އަމިއްލަ ފިރިމީހާގެ ކިބައިން ފެނުނު އޯގާތެރިކަމުގެ ސަބަބުން މައާލްގެ ހިތްވެސް އުފަލުން ނަށަމުން ދިޔައެވެ. މައާލް އޭނާގެ އަމިއްލަ ނަފްސަށް ވައުދުވީ ރާދިންގެ ކިބައިގައިވާ ރުޅިއާ، ނޭދެވޭ ހުރިހާ ސިފައެއް މަޑުމަޑުން ރާދިންއާ ދުރުކޮށްލުމަށެވެ. އެހެންނަމަވެސް މައާލްއަށް ނޭނގޭ ކަމަކީ އެއީ ކިހާ އުނދަގޫވާނެކަމެއް ކަމަށާއި ކޮންމެ ވަގުތަކުވެސް އެ ދެމީހުންގެ ޙަޔާތަށް ތޫފާނުގެ ކޮޅިގަނޑެއް އަތުވެދާނެކަމެވެ.

އެއިން އެއްވެސް ކަމެއްގެ ހިލަމެއް ނެތް މައާލްގެ ހިތުގައި ރާދިންއާ މެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް ވެސް ރާދިންގެ ފިރުމުންތަކުން ފުހެވުނު ފަދައެވެ. ރާދިންގެ އަތު ތެރޭގައި ވިރިގެންދާން މައާލްގެ ހިތް ގޮވަން ފެށިއެވެ. ރާދިންއަށްޓަކައި އެ ހިތުގައި ހަމަ ގައިމުވެސް މިރޭ އާ ވިންދެއް ހޭލައްވާލައިފިއެވެ. ރާދިން ދެކެ ވަމުން ދިޔަ ލޯބި ދެގުނަ ވެގެން ދިޔައެވެ. ރާދިންގެ އަތުތެރެއިން އޭނާއަށް ލިބުނު ހިމާޔަތުގެ ސަބަބުން، އެހިތަށް އުފާވެރިކަން ލިބިފައިވެއެވެ.

***

ނިދިފައި އޮތް މައާލްއަށް ރާދިން ބަލައިލުމާއެކު, އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރުވެރިވިއެވެ. މަޑުމަޑުން މައާލްގެ ކޯތާފަތް މައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދުރުކޮށްލުމާއެކު, އެ ނިތުގައި ރާދިން ބޮސް ދިނެވެ. އެއްވެސް ފޫހިކަމެއްނެތި މައާލްއަށް ބަލަހައްޓައިގެން ރާދިންއަށް އިނދެވުނެވެ. އެ އަންހެން ކުއްޖާއާ މެދު ޝައުޤުވެރިކަން އުފެދުން ނޫންކަމެއް ނުވިއެވެ. މިރޭ ނިދާފައި އޮތްއިރު، ފުރަތަމަ ފަހަރަށް އެމޫނުމަތިން ހިތްހަމަޖެހިފައި ހުރި ކަމުގެ އަސަރުތައް ރާދިންއަށް ފެންނަމުން ދިޔައެވެ. އެމޫނުމަތީގައި އެހެންޏާ ހުންނަ މާޔޫސްކަން ނެތްކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އޭނާގެ އެންމެ އޯގާތެރި ބީހެލުމެއްގެ ސަބަބުން މައާލްއަށް އެފަދަ ބަދަލެއް އަތުވެދާނެކަމަށް އޭނާއަށް ހީކުރެވިފައެއް ނުވެއެވެ. އެ ޚިޔާލުތަކުގައި އިންދާ އޭނާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކި ދިން ޚިޔާލާއެކު ނިތުގައި އަތް ހިންގާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.

އެވަގުތު ވެސް ރާދިންއަށް އުނދަގޫކުރީ ސަޖާގެ ޚިޔާލެވެ. ކުރެވުނީ ކުށެކޭ އަމިއްލަ ނަފްސަށް ބުނެވުނީ، ސަޖާއަށް ބޭވަފާތެރިވެވުނީއޭ ހިތަށް އެރުމުންނެވެ. އޭނާ ވާނީ މައާލްއާ އެގޮތަށް ކައިރިނުވާން ސަޖާގެ ކައިރިން ވަޢުދުވެފައެވެ. އެހެންނަމަވެސް އެ ކުށް މިއަދު އޭނާއަށް ކުރެވިއްޖެއެވެ. ކައިރީގައި އޮތީ ހަލާލު އަނބިމީހާ ނަމަވެސް، ރާދިންގެ ހަނދާނަށް އަންނަން ފެށީ ސަޖާގެ ކަރުނައާއި އާދޭސްތަކެވެ. އޭނާ ދެކެ ލޯބިވާކަކަށް ބުނެ ދައްކާފައި ހުރި ވާހަކަތަކެވެ. ހިތުގެ ކަނަކުން ސަޖާއާ މެދު ނުވިސްނާ މައާލްއާ މެދު ވިސްނަން އަންގަމުން ދިޔަ ނަމަވެސް، ހަޤީގަތުގައި ރާދިންއަށް ހުރީ އުނދަގޫވެފައެވެ. މައާލްއާއެކު އުޅުމަށް ހިތް އެދުނު ނަމަވެސް، ޖެހިލުންވަމުން ދިޔައީ ސަޖާއަށް ދެރައެއް ދެވެން އުޅޭހެން ހީވެފައެވެ. ސަޖާ އޭނާއަށްޓަކައި، އޭނާގެ އިންތިޒާރުގައި އެގޮތަށް ބެހެއްޓުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. ހަމައެއާއެކު ގިނަ ދުވަސްވީ އެ ގުޅުން އެކީ ކުއްލިއަކަށް ކަނޑާލާކަށް ވެސް ރާދިންއަކަށް ނުކެރޭނެއެވެ.

"ރާދިން!..." ނިދިން ހޭލެވުނި މައާލް ރާދިންއަށް ގޮވައިލިއެވެ. ހަޤީގަތުގައި އޭނާއަށް ހޭލެވުނީ ފިނިވެގެންނެވެ.

"ހޫމް!..." ރާދިން ހޫމް އެއް ލައްވާލާފައި މައާލް ގާތު ވެގެން އުޅޭ ގޮތާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"އޭސީ މަޑުކޮށްލަ ދީބަ! ވަރަށް ފިނިވެއްޖެ. " މައާލް މަޑުމަޑުން ބުނެލިއެވެ. ރާދިން އޭސީ މަޑުކޮށްލާފައި މައާލްގެ ރަޖާގަނޑުވެސް ރަނގަޅުކޮށްލަދިނެވެ. އެއަށްފަހު އޭނާ ވެސް އޮށޯވެ ހަމަޖެހިލިއެވެ. މައާލްގެ މޫނަށް ބަލާލުމާއެކު، އެމޫނުމަތިން ލަދުވެތި އަސަރުތައް އޭނާއަށް ފެންނަމުން ދިޔައެވެ.

*****

ޖެހިގެން އައި ދުވަހު ރާދިން އޮފީހުން ނުކުތްތަނާ ސަޖާ ގުޅައިފިއެވެ. މިރޭ ރާދިންމެންގެ ގޭގައި ބާބިކިއު އެއްހަދަން އޭނާ ޚިޔާލު ދިނެވެ. ހަޤީގަތުގައި ރާދިން އެކަމާ ދެކޮޅު ހަދަން ބޭނުންވިނަމަވެސް، ސަޖާ ތަކުރާރުކޮށް ކިޔަން ފެށުމުން އެއްބަސްވީ ސަޖާ އޭނާގެ ހުރިހާ އެކުވެރިންނަށް ވެސް ދަޢުވަތު ދީފައިވާކަމަށް ބުނެފައިވާތީއެވެ.

ރާދިން ގެއަށް ގޮސް މައާލް ކައިރީގައި މިރޭ އެގެއަށް އޭނާގެ އެކުވެރިން ބާބިކިއުއެއް ހަދަން އަންނާނެ ވާހަކަ ބުނެލިއެވެ. އެމީހުން އުޅޭނީ ގޭގެ ބިއްދޮށުގައި ކަމަށް ބުނެފައި އޭނާ ވަނީ ފެންވަރާލުމަށެވެ. ހަޤީގަތުގައި މައާލް ބޭނުންވީ އެރޭ ރާދިންއާ އެކު ގިނަ ވަގުތު ހޭދަކޮށްލަން ނަމަވެސް، އެމީހުން އެގެއަށް ނުގެންނަން ބުނާކަށް އޭނާއަކަށް ނުކެރުނެވެ. މައާލް އިތުރަށް ކަންބޮޑުވީ، އެމީހުން އައުމާއެކު ރާދިންގެ މިޒާޖު އެކީ ބަދަލުވެދާނެތީއެވެ. ރާދިންގެ އުޅުން ބަދަލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެ ގެންގުޅޭ އެކުވެރިންކަން އޭނާއަށް އެނގެއެވެ. ލޮލަށް ނުފެނުނު ނަމަވެސް، އޭނާއާ ދިމާލަށް ކިޔާ އެއްޗެހިންނާއި، އައިސް އުޅޭ ގޮތްތަކުން އެކަން އޭނާއަށް ޔަޤީންވެއެވެ. އެފަދަ އެކުވެރިންތަކެއްގެ ފަރާތުން ރާދިންއަށް ކުރާނީ ނޭދެވޭ އަސަރުތަކެއްކަން ވެސް އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ރާދިންގެ ގާތުގައި އެމީހުންނާ ދުރުވާން ބުނަން ކެރޭނީ ކިހިނެއްހެއްޔެެވެ؟ މިވަގުތަށް މުހިންމީ ކެތްތެރިކަމެވެ. ރާދިންގެ އުޅުން ބަދަލުކުރެވޭނީ މަޑުމަޑުންނެވެ. އޭނާ އެވާހަކަތައް ރާދިންއާ ދައްކާނީ އެކަމަށް އެކަށޭނެ ވަގުތެއްގައެވެ. މިވަގުތު އެގޮތަށް ވާހަކަ ދައްކައިފިނަމަ، އޭނާ އާ މެދު ރާދިންގެ ހިތުގައި ރުޅިވެރިކަން އުފެދުން ގާތެވެ.

ރާދިން ފެންވަރާލައިގެން ނުކުތްއިރު، މައާލް އެނދުމަތީގައި އިށީނދެ ފުން ވިސްނުމަކަށް ގެއްލިފައި އިންނަން ފެށުމުން، މައާލްއަށް ގޮވައިލިއެވެ.

"ހާދަ ފުން ވިސްނުމަކަށް ގެއްލިފަ…"

"ނޫނޭ… މީ ހަމަ ވިސްނާލީ. ބައްޕައަށް ގުޅާލިންތަ ރާދިން؟...... ގުޅާލާފަ ދީބަލަ، އަހަރެން ބޭނުން ވާހަކަ ދައްކަން." މައާލ އެހެން ބުނުމުން ރާދިންގެ މޫނުމަތިން ޖެހިލުންވުން ފެނިގެން ދިޔަ ނަމަވެސް، އޭނާ އެކަމަށް ދެކޮޅެއް ނުހަދައެވެ.

ފޯނު ނަގާ އޭނާ މުނީރު އޮންލައިންގައި އިންތޯ ބަލައިލުމަށްފަހު، މުނީރަށް ގުޅައިިލިއެވެ.

"ބައްޕަ ކިހިނެއްތޯ؟" ރާދިން ސުވާލުކޮށްލިއެވެ.

"އަލްޙަމްދުލިއްލާހި. ވަރަށް ރަނގަޅު. ކޮބާ މައާލް؟ ދެކުދިން ރަނގަޅު ދޯ" މުނީރު ސުވާލުކޮށްލިއެވެ.

"ލައްބަ…" ކުރު ޖަވާބަކަށްފަހު، ރާދިން މައާލް އަތަށް ފޯނު ދިނެވެ.

"މައާލް ކިހިނެއްތަ؟" މުނީރު ސުވާލުކޮށްލުމާއެކު، މައާލް އޭނާ ވަރަށް ރަނގަޅުކަމުގައި ބުނެލިއެވެ.

"ރާދިން ރަނގަޅުތަ؟ ބަރާބަރަށް އޮފީހަށް ދާ ވާހަކަ ޒާހިދު ބުނި." މުނީރު ބުނެލުމާއެކު މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ލައްބަ ބައްޕާ! ވަރަށް ރަނގަޅު ހުރިހާކަމެއްވެސް. ކޮން އިރަކުންތޯ މިކޮޅަށް ދުރުވަނީ؟"

"ހިޔެއްނުވޭ އަވަހަށް ދެވޭނެހެންނެއް. އަދި އިތުރު ދެ ގައުމަށް ވެސް ދާންޖެހޭނެހެން ހީވަނީ. ބައެއް މުހިންމު ކަންތައްތައް ހުރީމަ ހުރިހާކަމެއް ނިންމާލާފަ އެކީ އެކައްޗަކަށް ރާއްޖެ ދާންވެގެން. ބައްޕަ ދިޔައިމަ ދެކުދިންވެސް ބައްޕަގެ ކައިރިއަށް އަންނަންވާނެ! އޭރަށް ވާން ވާއިރަށް ދަރިފުޅު ޖެހޭނެ ރާދިން އަކީ ހަރުދަނާ ޒިންމާދާރު ޒުވާނަކަށް ހަދަން. ބައްޕަ ދަރިފުޅަށް އިތުބާރުކުރަން. އެހެންވެގެން ވަކިން ފޮނުވީވެސް. ރާދިން ބޭނުންވެގެންކަން ވެސް އެނގޭ އެވަރަށް ކީ…" މުނީރު ބުނެލުމާއެކު މައާލް ހިނިތުންވެލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.

ފޯނު ބާއްވާފައި ރާދިންއަތަށް މައާލް ފޯނު ދިނެވެ.

"ހެޕީ؟" ރާދިން ސުވާލުކޮށްލުމާއެކު މައާލް ބޯ ޖަހައިލިއެވެ.

"ސައި ބޯނަންތަ؟" މައާލް ރާދިންއާ ސުވާލުކޮށްލިއެވެ.

"މާ މީރު އެއްޗެއް ސަޔަށް ތައްޔާރުކުރީތަ؟" ރާދިން ސުވާލުކޮށްލިއެވެ.

"އާނ. ޑޯނަޓް ކާހިތްވެގެން ގްރޭސީ ކައިރީ ބުނިން." މައާލް ބުނެލިއެވެ.

"އެހެންވިއްޔާ ކޮންމެހެންވެސް ޖެހޭނެ ޑޯނަޓް ކާން." އެހެން ބުނެލާފައި ރާދިން މައާލް ގޮވައިގެން ތިރިއަށް ދާން މިސްރާބުޖެހިއެވެ. ކާކޮޓަރިއާ ދިމާލަށް ހިނގައިގަތް ރާދިންގެ އަތުގައި ހިފައްޓައިގެން ހުރި މައާލް ވާހަކަ ދެއްކީ ދެނެވެ.

"ހިނގާބަ ގޭގެ ބިއްދޮށަށް. އެތަނަށް ވަރަށް އަރާމު ވައިރޯޅިތައް ޖެހޭ." މައާލް ބުނެލިއެވެ. ރާދިންވެސް އިތުރު އެއްޗެއް ނުބުނެ މައާލްއާ އެކު އެ ދިމާލަށް ހިނގައިގަތެވެ. އެދެމީހުން ދިޔައީ ޕޫލް ކައިރިއަށެވެ. އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި ދެމީހުން އިށީނދެލިތާ ގިނައިރެއްނުވެ ގްރޭސީ ހަވީރުގެ ސައި ހިފައިގެން އަތުވެއްޖެއެވެ.

އެއްޗެހި ބަހައްޓާފައި ދިޔުމުން ރާދިން މައާލްގެ ސައިތައްޓަށް ހަކުރު އަޅާ ތައްޔާރުކޮށްލިއެވެ. އެ ހުރިހާއިރުވެސް ދެމީހުން ދިޔައީ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

"އަަހަރެން މިހާރު އެންމެ ބޭނުންވަނީ ރާދިން ފެންނަން." މައާލް ކުއްލިއަކަށް ބުނެލުމާއެކު، ރާދިންއަށް ހަރަތާތްތައް މަޑުޖައްސާލެވުނެވެ.

"ހިތަށް އަރުވާލާ އަހަރެން ވެސް ހުންނާނީ ދޮންބެ ހުންނަ ގޮތަށޭ. އެއްވެސް ތަފާތެއް ނުހުންނާނެ ދެމީހުންގެ. ތަފާތު ވާނީ ދެމީހުންގެ އުޅުން އެކަނި." ރާދިން ލާނެތްގޮތަކަށް ބުނެލިއެވެ.

"އެހެންވީމަ އޭގެ މާނައަކީ ދެން ގައިގަނޑަކަށް ރާދިންވެސް ފެނިފައޭ ދޯ…"

"އާނ. އަހަރެންގެ ސޫރަ ދެކެން ބޭނުމިއްޔާ މައާލް ކަންތައް ކުރަން ޖެހޭ ގޮތް މި ބުނީ …" ރާދިން ހީނލަމުން ބުނެލިއެވެ.

"އަހަންނަށް ދެން ނުފެންނާނެ ދޯ…" މައާލްގެ އަޑުން މާޔޫސްކަން ކޮންމެވެސް ވަރަކަށް ފާޅުވެލިއެވެ. އެއާއެކު ރާދިން މައުޟޫ ބަދަލުކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.

"އޭވާ އަހަރެން ގޮވައިގެން މިތަނުގައި ހިނގާލާ ބައެއްފަހަރު. ނުފެނުނަސް ހިތްހަމަޖެހޭ ކަމެއް އެއީ…" ސައި ބޮއި ނިންމާލާފައި މައާލް ބުނެލިއެވެ.

"އަހަންނަށްވެސް ތިވަރުކަމެއް ކޮށްދެވިދާނެ…" އެހެން ބުނެލާފައި ރާދިން މައާލް ގެ އަތުގައި ހިފާލައިގެން ބަގީޗާގައި ހިނގާލަން ފެށިއެވެ. އެކި އެކި ވާހަކަ ދައްކަމުން ހިނގަމުން ގޮސް އެމީހުން މަޑުކޮށްލީ ޕޫލްއާ ދާދިގާތުގައެވެ. އެވަގުތު ރާދިންގެ ފޯނު ރިންގްވުމާއެކު އޭނާ ފޯނާ ދިމާލަށް ދިޔައީ މައާލްގެ ގާތުގައި މަޑުކޮށްލަން ބުނެފައެވެ. ފޯނު އޮތީ މޭޒުމަތީގައެވެ. ގުޅީ އަނޫފްއެވެ. އަނޫފް ބުނީ މިރޭ ބާބިކިއު އެއް އޮންނަ ވާހަކަ ސަޖާ ބުނިކަމުގައެވެ. އެކަމާ ބެހޭގޮތުން ރާދިން އަނޫފްއާ ވާހަކަ ދައްކަން ފެށުމަށްފަހު، އޭނާ މައާލްއަށް ގޮވާލާފައި އެބަ ދަމޭ ބުނެލިއެވެ.

ހުރެވުނީ ކިހާ ހިސާބެއްގައިކަން ނޭނގޭ ޙާލު މައާލްއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. ފޯނު ނިންމާލާފައި ރާދިން އެނބުރިލި ވަގުތު ޕޫލާ ދިމާލަށް ފިޔަވަޅެއް އަޅާލި މައާލް ފެނި ރާދިންއަށް ހަޅޭއްލަވައިގަނެވުނެވެ. މައާލްއަށް ހުއްޓެވުނީ ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައެވެ. ވެގެން އުޅޭ ގޮތެއް ނޭނގި އޭނާ ހާސްވެސް ވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލެވުމާއެކު، އޭނާގެ ހަށިގަނޑު ޕޫލާ ދިމާލަށް އަރި އަޅައިލިއެވެ. އޭރު ރާދިން އެ ހިސާބާ އަރާ ހަމަވަނީއެވެ. ރާދިންއަށް މައާލްގެ އަތުގައި ހިފެއްޓުނު ނަމަވެސް، އޭނާއަށް ވެސް ހަށިގަނޑު ބެލެންސް އެއް ނުކުރެވުނެވެ. އެއާއެކު މައާލްއާއެކު ރާދިންވެސް ޕޫލް ތެރެއަށް ވެއްޓުނެވެ. ވެއްޓުނު ހިސާބުގައި އިސްކޮޅު ނުޖެހޭތީ މައާލް ބިރުގަތެވެ.

"ކާމް ޑައުން…" މައާލްގެ ޙާލަތު ވިސްނޭތީ އާ، ފަތަން ނޭނގޭކަން އެނގޭތީ ރާދިން ބެލީ މައާލް ހަމައަކަށް އެޅުވޭތޯއެވެ. އޭނާ މައާލް ފައިޖެހޭ ހިސާބަށް ގެންދަމުން ވާހަކަ ދެއްކިއެވެ.

"މިހާރު ފައި ޖެހޭނެ." ރާދިން ބުނެލިއެވެ. މައާލް ބިރުން އުޅުނު ގޮތުން އޭނާގެ ގާތަށް ހިނިވެސް އައެވެ.

"ފަތަން ދަސްކުރަން އެބަޖެހޭ އިނގޭ…" އޭނާ މައާލްގެ ނިތުގައި އިނގިލިން ޖަހައިލަމުން ބުނެލިއެވެ.

"ކުޑައިރު ފަތަން ދަސްކުރަން ކްލާހަކަށް ވެސް ދިޔައިން. އެއްދުވަހު ގެނބުނު ފަހުން ދެން ނުދަން." މައާލް ބުނެލިއެވެ.

ޕޫލްތެރޭގައި ދެމީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ ހޫނު ނޭވާ އެޅޭހާ ކައިރީގައެވެ. ރާދިން މައާލް އޭނާގެ ގަޔާ ކައިރިކޮށްލަމުން ކޮށްލި ކަމަކުން މައާލްއަށް ދެލޯ މަރައިލެވުނެވެ. އިރުކޮޅަކުން ރާދިން އޭނާއާ ދުރުވެލިއިރު އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

"ޕޫލަށް ވެއްޓުނީމަ ދެން އަވަހަށް އަރާނެކަމެއް ނެތް،" ރާދިން ބުނެލިއެވެ. އެއަށްފަހު، އޭނާ މައާލްއާ ދިމާލަށް ފެން އުކަން ފެށިއެވެ. އެފަދަ ސަކަރާތުގައި ދެމީހުން އިރުގަނޑަކު ޕޫލް ތެރޭގައި ތިއްބެވެ. އިރުއޮއްސެން ކައިރިވަމުން ދިޔަ ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިތަކުގައި ތެތްފިނިކަން ހިފަން ފެށުމުން މައާލް ހީކަރުވާގޮތްވިއެވެ.

"ހިނގާ ދެން އަރަން. ހީކަރުވާއެބަ." މައާލް އެހެން ބުނެލުމާއެކު، ރާދިން ރަނގަޅަށް މައާލްއަށް ބަލައިލިއެވެ. އޭރު މައާލްގެ ދެ ތުންފަތް ތުރުތުރުއަޅަމުން ދިޔައެވެ. މޭގައި އަތް ހުރަސްކޮށްލައިގެން ހުރިއިރު، އޭނާ ހުރީ ހަޤީގަތުގައިވެސް ވަރަށް ފިނިވެފައެވެ.

"ފިންޏަށް ބަލިތަ؟ އެހެންވިއްޔާ ރޯގާ ޖެހޭނެ ދޯ." ރާދިން އެހެން ބުނެލާފައި އައިސް މައާލް އޭނާގެ ގަޔާލާ ފިއްތާލިއެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު، އޭނާ މައާލް ދުރުކޮށްލަމުން ޕޫލުން އަރަން އެހީތެރިވެދިނެވެ. ގައިން ފެންހިއްކާލޭނެ ތުވާއްޔެއްވެސް ނެތުމުން ރާދިން އަވަސް އަވަހަށް މިސްރާބުޖެހީ މައާލް ގޮވައިގެން ގެއަށް ވަނުމަށެވެ.

ކޮޓަރިއަށް ވަނުމަށްފަހު، އޭނާ އެންމެ ފުރަތަމަވެސް އޭސީ ނިއްވައިލިއެވެ. އެއަށްފަހު ތުވާއްޔެއް ހިފައިގެން އައިސް މައާލްގެ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. އެއާއެކު އެ އިސްތަށިގަނޑާ ބެހޭގޮތުން އޭނާއާ މައާލްއާ ދެކެވުނު ވާހަކަ ހަނދާންވިއެވެ.

"ތިހެން ފުހުނަސް ފެންވަރައިގެން ނޫނީ ކަމަކު ނުދާނެ!" މައާލް ބުނެލިއެވެ.

މައާލް ފެންވަރައިގެން ނިކުތުމުން އޭނާއަށް އެހީތެރިވެދިނުމަށްފަހު، ރާދިންވެސް ވަނީ ފާޚާނާއަށެވެ. ރާދިންގެ އެކުވެރިން އަންނަންދެންވެސް އޭނާ އުޅުނީ މައާލްގެ ގާތުގައެވެ.

އެމީހުން އައުމާއެކު، ރާދިން އެންމެން ގޮވައިގެން ބަގީޗާ ފަޅީގައި އޮތް ހުސްތަނާ ދިމާލަށް ދިޔައެވެ. އެއަށްފަހު، ގްރިލް ނަގައިގެން އައިސް އެ އެއްޗެހި ބެހެއްޓުމަށް އަވަސް ވެގަތެވެ. އެމީހުން އައީ ކުކުޅާ، ސޮސެޖް ފަދަ އެއްޗެހި ގަނެގެންނެވެ. އެންމެ ކުރީގައި އުޅުނީ ސަޖާއެވެ.

އެންމެން ސަކަރާތުގައި އުޅުނުއިރު، މައާލް އުޅުނީ ކޮޓަރީގައެވެ. ރާދިން ދިޔަފަހުން އޭނާއަށް ކިނބިހި އެޅެން ފެށުނެވެ. ހުރީ ކުޑަކޮށް ރޯގާވައްތަރުވެސް ވެފައެވެ. މައާލް އެނދުގައި އޮށޯވެލިއެވެ.

ކޮޓަރީގައި ޓަކި ޖަހާލާފައި އޭވާ ވަނީ ވެސް އެހެން އޮއްވައެވެ.

"މޭމް. ފްރެންޑެއް ކޭމް."

"ފްރެންޑެކޭ…" މައާލްއަށް ބުނެވުނެވެ.

"އަހަރެން މަތިން ހަނދާން ނެތުނީތަ؟" އިވުނީ ސާދާގެ އަޑެވެ.

"ސާދާތަ؟ ހާދަ ދުވަހެއް ފަހުންނޭ. ވަދޭވަދޭ އެތެރެއަށް…" މައާލް ބުނެލިއެވެ.

"ރޯގާ ޖެހިގެންތަ ތިއުޅެނީ؟" ސާދާ ސުވާލުކޮށްލިއެވެ.

"ނޫނޭ. މިއަދު ޕޫލްއަށް އެރުނީމަ…" މައާލް އެހެން ބުނެލިއިރު އެ މޫނުމައްޗަށް ވެރިވި ލަދުވެތި އަސަރުތައް ފޮރުވަން އޭނާ ނުކުޅެދުނެވެ.

"އެހެންތަ؟ ފިރިމީހާއާ އެކީތަ؟" އެހެން ބުނެލުމާއެކު މައާލް އިސްޖަހައިލިއިރުވެސް އެ ތުންފަތް މަތީގައިވީ ހިނިތުންވުމަށް އެއްވެސް ބަދަލެއް ނާދެއެވެ.

"ރާދިން ރަނގަޅުތަ؟" ސާދާއަށް ސުވާލުކޮށްލެވުނެވެ. އެއާއެކު މައާލް އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ މައާލް މާ ބޮޑަށް ކިނބިހި އަޅަން ފެށިއެވެ. ފުލުފުލުގައި ދެތިން ކިނބިހި އެޅުނުފަހުން ސާދާ ރާދިން ކޮބާތޯ ސުވާލުކޮށްލިއެވެ.

"ބަގީޗާގައި އެކުވެރިން ތަކަކާ އެކީ. ސާދާ ނާންނާތީ އަހަރެން ވަރަށް ދެރަވެފައޭ މިހުރީ؟"

"އަހަރެން މިއައީ ރާއްޖޭން ބޭރުގައި އުޅެލާފަ. އައިފަހުން ބައްޕަގެ ފަރާތުން އެނގުނީ ހުރިހާކަމެއް. މިހާރު މީ މައާލްގެ ގެއެއްނު. ޓުބީ އޮނެސްޓް. މީ އަހަންނަށް ފެނުނު އެންމެ ރީތި ގެ. ވަރަށް ފުރިހަމަ." ސާދާގެ އަޑުން އޭނާ މައާލްއަށްޓަކާ އުފާވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. މައާލް އެއްޗެއް ކާލަން ބުނުމުން ސާދާ ބުނީ އޭނާ ކައިގެން އައި ކަމުގައެވެ. ބޭނުމީ މައާލްއާ ވާހަކަ ދައްކާލަން އިންނަން ކަމުގައެވެ.

މައާލްގެ ޙާލަތު މާ ގޯސްވާހެން ހީވާން ފެށުމުން ސާދާ ބޭނުންވީ ރާދިންއަށް ގޮވާށެވެ. މައާލް ބުނެގެން ސައިޑް ކަބަޑާ ތަންތަން ބެލިއިރު، ބޭސް ވެސް ފެންނަން ނެތުމުންނާ އެކީގައެވެ. މައާލްގެ ނުރުހުމާއެކުވެސް ސާދާ ކޮޓަރިން ނުކުމެގެން ބަގީޗާއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އެ ދިމާލަށް ނިކުތުމާއެކު ފެނުނު މަންޒަރުން ޝޮކެއް ލިބިގެން ދިޔައެވެ. ތަންކޮޅެއް ދުރުގައި ރާދިންގެ އެކުވެރިން ބާބިކިއު ހަދަން އަލިފާންގަނޑު ދޮށުގައި އުޅުނުއިރު އެމީހުންނާ ދުރުގައި ރާދިން ހުރީ އަންހެނަކާ އެކީގައެވެ. އެ އަންހެން ކުއްޖާ ރާދިންގެ އުނަގަނޑުގައި އަތް ވަށާލައިގެން ހުރިއިރު، އެ ދެމީހުންގެ ގުޅުން ރަނގަޅު ނޫންކަން ސާދާއަށް އެނގުނެވެ. އެމީހުން ތިބީ އޭނާއާ މާ ދުރަކު ނޫންކަން ސާދާ އެދިމާލަށް ހިނގައިގަތެވެ. ހުއްޓުން އެރީ އެ އަންހެން ކުއްޖާ ކޮށްލި ކަމަކުންނެވެ.

ސާދާގެ ހިތުގައި ރާދިންއާ މެދު ޝަކުވާއާ ރުޅިވެރިކަން އުފެދިގެން ދިޔައެވެ. އޭނާ ފިޔަވަޅުތަކަށް ބާރުކޮށްލަމުން އެ ދިމާލަށް ހިނގައިގަތެވެ. އޭރު އެ އަންހެން ކުއްޖާ ހުރީ ރާދިންގެ ގައިގައި ބައްދާލައިގެންނެވެ.

"ރާދިން! އަހަރެން ހިޔެއް ނުކުރަން ރާދިން ތީ ތިހާ ދަށު ދަރަޖައިގެ މީހެއްކަމަކަށް." އިވުނު ސާދާގެ އަޑާއެކު ރާދިންއާއި ސަޖާއަށްވެސް އެ ދިމާލަށް ބަލައިލެވުނެވެ. ރާދިން، ސަޖާ އޭނާއާ ދުރަށް ޖައްސާލާފައި ސާދާގެ ނަން ކިޔައިލިއެވެ.

"މައާލް.........! ރާދިން! މީ ކޮން ކަމެއް؟ ރާދިންއަށް އެ އަންހެން ކުއްޖާއަށް ތިހެން ހަދަން ކެރުނީ ކިހިނެއް؟"

"އައި ކޭން އެކްސްޕްލެއިން… ސާދާ…" ރާދިން ކަންބޮޑުވިއެވެ. ސާދާއަށް ހުރިހާ މަންޒަރެއް ފެނުނުކަން ސާދާގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް ޔަޤީންވިއެވެ.

"އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަން. މައާލްގެ އަމިއްލަ ގޭގަ މައާލްގެ ޙާލެއް ބަލާނުލާ ވިޔާނުދާ އަންހެނުން ގެއަށް ވައްދާނީވެސް އެހާ ވިޔާނުދާ މީހުން…. ކިހާ ދުވަހެއް ވެއްޖެ މައާލް އަނދިރީގައި ބަހައްޓާތާ… ކުޑަވެސް ރަހުމެއް ޙަމްދަރުދީއެއް އެ އަންހެން ކުއްޖާއާ މެދު ނެތީތަ؟ އަހަރެން ކިހިނެއް މައާލްއަށް މި ވާހަކަތައް.....އަހަރެން މިދަނީ މައާލް ކައިރިއަށް…" އެހެން ބުނެލާފައި ބޮލުގައި ހިފައްޓާލަމުން ސާދާ އެތަނުން ހިނގައިގަތެވެ.

ކޮމެންޓް 0