*ޓްރިގަރ ވާރނިންގ*
ރާދިން އަޑު އައި ދިމާލަށް ބަލައިލުމާއެކު، އޭނާއަށް ފެނުނީ އެ ދިމާލަށް ބަލަހައްޓައިގެން ރުޅި އައިސް ތުރު ތުރުއަޅަމުން ދިޔަ ސަޖާއެވެ. އޭރު އެތަނުގައި ހުރި މޭޒު ކައިރީގައި އޭގެ މަތީގައި މާތަކެއް ޖަހާފައި ހުރި މުށި ވާޒް އެއް ވެއްޓި ތެޅިފައި އޮތެވެ.
އެތަނުން ސަޖާ ފެނުމާއެކު، ރާދިންއަށް ޝޮކެއް ލިބިގެން ދިޔައިރު، ހަދާނެ ގޮތް ހުސްވުމާއެކު، އޭނާގެ ހިތް އަވަސްވެގެން ދިޔައެވެ. ހަމައެއާއެކު ސަޖާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން އޭނާ ޖެހިލުންވާގޮތްވިއެވެ. މީގެ ކުރިން ދުވަހަކުވެސް ސަޖާ އެހާ ރުޅިއައިސްފައި ހުއްޓާ އޭނާއަށް ފެނިފައެއް ނުވެއެވެ. އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ފަދައެވެ. ދަތްކުނޑި ވިކާލައިގެން ހުރިލެއް ބާރުކަމުން އޭނާގެ ކަތުރުކަށިގަނޑަށް ވާންވެފައިވާ މިންވަރު ރާދިންއަށް ފާހަގަކުރެވުނެވެ. ސަޖާ ހީވަނީ އޭނާގެ ދެލޮލުން ރާދިން އަންދާ އަޅިއަށް ހަދާލަފާނެހެންނެވެ. އޭރުވެސް ރާދިންއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ މައާލްއަށް ފޮރުވައިގެން އުޅުނު ސިއްރު ފަޅާއަރާ ވަގުތު ޖެހުނީކަމުގައި ހިތަށް އެރުމާއެކު، އެހިތުގެ ހިނގުން ވެސް ހީވީ ހުއްޓުނުހެންނެވެ. އެ ހިނދު އޭނާގެ ނަޒަރު ހުއްޓުނީ އޭނާގެ އަތުގައި ހިފައްޓާލައިގެން ހުރި މައާލްއަށެވެ.
"ރާދިން، ކިހިނެއްވީ؟" ކުޑަކޮށް ރާދިންގެ އަތަށް ދަމައިލުމާއެކު، މައާލް ސުވާލުކޮށްލީ ވެސް އެވަގުތެވެ.
"އެއީ.. އެއީ… ނޯކަރު... ކުއްޖެއް އަތުން އެއްޗެއް… އެއްޗެއް ވެއްޓުނު އަޑު…" ރާދިންއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. ސަޖާގެ ސަބަބުން އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަން އޭރުވެސް ކުޑައެއް ނުވެއެވެ. އެހެންނަމަވެސް މައާލްއަށް ހަޤީގަތް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސަޖާއަށް އާދޭހުގެ ނަޒަރަކުން ބަލައިލި ރާދިން އެދެމުން ދިޔައީ އެކަންތައް މައާލްއަށް ސިއްރުކޮށްދިނުމަށެވެ. މިވަގުތު އިތުރު އެއްޗެއް ނުބުނުމަށެވެ. ދުލުން ނުބުންޏެއްކަމަކު، ރާދިންގެ އެ ނަޒަރުގެ މާނަ ކިތަންމެހާވެސް ރަނގަޅަކަށް ސަޖާއަށް ފަހުމްވިއެވެ. އެހެންނަމަވެސް، މިވަގުތު އޭނާ ހުރީ ރާދިންއަށް ޙަމްދަރުދީވާ ޙާލަތެއްގައެއް ނޫނެވެ. އޭނާގެ އެތެރެހަށީގައި އުފެދުނު ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މައާލްގެ މޫނުމަތީގައިވީ ހިތްހަަމަޖެހުމާއި އެ ހިނިތުންވުން އޭނާގެ އެތެރެހަށީގައި ތޫފާނެއް އުފައްދަމުން ދިޔައެވެ. ހިތާ ހިތުން މައާލްއާ ދިމާލަށް އެތިވަރު ގޮވަމުންދިޔަ ސަޖާގެ ދެ އަތް މުށްކެވިގެން ދިޔުމާއެކު، ޝައިތާނީ ވަސްވާސްތަކުން އޭނާގެ ސިކުނޑި ފުނިޖެހެން ފެށިއެވެ. މައާލްގެ އެ އުފާވެރިކަން އޭނާ ޖަހައިގަންނާނެއެވެ. އުމުރު ދުވަހަށް ނުފިލާވަރުގެ ލަކުނެއް އޭނާ އެ ހިތުގައި ލައްވާނެއެވެ. ރާދިން ޖަހައިގަނެގެން ހިތްހަމަޖެހިލައިގެން ހުންނާކަށް ލާހިކެއް ނޫނެވެ. އޭނާ މައާލްއަށް ކުޅި ދައްކާލާނެއެވެ. މައާލް ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ މި މުއްސަނދިކަން ދައްކައިގެން ރާދިންގެ ހިތް މިލްކު ކުރެވިދާނެކަމަށް ހެއްޔެވެ؟
އެ ހިނދު ރާދިންގެ ހަޤީޤަތް މައާލްގެ ކުރިމަތީގައި ނިއުޅާލުމަށް އެދި އޭނާގެ ހިތް ގޮވަން ފެށިއެވެ. އެހެންނަމަވެސް، ނަފްރަތާއި ހަސަދައިގެ ހުޅުކޮޅު ރޯވެފައިވާ އޭނާގެ ސިކުނޑިން ވިސްނައިދެމުން ދިޔައީ އެހެން ގޮތަކަށެވެ. މިވަގުތު އެގޮތަށް ކަންތައްކޮށްފިނަމަ މުޅި އުމުރަށްވެސް އޭނާއަށް ރާދިން ގެއްލޭނެއެވެ. އެހެންވެއްޖެނަމަ މި މުދަލާއި ފައިސާއިން ކުޑަ ކުޑަ މިންވަރެއް ވެސް އޭނާއަކަށް ނުލިބޭނެއެވެ. އަދި އޭނާ އުންމީދުކުރާ ކަހަލަ އުފާވެރި ދިރިއުޅުމެއް ވެސް ނުލިބޭނެއެވެ. ކަންތައްކުރަން ޖެހޭނީ އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށެވެ. ރޭވުން ރާވަން ޖެހޭނީ ބާޒީ އޭނާގެ އަތުތެރެއިން ގެއްލިގެން ނުދާނެ ގޮތަކަށެވެ. ސަޖާގެ ސިކުނޑި ބާރު މިނުގައި މަސައްކަތް ކުރަން ފެށިއެވެ. އެއާއެކު އޭނާ އަޒުމު ކަނޑައެޅީ މައާލްގެ މުޅި ދިރިއުޅުން ވެއްޔާ މޮޑެލުމަށެވެ. ސަޖާގެ އިންޒާރުގެ ބެލުން ރާދިން އިތުރަށް ހާސްވުން ނޫންކަމެއް ނުވިއެވެ.
ސަޖާގެ ރުޅިގަނޑު ފަޅައިގެންދާ ޙާލުވެސް އޭނާ ކެތްކުރިއެވެ މުޅިން އެހެން މިސްރާބަކަށް ވިސްނުން ދާން ފެށިއެވެ. އެހެންކަމުން ކެތްކޮށްލައިގެން ހުރީއެވެ. ސަޖާ އެ ދެމީހުންނާ ދިމާލަށް ހިނގައިގަތުމާއެކު، ރާދިންއަށް ކުޑަކޮށް މައާލްގެ ކުރިމައްޗަށް އެރިއެވެ. ރާދިން މައާލްއަށް ހިމާޔަތްދިން ގޮތް ފެނި ސަޖާގެ ރުޅިގަނޑު އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. އެދެމީހުންނާ ދާދިގާތަށް ހުއްޓުމަށްފަހު، ފަރުވާތެރިކަމާއެކު އެ ދެމީހުންނަށް ބަލައިލިއެވެ. ރާދިންއާ ސަޖާގެ ހަތަރުކަޅި ހަމަކޮށްލި ވަގުތު ސަޖާގެ ރުޅިވެރިކަމުގެ އިތުރުން އޭނާގެ ލޮލުގައި އަޅައިގަތީ ސަޖާގެ ދެލޮލުގައިވީ ކަރުނައެވެ. އެއާއެކު ރާދިންއަށް ބުނެދޭންނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ.
"މައާލް ހިނގާ ކޮޓަރިއަށް…" ރާދިން އެހެން ބުނެލާފައި މައާލް ގޮވައިގެން ހިނގަިއގަތުމުން އެމީހުންގެ ފަހަތުން ސަޖާވެސް ދިޔައެވެ. މައާލް ކޮޓަރިއަށް ވައްދާފައި ރާދިން ނުކުމެ އެކޮޓަރީގެ ދޮރުފަތް ލައްޕާލިއެވެ. އެއަށްފަހު، އޭނާ ސަޖާއާ ކުރިމަތިލިއެވެ. ރާދިންއަށް ބަލަން ހުުރުމަށްފަހު، ސަޖާ ކުއްލިއަކަށް ރާދިންގެ މޫނުގައި ހިފައްޓާލަމުން ރާދިންއާ ގާތްވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ރާދިން އެ ފުރުސަތެއް ނުދިނެވެ. އޭނާ ސަޖާ ދުރުކޮށްލީއެވެ.
"އެ މައާލްއާ އެކީ ގޮތްގޮތަށް އުޅެވޭދޯ. މިހާރު އަހަރެން ނުވޭ އެއްވެސް މީހަކަށް. އަހަންނަށް އޭރުވެސް އެނގުނު ރާދިން މައާލްއާ ހިތާވީކަން. ރޭގައި ކަންތައްކުރެވުނު ގޮތުން މާފަށް އެދެން އައިއިރު މީ ފެނުނު މަންޒަރަކީ…" ސަޖާގެ އަޑު ބާރުވާން ފެށުމުން ރާދިން ހާސްވިއެވެ.
"ސަޖާ! ތަންކޮޅެއް މަޑުން، މައާލްއަށް އަޑު އިވިދާނެ." ހާސްވެފައިހުރި ރާދިން ބުނެލިއެވެ.
"އަޑު އިއްވާށޭ މިއުޅެނީ. އޭނައަށްވެސް އެނގެން ޖެހޭނެ އޭނާގެ ފިރިމީހާ އުޅޭގޮތް، މަށާ ގުޅުން އޮންނަކަން." ސަޖާގެ އަޑު ބާރުވާން ފެށުމުން ރާދިން ސަޖާގެ އަތުގައި ހިފައްޓަމުން އެތަނުން ދާން ހިނގައިގަތެވެ. ސަޖާ ގަދަ ހެދިނަމަވެސް، ރާދިން އޭނާ ގޮވައިގެން ގޮސް ގޯތި ތެރެއަށް ނުކުތެވެ.
"ކިހިނެއްވީ؟ އެ ސުންޕާ އަންހެނާއަށް މަގޭ ހަޤީގަތް އެނގެން އެހާ ޖެހިލުންވާއިރު، ކީއްވެ ރާދިންއާ އޭނައާ އޮންނަ ގުޅުން މަށަށް އެނގިދާނެތީ ޖެހިލުންނުވަނީ؟" ރުޅި އައިނަމަވެސް ސަޖާގެ ދެލޮލުގައި ކަރުނަވެއެވެ. ރާދިންއަށް އުނދަގޫވީ އެހެންވެގެންނެެވެ. އެކަރުނަތައް ބުނެދެނީ ސަޖާ ވެސް އޭނާ ދެކެ ލޯބިވާކަމެވެ. އޭނާއަށް ސަޖާގެ ހިތް ހަލާކުކޮށްލެވޭކަމެވެ.
"ކީއްވެ އެއްޗެއް ނުބުނަނީ؟ ދެން ބުނޭ އެކުގައި އުޅޭތީ ހެދުނު މިސްޓޭކެކޭ… ނޭނެ އެއަށް ވުރެ ބޮޑަށް..." ސަޖާ ނޭފަތް އެތެރެއަށް ދަމާލިއެވެ. އެއަށްފަހު، އޭނާ ރޯން ފެށިއެވެ. ކަރުނަތައް ސައިލަކަށް ކޯތާފަތުން ތިރިއަށް ރޮނގިދެމިގެން ދާން ފެށުމާއެކު، ރާދިންއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާ އެ ވަނީ އެ ދެމީހުންގެ ދެމެދު ތާށިވެފައެވެ. މައާލްގެ ހިތް ހަލާކުކޮށްލާކަށް ވެސް ބޭނުމެއް ނޫނެވެ. ސަޖާއަށް ދެރައެއް ދޭކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ނިންމީ އެވަގުތު ހިތަށް އެރި ގޮތަށް ވާހަކަ ދެއްކުމަށެވެ.
"އަހަންނަކީވެސް ފިރިހެނެއް. އަންހެނަކާ ފިރިހެނަކު އެކަހެރިވިއްޔާ އެވަރުގެ ކަމެއް ހިނގާފާނެ." ރާދިންގެ އަޑުގައި މަޑުމޮޅިކަމެއްގެ އަސަރުވެއެވެ.
"އަހަންނަށް ވައުދެއް ނުވަންތަ މައާލްއާ އެގޮތަށް ގާތްނުވާނެކަމަށް. ރާދިން މިއަދު އަހަރެން ދެރަކުރީތީ ދުވަހަކުވެސް ދެރަނުކުރާވަރަށް. އުންމީދުވެސް ނުކުރަން ރާދިންގެ ފަރާތުން އެފަދަ މަންޒަރެއް ފެނިދާނެކަމަށް. ތީ އަހަރެން އެންމެ ލޯބިވާ މީހާ، ރާދިން ނޫން އިތުރު މީހެއް އަހަރެންގެ ޙަޔާތުގައި ނުވެސް ނެތް. ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ ރާދިން، ހެޔޮނުވާނެ ތިހެން އަހަންނާ މެދު ކަންތައް ނުކުރޭ، އަހަރެން މަރުވެދާނެ." ސަޖާ އޭނާގެ ޕްލޭނާ އެއްގޮތަށް ކަންތައް ކުރަމުން ގެންދިޔައެވެ. އޭނާގެ ރޭވުން ކާމިޔާބު ކުރުމަށްޓަކާ، އޭނާގެ މުށުތެރެއަށް ރާދިން ލެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. "އެމޯޝަނަލް ބްލެކްމެއިލް" އަކީ މީގެކުރިންވެސް ރާދިންއާ ދެކޮޅަށް އޭނާ ބޭނުންކުރާ އެންމެ ބާރުގަދަ، އެންމެ ތޫނު ހަތިޔާރެވެ. އޭނާގެ ކަރުނަތަކުގެ ކުރިމަތީގައި ރާދިންއަށް އަބަދުވެސް އިސްޖަހާލަން މަޖުބޫރުވެއެވެ.
"ސަޖާ! ތި ގޮތަށް ނުރޮއި." ރާދިންއަށް ހަމައެކަނި ބުނެވުނުހާވެސް އެއްޗަކީ އެއެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
"އެހެންމީހަކު ނަމަ މިއަދު މައާލްއަށް ހަޤީގަތްވެސް ހާމަކުރީސް. އަހަރެންގެ މި ހިމޭންކަމުން ވެސް ރާދިންއަށް އަހަރެން ރާދިން ދެކެ ވާ ލޯބި އިޙްސާސްނުކުރެވޭތަ؟ ކީއްވެ މައާލް ކައިރިއަށް ދަނީ. އަހަރެންކައިރިއަށް ނާންނަނީ ކީއްވެ. އަހަރެން މިހުރީ ރާދިންއަށްޓަކައޭ… ރާދިންގެ އިންތިޒާރުގައޭ… އަހަންނެއް ނޫނޭ ތި ދެމެދަށް ވަނީ. މައާލްއޭ… ވީއިރު ރާދިންގެ ޙަޔާތުން ދުރަށް ދާން ޖެހޭނެ މީހަކީ އެއީ. އަހަންނެއް ނޫން." ސަޖާ އަދިވެސް ރޮނީއެވެ. ރޮމުން ރޮމުން ގޮސް އޭނާ ރާދިންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ސަޖާ ދުރުކޮށްލަން އުޅުމަށްފަހުވެސް، އެގޮތަށް ކަންތައް ކުރަން ރާދިންއަށް ނުކުރެނީ ގިސްލާފައި ރޮމުން ދިޔަ ސަޖާގެ ހިތަށް ކޮށްފައިވާ އަސަރުތައް އޭނާގެ ހިތަށް ވަަޒަންކޮށްލެވުމުންނެވެ.
"އައި އެމް ސޮރީ…" އެހުރި ގޮތަށް ހުރެ ރާދިން މާފަށް އެދުނީ ކީއްވެކަމެއް ނޭނގުނެވެ. އޭނާއަށް މައާލް ދޫކޮށްލެވެން ނެތީތީކަމެއް ނޫނީ ސަޖާ އެ ޙަޔާތަށް ގެނައުމުގެ އުނދަގޫކަން އިޙްސާސްވީތީކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ސަޖާއަށް ވުރެ މައާލް އޭނާގެ ދިރިއުޅުމުގައި މުހިންމުވަމުން ދާކަމެވެ. ސަޖާއާ މެދު ނުވިސްނާ މިންވަރަށް މައާލްއާ މެދު ވިސްނެމުންދާކަމެވެ. އަދި މަޑުމަޑުން އޭނާގެ ޙަޔާތުން ސަޖާ ދުރުކުރެވެމުން ދާކަމެވެ. ސަޖާގެ ކަރުނަ ރާދިންއަށް އުނދަގޫކުރަނީއެވެ. އެއީ ސަޖާއޭނާ ދެކެ ވާ ލޯބީގެ ސަބަބުން އަންނަ ކަރުނައެއްކަމުގައި ރާދިންއަށް ހީވަނީއެވެ. ރާދިންއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ އޭނާއަށް ސަޖާއަށް ދެރައެއް ދެވޭހެން ހީވާތީއެވެ. މައާލްއާ ސަޖާ ލޯބި ފާޅުކުރާ ގޮތް ތަފާތު ވިނަމަވެސް، ދެމީހުންވެސް އޭނާ ދެކެވަނީ ހަމަ ލޯތްބެވެ. ރާދިން ގޮތް ހުސްވާގޮތްވިއެވެ. ސަޖާގެ ގައިގައި އަތް ޖައްސާލަންވެސް ހަނދާންނެތިފައި ހުރި ފަދަ ގޮތަކަށް ރާދިން ހުއްޓެވެ.
"މިހާރު އަހަރެންގެ ގައިގައި އިނގިލި ކުރި ޖައްސާލަންވެސް ރާދިން ބޭނުންނުވަތީތަ؟" ސަޖާގެ އަޑުން ރާދިންއަށް އިޙްސާސްވީ އިންތިހާ ވޭނެވެ. ރާދިންއަށް އޭނާގެ އަތް އުފުއްލާލެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ހީވަނީ އަތުގައި ބަރު އެއްޗެއް އެލުވާފައިވާހެންނެވެ. ސަޖާގެ ބުރަކަށީގައި އަތް ޖައްސާލުމާއެކު، އޭނާ އެދުނީ ރުއިން ހުއްޓާލުމަށެވެ. ކުޑަކަމަކު އެދިމާލަށް ނުކުތް އޭވާއަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. ހައިރާންވެފައި އޭނާއަށް އެ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު، ނިކަން އަވަސް އަވަހަށް އެމީހުންނަށް ނުފެންނާނެހެން ނިވާވެލިއެވެ. އެހެން ހުރެ އެ ދެމީހުންގެ ހަރަކާތްތަކަށް އޭނާ ފާރަވެރިވިއެވެ. އެއާއެކު މޭރީގެ ވާހަކައިގެ ތެދުކަން އޭނާއަށް އިޙްސާސްކުރެވުނެވެ.
***
ސަޖާ އެގެއިން ދިޔުމުން ރާދިން އަނބުރާ ކޮޓަރިއަށް ދިޔައިރު، މައާލް އިނީ ކަންފަތަށް ހެޑްސެޓް ޖަހާލައިގެންނެވެ. އޭރު އޭނާގެ އަތުގައި ގުރުއާން އަޑުއަހަން ގެންގުޅޭ ކުޑަކުޑަ ސްޕީކާރއެއް ފާޑު އެއްޗެއް ވެސް އޮތެވެ. މައާލްގެ ގާތު ސޯފާގައި އިށީނުމަށްފަހު، ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.
"ރާދިން! މީގެ ބެޓަރި ރަނގަޅުތޯ ބަލައިދީބަލަ، އަޑެއް ނީވެ؟" ރާދިންގެ ސަމާލުކަން އަތުލީ މައާލްގެ އަޑެވެ. އޭނާ މައާލްގެ އަތުން ސްޕީކަރ އަތުލަމުން އޭގެ ބެޓަރިއަށް ވެފައި އިންގޮތެއް ބެލިއެވެ.
"މި ހީވަނީ ބެޓަރި ދިޔައީހެން. ބޭރަށް ގޮސްފަ އަންނައިރު ގެނެސްދޭނަން." ރާދިން ބުނެލިއެވެ. މައާލް މަޑުމަޑުން ރާދިންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ރާދިންއާ ގާތުގައި ހުރެވުމުން އޭނާގެ ހިތަށް ނޭނގޭ ހަމަޖެހުމެއްގެ އަސަރުވެރިވެއެވެ. ރާދިންގެ ހިމާޔަތަށް އޭނާއަށް އެދެވެއެވެ. އެ އަތުގެ ފިރުމުންތަކަށް ހިތް އެދެއެވެ. ރާދިންގެ ފަރާތުން އޭނާއަށް ލިބެމުންދާ އަޅާލުމާއި އޯގާތެރިކަމާއި ފިރިމުންތަކަށް އޭނާ ވަނީ އާދަވާން ފަށާފައެވެ. ދެން ދުވަހަކު ރާދިންއާ ވަކިން އުޅެވޭނެހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ރާދިންދެކެ ލޯބިވެއެވެ. ރާދިންގެ ބައިވެރިއެއްގެ ގޮތުގައި މުޅި އުމުރު ހޭދަކުރަން އޭނާ ބޭނުންވެއެވެ. ދިރިހުރުމުގެ އާ އުންމީދެއްކަމުގައި ރާދިން ވެއްޖެއެވެ. ދިރިއުޅުމުގެ އާ މަޤްސަދެއްކަމުގައި ރާދިންވެއްޖެއެެވެ. ކުރިއަށް ދާން ހިތްވަރު ލިބިގެން ދަނީ އެހެންވެއެވެ. ނިވެމުން ދިޔަ ހުޅުކޮޅު ދިއްލުނީ ރާދިންގެ ފަރާތުން ލިބޭ އޯގާތެރިކަމުން ކަމުގައި މައާލްއަށް ޤަބޫލުކުރެވެއެވެ. މުނީރާ ރާދިން އޭނާގެ ޙަޔާތަށް ނައިނަމަ އޭނާގެ ޙަޔާތް ވީރާނަވީސް އެވެ.
"މިސާކަލަށް… މިސާލަކަށް އަހަރެެމެން މިހާ އެއްކޮށް އުޅެފައި ވަކިވާން ޖެހިއްޖެއްޔާ މައާލް ދެރަވާނެތަ؟" އެތައް އިރެއްގެ ހިމޭންކަމަކަށްފަހު، ރާދިންކޮށްލި ސުވާލާއެކު، މައާލްއަށް ރާދިންގެ ކޮނޑުން ބޯ ހިއްލާލެވުނެވެ.
"ރާދިން…." މައާލްގެ ހިތަށް ވަގުތުން ބިރުވެރިކަން ވެރިވިއެވެ. އެ ހިތް ރޯން ފެށިއެވެ. ބުނާނެ އެއްޗެއް އޭނާއަށް ނޭނގުމާއެކު އިސްޖަހާލެވުނުއިރު އޭނާގެ ދެލޯ ވެސް ފެންކަޅިވެއްޖެއެވެ.
"އަހަރެން މިބުނީ މިސާލަކަށް…" މައާލްގެ މާޔޫސްކަން ރާދިންއަށް ފަހުމްވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެ ސުވާލާއެކު މައާލް އިސްޖަހައިލީ ކީއްވެކަންވެސް އޭނާއަށް އެނގެއެވެ.
"ރާދިންއަށް ތި ކަހަލަ ވާހަކަ ބުނަން އެހާ ފަސޭހައީ ކީއްވަތަ؟ ތިހެން ހިތަށް އަރުވާލިޔަސް އަހަރެންގެ ހިތް ހީވަނީ އެތިކޮޅުތަކަށް ބުރައިގެން ދާހެން." މައާލްއަށް އެހެން ބުނެވުނީ ވަރަށް މަޑުންނެވެ. ރާދިންއަށް ވެސް އެ އަޑު އިވުނީ ކިރިޔާއެވެ. އެހެންނަމަވެސް، އެ އަޑުން މައާލްއަށް ކޮށްފައިވާ އަސަރު ދެނެގަންނާކަށް އޭނާއަށް އުނދަގުލެއް ނުވިއެވެ. ބުނެވުނު ވާހަކައިން މައާލްއަށް ކޮށްފައިވާ އަސަރުތަކުން އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
"އެކަހަލަ މާނައެއްގައެއް ނޫނޭ އަހަރެން އެހެން ބުނީ… އަހަރެން މަރުވެސް…" ރާދިން ބުނެލިއެވެ.
"ތި ކަހަލަ ވާހަކަ ނުދައްކާ ރާދިން! އަހަރެން ބިރުގަނޭ.." ހަމަ ހަޤީގަތުގައިވެސް މައާލްގެ ހިތުގައިވަނީ ބިރުވެރިކަމެވެ.
"ސޮރީ…" އޭނާ މައާލްއަށް އެ ދެއަތުގެ ހިމާޔަތް ދެމުން ނިތުގައި ބޮސް ދިނެވެ.
"އަހަރެން ވަރަށް ބިރުގަނޭ އަހަރެންގެ މި ނުކުޅެދުންތެރިކަމުގެ ސަބަބުން ރާދިން އަހަރެން ދޫކޮށްލަފާނެތީ…" މައާލްއަށް އެންމެފަހުން އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ވާހަކަތައް ރާދިންއާ ހިއްސާކޮށްލެވުނެވެ.
"އަހަރެން ނުދާނަން…." ރާދިންއަށް ބުނެވުނެވެ. މައާލްގެ ހިތަށް ރާދިންގެ އެ ވާހަކައިން އުފާވެރި އިޙްސާސްއެއް ކުރުވިނަމަވެސް، އެހިތުގައި ބިރުވެރިކަން ވަނީއެވެ. ނޭނގޭ ނުތަނަވަސްކަން ވަނީއެވެ. ރާިދންއަށް އެކަން އެނގި އެކިއެެކި ވާހަކަތައް އޭނާ މައާލްއާ ދެއްކިއެވެ. މައާލްގެ ނުތަނަވަސްކަން ފިލުވައިދޭން ރާދިން މަސައްކަތް ކުރިއެވެ. ރާދިންގެ އޯގާތެރިކަމުގެ ސަބަބުން މައާލްގެ ހިތުގެ އުދާސްތައް ދުރުވެލިއެވެ. އެ ދުވަހާ އެރޭގެ ހުރިހާ ވަގުތެއްވެސް ރާދިން ވަނީ މައާލްއަށް ހާއްސަކޮށްފައެެވެ. އޭނާ މައާލްއާއެކު، އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ސަޖާގެ ފަރާތުން ރާދިންއަށް ނުލިބޭ ކިތަންމެ ހިތްހަމަޖެހުމަކާ އުފަލެއް މައާލްގެ ފަރާތުން އޭނާއަށް ލިބިދެއެވެ.
*****
ދުވަސްތައް ފާއިތިވަމުން ދިޔަ ވަރަކަށް ރާދިންއާ މައާލްގެ ގުޅުން ދުވަހެއް ދުވަހެއް ބަދަހިވަމުން ދިޔައެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ، އުފަލެއް ކަމުގައިވެފައިވެއެވެ. ޚާއްސަކޮށް މައާލްއަށް އިތުރު ހިތްވަރެއް ލިބިފައިވެއެވެ. ރާދިންގެ ނޭދެވޭ ސިފަތައް ރަނގަޅުވަމުން ދާތީ އޭނާ ހުންނަނީ އެކަމާ ހިތްހަމަޖެހިފައެވެ.
ރާދިން މައާލްއާއެކު ވަގުތު ހޭދަކުރެއެވެ. އެކި ކަންތައްތަކުގައި މައާލްގެ ވިސްނުން ހުރި ނެތްގޮތެއް އޭނާ ހޯދައެވެ. އޮފީހުގެ ކަންތައްތައް ހިއްސާކުރެއެވެ. ރާދިންގެ ފަރާތުން ހަރުދަނާކަން ފެންނަމުންދާތީ މައާލްގެ ހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. އެހެންނަމަވެސް ރާދިންގެ ހިތުގައި އަދިވެސް ނުތަނަވަސްކަން ވެއެވެ. ސަޖާއާ މެދުގައެވެ. ދެން ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ. އަދިވެސް އޭނާ މައާލްއަށް ނޭނގި ސަޖާއާ ގުޅުން ބާއްވައެވެ. އެއީ ކުރިން ބޭއްވިހާ ގާތް ގުޅުމެއް ނޫންނަމަވެސް، ސަޖާއާ ވާހަކަ ދައްކާ ދިމާވެއެވެ. ބޭނުން ނޫނަސް ސަޖާގެ ކަރުނަތައް ސަޖާ ކައިރިއަށް ދާން މަޖުބޫރުކުރުވަނީ ހެން ހީވެ އެވެ.
އަނެއްކޮޅުން މުނީރުވެސް ރާއްޖޭން ބޭރަށް ފުރީ، ކަންތައްތައް ވާ ގޮތް އޭނާއަށް އަންގަން ރާދިން ގާތު ބުނެފައެވެ. އެެހެންކަމުން ރާދިން ދިޔައީ އެކަމާވެސް ވިސްނަމުންނެވެ. ހަޤީގަތް މައާލްއަށް ހާމަކުރުމަކީ މުހިންމުކަމެއްކަމުގައި އޭނާ ދެކުނެވެ. އެ ހުރިހާކަމަކާ ހުރެ އޭނާ ވަނީ ހާސްވެފައެވެ.
ރާދިން އުޅުމާ މެދު ހިތްހަމަޖެހިފައިހުރި މައާލްއަށް ރާދިންގެ ކަމުނުދާ ކަންތަކުގެ ތެރެއިން އެއްބަޔަކީ އޭނާގެ އެކުވެރިންނެވެ. އޭނާގެ އެކުވެރިން އެގެއަށް އަންނަ ރޭތަކުގައި އޭނާއަށް އަދިވެސް ކޮންމެވެސް ވަރަކަށް ގޯނާ ކުރެއެވެ. ވަކިން ޚާއްސަކޮށް އެކަކުގެ ފަރާތުން އެ އުނދަގޫތައް ބޮޑެވެ. އެހެންކަމުން މައާލްގެ މިހާރުގެ މަޤްސަދަކީ އެ ނޭދެވޭ ރައްޓެހިންނާ ރާދިން ދުރުކުރުވުމެވެ. ރާދިންއާ އެކިއެކި ވާހަކަތައް ދައްކަން ކެރުނުނަމަވެސް، އެ ވާހަކަ ބުނާނެ ގޮތެއް މައާލްއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ ނިންމީ ކޮންމެވެސް ގޮތަކުން ރާދިންއަށް އެ ކަންތައްތައް ކިޔައިދިނުމަށެވެ.
******
އެއީވެސް އެގޭގައި ޕާޓީ އެއް އޮތް ރެއެކެވެ. އެއީ ރާދިންގެ އެންމެ ގާތް އެކުވެރިޔާ އަނޫފްގެ ލޯބިވެރިޔާ ރައްޔާގެ އުފަންދުވަހު ޕާޓީއެވެ. ކާކު ފަޅާ ނިންމާލާފައި ރައްޔާ ކޭކު ކޮޅެއް އަނޫފްއަށް ލަވައިދިނުމާއެކު، އެންމެން އަތްޖަހަން ފެށިއެވެ. ހަޅޭކުގެ އަޑުން މުޅިތަން ގުގުމައިލިއެވެ. ކޭކު ފަޅާ ނިމިގެން އެންމެން ތައްޓަށް ކޭކު އަޅައިގެން ކާން ފެށިއެވެ. ރައްޔާ ހިނގައިގަތީ އޭނާގެ މޫނުމަތީގައި އެމީހުން އުނގުޅި އައިސިންތައް ދޮވެލުމަށެވެ. އަނޫފްއަށް ރާދިންއަށް ބަލައިލެވުނެވެ. ސަޖާގެ ކައިރީގައި ހުރި ރާދިންގެ މޫނުމަތިން ކުރިން ފެންނަ ފަދަ އުފާވެރިކަން މިރޭ ފެންނަ ހެން އެނާއަށް ހީނުވަނީއެވެ. ސަޖާގެ ހަޤީގަތް އެކުވެރިޔާގެ ކުރިމަތީގައި ހާމަކުރަން ބޭނުން ވިނަމަވެސް، ރާދިން އެކަން ގަބޫލުނުކުރާތީ އޭނާއަށް އެކަންތައް ކުރަން ނުކެރެނީއެވެ.
ދުވަސްކޮޅެއް ކުދިން އެމީހުންގެ، ސްކޫލް އިރުގެ އެކުވެރިންނާއި، އެމީހުންގެ ލޯބިވެރިންނާއެކު، ރިޔޫނިއަން ޕާޓީއަކަށް ދިޔަ ރެއެއްގައިވެސް ރާދިން ދަންނަ ޒުވާނަކު ސަޖާގެ އެފަދަ ވާހަކައެއް ބުނުމުން، ރާދިން އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. ރާދިން އެވާހަކަ ގަބޫލުނުކުރުމުން، އެ ފިރިހެން ކުއްޖާ ސީދާ ސަޖާއާ އެ ސުވާލުކުރިއެވެ. ސަޖާ ހާސްވީ ކިއްވެގެންކަން އޭނާއަށް އެނގެއެވެ. ރާދިން ގާތު ރޮމުން އޭނާ އެކަހަލަ ކަމެއް ނުކުރާކަމަށް ސަޖާ ބުންޏެވެ. އެއާއެކު އެ ފރިިހެން ކުއްޖާ ސަޖާއަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކުމުން ސަޖާގެ ރުއިން ވީ އތުރެވެ. އެންމެ ފަހުން އެ ދެމީހުންގެ ދެމެދުވެސް ބޮޑު ހަމަނުޖެހުމެއް ހިނގީއެވެ. އޭގެފަހުން ރެއަކު އެމީހުންގެ ތެރެއިން މީހަކުވެސް އެކަހަލަ ވާހަކައެއް ބުނުމުން ސަޖާ ބުނީ އެއީ އޭނާ ކުރިން އުޅުނުގޭގައި އުޅުނު އާއިލާ ކުއްޖެއްކަމުގައެވެ. އޭނާ ވަރަށް އަވަހަށް ތަނަކަށް ދާން ނުކުމެ، ޓެކްސީއެއް ނުލިބި މަގުމަތީގައި ހުއްޓާ އޭނާއަށް ލިފްޓެއް ދިނީކަމުގައެވެ. އަނޫފްއަށް އެ ވާހަކަތައް ބުނަން ނުކެރެނީ އެހެންވީމައެވެ. އެ ދެމެދުގައި ކުންޏެއް ޖެހިދާނެތީއެވެ.
އޭރު އަނޫފްއަށް ނޭނގުނުކަމަކީ އެކި މީހުންގެ ފަރާތުން ރާދިންގެ ކަންފަތާ ހަމައަށް އެތަކެއް ވާހަކައެއް ފޯރާފައިވާކަމެވެ. ޚުދު ރާދިންއަށް ވެސް މިހާރު ސަޖާއަށް ޝައްކުކުރެވޭކަމެވެ. ކާއެއްޗެހި އަޅަން ކަމުގައި ބުނެ ސަޖާ ރާދިންއާ ދުރަށްޖެހިލިއެވެ. އެއްޗެހި އެޅުމަށްފަހު، އޭނާ ނުވާކަމަކަށް ހުރެ ވިޝާމްގެ ކައިރިއަށް ދިޔައެވެ. އެއަށްފަހު، އޭނާ ވިޝާމްއާ ވާހަކަ ދައްކަން ފެށިއެވެ. މިވީ ދުވަސްތަކުގައި ސަޖާ ވަނީ ވިޝާމްގެ ބޮލަށް ރަނގަޅަށް ސަވާރުވެފައެވެ. ސަޖާގެ ވާހަކަތަކުން ވިޝާމްއަށް މާ ބޮޑަށް މައާލްއަށް އެދެވެން ފެށިއެވެ. މައާލް އެކަނި ހުންނަ ވަގުތުތަކުގައި އޭނާ މައާލްއަށް އެތަކެއް ގޯނާއެއް ކުރެއެވެ. ސަޖާގެ ވާހަކަތަކުން ވިޝާމްއަށް ކެތްކުރަން ދަތިވިއެވެ. އެންމެފަހުން އޭނާ ނުވާކަމަކަށް ހަދާލާފައި އެތަނުން ތެދުވިއެވެ. އެއަށްފަހު އޭނާ އެމީހުންނާ ދުރަށް ހިނގައިގަތެވެ.
ވިޝާމް އެކަކަށް ވެސް ނޭނގޭ ގޮތަށް ގޮސް ގޭތެރެއަށް ވަތްއިރު، މީހަކު ފެންނާކަށް ނެތެވެ. އޭނާ މައާލްގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވައިލުމާއެކު، ބަލައިލިއެވެ. ސޯފާގައި އިން މައާލް ފެނުމާއެކު، އޭނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
އޭނާ ރީތިކޮށް ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ.
"ރާދިން…" މައާލް ހީކުރީ ރާދިންކަމަށެވެ. އޭވާ ބަލިވެ އުޅޭތާ މިއަދަށް މިވީ ދިން ދުވަހެވެ. އެހެންކަމުން އޭނާ އޭވާ އަރާމުކުރަން ފޮނުވާލީއެވެ. އެހެންނޫނަސް އޭވާ ބަލިވީފަހުން ރާދިން އިރުއިރުކޮޅުން އޭނާގެ ޙާލުބަލައެވެ. މިރޭވެސް އެމީހުން އައިފަހުން ވެސް އެއްފަހަރު އޭނާގެ ކައިރިއަށް އައެވެ. އެހެންކަމުން ރާދިން ނޫން މީހަކު ކޮޓަރިއަށް ނުވަންނާނެކަން އޭނާއަށް އެނގެއެވެ.
"އެއްޗެކޭ ނުބުނަނީ ކޮންމެވެސް ލާނެއް ކަމެއް ކޮށްލަންވީތަ؟" މައާލްއަށް ބުނެވުނެވެ. އެއަށްފަހު އޭނާ ތެދުވިއެވެ. އެމީހަކު އައިސް އޭނާއާ ދާދިގާތަށް ހުއްޓުނު އިޙްސާސް މައާލްއަށް ކުރުވިއެވެ. އިސްނެގީ މައާލްއެވެ. އޭނާ އެމީހަކުގެ ގައިގައި ބާރަށް ބައްދާލީ އެއީ ރާދިންއޭ ހިތާއެވެ. އެހެންނަމަވެސް، އެއާއެކު އޭނާގެ ނޭފަތުގައި ޖެހުނު ސެންޓްގެ ވަހާއެކު އެއީ ރާދިން ނޫންކަން އޭނާއަށް ޔަޤީންވިއެވެ. ރާދިން މިހާރު އޭނާ އާއްމުކޮށް ޖަހާ ސެންޓް ނޫނީ ނުވެސް ގެންގުޅެއެވެ. ރާދިން އެހެން ސެންޓެއް ބޭނުންކުރަން ވެސް ބޭނުމެއް ނޫނެވެ. އެ ވަހަކީ މައާލްއެކޭ އެއްގޮތަށް އޭނާއަށް ވެސް ޚާއްސަ އެއްޗަކަށް ވަނީ ވެފައެވެ. އެ ވާހަކަ އެންމެ ފަހުންވެސް އެމީހުން ދެއްކީ މިއަދުއެވެ. އެހާ ބޮޑަށް އެކަން މައާލްއަށް ޔަޤީންވީވެސް އެހެންގެންނެވެ.
"ކާކު؟" އެހެން ބުނުމާއެކު، މައާލް އޭނާއާ ދުރުވެލިއެވެ.
"އޯހް! ޑާލިންގ… ދުރަށް ނުދޭ…" އެ އަޑު ޖެހުމާއެކު، އެއީ ކާކުކަން މައާލްއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ވިޝާމްގެ ނަޒަރު ހުރީ މައާލްއަށް ހުއްޓިފައެވެ. މައާލްގެ ފަންއިސްތަށިގަނޑާއި، މޫނާއި ކަނދުރާ އެހާ ގާތުން ފެނުމުން ވިޝާމްއަށް އޭނާގެ ނަފްސު ކޮންޓްރޯލްއެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ މައާލްއާ ގާތްވަމުން ދިޔައެވެ.
"ރާދިން!" މައާލް ރާދިންއަށް ގޮވާލިނަމަވެސް، ވިޝާމް މައާލްގެ އަނގަމަތީގައި އަތް އެޅިއެވެެ. ވިޝާމް ދިޔައީ ހިނދެއް ހިނދަކަށް އޭނާއާ ގާތްވަމުން ކަމުން މައާލްގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެން ދިޔައެވެ. ވިޝާމްއާ ދުރަށް ދާން މައާލް ގަދަ ހެދިނަމަވެސް، އެ ފިރިހެނާގެ އާރާ ބާރުގެ ކުރިމަތީގައި، ނުކުޅެދޭ ޙާލުގައި ކުރެވޭނެ ކަމެއް ނެތި މައާލްގެ ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ.
މައާލް ރޮމުން އާދޭސް ކުރި ނަމަވެސް، އެ ކަރުނައިން ވިޝާމްއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެއަށްވުރެ އޭނާ ގެ ހިތުގައި ވަނީ މައާލްއާ ގާތްވުމުގެ އެދުންވެރިކަން ބޮޑުވެފައެވެ. ކުއްލިއަކަށް ވިޝާމް މައާލް ލާފައިވާ ޓީޝާޓްގައި ހިފާ ދަމައިގަތުމާއެކު، ޓީޝާޓް ވީދައިގެން ގޮސް މައާލްގެ ކޮނޑާ ދިމާލުން ބައެއް ކަޝްފުވެގެން ދިޔައެވެ.