"އަހަރެން ވަރިކުރޭ ރާދިން."
މައާލްގެ ޖުމްލައާއެކު ރާދިންގެ ކަންފަތް ދޮށުގައިހީވީ ބޮމެއް ގޮވިހެންނެވެ. އޭނާ ހުރި ދިމާ ބިންގަނޑު ދެމިގެން ދިޔަހެން ހީވުމާއެކު، މުޅި ދުނިޔެ އެނބުރިގަތް ފަދަ އިޙްސާސްއެއް ރާދިންއަށް ކުރެވުނެވެ. ދޮލޯ ބޮޑުކޮށްލައިގެން ހިނދުކޮޅަކު އޭނާއަށް ހުރެވުނެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު، އޭނާއަށް މައާލްގެ އަތުގައި ހިފައްޓާލެވުނެވެ. އަދި އާދޭސްކުރަން ފެށިއެވެ.
"އަހަންނަށް ފުރުސަތެއް ދީބަލަ. ޕްލީޒް މައާލް… ޕްލީޒް… އަހަރެން ލޯބިވޭ…"
"ލޯބިވާނަމަ އަހަންނާ މެދު އެހާ ބޭއިންސާފުން ކަންތަކެއް ނުކުރާނެ. ލޯބިވާނަމަ އަހަންނާ މެދު މިހާ އަނިޔާވެރިއެއް ނުވާނެ. ލޯބިވާނަމަ ރާދިންގެ ދަރިއަކަށް ބަލިވެ އިނދެ އަނބިމީހާ ކައިރިއަށް…... އަހަރެންގެ ކައިރިއަށް އެހެން އަންހެނަކު ނާންނާނެ. އަހަރެންގެ ނިކަމެތިކަމުގެ ފައިދާ އެހާ ހަޑި ހުތުރު ގޮތަކަށް ނަގާފަވެސް ރާދިން ތިކިޔަނީ އަދިވެސް ފުރުސަތެއް ދޭށޭ. އިތުބާރުކުރާށޭ… " މައާލްގެ ވާހަކަތަކުން ރާދިންގެ މޭ ފިތިގެންދާފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. މައާލް މަސަލަސްކުރަން ބުނާނެ އެއްޗެއްވެސް ރާދިންއަކަށް ނޭނގުނެވެ. މައާލްގެ ކޮންމެ ޖުމްލައަކުން އޭނާގެ މޭ ފޮތިފޮތިކުރަމުން ދިޔައެވެ. އެ އަޑުގައިވާ ހިތާމައާއި ނަފްރަތުގެ ސަބަބުން އޭނާގެ ހިތް ހީވަނީ ކުދި ކުދި ވެދާނެހެންނެވެ. އެތައް ފަހަރަކު މައާލްގެ ކިބައިން ރާދިންއަށް މާފަށް އެދެވުނެވެ. އޭނާ ލޯބިވާކަމަށް ބުންޏެވެ. އޭނާ ދޫކޮށް ނުދާން އެދި އާދޭސް ކުރެވުނެވެ.
"އަހަރެން ވަރިކުރޭ ރާދިން… ހެޔޮ ނުވާނެ! އަނެއްކާވެސް ދިރިހުއްޓާ އަަހަރެން މަރާލީ ތީ ރާދިން…" މައާލްއަށް ބުނެވުނެވެ.
"މާލް… ވަރި… ނޫން… އަހަ…" ރާދިންގެ ޖުމްލަ މެނދު ކަނޑާލަމުން މައާލް ވާހަކަ ދެއްކިއެވެ.
"އިތުރު އެއްޗެއް އަޑު އަހާކަށް ބޭނުމެއް ނޫން. މީގެ ކުރިންވެސް ރާދިން އަހަންނާމެދު އަނިޔާވެރިވީމު. ދުވަހަކުވެސް އަހަރެން ރާދިންގެ ކިބައިން ވަރިއަށް އެދުނިންތަ؟ އަހަރެންގެ ދުލުން އެބަސް ބުނުވުން އެއީ ރާދިން ބޭނުންވި ގޮތަކީ. މިއަދު މި ބުނަނީ… ޖަސްޓް ޑިވޯސް މީ…" މައާލް ބުނެލިއެވެ.
"އޭވާ… އޭވާ…. " އަޑުގެ ކޮޅަށް މައާލް ގޮވަން ފެށުމުން ރާދިން ކަންބޮޑުވިއެވެ.
"މާލް… ޕްލީޒް. ކީކުރަން ތިއުޅެނީ؟" ރާދިން ސުވާލުކޮށްލިއެވެ.
"ރާދިން ހުރިހާކަމެއް ކުރަނީ އަހަރެންގެ ހުއްދަ ހޯދައިގެންތަ؟" މައާލްއަށް ބުނެވުނެވެ. ކަރުނަތައް ފުހެމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ރާދިންގެ ބޭވަފާތެރިކަން ވަނީ އޭނާގެ އަރުބުޑުގައި ނުފިލާވަރުގެ ހިތި ރަހައެއް ލައްވާފައެވެ. ރާދިންއަށް ކުރި އިތުބާރު ގެއްލިއްޖެއެވެ. ރާދިން ދެކެ ވީ ލޯބީގެ ސަބަބުން އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. މައާލްއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ބޭފަވާތެރިއަކަށްޓަކައި އެ ދެލޮލުން އެ އަންނަ ކަރުނަތައް ދެކެ އޭނާ ރުޅި އަންނަ ގޮތްވިއެވެ.
އޭވާ…." ކުރިން ގޮވާލި ވަރަށް ވުރެ ބާރަށް މައާލް ގޮވައިލިއެވެ.
މައާލްއާ ރާދިންގެ ޒުވާބުގެ ސަބަބުން އެތެރެއަށް ވަންނަން ނުކެރިފައިހުރި، އޭވާއަށް އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. އޭނާ ޖެހިލުންވެ ހުރެވެސް އެތެރެއަށް ވަނެވެ.
"ޔެސް… މޭމް…" އޭވާއަށް ބުނެވުނީވެސް މަޑުމަޑުންނެވެ.
"އަހަރެންގެ އެއްޗެހިތައް ފޮއްޓަަށް އަޅާދީ އޭވާ…" މައާލް ބުންޏެވެ.
"މާލް. ކީކުރަން ތިއުޅެނީ؟" ރާދިންއަށް ބުނެވުނެވެ.
"މިގޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫން." މައާލް ބުންޏެވެ.
"އޭވާ… ހަމަ މިހާރު ޕެކްކުރޭ…" މައާލް އަމުރުކޮށްލުމާއެކު، އެ ދެމީހުންނަށް ބަލަން ހުރުމަށްފަހު، އޭނާ ހިނގައިގަތެވެ. ވީ ކީއްކަން ސީދާ ނޭނގުނު ނަމަވެސް، އޭނާއަށް އަންދާޒާކޮށްލެވުނެވެ. ރާދިންއާ އެ އަންހެން ކުއްޖާގެ ގުޅުން މައާލްއަށް އެނގުނީކަން އޭނާއަށް ޔަޤީންވެ އެވެ. އޭވާ އެއްޗެހިތައް ޕެކްކޮށްފައި ބުނުމުން މައާލް ބުނީ ބޭރުގައި މަޑުކުރުމަށެވެ. އޭނާ އެބަ ނިކުންނަން ކަމުގައެވެ.
"މައާލް ދިޔައިމަ ބައްޕަ ސުވާލުކުރާނެ… މާލް. ޕްލީޒް. ތ ވިސްނުން ދޫކޮށްލާ! އާދޭސްކޮށްފަ މިބުނީ…" ރާދިންއަށް ބުނެވުނެވެ.
"އެ އަންހެން ކުއްޖާއާ އެކު އެފަދަ ގުޅުމެއް ހިންގިއިރު ރާދިން ނުވިސްނި ކަމަކަށް ކީކުރަން އަހަރެން ވިސްނަންވީ؟ ވަރިއާ ހިސާބަށް ދިޔައިމަ ހުރިހާކަމެއް އެންމެނަށްވެސް އެނގޭނެ." މައާލް ބުނެލިއެވެ. އޭނާ ކަރުނަތައް ފުހެމުން ނޭފަތް އެތެރެއަށް ދަމާލިއެވެ. މައާލްއަށް ރައްދުދޭނެ ގޮތެއް ރާދިންއަކަށް ނޭނގުނެވެ. ހިމޭންކަން ޚިޔާރުކުރެވުމާއެކު، އޭނާ އިސްޖަހާލިއެވެ.
"ރާދިން ހީކުރަނީ އުމުރު ދުވަހަށް އެ ހަޑިހުތުރު އަމަލު ސިއްރުކުރެވޭނެކަމަށްތަ؟ އެ އޮތީ ހެކި…" އެނދުމައްޗަށް އެއްލާލާފައިވާ ރިޕޯޓާ ދިމާލަށް ރާދިންއަށް ބަލައިލެވުނެވެ.
މައާލް އެތަނުން ނުކުންނަން ދާން ހިނގައިގަތުމުން ވެސް އޭނާ ހުއްޓުވަން ރާދިން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހުއްޓުން އެރިއެވެ. މައާލް ހުއްޓުވުމުގެ އެއްވެސް ހައްޤެއް އޭނާއަށް އެބަ އޮތްހެއްޔެވެ؟ ފިރިމީހާއަށް ވީނަމަވެސް، މިއަދު މައާލްއަށް އޭނާއާ ދޭތެރޭ އެ ގޮތަށް ކަންތައް ކުރުމުގެ ހައްޤު އެެބައޮތެވެ. މައާލްއާ މެދު ނާއިންސާފުން ކަންތައްކުރީ އޭނާއެވެ.
ކޮޓަރިން ނުކުތުމާއެކު، މައާލް އޭވާއަށް އެންގީ ޑްރައިވަރަށް ގޮވުމަށެވެ. މައާލް އޭވާއާކު މައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރީގެ ދޮރުކައިރީގައި މައާލްދިޔަތަން ބަލަން ހުރި ރާދިންގެ ދެލޮލަށް ކަރުަނަތައް ޖަމާވަމުން ދިޔައެވެ. ފުސްވަމުން ދިޔަ ދެލޮލުން މައާލް ގޮސް އޮބާލަންދެން ރާދިންއަށް ބަލަހައްޓައިގެން ހުރެވުނެވެ. މައާލް ހުއްޓުވަން ކިތަންމެ ބޭނުން ވިނަމަވެސް، މައާލް ހުއްޓުވަން ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނަޔެވެ. އަމިއްލަ ނަފްސު ކުށްވެރިކުރާ ޙާލު އޭނާއަށް ހުރެވުނުއިރު، ދެން ކަންތައް ވާނެ ގޮތަކާ މެދު އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ބައްޕައަށް އެ ހަޤީޤަތް އެނގުމުން، ކަންތައް ވާނެ ގޮތް އަންދާޒާކޮށްލާކަށްވެސް އޭނާއަކަށް ނޭނގެއެވެ.
ކާރަށް އަރާ އިށީން މައާލް މޫނު އަނބުރާލީ ދޮރާ ދިމާލަށެވެ. އޭވާއާ ޑްރައިވަރަށް އޭނާގެ މޫނު ދައްކަން ބޭނުން ނުވާފަދައެވެ. އެހެން އިންއިރު، އޭނާގެ މުޅި ނަފްސުވެސް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. މޭގައި އުފެދުނު ތޫނު ރިހުން އޭނާގެ މުޅި ހަށިގަނޑު ހިސާރުކުރަމުން ދިޔަފަދަ އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. ކެތްކުރަން ދަތިވެ މީހާގެ ނޭވާ ވެސް ތާށިވަމުން ދިޔަހެން އޭނާއަށް ހީވަމުން ދިޔައެވެ. ރާދިންއާ ވަކިވާން ބޭނުން ނޫނަސް، ދެން ރާދިންއާ އެކު އުޅުމުގެ ހިތްވަރެއް އޭނާގެ ނެތެވެ. އޭނާ ވީ ލޯބީގައި ރާދިން އެވަނީ ކޮޅުފައިން ޖަހާފައެވެ. އެވެސް އެންމެ ހަޑި ހުތުރު ގޮތުގައެވެ. ރާދިން މާފަށް އެދުނު ނަމަވެސް، އޭނާ މާފުކުރާނީ ކިހިނެއްހެއްޔެވެ؟ އެހިތަކީ ހަރު ހިތެއް ނޫނެވެ. ނާޒުކު ހިތެކެވެ. އެހެންނަމަވެސް، އެފަދަ ބޮޑު ނިންމުމެއް ނިންމަން ރާދިން މިއަދު ވަނީ އޭނާއަށް މަޖުބޫރުކޮށްފައެވެ.
"މޫން ވެލީ" އާ ހިސާބަށް އޭދެވުމުން އޭވާ މައާލްއަށް ގޮވާލުމުންވެސް މައާލްއަށް ރާކާލީހެންނެއް ހިޔެއް ނުވިއެވެ. އެހެންކަމުން، އޭނާ މައާލްގެ އަތުގައި އަތް ޖައްސާލިއެވެ. ސިއްސައިގެން ދިޔަ މައާލްއަށް ވީ ގޮތުން އޭވާ ވެސް ޙަމްދަރުދީވިއެވެ. އޭވާ އެމީހުންނަށް އެގެއަށް އާދެވިއްޖެކަމުގައި ބުނެލިއެވެ. މައާލް އޭވާގެ އެހީތެރިކަމާއެކު ފޭބިއިރު، ޚުދު އޭނާގެ ހިތުގައިވެސް ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. މުނީރުގެ ސުވާލުތަކެއް ދޭނެ ޖަވާބެއް އޭނާގެ އަތަކު ނެތެވެ. ރާދިންގެ ބޭވަފާތެރިކަމުގެ ވާހަކަތައް އޭނާ މުނީރަށް ކިޔައިދޭނީ ކިިހިނެއްހެއްޔެވެ؟ ލޮލުން އައި ކަރުނަތައް ފުހެލުމަށްފަހު، އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ރަތްވެފައިވާ ދެލޮލާއި މޫނު އޭނާ ރޮއިފައިހުރިކަމަށް ކިތަންމެ ރަނގަޅަކަށް ހެކި ދިންނަމަވެސް، އެ އިޙްސާސްތައް ފޮރުވަން މައާލް މަސައްކަތް ކުރިއެވެ.
އޭނާ އޭވާއާއެކު، ގޮސް އެތެރެއަށް ވަތްއިރު، ނޯކަރު ކުއްޖެއް ބޮޑުކޮޓަރީގައި ހުއްޓެވެ. މައާލް ފެނުމުން ހިނިތުންވުމެއް ވެރިވި ތުންފަތް މަތިން އެ އަސަރުތައް ފަނޑުވެގެން ދިޔައީ ފަހަތުގައި ހުރި ޑްރައިވަރުގެ އަތުގައި އޮތް ފޮށި ފެނުމުންނާއި ރާދިންގެ ހިލަމެއް ނުވުމުންނެވެ. އަނެއްކޮޅުން މައާލްގެ މޫނުމަތިން ފެންނަނީ މަޑުމޮޅި އަސަރުތަކެވެ. އޭނާ އަވަސް އަވަހަށް ގޮސް މުނީރަށް ގޮވިއެވެ. ސްޑަޓީގައި އިން މުނީރުގެ މޫނުމަތިން ހައިރާންކަން ފާޅުވީ ފޮށިވެސް ހިފައިގެން މައާލް އައި ވާހަކަ ބުނުމުންނެވެ. ކިޔަން އިން ފޮތް ލައްޕާލުމަށްފަހު، އޭނާ ތެދުވެގެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބޮޑު ކޮޓަރިއަށް ނުކުތެވެ.
"މައާލް… ދަރިފުޅާ…" މައާލްއާ ދިމާލަށް ހިނގައިގަތް މުނީރު ބުނެލިއެވެ. އެއާއެކު، މައާލްގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުތައް ފެނިގެން ދިޔައެެވެ. މުނީރު އިތުރަށް ހައިރާންވެ ކަންތައް ބޮޑުވީ މައާލްގެ މޫނުމަތީގައިވީ އަސަރުތަކުންނެވެ.
"ހިނގާ އިށީންނަން… ފޮށިތައް ބަހައްޓާ…" ޑްރައިވަރަށް ބަލައިލުމާއެކު، އެހެން ބުނެލާފައި މުނީރު މައާލް ގޮވައިގެން ދިޔައީ ސޯފާއަށެވެ. މައާލް ބައިންދާފައި އޭނާ ނޯކަރު ކުއްޖާ ގާތު ފެންތައްތެއް ގެނެސް ދިނުމަށް އެދުނެވެ. ލަސްތަކެއްނުވެ ނޯކަރު ކުއްޖާ ފެން ގެނެސް ދިނުމުން މައާލް އޭގައި ހިފަމުން އެތި ފޮތެއް ބޯލިއެވެ.
"އޭވާ މެން ގޮސްލިޔަސް އެންމެ ރަނގަޅު.." މުނީރު އެންމެން އެތަނުން ފޮނުވާލިއެވެ. އޭނާ ބޭނުންވީ މައާލްއާ އެކަނި ވާހަކަ ދައްކާލާށެވެ.
"ދެން ބުނެބަލަ…ކިހިނެއްވީ؟ ރާދިން އަތުވެއްޖެތަ؟" އެންމެން ގޮސް، އެ ދެމީހުން އެކަނި ވުމާއެކު، މުނީރު ސުވާލުކޮށްލާ މައާލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މައާލް އިސްޖަހާލި ގޮތަށް އެއްޗެއް ނުބުނުމުން މައްސަލަ ޖެހުނީކަން މުނީރަށް ޔަޤީން ކުރެވުނެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ބާވަތާއި ބޮޑުކަން އޭނާއަށް އަންދާޒާކޮށްލެވޭގޮތެއް ނުވިއެެވެ. ރާދިންގެ އެންމެހާ ނޭދެވޭ ސިފަތަކާ އެކު މައާލް އުޅުނު އިރުވެސް އެފަދަ ކަމެއް ދިމައެއް ނުވެއެވެ. ފޮށި ހިފައިގެން އެފަދަ ގޮތަކަށް މައާލް އަންނާނީ ހަމަ ޔަޤީނުންވެސް ބޮޑުކަމެއް ދިމާވެގެންނެވެ. އަނެއްކޮޅުން މައާލްގެ ދެލޮލާ އެ މޫނުމަތިން ދޭހަކޮށްދެނީ އޭނާ ރޮއިފިކަމެވެ.
"ރާދިން އަތުވެއްޖެތަ؟" މުނީރަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. މައާލް މިފަހަރުވެސް ޚިޔާރުކުރީ ހިމޭންކަމެވެ. ހަޤީގަތުގައި މުނީރަށް ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނީއެވެ. ހިމޭންކަމާއެކު، ވިސްނަން އިނދެވުނީ އެހެންވެގެންނެވެ. ތިންވަނަ ފަހަރު މުނީރު އެ ސުވާލު ތަކުރާރުކޮށްލުމާއެކު، އާއެކޭ ބުނެ މައާލް ޖަވާބު ދިނެވެ. މުނީރު ރާދިންއަށް ގުޅަން އުޅުމުން މައާލް އެކަން މަނާކުރިއެވެ.
"ނޫން ބައްޕާ… ރާދިންއަށް ނުގުޅާތި." މުނީރު މަޑުޖެހިލިއެވެ އޭނާއަށް ވިސްނާލެވުނެވެ. އަނެއްކާ މައާލްގެ ބައްޕަގެ ހަޤީގަތް ރާދިން ކިޔައިދިނީހެއްޔެވެ؟ އެކަން ނޭނގި އެ ސުވާލު މައާލްއާ ކުރާކަށްވެސް އޭނާގެ ހިތެއް ނޭދުނެވެ.
"އަޅުގަނޑު ބޭނުންވަނީ ރާދިންގެ ކައިރިން ވަރިވާން." އިރުގަނޑެއްގެ ހިމޭންކަމަކަށްފަހު، ކުއްލިއަކަށް މައާލް ބުނެލުމާއެކު، މުނީރަށް ސިހުން ލިބިގެން ދިޔައެވެ.
"މައާލް…" މުނީރަށް ބުނެވުނީ އެވަރަށެވެ. މައާލްގެ ދެލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތިން ރޮނގުދެމިގެން ތިރިޔަށް ދާން ފެށިތަން ފެނި އޭނާއަށް މަޑުޖެހެވުނެވެ.
"އެނގޭ އެންމެންގެ އެދުމަށް ކުރެވުނު ކައިވެންޏެއްކަން. އެނގޭ އެންމެންގެ ވަސިއްޔަތެއްކަންވެސް. އެކަމަކު އެކުގައި ނޫޅެވުނީމަ ވަރި ނޫން ހައްލެއް ނޯންނާނެ." މައާލް ރޮމުން ވާހަކަ ދެއްކިއެވެ.
ބައްޕައަަކަށް ނޭނގެ ވީ ކީއްކަމެއް؟ މައާލް ބުނެދީބަލަ. ވަރިއަކީ ހައްލެއް ނޫނެއްނު. ރާދިން ގެންނަންތަ؟" މުނީރަށް ބުނެވުނެވެ. މައާލް ވަރީގެ ވާހަކަ ދައްކަންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ރާދިން ކުރީ ކީއްހެއްޔެވެ؟
"ތީ ރާދިން ބޭނުންވާ ގޮތްތަ؟" މުނީރަށް އޭނާގެ ވިސްނުން މުޅިން އެހެން ދިމާލަކަށް އަނބުރާލެވުނެވެ. އޭނާ ރާދިންގެ ދެކެ ހިތްހަމަ ނުޖެހޭހެން ހީވުމުން މައާލް ވާހަކަ ދެއްކިއެވެ.
"ނޫން. މިކަމާ ރާދިންއާ ގުޅުމެއް ނެތް ބައްޕާ… މީ އަޅުގަނޑު ބޭނުންވާ ގޮތް." މައާލްއަށް ބުނެވުނެވެ.
"ދެން ހުއްޓާލާ މައާލް…" މުނީރު މައާލް މަސަލަސްކުރަމުން ބުނެލިއެވެ. އެހާ ހިސާބަށް ދާން ޖެހުނު ސަބަބެއް އެނގެންވެސް މުނީރު ބޭނުންވިއެވެ. ހަމަ ހުރެހުރެފައި މައާލް އެފަދަ ނިންމުމެއް ނުނިންމާނެކަން ވެސް އޭނާއަށް އެނގެއެވެ.
"މި އެއްޗެހި އެތެރެއަށް ގެންގޮސްދީ…" ނޯކަރަކަށް ގޮވާ ގެނެސްފައި މުނީރު ބުނެލިއެވެ. މައާލްއާ ވާހަކަ ދައްކަމުން ދައްކަމުން މައާލް ގޮވައިގެން ކޮޓަރިއާ ހިސާބަށް ވެސް ދިޔައީ މުނީރެވެ. އޭނާ އެތައް އިރަކު މައާލްއާ ވާހަކަ ދައްކަން މަޑު ވެސް ކުރިއެވެ.
މައާލްގެ ކޮޓަރިން ނުކުތުމަށްފަހު، ގޮސް ބޮޑުކޮޓަރީގައި އިށީނދެ ވިސްނަން އިނުމަށްފަހު، މުނީރު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ. ޑްރައިވަރަށް ގޮވާ ގެނެސްފައި ވަގުތުން ރާދިންމެން ގެއަށް ދާން ނައްޓާލިއެވެ.
ގޭޓުން ކާރު ވަދެގެން ގޮސް ދޮރުމައްޗަށް ހުއްޓުމާއެކު، ޑްރައިވަރު ދޮރު ހުޅުވަންދެންވެސް މުނީރު މަޑެއް ނުކުރިއެވެ. އޭނާ އަމިއްލައަށް ފައިބައިގެން ގޮސް ގެއަށް ވަނެވެ. އޭރު ގްރޭސީ އުޅެއެވެ.
"ރާދިން ކޮބާ؟" މުނީރު ސުވާލުކޮށްލުމާއެކު ގްރޭސީ ކޮޓަރިއާ ދިމާލަށް އިޝާރާތްކޮށްލިއެވެ. އޭނާ ދާން އުޅުމުން މުނީރު އެކަން މަނާކުރިއެވެ. އެއަށްފަހު، އޭނާ ކޮޓަރިއާ ދިމާލަށް ހނގައިގަތެވެ.
ސޯފާގައި އޮށޯވެ ނިތްމަތީގައި އަތް ބާއްވާލައިގެން އޮތް ރާދިންގެ ހިތްދަތިކަން އޭގެ އިންތިހާއަށް ގޮސްފައިވާއިރު، އޭނާއަށް ވިސްނެނީ މައާލްއާ މެދުގައެވެ. މައާލް މިހާރު ބައްޕަމެން ގެއަށް ގޮސް ހުރިހާ ވާހަކައެއް ކިޔައިދީފާނެއެވެ. ބައްޕައަށް އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ފުހެލުމަށްފަހު، އޭނާ އެ އޮތް ގޮތަށް އޮވެ ފުންނޭވާއެއް ދޫކޮށްލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު، ރާދިންއަށް ސިހުން ލިބުނެވެ. އޭނާ އިތުރަށް ހާސްވީ ދޮރުމަތީގައި ހުރި މުނީރު ފެނުމުންނެވެ. މުނީރުގެ މޫނުމަތިން ނުރުހުމުގެ އަސަރުތައް ފެނިގެން ދިޔުމާއެކު، އޭނާގެ ހިތް ތެޅިލިއެވެ. ފުންމައިގެން ރާދިންއަށް ކޮޅަށް ތެދުވެވުނެވެ.
"ބައް…ބައްޕާ…" ރާދިންއަށް ވާހަކަ ދައްކަންވެސް ދަތިވިއެވެ. އޭރު އޭނާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިއްޖެއެވެ. މުނީރަށް ހަޤީގަތް އެނގިއްޖެކަމުގައި އޭނާއަށް ހީވުމާއެކު، އިސްޖަހާލިއެވެ.
ރާދިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތް މުނީރަށް ރީތިކޮށް ފެނުނެވެ. މައާލްއެކޭ އެއްގޮތަށް ރާދިންގެ މޫނުމަތިން ފެންނަނީ ހިތްދަތިކަމެވެ. ދެރަވެފައި ހުރިކަމުގެ ނިޝާންތައް ރާދިންގެ މޫނުމަތިން ފެނެއެވެ. އެހެންނަމަވެސް އެ އަސަރުތަކުގެ އތުރުން ހިތް ނުތަނަވަސްވާ ފަދަ އަސަރުތަކެއް މުނީރަށް ފެނިގެން ދިޔައެވެ. ރާދިން ހީވަނީ ކުރެވުނު ކަމެއްގެ ސަބަބުން ލަދުގަނެ ހާސްވެ އޭނާއާ ހަތަރު ކަޅިވެސް ހަމަކޮށްލަން ނުކެރިގެން އުޅޭ މީހެއްހެންނެވެ.
"ރާދިން…" މުނީރު ރާދިންއަށް ގޮވާލުމާއެކު، ރާދިންއަށް އިސް އުފުލާ ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ނަޒަރު ވަކިކޮށްލަން އިސްޖަހާލިއެވެ. މުނީރާ ހަތަރު ކަޅި ހަމަކޮށްލުން އޭނާއަށް ފަސޭހަކަަމަށް ނުވިއެވެ. މުނީރުގެ މޫނުމަތިން ރާދިން ފެނުނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ.
"މައާލް ބޭނުންވަނީ ވަރިވާން…"