އެ ދުވަހު ސަޖާ އިންތިޒާރުގައި ބައިންދާފައި އެ ވާހަކަ ނުބުނެވުނުކަން އެއީ އޭނާގެ މައްސަލައެއްކަން ރާދިން ގަބޫލުކުރެއެވެ. އެކަމަށް އޭނާ ސަޖާގެ ކިބައިން މާފަށް އެދުނު އަދަދެއް ނޭނގެއެވެ. އެހެންނަމަވެސް ސަޖާގެ އެ ރުޅިގަނޑު ފިނިވާގޮތެއްނުވެއެވެ. އެކަމާ ރާދިން ހުރީ ހަދާނެ ގޮތް ހުސްވެފައެވެެ.
"އޯކޭ. އަނެއްކާވެސް ސޮރީ. އަހަރެން ސަޖާ ބުނި ކޮންމެ ކަމެއް ކޮށްފާނަން. ބުނޭ ކީއްކޮށްދޭންވީ؟" ރާދިން ބޭނުންވީ ސަޖާ ހިތްހަމަޖައްސަދޭށެވެ.
"ހިނގާބަލަ މިތާ ކައިރީ ރަށަކަށް ދެދުވަހަކަށް ދަތުރު ގޮސްލަން. މި އަންނަ ހުކުރުގައި އަހަރެންގެ ބައެއް ފްރެންޑުންވެސް އެބަކިޔާ މާފުއްޓަށް ދާން. އެންމެންވެސް ދަނީ އެމީހުންގެ ބޯއިފްރެންޑާއެކު. އަހަރެންވެސް ބޭނުން ދާން." ސަޖާ ބުނެލިއެވެ. ރާދިން ވިސްނައިލިއެވެ. މިއީ އޭނާ އެގޮތަށް ދިޔުން އެންމެ ރަނގަޅު ވަގުތު ނޫންކަން އަމިއްލަ ސިކުނޑިއަށް ވިސްނުނު ނަމަވެސް، އެކަން ސަޖާއަށް ވިސްނައިދޭނީ ކިހިނެއްކަން ނޭނގި ރާދިން ހިމޭންވިއެވެ.
"ރާދިން! ކީއްވެ އެއްޗެއް ނުބުނީ؟ ނުދެވޭނެ ދޯ. އަހަރެން ބުނީތީ މިވަރުކަމެއްވެސް ރާދިންއަށް ކޮށެއް ނުދެވޭނެ ދޯ، ކީއްވެތަ އަހަރެން ތިހާ ދުރުކޮށްލީ ތި؟" ސަޖާގެ ޝަކުވާތަކެއް ނުހުއްޓުނެވެ.
"ސަޖާ! މި ހުކުރު ދުވަހު ދާން ކުޑަކޮށް އުނދަގޫވެދާނެ. އަދިވެސް ކަންތައްތައް ހަމައަކަށް ނޭޅެޔޭ. ޖަސްޓް ގިވް މީ ސަމްޓައިމް." ރާދިން މާޔޫސީ ރާގެއްގައި ބުނެލިއެވެ. ސަޖާގެ އެ އެދުން ކިތަންމެ ފުއްދައިދޭން ބޭނުންވިނަމަވެސް، އެކަން އެގޮތަށް ކުރުމަށް އޭނާގެ ޒަމީރު ތަނެއް ނުދެއެވެ. ބައްޕަގެ ޙާލަތަށް ވިސްނާލާފައި އެކަންޏެއް ނޫނެވެ. ޚުދު އޭނާއަށް ވެސް އަދި އެ އުޅެނީ އެ ހުރިހާކަމަކުން އަރައި ނުގަނެވިގެންނެވެ.
"ތިހުރިހާ ފިކުރުތަކުން ދުރުވާނީ ވެސް މިހެން މަޖާކޮށްލާ އުޅުނީމައެއްނު. ކިތަންމެ ހިތާމަކުރިއަސް ދެނެއް އެއްވެސް ކަމެއް ބަދަލެއް ނުވާނެއެއްނު." ސަޖާ ބުނެލިއެވެ.
"ޖަސްޓް ގިވް މީ ސްމްޓައިމް ޓު ތިންކް އިނގޭ ބޭބީ... މިވަގުތު ކާންދާން މިދަނީ. ގުޅާނަން ފަހުން... ވަރަށް ލޯބިވޭ..." ރާދިން އެހެން ބުނެލުމަށްފަހު، ފޯނު ބޭއްވުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ. އަތުގެ ދެނގިލިން ނިތުގައި ޖައްސައިލުމަށްފަހު، އޭނާ އިރުކޮޅަކު ހުއްޓެވެ. ސަޖާއަށް ވަގުތު ނުދެވޭކަން ރާދިންއަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް، އޭނާގެ އެ ދަތި އުނދަގޫ ވަގުތު ސަޖާއަށްވެސް ވިސްނެން ޖެހޭނެއެވެ. އިތުރަށް އެކަމާ ވިސްނަން ބޭނުންނުވެ ރާދިން ތިރިއަށް ފޭބިއެވެ. އޭރު މުނީރު ވެސް ބޮޑުކޮޓަރީގައި ހުރި ސޯފާތަކުން ސޯފާއެއްގައި ފޯނާ ކުޅެން އިނެވެ. ރާދިން އައިސް ސޯފާގައި އިށީނދެފައި މުނީރަށް ބަލައިލިއެވެ. މުނީރުގެ މޫނުމަތިން އަދިވެސް މާޔޫސްކަން ފިލާ ނުދެއެވެ. އެފަދަ ވަގުތެއްގައި އޭނާ ތަނަކަށް ދާނީވެސް ކިހިނެއްހެއްޔެވެ؟
"ދަރިފުޅު އެއްޗެއް ބުނަން ބޭނުންވީތަ؟" މުނީރު ސުވާލުކޮށްލިއެވެ.
"ނޫނޭ! ކުޑަކޮށް ބަނޑުހައިވެފަ..." ރާދިން ހިނިތުންވެލިއެވެ.
އިރުކޮޅަކުން ރޯޒް ނުކުމެފައި ކާން ތައްޔާރުވި ވާހަކަ ބުނެލުމުން މުނީރު އެދުނީ މައާލްވެސް ތިރިއަށް ގެނައުމަށެވެ. މުނިރުއާއި ރާދިންއާ ދެމީހުން ކާކޮޓަރިއާ ދިމާލަށް ހިނގައިގަތީ، މައާލްވެސް އައުމުންނެވެ.
މޭޒުމަތީގައި ހުރީ އިޓާލިއަން ސޫޕްއަކާއި ޕާސްތާގެ އިތުރުން ކަސްޓަރޑް ފާޑެއްގެ ފޮނި އެއްޗެކެެވެ. އޭގެ އިތުރުން އޮރެންޖް ޖޫހާއި ސެލެޑްވެސް ހުއްޓެވެ. ތައްތަށް އެއްޗެހި އަޅަމުން ރާދިން މައާލްއަށް ބަލައިލިއެވެ. މުނީރަށް ބަލައިލުމަށްފަހު، ރާދިން މައާލްގެ ތައްޓަށް އެއްޗެހި އަޅައިދިނެވެ. އެ މަންޒަރު ބަލަން މުނީރު އިންއިރު، އޭނާގެ މޫނުމަތިން ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ފެންނަމުން ދިޔައެވެ.
ކެއުމުގެ ވަގުތުގައި ވެސް ގިނައިން މައާލްއަށް އެހީތެރިވެދިނީ ރާދިންއެވެ. ކައިގެން މައާލް ކޮޓަރިއަށް ދިޔައިރު، ރާދިން ނުކުތީ ބޭރަށެވެ. ސައިކަލަށް އަރަމުން ރާދިން، ސަޖާއަށް ގުޅައިލިއެވެ. ސަޖާ ފޯނު ނެގުމުން އޭނާ ހުރިތަނަކާ ބެހޭގޮތުން ރާދިން ސުވާލުކޮށްލިއެވެ. ފޯނު ބާއްވާފައި ރާދިން ދިޔައީ ސަޖާއާ ދިމާކުރާށެވެ. ރާދިން ސަޖާމެން ގެއާ ހިސާބަށް ދިޔައިރު ސަޖާ ހުރީ ބޭރަށް ނުކުމެއެވެ. ރާދިން ސައިކަލު މަޑުކޮށްލުމާއެކު، ސަޖާއައިސް ސައިކަލަށް އަރައިފިއެވެ. ރާދިން ސައިކަލު ދުއްވައިލުމާއެކު ސަޖާ ރާދިންގެ އުނަގަނޑާ ދިމާ ބަނޑުގައި އޭނާގެ އަތް ވަށައިލިއެވެ.
"އަހަރެން ވަރަށް ވަރަށް ވަރަށް މިސްވި... އެގޮތަށް ދިޔައިމަ އަހަރެން ހާދަ ދެރަވިއޭ..." ސަޖާ ބުނެލިއެވެ.
"ސޮރީ ލަވް. ދެން އެހެންނެއް ނުވާނެ! ސަޖާއަށް އެނގޭތަ؟ އަހަރެން އަދި މާ ބޮޑަށް މިސްވި. އެކަމަކު ޙާލަތު ނިޔާކުރި ގޮތުން އެގޮތަށް ކަންތައްކުރެވުނީ." ރާދިން ބުނެލިއެވެ. އޭނާ ޔަޤީންކޮށްދިނީ ސަޖާއެކޭ އެއްގޮތަށް އޭނާވެސް ސަޖާ ދެކެ އިންތިހާ ލޯބިވާކަމުގައެވެ. އަދި ސަޖާ ދޫކޮށްލާފައި ދުވަހަކުވެސް އޭނާ ދާން ބޭނުންނުވާ ކަމުގައެވެ. ރާދިންގެ ލޯބިވެތި ބަސްތަކުން ސަޖާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާފައި ސަޖާ ގެއަށް ލާފައި ރާދިން އައިސް ގެއަށް ވަތްއިރު، ރޭގަނޑު އެގާރަޖަހާ ބޮޑުވެއްޖެއެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ކޮފީއެއް ހަދާލައިގެން ރާދިން އެރީ ޓެރެސްއަށެވެ. ޓެރެސްގައި ހުރި ކޮފީ މޭޒު އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ހިނދުކޮޅަކު އެއަށް ބަލަހައްޓައިގެން ރާދިންއަށް ހުރެވުނެވެ. އޭނާއާއި ރާދިއުއާ ދެމީހުން ރޭގަނޑުގެ އެތައް ވަގުތެއް އެ މޭޒު ދޮށުގައި ކޮފީ ބޯން ހޭދަކުރެއެވެ. އަތުގައި އޮތް ކޮފީ ޖޯޖަށް ބަލައިލުމަށްފަހު، އޭނާ ގޮސް ރެއިލިންގެ ކައިރީގައި މަޑުކޮށްލިއެވެ. ހަށިގަނޑުގައި ބީހިލީ ފިނިފިނި ވައިރޯޅިތަކެކެވެ. ފަޒާގައި ތެތްފިނިކަން ރަސްކަން ކުރަމުންދިޔުމުގެ ސަބަބުން މުޅި މާހައުލުގައި އަރާމު ފިނިކަމެއް ވެއެވެ.
ދުރަށް ބަލަހައްޓައިގެން ހުރުމަށްފަހު، އޭނާ ކޮފީތަށިން އެތިފޮދެއް ބޮއިލިއެވެ.
"ދަރިފުޅާ!" ރާދިން ސިހުނީ މުނީރުގެ އަޑަށެވެ. މުނީރު އައިސް ރާދިން ކައިރީގައި މަޑުކޮށްލުމަށްފަހު، ރާދިންގެ އަތުގައި ހުރި ކޮފީތައްޓަށް ބަލައިލާފައި ވާހަކަ ދެެއްކިއެވެ. ރާދިއު އާ ރާދިން އެކުގައި ކޮފީ ބޯން ގިނަ ވަގުތުތަކެއް ހޭދަކުރާކަން މުނީރަށްވެސް އެނގެއެވެ.
"ކޮފީއެއް ބޯލަނީ ދޯ... "
"ލައްބަ. ބައްޕަ މިގަޑީގައި ކީއްވެ ޓެރެސްއަށް ތިއައީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ނިދި ނައިސްގެން ހަމަ." މުނީރު ބުނެލިއެވެ.
"މަޑުމަޑުން ހުރިހާކަމެއްވެސް ހަމައަކަށް އެޅެމުން ދާނީ އިރާދުކުރެއްވިއްޔާ." ރާދިން ބުނެލިއެވެ.
"އާނ. އެކޮޅުގައި ހުރެފައި ބައްޕަ ބުނި ކަންތައް ބަލައިލަދެއްޗޭ އިނގޭ." މުނީރު ބުނެލިއެވެ.
"މައާލް ޑޮކްޓަރައް ދެއްކުމާއި ތެރަޕީ ކަންތައް ދޯ..." ރާދިން ބުނެލިއެވެ.
"އާނ... މައާލްއަށް އަހަރެމެން އެންމެންގެ އަޅައިލުމާ އޯގާތެރިކަން ވަރަށް މުހިންމު ވާނެ. އަހަރެމެން ނޫނީ މައާލްގެ އެއްވެސް މީހެއް ނެތެއްނު." މުނީރު ބުނެލިއެވެ. އެއަށްފަހު އޭނާ ވަރަށް ފުން ނަޒަރަކުން ރާދިންއަށް ބަލައިލިއެވެ. ހިތުގައި އުތުރިއަރަމުންދިޔަ ވާހަކަތައް ރާދިންއާ ހިއްސާކުރަން އޭނާގެ ޒަމީރު ގޮވަން ފެށިއެވެ. މައާލްއަކީ އޭނާގެ ޒިންމާއެކެވެ. އޭނާގެ އަމާނާތެކެވެ. މައާލްއަށް އުނދަގުލެއް ނެތް ޙަޔާތެއް ހޯދައިދިނުމަކީ މިއަދު އޭނާގެ ޒިންމާއެކެވެ.
"ބައްޕަ ބޭނުން ދަރިފުޅާ ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން." މުނީރު ދުރުބަލައިލިއެވެ. އެ އަޑުގައި ހުރި ސީރިއަސްކަން ރާދިންއަށް ފަހުމްވުމާއެކު އޭނާ އާއެކޭ ބުނެލީ އޭނާގެ ހުރިހާ ސަމާލުކަމެއް މުނީރަށް ދީފިކަން އަންގައިލުމުގެ ގޮތުންނެވެ.
"ބައްޕައަށް އެނގޭ މީ ވަރަށް ބޮޑުކަމެއްކަން." މުނީރުގެ ވާހަކަ ހުރީ ދުރުދުރުންނެވެ. އެހެންކަމުން މުނީރު ދައްކަން އެ އުޅެނީ ކޮންކަހަލަ ވާހަކައެއްކަން ލަފާކޮށްލާކަށްވެސް ރާދިންއަކަށް ނޭނގުނެވެ.
"ބައްޕަ ބޭނުންވަނީ ދަރިފުޅު މައާލްއާ ކައިވެނިކުރަން." މުނީރު ދެން ބުނެލި ވާހަކައަކުން ރާދިންއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ.